މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އެހާރާއި މިހާރުގެ އަރަބި ތާނަލިޔުމުގެ މައްޗަށް ބަލައިލުމެއް |
|
|
| ދިވެހި - މާދަރީބަސް | |||
| 01 ސެޕްޓެމްބަރ 2010، 18:00 ބުދަ | |||
|
އަބްދުﷲ ޞާދިޤު މިއަދަކީ، އަތުލިއުމުން ލިޔުމުގެ ބަދަލުގައި ޓައިޕްރައިޓަރަށްފަހު، ކޮމްޕިޔުޓަރުން ތާނަލިޔުމުގެ ދުވަހެވެ. ތާނަލލިޔުން ކުރިއަރަމުންދަނީ ވަރަށް ހަލުއި ދުވެއްޔެއްގައެވެ. އެހެންކަމުން ތާނަލިޔާން ކާބަފައިން އުޅުނުހާލާއި ކުރި މަސައްކަތްތައް އެނގިފައި އޮތުމަކީ ބޭނުން ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. ދިގުޒަމާންތަކެއް ވަންދެން ދިވެހިން ދީނީފޮތްތަކާއި ވާހަކަފޮތްތައް، ބޭސްފޮތްތަކާއި ނަކަތްރާހި ފޮތްތައް، ފަންޑިތަފޮތްތަކާއި ރައިވަރުފޮތްތައް ލިޔަމުން އައީ އަތުންނެވެ. ގިނަދުވަހަށް ދަމަހައްޓަން ބޭނުންތަކެތި ލިޔަމުން އައީ އަނދުން ދަވާދު އަޅައިގެން އެދަވާދުން އޮނުގަލަމުން ނުވަތަ ދަގަނޑު ތުނޑުގަލަމުންނެވެ. އަނދުންދަވާދަކީ، ކާށިތެލުގެ އަނދުނާއި އަދިވެސް ބައެއްތަކެތި ބޭސްގަށާ ހަނަކަށް އަޅައިގެން ފެންއަޅައި އެތައްގަޑިއެއްގެއިރު ގަށައި ކަފާސްލައިގެން އަޅާ ދަވާދެކެވެ. މިއަށްޖަހަނީ ވަކިގޮތަކަށް ކައްކައިފައި ހުންނަ ރާހުތެކެވެ. އަތުލިޔުމަށް ކުޅަދާނަ މީހުންނަކީ އެދުވަސްވަރު ރާއްޖޭގައި ވަރަށް މަޝްހޫރު ބައެކެވެ. އެމީހުންގެ ބޭނުން ވަރަށް ގިނަބަޔަކަށް ހިފަންޖެހޭ ބައެކެވެ. މިރޮނގުން އަލްފާޟިލް ހިމިތީ މުޙައްމަދު ކަލޭފާނު، މަލިމްމޫސާ މާފަތް ކަލޭގެފާނު ފަދަ މަދުބަޔަކު މިމަސައްކަތުގައި ހަރަކާތްތެރިވާތީ ފެނުނެވެ. ވަރަށްގިނަ ފަތްކޮޅުތައް ލިޔުއްވައިފައިވަނީ "މަލިމްމޫސާ އަޅާ" އެވެ. އާދެ، "މަލިންމޫސާ އަޅަލީން" މިގޮތަށް ނިމިފައިވާ ވަރަށްގިނަ ފަތްކޮޅުތައް އަޅުގަނޑުމެންގެ ލޯމަތީން ފެނިގެއްލިގޮސްފައި ވެއެވެ. ހިމިތީ މުޙައްމަދު ކަލޭފާނަކީ ވާހަކަފޮތް އަތުން ލިޔުއްވައިގެން މީހުނަށް ކުއްޔަށް ދޫކުރެއްވުމުގެ މަސައްކަތް ކުރެއްވި ބޭކަލެކެވެ. މިވާހަކަ މިހިސާބަށް ދެކެވެމުންދާއިރު ވަރަށް ގިނަ ފޮތްތަކެއް އެބޭފުޅެއްގެ އަމިއްލަ އަތްޕުޅުން ލިޔުއްވަމުން ގެންދެވި ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީނުގެ ވާހަކަވެސް ދަންނަވާން ޖެހެއެވެ. އެއީ، އެދުވަސްވަރުގެ ނިސްބަތުން ހަމަރީތިކޮށް ލިޔުއްވާބޭފުޅެކެވެ. ލިޔުއްވިހައި ފޮތެއް ލިޔުއްވައިފައިވަނީ އަތްޕުޅުންނެވެ. ޚާއްޞަކޮށް ރާއްޖޭގެ އެންމެ މަޝްހޫރު ފޮތެއްކަމުގައިވާ ސީރަތުގެ ތިންބައިވެސް ލިޔުއްވައިފައިވަނީ އެމަނިކުފާނުގެ އަތްޕުޅުންނެވެ. ޞަލާޙުއްދީނަކީ ރީތިކޮށް އަވަހަށް ލިޔުއްވާ ބޭފުޅެކެވެ. ފުރަތަމަ ކޮޕީއަކަށް އެފޮތްތައް ދެން ލިޔުއްވަނީ އަލްފާޟިލް ހިމިތީ މުޙައްމަދު ކަލޭފާނު ލައްވައިކަމަށް ބުނެވެއެވެ. ހަމައެފަދައިން އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީއަކީވެސް ރީތިކޮށް ލިޔުއްވައި އުޅުއްވި ބޭފުޅެކެވެ. މިލިސްޓުގައި އަލްފާޟިލް ސައްޔިދު ސަޢީދާއި މެދުސީދީއާއި އަލްފާޟިލް މޫސާ މުޙައްމަދު ދީދީގެނަންފުޅު ހިމަނައިލަން ޖެހެއެވެ. މިދެބޭފުޅުން ކުރެ އަޅުގަނޑަށް އެއްޗެއް ދަންނަވައިލާން އެނގޭ އެއްބޭފުޅަކީ އަލްފާޟިލް މޫސާ މުޙައްމަދު ދީދީއެވެ. އެމަނިކުފާނަކީ ވަރަށްގިނަ ބަޔަކަށް ލިޔަން ދަސްކޮށްދެއްވި ބޭފުޅެކެވެ. ޚުދު އަޅުގަނޑަށް ލިޔަން ދަސްކޮށް ދެއްވީވެސް އެމަނިކުފާނެވެ. އަޅުގަނޑު ކިޔަވަން އުޅުނުއިރު އަޅުގަނޑަށް ފޮޅުވަތް އަޅުއްވައި ދެއްވައި، އިރުޝާދުދެއްވައި ހައްދަވައެވެ. އެހެންކަމުން އެއީ ރީތިކޮށް ސާފުކޮށް ލިޔުއްވާ ބޭފުޅެކޭ އަޅުގަނޑަށް ދެންނެވިދާނެއެވެ. ދެން އައްޝައިޚް މުހައްމަދު ޖަމީލާއި އަލް އުސްތާޒު އިބްރާހީމް ޝިހާބަކީވެސް މިރޮނގުން ފާހަގަ ކޮށްލެވޭ ދެބޭފުޅުންނެވެ. އެއީކުރިން ވުޒާރަތުއްދާޚިލިއްޔާގެ ދެކާތިބުންނެވެ. އެދުވަސްވަރު ރީތިކޮށް ލިޔެ އުޅުނު ކާތިބުންގެ ތެރޭގައި އަލްފާސިލު ފިހާރަގޭ ދޮންކަލޭގެފާނު އަލްފާޟިލު ފިނޭ އަލިފުޅު އަދި މަޝްހޫރު ތަބައް އަލިފުޅު ފާހަގަ ކުރެވެއެވެ. މިބޭފުޅުންގެތެރެއިން އަލްފާޟިލު ޢަބްދުﷲ އިސްމާޢީލު އަޅުގަނޑު ޚާއްޞަ ކޮށްލަމެވެ.