ފަންވަތް ދިވެހި މާދަރީބަސް "ޖެ" އާއި "ފި" އޮޅެނީ އޮޅުންފިލުވާން ބޭނުން ނުވާތީ އެވެ.
ބެލި ޢަދަދު: 813
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
"ޖެ" އާއި "ފި" އޮޅެނީ އޮޅުންފިލުވާން ބޭނުން ނުވާތީ އެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
13 މާރޗް 2011، 03:13 އާދީއްތަ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ބަސްބުނެ އުޅޭ އިރު ބަހުގެ ހަމަތަކާ ޚިލާފަށް އެކި ލަފުޒު ބޭނުންކުރާ ވާހަކައަކީ މިހާރު ޢާއްމު ވާހަކައެކެވެ. މި ގޮތުން ނޫސްތަކުގައި މިހާރަކަށް އައިސް މި ދެންނެވި "ފި" އާއި "ޖެ" އޮޅުވައިލައިގެން ފަލަ ސުރުޚީތައް ވެސް ލިޔެފައި ހުއްޓައި އެބަ ފެނެއެވެ. މިސާލަކަށް " މުޙައްމަދު، ކޯޓުގައި އެދެފި". "އެދިއްޖެ" ލިޔަންޖެހޭ ތަންތާނގައި މި ގޮތަށް ލިޔެފައި ހުއްޓައި އެބަ ފެނެ އެވެ. "ހިނގައްޖެ"އޭ ބުނަން ޖެހޭ ތަންތާނގައި "ގޮސްފި"އޭ ބުނެ ލިޔެ ކިޔައި ހަދަނީ މަދެއް ކޮށެއް ނޫނެވެ. އެހެނަސް މިއީ ދިވެހިބަހުގައި ވަރަށް ހަރުދަނާ ހަމައަކުން ބަޔާންކޮށްފައިވާ ކަމެކެވެ. މިކަންކަން ނޭނގެނީ އެކަންކަން އޮޅުން ފިލުވައިލާން އެންމެ ކުޑަ މިނުން ފޮތެއްގެ ތެރައަށް ކަޅި ވެސް ނޭއްލާތީ ކަމަށް ވެދާނެ އެވެ! ހިތްޕުޅު ހަމަޖައްސައިލެއްވުމަށް ޓަކައި "ޑްރާމާ"އެއްގެ ތަންކޮޅެއް ވިދާޅުވެބައްލަވާށެވެ! ދަށު ރޮނގުދަމައިފައިވާ (ރަތް ކުލައިގައި ހުރި) ލަފުޒުތަކަށް ސަމާލުކަން ދެއްވައިގެންނެވެ.

ޒުމައްރަދު:     ކޮއްކޯ ކޮބައިތަ މަންމަ؟
ޖީމު:        މަންމަ ގޮސްފި ކުނި ކަހާން.
ޒުމައްރަދު:    ތިބުނީ ކޮންތާކު ކުނި ކަހާ ވާހަކައެއް؟
ޖީމު:        މި ބުނީ ރައްޔިތު އަންހެނުން، މަގު ކުނި ކަހާތަނަށް މަންމަ ދިޔަ ވާހަކަ
ޒުމައްރަދު:    (ހީނލައިފައި) ކޮއްކޮއަށް ނޭނގުނު ދޯ؟ މަންމަ އެ ތަނަށް ގޮސްފައި އައިސްފި އޭ    
ޖީމު:       އެހެންތަ. ނޭނގޭ މަންމަ އައިކަމެއް. އެނގޭތަ ދައްތާ. އެއްކަލަ އާސިޔާ މިއަދު އައިސްފިޔޭ މިގެޔަށް
ޒުމައްރަދު:    ކޮބާ އޭނަ؟ އައީ ކީއްކުރަން؟
ޖީމު:       (ހީނލާފައި) މިހާރަކު ނެތޭ. އައިސްފަ ގޮސްފި.
ޒުމައްރަދު:    އައިސް ކީކޭ ކީ؟ އަނެއްކާ އެދުވަހު ތަން ދޮރު ނުބަލާ އެހާ އެއްޗެހި ގޮވާފަ އަންނާން ކެރިއްޖެ ދޯ؟
އަދި މައާފަށް އެދެން ޖެހޭނޭ ބުނީމާ ވެސް އެ ދުވަހު ބުނީ ދުވަހަކު ވެސް މާފަކަށް ނުވެސް އެދޭނަމޯ؟    ތިމަންނަ އަކީ އެހާ ދަށް މީހެއް ނޫނޯ.
ޖީމު:       މީހުންގެ ހުންނަ ވިސްނުން ދޯ؟ މާފުއެދުމާއި މާފުކުރުމަކީ ދަށް މީހުންނަށް ކުރެވޭނެ ކަމެއް ނޫން. އެއީ ވަރަށް މާތް ސިފައެއް. މާތް މީހުންނަށް ނޫނީ ނުކުރެވޭނެ ކަމެއް.
ޒުމައްރަދު:   ދެން އެ އާސިޔާ އައިސްސަ ކީކޭތަ ކީ؟ އޭނަޔާ ކޮއްކޮ ވާހަކަ ދެއްކިންތަ؟
ޖީމު:      އާނ! ދައްތާ. ދެއްކިން. އޭނާވެސް ބުނީ ކިހިނެއްހޭ ގާތްތިމާގެ ރައްޓެހިން ރުޅިވެގެން ތިބޭނީ.
ޒުމައްރަދު:   ތިހެން ނަމަ އޭނާ މާފަށް އެދުނީހެއްނު؟ އެހެންވީމާ އޭނާ ގޮތް ދޫނުކުރާހައި ހިނދަކު ކީއްކުރަން މި ގެޔަށް ވަންނަންވީކީ؟
ޖީމު:       މާފަށް އެދެފިޔޭ. މަންމަ ގާތުގައިވެސް މަގޭ ގާތުގައި ވެސް ވަރަށް ލަދުން ހުރެ މާފަށް އެދެފި.

އަޑު:       (ތަށި ސަމުސާ ފަދަ ތަކެތީގެ އަޑު ދުރުން)

ޒުމައްރަދު:    މަންމަ އައިސްފިކަން ނޭނގެ. ބަދިގޭގައި އެބައުޅޭ މީހަކު.
ޖީމު:       ދައްތަ ގާތު މަ ބުނީމެއްނު. މަންމަ އައިސްފިޔޭ.
މަންމަ:      (ތަންކޮޅެއް ދުރުން) ކޮބާ އާސިޔާ ދިޔައީތަ؟
ޖީމު:       އާނ! މަންމާ! ދައްތަ ނާންނަނީސް އޭނާ ގޮސްފި. އާސިޔާ ހަމަ ދިޔަތަނާ ދައްތަ އައިސްފި.
މަންމަ:     ދަރިފުޅާ ޒުމައްރަދު! އެއްކަލަ ހަލީމަ ދައިތަގެ އާސިޔާ މި ގެޔަށް ނުވަދެ ހުރެހުރެފަ މިއަދު މިގެޔަށް އައިސްފިޔޭ. އަދި އެދުވަހު ކަމު ދެކޮޅު ނުބަލައި ދަރިފުޅުމެންނަށް އެއްޗެހި ކިޔުނީތީ މާފަށްވެސް އެދެފި. ދަރިފުޅު އަންނަދެން މަޑުކޮށްލާށޭ ބުނީމާ ލައްކަ އިރު ބަދިގެ ފަރާތުގައި އިން. މަންމަ ޖޫސް ވެސް ދިނިން. ޖޫސްތަށި ބޯލައިގެން އިރުކޮޅަކު އިނދެފައި ގޮސްފި.
