މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| "މާދަރީބަހުގެ ޙަޤީޤަތްތައް "ދިވެހީންނަށް" ޤަބޫލު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟" |
|
|
| ދިވެހި - މާދަރީބަސް | |||
| 07 މާރޗް 2011، 07:21 ހޯމަ | |||
|
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ބައިނުލްއަޤްވާމީ މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށްޓަކައި ޤައުމީ ފެންވަރެއްގައި ހިންގި ޙަރަކާތްތަކެއް މި އަހަރު ހިންގީ އިސްކަންދަރު ސްކޫލްގެ ތެރޭގައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ދިވެހިބަހާއި ތާރީޚާ ބެހޭ މަރުކަޒުން އިންތިޒާމުކުރައްވައިގެން ހިންގި ޙަރަކާތްތަކުގައި 3 ހައިސިއްޔަތަކުން ބައިވެރިވެ އެ ކަންކަން ވަރަށް ގާތުން ދުށުމުގެ ނަސީބު ލިބުނެވެ.
ތަފާތު މުބާރާތްތަކާއި ތަފާތު ޙަރަކާތްތަކާއި އަދަބީ ހުށަހެޅުންތަކާއި ފޮތްވިއްކުމާއި އެކި ކަހަލަ ދިވެހި "ދެއްކުން"ތަކާއި އިސްޓޯލްތައް ވެސް މި ކަމުގެ ތެރޭގައި ހިމެނުނެވެ. މި ހުރިހާ ޙަރަކާތަކަކީ ވެސް ފާހަގަކޮށްލެވޭ "މޮޅު" ޙަރަކާތްތަކެކެވެ.އެ ދުވަހު އަޅުގަނޑަށް އެންމެ ކަމުދިޔައީ ފެކަލްޓީ އޮފް އާޓްސް ގެ އިިސްޓޯލެވެ. ނަންބޯޑުގެ އަކުރުތައް ފަލަކަމަކުންނޫނެވެ. ކޮންމެހެން އަޅުގަނޑަކީ އެ ފެކަލްޓީގެ ދަސްވެންޏަކަށް ވީތީކީ ނޫނެވެ. އެކަމަކު އަޅުގަނޑަށް ހަމަ އިރުއިރުކޮޅާ އެނބުރި އައިސް އެ އިސްޓޯލަށް ވަދެވެނީ ގައިމު ކަމެއް ވެގެންތާ އެވެ. (ދިވެހިރާއްޖޭގެ) ލިޔުންތެރީންގެ ގުޅުމުގެ އިސްޓޯލެއް ވެސް ހުރެފައި އަޅުގަނޑަކީ އެ ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ ސެކްރެޓަރީއަށް ވާ އިރު ވެސް ހަމަ އެންމެ ގިނައިން ވަދެވުނީ ފެކަލްޓީ އޮފް އާޓްސް ގެ އިސްޓޯލަށެވެ. އާދޭހެވެ! ހަމަ އެންމެ ސަބަބަކަށްޓަކައެވެ. މާދަރީބަހުގެ މުހިއްމުކަން ކިޔަވާ ކުދީންނާއި ބެލެނިވެރިންގެ ހިތްތަކަށް ވަދެ ޤަބޫލުކުރެވޭ ފަދަ މަސައްކަތްތަކެއް އެ އިސްޓޯލުން އަޅުގަނޑަށް ފެނުނީތީ އެވެ. މަޝްހޫރު އަދީބުންނާއި ޢިލްމުވެރީންގެ އާދަޔާ ޚިލާފު ޢިބާރާތްތަކެއްގެ މުތްތަކަކުން އެ އިސްޓޯލުވަނީ މުއްސަނދިވެފައެވެ. ޢަލްޢައްލާމާ އަލްފަޤީހު ޙުސައިން ޞަލާހުއްދީން ރަޙިމަހުﷲ ގެ ޢިބާރާތްކުރެއްވުމުގެ އާދަޔާ ޚިލާފު ލާމަސީލު މިސާލުތަކާއި މިނޫނަސް ކުރީގެ ދިވެހި އަދީބުންނާއި ޝާޢިރުންގެ އާދަޔާ ޚިލާފު ޤާބިލިއްޔަތު އެ އިސްޓޯލުން ފެންނަން ހުއްޓެވެ. އަދި މިކަން މިހެން އޮތް އިރު މިޔަށްވުރެ މާ ޚާއްޞަ ކަމެއް ދިމާވި އެވެ. މާލޭގެ ސާނަވީ އިސްކޫލެއްގެ ދަރިވަރަކު، އެ އިސްޓޯލްގައި ހުރެ އޭނާގެ ހިތަށް ވެރިވި ޝުޢޫރެއް ކުއްލިޔަކަށް ބޭ އިޚުތިޔާރުގައި ހާމަވި އެވެ. އެ ދަރިވަރު ބުނެލިއެވެ. "މާދަރީބަހުގެ މުހިއްމުކަން ބޭރުގެ އަދީބުންނަށް ޤަބޫލުކުރެވޭ އިރު ދިވެހީންނަށް މިކަން ޤަބޫލު ނުކުރެވޭނީ ކީއްވެބާވައެވެ.؟" އަޅުގަނޑަށް ވިސްނުނު ގޮތުގައި އެ ދަރިވަރުގެ ހިތުގައި މި ޝުޢޫރު އުފެދުނީ، އެ އިސްޓޯލުގައި ބަހައްޓައިފައި ހުރި ޢިބާރާތެއް ކިޔައިލުމަށްފަހުގައެވެ. އެއީ އޭޝިޔާއެ އަދީބުންގެ ތެރެއިން އެންމެ ފުރަތަމައަށް ނޯބެލް ޞުލްޙައިގެ އިނާމު ޙާޞިލްކުރެއްވި އަދީބު ކަމުގައިވާ ރަބިންދްރަނާތު ޓޭގޯރގެ ޢިބާރާތެކެވެ. އޭގައިވެއެވެ. "މިއަދުގެ މުޖުތަމަޢަށް އިނގިރޭސި ބަސް ވަރަށް މުހިންމެވެ. އެހެންނަމަވެސް އެއަށްވުރެ މުހިންމީ ޢިލްމެވެ. ޢިލްމީ މާއްދާތައް މާދަރީ ބަހުން ކިޔަވައިދޭށެވެ. އަދި އިނގިރޭސި ބަހަށް ޚާއްޞަ ސަމާލުކަމެއް ދީގެން ވަކި ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ދަސްކޮށްދޭށެވެ. އިނގިރޭސި ބަހަށް ފުރިހަމަ ގޮތުގައި މޮޅުވެވޭނީ މާދަރީ ބަހުގެ ހަމަތައް ރަނގަޅަށް އެނގިގެންނެވެ. ތިމާގެ އަމިއްލަ ބަހުގެ ޤަވާއިދުތައް ފަހުމުނުވާ މީހަކަށް ބޭރުގެ ބަހެއްގެ ހަމަތައް ފަހުމުވާނީ ކިހިނެއްހެއްޔެވެ؟" އަދި ރަބިންދްރަނާތު ޓޭގޯރގެ އެހެން ޢިބާރާތެއްގައި ވެއެވެ. " ތިމާގެ މާދަރީ ބަހަށް ތިމާ ކޮށިވި ވަރަކަށް ތިމާގެ ވިސްނުން ހަނިވާނެއެވެ. (އެހެނީ) ވިސްނަން ބޭނުންކުރާ ޒަރީޢާއަކީ މާދަރީ ބަހެވެ." މި ފަދަ ޢިބްރަތްތެރި ބުނުންތައް ކިޔައި، ފަހުމްވެ، ޤަބޫލުކުރެވުމުން މި ދެންނެވި ދަރިވަރުގެ ހިތުގައި އުފެދުނު ސުވާލުތަކަށް ވެސް ޖަވާބު ލިބުނީ ރަބިންދުރަނާތު ޓޭގޯރގެ އެހެން ޢިބާރާތަކުންނެވެ. އެ ޢިބާރާތުގައި ވެއެވެ. "މާދަރީ ބަހުން ކިޔަވައިދިނުމަށް ޖެހިލުންވާނީ ބޭރު ބަހެއް ދަސްކުރުމާއި ޢިލްމު އުނގެނުމާ ދެމެދު ހުރި ތަފާތު ނުދަންނަ މީހުންނެވެ." ރަބިންދްރަނާތު ޓޭގޯރ އަދިވެސް އިތުރަށް ވިދާޅުވެފައިވެ އެވެ. "އަހަރެމެންގެ ދަރީންނަށް ރަނގަޅަށް އިނގިރޭސިބަސް ނޭނގެނީސް، އެ ކުދީންނަށް ޢިލްމު އުގަންނައިދިނުމަށް އިނގިރޭސި ބަސް ބޭނުންކުރުމުން އެކުދީން ތިބެނީ ޢިލްމަކީ ކޮން އެއްޗެއްކަން ނޭނގި، އިނގިރޭސި ބަހުގެ ގަވާއިދާއި ލަފުޒުތަކުގެ އިސްޕެލިންގ ދަސްކުރުމުގައި ކޮށިއަރައަރައެވެ. އެ ކުދީން ދެކޭ ގޮތުގައި ޢިލްމަކީ އިނގިރޭސި ދަސްކުރުމެވެ. އެކުދީންނަށް އިނގިރޭސި ބަސް ދަސްވާއިރު ތިބެނީ ޢިލްމާއި ތަޢުލީމުގެ މަތިން ފޫހިވެފައެވެ." މިއަދު ދިވެހީންގެ ޙަޤީޤަތަކީ މިއީ ނޫންތޯއެވެ؟ ދިވެހީން(ގެ ގިނަ ބަޔަކު) ޤަބޫލުކުރާ ގޮތުގައި ތަޢުލީމު ޙާޞިލުކުރުމަކީ އިނގިރޭސި ބަސް ދަސްކުރުމެވެ. މި ކަމުގެ ސަބަބުން ޢިލްމު ޙާޞިލުކުރާނެ ފުރުޞަތެއް ދަރިވަރުންނަކަށް ނުލިބެއެވެ. މިސާލަކަށް ފުރަތަމަ ދުވަހު ކްލާހަށް އިނގިރޭސި ކިޔަވައިދޭން ވަންނަ މުދައްރިސް މަދު ދެތިން ލަފުޒާއި ސަލާމްކުރާނެ ގޮތް ދަސްކޮށްދޭން މަސައްކަތްކޮށްފައި ނުކުންނަ ތަނުން ތިމާވެށީގެ ޢިލްމު ކިޔަވައިދޭން ވަންނަ މުދައްރިސް އިނގިރޭސިބަހުން ތިމާވެށީގެ ޢިލްމުގެ މަޢުލޫމާތު 7 އަހަރުގެ ތުއްތު ކުއްޖާގެ ސިކުނޑިއަށް ފުރިހަމައަށް ވައްދައިދޭނެ ގޮތެއް ތިޔަ ބޭފުޅުން ނިކަން ވިދާޅުވެބައްލަވާށެވެ. ގްރޭޑް 6، 7 ގައި އުޅޭ، އަދި ރަނގަޅަށް އިނގިރޭސި ބަސް ދަސްނުވާ ޅަ ކުދިބަޔަކަށް، ބޭރު ބަހަކުން ދިވެހި ސަގާފަތާއި ދިވެހި ތާރީޚު (އިޖްތިމާޢީ ޢިލްމު) އުނގަންނައިދޭނީ އަޅެ ކޮން ގޮތަކުންހެއްޔެވެ؟ ދިވެހި މާޙައުލު ނުދަންނަ ބިދޭސީ ޓީޗަރަކުން ރާއްޖެއަށް އަލަށް އައިސް ކިޔަވައިދޭއިރު، (ނުވަތަ ދިއްސަކު ނަމަވެސް) އިނގިރޭސި ބަހުން "މޮހަމެޑް ތަކުރުފަނޫ - ދަ ގްރޭޓް"އޭ ބުނުމާއި، ދިވެއްސަކު ދިވެހިބަހުން "ޣާޒީ ބަންޑާރައިން"ނޭ ނުވަތަ "އުތީމު މަހާރަދުން"ނޭ ބުނުމުން ހިތަށް ވަންނާނީ އެއް ކަހަލަ ޝުޢޫރެއްތޯ އެވެ؟ ސްކޫލް ނިންމައިފައި މުޖްތަމަޢަށް ނުކުންނަ ކުއްޖާއަށް ރާއްޖޭގެ ޖޯގުރާފީއާއި ތާރީޚާ ބެހޭ ސުވާލަކަށް ޖަވާބު ނުދެވެނީ މިހެން ވެގެން ނޫންތޯ އެވެ؟ ހުރިހައި މާއްދާއަކުން ފަޚުރުވެރި "އޭ" ހޯދައިގެން ސާނަވީ ތަޢުލީމު ނިންމައިފައި ނުކުންނަ ގިނަ ކުދީންނަށް އެއްވެސް ބަހަކުން ފުރިހަމަޔަށް ޢިބާރާތްކޮށްލަން ނޭނގިގެން އުޅެނީ ކީއްވެގެންތޯ ސުވާލު ނޫފެދޭތޯއެވެ؟ ދިވެހި ތާރީޚާއި ދިވެހި ސަގާފަތާއި ދިވެހީން އިހު އުޅުނު ރީތި ގޮތްތަކާ ދިވެހީން ބީރައްޓެހިވުމުގެ ސަބަބަކަށް މިކަން ނުވާނެތޯ އެވެ؟ ޤައުމަށްޓަކައި، މިކަންކަމާމެދު އަޅުގަނޑުމެން ތަންކޮޅެއް އަބުއިކޮށް ވިސްނާކަށް ނުވޭތޯއެވެ؟ ޤައުމީ ނަޒަރަކުން މިކަންކަމާމެދު އަޅެ ފިކުރުފުޅު ހިންގަވައިލަބައްލަވާށެވެ! ޙަޤީޤަތުގައި މިއަދު ސްކޫލްތަކުގައި ކިޔަވައިދެނީ ދަރިވަރުން މޮޅުކުރާކަށް ނޫނެވެ. ގިނަ ބެލެނިވެރީން ވެސް ބޭނުންވަނީ ކުދީން މޮޅުކުރާކަށް ނޫނެވެ. ގިނަ "އޭ" ތަކެއް ހޯދާށެވެ. މި އަމާޒަށް ވާޞިލުވުމަށްޓަކައި ގްރޭޑް 8 އިން ފެށިގެން ދަރިވަރުންނަށް ކިޔަވައިދޭނީ ސުވާލުކަރުދާހާއި ސުވާލުތަކުގެ ޖަވާބެވެ. ވޭތުވެ ދިޔަ 5 އަހަރުގެ ސުވާލުކަރުދާސް ޖަވާބާއެކު ފަރިތަކޮށްލެވިއްޖެ ނަމަ އިމްތިޙާނުގައި ރަނގަޅު ނަތީޖާ ލިބޭނެކަން ތަޖުރިބާކާރު މުދައްރިސުންގެ "އަގުހުރި" ތަޖުރިބާއިން ވަނީ ހާމަވެފައެވެ. މި ފަދަ އެތައް ޙަޤީޤަތްތކެއްގެ މައްޗަށް ރިޢާޔަތްކުރައްވައި، އިންޑިޔާގެ މަދަރުސާތަކުގެ ޤައުމީ މުޤައްރަރާ ބެހޭ ފޮތަކަށް ޙަވާލާދެއްވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލާރ ޑރ. ޙަސަން ޙަމީދު ލިޔުއްވައިފައިވާ ލިޔުއްވުމެއް ވެސް ކުރިން މި ދެންނެވި އިސްޓޯލުގައި ފެންނަން ހުއްޓެވެ. އޭގައިވެއެވެ. "ކުޑަކުއްޖެއްގެ ވިސްނުމާއި ޝުޢޫރުތަކާއި ރޫޙީ ކުރިއެރުމަށް އެންމެ އަސަރުގަދަކުރުވާ ބާރަކީ މާދަރީ ބަހެވެ. މާދަރީ ބަސް މާދަރީ ބަހަކަށް ވަނީ (އެއީ) މަންމަގެ ބަހަށް ވާތީކީ ނޫނެވެ. މަންމަ ފަދައިން، ދަރިއެއްގެ ވިސްނުމާއި ޝުޢޫރަތައް ބައްޓަންކުރާ އެންމެ މުހިންމު ވާސިޠާއަށް އެ (ބަސް) ވާތީއެވެ. އެ ކުދީންނަށް ދޭހަވާ އެއްޗަކާއި، ދޭ އިޖާބައާއި އީޖާދީ ޙަރަކާތްތަކާއި ވިސްނުމާއި، ކަންކަން