މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ތިޔަ ބޭފުޅުންނަށްޓަކައި (1) |
|
|
| ދިވެހި - މާދަރީބަސް | |||||||||||||||||||||||
| 11 މާރޗް 2011، 00:55 ހުކުރު | |||||||||||||||||||||||
ބަހުގެ ދަރަޖައިގެ ފުރަތަމަ ފިލާވަޅު:ދަރަޖަ ރައްދުވަނީ ޝަޚްޞަށެވެ.![]() 'މުނިސިޕަލްޓީން ނިކުމެގެން އަޅުގަނޑު ހިނގައިގަތީ، ރައީސް އޮފީހާ ދިމާޔަށެވެ! ކުއްލިޔަކަށް ރައީސް އޮފީހު ގޭޓު ހުޅުވިއްޖެ އެވެ. ހެޔޮވަރުގެ މަޑު ދުވެއްޔެއްގައި ނިކުމެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ ކާރުކޮޅެވެ. ކާރުކޮޅު މިސްރާބު ޖެއްސެވީ އިރަށެވެ. ދެން ހުރަވީ ބިލްޑިންގުގެ އިރުން އޮންނަ މަގުން ދެކުނަށް ލަނބައިލައްވައިގެން، ކުރިޔަށްވުރެ ހަރުދުވެއްޔެއްގައި އެވަޑައިގަތްގޮތަށް ވަޑައިގަތީ، މުލިޔާގެ އަށެވެ!'' އެކުވެރި ކިޔުންތެރިޔާ އެވެ! ތިޔަ އިންނެވީ ސުވާލުތަކެއްގެ ތެރޭގައިހެން ހާދަވީވެއެވެ! އެހެންކަމަށްވާނަމަ، އިޒުނަފުޅަށް އެދި ދަންނަވައިލަމުން، އަދި ވެސް އިތުރު ދެ ސުވާލެއް ހުށަހަޅައިލާނަން އިނގޭތޯ އެވެ! ހ. ރައީސުލްޖުމްހޫރިއްޔާގެ ކާރުކޮޅު މުލިޔާގެޔަށް ވަޑައިގަތީ ވަރަށް ހަރު ދުވެލީގައެވެ. ށ. ރައީސުލްޖުމްހޫރިއްޔާގެ ކާރުކޮޅު މުލިޔާގެޔަށް ދިޔައީ ވަރަށް ހަރު ދުވެލީގައެވެ. މި ދެޖުމުލައަށް ބަލާއިރު، ރަނގަޅު ގޮތުގައި ބަހުގެ ދަރަޖަ ބޭނުން ކުރެވިފައިވަނީ ކޮން ޖުމުލައެއްގައިތޯ އެވެ؟ ކާރުކޮޅު ވަޑައިގަތީކަމަށް އޮތް ޖުމުލައިގައިތޯ އެވެ؟ ނުވަތަ ކާރުކޮޅު ދިޔައީ ކަމަށް އޮތް ޖުމުލައިގައިތޯ އެވެ؟ ވިސްނައިލައްވާށެވެ! ދެތިން ގޮތަކަށް ނަތީޖާ އަތުވެދާނެ އެވެ! ފަހަރެއްގައި ތިބާގެ ހިތްޕުޅު ބުނެފާނެ އެވެ! ''ކާރުކޮޅު'' މި ހެން ކިޔުމުން ކާރު އެވަނީ މާތްކުރެވިފައެވެ. އެހެންކަމަށްވާނަމަ، ކާރުވަޑައިނުގަންނަވަންވީ ސަބަބެއްނެތެވެ. ފަހަރެއްގައި ތިބާގެ ހިތްޕުޅު ބުނެފާނެ އެވެ. ކާރުކޮޅު މުލިޔާގެއަށްދާނީ އެވެ. އާންމުކޮށް ކިޔައިއުޅޭއަޑު އިވެނީ އެގޮތަށްވިއްޔާ އެވެ. ހަމަ އެހެންމެ ފަހަރެއްގައި އެނޫން ޚިޔާލުފުޅެއް އުފަންވެދާނެ އެވެ. އާންމުކޮށް ދަރަޖަ ދީ އުޅެނީ އިންސާނުންނަށެވެ. ކާރުކޮޅު، ސަބުމެރިންފުޅު، ކެމިކަލްފޮދު، ސެޓްލައިޓުފުޅު މިހެން ކިޔައިގެން މި ތަކެތި މާތްކުރެވޭނެހެއްޔެވެ؟ އަޑު އަހައިލަން ކަންފަތަށް ހާދަހައި އުނދަގުލެއްވެ. އެހެންވީމާ މާތްކުރެވެންވާނީ ހަމަ އެކަނި މާތްﷲ މާތްކުރައްވައި މި ބިމަށްފޮނުއްވި މާތް އިންސާނާ އެވެ. އެންމެހައި އިންސާނުންނެވެ. ރަޙްމަތްތެރި ކިޔުންތެރިޔާ އެވެ! މިހާރު އަމިއްލަފުޅަށް މައްސަލައިގެ ޙައްލު ތިޔަ ހޯއްދެވީ އެވެ. ރަނގަޅު ޖަވާބު ތިޔަ ދެއްވީ އެވެ. އެކަމަކު ދެން، މި ވީގޮތް އޮޅުން ފިލުވައިލަމާ ހިންގަވާށެވެ! އާދެވެ! ބަހުގެ ދަރަޖައިން ވާހަކަ ދައްކަންފަށާމީހަކަށް އެންމެ ފުރަތަމަ އެނގެން ޖެހޭ އެއްފިލާވަޅަކީ، ދަރަޖަދެނީ އިންސާނާއަށްކަމެވެ. އާދެ! ދަރަޖަ ދެވެނީ ޝަޚްޞަކަށެވެ. މީހަކަށެވެ. އޭނާއާ ގުޅޭތަކެއްޗަށް، ނުވަތަ އޭނާއަށް ނިސްބަތްކުރެވޭތަކެއްޗަށް، ވަކި ހަމައެއްގެ މަތިން، ބައެއްފަހަރަށް ''ކޮޅު'' ބައެއް ފަހަރަށް ''ފުޅު'' ބައެއްފަހަރަށް ''ފޮދު'' އިތުރު ކުރަނީ އޭނާއަށް ދަރަޖަ ދިނުމަށްޓަކަ އެވެ. އެއީ ދަރަޖަ ދެވޭފަރާތަށް ކަމޭ ހިތުމަށް ބަސްބޭނުން ކުރެވޭ ހަމަ އެވެ. އުސޫލެވެ. އެ ގޮތަށް ބަސްބޭނުން ކުރުމުން މާތްކުރެވޭނީ އެތަކެއްޗެއް ނޫނެވެ. ކާރުކޮޅު ކިޔުމުން ކާރު މާތެއް ނުވެ އެވެ. ހިތްޕުޅު ކިޔުމުން ހިތް މާތެއް ނުވެ އެވެ. ރަޙްމަތްތެރި ކިޔުންތެރިޔާ އެވެ! މިހާ ހިސާބުން، ''ކީއްވެ؟'' މި ސުވާލު ތިބާގެ ހިތްޕުޅަށް ވަދެދާނެ އެވެ. އެހެންކަމަށްވާނަމަ، ތިޔަ ސުވާލުގެ ޖަވާބުވެސް ހޯދައިލަމާ ހިންގަވާށެވެ! ޝަޚުޞަށް ދަޖަރަ ދިނުމުގައި ބޭނުން ކުރެވޭ ބަހުގެ ހަމައަކީ އެޝަޚުޞާ އެންމެ ގާތުން ގުޅޭ މާނަވީ ސިފަޔަށް، ނުވަތަ މާއްދީ އެއްޗަކަށް ކޮޅު ނުވަތަ، ފުޅު، ނުވަތަ ފޮދު އިތުރު ކުރުމެވެ. މާނަވީ ސިފައޭ މި ދެންނެވި ބަހުގެ މާނައަކީ، ހިތްވަރުގަދާއޭ ބުނުމުގެ ބަދަލުގައި ހިތްވަރުފުޅު ގަދައޭ ބުނުމަށެވެ. ހިތާމަފުޅު، އުފާފުޅު ފަދަ ލަފުޒުތަކަށެވެ. މާއްދީ ތަކެއްޗޭ މި ދެންނެވީ މޫނުފުޅު، ގަލަންކޮޅު، ކާރުކޮޅު، ލޭފޮދު ފަދަ ތަކެއްޗަށެވެ. ބައެއް މިސާލު:1- ’’ ދެން އެ ފަރުބަދައިން އަޑިވެފައި އެ އޮތް ބޮޑު ހިލައިގެ މައްޗަށް އަރައިވަޑައިގަތުމަށް އުޅުއްވައި އެ މާތް ހަށިކޮޅުން ފޭބި ލޭފޮދުގެ ގިނަކަމުން ވަރުފުޅު ބަލިވެފައިވާކަމުން، ގިނިކަންޏާ އަރާވަޑައިގަތުމަށް ތުރައުފުޅުވެގެން ޠަލްޙަތުގެފާނާއި ޢަލީގެ ފާނާއި.. {1} (ސީރަތުއްނަބަވިއްޔާ(ތިންވަނަބައި)،1937، ޞަފްޙާ 161)‘‘ 2- ’’ކިތަންމެ ވަރަކަށް ބަނޑުފުޅު ހައިވިޔަސް އެއްވެސް މީހަކަށް އެކަމުގެ ޝަކުވާއެއް ނުކުރައްވަތެވެ.{2} ‘‘ (ސީރަތުއްނަބަވިއްޔާ(ތިންވަނަބައި)،1937، ޞަފްޙާ 313) މި ދެ މިސާލާމެދު ވެސް ވިސްނައިވަޑައިގަންނަވާށެވެ! ފުރަތަމަ މިސާލުގައި ''ވަރުފުޅުބަލިވެފައިވާކަމުން'' މި ޖުމުލައިގައި ޝަޚްޞަށް ނިސްބަތްވަނީ ލޭ، ވަރު، ތުރައު މި ތިން ލަފުޒެވެ. ލޭ އެއީ މާއްދީއެއްޗެކެވެ. ވަރު އެއީ މާނަވީ އެއްޗެކެވެ. ތުރައު ނުވަތަ ތުރާ އެއީ މާނަވީ އެއްޗެކެވެ.