ޒުމައްރަދު:   ދެން ރަނގަޅުތާ! މަންމާ! ވާހަކައެއް ބުނަންތަ! މަންމަ ހުއްދަ ދޭނަން ދޯ؟
މަންމަ:     އަދި ކަމެއް ބުނީމައެއްނު ހުއްދަދޭން އެނގޭނީވެސް
ޒުމައްރަދު:   އެއީ ހޮނިހިރު ދުވަހު ކަށިދުވަށް ޕިކުނިކުދާ ވާހަކަ. ހުރިހާ ކުދީން އާދޭސްކުރީމާ ވެސް މަންމަ ގާތު ބުނަން ނުކެރިގެން ނުދާން ހުރީ. އެކަމަކު މިއަދު ކުލާސް ޓީޗަރުވެސް އެދެފި. ދެން ނޫނެކޭ ބުނާކަށް ނުކެރުނު.
މަންމަ:     ކުލާހު ހުރިހާ ކުދިން ދަންޏާ ދަރިފުޅުވެސް ޖެހޭނީ ދާންތާ ދޯ؟(އަޑު ހިންދައިލުން)

މި ޑްރާމާގައި "ފި" އާއި "ޖެ" ބޭނުންކޮށްފައި އެ ވަނީ ބަހުގެ ހަމަތަކާ ޚިލާފަށެވެ.

ދިވެހިބަހުގައި ޢާއްމު ގޮތެއްގައި "ރައްދުވާކަން" ނިމިފައި ހުންނަނީ "ފި" އަށެވެ. "ދިވެހިބަސް- ދަރިވަރުންގެ އެހީތެރިޔާ" ގައި ވާ ގޮތުން "ރައްދުވާ ކަމަކީ ، އެ ކަމެއް ކުރުމުން އޭގެ ޢަމަލު، ކަންކުރި މީހާ ނޫން އެހެން މީހަކަށް ނުވަތަ އެހެން އެއްޗަކަށް ރައްދުވާ ކަމެވެ. މިސާލަކީ:- ލިޔެފި (އޭނާ ފޮތެއް ލިޔެފި)، ޖަހައިފި (ޙުސައިނު، ޙަސަން ގައިގައި ޖަހައިފި)، ނަގައިފި (ފާޠިމަތު ތިނޯހެއް ނަގައިފި)" މިއެވެ.
މި މިސާލުތަކަށް ބަލާއިރު އޭނާ ލިޔުނީ ފޮތެކެވެ. ޙުސައިނު ޖެހީ ޙަސަނު ގައިގައެވެ. ފާޠިމަތު ނެގީ ތިނޯހެކެވެ. ކޮންމެ ޢަމަލެއް ވެސް ކަންކުރި ފަރާތްނޫން އެހެން މީހަކަށް ނުވަތަ އެއްޗަކަށް އެބަ ރައްދުވެ އެވެ.
އެހެން ގޮތަކަށް ވިސްނާ އިރު މިއީ ވެދާނެ ޙާލަތުގައި "ފާނެ" އަށް ނިމޭ ކަން، ނިމުނު ކަމަކަށް ބަދަލުވާއިރު "ފި" އަށް ނިމޭ އުޞޫލެވެ.
މިސާލު:  ލިޔެފި –-  ލިޔެފާނެ.  ޖަހައިފި - ޖަހައިފާނެ، ނަގައިފި – ނަގައިފާނެ
 ދެން އޮތީ "ޖެ" އަށް ނިމޭ ލަފުޒުގެ ވާހަކައެވެ. "ދިވެހހިބަހުގެ ބައެއް އެދުރުންގެ ނަޒަރުގައި ކޮންމެ ރައްދު ނުވާ ކަމެއް ނިމުން ލާޒިމުވެގެންވަނީ "ޖ" ވިޔަންޏަކުންނެވެ." (މުޙައްމަދު އަމީން)
"މިސާލު: ތެދުވެއްޖެ (އޭނާ ތެދުވެއްޖެ)، އޮށޯވެއްޖެ (ފައުޒިއްޔާ އޮށޯވެއްޖެ)، ނިދައްޖެ (މުޙައްމަދު ނިދައްޖެ)" މި 3 މިސާލަށް ވިސްނައިލުމުން މިއިން ކޮންމެ ޢަމަލަކީވެސް ކަންކުރި މީހާ ފިޔަވައި އެހެން ފަރާތަކަށް ނުވަތަ އެއްޗަކަށް ރައްދުވާ ކަމެއް ނޫނެވެ. އެ ޢަމަލެއް އޮންނަނީ ހަމައެކަނި ކަންކުރި މީހާއާ ހިސާބުގައެވެ. އެހެން އެއްޗަކަށް ނުވަތަ މީހަކަށް ރައްދުވުމެއް ނެތި އެވެ. ރައްދު ނުވާ ކަމަކީ މިއީ އެވެ.
