|
މިއީ، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ވެބްސައިޓްގައި، އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ލިއުއްވާފައިވާ މަޒުމޫނެވެ. އެމަނިކުފާނަށް، އިޚުލާޞްތެރި ޝުކުރު ދަންނަވާ ޙާލު، މި މަޒުމޫނު ފަންވަތުގައި ޝާއިޢުކުރަމެވެ. ޢަބްދުލްމުޢީދު ޙަސަން
ޚިޔާލަކީ ނުވަތަ ފިކްރަކީ ނުރައްކާތެރި ހަތިޔާރެއް ކަމާމެދު ޝައްކެއްނެތެވެ. ތިމާގެ ޚިޔާލަކީ ޤައުމުގެ ޚިދްމަތުގައި ވަޒީފާ ކުރެވިދާނެ އެއްޗެކެވެ. އަދި ހަމަ އެމޭރުމުން ޤައުމުގެ މަޞްލަޙަތު ނަގާލުމަށާއި ހަލާކު ކޮށްލުމަށްވެސް ތިމާގެ ޚިޔާލުތަކާއި ފިކްރުތައް ބޭނުން ކުރެވިދާނެއެވެ. ޤައުމުގެ ދުޝްމަނުންގެ ހަތިޔާރަށްވުރެ ތިމާގެ ޚިޔާލުތައް ނުރައްކާތެރި، ހަލާކު ކުރަނިވި ހަތިޔާރަކަށް ހެދި ދާނެއެވެ. އެހެންކަމުން އެހެން މީހުންނަށް ތިމާގެ ޚިޔާލުތައް ހުށައަޅާނެ މަހާރަތްތައް ރަނގަޅަށް ދެނެގަތުމަކީ ވަރަށް މުހިންމު ކަމަކެވެ. ތިމާ ޤަބޫލުކުރާގޮތް ސާފުކަމާއި ފަސޭހަކަމާއި އެހެން މީހުންނަށް ޤަބޫލުކުރެވޭ ފަދަގޮތަކަށް ހުށަހެޅޭތޯ ދަސްކުރުމަކީ މުހިންމު ކަމެކެވެ.
އަޅުގަނޑުމެންގެ ޚިޔާލުތައް އަސަރު ކުރުވަނިވި ފަދަ ގޮތަކަށް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ބައެއް މަހާރަތްތަކުގެ ތެރޭގައި:
1. މައިގަނޑު ނަމާބެހޭގޮތުން މަޢުލޫމާތު ލިބިފައިހުރުން: ތިމާ ވާހަކަދައްކަން ނުވަތަ ޚިޔާލު ހުށައަޅަން އެދޭ މައިގަނޑުނަމާ (ނުވަތަ މައުޟޫޢާ) ބެހޭގޮތުން މަޢުލޫމާތު ނުލިބިހުރެ އެކަމާ ބެހޭގޮތުން ޚިޔާލު ހުށައަޅާނީ ކިހިނެއްތޯއެވެ. މައުޟޫޢާ ބެހޭގޮތުން ތިމާގެ މަޢުލޫމާތު ދެރަނަމަ ނުވަތަ މަޢުލޫމާތާމެދު އިތުބާރު ކުޑަނަމަ ތިމާގެ ޚިޔާލުތައް އެހެން މީހުންނާ ހަމައަށް ވާޞިލުކޮށް ނުދެވޭނެކަން ކަށަވަރެވެ. ތިމާ ވާހަކަ ދައްކާ ބަޔަކަށް ތިމާ އެދޭ ޚިޔާލުތައް ފޯރުކޮށްދެވޭނީ އެކަމާ ބެހޭގޮތުން ތިމާއަށް ރަނގަޅު މަޢުލޫމާތު ލިބިގެންނެވެ. ތަފާސް ހިސާބުތަކާއި ޢިލްމީ ދަލީލުތަކުގެ މަތީގައި ބިނާކުރެވިފައި ނުވާ ޝަޚްޞީ ޚިޔާލުތަކަށް އެއްވެސް މީހަކު ސަމާލުކަމެއް ނުދޭނެއެވެ. ތިމާގެ އަމިއްލަ ނަފްސަށް އިޙްތިރާމު ހޯދުމަށްޓަކައި ތިމާ ހުށައަޅާ ޚިޔާލުތަކާއި ފިކްރުތައް އިތުބާރުހުރި ޢިލްމީ މަޢުލޫމާތުން ހަރުދަނާ ކުރެވިފައިވާ އެއްޗަކަށްވާން ޖެހޭނެއެވެ. އޮށްޓަރުހުރި ވާހަކައަކަށް، ހަރުދަނާ ޚިޔާލަކަށް ތިމާގެ ޚިޔާލުވާނީ އޭރުންނެވެ. އަޅުގަނޑުމެންގެ ޚިޔާލުތަކަކީ އެއްވެސް ފަރާތަކުން އެއްވެސް ކަހަލަ ޖަދަލުކުރުމަކާ ނުލައި ޤަބޫލުކުރާނެ ޙަޤީޤަތެއް ނޫނެވެ. މާތްﷲގެ ރަސޫލުން ފިޔަވާ އެހެން އެއްވެސް އިންސާނަކީ މަޢުޞޫމު މީހެއް ނޫނެވެ. ޢުމަރު ބްނު ޢަބްދުލް ޢަޒީޒު ވިދާޅުވަނީ ޢިލްމަކާނުލައި މަސައްކަތްކުރާމީހަކީ އިޞްލާޙު ކުރުމަށްވުރެ ބޮޑަށް ފަސާދަކުރާ މީހެކެވެ. ޢަލީގެފާނު ވިދާޅުވަނީ: فَفُزْ بِعِلْم تَعِشْ حَيَّا به أبدا :. الناسُ مَوْتَى وَأَهْلُ الْعِلمِ أَحِيَّاءٌ ޢިލްމެއް ލިބޭތޯ ބަލާށެވެ. އޭރުން ތިބާ ތާއަބަދަށް ދިރިހުންނާނެއެވެ. މީސްތަކުންނަކީ މައްޔިތުންނެވެ. އެކަމަކު ޢިލްމުގެ އަހްލުވެރީންނަކީ ދިރި ތިބި ބަޔެކެވެ.“
2. ޚިޔާލުތައް ރާވައިލުން: މިކަމުގެ ސަބަބުން ތިމާގެ ވާހަކަތައް އެހެންމީހުން ސަމާލުކަން ދޭނެއެވެ. އެހެންމީހުން ޝައުގުވެރިވާނެވެ. ތިމާގެ ޚިޔާލުތައް ރަނގަޅަށް އަތުރާލުމަކީ ތިމާގެ ޚިޔާލުތައް އެހެންމީހުންގެ ބޮލަށް ވައްދަން ފަސޭހަވާނެ ކަމެކެވެ. ހުށައަޅަން ބޭނުންވާ މައުޟޫޢާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށްފަހު އެމަޢުލޫމާތުތައް ސިލްސިލާއެއްގޮތަށް އަތުރާލާށެވެ. އެއަށްފަހު ތިބާގެ އަމާޒާ ދިމާއަށް އުދުއްސާ ގަންނާށެވެ.
