މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އުފެއްދުންތެރި ލިޔުން ނުވަތަ "ކްރިއޭޓިވް ރައިޓިންގ" |
|
|
| ދިވެހި - މާދަރީބަސް | |||
| 08 މާރޗް 2011، 19:33 އަންގާރަ | |||
|
މައިމޫނާ ޙުސައިން، ބ. ތުޅާދޫ އުފެއްދުންތެރި ލިޔުމަކީ ކޮބާ؟ އުފެއްދުންތެރި ލިޔުން ނުވަތަ ކްރިއޭޓިވް ރައިޓިންގ އަކީ ތިމާގެ އަމިއްލަ ޚިޔާލަށް އެއްޗެއް ނުވަތަ އެއްޗެތިތަކެއް ލިޔެ އުފެއްދުމެވެ. އެއްޗެއްގެ އަޞްލު ނުގެއްލޭގޮތަށް (އެހެންނަމަވެސް އެއާ ގުޅުންބޮޑު) އޭގެ ކުރިން އެއެއްޗަކާ މެދު ހުށަހަޅައިދެވިފައި ނުވާ ފަދަ އާދަޔާ ޚިލާފު އުފެއްދުންތެރި ޚިޔާލުތަކެއްގެ މައްޗަށް ބިނާކޮށްގެން ހުށަހަޅައިދެވޭ ލިޔުމެކެވެ. އިނގިރޭސިބަހުން " ކްރިއޭޓިވް" މި ލަފްޒު ބޭނުންކުރެވެނީ އެއްޗެއްގެ ޙަޤީޤަތާއި އަޞްލާ އަރައިރުންނުވާ އެކަމަކު އާދަޔާ ޚިލާފު ގޮތަކަށް ހުށަހަޅައިދެވޭ ޚިޔާލަކަށެވެ." ކްރިއޭޓިވް"ގެ މާނައަކީ "ނެތުމުގެ ތެރެއިން ވުޖޫދަށް ގެނެސްފައިވާ" އެވެ. އިނގިރޭސިބަހުން " ކްރިއޭޓިވް" މި ލަފްޒު ބޭނުންކުރެވެނީ ކުރީންވެސް ދެންނެވި ފަދައިން އެއްޗެއްގެ ޙަޤީޤަަތާއި އަޞްލާ އަރައިރުންނުވާ އެހެނަސް އާދަޔާޚިލާފު ގޮތަކަށް ހުށަހަޅައިދެވޭ ޚިޔާލަކަށެވެ. އެހެންކަމުން "ކްރިއޭޓިވް" މި ލަފުޒު ރަމްޒުކޮށްދެނީ އުފެއްދުންތެރި ލިޔުންތެރިކަމަށެވެ. އުފެއްދުންތެރި ލިޔުންތެރިކަމަކީ އިންސާނާގެ އުފެދުމުގައި ހުންނަ ހުނަރެކެވެ. ޖާނަލިޒަމް (ނޫސްވެރިކަން) ، ސޯސިއޮލޮޖީ (ޢިޖްތިމާޢިއްޔާތު) އެސޭ (މަޒުމޫނުލިޔުން) މިއީ ހައްތާވެސް ކޮންމެވެސް ހާދިސާއަކާ ގުޅުވައިގެން ލިޔާ އެއްޗިއްސެވެ. މިއާ ޚިލާފަށް އުފެއްދުންތެރި ލިޔުމުގެ މޫތައް ލާމެހިފައިވަނީ އިންސާނާގެ ހިތުގެ އިޙްސާސްތަކާއެވެ. އަދި އެއީ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކޮށް ލިޔާ ލިޔުމެކެވެ. އިންސާނާގެ ދިރިއުޅުމުގައި ހިތްތަކަށް ކުރާ އަސަރުތަކާއި އިޙްސާސްތައް އެންމެ އެކަށީގެންވާ ގޮތަށް ފުރާނައެޅިގެން އަދަބިއްޔާތުގެ ތެރެއިން ނެރެ ދެއްކުމަކީ، އުފެއްދުންތެރި ލިޔުންތެރިކަމުގައި ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އުފެއްދުންތެރި ލިޔުންތެރިކަމަކީ ތިމާ ލިޔަން ޖެހިއްޖެ ކޮންމެ ވައްތަރެއްގެ ލިޔުމެއް ވެސް ލިޔުމުގެ ލިޔެލުމުގެ ކުޅަދާނަކަން ލިބިފައިވާ ލިޔުންތެރިކަމެވެ. ފަހަރެއްގައި އެ ލިޔުމެއް ލިޔާއިރު ގެންނަންވީ ތަރުތީބު ރަނގަޅަށް ނޭނގިދާނެ އެވެ. އެކަމަކު ޢިބާރާތްކޮށްލުމަކީ އުދަނގޫ ކަމަކަށްނުވާނެ އެވެ. އުފެއްދުންތެރި ލިޔުމާއި އެހެނިހެން ލިޔުމާ ހުރި ތަފާތު އުފެއްދުންތެރި ލިޔުމަކީ އެއްޗެއްގެ އަޞްލު ނުގެއްލޭގޮތަށް އެހެންނަމަވެސް އެއާ ގުޅުން ބޮޑު އެހެނަސް އޭގެކުރިން އެ އެއްޗަކާ މެދު ހުށަހަޅާދެވިފައި ނުވާ ފަދަ އާދަޔާޚިލާފް އުފެއްދުންތަކެއްގެ މައްޗަށް ބިނާކޮށްގެން ހުށަހަޅައިދެވޭ ލިޔުމެއް ކަމުގައި ކުރިންވެސް ދަންނަވައިފީމު އެވެ. މިފަދަ ލިޔުންތައް ޓެކްނިކަލް ގޮތުން (އެއިން ސީދާ ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެވޭ ލިޔުންތައް) ވަރަށް ތަފާތެވެ. ކިޔާ ކޮންމެ ޢުމުރުފުރައެއްގެ މީހަކަށް ވެސް އޭގެ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކުރެވޭ، (ލިޔުންތެރިޔާ ހުޅުވާލަދީފައިވާ) މަޢުޟޫޢާ މެދު އެ ކިޔާ މީހެއްގެ އަމިއްލަ ނިންމުމެއް ނިންމުމުގެ ފުރުޞަތު މިފަދަ ލިޔުންތަކުން ލިބެއެވެ. މިސާލަކަށް ހަވާސާއެއްގެ ތެރޭގައި ލިޔާ ލިޔުންތަކާއި، ކަމެއް ތަޙުލީލުކުރުމަށްފަހު ލިބޭ ނަތީޖާއެއްގެ މައްޗަށް ލިޔެވޭ ލިޔުންތަކާ ތަފާތު ސިފަތަކެއް ހިމަނައިގެން ނުވަތަ ޝަޚުސިއްޔަތުތަކެއް ހިމަނައިގެން ލިއެވޭ ލިޔުންތަކާއި މިހުރިހާ ބާވަތެއްގެ ލިޔުންތައް ވެސް ކްރިއޭޓިވް ރައިޓްންގެ ތެރޭގައި ހިމެނިދާނެ އެވެ. މި ދެންނެވިި ފަދަ ލިޔުންތައް ޓެކްނިކަލް ލިޔުންތަކާއި ޚާއްޞަ ދާއިރާތަކުން ތަމްރީނުވެގެން ނުވަތަ މަޢުލޫމާތު ހޯދައިގެން ލިޔެވޭ ޕްރޮފެޝަނަލް ލިޔުންތަކާއި ނޫސްވެރިކަމުގައި ބޭނުންކުރާ ބާވަތުގެ ލިޔުންތައް " ކްރިއޭޓިވް" ލިޔުމާ ވަރަށް ވަރަށް ތަފާތެވެ. ނަމަވެސް މި ދެންނެވުނު ޕްރޮފެޝަނަލްގެ މާނަ ވަރަށް ގިނަ ގޮތްގޮތައް ނެގިދާނެއެވެ. ސަބަބަކީ ވާހަކައެއް ލިޔާ މީހަކު، ދިރިހުރި މީހަކާ ނުވަތަ އެކަމާ ބެހޭގޮތުން ލިޔާ ކަމުގައި ވިޔަސް ކޮންމެ ޚިޔާލީ ވާހަކަ އަކީ ވެސް އޭގެ ޒާތުގައި އުފެއްދުންތެރި ލިޔުމުގެ ތެރޭގައި ހިމެނިދާނެ ލިޔުމެކެވެ. އުފެއްދުންތެރި ލިޔުމެއްލިޔާނީ ކިހިނެއް ؟ އުފެއްދުންތެރި ޚިޔާލު ނުވަތަ އުފެއްދުންތެރި ލިޔުމަކީ ޚިޔާލުކުރުމުގެ މިނިވަންކަމުގެތެރެއިން އުފެދިގެން އަންނަ ލިޔުންތެރިކަމެކެވެ. ކޮންމެކަމަކާ ގުޅިގެން ނަމަވެސް ތިމާ އަމިއްލައަށް ލިޔުމެއް ލިޔަން އެނގުމަކީ އުފެއްދުންތެރި ޚިޔާލުގެ މައިގަނޑު އެއް ކަންތަކެވެ. މިސާލަކަށް މިވެނި ވައްތަރެއްގެ ލިޔުމެއް ލިޔާށޭ ބުނުމުން އިތުރު ސުވާލެއް ނެތި އަމިއްލައަށް އެ ލިޔުމެއް ލިޔަން އެނގުމަކީ ލިޔުންތެރިކަމުގެ ހުނަރުވެރިކަން ގެންދަން ބޭނުންވާ ފެންވަރުކަމަށް ވަނީ ނަމަ، އުފެއްދުންތެރި ލިޔުން ލިޔުމަށް ތަރުޙީބުދީ އިސްކަންދިނުން ވަރަށް މުހިއްމެވެ. ޢިބާރާތެއް ލިޔާއިރު އަޑުއަހާ މީހާއަށް ވިސްނޭ ގޮތަށް ތިމާ ބުނަން ބޭނުންވާ އެއްޗެއް އޭގެ އަސަރާއެކު ނަގައިގަނެވޭ ގޮތަށް ޖުމްލަތައް ޢިބާރާތް ކުރަންވާނެ އެވެ. އަދި ބުނަން ބޭނުން ނުވާ އެއްވެސް ވާހަކައެއް ހިމަނައިގެންނުވާނެ އެވެ. އެހެން މީހުން ކިޔާހިތްވާ އަދި މޮޅު އުފެއްދުންތެރި ލިޔުމެއް ލިޔެވޭނީ ލިޔުންތެރިޔާ އަށް އެނގޭ ނުވަތަ ތަޖުރިބާކުރެވިފައިވާ ކަމަކުންނެވެ. މިސާލަކަށް ހިތްދަތިކަމުގެ ތަޖުރިބާ ކުރެވިފައިވާ މީހަކު ލިޔާ އެއްޗަކާ އެ ކަން ތަޖުރިބާ ކުރެވިފައި ނުވާ މީހާ ލިޔާ އެއްޗަކާ ވަރަށް ބޮޑަށް ތަފާތުވާނެ އެވެ. އުފެއްދުންތެރި ލިޔުމުގެ ތެރޭގައި ހިމެނޭ ބާވަތްތައް ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލާއި ވިސްނުން އޭގެ މައްޗަށް ބިނާކޮށްގެން ލިޔާ އަދަބީ ކޮންމެ ލިޔުމެއް އުފެއްދުންތެރި ލިޔުމުގެ ތެރޭގައި ހިމެނެއެވެ. މި ފަދަ ލިޔުންތަކުގެ ތެރޭގައި މި ދަންނަވާ ބާވަތްބާވަތުގެ ލިޔުންތައް ހިމެނިދާނެ އެވެ. އެއީ: • ޅެން/ ފަރިހި • ލަވަ • ފިލްމުތަކަށް ލިޔެވޭ ސްކްރީން ލިޔުން ނުވަތަ ސްކްރިޕްޓް • ސްޓޭޖް ނުވަތަ ސްކްރީނަށް ލިޔެވޭ ޑްރާމާ ތަމްސީލުތައް • ތަމްސީލް ( އިސްޓޭޖް ތަމްސީލް، ރޭޑިއޯ ތަމްސީލް، ޓީވީ ތަމްސީލް ) ހިމެނެއެވެ. • މީހެއްގެ ވަނަވަރު ހާމަކޮށްދިނުމަށް ލިޔެވޭ އޮޓޯބައެގްރަފީ • ކްރިއޭޓިވް ނޮންފިކްޝަން (ޙަޤީޤީ މަޢުލޫމާތު) ނުވަތަ އުފެއްދުންތެރި ޚިޔާލީ ވާހަކަ (ފިކްޝަން) • ނޮންފިކްޝަން ނުވަތަ ހެތްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް ލިޔާ ޙަޤީގީ ލިޔުންތަކާއި ވާހަކަތައް އުފެއްދުންތެރި ލިޔުމެއް ލިޔާއިރު ވިސްނާންޖެހޭ ކަންތައްތައް އުފެއްދުންތެރި ކޮންމެ ލިޔުމެއްގައި ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލާއި ވިސްނުމަށް ބޭނުންވާ ފަދަ ގޮތްގޮތައް އޭގައި ހިމެނޭ ލަފުޒުތައް އާ ގޮތްތައް ބޭނުންކޮށްހަދައެވެ. އެހެންނަމަވެސް މިފަދަ ލިޔުންތެރިކަމުގައި ވީހައިވެސް ސާދާ ގޮތް ބޭނުންކޮށްގެން އަމިއްލަ ގޮތަށް ލިޔުމަކީ މުހިއްމު ކަމެކެވެ. އެއްވެސް ޙާލެއްގައި އެއްވެސް މީހެއްގެ ލިޔުމެއް ކޮޕީ ނުކުރުމާއި، ބޭނުންވާ ކޮންމެ ވާހަކައެއް ތެދު ބަހުން ބުނުމާއި، ދިގު ލަފުޒު ބޭނުން ނުކުރުމާއި، ބޭނުންކުރެވިދާނެ އާދައިގެ ލަފުޒުތައް ހުއްޓައި އޮޅުންބޮޅުން ހުންނަ ލަފްޒުތައް ބޭނުން ނުކުރުމާއި، ނަންއިތުރާއި ކަންއިތުރު އަދި މަޖާޒާއި، މިސާލާއި ވައްބަސް ގިނައިން ބޭނުންކޮށްގެންނުވާނެ އެވެ. އަދި ލަފުޒުތައް ގޮށްޖަހަމުން ނުލިޔެ، ލިޔާ ކޮންމެ ލަފުޒެއްވެސް ވަކިވަކިން ލިޔުމަށް ސަމާލުކަން ދޭންވާނެ އެވެ. އެއްޗަކާ ބެހޭގޮތުން ލިޔާނަމަ (މިސާލަކަށް ޖޯޑަކާ ބެހޭގޮތުން ލިޔާނަމަ) އެ ޖޯޑު ސިފަކުރާ އިރު ސިފަކުރަންޖެހެނީ އެއާ ދޭތެރޭ ތިމާ ދެކޭގޮތެވެ. ދެކޭގޮތް ލިޔާއިރު ލިޔަންވީ އެއެއްޗަކާ ބެހޭގޮތުން ތިމާއަށް ކުރާ އިޙްސާސްތަކެވެ. މީހަކާ ބެހޭގޮތުން ލިޔާނަމަ އެމީހާގެ އަޞްލު ކިޔައިދޭން ޖެހޭނީ އެހެން އެއްޗެއް ސިފަކޮށްދީގެންނެވެ. (މިސާލަކަށް ދިގު މީހެއް ސިފަކުރާނަމަ ދިގުއެއްޗެއް ސިފަކުރުމާއި، ބުޅިބޮލެއް ނަމަ އެއާއި އެއްސިފަވާ އެހެންއެއްޗެއް ބޭނުންކޮށްގެންލިޔާށެވެ. އެމީހެއްގެ ބޮލުންފެށިގެން ފައިގެ ނިޔަފައްޗާއި ހަމައަށް ވެސް މިދެންނެވި ގޮތްތައް ބޭނުންކޮށްގެން ލިޔެވިދާނެއެވެ.) އެއީ އުފެއްދުންތެރި ލިޔުމެއް ލިޔާ މީހެއްގެ ގައިގައި ހުންނަންޖެހޭ ސިފައެކެވެ. ލިޔުންތެރިކަމުގެ ފަންނުގެ ތެރެއަށް ވަނުމަށް ފުރަތަމަ އުފެއްދުންތެރިކަމުގެ ލިޔުންތައް ގިނައިން ލިޔަންވާނެ އެވެ. މިފަދަ ލިޔުންތައް ގިނައިން ލިޔުމުން އެކި ބާވަތުގެ އަދަބީ ލިޔުންތައް ރީތިކޮށް ޢިބާރާތްކުރެވޭނެ އެވެ. އެހެންކަމުން މި ބާވަތުގެ ލިޔުން އެހެނިހެން ލިޔުންތަކާ ބަހުސްކުރާނެއެވެ. ލިޔުންތެރިކަމުގެ ކޮންމެ ބާވަތެއްގެ ލިޔުމެއް ލިޔާކަމުގައިވިޔަސް ވިސްނައިލާންޖެހޭ 3 ކަމެއް އޮވެއެވެ. އެއީ: • ބޭނުންވާ ކަންތައް ލިޔުމަކުން ހުށަހަޅާނީ ކިހިނެއްތޯ ބެލުން • ކިޔާމީހާ ރުހޭފަދަ ޝައުގުވެރިވާ ފަދަ ގޮތަކަށް ލިޔާނީ ކިހިނެއްތޯ ބެލުން • ބުނަން ބޭނުންވާ އެއްޗެއް އޮޅުންނާރާނެ ގޮތަށް ސާފުކޮށް ބުނާނީ ކިހިނެއްތޯ ބެލުން އުފެއްދުންތެރި ލިޔުންތެރިކަން ޙާޞިލްވުމަކީ ކޮބާ؟ ތިމާގެ ޚިޔާލާއި ވިސްނުމުގައި ހުންނަ އެއްޗެއް، ލިޔުމެއްގެ ސިފައިގައި ހުށަހަޅައިލެވިއްޖެ ނަމަ އެ ލިޔުމެއް ލިޔެފައިވަނީ އަތުރަންވީ އެންމެ ރަނގަޅު ގޮތަށް ކަމުގައި ނުވި ނަމަވެސް އުފެއްދުންތެރި ލިޔުންތެރިކަމުގެ ވަރަށް ބޮޑު ބައެއް އެ އޮތީ ފުރިހަމަ ކުރެވިފައެވެ. މިސާލަކަށް އިޝްތިހާރެއް ލިޔެލަން ޖެހުނު ނަމަވެސް ކާން ބޭނުންކުރާ އެއްޗެއްގެ ބޭރުގައި ލިޔެލާނެ ލޭބަލެއް ލިޔެލަން ޖެހުނަސް ހުއްޓުންއެރުމެއް ނެތި ލިޔުމުގެ ކުޅަދާނަކަން ލިބިިފައި ހުރުމަކީ އުފެއްދުންތެރި ލިޔުންތެރިކަން ލިބިފައި ހުރުމެވެ. -------------------------- (ނިމުނީ) ޙަވާލާ: ކްރިއޭޓިވް ރައިޓިންގ. (2007). ވެބް އިންގްލިޝް ޓީޗަރ. ނެގީ ސެޕްޓެމްބަރ 15، 2010، http://www.webenglishteacher.com/creatie.htm ން. ކްރިއޭޓިވްރައިޓިންގ. (2007). ދަ ޑައުންސް އެފް އެމް. ނެގީ ސެޕްޓެމްބަރ 15، 2010، http://www.teachingideas.co.uk/english/creative.htm ން. ޙަސަން ނިޒާމް.(2004). ދަރިވަރުންގެ ފޮތް ދިވެހި. ގްރޭޑް-11،12 މާލެ:ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒު ޢަބްދުއްރަޝީދު ޢަލީ .(2007). އުފެއްދުންތެރިލިޔުން. ]އަތްމަތީ ކަރުދާސް[. މާލެ: ފެކަލްޓީ އޮފް އެޑިޔުކޭޝަން. އުފެއްދުންތެރި ޚިޔާލު.(1999). ފަތްތޫރަ 249 ، ޞ 3-4 ދިވެހިބަހާ ތާރީޚަށް ހިދުމަތްކުރާ ޤައުމީ މަރުކަޒު. މުޙައްމަދު ވަޙީދު .(2005). ޢިލްމީ ދިވެހި. މާލެ: ފެކަލްޓީ އޮފް އެޑިޔުކޭޝަން. މުޙައްމަދު ވަޙީދު. (2002). ލިޔުންތެރިކަން ކުރިއެރުވިދާނެ، ފަތްތޫރަ 277، ޞ. 23- 25. ދިވެހިބަހާ ތާރީޚަށް ހިދުމަތްކުރާ ޤައުމީ މަރުކަޒު. ވިކިޕީޑިއާ، ދަ ފްރީ އެންސައިކްލޮޕީޑިއާ .(2007). ކްރިއޭޓިވް ރައިޓިންގް. ނެގީ ސެޕްޓެމްބަރ 15، 2010، http://en.wikipedia.org/wiki/Creative_writing ން. ޖޫލިއަން ބާރކެޓް .(1993). ވޯލްޑް ޕަވަރ އަ ގައިޑް ޓް ކްރިއޭޓިވް ރައިޓިންގ ( ސެކަންޓް އެޑިޝަން) އޭ އެން ސީ ބްލެކް ޕަބްލިޝާޒް ލިމިޓެޑް، ލަންޑަން. މި ލިޔުން: ފޮނުވުން: އަލްފާޟިލާ މައިމޫނާ ޙުސައިން، ބ. ތުޅާދޫ އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|