އެހެން ގޮތަކަށް ވިސްނާ އިރު، ވެދާނެ ޙާލަތުގައި "ދާނެ"އަށް ނިމޭ "ކަން" ނިމެނީ "ޖެ" އަށް ކަން އެބަ އެނގެއެވެ.
މިސާލު: އޭނާ މިހާރު ތެދުވެދާނެ -–އޭނާ މިހާރު ތެދުވެއްޖެ، ފައުޒިއްޔާ އޮށޯވެދާނެ -–ފައުޒިއްޔާ އޮށޯވެއްޖެެ، މުޙައްމަދު ނިދައިދާނެ -–މުޙައްމަދު ނިދައްޖެ
ކަން މިހެން ހުރިއިރު، ހަމައެކަނި ރައްދުނުވާ ކަމާއި ރައްދުވާކަން އެނގުނު ކަމުގައި ވިޔަސް މިފަދަ ކުށްތަކުން ސަލާމަތްވާނެކަން ކަށަވަރެވެ.  މިކަންކަން އޮންނަ ގޮތް އޮޅުން ފިލުއްވައިގެން، ބަހުގެ ހަމަތަކާ އެއް ގޮތްވާ ގޮތުގެ މަތީން ވާހަކފުޅުދައްކަވައި ލިޔުއްވައި ހައްދަވާކަށް ދަތިފުޅެއް ނުވާނެ އެވެ. މިކަންކަން އޮޅިފައި ހުންނަނީ އެކަންކަން އޮންނަ ގޮތް އޮޅުންފިލުވުމުގެ ޝައުޤު ވެސް ޢަމުދުން ނުހުންނާތީ އެވެ.
-------------------
(ނިމުނީ)
ޙަވާލާ:
ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާ (1368 ހ.)
ދިވެހިބަހުގެ ޤަވާއިދު، (2004)


މި ލިޔުން:

   ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   އަލުންބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)Add Comment
...
ލިޔުނީ މުޙަންމަދު, 2011-03-13 05:12:45
އަޚާގެ ލިޔުންވުންތަކަށް ތާރީފުކޮށް މަރުހަބާ ކިޔަމެވެ.
އަޅުގަނޑަކީ އެހެން ދިމާއަކަށް އެހެން ނަޒަރަކުން ވިސްނާ މީހަކަށް ވެދާނެއެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި ދިވެހިބަސް، ދިވެހިތާރީޚު، ދިވެހި ޤައުމިއްޔަތު ދިރުވައި ކުރިއަރުވައި އާލާކުރެވޭނީ އެރޮނގުތަކުން ޝައުޤުވެރިކަމާއެކު މަސައްކަތްކުރެއްވި ހިތްވަރުގަދަ ބޭބޭފުޅުންނަށް ދޭންޖެހޭ ގަދަރު ދީގެންނެވެ. މިކަމާމެދު ދެބަސްވެދާނެ ބޭފުޅުންވެސް ތިއްބެވުމަކީ އެކަށީގެންވާ ކަމެކެވެ.
ޕްރޮފެސަރ މިއީ ދިވެހިންނަށްވެސް މިހާރު އާ ބަހެއް ނޫނެވެ. އާ ނަމެއްވެސް ނޫނެވެ. އެހެންނަމަވެސް، ހިތާމައަކީ ދިވެހިބަހުގެ ޕްރޮފެސަރެއް، ދިވެހި ތާރީޚުގެ ޕްރޮފެސަރެއް ނެތުމެވެ. އެކަމަކު އަޅުގަނޑަށް ގަބޫލުކުރެވެނީ، ދިވެހިބަހުގެ ޕްރޮފެސަރުންނާއި ދިވެހިތާރީޚުގެ ޕްރޮފެސަރުން މިގައުމުގައި މިއަދުވެސް އެންމެރަނގަޅު އަދަދަކަށް ތިބިކަމުގައެވެ. އެބޭފުޅުންނަށް އެގޮތަށް މުޚާޠަބުކުރަން މިއީ އެންމެ މުނާސަބު ވަގުތުކަމަށްވެސް ގަބޫލުކުރެވެއެވެ.
މިފަދަ ބޭފުޅުންކަމަށް އަޅުގަނޑު ގަބޫލުކުރާ ބޭފުޅުންގެ ތެރޭގައި، ޕްރޮފެސަރ ޢަބްދުﷲ ޞާދިޤު، ޕްރޮފެސަރ ޙަބީބާ ޙުސައިން ޙަބީބު، ޕްރޮފެސަރ ކަށިމާ އަޙްމަދު ޝާކިރު، ޕްރޮފެސަރ މުޙަންމަދު ޒާހިރު ނަޞީރު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އަޅުގަނޑުގެ ހިތާމައަކީ، ދިވެހި ބަހާބެހޭގޮތުން، ދިވެހި ތާރީޚާބެހޭގޮތުން، ދިވެހި ޤައުމިއްޔަތާބެހޭގޮތުން ލިޔުންތައް ލިޔުއްވާ ބޭބޭފުޅުން، މިބޭބޭފުޅުންގެ ނަންފުޅުގެ ކުރިޔަށް ޕްރޮފެސަރ ޖައްސަވައިގެން ނުލިޔުއްވާތީއެވެ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ، ބޭރުގެ ނަން މަޝްހޫރު ބައެއް ފަރާތްތަކުން ލިޔުއްވާ ލިޔުންތަކުގައި ބައެއް ބޭފުޅުންގެ ނަންފުޅުގެ ކުރިޔަށް ޕްރޮފެސަރ މިހާރުވެސް އެބަލިޔުއްވައެވެ.
އަޅުގަނޑުމެން، ނަމުގެ ކުރިޔަށް ޑޮކްޓަރ އިތުރުކޮށްގެން މުޚާޠަބުކޮށް އުޅުނު އަދި މިހާރުވެސް އުޅޭ ބައެއް ބޭފުޅުންނަކީ، ޔުނިވަރސިޓީއަކުން ފާހެއް ނަންގަވައިގެން ތިއްބެވި ބޭފުޅުންނެއް ނޫނެވެ. އެކަމަކު އެބޭފުޅުންގެ ޚިދުމަތް ބަލައިގަނެ ޑޮކްޓަރުންކަމަށް ޤަބޫލުކޮށް މުޚާޠަބުކޮށް އުޅެނީ، ނަމުގެ ކުރިޔަށް ޑޮކްޓަރ އިތުރުކޮށްގެން ނޫންތޯއެވެ. އެހެންވީމާ، މިފަދަ ޚިދްމަތްތެރި، ހުނަރުވެރި، ޢިލްމުވެރި، ތަޖުރިބާކާރު ބޭބޭފުޅުންނަކީ ޕްރޮފެސަރުންކަމަށް ގަބޫލުކޮށް، ބަލައިގަނެ ޕްރޮފެސަރ ނުކިޔާންވީ ސަބަބެއް، ނުލިޔާންވީ ސަބަބެއް އެއްގޮތަކަށްވެސް ނެތެއްނޫންތޯއެވެ. އަދި ބޭރުގެ މަޝްހޫރު ފަރާތްތަކުން އެބޭބޭފުޅުން ބަލައިގަންނައިރު އަޅުގަނޑުމެން އެބޭފުޅުން ބަލައިނުގަންނަ ސަބަބަކީ ކޮބައިބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.