އޭނާއަކީ ކުރިން ލިޔެވެމުންއައި ފައިކޮޅު ދިގު ތާނަ ފައިކޮޅު ކުރު އަކުރުތަކަކަށް ބަދަލުކޮށް ލެއްވި ލިޔުންތެރިޔާއެވެ. އަދި އެންމެ ފުރަތަމަ އަތުލިޔުން އުފެއްދެވި ލިޔުންތެރިޔާވެސްމެއެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އޭނާގެ އަރިހުން އަތުލިޔުމަށް ދަރިވަރު ވެވަޑައިގަތް އެއްބޭފުޅަކީ މާޖެހިގޭ މުޙައްމަދު ދީދީއެވެ. ދެން ކުރިން މިދެންނެވި ފިހާރަގޭ ދޮންކަލޭގެފާނެވެ. އޭގެއިތުރަށް އަލްފާޟިލު ސައިކުރާ އިބްރާހީމް ނަޢީމެވެ. އޭނާ ނިޔާވުމާހަމަޔަށްވެސް ހިމެނި ލައްވަނީ އަތުލިޔުމަށް އެންމެ ކުޅަދާނަ އެންމެ ހިނގާ ގަލަމުގެ ވެރިޔާ ކަމުގައެވެ. މަޝްހޫރު ތުއްތު ސާހިބު އަދި އެހެން ރޮނގަކުންވެސް ފާހަގަ ކުރެއެވެއެވެ. އެއީ އަތިރީގޭތާނައިގެ އަކުރުތައް ފަރުމާ ކުރެއްވި ހުނަރުވެރިޔާއެވެ. އޭނައާ ހަމަޔަށް އައިއިރު އެ އަކުރުތަކުގެ އޮތީ އެންމެ ހަތަރު އަކުރެވެ. އެއީ އތރގ މިހަތަރު އަކުރެވެ. ފިލިވެސް ނުޖަހައެވެ. ބުނެވެނީ އެއީ އަތިރީގޭ ދޯނިކޮޅަށް މީހަކު ފޮނުވި ދިޔަހިއްކާ ފައެއްގައި ޖަހާލާފައި އޮތް ނަމެކެވެ.އިތުރު ފިލިތަކާއި އަކުރުތައް ހެއްދެވީ އޭނާއެވެ. އަދި ކަލްކަތާއަށް ދުރުވެ އެއަކުރުތައް އެތައްގޮތަކަށް ފަރުމާ ކުރައްވައިގެން ގެންނެވިއެވެ. މާދުރުން ފަށައިގެން ކުއަލިއަކަށް މާފަހަތަށް އާދެވިއްޖެކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ.އަޅުގަނޑަށްވެސް ލިޔަން ދަސްކޮށްދެއްވި އަލްފާޟިލު ޢަލީފަހްމީ ނުވަތަ ތަބައް އަލިފުޅު ބުނުއްވާގޮތުގައި އޭނާ ލިޔުއްވަން ދަސްކުރެއްވީ ބޮޑު ފުޅައްގޭ ދޮންމަނިކު ގާތުންނެވެ. ވަކިވަރަކަށް ލިޔުއްވަން ދަސްކުރެއްވުމަށް ފަހު އަރަބި ލިޔުއްވުމުގައި މިސުރުގެ އަރަބި ލިޔަން ދަސްކޮށް ދޭ ފޮތްތައް ބައްލަވައިގެން އަމިއްލަޔަށް ކުރިޔަށް ގެންދެވީއެވެ. މިގޮތުން މިއަދާހަމަޔަށް ރާއްޖޭގައި ހުންނެވި އެންމެ މަޝްހޫރު ލިޔުންތެރިޔާ ކަމުގައި އޭނާ ހިމެނި ލެއްވިއެވެ. މިވަގުތު އަޅުގަނޑުގެ ހަނދާނަށް އަންނަނީ އަޅުގަނޑަށް ލިޔަން ދަސްކޮށްދެއްވި އަނެއް އުސްތާޒު ކަމުގައިވާ ރަށް ދެބައިގޭ އަލްފާޟިލު މުޙައްމަދު ޒާހިރެވެ. މިހާރު ބުރެވިމާގޭ ޒާހިރެވެ. އެދުވަސްވަރު އެންމެ ގިނަ ލިޔުންތައް ލިޔުއްވި އެއްބޭފުޅަކީ އަލްފާޟިލު މުޙައްްމަދު ޒާހިރެވެ. އޭނާއަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީންގެ އެންމެ އަރިސް އެއް ކާތިބޭ ދެންނެވުމުން އަޅުގަނޑު ފުއްދާލާނަމެވެ. ތަރުތީބު އޮޅުނުކަމުގައިވިޔަސް މިހިސާބުން އަޅުގަނޑު އިޝާރަތް ކޮށްލާހިތް ވަނީ މުޙައްމަދު އަމީން އަރިހުގައި މަސައްކަތް ކުރެއަވި ހަމަ އެފަދަ އަނެއް ކާތިބަށެވެ. އަލްފާޟިލު ޢަބްދުއްރަޙީމް ޢާބްދުލް މަޖީދަށެވެ. އޭނާއަކީ ވަރަށް ރީތިކޮށް ވަރަށް އަވަހަށް ލިޔުއްވާ އުޅުއްވި ބޭކަލެކެވެ.