3. މުޚާޠަބުކުރެވޭ ފަރާތުގެ ވިސްނުމާއި ޘަޤާފީ ފެންވަރު ދެނެގޮތުން: ވަރަށްގިނަ ފަހަރަށް މުޚާޠަބު ކުރެވޭ ފަރާތްތަކުގެ ވިސްނުމާއި ޘަގާފީ ފެންވަރަށް ނުބަލައި ޚިޔާލުތައް ހުށައަޅަން މަސައްކަތް ކުރެވެއެވެ. މިކަމުގެ ސަބަބުން ދައްކާ ވާހަކަ ވަރަށް ފޫހި ވާހަކައަކަށް ވެދެއެވެ. މުޚާޠަބު ކުރެވޭ ފަރާތުގެ ފެންވަރު ދެނެގަތުމަކީ އެފަރާތަށް ކުރެވޭ ޤަދަރެއްވެސް މެއެވެ. އޭރުން ތިބާއަށް އެފަރާތުގެ އިޙްތިރާމު ލިބޭނެއެވެ. އަދި ތިބާގެ ވާހަކަ އެފަރާތުން އަޑު އަހާނެއެވެ. ތިބާ ވާހަކަ ދައްކާ ފަރާތަކީ އެއްޗެއް ނޭނގޭ ބައެއްކަމަށް ހީކުރުމަކީ ވަރަށްބޮޑު ކުށެކެވެ. ރަސޫލުﷲގެފާނު އިބްނު މަސްޢޫދަށް ޙަދީޘް ކުރައްވަނީ ’’އެބައެއްގެ ވިސްނުމަށް ނަގައި ނުގެނެވޭ ވަރުގެ ވާހަކައެއް ކަލޭގެފާނު ދައްކަވައިފިނަމަ އެވާހަކަ އޭގެތެރެއިން ބައެއް މީހުންނަށް ފިތުނަޔަކަށް ވެދާނެއެވެ.“ ވީމާ މުޚާޠަބުކުރެވޭ ފަރާތުގެ ވިސްނުމާ އެއްވަރަށް ތިބާގެ ޚިޔާލުތައް ތިލަކޮށް ފުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ފަހަރެއްގައި ތިބާ ހުށައަޅާ ޚިޔާލު އައު ޚިޔާލަކަށް ވެދާނެއެވެ. އެހެންކަމުން އަޑުއަހާ ފަރާތަށް ވިސްނޭ ވަރަށް އެޚިޔާލު ތިލަކޮށް، ސާފުކޮށް ދޭންޖެހޭނެއެވެ. ގިނަ ފަހަރަށް ވާހަކަދައްކާ މީހާ ދެކޭގޮތުގައި އޭނާ ދައްކާ ވާހަކަ އަޑުއަހާ މީހުންނަށް އެގޭނެއެވެ. މިހެންވެ އަވަސް އަވަހަށް ޢިބާރާތްތައް ގަތައިލެވޭ ތަން ފެނެއެވެ.
4. ލަނޑުދަނޑި ސާފުކޮށް ހާމަކުރުން: ދެކެވޭ ވާހަކައިގެ ލަނޑުދަނޑި ސާފުވި ވަރަކަށް އަޑުއަހާ މީހުންގެ ގާތުގައި ތިބާގެ ވާހަކައިގެ މަޤްބޫލުކަން އިތުރުވެގެން ދާނެއެވެ. މިވާހަކަ ބިނާކުރަނިވި ވާހަކައަކަށްވެސް ވާނެއެވެ. އެހެން މީހުންގެ ވަގުތު ގެއްލޭފަދަ ވާހަކަތަކެއް ދެއްކުމަކީ މީހުންގެ ގާތުގައިވެސް، އަދި ﷲގެ ޙަޟްރަތުގައިވެސް މަޤްބޫލުކަމެއް ނޫނެވެ. ވާހަކަ ދައްކާއިރު ތިބާގެ ލަނޑުދަނޑި ސާފުވުމަކީ ބޭނުންނެތް ބޭކާރު ދިގު ވާހަކަތަކާ ދުރުހެލި ކުރާނެ ކަމެކެވެ. އެއީ ދެބަސްވުންތަކާ ދުރުހެލި ކުރާނެވެސް ކަމެކެވެ. އަދި އެއީ ވަގުތު ނަގައިލުމާ ދުރުހެލި ކުރާނެ ކަމެކެވެ. އެހެންކަމުން ރަނގަޅު ވާހަކަ ދެއްކުންތެރިއަކީ އޭނާގެ ލަނޑުދަނޑި ސާފުކޮށް ދަންނަ މީހެކެވެ.
5. ރަނގަޅަށް ކަނުލައި އަޑުއެހުން: ރަނގަޅު ވާހަކައެއް ދެއްކުމަށްޓަކައި އަނެއް ފަރާތުން ދައްކާ ވާހަކަ ރަނގަޅަށް ކަނުލައި އަހާމީހަކަށް ތިބާވާން ޖެހޭނެއެވެ. ޖަލްސާ ތަކުގައި ނުވަތަ ބައްދަލުވުން ތަކުގައި ގިނަފަހަރަށް އަރާރުންތައް އުފެދެނީ އެކަކު ދައްކާވާހަކަ ރަނގަޅަށް އަޑުނާހާ އެވާހަކައަށް ޖަވާބުދޭން ނުވަތަ އެވާހަކައަށް ފާޑުކިޔަން އުޅުމުންނެވެ.