...
ލިޔުނީ ސަމީރު, 2011-03-14 06:53:03
އަޒީގެ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އަޅުގަނޑަށް އަރާ އޮޅުމެއް ފިލުވައިދެއްވައިފިނަމަ ނިހާޔަތަށް ޝުކުރުވެރިވާނަމެވެ. މިހާރު ދެން އަޅުގަނޑުގެ އުމުރުގެ ގޮތުން އެދުރެއްގެ ގާތަށް ދާން ޖެހިލުންވާތީ، މިވެބްސައިޓު މެދުވެރި ކުރަނީއެވެ. " ރައްދު ނުވާ ކަމަކީ މިއީއެވެ" ލިޔުއްވާފައިވާ އިރު އޭގެ ކުރީ ޖުމްލައިގައި ވާ ދެ ސަލްބީ ސިފަ (ޑަބަލް ނެގެޓިވްސް) ނެގީމައި ފެންނަނީ " މިއިން ކޮންމެ އަމަލަކީވެސް ކަން ކުރި މީހާ އަށް ރައްދުވާ ކަމެއް" މިހެންނެވެ. ޔައުނީ ރައްދު ވާ ކަމެއްގެ ގޮތުގަ އެވެ. އަޅުގަނޑު ކުރި ކަމަކީ : " މި އިން ކޮންމެ އަމަލަކީވެސް (ކަން ކުރި މީހާ ފިޔަވައި އެހެން ފަރާތަކަށް ނުވަތަ އެއްޗަކަށް )ރައްދުވާ ކަމެއް (ނޫނެވެ.)ނަފީ ކުރާ ބަސް ބްރެކެޓަށް ލުމުން ޖުމްލަ އެ އޮތީ މާނަ ބަދަލުވެފައެވެ. ވީމާ މިވީ ގޮތެއް އޮޅުން ފިލުވައިދެއްވާތޯ ދަންނަވަމެވެ. އަޅުގަނޑުގެ މަގްސަދަކީ އުނގެނުމެވެ. އަޒީއަށް ޝުކުރު ދަންނަވަމެވެ.


...
ލިޔުނީ ސަމީރު, 2011-03-14 07:01:29
މުޙަންމަދު, 2011-03-13 05:12:45 ގެ ވާހަކައިގެ މައިގަނޑު ބަޔަށް އެއްބަސް. ޙަބީބާ، ސޯދިގު، ކަށިމާ ޝާކިރު ފަދަ ބޭބޭފުޅުންގެ މަސައްކަތް ވަޒަން ކުރަންވީ މިއަދު. އެބޭފުޅުން ނިޔާވުމުގެ ކުރިން. ފަހުން އެބޭފުޅުންގެ "ނަމަށް" އެރުވޭ ޝަރަފަކަށް ވުރެ މިހާރު އެރުވޭ ޝަރަފެއްގެ އުފާ މާ މަތިވެރިވާނެ. ނަމަވެސް އެބޭފުޅުން އަމިއްލަފުޅަށް އެކަމެއް ނުކުރައްވާނެ. އެ ލަޤަބަކީ ދައުލަތުން އަރުވަން ޖެހޭނެ ލަޤަބެއް. ނަމަވެސް މުހައްމަދު ތިޔަ ވިދާޅުވާ ޑަކްޓަރުންނަކީ ކޮބައިބާ؟ ޑަކްޓަރަކަށް ނުވެ ނަމުގެ ކުރިޔަށް ޑަކްޓަރ އިތުރުކޮށްގެން އުޅޭ "ޑަކްޓަރެއް" އަޅުގަނޑު ނުދަންނަން. ހަމަ ގައިމު ވެސް އެ މާނާގައި އެކަން އެމީހަކު އަމިއްލައަށް ކުރާ މީހަކު ނުދަންނަން. އެހެން މީހުން ނުރަސްމީކޮށް ކިޔަސް އެމީހަކު އަމިއްލަފުޅަށް ޑޮކްޓަރަކަށް ހެދިގެން އުޅޭ "ޑޮކްޓަރެއް" ނުދަންނަން!