މިހެން ދަންނަވާއިރަށް އަޅުގަނޑުމެން ސަރުކާރު ޗާޕުޚާނާގައި އުޅުނުއިރު އޭނާގެ އަތުން ލިޔުއްވާފައި ފޮނުއްވި ސަރުކާރުގެ ޚަބަރުގެ ދެލިކޮޕީތައް ހަނދާނަށް އާދެއެވެ. އެ ހުންނަނީ ވަރަށް ރީތިކޮށް ލިޔުއްވާ ލައްވާފައެވެ. އަނެއްކާވެސް ހަނދާން ތަންކޮޅެއް ފަހަތަށް ޖައްސާލަން ޖެހިއްޖެއެވެ. އަލްފާޟިލު މަލިންގޭ ޅަސީދީއާއި އަލްފާޟިލު މަލިންގޭ މެދު ސީދީއާ ދެބޭފުޅުުންގެ ހަނދާން އާކޮށްލުމަށްޓަކައެވެ. މިއީވެސް އެދުވަސްވަރު ވަރަށް ރީތިކޮށް ލިޔުއްވާ އުޅުއްވި ދެބޭފުޅުންނެވެ. ޚާއްޞަކޮށް މަލިންގޭ މެދުސީދީއަކީ ދެ ވައްތަރުގެ ލިޔުއްވުން (ތާނައާއި އަރަބި) ރީތިކޮށް ލިޔުއްވުމުގެ އިތުރަށް ބޮޑުއަކުރުން އަރަބި ލިޔުއްވުމަށްވެސް ވަރަށް ކުޅަދާނަފުޅު ބޭފުޅެކެވެ. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ކިހާދޫ ހުސެންފުޅަކީވެސް ވަރަށް ރީތިކޮށް ލިޔުއްވި އަދި ވަރަށް ގިނަބަޔަކަށް ލިޔަން ދަސްކޮށް ދެއްވި ބޭކަލެކެވެ. ދެން ޗާޕްޚާނާއަށް ނަޒަރު ހިންގާލާއިރު އެދުވަސްވަރު ޗާޕު ކުރާތަކެތި ރީތިކޮށް ލިޔުއްވަމުން ގެންދެވި ވަރަށް ގިނަ ކާތިބުންގެ ނަންތައް އަޅުގަނޑުގެ ހިތް މައްޗަށް އާދެއެވެ. އަލްފާޟިލު ޢަލީ ނަޖީބާއި އަލްފާޟިލު މުޙައްމަދު ރާޒީއެވެ. އަލްފާޟިލު ނައިބުގޭ ތުއްތު މަނިކާއި އަލްފާޟިލު އަޙްމަދު މުޙައްމަދެވެ. އަލްފާޟިލު މޫސާއިބްރާހީމް މަނިކާއި އަލްފާޟިލު މޫސާ ހަލީމެވެ. އަދި އަލްފާޟިލު ބ.ތުއްތު މަނިކެވެ. މީގެތެރެއިން ބައެއް ބޭފުޅުންނަކީ ކަލްކަތާއަށް ވަޑައިގެން ސިތާރައޭ ހިންދު ޕްރެސްގައި ތިއްބަވައިގެން ވަރަށް ގިނަ ފޮތްތައް ޗާޕު ކުރުމަށް ލިޔުއްވި ބޭފުޅުންނެވެ. މިހައި ހިސާބުން އަޅުގަނޑުގެ ހަނދާނަށް އަންނަނީ އަލްފާޟިލު ހުސައިން ފަހްމީއާއި އަލްފާޟިލު ބޮޑުގަލު އިބްރާހީމް ނޫރީގެ ނަމެވެ. މިދެބޭފުޅުންނަކީ އަޅުގަނޑުމެން އެދުވަސްވަރުގެ މަޖީދިއްޔާދަރިވަރުންގެ ލިޔުމުގެ ދެ އުސްތާޒުންނެވެ. ޚާއްޞަކޮށް އިބްރާހީމް ނޫރީ ހަނދާން ކޮށްލާއިރު އޭނާ ބޯޑުގައި އަޅުއްވައި ދެއްވާ ފޮޅުވަތްތައް މިހާރުވެސް ހިތަށް ވަދެގެން ދެއެވެ. އަދި ދައްކަވާ ބުއްދިވެރި ވާހަކަތައް ކަންފަތުގައި ގުގުމާ ކަހަލައެވެ. އިސްކޫލުގެ އެކިއެކި އިއުލާނުތައް ބޯޑުގައި ފަވާލައްވާ ގޮތާއި މާކްސް ފޮތްތަކުގައި ނަންތައް ލިޔުއްވާގޮތް ހިތަށް ސިފަވެގެންދެއެވެ. ބޮޑުގަލު ނޫރީގެ ވާހަކަ ދަންނަވާއިރު އަލްފާޟިލު ބޮޑުގަލު އިބްރާހީމް މަނިކުގެ ރީތި ލިޔުންވެސް އަޅުގަނޑުގެ ހަނދާނަށް ގެންނަމެވެ. ކުރީންވެސް ދެންނެވި ފަދައިން އަލްފާޟިލު ހުސައިން ފަހުމީގެ ހަނދާންތައްވެސް އަލުން އާކޮށް ލަމެވެ. ފޮތްތަކުގައި ފޮޅުވަތް އަޅުއްވައިދެއްވަމުން ވިދާޅުވެދެއްވަމުން ގެންދަވާ ރީތި ވާހަކަތައް އަބަދު ހަނދާން ވޭވެ ހުރެއެވެ. އޭނާއަކީ އަރަތްބާއި ތާނަ ލިޔުއްވަން ވަރަށް ކުޅަދާނަ ބޭފުޅެކެވެ. ޚާއްސަކޮށް ބޮޑު އަކުރުން އަރަބި ލިޔުއްވުމަށާއި އަރަބި ލިޔުމުގެ ތަފާތު ވައްތަރުތައް ލިޔުއަވަން ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އޭނަ މިސުރަށް ވަޑައިގެން އަރަބި ލިޔުމުގެ ކޯހެއް ހެއްދެވިކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މިކޯހުގައި އަޅުގަނޑުގެ އަޚް މުޙައްމަދު ޞާދިޤޮވެސް ވަޑައިގެންނެވި ހަނދާން ވެއެވެ. މިހައި ހިސާބުން ވަރަށް ބޮޑަށް މާފު އެދުމާއެކު އަނެއްކާވެސް ތަންކޮޅެއް ފަހަތަށް ޖެހިލާނަމެވެ. ކުއްލިއަކަށް ހަނދާނަށް އައީ އަލް އުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމްގެ ނަން ފުޅެވެ. ދަންނަވަން ތޯއެވެ! އަޅުގަނޑުމެން މަޖީދިއްޔާ ގައި އުޅުނު ދުވަސްވަރުވެސް އެންމެ ރީތިކޮށް ލިޔުއްވާއެއް ބޭފުޅަކީ މައުމޫން ޢަބްދުލްޤައްޔޫމެވެ. އަރަތްބާއި ތާނައެވެ. ފަހުން މިސުރަށް ވަޑައިގެން އަރަބި ލިޔުއްވުން މާބޮާޑަށް ތަރައްޤީ ކުރައްވައި އިވޭ ގޮތުގައި އެތާނގެ ބައެއް ނޫސްތަކުގައި ސުރުޚީ އަޅުއްވައި ވެސް ހެއްދެވިއެވެ. މިއަދުވެސް އެއީ ވަރަށް ރީތިކޮށް ލިޔުއްވާ ބޭފުޅެކެވެ. އިސްލާމީ މަރުކަޒުގައި އެހެރަ ބޯޑުތައް މިކަމުގެ ހެއްކަކަށް ފުދޭނެއެވެ. އަލްފާޟިލު އިބްރާހީމް ފައުޒީ އަކީވެސް ރީތިކޮށް