ތަޙުލީލުކުރުން އެންމެ މަތީ ފެންވަރަކަށް ތަރައްޤީކުރެވެނީ މާދަރީ ބަހުންނެވެ. ވީމާ، އެންމެ އެދެވޭ ގޮތަކީ ކިޔަވައިދިނުމުގެ ހުރިހައި ފިޔަވައްސެއްގައި ބޭނުންކުރާ ބަހަކީ މާދަރީ ބަހަށް ހެދުމެވެ." ޑޮކްޓަރ ޙަސަން ޙަމީދުގެ އެހެން ޢިބާރާތެއް ވެސް މި ދެންނެވި އިސްޓޯލުން ފެންނަން ހުއްޓެވެ. "ދިވެހިރާއްޖޭގައި ކިޔަވައިދިނުމުގައި ދިވެހިބަސް ބޭނުން ނުކުރުމަކީ ޤައުމީ ނަޒަރަކުން ބަލާއިރު ނުހަނު ހިތާމަކުރަންޖެހޭ ކަމެކެވެ. އަޅުގަނޑުގެ ނަޒަރުގައި ޒުވާން މުޖުތަމަޢަށާއި، ދިވެހި ގޮތްތަކަށް، ބީރައްޓެހިކުރުވާ އެއް ސަބަބަކީ މިއީ އެވެ. ރާއްޖޭގައި ކުށްކުރުން ހަމައިން ނެއްޓިގެންދާ އެއް ސަބަބަކީ ވެސް މިއީއެވެ." ޕާކިސްތާނުގެ ޢިލްމުވެރިއެއް ކަމުގައިވާ ޕްރޮފެސަރ މިރްޒާ ސަލީމް ބެއިގްގެ ޢިބާރާތެއްގައިވެ އެވެ. "ކޮންމެ މީހަކުވެސް ވިސްނާނީ އެމީހާގެ މާދަރީ ބަހުންނެވެ. ތަޢުލީމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭނީ މާދަރީ ބަހުންނެވެ." އަދި ހަމަ ކެރޯލް ބެންސަން ގެ ޢިބާރާތެއްގައި ވަނީ " ތިމާ އާއި ތިމާގެ ދަރީން ދިރިއުޅޭނީ ކޮންތަނެއްގައިތޯ އެ ކުދީން އުފަންކުރުމުގެ ކުރިން ކަނޑައަޅާށެވެ. އެ ކުދީންނައް އެންމެ ތުއްތު އިރުން ފެށިގެން މާދަރީ ބަހެއްގެ ގޮތުގައި ދަސްކޮށްދޭން ވާނީ ތިމާމެން ދިރިއުޅެން ގަސްތުކުރާ މުޖުތަމަޢުގެ މާދަރީ ބަހެވެ. މާދަރީ ބަހަކީ ފަހުން ބަދަލު ކުރެވޭނެ އެއްޗެއްނޫނެވެ." ޑޭލް ކާރނެގީ ވިދާޅުވެފައިވެ އެވެ. " މުޖުތަމައެއްގެ މާދަރީބަސް ނޭނގޭ މީހާ އާއި އެ މުޖުތަމަޢާ ދެމެދު ވަނީ އުސްމިން ނޭނގޭ ވަރުގެ އުސް ފާރެކެވެ." ޓިބެޓްގެ ރޫޙީ ލީޑަރ ދަލައިލަމާގެ ޢިބާރާތެއްގައި ވެއެވެ. " މާދަރީ ބަހަކީ ތިމާމެންގެ އަމިއްލަވަންތަކަމުގެ ބިންގަލެވެ." މި ނޫނަސް ޢިބްރަތްތެރި ޢިލްމީ ކިތަންމެ ޙަޤީޤަތްތަކެއް "ފެކަލްޓީ އޮފް އާޓްސް" ގެ އިސްޓޯލުގައި ފެންނާން ހުއްޓެވެ. މި ޢިލްމީ ޙަޤީޤަތްތަކާމެދު ފިކުރު ހިންގައި އަޅުގަނޑުމެންގެ ވިސްނުން މިހެންވެގެން މި އުޅެނީ ކީއްވެގެންތޯ ޚިޔާލުކުރަން ހުއްޓައި ދުވަހުގެ ޕްރޮގްރާމްތައް ނިންމައި އިނާމު ދިނުމުގެ ޙަފުލާއަށް ވަންނާން ޖެހުނީ އެވެ. އެ ވަގުތު އަޅުގަނޑުގެ ހިތަށް ވެސް އެރީ ކުރިން އަޅުގަނޑު ދެންނެވި ދަރިވަރު ވެސް ހަމަ ކުރި ސުވާލެވެ. މި ޢިލްމީ ޙަޤީޤަތްތައް ދިވެހީންނަށް ޤަބޫލު ނުކުރެވިގެން މި އުޅެނީ ފަހެ ކީިއްވެގެންހެއްޔެވެ؟ "މާދަރީ ބަހުން ކިޔަވައިދިނުމަށް ޖެހިލުންވާނީ ބޭރު ބަހެއް ދަސްކުރުމާއި ޢިލްމު އުނގެނުމާ ދެމެދު ހުރި ތަފާތު ނުދަންނަ މީހުން" ކަމަށް ޢިލްމުވެރީން ވިދާޅުވާއިރު، މި ތަފާތު، "ދިވެހީންނަށް" ވިސްނައިދޭނީ ފަހެ ކިހިނެއްހެއްޔެވެ؟ ---------------- (ނިމުނީ) މި ލިޔުން: ފޮނުވުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) އަލުންބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ ނޫނު. ޖަވިޔަނި., 2011-03-07 07:43:59
މި ވާހަކަތައް ތަކުރާރުކޮށް އިވޭއިރު، މީގެ ބޭނުމެއް ނުވިސްނެއެވެ. ކިޔަވާ ކުދިބަޔަކަށް ބަހުގެ މުހިންމުކަން ވިސްނިއްޖެކަމަށް ހީވިޔަސް، އެއިން ލިބޭ އުފަލަކީ ކޮބައި ހެއްޔެވެ؟ ތަޢްލީމީ ނިޒާމު ބަދަލުކުރެވޭ ހިސާބުގައި ތިބި މީހުންނަކަށްވެސް މި މައުލޫމާތު އަލެއް ނުވާނެކަން ޔަގީނެވެ. އަދި އެއިން ކޮންމެ މީހަކުވެސް މާދަރީ ބަހުގެ މުހިންމު ކަމުގެ ވާހަކަ ލިޔެ އުޅެއެވެ. މިސާލަކަށް، ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ވެސް އެވަނީ އެވާހަކަ ލިޔުއްވާފައެވެ. ނަމަވެސް، އެކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ވިސްނައިދެއްވައި، ދިވެހި ބަހުގެ ހިމާޔަތުގައި ނިޒާމަށް ހެޔޮ ބަދަލެއް ގެނެވިފައި ވޭބާއެވެ. އެހެންކަމުން، މިފަދަ ލިޔުންތަކާއި ސްޓޯލުތައް ސިފަކުރެވެނީ، ތާރީހަށްޓަކައި ކުރެވޭ ދިރާސީ މަސައްކަތެއް ގޮތުގައެވެ. އެއްވެސް ހާލެއްގައި އިސްލާހުކުރުމުގެ ބޭނުމުގައި ކުރެވޭ މަސައްކަތްތަކެއްކަމަށް ހަމަޔަގީނުންވެސް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. މީގެ އެތައް ސަތޭކަ އަހަރެއް ފަހުން ދިވެހި ބަސް ލިޔަންކިޔަން ދަންނަ ބަޔަކު މި ޤައުމުގައި އުޅޭނަމަ، މި ފަދަ ލިޔުންތައް ފެނިފައި، ބަހުގެ ހިމާޔަތަކުގައި ހާދަ ހެޔޮ މަސައްކަތްތަކެއް މިއިން ކޮންމެ ބޭފުޅަކުވެސް ކުރެއްވިއޭ އެމީހުންގެ ހިތަށް އަރައިފާނެ ތޯއްޗެކެވެ.
...
