މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ބައެއް ލިޔުންތަކުން ފެނުނު "ކުދިކުދި" ކުށްތައް |
|
|
| ދިވެހި - މާދަރީބަސް | |||
| 11 މާރޗް 2011، 14:04 ހުކުރު | |||
|
އެ ކުށްތައް ކުށަށް ވީ ގޮތުގެ ބަޔާން ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ދިވެހިބަހުގެ ހަރުދަނާ ހަމަތަކުގެ ތެރެއިން އައިބައިފިލީގެ ހަމަތަކަކީ، ގިނަ ބަޔަކު އިހުމާލުވެ، ނެތެމުންދާ ހަމައެއް ކަމަށާއި މި ހަމަ ގެއްލިގެން ހިނގައްޖެ ނަމަ އެއީ ބަހަށް ލިބޭ ދެރައެއް ކަމަށް އަޅުގަނޑު "ފަންވަތުގައި" ލިޔެފައި ވާނެ އެވެ.މިއަދު އަޅުގަނޑު މި ލިޔުން މި ލިޔަނީ ފަހުގެ ޗާޕެއްގައި ވެސް މި ހަމަ ހިފަހައްޓައި ލިޔެފައިވާ ތަން ފެނުމުން އެ ވާހަކަ އުފަލާއެކު ފާހަގަކޮށްލުމަށް ޓަކައެވެ. އަދި މިދިޔަ އަހަރު އަޅުގަނޑު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދިވެހިބަހުގެ ހަމަތައް ގެއްލެމުން ނުދާކަމާއި އެކަން އަންނަނީ ރަނގަޅުވަމުންކަން އުފަލާއެކު ފާހަގަކޮށްލުމަށް ޓަކައި ވެސް މެ އެވެ. ދިވެހިބަހުގެ ވަރަށް ގިނަ ހަމަތަކެއްގެ މައްޗަށް އެ ދިރާސާގައި އަޅުގަނޑު ބަލައިލައިފައި ވީ ނަމަވެސް މި ލިޔުން މި ޚާއްޞަކޮށްލަނީ، ހަމަ އެކަނި އައިބައިފިލީގެ މައްޗަށެވެ. އައިބައިފިލީގެ ހަމަތަކަކީ މިއަދު ގިނަ ބަޔަކަށް ވަރަށް ބޮޑަށް އޮޅިފައިވާ ހަމައެއް ނަމަވެސް ޑރ. މުޞްޠަފާ ލުޠުފީ ލިޔުއްވައި 2007 ގައި ޝާއިޢުކުރައްވައިފައިވާ "ކެމްޕޭން" ވާހަކަ ފޮތުން މިފަދަ އިމްލާ ކުށެއް ހާލަކުން ނޫނީ ފެނިފައި ނުވާކަން އުފަލާއެކު ފާހަގަކޮށްލަން ބޭނުންވީއެވެ. އެ ފޮތުގެ ކުށްފިލުއްވީ އެ މަނިކުފާނު ކަމަށް ވާނަމަ ނުވަތަ އެހެން ބޭފުޅެއްކަމަށް ވިޔަސް އެ ބޭފުޅަކަށް އަޅުގަނޑުގެ ހިތުގައި އުފެދިފައިވަނީ ތަޢުރީފާއި މުބާރިކުބާދީ އެވެ. މި ފޮތުން އައިބައިފިލި ހެޔޮ ގޮތުގައި ބޭނުންކޮށްފައިވާ ބައެއް ޖުމުލަތައް ހަމަ އެކަނި މަޢުލޫމާތަށް ޓަކައި މިތާނގައި ނަކަލުކޮށްލަމެވެ. ފުރިހަމަ މިސާލުތަކެއްގެ ގޮތުންނެވެ. "ދެން މި ހިސާބަށް މި ވަގުތު ޖަލްސާ ނިންމައިލީ." (މުޞްޠަފާ ލުޠުފީ(2007)، ކެމްޕޭން، ޞ: 98، ޕެރަ: 5) "އެއީ އެފަދަ ކަމެއް ކުރެވިފައި ވޭތޯ ބެލުމަށް ޓަކައި ވޭތުވެ ދިޔަ ފަސް ވަރަކަށް ދުވަހު......" (މުޞްޠަފާ ލުޠުފީ(2007)، ކެމްޕޭން، ޞ: 135، ޕެރަ: 2) "އެހެންކަމުން ވަސީމު ކެމްޕޭނުގެ ދުވަސްކޮޅުގައި ހިފަހައްޓައިލުމުން އެއް ދޮނުގައި ދެބުޅި ޖަހައިލެވުނީ." (މުޞްޠަފާ ލުޠުފީ(2007)، ކެމްޕޭން، ޞ: 98، ޕެރަ: 5) މިދެންނެވި 3 ޖުމުލައިގައި ދަށު ރޮނގަކުން ފާހަގަކޮށްފައި ފެހިކޮށްފައި އެ ވަނީ އައިބައިފިލީގެ ހަމަތައް ހިފަހައްޓަވައި ލިޔުއްވައިފައިވާ ވަރަށް ފުރިހަމަ މިސާލުތަކެކެވެ. މި އުޞޫލަށް އެންމެން ވެސް ތަބަޢަވާނަމަ، ކޮންފަދަތޯއެވެ؟ ޑރ. މުޞްޠަފާގެ މި މަސައްކަތްޕުޅަށް އަދިވެސް އެއް ފަހަރު ތަޢުރީފުކުރާ ވާހަކަ ތަކުރާރުކޮށްލަމެވެ. އަޅުގަނޑުގެ އަޞްލު މައުޟޫޢަކީ ބައެއް ލިޔުންތަކުން ފެނިފައި ހުރި "ކުދިކުދި" އިމްލާ ކުށްތައް ފާހަގަކޮށް އެ ކުށްތައް "ކުށަކަށް" ވީ ގޮތް ހާމަކޮށްލުމެވެ. އެހެންކަމުން އެ ފަދަ ބައެއް ޖުމުލަތައް ނަކަލުކޮށްލަމުން އެ ޖުމުލަތަކުގައި ހުރި މިފަދަ ކުށްތައް ކުށަށް ވީ ގޮތް ހާމަކޮށްލުމަށް އަވަސްވެގަންނަމެވެ. މިފަދަ ތަންތަން ދަށު ރޮނގަކުން ފާހަގަކޮށް ރަތް އަކުރުން ލިޔެފައިވާނެ އެވެ. "އަދި އިސްލާމްދީނުގައިވާ އިޖުތިމާޢީ ރިވެރި ގޮތްތަކާއި އަދި އަޚުލާޤީ ހަމަތަކުގެ ބަދަލުގައި ހުޅަނގުގެ އާދަތަކާއި ގޮތްތައް މާ ފުރިހަމަކަން މުސްލިމުންނަށް ވިސްނާދެމުންނެވެ...." ("ހިދާޔަތުގެ އަލި"، ޢަދަދު: 37، ޞ:3، ކޮލަމް: 1، ޕެރަ: 2) މި ޖުމުލައިގައި އާބާފިލި ޖަހައިފައި އެ އޮތް "ނ"ގައި ޖަހަންޖެހޭނީ އައިބައިފިއްޔެވެ. "ވިސްނާދިނުން" މި ގޮތަށް އޮންނަ ލަފުޒެއް ނަފީކުރާ އިރު، "ވިސްނާއެއް ނުދެއެކޭ" އަޅުގަނޑުމެން ނުލިޔަމު އެވެ. "ނ"ގައި އާބާފިއްޔެއް ނުޖަހަމުއެވެ. ލިޔެ އުޅެނީ "ވިސްނައެއް ނުދެމޭ" އެވެ. އެހެންވީމާ ޢާއްމުކުރާއިރު ނުވަތަ އެކަހެރިކުރާއިރު މި ގޮތަށް އަލިފެއްގައި ފިލިޖެހޭ ތަނތާނގައި (ޢާއްމު ގޮތެއްގައި) ޖަހައި އުޅެނީ އައިބައިފިއްޔެވެ. މިއީ އައިބައިފިލި ބޭނުންކޮށް އުޅޭ އެއް ހަމަ އެވެ. އެހެންވީމާ އެ ޖުމުލަ ލިޔަންވީ ރަނގަޅު ގޮތަކީ "އަދި އިސްލާމްދީނުގައިވާ އިޖުތިމާޢީ ރިވެރި ގޮތްތަކާއި އަދި އަޚުލާޤީ ހަމަތަކުގެ ބަދަލުގައި ހުޅަނގުގެ އާދަތަކާއި ގޮތްތައް މާ ފުރިހަމަކަން މުސްލިމުންނަށް ވިސްނައިދެމުންނެވެ...." މިހެންނެވެ. "ބައެއް މީހުން އެބައި މީހުންނަށް ލިބޭ އަންހެން ދަރިން ދިރިތިއްބާ ވަޅުލައެވެ." ("ހިދާޔަތުގެ އަލި"، ޢަދަދު: 15، ޞ:1، ކޮލަމް: 1، ޕެރަ: 2) މިއީ ވެސް ހަމަ އެ ފަދަ ޖުމުލައެކެވެ. މި ޖުމުލައިގައި އެ އޮތް "ދިރިތިއްބާ ވަޅުލައެވެ." މި ޢިބާރާތުގައި "ބ"ގައި އާބާފިލި ޖަހައިފައި އެ ވަނީ ހަމަޔަކުން ނޫނެވެ. އޮންނަން ޖެހޭނީ އައިބައިފިއްޔެވެ. އެހެނީ "ބ" ގައި އާބާފިލި އޮންނަ ކަމަށް ވާނަމަ އެކަން ނަފީކުރުމަށް ޓަކައި ލިޔަން ޖެހޭނީ "ބ" ގައި އާބާފިލި ޖަހައިގެން "ދިރިތިއްބާއެއް ވަޅެއްނުލައެވެ" މިހެންނެވެ. ނަމަވެސް އެއީ ލިޔެ އުޅޭ ގޮތެއް ނޫނެވެ. ލިޔަނީ "ދިރިތިއްބައެއް ވަޅެއްނުލައެވެ." މިހެން "ބ"ގައި އަބަފިލި ޖަހައިގެންނެވެ. އެހެންވީމާ ކުރިން ދެންނެވި ހަމައިން މި "ބ"ގައި އައިބައިފިލި ޖެހުމަށްފަހު އެ ޖުމުލަ އޮންނަން ޖެހޭ ރަނގަޅު ގޮތަކީ "ބައެއް މީހުން އެބައި މީހުންނަށް ލިބޭ އަންހެން ދަރިން ދިރިތިއްބައި ވަޅުލައެވެ." މިހެންނެވެ. އެހެން ޖުމުލައެކެވެ. "ވޭތުވެ ދިޔަ އަހަރުގެ މައްޗަށް ބަލައިލާ ލޭބާ ޕާޓީން ތައްޔާރުކޮށްފައިވާ 20 ސޮފުހާގެ މައްޗަށް އެކުލެވޭ ބަޔާނުގައި ބުނަނީ..." (އާދަމް ޙަލީމް (2010) ހަވީރު (2 ޖެނުއަރީ 2010)، ޞަފުޙާ: 5، ކޮލަމް 1، ޕެރަ: 3). މި ޖުމުލައިގައި ދަށު ރޮނގުދަމައިފައި އެ އޮތް "ލ" ގައި އާބާފިލި އޮތުމުން އެ ލަފުޒުގެ މަޤާމާއި ވާޖިބު އެބަ ބަދަލުވެ އެވެ. އެ ގޮތަށް އޮތުމުން އެއީ "ލޭބާ ޕާޓީ" އަށް އިތުރު ބަޔާނެއް ގެނެސްދޭ ނަންއިތުރަކަށް ބަދަލުވެގެން ދަނީ އެވެ. ލޭބަރ ޕާޓީ އަކީ ވޭތުވެ ދިޔަ އަހަރުގެ މައްޗަށް ބަލައިލާ ޕާޓީއެއް ކަމަށް މާނަކުރެވެނީ އެވެ. އެކަމަކު ލިޔުންތެރިޔާގެ މަޤްޞަދަކީ އެއީއެއް ނޫންކަން އެ ޖުމުލައިން ދޭހަވެއެވެ. އެ ޕާޓީ އިން ރިޕޯޓު ތައްޔާރުކުރީ ވޭތުވެ ދިޔަ އަހަރުގެ މައްޗަށް ބަލައިލައިގެން ކަމަށް ބަޔާންކުރުމަކީ ލިޔުންތެރިޔާގެ މަޤުޞަދެވެ. އެއީ ލޭބަރ ޕާޓީ އިން ކުރި ދެކަމެއްގެ ވާހަކަ ބަޔާންކުރެއްވުމަށް ގެންނަވައިފައިވާ ޢިބާރާތެކެވެ. އެ ދެ ކަމަކީ ވޭތުވެ ދިޔަ އަހަރުގެ މައްޗަށް ބަލައިލުމާއި ތައްޔާރުކުރުމެވެ. އައިބައިފިލީގެ ހަމަތަކަށް ބަލާއިރު ކަންކުރި ފަރާތް އެއް ގޮތްވުމާއެކު އެއް ކަމެއް އަނެއް ކަމަކާ ގުޅުވައިލުމަށް ބޭނުންކުރާންޖެހެނީ އައިބައިފިއްޔެވެ. އާބާފިއްޔެއް ނޫނެވެ. މި ޙާލަތުގައި އާބާފިލި ބޭނުންކުރެވޭނީ ކަމަކުން ނަން އިތުރެއް ހެދުމަށް ޓަކައެވެ. އެހެންވީމާ، އެ "ލ" ގައި އައިބައިފިލީގެ ބަދަލުގައި އާބާފިލި ޖެހުމުން އެ އޮތީ ލޭބަރ ޕާޓީ އަށް ނިސްބަތްކޮށްފައިވާ ނަންއިތުރަކަށް ބަދަލުވެފައެވެ. މި ދެންނެވި އުޞޫލުން އެ ޖުމުލަ އޮންނަން ޖެހޭ ރަނގަޅު ގޮތަކީ "ވޭތުވެ ދިޔަ އަހަރުގެ މައްޗަށް ބަލައިލައި ލޭބަރ ޕާޓީން ތައްޔާރުކޮށްފައިވާ 20 ޞަފުޙާގެ މައްޗަށް އެކުލެވޭ ބަޔާނުގައި ބުނަނީ..." މިއީއެވެ. އެހެން މިސާލެކެވެ. ދަރިވަރަކު ލިޔުނު އެއް މަޒުމޫނެއްގައި 20 ފަހަރު ތަކުރާރު ކޮށްފައި އޮތް ކުށެކެވެ. "ދިވެހިބަސް ދިރުވާ އާލާކުރުން..." މި ޢިބާރާތެވެ. ދަށު ރޮނގަކުން ފާހަގަކޮށް ރަތްކޮށްފައިވާ "ވ"ގައި އާބާފިލިޖެހީމާ މި ވާ ގޮތަކީ "އާލާކުރުން" މި "ކަމުގެ ނަމަށް" (މަޞްދަރަށް) ސިފަ ގެނެސްދޭ ނަންއިތުރަކަށް ބަދަލުވަނީ އެވެ. ނަމަވެސް އެއީ އެއްކަން އަނެއްކަމާ ގުޅަމުން ގެންދިޔުމަށް ޓަކައި އައިބައިފިލި ޖަހަންޖެހޭ ހަމައިން އައިބައިފިލި ޖަހަންޖެހޭ ތަނެކެވެ. އެހެނ،ީ މަޤްޞަދަކީ "ދިރުވުމާއި" "އާލާކުރުން" ބޭނުންވާ ވާހަކަ ބުނުމެވެ. ކަންކުރި ފަރާތް އެއް ގޮތްވުމާއެކު އެއްކަމެއް އަނެއް ކަމަކާ ގުޅަމުން ގެންދިޔުމުގައި އައިބައިފިލި ޖަހަންޖެހޭ އުޞޫލުން އެ ޢިބާރާތް އޮންނަން ޖެހޭނީ "ދިވެހިބަސް ދިރުވައި އާލާކުރުން..." މިހެންނެވެ. "ވ" ގައި އައިބައިފިލި ޖަހައިފައެވެ. (އައިބައިފިލީިގެ ހަމަތައް، ފަންވަތުގައި އަޅުގަނޑު ލިޔުނު އެހެން މަޒުމޫނެއްގައި ތަފްޞީލާއެކު ބަޔާންކޮށްފައި ވާނެ އެވެ.) ބަހުގެ ހަމަތައް އެނގޭ މިންވަރު ބެލުމަށް މި ދިޔަ އަހަރު އަޅުގަނޑު ކުރި ދިރާސާއެއްގައި ބައިވެރިވި މީހުންގެ ތެރެއިން 20 އަހަރުން ދަށުގެ މީހުންގެ އުމުރުފުރާގައި އާބާފިއްޔާއި އައިބައިފިލީގެ ހަމަތައް އެއް ގޮތަކަށް ނޭނގޭ މީހުންގެ ނިސްބަތަކީ %25 އެވެ. ފުރިހަމަޔަށް އެނގެނީ %12.5 މީހުންނަށެވެ. %37.5 މީހުންނަށް މި ހަމަތައް ފުދޭ ވަރަކަށް އެނގޭ އިރު %25 މީހުންނަށް ހިސާބަކަށް އެނގެ އެވެ. 40 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންގެ ތެރެއިން އާބަފިއްޔާއި އައިބައިފިލީގެ ހަމަތައް ފުރިހަމަޔަށް އެނގެނީ އެންމެ %8 މީހުންނަށެވެ. %30 މީހުންނަށް ފުދޭ ވަރަކަށް އެނގެ އެވެ. އަދި %38 އިންސައްތަ މީހުންނަށް ހިސާބަކަށް އެނގެއެވެ. މި ހަމަ، އެއް ގޮތަކަށް ވެސް ނޭނގޭ މީހުންގެ އިންސައްތަ އަކީ %24 އެވެ. މި ނަތީޖާ އަށް ބަލާ އިރު، ހިތާމަކުރާކަށް ނުޖެހެ އެވެ. އުންމީދު ބޮޑެވެ. ބަހަށް ލޯބިކުރައްވާ އެދުރުންނާއި ބަސްވާރުން ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން މިކަންކަން އިތުރަށް ރަނގަޅުވެގެން އައުމަކީ އަޅުގަނޑުގެ ވަރަށް ފޮނި އުންމީދެކެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދިވެހިބަހާއި ތާރީޚާ ބެހޭ މަރުކަޒުންނާއި ލިޔުންތެރީންގެ ގުޅުމުންވެސް ދިވެހިބަހަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ކަމީ މި އުއްމީދަށް އިތުރު ބާރެއް ލިބޭ ކަމެކެވެ. ------------------ (ނިމުނީ) ޙަވާލާ: ޙުސައިން ބުނި މޫސަލްމަޙްލީ. (1347). ތުޙުފަތުލްއަދަބިއްޔާ ލިޠުލާބި ލުޣަތިލްމަޙަލްދީބިއްޔާ. ކޮލޮމްބޯ: އަލްމަޠުބަޢަތިލްޙަމީދިއްޔަތިލްވާޤިޢަތި ފީ ކުލުމްބޫ އާދަމް ޙަލީމް. (2010). ހަވީރު (2 ޖެނުއަރީ 2010)، ޞަފުޙާ: 5، ކޮލަމް 1، ޕެރަ: 3). މުޞްޠަފާ ލުޠުފީ. (2007). ކެމްޕޭން. (ޗާޕުކުރިތަން އެނގޭކަށް ނެތް) ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2004). ދިވެހިބަހުގެ ޤަވާއިދު،1،2،3،4، މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު މި ލިޔުން: ފޮނުވުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިޔެއް) އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ Samaaa, 2011-03-11 11:13:09
ތީ ކުދިކުދި ކުށްތަކެކޭ ހީވިޔަސް ހަމަ ބޮޑެތި ކުށްތަކެއް. ޙަޤީޤަތުގައި ކަން އޮންނަ ގޮތާއި ހަމަތައް ބަލަން ގިނަ މީހުން ބޭނުން ނުވަނީ. އިނގިރޭސިބަހުން ލިޔާއިރު ކުށެއް ލިޔެދާނެތީ އެންމެންވެސް ޖެހިލުން ވަނީ... ރަނގަޅު ވާހަކަތަކެއް
...
ލިޔުނީ ސަމީރު, 2011-03-12 04:12:13
އަޒީ ގެ މަސައްކަތަށް އައްސަރިބަހާއި ސާބަސް އަރިސް ކުރަމުން، އަޒީގެ އަރިހުން އަޅުގަނޑު އޮޅުން ފިލުވާލާ ހިތްވަނީ: " ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު" ތޯއެވެ، ނުވަތަ މިހާރުވެސް ނަންބޯޑުގައި ވާ ގޮތަށް " ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު" ތޯއެވެ. އަޅުގަނޑަށް ވިސްނިފައިވާ ގޮތުން ރަނގަޅު ގޮތަކީ ޤުރްއާނާއި ބެހޭ މިހެންނެވެ. ނަމަވެސް މި ގަވައިދަށް ބަދަލެއް ވަނީ "ގެނެސްފަޔޯ". ސާފު ކޮށް ދެއްވުން އެދި ޝުކުރުދަންނަވަން.
...
ލިޔުނީ sAn, 2011-03-13 01:42:05
އަޅުގަނޑު ސަރުކާރުގެ އޮފީހެއްގައި މަސައްކަތްކުރި ދުވަސްވަރު މިގޮތަށް އައިބައިފިލި ނުލިޔެ ހުންނަތަންތަން ވަރަށްގިނައިން ފެނެއެވެ. އަޅުގަނޑަށްލިބޭ ބައެއް ލިޔުންތަކުގައި އެފަދަ ކުށް ފެނިގެން އެވާހަކަ ދެއްކުމުން ބުނަނީ "ތިއީ މިހާރު ލިޔާގޮތޭ"، "މިހާރު ލިޔާނީ ކިޔާ (ވާހަކަ ދައްކާ) ގޮތަށޭ". މިފަދަ ބަސްތައް އިވެމުން ދިޔައެވެ. ދެން އެމީހުން ބުނަމުން ގެންދިޔައީ ލިޔެފައިވާ އެއްޗެއް ރަނގަޅަށް ބަލާށެވެ. ޢިމްލާކުށްފަދަ ކަންކަމަށް ބަލާނެކަމެއްނެތޭ! ދެރަކަމަކީ މިހެންބުނީ ސަރުކާރު މުވައްޒަފުންނަށް ހިންގެވި ދިވެހިބަހުގެ ޤަވާއިދާއިބެހޭ ކޯހެއްގައި ބައިވެރިވެލައްވާފައިވާ އިސް މުވައްޒަފެއްގެ ފަރާތުން އިވުނު ބަހަކަށް ވާތީއެވެ.
...
ލިޔުނީ waaaahaka, 2011-03-14 19:33:16
ai bai fili fiyyakah vaanee kihinehtho eve..thiya fili jahaairu alifeh auto in eba aadhe eve.ehen veema aibai fili thee thaakun thaakun jehey fiyyyeh nooneve.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|