ލިޔުއްވާ އަދި ކުދިންނަށް އެކަން ދަސްކޮށް ދެއްވި މުދައްރިސެކެވެ. މިކަހަލަ އެތައް ނަމެކެވެ. ކިތައްމެ ވަރަކަށް ހަނދާންކުރަން އުޅުނަސް ހުރިހައި ނަމެއް ހަނދާނެއް ނުވާނެއެވެ. އެކަމަށް މާފު އެދެމުން އަލްފާޟިލު ކޮޕީ މުޙައްމަދު ރަޝީދާއި މިފަދަ އެތައްނަމެއްް ހަނދާނަށް އާދެއެވެ.މިބޭފުޅުން ހަމައެކަނި ރީތިކޮށް ތާނަ ލިޔުއްވަނީއެއް ނޫނެވެ. ތާނަލިޔުމުގެއަކުރުތައް އެތައް ގޮތަކަށް ފަރުމާ ކުރެއްވިއެވެ. މިހާރުގެ ގޮތަށް ނަމަ އޭގެ އެތައް ފޮންޓެއް ހެއްދެވިއެވެ. ދެން އަދިވެސް މިލިސްޓުން ބައެއް ބޭފުޅުންގެ ނަން ފުޅުތައް ދަންނަވާ ލާނަމެވެ. އަލްފާޟިލުދަރަވަންދޫ ސަޢީދު މޫސާއާއި އޭދަފުށީ އަލްފާޟިލު ޢަބްދުލް ޢަޒީޒު މޫސާއެވެ.އަދި ފުއްލާ ޢަލީ ހުސައިނާއި އަލްފާޟިލް ޢަލީ ޙުސައިން ވާރެޔާ ފުށީއެވެ. ދަންނަވަން ތޯއެވެ! އަލްފާޟިލު އަޙްމަދު ޢަބްދުﷲ އަކީވެސް ވަރަށް ރީތިކޮށް ވަރަށް އަވަހަށް ލިޔުއްވާ ބޭފުޅެކެވެ. އަދި ބޮޑު އަކުރު އެހައި ރީތިކޮށް ލިޔުއްވާމެއެވެ. ފަހަކަށްއައިސް އަލްފާޟިލު ވޭމަންޑޫ ނާސިރު މިރޮނގުން ވިދައިގެންފައިވާ މިންވަރު އަޅުގަނޑު ތާރީފާއެކު ފާހަގަ ކޮށްލަމެވެ. ލިޔަންދަސްކޮށް ދިނުމުގެ ފޮތްތައްވެސް އޭނާ ނެރުއްވާފައި ވެއެވެ. ދެން އަލްފާޟިލު މުޙައްމަދު ޝާހިދު ޙަލީމާއި އަލްފާޟިލު ޢިއްޒަތު ޞިދްޤީ އަކީވެސް އެބޭފުޅުންގެ ރީތި ލިޔުއްވުމުން ވަރަށް ގިނަ ބަޔަކަށް ފައިދާ ލިބިފައިވާ ލިޔުންތެރީންނެވެ. މާފު އެދުމާއެކު ދަންނަވަމެވެ. މިދެންނެވީ ލިޔުންތެރީން ގެ ފުރިހަމަ ލިސްޓެއް ނޫނެވެ. އަޅުގަނޑުގެ ހަދާނަށް އައި ބައެއް ލިޔުންތެރީންގެ ލިސްޓެކެވެ. އަޅުގަނޑުމެން އެއްޖިންސުގެ ލިޔުންތެރިންގެ ވާހަކަ ދަންނަވަމުން ދާއިރު އަނެއް ޖިންސުގެ ލިޔުންތެރިންނަށްވެސް ބަލާލަން ޖެހެއެވެ. މިނަން ތަކަށް1 އަޅުގަނޑު އަދި މާ ބީރައްޓެހި ވާނެކަން އެނގޭތީ ކޮޅުނެތްކޮޅަށް މާފު އެދެމުންނެވެ. ވީމާ ބައެއް ލިޔުންތެރިންގެ ނަން ދެންނެވޭތޯ ބަލާނަމެވެ. ފަށާނީ ތަންކޮޅެއް ދުރުންނެވެ. އަލްފާޟިލާ ޚަދީޖާ އަބްދުﷲ އާއި އަލްފާޟިލާ މައިޒާން ފާތުމާމަނިކެއެވެ. އަލްފާޟިލާ ޢާއިޝަތު އަލިދީދީ (ފިނިވާގެ ޏ ފުވައްމުލައް) އާއި އަލްފާޟިލާ ހުރާ ޒަރީނާއާއި