މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ދިވެހިބަސް ދިވެހިކޮށް ކުރިއެރުވުމަށް ... ބައެއް ފިޔަވަޅުތައް |
|
|
| ދިވެހި - މާދަރީބަސް | |||
| 01 ޖޫން 2010، 12:28 އަންގާރަ | |||
|
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ދިވެހިބަސް ދިވެހިކޮށް މުއްސަނދިކުރުމަކީ ސަރުކާރުން ވަރަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވާ ކަމެކެވެ. މިކަން ދޭހަވާ އެންމެ ބޮޑު ހެތްކަކީ، [ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖްލިސް] (މިހާރުގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ނުވަތަ އެހެން ނަމެއް)ގެ ޙަރަކާތްތަކެވެ. މިރޮނގުން ތަފާތު ގިނަ ޙަރަކާތްތަކެއް އެމަޖިލީހުން ހިންގަވާކަން ދިވެހިބަހަށް ލޯބިކުރާ ކޮންމެ ދިވެއްސަކު ޝުކުރުވެރިކަމާއެކު ޤަބޫލުކުރާނެއެވެ. އަދަބީ ފޮތް ނެރުއްވައެވެ. މުބާރާތްތައް ބާއްވައެވެ. އެކިއެކި ކޯސްތައް ހިންގަވައެވެ. ސެމިނާރުތަކާއި ބައްދަލުވުންތައް އިންތިޒާމް ކުރައްވައެވެ. ބަސް އެއްކުރައްވައި ރަދީފު އުފައްދަވައެވެ. އާލަފުޒުތައް އުފައްދަވައި ބަސްކޮށާރު މުއްސަނދި ކުރައްވައެވެ. އަދިވެސް... އެތައް އެތައް ޙަރަކާތްތަކެކެވެ..... ޝުކުރު ހުއްޓެވެ.!!ނަމަވެސް...... އާދެ!...... އެހެންނަމަވެސް ހިތާމަ ހުއްޓެވެ! [މަޖިލީހުން] ކުރައްވާ މަސައްކަތްތަކުގެ ސަބަބުން ހަމަގައިމުވެސް އަޅުގަނޑު އުއްމީދު ކުރާ ކަހަލަ ދިރުމެއް އަދި ނުފެނެއެވެ. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާތަކުންނާއި ސަރުކާރުގެ އެކި ފެންވަރުގެ ބައެެއް ބޭފުޅުންގެ [ބަސްދީގަތުން]ތަކުގެ ސަބަބުން ނުވަތަ ބޭނުންކުރައްވާ ކުށް ބަސް ތަކުގެ ސަބަބުން [މަޖިލީހުން] ކުރައްވާ މަސައްކަތްޕުޅުތަކަށް ނޭދެވޭ އަސަރު ފޯރަމުންދާކަން އަޅުގަނޑު ފާހަގަ ކުރަމެވެ. ދިވެހިބަހުން ވާހަކަދެއްކުމުގައި (ދިވެހިބަހަކީ ފަޤީރު ބަހެއްކަމަށް މާނަ ކުރެވޭ ފަދަ ގޮތަށް) ބޭރލަފުޒުތައް ބޭނުންކުރެވޭ ޢަދަދު އަންނަނީ......... އާދެ! އިތުރުވަމުންނެވެ. ވާހަކަ ދެއްކުމުގައި ދިވެހިބަހުގެ ތަފާތު 3 ދަރަޖަ މަސްހުނިކޮށްގެން ލިޔެފައި ހުންނަ ލިޔުންތައް ފެނި، ދުރަށް ފަތުރާއަޑު އިވި..... ހިތްފަޅައިގެންދާހައި ވެއެވެ. ބަސްކޮށާރު