މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޑިކުޝަނަރީ - ބަސްފޮތް - ރަދީފު: އެކައްޗެއްބާ؟ |
|
|
| ދިވެހި - މާދަރީބަސް | |||
| 05 މާރޗް 2011، 00:48 ހޮނިހިރު | |||
|
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ފޮތްތެރިކަމަކީ ހާދަހާ މުހިއްމު ކަމެކެވެ.
ކިޔުންތެރިކަމާއި ރައްޓެހިވުމަކީ ތިމާގެ ސިކުނޑީގެ ޚަޒާނާ މުއްސަނދިކުރަން
އެންމެ ފަސޭހަ، އެއް ގޮތެވެ. ކިތަންމެ ކުޑަކުޑަ އެއްޗެއް ވެސް ކިތަންމެ
މޮޅު މީހަކަށް ވެސް ނޭނގި އޮވެދާނެ އެވެ. ޢަމުދުން ފޮތާ ދުރުގައި އުޅޭނަމަ
މަޢުލޫމާތުގެ ޚަޒާނާއަށް މުއްސަނދިކަމެއް ނުލިބޭނެ އެވެ. ސިނކުޑީގައި
ހުންނަ މަޢުލޫމާތުތަކަށް ވެސް "ހިރަފުސްއަރައި" ގެއްލިދާނެ އެވެ.ހަމަ އެފަދައިން ޚިޔާލުފާޅުކުރުމަކީ ވެސް ބިނާކުރަނިވި ގޮތެއްގައި ބޭނުންކުރެވިއްޖެ ނަމަ ވަރަށް ބޮޑަށް އެކަމުން ފައިދާ ލިބޭ ކަމެކެވެ. އަޅުގަނޑު މި ހާސަރުތައް ލިޔެލުމަށް ހިތަށް އެރީ ފަންވަތުގައި އަޅުގަނޑު ލިޔެފައިވާ ލިޔުމަކަށް، ("ބަހާބެހޭ ބަހެއް: ވެރިފައި ކުރުން" މި ލިޔުމަށް) ކޮންމެވެސް ބޭފުޅަކު ލިޔުއްވައިފައިވާ ބިޔާކުރަނިވި ޚިޔާލުފުޅެއްގެ ސަބަބުންނެވެ. އެ ބޭފުޅަކަށް މި ނޭވާގައި ޝުކުރު ދަންނަވަމެވެ. ޑިކުޝަނަރީ އާއި ބަސްފޮތާއި ރަދީފަކީ އެކައްޗެއްތޯ ނުވަތަ ދޭއްޗެއްތޯ އަޅުގަނޑު ދަންނަވައިފި ނަމަ، ހަމަ ވަގުތުން ޖަވާބުދެއްވޭނީ ކިތައް ބޭފުޅުންނަށްްތޯ އެވެ؟ ޝައްކެއްނެތެވެ. ބަސްފޮތް ބައްލަވައި އުޅުއްވާ ބޭފުޅުންނަށް ވަރަށް ފަސޭހައިން ޖަވާބުދެއްވޭނެ އެވެ. ނަމަވެސް ފޮތާ ދުރުގައި އުޅުއްވާ ބޭފުޅުންނަށް ޖަވާބުދެއްވޭނީ ޔަޤީންކަމެއް ނެތް ގޮތެއްގައެވެ. "ޑިކުޝަނަރީ" އަކީ އިނގިރޭސިބަހުން އައިސް ދިވެހިބަހަށް ވަދެ, ދިވެހިވެފައިވާ ދިވެހި ލަފުޒެކެވެ. ދިވެހިބަހުން، "އަތޮޅު" އިނގިރޭސިބަހަށް ވަދެ، ފައިހަރުކޮށްލި ފަދައިންނެވެ. ބައެއް ބޭފުޅުންނަށް މި ވާހަކަ ގަބޫލުފުކުރައްވަން ދަތިފުޅުވެދާނެ އެވެ. އެ ފަދަ ބޭފުޅުން މި ލިޔުމުގައި ޙަވާލާ ދީފައިވާ ވަސީލަތްތަކުން އެކަން ކަށަވަރުކުރައްވާށެވެ. ކޮންމެއަކަސް ޑިކުޝަނަރީއަކީ ދިވެހިބަސްފޮތް 2006 ގެ "ޑ"ގެ ރަދީފުން ޖާގަ ހޯދައިފައިވާ ދިވެހި ލަފުޒެކެވެ. އިނގިރޭސިބަހުގެ އަޞްލުން އައިސް ދިވެހިވެފައިވާ ދިވެހި ލަފުޒެކެވެ. ޑެސްކު، ޗޯކު ފަދަ ލަފުޒުތައް ދިވެހިވެފައި ވީ ފަދައިންނެވެ. "ޑިކުޝަނަރީ" ގެ މާނަ ކަމުގައި ބަސްފޮތުގައި އޮންނަނީ އެއީ "މޮށެ އުޅޭ ބަހެއްގެ އަކުރުތަކުގެ ތަރުތީބުން ބަސް އަތުރައި އެ ބަސްބަހުގެ މާނަ ލިޔެވިފައިވާ ބަސްފޮތް" ކަމަށެވެ. ދެން އޮތީ ބަސްފޮތުގެ ވާހަކައެވެ. ޑިކްޝަނަރީ އާއި ބަސްފޮތަކީ އެކައްޗެއްހެއްޔެވެ؟ މާނަ އެއް ގޮތް ހެއްޔެވެ؟ ޖަވާބުގައި ދެންނެވޭނީ ނޫނެކޭ އެވެ. މުޅިން އެއް ގޮތެއް ނޫނޭ އެވެ. އެހެނީ "ބަސްފޮތް" މި ލަފުޒުގެ މާނަ ކަމުގައި ދިވެހިބަސްފޮތް "ބ"ގެ ރަދީފުގައި އޮތީ އެއީ "ބަހުގެ މާނަ ލިޔެފައި ހުންނަ ފޮތް" ކަމުގައެވެ. މި މާނައަށް ބަލާއިރު "ޑިކުޝަނަރީ" އަށްވުރެ "ބަސްފޮތު"ގެ މާނަ އެބަ ހަނިވެއެވެ. ޙަޤީޤަތަކީ ވެސް އެއީ ނޫންތޯއެވެ؟ ޑިކުޝަނަރީތަކުގައި ހުންނަހާ ގިނަ ތަފުޞީލުތަކެއް ބަސްފޮތަކު ނުހުރޭ ނޫންތޯއެވެ؟ އަޑުތަކުގެ ރަމްޒުތަކާއި ކިޔާނޭ ގޮތާއި ކަމުގެ ޒަމާންތަކާއި އެކި މާނަތަކަށް ތަފާތު ގިނަގުނަ މިސާލުތަކާއި ތަފާތު ނަންނަމުގެ ގިނަ ރަމްޒުތަކާއި މި ނޫނަސް ޑިކުޝަނަރީތަކުގައި ހުންނަހާ ތަފުޞީލުތަކެއް ބަސްފޮތަކު ނުހުރޭ ނޫންތޯއެވެ؟ އެހެންވީމާ އެއީ ޙަޤީޤަތުގައިވެސް ބަހުގެ (ލަފުޒުގެ) މާނަ ލިޔެފައި ހުންނަ ފޮތެއްކަން އެބަ އެނގެ އެވެ. ދެން އޮތީ ރަދީފުގެ ވާހަކައެވެ. ބަސްފޮތާއި ރަދީފަކީ އެކައްޗެއްތޯ އެވެ؟ މީގެ ޖަވާބުގައި ވެސް ދަންނަވަންޖެހެނީ ހަމަ، "ނޫން" މި ޖަވާބެވެ. ދިވެހިބަސްފޮތުގެ، "ހ"ގެ ރަދީފު، "ނ"ގެ ރަދީފު، މި ގޮތްގޮތަށް ކޮންމެ އަކުރަކަށް ރަދީފެއް އޮންނަ ވާހަކަ އިވުމުން ވެސް ރަދީފަކީ ބަސްފޮތުގެ ބައެއްކަން އެބަ އެނގެއެވެ. "ދިވެހިބަސްފޮތް2006" އަށް ރުޖޫޢަވަމާތޯ އެވެ؟ ބަސްފޮތުގެ "ރ"ގެ ރަދީފުގައި "ރަދީފު"ގެ މާނަކަމަށް އޮންނަނީ އެއީ "އަކުރުތަކުގެ ތަރުތީބު ދީފައިވާ ލިޔުމެއްގެ ބައެއް" ކަމުގައެވެ. އެހެންވީމާ ރަދީފުގެ މާނަ ބަސްފޮތަށް ވުރެ ހަނިކަމުގައި ދަންނަވަންޖެހެއެވެ. އަޅުގަނޑު ލިޔުނު ލިޔުމެއްގައި، ނުވަތަ ލިޔާ ލިޔުމެއްގައި އިނގިރޭސި ޑިކުޝަނަރީއޭ ލިޔުނީ ނުވަތަ ލިޔަނީ އެއީ ރަދީފަކަށް ވުރެ ނުވަތަ ބަސްފޮތަކަށްވުރެ "ޑިކުޝަނަރީ"ގެ މާނަ ފުޅާ ކަމުގައި އަޅުގަނޑަށް ފެންނާތީއެވެ. ދިވެހިބަހުގައި "ރަދީފު" ކިޔާ ލަފުޒެއް އޮތަސް އެއީ އެ ޙާލަތުގައި ބޭނުންކުރުން އެކަށޭނަ ލަފުޒެއްކަމުގައި އަޅުގަނޑަށް ޤަބޫލު ނުކުރެވޭތީއެވެ. އަދި "ޑިކުޝަނަރީ"އަކީ ދިވެހިވެގެން ދިވެހި ބަސްފޮތުގެ "ޑ"ގެ ރަދީފުން ޖާގަ ހޯދައިފައިވާ ލަފުޒަކަށް ވާތީ ވެސް މެ އެވެ. އަޅުގަނޑުގެ މި "ހާސަރު" މި ނިންމައިލަނީ ޑިކުޝަނަރީ އާއި ބަސްފޮތާއި ރަދީފުގެ މާނައިގައި ކުދިކުދި ތަފާތުތަކެއް އެބަހުރި ކަމަށް ތިޔަ ބޭފުޅުންވެސް ޤަބޫލުފުޅުކުރައްވާނެކަމަށް ޔަޤީންކުރަމުންނެވެ. އަދި މި ލިޔުން ލިޔުމަށް ހިތްވަރު ލިބުނު ޚިޔާލު ފަންވަތުގައި ފާޅުކުރެއްވި "މަހާ" އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމުންނެވެ. ------------------------------ (ނިމުނީ) ޙަވާލާ: ދިވެހިބަސްފޮތް2006. ދިވެހިބަހާއި ތާރީޚާށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު މި ލިޔުން: ފޮނުވުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަރުގެ އިދާރީ ލިޔުންތެރިޔެއް) އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ ޣިޔާޘް, 2011-03-04 18:15:12
ތީ ތެދެއް. މިވަރުގެ ކުޑަކުޑަ އެއްޗެއްވެސް ހަމަ ނޭނގުނީ ފޮތާ ބީރައްޓެހި ވީމާ. ކިޔުންތެރިކަމަށް އިތުރު ސަމާލުކަމެއް އެބަދޭންޖެހޭކަން މި އެނގެނީ ތަޢުލީމީ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި.
...
ލިޔުނީ މީޝް, 2011-03-05 03:08:36
މިކަހަލަ ލިޔުންތައް ފަންވަތުން ކިޔާލަންލިބޭތީ ވަރަށް ހިތްހަމަޖެހޭ. ކުރިމަގުގައި ވެސް މިފަދަ އިތުރު ލިޔުންތައް ފެންނާނެ ކަމަށް އުއްމީދުކުރަން....
...
ލިޔުނީ Saaya, 2011-03-05 16:24:36
mikahala liyun ginain hunnanama mi site emme furihama vaane kan yagyn!!!!!
...
ލިޔުނީ މީޝް, 2011-03-05 17:35:01
މިކަހަލަ ލިޔުންތައް ފަންވަތުން ކިޔާލަންލިބޭތީ ވަރަށް ހިތްހަމަޖެހޭ. ކުރިމަގުގައި ވެސް މިފަދަ އިތުރު ލިޔުންތައް ފެންނާނެ ކަމަށް އުއްމީދުކުރަން
... ލިޔުނީ ރަދީފު, 2011-03-08 09:54:49
ރަދީފުގެ މާނަ "ބަސްކޮމިޓީ" އިން ވަނީ އިޞްލާޙު ކުރައްވައިފައި. އިނގިރޭސިބަހުން ޑިކްޝަނަރީ ކިޔާ މާނައިގައި މިހާރުގެ ދިވެހި ބަސްފޮތުގައި "ރަދީފު" ގެ މާނަ ލިޔެފައި އޮތީ. އެހެން ނަމަވެސް އަޒީ ލިޔުއްވާފައިވާ މަޒުމޫނު ރަނގަޅު. އެއީ އަދި މިވަގުތު ޝާއިއު ވެފައި އޮތް ބަސްފޮތުގައި އޮތީ އެހެން ކަމުގައިވާތީ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|