...
ލިޔުނީ މުހަންމަދު, 2011-03-14 11:49:03
އަޚު ސަމީރަށް، މިދެންނެވި ޑޮކްޓަރުންގެ ތެރެއިން އެންމެ މަޝްހޫރު އެއްބޭފުޅަކީ ޑަކުޓަރު އަހަންމައިދީ. މަދުރަސަތުލްއަޙްމަދިއްޔާގެ ބާނީ. ސަރުކާރުގެ ލިޔުންތަކުގައިވެސް ޑޮކްޓަރ އަޙްމަދުދީދީ މިހެން ލިޔެފައި ހުއްޓާ އަޅުގަނޑު ދުށިން އިނގޭތޯ. ޑޮކްޓަރ މުޙަންމަދު މަނިކު ކިހިނެތްތޯ. އަދި މިހާރުވެސް ހާފިޒުކަމުގެ ސަނަދު ނެތް ހާފިޒަކުވެސް އެ އުޅުއްވަނީ ނޫންތޯ. އަޅުގަނޑުމެން މުޤްރީ ކިޔައި އުޅުނު ބޭފުޅަކު އުޅުއްވި ނޫންތޯ.
އަޅުގަނޑު ހުށަހަޅާފައިވަނީވެސް ނުރަސްމީކޮށް މިހާރުއްސުރެ ކިޔަން ފަށަން. ސަރުކާރުން ދިނުމާއި ޔުނިވަރސިޓީން ދިނުމާއި ނުދިނުން އެއީ މުޅިން އެހެންކަމެއް. އެކަން ކުރައްވަން ތިއްބެވި ބަޔަކަށް ފެނިވަޑައިގަތީމާ ދެއްވާނެ. އެއަށްވުރެ މުހިންމުވެފައި މޮޅު އިތުރުކަމަށް ފެންނަނީ ޤައުމު އެމީހަކު އެގޮތަށް ބަލައިގަތުން. ކިތަންމެ މަތީ ތާކުން ފާހެއް ދީފައި ލަގަބެއް އެރުވިޔަސް އެތެރޭގައި ހޮއިހެދިފައި ހުރިއްޔާ ގައުމު ބަލައެއް ނުގަންނާނެ. އެވާނީ ޅޮހަކަށް.
...
ލިޔުނީ ސަމީރު, 2011-03-15 04:59:15
މުހަންމަދަށް ސަލާމް. އަޅުގެނޑަށް އެނގޭ އެޝާރާތް ކުރެއްވީ ޑީ އަހައްމައިދީ އަށް ކަން. އޭނާ އަށް ޑރ ކީ ބަޔަކު ކީ ވަނަމެއްގެ ގޮތުގައި ކަން މުޅި ދިވެހިރާއްޖެ ދަންނާނެ. މިސާލަކަށް ޓޫ ކީލޯ/ ދަނގަނޑޭ ކިޔަނީ އެ ވަނަން ތެދަކަށް ވެގެންނެއްނޫން ދެއްތޯ. ދެން ޑރ މުހައްމަދު މަނިކުގެ ކްލިނިކް ގައި ފެންނަން ހުރޭ ސެޓްފިކެޓް އެއް. ލަންކާގެ ޔުނިވަރސިޓީއެއްގެ "އޯލްޓަރނޭޓީވް މެޑިސިން" ގެ ޑިޕާޓްމެންޓަކުން އޭނާ އަށް އަރުވާފައި. ހެލްތު މިނިސްޓްރީ އަށާއި ސަނަދު ތައް ވަޒަން ކުރާ ބަޔަކަށް ހަގީގަތް އެނގޭނީ. ވަރަށް ސަލާމް.
...