ރަނގަޅަށް އަޑުއެހުމަކީ ފަންނެކެވެ. މިކަމަށްޓަކައި ތަމްރީނު ލިބިގަތުމަކީ މުހިންމު ކަމެކެވެ. މީހަކު ވާހަކަ ދައްކަނިކޮށް އޭނާގެ ވާހަކަ މެދުކަނޑައިލުމުން އޭނާ ތިބާގެ ވާހަކަ އަޑުއަހާނީ އެއްވެސް ޝައުގުވެރި ކަމެއްނެތި ފޫހިކަމާ އެކުގައެވެ.
މަންމަނުން ވާހަކަ ނުދައްކަނީ ކީއްވެތޯއެވެ. އެއީ އޭނާއަށް އެހެން މީހުން ދައްކާ ވާހަކަ ނީވޭތީއެވެ. ދެއްކޭ ވާހަކަތައް އަޑުއެހުމުގެ ބާރު ނެތުމުގެ ސަބަބުންނެވެ. އެހެންކަމުން މޮޅު ވާހަކަ ދެއްކުންތެރިއަކީ ރަނގަޅަށް އަޑުއަހާ މީހެކެވެ. ހިކްމަތްތެރި ހަރުބަހެއްގައި ވެއެވެ. "މުހިންމު މީހަކަށް ވުމަށްޓަކައި އަޅައިލައި މީހަކަށް ވާށެވެ."
ރަނގަޅަށް އަޑުއަހާމީހާއަށް މަޢުލޫމާތާއި ތަޖްރިބާއާއި ޙަޤީޤަތްތައް އެނގުމުގެ ދޮރުތައް ހުޅުވިގެން ދާނެއެވެ. ތިބާއާ ވާހަކަ ދައްކާ ފަރާތުގެ އިޙްތިރާމާއި އަޅައިލުން ލިބޭނެއެވެ. ދެފަރާތުގެ ދެމެދުގައި ދެބަސްވުންތައް އުފެދުން ކުޑަވާނެއެވެ. ތިބާއާ ވާހަކަ ދައްކާމީހާ ދައްކާ ވާހަކަތައް އަޑުއަހާކަން ހާމަކުރުމަށްޓަކައި މިދަންނަވާ ގޮތަށް ޢަމަލުުކުރުން ރަނގަޅުވާނެއެވެ.
ތިމާ ވާހަކަދައްކާ ފަރާތް ވާހަކަ ދައްކާއިރު އޭނާއާ ދިމާއަށް ބަލާށެވެ. އަދި އޭނާ ދައްކާ ވާހަކައަށް އަޅައިލާކަން ހާމަ ކުރާށެވެ. އޭނާ ދެއްކި ވާހަކައަށް ކަނުލައި އެހިކަން ހާމަކުރުމަށްޓަކައި އޭނާއާ ސުވާލު ކުރާށެވެ. އޭނާ ވާހަކަ ދައްކަމުންދާއިރު އޭނާގެ ވާހަކަ މެދުކަނޑައި ނުލާށެވެ. ތިބާ ފާޑުކިޔަން ނުވަތަ ސާފުކުރަން ބޭނުންވާ ނުކުތާތައް ނޯޓްކުރާށެވެ. ވާހަކަ ދައްކާމީހާ ވާހަކަ ނިންމާ ނުލަނީސް އޭނާ ދެއްކި ވާހަކަޔާ ބެހޭގޮތުން ނިޔާއެއް ނީއްވާށެވެ. ވާހަކަ ދައްކާ މީހާއާ ކައިރީގައި އިށީނދެގެން ވާހަކަ ދައްކާށެވެ. މީހަކު ވާހަކަ ދައްކަމުން ދާއިރު އެހެން މީހަކާއެކު ވާހަކަ ނުދައްކާށެވެ. ތިބާ އަޑުއަހަނީ އުނގެނުމަށްޓަކައެވެ. ފާޑުކިޔުމަކަށް ނޫނެވެ.“ މި ޙިކްމަތުގެ މަތިން ހަދާން ކުރާށެވެ.
6. ވާހަކަ ދެއްކުމުގެ ބަސްމަގު: ދައްކާ ވާހަކަ އަޑުއަހާހިތްވާ ރަނގަޅު ވާހަކައަކަށް ހެދުމަށްޓަކައި ތިމާގެ ބަސްމަގާއި ބަހުރުވަޔާއި ޢިބާރާތްތައް ރީތި އަދި ރަނގަޅު އެއްޗަކަށް ހަދަން އެބަޖެހެއެވެ. ކާމިޔާބު ވާހަކަ ދެއްކުންތެރި އަކަށްވުމަށްޓަކައި ތަޢުބީރުގެ ފޭރާން ވަރުގަދަވާން ޖެހޭނެއެވެ. ދޫ ހިގަން ޖެހޭނެއެވެ. އަދި ބުނަން އުޅޭ އެއްޗެއް ރިވެތި ކަމާއެކު ބަޔާން ކުރެވެން ޖެހޭނެއެވެ. ބަސްމޮށުންތެރިކަން ދެރަކަމުގެ ސަބަބުން ކިތައް ކިތައް ޙައްޤުތައް ގެއްލިފައި ވޭތޯއެވެ. އަދި ބަސްމަގު ރިވެތިވެ ހުށައެޅުން މޮޅުކަމުގެ ސަބަބުން ކިތައް ޙަޤީޤަތް އޮޅުވައި ލެވިފައިވޭތޯއެވެ. ޢަރަބި ހަރު ބަހެއްގައި އައިސްފައި ވެއެވެ. އެމީހުންގެ ވިސްނުމާ އެއްވަރަށް އެމީހުންނާ މުޚާޠަބު ކުރާށެވެ. އެހެންކަމުން ވާހަކަ ދައްކާއިރު މުޚާޠަބު ކުރެވޭ މީހުންގެ ޢިލްމީ ފެންވަރަށާއި ޙާލަތަށާއި ޒުރޫފަށް ބަލަން އެބަޖެހެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ " މީސްތަކުންނަށް އެނގޭ މިންވަރަށް އެމީހުންނާ ވާހަކަ ދައްކާށެވެ.“ ވާހަކަ ދައްކާއިރު މިގޮތުން ވިސްނަންޖެހޭ ކަންތައްތަކުގެ ތެރޭގައި:
ހ. މާތްﷲގެ ޙަޟްރަތުން ވާތްގަށް އެދި ތިމާގެ ނުކުޅެދުންތެރިކަން ހާމަވިޔަ ނުދިނުން. ށ. ސާފުސީދާ ބަހުން ވާހަކަ ދެއްކުން. ނ. ވާހަކަ ދައްކާއިރު އަޑުއަހާ މީހުންނަށް ނަގައި ގަނެވޭ ވަރަށް ލަސްލަހުން ވާހަކަދެއްކުން. ރ. ޢާންމު ކުށްތަކުން ދުރުހެލިވުން. ބ. އަކުރުތައް ރަނގަޅަށް ތަލައްފުޡު ކުރުން. ޅ. އީޖާބީ ބަސްތައް ތަކްރާރުކުރުން. ހިމެނެއެވެ.
7. ރުޅި ނައިސް ހަލޭއްނުލަވާ ވާހަކަ ދެއްކުން: ރުޅިއައިސް ހަޅޭއްލަވަން ފަށައިފިނަމަ އަޑުއަހާމީހާ ސަމާލުކަންދޭނީ އެމީހާގެ ސިފައަށެވެ. އޭނާގެ ވާހަކައަކަށް ނޫނެވެ. މިއީ ބަހުސް ކުރާއިރު ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ތިބާގެ ޚަޞްމުގެ ވާހަކަ މުގުރައިލުމަށްޓަކައި ތިބާގާތަށް ރުޅި އަތުވެއްޖެނަމަ ނުވަތަ އަޑު އުފުއްލައިފިނަމަ ތިބާއަށް އެ އެޅުނީ ކަތި ފިޔަވަޅެކެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ "ވަރުގަދަ މީހަކީ ތިބާގެ ހަތުރުވެރިޔާ ބަލިކޮށް ވައްޓާލައި މީހާއެއް ނޫނެވެ. އެކަމަކު ވަރުގަދަ މީހަކީ ރުޅިއަންނަ ވަގުތު ރުޅި ކޮންޓްރޯލްކޮށް އޭނާގެ ނަފްސުގެ މައްޗަށް ވެރިވެގަންނަ މީހާއެވެ."
|