މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ބަހާބެހޭ ބަހެއް: "ވެރިފައި"ކުރުން |
|
|
| ދިވެހި - މާދަރީބަސް | |||
| 27 ފެބްރުވަރީ 2011، 01:02 އާދީއްތަ | |||
|
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު(މާޒީ) ދިވެހިބަހުގެ ލަފުޒުތަކަށް ބަލާއިރު "ވެރިފައި" މިއީ "ވެރުން" މި މަސްދަރުން އުފެދިފައިވާ ކަމެކެވެ. މި މަސްދަރު ނިމުނު ކަމަކަށް ބަދަލުވީމާ އޮންނާނީ "ވެރިއްޖެ" މިހެންނެވެ. ނިމިނިމުނު ކަމަކަށް ބަދަލުވެގެން ދާއިރު "ވެރުނު" މި ގޮތަށް ބޭނުން ކުރެވެއެވެ. އެހެންވީމާ "ވެރިފައި" އަކީ "ވެރުން" މި މަސްދަރުން އުފެދުނު ކަމެއް، ވެފައި އޮތް ޙާލަތު އަނގައިދިނުމުގައި ބޭނުންކުރާ ލަފުޒެކެވެ. މިސާލަކަށް: އެ ގަސްދޮށަށް ވަރަށް ގިނަ ފަތް ވެރިފައި އެބަހުއްޓެވެ.ދިވެހިބަސްފޮތަށް ރުޖޫޢަ ވާއިރު މި ލަފުޒުގެ މާނައެއް ކަމަށް އޮންނަނީ "އެއްޗިހިތަކެއް ފޭބުން" ނުވަތަ "ގަސްގަހުން ފަތާއި މޭވާ ފަދަ ތަކެތި ފޭބުން" ނުވަތަ "އޮހުން" ކަމަށެވެ. ވެރުމުގެ އެއް މާނައެއްގައި "ބަނޑުންވުން"ވެސް ކިޔައެވެ. ބަންޑުންވުމުގެ މާނައެއް ކަމަށް ބަސްފޮތުގައި އޮންނަނީ " އެއްޗެއްގެ ތެރޭގައި ހުންނަ އެއްޗެއް ވެރުން" ކަމުގައެވެ. ވިހާވަރުން "ވެރިފައި"ގެ ދިވެހި މާނަ ހިތްޕުޅަށް ގެނެވޭވަރުވެއްޖެ ނޫންތޯއެވެ؟ ޙަޤީޤަތުގައި އަޅުގަނޑު ދަންނަވަން މި އުޅެނީ އެހެން ވާހަކައެކެވެ. މިހާރަކަށް އައިސް ވަރަށް ގިނައިން އެއްޗެހި "ވެރިފައި"ކުރާ ވާހަކަ އަޑު އިވޭތީ އެ ކަމާމެދު އެއްޗެއް ދަންނަވައިލާ ހިތްވީ އެވެ. 2011 ވަނަ އަހަރު ފެބްރުއަރީ މަހު 5 ވަނަ ދުވަހު ރާއްޖޭގައި އޮތް ބޮޑު އިންތިޚާބުގެ ނަތީޖާ އަށް އިންތިޒާރުކުރަމުން ދިޔައިރު މި ލަފުޒު ވަރަށް ގިނައިން ފެނި އަޑު އިވުނެވެ. އެކަމަކު އެ ލަފުޒު އިވެނީ ކުރިން ދިވެހިން އެ ލަފުޒު މާނަކުރާ ގޮތަކަށް ނުވަތަ ބޭނުންކުރާ ގޮތަކަށް ނޫނެވެ. އެހެންކަމުން އެއީ އިނގިރޭސި ލަފުޒެއް ކަމަށް ވިސްނުނެވެ. ތާނައިން ލިޔެފައި އޮތީތީ، އަދި ދިވެހިބަހުގައިވެސް (އެހެން މާނައެއްގައި ނަމަވެސް) ބޭނުންކުރާ ލަފުޒަކަށްވާތީ ކުރިން ނޭނގުނީއެވެ. "ވެރިފައި" (verify) އަކީ އިނގިރޭސި ލަފުޒެކެވެ. އިނގިރޭސިބަހުގެ ހުރިހާ ޑިކްޝަނަރީތަކެއްގައިވެސް މި ލަފުޒު މާނަކޮށްފައި ހުންނަނީ، ހެތްކެއް ނުވަތަ ޤަރީނާއެއް ހުށަހަޅައިގެން ތެދުކަން ސާބިތު ކުރުމަށެވެ. ތެދުކަން ކަށަވަރުކުރުމަށެވެ.