ލިޔުނީ އ. ނ. އ, 2011-03-07 12:14:37
ވައިސްޗާންސެލަރ އަކީ ހަމަ ޙަޤީޤަތުގައި ވެސް ބަހުގެ ލޯބީގައި މަސައްކަތްޕުޅު ކުރައްވާ، ނޫން ނޫން ޖިހާދު ކުރައްވާ ބޭފުޅެއްކަމަށް ދަންނަވާ ހިތްވެ އެވެ. ބަޔަކު އޭނާގެ އަޑުފުޅު އެހުމާއި ނޭހުން އެއީ އަދި މުޅިން އެހެން ކަމެކެވެ. ފެންނަން ހުރި ޙަޤީޤަތްތައް މި ކަމަށް ހެކި ދެ އެވެ. ބައެއް މިސާލު ދަންނަވައިލިޔަ ދެއްވާށެވެ! މާދަރީބަހުގެ ދުވަސް ފާހަގަ ކުރެވުނީ ރާއްޖޭގެ މަދަރުސާއެއްގަ އެވެ. އެ މަދަރުސާގެ ފާރުތަކާއި ބިތްބިތުގައި ދަރިވަރުން ހޭލުންތެރިކުރުވުމަށް، ރަނގަޅު އުޅުންތެރިކަމަށް ހޭނުވުމަށް ލިޔެ ހަރުކޮށްފައިވާ ބޯޑުތައް ގިނަގުނަ އެވެ. އޭން ބޯޑަކުން އެންމެ ދިވެހި އަކުރެއްވެސް ނުފެނެ އެވެ. އެކަން އެތަނަށް ވަޑައިގެންނެވި އެތައް ބޭފުޅުންނެއް ފާހަގަ ކުރެއްވި އެވެ. ކަމުގެ ޙަޤީޤަތް ހޯދައިލުމުން އެނގުނީ އޭގެ ކުރިން އެތާނގައި ހުންނެވި ޕްރިންސިޕަލު ވިދާޅުވެގެން އެތާނގައި ދިވެހި ބަހުން ލިޔެފައި ހުރި ބޯޑުތައް ނެގީކަމުގަ އެވެ. ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ހަރުކަށިކަމަށް ވިދާޅުވެފަ އެވެ. މަޑުމައިތިރިކޮށް ލިޔެވެނީ އިނގިރޭސި ބަހުންކަމަށްވާތީ އިނގިރޭސި ބަހަށް ބަދަލުވީ އެވެ. ދެން ޑރ. ޙަސަންގެ ޚިޔާލުފުޅާއި ފިކުރުފުޅު ތަންފީޒުވާ ޔުނިވަރސިޓީއަށް ބަލައިލަމާތޯ އެވެ. އެތާނގައި ކޮންމެ ނަންބޯޑެއްގައި ތާނައިންލިޔެވެ އެވެ. ދެވޭ ތަޤުރީރުތައް ދިވެހި ބަހުން ދިނުމަށް އެ ފަރާތުން ބާރު އަޅަ އެވެ. މި އަހަރަށް އަލަށް ކުދިން ވެއްދުމަށް އެހެން ހުރިހާ ކޮލެޖެއްގައި Open day ފާހަގަ ކުރި އިރު، ޑރ. ހަސަން ފާހަގަ ކުރެއްވީ ''ފަހި ދުވަސް'' އެވެ.
...
ލިޔުނީ އިބްރާހީމް , 2011-11-08 07:29:29
ދިވެހި ބަހަކީ އިލްމީ ބަހެއްނޫނެވެ! ދިވެހި ބަހުން ކިޔަވައިދިނަސް ފަންނީވާ ހިސާބުން ދެން ހުންނާނީ ހުސް ބޭރުބަހެވެ! އިސްވެދިޔަ ލިޔުމުގައި ވާ ބައެއް ކަންކަމަކީ ނަފްސާނީ އިލްމާއި ފުށުއަރާ ކަންކަމެވެ. ކޮންމެ މީހެއްގެ ހިތުގެ ޝުޢޫރާއި ހިޔާލު އުފެދެނީ އެމީހެއްގެ މާދިރީ ބަހަކުންނޫނެވެ!
...