މުއްސަނދިކުރެއްވުމަށް [މަޖިލީހުން] އުފައްދަވާ އާބަސްތަކާމެދު ސަމާލުކަން ދެނީ ވަރަށް މަދު ފަރާތަކުންނެވެ. ހަމަ އެއް ޚަބަރެއްގައި [ބަސްދީގަތުން] ބޭނުންކޮށް އެޚަބަރުގެ އެހެން ޖުމުލައެއްގައި އެމާނަ ދޭހަވާ ބޭރު ބަހެއް (އިންޓަވިއު) ބޭނުންކުރާ ގޮތް އެބަދިމާވެ އެވެ. މަދަރުސާތަކުގައިވެސް ޢާންމުކޮށް ކަންތައްތައް ހުންނަނީ މިކަހަލަ ގޮތަކަށެވެ. [ތިމާވެށި] ގެ ބަދަލުގައި [އީ/އެސް] ބޭނުންކުރުމާއި ޢަމަލީ ފަންނުގެ ބަދަލުގައި [ޕީ/އާރޓްސް] ކިޔުމާއި [ކައްޕި] ގެ ބަދަލުގައި [ކެޕްޓަން] މިލަފުޒު ބޭނުންކުރުމާއި [ގަންޖުފަރާސް] [ޓީޝާރޓް] ގެ ގޮތުގައި ބޭނުންކުރުމާއި [ކަމަރު] ގެ ބަދަލުގައި [ބެލްޓް] ބޭނުންކުރާ ގޮތް މިއީ ވަރަށް ޢާންމުކޮށް އިވި، ފެންނަ މަންޒަރުތަކެކެވެ. މިކަންކަން މިގޮތަށް ހިނގުމުގެ ސަބަބެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ ދިވެހިބަހަކީ ފަޤީރު ބަހެއްކަމަށް މި ޖީލުގެ ގިނަ ބަޔަކަށް ޤަބޫލުކުރެވިފައިވާ ކުށް ހީކުރުމުންނާއި ތިމާއަކީ ބޭރުބަހެއް ދަންނަ މީހެއްކަން އެހެންމީހުންނަށް ހާމަކުރެވޭނެ ވަޞީލަތަކީ، އެނގޭ ބޭރުބަހެއް ވިއްޔާ ކިޔައިލުން ކަމަށް ހީވެފައި އޮންނަ ކުށް ހީއެއްގެ ސަބަބުން، ނޫނީ ދިވެހިބަހަށް ކޮށި ކަމުގެ ސަބަބުންނެވެ. މިކަންކަން އިޞްލާޙުކުރުމަށް ކުރެވޭނެކަމެއް، އެޅޭނެ ފިޔަވަޅެއް ނެތީބާއެވެ......... !؟ ނޫނެކެވެ. ކުރެވޭނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. އެޅިދާނެ ފިޔަވަޅުތައް ބައިވަރެވެ. ބޭނުމީ އެންމެންގެ އެއްބާރުލުމެވެ. އިސްވެ ދެންނެވުނު ކަންކަން އިޞްލާޙްކޮށް ހަމަމަގަށް އެޅުވުމަށްޓަކައި ކުރެވިދާނެ ކަމަށް އަޅުގަނޑަށް ފެންނަ ދެތިން ކަމަކާމެދު ޚިޔާލެއް ހުށަހަޅައިލިޔަ ދެއްވާށެވެ! އެންމެ ފުރަތަމަ: ޚަބަރު ފަތުރާ ވަޞީލަތްތަކުން (ނޫސް- ރޭޑިޔޯ- ޓީވީ. އިން) ފެންނަ/އިވޭ ކުށް ބަސްތައް ފާހަގަކުރުމުގެ އަހަރީ މުބާރާތެއް (ކޮންމެވެސް ފަރާތަކުން) އިންތިޒާމު ކުރެއްވިދާނެއެވެ. މިގޮތުން ފާހަގަކުރެވޭ ބަސްތައް ދިރާސާކުރުމަށްފަހު އެޚަބަރެއް/ޕްރޮގްރާމެއް ނުވަތަ ލިޔުމެއްގައިވާ ކުށެއް އިޞްލާޙްކޮށްލުމަށް، ކަމާބެހޭ ފަރާތްތަކަށް ހަނދާންކޮށްދެވިދާނެއެވެ. އަދި އެފަދަ ކުށްތައް އެކެއްގެ ފަރާތުން ތަކުރާރުވާކަން ފާހަގަކުރެވިއްޖެ ނަމަ އެފަތާތަކަށް ނުވަތަ އެފަދަ ފަރާތްތަކަށް ރަނގަޅު ގޮތް ދަސްކޮށްދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ކަމާބެހޭ ފަރާތުން ހިންގިދާނެ އެވެ. އަދި ސަރުކާރުގެ އެކި ފެންވަރުގެ ބޭބޭފުޅުން [އަޑުން] / ޓީ.