އަލްފާޟިލާ ހައްވާ ޒާހިރެވެ. ދެން ފަހުގެ ބައެއް ނަންނަމެވެ. އަލްފާޟިލާ ފަރީދާ ޔޫސުފާއި އަލްފާޟިލާ ޢާރިފާ އިބްރާހީމެވެ. އަލްފާޟިލާ ނަސީމާ އަޙްމަދާއި އަލްފާޟިލާ ޖަވާޒާ ޢަލީއެވެ. އަލްފާޟިލާ ޒުހުރާ އިބްރާހީމާއި އަލްފާޟިލާ ޒުލްފާ އިބްރާހީމެވެ. އަދި އަލްފާޟިލާ ރަމްޒާ އަލީވެސް މެއެވެ. މިޒަމާނުގެ ލިޔުންތެރީންގެ ތެރެއަށް. މަޢުހަދުގެ މިކަމަށް މަޝްހޫރު ދަރިވަރުން ވަދެގެން ދެއެވެ.މިނޫނަސް މިފަދަ އެތައް ނަމެއް މިލިސްޓުގައި ހިމަނާލަން ޖެހެއެވެ. މިލިސްޓުގެ މައްޗަށް މިކަމަށް ޤާބިލު ކޮންމެވެސް ބޭފުޅަކު ބައްލަވާ ލައްވާނެ ކަމުގެ އުއްމީދުގައި ގަލަން ބާއްވަމެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
... ލިޔުނީ Jumaana, 2010-12-04 23:10:23
މި ލިޔުމުގައި ވަނީ ޢަރަބިތާނަ ލިޔުމުގެ މައްޗަށް ބައްލަވައިލައްވައިފައެއް ނޫނެވެ. އިންސާފުކުރައްވައިފައިވަނީ ލިޔުންތެރިންނަށެވެ. އެހެންކަމުން މަޒުމޫނާއި މައުޟޫޢާ ނުގުޅޭ ވާހަކަ ދަންނަވަމެވެ. އަދި އަތު ލިޔުން ރީތި ބޭފުޅުންގެ ތެރޭގައި ޢަބްދުﷲ ޞާދިޤު ހިމެނިވަޑައިގަންނަވަނީ ވަރަށް ކުރީގައެވެ. މި ފަހުގެ ލިޔުންތެރީނަގެ ތެރޭގައި މާވަށު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި އޭދަފުށީ އަޙުމަދު މުޙައްމަދާއި ޢަބްދުﷲ ވަޙީދުގެ ނަންފުޅު ހަނދާނަށް ގެންނަންޖެހެއެވެ. އަދި ކޮލަމާފުށީ އިސްމާޢީލު ޙަބީބުގެ ލިޔުންވެސް ފާހަގަކޮށްލެވެ އެވެ. އޭދަފުށީ މީހުންނާއި މާވަށު މީހުންނަކީ އަތުލިޔުމުގެ ފަންނުގައި ކުރިއަރައިފައިވާ ބަޔެކެވެ. ކޮންޕިޔުޓަރުން ނޫސް ލިޔަން ފެށުމުގެ ކުރީގައި ދުވަހު ނޫސްތަކުގައި ޗާޕަށް ލިޔުއްވަން އުޅުއްވީ ގިނައިން އެ ދެރަށުގެ މީހުންނެވެ. މާވަށު އާދަމް ނަސީމާއި ޢަބްދުލްޢަޒީޒު ޖަމާލާއި ޢަލީ އިބްރާހީމާއި މުޙައްމަދު ޝަރީފަކީ ސްޓެންސިލް ލިޔުމުގައި މަޝްހޫރުވި ބަޔެކެވެ. އާފަތިހާއި ހަވީރު ނޫހުން މި ބޭބޭ ފުޅުންގެ ޚިދުމަތް ފާހަގަކޮށްލެވެއެވެ. ކުރީން ދެންނެވި ޢަބްދުﷲ ވަޙީދަކީ ގިނަ ފޮންޓުތައް ފަރުމާކުރެއްވި ފަންނާނެވެ. އޭ.ވަހީދު ފޮންޓަކީ އޭނާގެ ކުޅަދާނަފުޅުކަމުގެ ރަމްޒެކެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|