ދެވަނަ މި ސާލުގައި ޝަޚްޞަށް ނިސްބަތްވަނީ ''ބަނޑު'' އެވެ. އެހެންކަމުން މި ހަތަރު ލަފުޒުންކުރެ ތިން ލަފުޒުގެ ފަހަތަށް އެވަނީ ފުޅު އިތުރު ކުރެވިފަ އެވެ. ލޭ، މި ނަމުގެ ފަހަތަށް އެވަނީ ފޮދު އިތުރު ކުރެވިފަ އެވެ. މާނައަކީ ކޮބައިތޯ އެވެ؟ ބަނޑުހައިފުޅުވެއްޖެޔޭ ބުނެވޭނަމަ، ދަރަޖަ އެ ދެވެނީ ބަނޑުހައިވި މީހާއަކަށް ނޫނެވެ. އެކަމަކު ދަރަޖަ އެ ދެވެނީ ބަނޑަށެވެ. ސަބަބަކީ އެއްވެސް މީހަކު ބަނޑުހައިވެއްޖެޔޭ ބުނެވޭނަމަ އެ ޖުމުލައިގައި އޭނާއާ އެންމެ ގާތުން ނިސްބަތްވާނެ އެއްޗަކީ، ނުވަތަ ގުނަވަނީ އޭނާގެ ބަނޑުކަމުގައިވުމެވެ. ވަރުބަލިފުޅުވުމަކީ ވެސް ހަމަ މި ކަހަލަ ކަމެކެވެ. އެހެންވީމާ ރަނގަޅު ގޮތަކީ ބަނޑުފުޅުހައިވުމޭ ބުނުމެވެ. ބަނޑުހައިފުޅުވުމޭ ނުބުނުމެވެ. ![]() ނަތީޖާ؛1- އަމީނު ކާރުކޮޅުން ފައިބައިވަޑައިގެންފައި، ކާރުކޮޅުގެ ދޮރު ލައްޕަވައިލެވި އެވެ. 2- ޖަމީލު ގަލަންކޮޅުން ދޯރި ނެންގެވުމަށްފަހު، ދުވަހުގެ ތާރީޚު ނޯޓުކޮށްލެއްވި އެވެ. 3- ފާއިޒާގެ ސަންދޯއްޕުޅުގެ މަތިއެޅިފަހުން ވެސް، އެ ސަންދޯއްޕުޅުގެ ދެފަރާތުގައި މީހުން ސަފުހަދައިގެން ތިއްބެވެ. މި ލިޔުމުން ދަސްފުޅުވީ ކޮން އެއްޗެއް؟އެކުވެރި ކިޔުންތެރިޔާ އެވެ! މި ލިޔުމުން ހަމަ އެކަނި މި ނުކުތާ ހަނދުމަފުޅުބަހައްޓަވާށެވެ! ދަރަޖަ ދެވެނީ އެއްޗިއްސަކަށްނޫނެވެ. ކާރު، ފާރު، ހާރު. ގޮނޑި، މޭޒު، ތަށި، ތެލި، އުނދުޅިޔަކަށް ނޫނެވެ. ދަރަޖަ ދެވެނީ ސަޚްޞަށެވެ. މީހާއަށެވެ. އިންސާނަކަށެވެ! ރައީސުލްޖުމްހޫރިއްޔާގެކާރުކޮޅު ވަޑައިގެންފިޔޭ ބުނުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާގެ ކާރުކޮޅު އަތުވެއްޖެއޭ ނުވަތަ ހިނގައްޖެއޭ ބުނަނީ އެހެންވެގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ކާރޭ ބުނެފިނަމަ ރައީސްގެ ވާހަކަ އެ ދެކެވެނީ އާދައިގެ ދަރަޖައިން،'' އާނ! ހޫނ!'' މި މިންގަނޑުންނެވެ. ވީމާ، ރައީސުލްޖުމްހޫރިއްޔާއަށް ދަރަޖަ ދިނުމަށްޓަކައި އޮތް ހަމަ އަކީ، ރައީސްގެ ކާރުކޮޅޭ ބުނުމެވެ. އެއީން މާތްކުރެވެނީ ރައީސެވެ. ކާރެއް ނޫނެވެ. އިރާދަ ކުރެއްވިއްޔާ މި ސިލްސިލާގެދަށުން ދެން ލިޔެވޭ ލިޔުމެއްގައި ވާހަކަ ދައްކާނީ، ޝަޚުޞަކަށް ދަރަޖަ ދެވޭއިރު، ބައެއްފަހަރަށް، ބޭކަލަކަށް ބައެއް ފަހަރަށް ބޭފުޅަކަށް ބަދަލުވެގެންދާ ދިޔުމުގެ މައްޗަށެވެ! އިންތިޒާރުކުރައްވާނެކަމުގެ އުންމީދުގައިވަމެވެ. ----------------- (ނިމުނީ) ހަވާލާ؛ 1- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން (1937).