ވީ] އިން ދެއްވާ ބަސްދީގަތުންތަކުގައި ކުށްބަސް ބޭނުންކުރައްވާ ނަމަ އެބޭބޭފުޅުންނަށް އެފަދަ ކުށްތައް ހަނދުމަފުޅުކޮށް އަރުވައި އިޞްލާޙްކުރުމަށް ދެންނެވިދާނެއެވެ. އަދި [އަޑު]ން ފޮނުއްވާ ފޮނުއްވުންތަކާއި [ޓީ.ވީ] އިން ދައްކަވާ ދެއްކެވުންތަކުގައި ހުންނަ ކުށްތައް ބަލައި ޗެކުކޮށް އިޞްލާޙުކުރުމަށް ޚާއްޞަ މުވައްޒަފަކު ބެހެއްޓެވިދާނެއެވެ. އަދި އެމުވައްޒަފަކު ޗެކްކޮށްފައިވާ ލިޔުމަކުން ތަކުރާރުކޮށް ކުށް ފާހަގަކުރެވޭނަމަ، އެ މުވައްޒަފަކަށް ނަޞޭޙަތްދީ، އިންޒާރުކޮށް ޖުރުމާނާކުރުމުގެ ނިޒާމެއްވެސް ޤާއިމްކުރެވިދާނެއެވެ. އަދި ދިވެހިބަހުގެ ޤަވާއިދާ ޚިލާފަށް ޢިބާރާތްކުރެވިފައި ހުންނަ އިޢުލާން ފަދަ ލިޔުންތައް ރޭޑިޔޯއިން ފޮނުވުމާއި ޓ.ވީ އިން ދެއްކުމާއި ނޫސް ތަކުގައި ޝާއިޢު ކުރުމަކީ މަނާކަމެއް ކަމުގައިވެސް އެކަމާ ބެހޭ ރަސްމީ ފަރާތަކުން ހަމަޖެއްސިދާނެ އެވެ. އަދިވެސް އެހެން ޚިޔާލެކެވެ. ދިވެހިރާއްޖެއަށް އަލަށް ތަޢާރަފް ކުރެވޭ (ދިވެހިބަހުން އެމުދަލަކުން ކިޔާނެ ނަމެއް ނެތް) ކޮންމެ އާ މުދަލެއް ތަޢާރަފްކުރުމުގެ ކުރީން ނުވަތަ އެތެރެކުރުމުގެ ކުރީން އެ މުދަލަކަށް ކިޔާނެ ދިވެހިނަމެއް [މަޖިލީހުން] އުފައްދަވައި ޢާންމުކޮށް އިޢުލާނުކުރެއްވުމުގެ ކުރީން އެއްވެސް އާބާވަތެއްގެ މުދަލެއް ރާއްޖެއަށް އެތެރެނުކުރާ ގޮތަށްވެސް ހަމަޖެއްސިދާނެއެވެ. އަދި އަލަށް އުފެދޭ (ނުވަތަ އުފައްދާ) ބަސްތައް 1 މަސް ވަންދެން ދުވާލަކު އެއްފަހަރު ނޫސްތަކުގައި ޝާއިޢުކުރެވިދާނެ އެވެ. އެއްވެސް ޝައްކެއްނެތެވެ. ދިވެހިބަހަކީ އެއްވެސް ޙާލެއްގައި ފަޤީރު ބަހެއްނޫނެވެ. އަދި ކީއްތޯއެވެ؟ ދިވެހިބަހަކީ ވަރަށް މުއްސަނދި ބަހެކެވެ. ދިވެހިބަހަކީ ފަޤީރު ބަހެއްކަމަށް ވިދާޅުވާ ބޭފުޅުންގެ މުޚާތަބުގައި ދަންނަވަމެވެ. ފަގީރީ ދިވެހިބަހެއްނޫނެވެ. ފަގީރީ އަޅުގަނޑުމެންގެ މަޢުލޫމާތުގެ ޚަޒާނާއެވެ. އެއީ އަޅުގަނޑުމެންނަށް ޤައުމީ ބަހާ މެދު ދޭންވީ ސަމާލުކަން ނުދެވުމުގެ ސަބަބުން އެބަހުގެ މުއްސަނދިކަމުގެ ތެރެއަށް އަޅުގަނޑުމެނަށް ނުވަދެވިވާތީއެވެ. ވީމާ ދިވެހިބަސް ފަގީރޭ ކިޔުން ހުއްޓައިލަމާތޯއެވެ؟ ދިވެހިބަހަށް އަޅުގަނޑުމެން ފަގީރުކަމަށް އިޢުތިރާފުވެ، އެބަހުގެ މުއްސަނދިކަމުގެ ތެރެއިން ކޮންމެވެސް މިންވަރެއް ޙާޞިލްވޭތޯ ގަދައަޅައި މަސައްކަތްކުރަމާތޯއެވެ؟ މަޢާފު ކުރެއްވުންއެދެމެވެ! ދިވެހިބަސް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައިވާކަމަށް އަޅުގަނޑަށް އިޙްސާސްކުރެވޭތީ ކުރާ އަސަރެއްގެ ބޮޑުކަމުން ދިވެހިބަސް ދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުން ހިތަށް ވެރިވި އިޚުލާޞްތެރި ޝުޢޫރުތަކަކަށް ޖުމުލަ ތަކެއްގެ ސިފަގެނެވުނީއެވެ. އަޅުގަނޑަށް މިގޮވުނީ ހާސަރުތަކެއް ކަމުގައިވާނަމަ ދިވެހިބަހުގެ އެދުރުންގެ އަރިހުން އަޅުގަނޑު އެދެނީ އަޅުގަނޑަށް އުނގަންނަވައިދެއްވައި އަޅުގަނޑު ހަމަމަގަށް ނެރެދެއްވުމެވެ. [އަސަރަކާ އަދި ފޮނިކަމެއް އެކިބަސްބަހުން ހަމަފެނުނަކަސް އަސަރުގަދަ އަދި އެންމެ ފޮނިބަހަކީ މަށަށް މިދިވެހިބަހޭ] (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ ޝަމީމް, 2010-06-03 15:32:54
މި މަޒުމޫނު ޓައިޕްކުރެއްވި ނުވަތަ މި ލިޔުމުގައި "އަތް އުނގުޅުއްވި" ކޮންމެވެސް ބޭފުޅެއްގެ އިހުމާލުން މި ލިޔުމުގައި "ވަސީލަތް" ލިޔުނު އިރު "ވަޞީލަތް" ލިޔުއްވިފައިވެއެވެ. ހަމަ ގައިމުވެސް މި ކުށަކީ ޢަބްދުލްޢަޒީޒު ނަންގަވައިދެއްވާ ދިވެހި ގަޑިތަކުގައި ކުށެއް ކަމަށް ފާހަގަކުރައްވައި މިސާލުދައްކަވާ ލަފުޒެކެވެ. މިއީ ވަރަށް ގިނަ ލިޔުންތަކުގައި ތަކުރާރުވާ ކުށެކެވެ. އެހެންކަމުން ޢަބްދުލްޢަޒީޒަށް އިޙުތިރާމްކުރުމުގެ ގޮތުން މި މަޒުމޫނުގައު އެވާ 2 ކުށް އިޞްލާހުކޮށްލެއްވުމާއެކު، ލިޔެކިޔުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހައި ބޭފުޅުންވެސް މި ކުށް ތަކުރާރު ނުކުރެއްވުމަށް އަޒުމު ކަނޑައެޅުއއްވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ. "ވަސީލާ" މި ލަފުޒުގެ އަޞްލު ބަސްކަމުގައި ވާ ޢަރަބި ބަހުގައިވެސް މި ލަފުޒު ލިޔެފައި އޮންނައިރު އޮންނާނީ ޥާވާއި ސީނާއި ލާމަކާއި ކުޑަ ތާއެކެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|