ލިޔުނީ އަޙްމަދު ޝަރީފު, 2011-11-10 14:06:34
ނޫނެކޭ ބުނުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އުނދަގޫ ކަމަކީ ހެކި ދެއްކުމެވެ. ޙަޤީޤަތް ބަޔާން ކޮށްދިނުމެވެ. ދިވެހި ބަހަކީ ޢިލްމީ ބަހެއް ނޫންކަމަށް އިބްރާހީމު ވިދާޅުވީ 15 އަކުރުންނެވެ. 18 ފިލިންނެވެ. އެހެންވީމާ އެއީ އެހައި ބޮޑު އުނދަގުލަކައި ނުލައި ކުރެއްވިފައިވާ ކަމެކެވެ. އިބްރާހީމަށް ކުރެއްވިފައި ނެތް ކަމަކީ އެ ބުނުމަށް ޢީލްމީ ގޮތުން ހިކި ދެއްކެވުމެވެ. ސާބިތު ކޮށްދެއްވުމެވެ. މި ޒަމާނުގެ ބަސްވާރެއްކަމުގައިވާ، އެޑްވަޑް ފިނެގަން (1999) ވިދާޅުވާ ގޮތުގައި މުއްސަނދިކަމާއި ފަގީރު ކަމުގައި ހުރިހައި ބަހެއް ހަމަ އެވެ. ބަހުގެ ޢިލްމީ ޙަޤީޤަތްތައް ކަށަވަރުކޮށްދޭ ގޮތުގައި ކޮންމެ ބަހަކީ މުއްސަނދި ބަހެއް ކަމަށާއި، ފަގީޜު އެއްވެސް ބަހެއް ނެތްކަން އެއީ ހުރިހައި ބަސްވާރުން އިއްތިފާޤުވެވަޑައިގަންނަވާ ކަމެއްކަމަށް އޭނާ ބަޔާންކުރައްވަ އެވެ. ބަހެއް މުއްސަނދި ވުމަކީ އެހެން ބަހަކުން ކިޔާ ލަފުޒެއް އެ ބަހެއްގައި ނެތުމެއް ނޫނެވެ. 2011ވަނަ އަހަރު އިނގިރޭސި ބަސްފޮތަށް އިތުރު ވި އެއްބަހަކީ ''ރިހާކުރު'' އެވެ. އޭގެ ކުރިން '' އަތޮޅު '' ވެސް ވަނީ ވަދެ ފަ އެވެ. އެއީ އިނގިރޭސި ބަހުގެ ފަގީރުކަމެއް ނޫނެވެ. ދެން އޮތީ މާދަރީ ބަހަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ! އިބްރާހީމް މާދަރީ ބަސް މާނަ ކުރައްވަނީ ކިހިނެއްކަން އެނގިއްޖެއްޔާ އެ އަށް ޖަވާބެއް އެރުވޭތޯ ބަލާނަމެވެ. ނަފްސާނީ ޢިލްމުވެރިއެއްކަމުގައިވާ ޖީން. ޕިއާޖޭ ކަށަވަރު ކޮށްދެއްވާ ގޮތުގައި މާދަރީ ބަހަށް ކޮށިވުމަކީ ކުއްޖާގެ ވިސްނުން ކޮށިވާނެ ކަމެކެވެ. ފިކުރީ ގޮތުންނާއި ބަހަވީ ގޮތުން ނުކުޅެދުންތެރިކަން އުފައްދާނެ ކަމެކެވެ. ޝުކުރިއްޔާ!!
... ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2011-11-17 16:38:03
"ހިތްފަސޭހަކަމާއި، ނިޔާމަކަން ލިއްބައިދޭނެ، ފެރީ ޓަރމިނަލްތައް ޢިމާރާތް ކުރުމަށް ހިންގޭ މަޝްރޫޢު ފުރިހަމަވުން. ބަނދަރުމަތީ ބާޒާރުތަކުގައި ގަނެވިއްކޭ މުދަލުގެ ސަބަބުން، ކުދި ވިޔަފާރީގެ ކާރޫބާރޫ ހިނގާން ފެށުން. ނަތީޖާއެއްގެ ގޮތުން، މީގެ ކުރިން މިއޮއްހާ ޒަމާނު ފީވެ، ފަނާވެދިޔަ އެތަކެއް އުފެއްދުންތައް، އިރުއޮއްސުމުގެ ކުރިން ނޫޓަށް ބަދަލުވެ، ޖީބަށް ވަންނާނެ. އަދި ހަމަ އެދުވަހު، ތިމާގެ އަމިއްލަ ރަށާއި ޢާއިލާގެ ގާތަށް އެނބުރި އާދެވި، ހަލާލު މަސައްކަތުގެ ތިޔާގި ދުވަހަކަށްފަހު، ބާއްޖަވެރި ރެއެއްގެ އަރާމު ނިދީގެ ތެރެއަށް ހިތްހަމަޖެހުމާއެކު ގެނބިގެން ދެވޭނެ." މިވެސް ދިވެހި ދަރިއެއްގެ ޢިބާރާތް ކުރުމެއް. ވިސްނާށެވެ. މި ޢިބާރާތް ކޮޅުގައި "ފެރީ ޓަރމިނަލް" ގެ ބަދަލުގައި "ފެރީ ގިމަތަ" ނުވަތަ "ދަތުރު ވެހި" ފަދަ އިބާރާތެއް ބޭނުން ކުރެއްވި ނަމަ، ދިވެހިވަންތަ އަސަރު އިތުރަށް ފުރިހަމަ ވެގެން ދާނެކަމަށް އަޅުގަނޑު ދެކެނީ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|