އައްސީރަތުއްނަބަވިއްޔާ(3ވަނަބައި). ނޮވެލްޓީޕްރެސް،މާލެ. 2- ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން (1937).އައްސީރަތުއްނަބަވިއްޔާ(3ވަނަބައި). ނޮވެލްޓީޕްރެސް،މާލެ. 3- ފޮޓޯ؛ http://www.flickr.com/photos/23905922@N06/3080255646/in/faves-23414411@N02/ މި ލިޔުން: ލިޔުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު) އަލުންބެލުން: '' '' ޝާއިޢުކުރުން: '' '' މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ޙަލީމް, 2011-03-11 02:15:21
އާދަމް ނަސީރުގެއާރޓިކަލް ވަރަށް ތިލަ އިބާރާތުން ވަރަށް ފަސޭހައިން ދޭހަވާގޮތަށް އޮޅުންފިލުވައިދެއްވާފައިވާތީ ޝުކުރިއްޔާ! ހަވާލާދިނުމާއި، ރެފަރެންސިންގް ގެ އުޞޫލު ބޭނުންކޮށްފައިވާތީ ވަކިން ފުރިހަމަ.
...
ލިޔުނީ ޙަލީމް, 2011-03-11 02:18:48
ނަސީރުގެ އާރޓިކަލް ވަރަށް ސާދާވެފައި ފުރިހަމައެވެ. ވަރަށް މުހިންމު މަޢުލޫމާތެއް ވަރަށް ތިލަކޮށް ސާފުކޮށް ބުނެދެއްވާފައިވެއެވެ. ހަވާލާދިނުމާއި ރެފެރެންސިންގްގެ މާތް އުޞޫލު ބޭނުންކުރައްވާފައިވާތީ ވަކިން ފުރިހަމައެވެ.
...
ލިޔުނީ محمد آدم على, 2011-03-12 05:56:50
ދިވެހި ބަހުގެ އުސްތާޒެއް ކަމުގައި ވާ މާދޫގޭ ޢަލީ އަޙްމަދު (رحمه الله) ތާއީދު ކުރައްވާ ކަމަށް ވަނީ ދިވެހިބަހުގައި އައިސްފައިވާ މި ފުޅުތަކާއި ކޮޅުތައް ކަޑާލުމަށެވެ. އަޅުގަޑަށްވެސް ލަފާ ކުރެވެނީ އެއީ ރަގަޅު ގޮތް ކަމަށެވެ. އެއީ މިހާރު މި ފުޅުތަކާއި ކޮޅުތައް ގިނަވެން ގޮސް ލިޔެވިފައި ހުންނަ ބައެއް ޚަބަރު ކިޔަން އުދަގޫ ވެއެވެ.
... ލިޔުނީ މުޙައްމަދު ޢާދިލް ބިން ނޫޙް ބިން ޢަބްދުއްޞަމަދު ބިން މޫސާ ބިން ޒަކަރިއްޔާ ބިން ނޫރައްދީނު., 2011-03-12 14:12:05
محمد آدم على, އެވެ!އެއް ގޮތަކަށް ވެސް ފުޅުތަކާއި ފުޅޫތައް ކަނޑުއްވަން ބާރު ނޭޅުއްވުން އެދެމެވެ.
އުސްތާޛް އާދަމް ނަޞީރު ތިއަކުރައްވާ މިންނެތް މަސައްކަތްޕުޅަށް ހަމަ އައްސަރިބަހާއި ސާބަހެވެ! އުސްތާޛަށް ކުރިއެރުމާއި ފާގަތިކަމަށް އެދެމެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|