(To prove the truth of by presentation of evidence or testimony) އެހެންވީމާ، ވެރިފައިކުރުމޭ މި ކިޔަނީ ދިވެހިބަހުން ކުރިއްސުރެ ކިޔައިއުޅޭ، ކަށަވަރުކުރުން، ޔަގީންކުރުން، ނުވަތަ ގައިމުކުރުމުގެ މާނައިކަން އެބަ އެނގެ އެވެ. "ނަތީޖާތައް ވެރިފައިކުރުމަކީ"، ނަތީޖާގެ ޞައްޙަކަން "ކަށަވަރުކުރުން" ކަން އެބަ ދޭހަވެ އެވެ. ކަށަވަރުކުރުމަކީ، ޝައްކެއް ނޯންނަވަރަށް ޔަގީންކުރުމެވެ. ތޯތޯ ނުވާވަރަށް ގައިމުކުރުމެވެ. ކުރިންވެސް ދިވެހިން ބޭނުންކޮށް އުޅެނީ މި ގޮތްގޮތަށެވެ. ވީމާ، ދިވެހިބަހުން ބޭނުންކުރާނެ ރީތި ދިވެހި ލަފުޒެއް އޮއްވައި އެ ލަފުޒު ދޫކޮށް "ވެރިފައި" ކުރީމާ، ކަށަވަރުކުރުމަށްވުރެ، މާނަ ފުރިހަމަ ވަނީ ކަމަށް ހީފުޅުވަނީ ބާވައެވެ! ނުވަތަ "ކަށަވަރު"ގެ މާނަ ޔަޤީން ނުވަނީބާވައެވެ! އެކަމަކު އެހެންނެއް ނުވާނެ އެވެ. އެއްވެސް ބަހެއްގައި އޮންނަ ލަފުޒެއް ޢިބާރާތުގައި ބޭނުންކުރާ ކޮންމެ ތަނެއްގައި ބޭނުންކުރެވޭނެ ބަރާބަރު އަނެއް ލަފުޒެއް އެހެން ބަހެއްގައި އޮންނާކަށް ނުޖެހޭނެ އެވެ. ކިތަންމެ އެއް ގޮތޭ ހީވިޔަސް ކޮންމެ ދެ ލަފުޒެއްގެ މާނައިގައިވެސް ހިސާބެއްގެ ތަފާތުތަކެއް ހުންނާނެ އެވެ. މިސާލަކަށް، ވެލިޑޭޓް، އެޓެސްޓް، ޕްރޫވް، ކޮންފަރމް ފަދަ ލަފުޒުތަކަކީ އެކި ޙާލަތްތަކުގައި ހަމަ ވެރިފައި (verify) ގެ މާނައިގައި ބޭނުންކުރެވިދާނެ ލަފުޒުތަކެކެވެ. ނަމަވެސް ބޭނުންކުރެވޭ ޙާލަތާއި މަޤްޞަދުގައި ހިސާބެއްގެ ތަފާތުތަކެއް ހުންނާނެ އެވެ. އެކަމަކު މިއިން ކޮންމެ ލަފުޒެއް ވެސް ހަމަ އެ ބޭނުން ކުރަނީ ގައިމުކުރުމުގެ މާނައިގައެވެ. ޞައްޙަކަން ކަށަވަރުކުރުމުގެ މާނައިގައެވެ. ޝައްކެއް ނެތި ޔަޤީންކުރުމުގެ މާނައިގައެވެ. މި ހުރިހައި ވާހަކަތަކެއް އަޅުގަނޑު މި ދަންނަވައިލީ، ވަގުތާއި ޙާލަތާއި މަޤްޞަދާ ގުޅިގެން އަޅުގަނޑުމެންގެ ޚިޔާލުތައް ހުށަހެޅުމުގެ ޤާބިލުކަން ދިވެހިބަހުގައި ހުއްޓައި، ދިވެހިބަހުގައި ހުރި ލަފުޒުތައް ދޫކޮށް އަޅުގަނޑުމެންފަދަ މައް ދިވެހީންނާ ބީރައްޓެހި ލަފުޒުތައް ދިވެހިބަހަށް ވެއްދުމުގެ ބޭނުމެއް ނެތޭ ދަންނަވައިލުމަށެވެ. އާދޭހެވެ! އަލަށް އުފެދޭ ތަކެއްޗާއި އާ ކަންކަމާ ގުޅޭ ލަފުޒުތައް ދިވެހިބަހަށް ވައްދައި، ދިވެހިކުރުމަކީ ކުރަން ޖެހޭނެ ކަމެކެވެ. އެކަމުގެ ސަބަބުން ބަހަށް މުއްސަނދިކަން ލިބޭނެކަމެކެވެ. އެކަމަކު، ދިވެހިބަހުގައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ރީތި ލަފުޒުތައް ދޫކޮށް، އެ ލަފުޒުތަކުގެ ބަދަލުގައި ބީރައްޓެހި ލަފުޒުތައް ބަހަށް ވެއްދުމަކީ އެއްވެސް ޙާލެއްގައި ބަހަށް ލިބޭ ކުރިއެރުމަކަށް ނުވާނެ އެވެ. އެހެންވީމާ، އިންތިޚާބެއްގެ ނަތީޖާ ވެސް ހަމަ "ވެރިފައި" ނުކުރިޔަސް، އޭގެ ޞައްޙަކަން ކަށަވަރުކޮށްފިނަމަ ދިވެހިންނަށް ފުދޭނެ އެވެ. ވޯޓު ކަރުދާސްތަކެއް މޭޒުދަށަށް ވެރިފައި ނެތްނަމަވެސް، ނަތީޖާގެ ޞައްޙަކަން ކަށަވަރުކުރަން ޖެހޭނެ އެވެ. ކޮންމެހެން ވެރިފައި ނުކުރިޔަސް ފުދޭނެ އެވެ. (ނިމުނީ) މި ލިޔުން: ފޮނުވުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)
![]()
...
ލިޔުނީ ސަމީރު, 2011-03-01 05:15:33
އަޒީ ގެ ޙުއްޖަތާއި ހެއްކާއި ގަރީނާތައް ސީދާ ބުއްދީގެ ބާރުގައި "ވެރިފައި"ވެއްޖެ. އިތުރު ޝައްކެއް ނެތި ކަށަވަރު ވެއްޖެ. ޝުކްރިއްޔާ އަޒީ.ދިމާވެގެން މި އުޅޭ އެންމެ ބޮޑު ހިތްދަތި ކަމަކީ، ޒުވާން ކުދިން ދިވެހިބަހުން ލިޔެފައިވާ އޮއްޓަރު ހުރި ފޮތް ނުކިޔާތީ ދިމާވާ މައްސަލައެއް. ބަހުގެ ގޮތުން ގޭތެރޭ ފަގީރު ކަމުން އަދަބީ ފެންވަރު އަނގަބަހުން ގޭތެރެއިން ނުވަތަ ސްކޫލަކުން ނުލިބޭނެ. ފޮތް ކިޔުން ނޫން ގޮތެއް ނެތް. ނަމަވެސް އެއީ މާ 'ފޫހި' ކަމަކަށް ވެއްޖެ. ނަމަވެސް ނޫސްވެރިކަން، ކިޔަވައިދިނުން ނުވަތަ މިޒާތުގެ ލިޔެ ކިޔުމުގެ މަސައްކަތުގައި އުޅެންޖެހޭ ނަމަ ފެންވަރު ރަނގަޅު ކުރަން ޖެހޭނެ. އަހާލައިގެން ކަންކަން ކުރުމަކީވެސް ހަމަ ރީތި ކަމެއް. އެއްވެސް މީހަކަށް ހުރިހާއެއްޗެއް ނޭނގޭނެ. ވީމާ ދަންނަ މީހުން ގާތު އަހާލަން އާދަ ކުރަންވީ.
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2011-03-02 06:56:10
މިލިޔުމުގައި ބުނެދީފައިވާ ކަންކަމަށް އަޅުގަނޑު ތާޢީދު ކުރަމެވެ. ދިވެހި ބަހުގައި ހުރި މުއްސަނދިކަމެއްވެސް ވަޒަންކޮލަށްލަން އެނގޭނީ އެބަހާއި މެދު ފިކުރުކޮށްލާ ނަމަތާއެވެ. ފެންނަ ފަށުގައި ނެތަސް، އެއީ ނެތުނީ ކަމަށް ބެލުމަކީ ބުއްދިއާއި ފިކުރާއި ވިސްނުމާއި ޚިޔާލާތު މުސްކުޅިކޮށްލުމެއް ނޫންތޯ؟
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2011-03-02 06:56:10
މިލިޔުމުގައި ބުނެދީފައިވާ ކަންކަމަށް އަޅުގަނޑު ތާއީދު ކުރަމެވެ. ދިވެހި ބަހުގައި ހުރި މުއްސަނދިކަމެއްވެސް ވަޒަންކޮލަށްލަން އެނގޭނީ އެބަހާއި މެދު ފިކުރުކޮށްލާ ނަމަތާއެވެ. ފެންނަ ފަށުގައި ނެތަސް، އެއީ ނެތުނީ ކަމަށް ބެލުމަކީ ބުއްދިއާއި ފިކުރާއި ވިސްނުމާއި ޚިޔާލާތު މުސްކުޅިކޮށްލުމެއް ނޫންތޯ؟
...
ލިޔުނީ ފަހުމީ, 2011-03-04 00:57:31
ރާއްޖޭގައި އިގިރޭސި މީޑިއަމް ތަޢާރަފުކުރުމުގެ ނަތީޖާއަކީ ދިވެހި ބަހަށް ދެވޭ ސަމާލުކަން ކުޑަވުމާއި، ބަހެއްގެ ގޮތުގައި ދިވެހި ބަސް ދެމިއޮންނަން އުދަގޫވުމެވެ. މިހާރު ދިވެހި ބަސްވެސް މިއޮތީ ނަމެއްގައެވެ. އަޅުގަނޑު ދެކޭހިތްވަނީ މިކޮމެންޓް ކިޔުމަށްފަހުގައި ދިވެހިރާއްޖޭގެ ތަޢުލީމާއި ބެހޭ ޤާނޫނު ފާސްކުރާއިރު ދިވެހި ބަހުން ކިޔަވައިދޭ ސްކޫލުތައް ހުންނަގޮތަކަށް ޢަބުދުލް ޢަޒީޒް މެންގެ ވިސްނުން ބަހައްޓަވައި ނެތިގެންމިދާ ދިވެހީންގެ އަގުހުރި ތަރިކަ ރައްކާތެރި ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކެމަށެވެ. "ދިވެހިރާައްޖޭގައި ރަސްމީ ތަޢުލީމުދޭންވާނީ ދިވެހި ބަހުންނޭ " މިހެންލިޔެ ޤާނޫނުފާސްކޮށް ފޮތްހަދާ ގްރޭޑް 12 އާއި ހަމައަށް ދިވެހިބަހުން މަތީ ތަޢުލީމް ދެވޭނޭ އުސޫލެއް ޤާއިމް ކުރައްވާނެކަމަށެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
............................................
"މި ހުރިހައި ވާހަކަތަކެއް އަޅުގަނޑު މި ދަންނަވައިލީ، ވަގުތާއި ޙާލަތާއި މަޤްޞަދާ ގުޅިގެން އަޅުގަނޑުމެންގެ ޚިޔާލުތައް ހުށަހެޅުމުގެ ޤާބިލުކަން ދިވެހިބަހުގައި ހުއްޓައި، ދިވެހިބަހުގައި ހުރި ލަފުޒުތައް ދޫކޮށް އަޅުގަނޑުމެންފަދަ މައް ދިވެހީންނާ ބީރައްޓެހި ލަފުޒުތައް ދިވެހިބަހަށް ވެއްދުމުގެ ބޭނުމެއް ނެތޭ ދަންނަވައިލުމަށެވެ. އާދޭހެވެ! އަލަށް އުފެދޭ ތަކެއްޗާއި އާ ކަންކަމާ ގުޅޭ ލަފުޒުތައް ދިވެހިބަހަށް ވައްދައި، ދިވެހިކުރުމަކީ ކުރަން ޖެހޭނެ ކަމެކެވެ. އެކަމުގެ ސަބަބުން ބަހަށް މުއްސަނދިކަން ލިބޭނެކަމެކެވެ. އެކަމަކު، ދިވެހިބަހުގައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ރީތި ލަފުޒުތައް ދޫކޮށް، އެ ލަފުޒުތަކުގެ ބަދަލުގައި ބީރައްޓެހި ލަފުޒުތައް ބަހަށް ވެއްދުމަކީ އެއްވެސް ޙާލެއްގައި ބަހަށް ލިބޭ ކުރިއެރުމަކަށް ނުވާނެ އެވެ." (ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު)
.....................
އާދެ! އަޅުގަނޑުވެސް ދަންނަވާލަން އޮތީ ދިވެހިބަހުގައި ބޭނުންކުރަމުން އަންނަ ރީތި ލަފުޒުތައް ދޫކޮށް، އެ ލަފުޒުތަކުގެ ބަދަލުގައި ބީރައްޓެހި ލަފުޒުތައް ބަހަށް ވެއްދުމަކީ އެއްވެސް ޙާލެއްގައި ބަހަށް ލިބޭ ކުރިއެރުމަކަށް ނުވާނެ އެވެ.