ލިޔުނީ މުޙަންމަދު, 2011-03-16 02:45:26
އަޚު ސަމީރު ފޮނުއްވި ސަލާން ބަލައިގެންފީމެވެ. ޑޮކްޓަރ ތުއްތުމަނިކު ކިޔާ ބޭފުޅަކު އުޅުއްވި ހަނދުމަފުޅު ހުންނާނެކަމަށް ހީކުރަމެވެ. އެހާ ހިސާބުން ޑޮކްޓަރ މުޙަންމަދުމަނިކު ކިޔަން ޖެހުނީ ކީއްވެގެންކަން އެނގިވަޑައިގަންނަވާނެއެވެ. ޑޮކްޓަރ މުހަންމަދު އިބްރާހީމް އެމް.ޑީ (އޭ.އެމް) ޖައްސަވައިގެން ކާޑެއް ހައްދަވައިގެން އޯލްޓަނޭޓިވް މެޑިސިންގ ސްޕެޝަލިސްޓެއް އެބައުޅުއްވައެވެ. މީހުން ޑޮކަޓަރެކޭ ކިޔައެއް ނޫޅެއެވެ. ތިޔަ ވިދާޅުވާކަހަލަ ސެޓްފިކެޓް ބައިވަރު އެބޭފުޅާގެ އަތްޕުޅުގައި އެބަހުއްޓެވެ. ޑީ.އަހްމަދު ދީދީ އޭ އެންމެ ފުރަތަމަ ލިޔުނީ ޑޮކްޓަރޭ ލިޔަނިކޮށް ވަރަށް ޚާއްޞަ ބޭފުޅަކު އެހެން ނުލިޔަން ވިދާޅުވެގެން އެބޭފުޅާއަށް ފޮނުއްވި ކާޑެއްގައި ޑީ.އަޙްމަދު ދީދީ ލިޔުނީ އަޅުގަނޑުގެ އަތުންނެވެ. އޭގެފަހުން ސަރުކާރުގެ ލިޔުންތަކުގައި ޑީ އަހްމަދުދީ ދީދީ ލިޔަން ފެށުނީއެވެ. އޭގެކުރިން ލިޔަނީ ޑޮކްޓަރ އަޙްމަދު ދީދީއެވެ. ވަނަމަކަށް ކިޔަސް އެހެންގޮތަކަށް ކިޔުނު ކަމަށްވިޔަސް ސަރުކާރުންވެސް އެހާ ހިސާބަށް ބަލައިގަތީ ޑޮކްޓަރ އަހްމަދުދީދީ ގެ ގޮތުގައެވެ.
...
ލިޔުނީ ސަމީރު, 2011-03-16 06:07:18
އަޚް މުހަންމަދަށް ސަލާމުގެ އިތުރުން ޝުކުރުވެސް ދަންނަވަން. ތިޔަ ވިދާޅުވި ހިސާބަށް ކަންތައް ދިޔަ ކަމެއް ހަމަ އެއްގޮތަކަށްވެސް ނުދެނަހުރީމެވެ. ސާފު ކޮށްދެއްވީތީ ޝުކުރުވެރިވަމެވެ. އަޅުގަނޑުވެސް ބޮޑަށް ބޭނުމީ މި ވެބްސައިޓުން ދިވެހިބަހުގެ އިލްމު އިތުރަށް އުނގެނުމެވެ. ސެޓްފިކެޓް ނެތް ޑަކްޓަރުންގެ ވާހަކަ ދެން ނިންމާލަމާތޯއެވެ. ދިވެހި ބަހުގެ ޔަތީމު ކަމާ މެދު(އަޅާލާނެ މީހަކު ނެތުމުގެ އިހްސާސް ބޮޑުކަމުން މިހެން ލިޔެވުނީ) ހިތާމަ ކުރެވޭ ވަރުން މި ވެބްސައިޓަށް ވެސް 'ޒިޔާރަތް ކުރެވެނީއެވެ" ވަރަށް ސަލާމް!

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 813
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone