މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ދިވެހި ޅެންވެރިކަމަށް ކަޅިއެއް |
|
|
| ދިވެހި - މާދަރީބަސް | |||
| 17 މާރޗް 2011، 01:14 ބުރާސްފަތި | |||
|
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ކޮންމެ ޅެމަކަށް ވެސް ރީތި ލަވަަޔަކަށް ވެވިދާނެ އެވެ. ނަމަވެސް ކޮންމެ ލަވައެއް، ޅެމަކަށް ނުވާނެ އެވެ. އެހެނީ ލަވައަކީ އަޑުގެ, އެއް ގޮތްކަން ހިމެނޭ، އަޑުގެ ބައިތަކެއް (ރާގެއް) ގެ މައްޗަށް ބިނާކޮށް ހަދާ އެއްޗެކެވެ. އަދި އޭގެ ސަބަބުން އަޑުއަހާ މީހުން އެ ބައި މީހުންގެ ވަށައިގެންވާ ވެށި ހަނދާންނައްތުވައިލާ ފަދަ އަޑެއްގެ މައްޗަށް ބިނާކުރެވިފައިވާ އެއްޗެކެވެ. ނަމަވެސް މިޔާ ޚިލާފަށް ޅެމަކީ މާނަ ފުން ބަސްތަކަކާއި އަކުރުތަކަކުން އެކުލެވިފައިވާ މާ ޢިލްމީ އެއްޗެކެވެ. އާދައިގެ މީހުންގެ ކުރިމަތީގައި ލަވައިގެ އަގު ބޮޑަސް ޢިލްމީ އަދަބީ މީހުންގެ ކުރިމަތީގައި ޤަދަރު ބޮޑުވާނީ ޅެމުގެ އެވެ. ލަވަޔަކީ މުޅި ދުނިޔޭގެ އެންމެންގެ މަޤްބޫލުކަން ލިބިފައިވާ އެއްޗެއް ނަމަވެސް ޅެމުން ހިތްހަމަޖެހުން ލިބޭނީ ޢިލްމީ މީހުންގެ މުޖްތަމަޢުތަކަށް އެކަންޏެވެ. އެހެންވީމާ ޅެމާއި ލަވަޔަކީ މުޅިން ތަފާތުު ދޭއްޗެކެވެ. ލަވަޔަކީ ޅެމަށް ނުވިޔަސް މި 2 ބާވަތް ވެސް ހިމެނެނީ ވަޒަންބަހުރުވައިގެ ތެރޭގައި ކަމަށް ވާތީ މި މަޒުމޫނުގެ ބޭނުމަށް ޓަކައި ޅެންވެރިކަމުގެ ފުޅާ މާނައިގައި އަޅުގަނޑު ލަވަ ވެސް ހިމަނާނަމެވެ. މަޝްހޫރު ބައެއް އަދީބުންނާއި ޅެންވެރީންގެ އިޢުތިރާޟުކުރެއްވުމަށް އިޙުތިރާމްކުރުމާއެކީގައެވެ. އާދޭހެވެ! ޅެންވެރިކަމަކީ އަދަބިއްޔާތުގެ އެންމެ ނުފޫޒު ގަދަ ބާވަތެވެ. ޅެންބަހުރުވައިގައި ބަސްތައް އެމުނި އެކުލެވިފައިވާ ގޮތުން އާދައިގެ ނަސްރަށްވުރެ ޅެން ބަހުރުވަ އިން އިންސާނާގެ އިޙުސާސްތަކާ މާ ބޮޑަށް ކުޅެލައެވެ. ޅެން ބަހުރުވައިގައި ހުންނަ ކާފިޔާ އާއި ވަޒަން ހަމަވުން ފަދަ އުޞޫލުތަކުގެ ސަބަބުން، ޅެމުން ހުށަހަޅާ ޝުޢޫރުތަކުން އިންސާނާ އަށް މާ ބޮޑަށް އަސަރުކުރުވައެވެ. އަދި ޅެންބަހުރުވައިން ހުށަހެޅޭ ޚިޔާލުތައް ހަނދާނުގައި މާ ވަރުގަދަޔަށް ހަރުލައެވެ. ޝައިޚު ޖަމީލު ވިދާޅުވެފައިވާ ގޮތުގައި "ޅެމަކީ ވަޒަނަށް ފެތޭ ގޮތަށް ކާފިޔާ ހަމަކޮށް ކިއިފައިވާ ބަސްތަކެކެވެ. [އިންސާނާގެ ހިތުގެ އެންމެ ފުނަށް އަސަރު ފޯރާ ގޮތަކަށް ސިފަކޮށް ދައްކާ، ރީތި ޚިޔާލުތަކެއް ފައުޅުކޮށް ބަޔާންކޮށްދޭ ބަސްތަކެކެވެ. ބައެއް ފަހަރަށް އެ ބަސްތައް ފަތިފައްޗަށް އެކުލަވައި އަމުނައިލެވެއެވެ. ބައެއް ފަހަރަށް އަމުނައިލުމެއް ނެތި އުކައިލެވެ އެވެ." "އަމުނައިލެވޭ ބަޔަށް ނަޒުމޭ ކިޔެއެވެ. އުކައިލެވޭ ބަޔަށް ނަސްރޭ ކިޔެއެވެ." ކޮންމެއަކަސް ޅެމުގެ އުފެދުން ވަނީ އިންސާނީ ތާރީޚުގެ އެންމެ ކުރިޔަށް ގޮސް އޮބައިފައެވެ. ތާރީޚުގެ ކަންފަތަށް ޅެމުގެ އަޑު ނީވޭ ޒަމާނެއް ދުނިޔެ ދެކެފައެއް ނެތެވެ. ޔަޤީނުން ވެސް އެނގޭކަމަކީ މީލާދީ ތާރީޚުގެ އެތައް ހާސް އަހަރެއްގެ ކުރިންވެސް ޅެންވެރިކަން އޮތްކަމެވެ. ޤަދީމީ މެސަޕޮޓޭމިއާގެ ޙާޟާރަތުގައި އެ ބައިމީހުން މަށިންހަދައިފައި ހުންނަ މޭޒުތަކުގައިވެސް ޅެމުގެ ސިލްސިލާތައް ބިންވަޅުނަގައި ކުރަހައިފައި ހުރެ އެވެ. ތާރީޚީ ހެކިތަކަށް ބަލާއިރު ޔަޤީނުންވެސް އެނގޭ ކަމަކީ ޅެމަކީ ކޮންމެ ބައެއްގެ ތެރޭގައިވެސް ކޮންމެ މުޖްތަމަޢެއްގައިވެސް އޮތް އެއްޗެއްކަމެވެ. އެހެންނަމަވެސް އެއްވެސް ބަޔެއްގެ ތެރޭގައި ޅެންވެރިކަން އުފެދިގެންއައި ވަކި ޒަމާނެއް ތާރީޚެއް އެނގޭކަށްނެތެވެ. ދިވެހިޅެންވެރިކަމަކީވެސް އެފަދަ ގޮތަކަށް އޮތް އެއްޗެކެވެ. ދިވެހިޅެންވެރިކަން ފެށިގެން އައި ގޮތެއް ޒަމާނެއް އެނގޭކަށް ނެތެވެ. އެހެންނަމަވެސް ދިވެހި ޅެންވެރިކަން އެންމެ އިހުއްސުރެ ވެސް އޮތްކަމާއި ޅެންވެރިކަމުގެ ވަރަށް ގިނަ ބާވަތްތަކެއް ދިވެހިބަހުގައި ހުރިކަމަށް ސާބިތުކަމާއެކު ދެންނެވެން އެބަ އޮތެވެ. ބަނދި: ދިވެހިޅެންވެރިކަމުގެ އެނެމް ދުވަސްވީ ބާވަތަކީ ބަނދި ކަމަށް ބަލައި އުޅެ އެވެ. ބަންޖަކީ ވަރަށް ތަފާތު އެއްޗެކެވެ. ވަރަށް ދިގު ބަނދި ހުންނަ އިރު ކުޑަކުދީންނަށް ހުންނަ ކުރު ބަނދިވެސް ވަރަށް ގިނައިން ހުރެ އެވެ. ބަނޖަކީ އަޑުގެ އެއްގޮތްކަން ވަރަށް ގިނައިން ތަކުރާރުކޮށްފައި ހުންނަ ބާވަތެކެވެ. "ރައިމް" ވެފައި ހުރުމަކީ ބަނދީގެ ޚާއްޞަ ކަމެކެވެ. ކުޑަކުދީންގެ ގިނަ ބަނދިތަކާ އެކު އެ ބަންޖަކާ ގުޅޭ ކުޅިވަރެއްވެސް އޮންނަ ކަމަށްވެއެވެ. މިސާލަކަށް "އަލީލާން ބަލީލާން ކައްޖަގޮބޮޅި ފަތީލާން...." މި ބަންޖާއި "އެލޯވަޅިޔާ މިލޯވަޅިޔާ.." އާއި "އެ ކޮއި މިކޮއި އެކިތަލިކޮއި......" ފަދަ ބަނދިތަކަކީ ވަރަށް ޢާއްމު ބަނދިތަކެވެ. ބަނދީގެ ވަޒަނަކީ 12 ފިލިކަމަށް ދިވެހި ޅެންވެރީން ބަލައި އުޅެއެވެ. ބަނދީގެ އެތައް ބާވަތެއް ހުންނަ ކަމަށް ވެއެވެ. އެންމެ ޢާއްމު ބާވަތަކީ ފަންޑިތަވެރިކަމުގައި ބޭނުންކޮށް އުޅޭ ބާވަތެވެ. މިދެންނެވި ބާވަތުގެ ބަނދީގެ ތެރޭގައި ހިމެނޭ ބަންޖެއް ނަކަލުކޮށްލަމެވެ. "ސަމަންދަރޯ ސަމަންދަރޯ، މާކަނޑުމާ ސަމަންދަރޯ، ސަމަކުރަންދި ކަޅުބިލަމަސް، ދަހިވެވިގެން ކަޅިވެވިގެން، މި އޮޑިޔަށް އަރާބާނީ، މަރަޖަލްބަޙުރައިނީ" މި ބަނދި ކިޔައިލުމުންވެސް މިއީ މަސްވެރިކަމުގެ ފަނޑިތަވެރިކަމުގައި ބޭނުންކޮށް އުޅުނު ބަންޖެއްކަން ދޭހަވެއެވެ. ދެން މި ލިޔާ، ކުޑަކުދިން މަސަލަސްކުރުމަށް ކިޔާ ބަންޖަކީވެސް ބަނދީގެ ބާވަތެކެވެ. "މާކަނަޔޯ ޑިނގާރަޔޯ، މަތިންދަމުން ބަޑިޖެއްސޯ، ތަކަފަލަގޭ ދޮރުމައްޗަށް، އަރައިރުން ހަދައިލައިފައި، ގޮސް އެ އިނީ އަތިރީއްޔޭ، އަތިރީ ތިންމަސް ދުވަހޭ އެއްގަމު 3 މަސްދުވަހޭ، ކަނަޔަކަށް ހަމަސްދުވަހޭ" ބަނދީގެ އަނެއް ބާވަތަކީ ފޫހިފިލުވާން ކިޔާ ބަންޖެވެ. މި ދަންނަވައިލަނީ މި ދެންނެވި ބާވަތުގެ ބަންޖެހެކެވެ. "އޭ ސިލުނބޭ، މީ ސިލުނބޭ، ވަކަށް އަރައިގަތް ސިލުނބޭ، އެ ސިލުނބު ބަން މާވަޑިޔާ، މި ސިލުނބު ބަން މާވަޑިޔާާ، ރަތުރޭރޭ ރިހަ ކައްކާ، ގޮދަން ހަނޑުލު ބަތްކައްކާ، ރަންދެރަން އެނދެއް ގައްޔާ، ރަން ކަންނެޔޮ ލައިފައްޔާ" ކާ: ކާވެސް އުފެދިގެން އައިޒަމާނެއް އެނގޭކަށް ނެތެވެ. ނަމަވެސް ކަލާ އެންމެ ވައްތަރީ ނުވަތަ އެންމެ ކައިރިކުރަނީ ރައިވަރާ ކަމަށް ޢަބްދުﷲ ޞާދިޤު ވިދާޅުވެއެވެ. ކަލެއްގެ މިސާލު: "ރޯގާގެ ބައިން ގަރް ތޯ މިއުޅެނީ ވާން މަރު ލޯ ދެފުރި ނުން ހިނގާ ކަރު ކޯފަތް ނުވޭ ހިކޭވަރު" ރައިވަރު: ދިވެހި ޅެންވެރިކަން ކުރިއަރައިގެން އައި ގޮތުގެ މައްޗަށް ބަލާއިރު ޅެންވެރިކަމުގެ 3 ވަނަ ބާވަތްކަމަށްވާ ރައިވަރަކީ ވަރަށް ބޮޑު ކުރިއެރުމެއްކަން ކަށަވަރެވެ. ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީންގެ ޢިބާރާތުންނަމަ "ރައިވަރަކީ އިހު ޒަމާނުއްސުރެން، ދިވެހީންގެ މީހުންް، އެ މީހުންގެ ހިތަށް އަންނަ ޚިޔާލުތަކާއި އެ ގޮތްގޮތުން ފާޅުކުރަންޖެހޭ މަޤްޞަދުތަކާއި ހިތުގެ ޝުޢޫރުތައް، ކޮންމެވެސް ރާގެއްގައި ހަރުއަޑުން ކިޔައި ފައުޅުކުޅައުމަށް ގެންގުޅެމުންއައި ވަކި ޚާއްޞަ ވަޒަނެއްގެ ޅެންބަހުރުވަޔަކަށް ކިޔާ ނަމެކެވެ." އައްސައްޔިދު ބޮޑުފެންވަޅުގޭ ސިދީ ވިދާޅުވަނީ ރައިވަރަކީ "ވަސްމީރު ނަޔާ ކުލަރީތި ނަޔާ، ބަސްތައް ތަރުތީބުމަތިން އަމުނައި، ތަޞްވީރެއްފަދަ ވާހަކަދައްކާ ހަސްތީއެއް ކަމުގައި ވީ" އެއްޗެއްކަމުގައެވެ. ރައިވަރު ހެދިފައި ހުންނަ މައުޟޫޢުތައް ވަރަށް ފުޅަލެވެ. އޭގެ ތެރޭގައި ނަސޭޙާތާއި ވަޢުޡު، ދީނުގެ ކަންކަން އޮޅުންފިލުވައިދިނުން، ވާހަކަ ކިޔައިދިނުން، އާދޭސްކުރުން، ތާރީފުކުރުމާއި ހަޖޫކިޔުން، ސިޔާސަތާއި ތާރީޚު ފަދަ ކިތަންމެ މައުޟޫޢަކަށް ރައިވަރު އެބަހުއްޓެވެ. އިހުގެ ބަންޖާއި ކަލުގެ ޝާއިރުން ފާހަގަވެ އެނގެން ނެތަސް ރައިވަރުގެ ވަރަށް ކުރީގެ ޝާއިރުން އެނގެން އެބަ ހުއްޓެވެ. އިހުގެ ރައިވަރުތަކުގެ ތެރެއިން އެންމެ ނަން ހިނގައިފައިވަނީ އެދުރު ޢުމަރު މާފަތްކަލޭފާނު ހެއްްދެވި "ބޮޑުތާހީދާއި"، ހުރާ މާރަދަ ކާލޭގެފާނު ހެެއްދެވި "ކަޅާފާނު ރައިވަރާއި" ޝާޢިރަކަު ނޭނގޭ ގޮތަށް ކިޔެމުން އައި "ހޮޅީން ކޮރުބަންޑާރައިން ގެންދިޔަ ވާހަކަ" އާއި، ބަނޑޭރިހަސަންމަނިކުފާނު ހެއްދެވި "އަރިއަތޮޅު އަރުމާދު" ފޮތާއި "ދިޔޯގެ ރައިވަރު" ފޮތެވެ. އިހުގެ ރައިވަރުތަކަކީ އަދަބީ މުތްތަކެކެވެ. ރައިވަރުގެ މައުޟޫޢުގެ އިތުރުން ބަހުގެ ބައެއް ހަމަތައްވެސް ރައިިވަރުގެ ތެރޭން ހޯދައިގަނެވޭން އެބަހުއްޓެވެ. އެހެންކަމުން އިހުގެ ރައިވަރުތަކަކީ ދިވެހިއަދަބީ ޚަޒާނާގެ އެންމެ އަގޮ ބޮޑެތި ޖަވާހިރުތައް ކަމުގައި ދެންނެވިދާނެ އެވެ. އިހުގެ ރައިވަރުތަކުގެ ދުނިޔެ ދޫކޮށް ތަންކޮޅެއް ފަހަތަށް ޖެހިލާއިރު ރައިވަރުތަކުގެ ފެންވަރު މައްޗަށް ޖެހިލިކަން ފާހަގަކުރެވެ އެވެ. ޝާޢިރުންގެ ޢިލްމީ ފެންވަރު މަތިވުމުގެ ސަބަބުންނެވެ. މި ގޮތުން ހޮވައިލެވޭ އެންމެ ފެންވަރު ރަނގަޅު ރައިވަރުތަކަކީ އައްޝައިޚު މުޙައްމަދު ޖަމާލުއްދީނު ނައިބުތުއްތުގެ ރައިވަރުތަކެވެ. އެ މަނިކުފާނު ހެއްދެވި '"ސިއްކަ މޮހޮރީ"، ދަގަނޑު ދަހަނާ، މުޑަނު ފޮތް، ލަކުޑި ފޮތް، އަފުލާޠޫނު، ސުވޭހު ހަކުރު، ސުއްކަތުރާ ހަބަރު، ރާޒުވާ ފޮތް، ފަދަ ކިތަންމެ ރައިވަރު ފޮތްތަކެއް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެ އެވެ. ރީތި ރައިވަރެއްގެ މިސާލެއް ދަންނަވައިލާނަމެވެ. "ހިތާ ތަ މަގޭ ފިތާ ފިތާ އަނބުރާ ކޮށް ހިތާ ގިތާ ވީމާ އޮޅި މިތާ މިތާ ދެން އަނގަވީ އިތާ އިތާ މުތްފަދަ މިތުރު ވީތަ ވި ތާހިރު ކަމެއް ވީތަ" ރައިވަރަކީ ފޮތްފޮތުން ވަރަށް ގިނައިން ފެނި އިވޭ ބާވަތެއް ކަމަށް ވާތީ ކުރުކުރުމުގެ ގޮތުން ރައިވަރުގެ އިތުރު މިސާލުތަކެއް އަޅުގަނޑެއް ނުލިޔާނަމެވެ. ފަރިހި: ދިވެހި ޅެންވެރިކަމުގެ އަނެއް ބާވަތަކީ ފަރިއްސެވެ. ތަންކޮޅެއް ކުރީގެ ދުވަސްވަރެއްގައި ޅެމަށްވެސް ފަރިއްސޭ ކިޔައި އުޅުނެވެ. ނަމަވެސް ފަހުން ޅެމާއި ފަރިހި ވަކިވެގެން ހިނގައްޖެ އެވެ. ފަރިއްސަކީ ޅެން ފަދައިން ވައްތަރު ވެސް ވަޒަނުންވެސް ވަކި މިވެނި ޢަދަދެއް ކަނޑައެޅިގެން ނޭނގޭ ބާވަތެއް ކަމަށް އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ވިދާޅުވެއެވެ. ގިނައިން ފަރިހި ކިޔައި އުޅުނީ ފޫހިފިލުވުމުގެ ގޮތުންނެވެ. ކުދީން ޚިތާނު ކޮށްގެން އުޅޭ ތަންތަނާއި ވިހައިގެން އުޅޭ ގޭގޭގައި ފޫހިފިލުވައިދިނުމަށްޓަކައި ފަރިހިކިޔައި އުޅުނެވެ. ރާގު ހިފެހެއްޓުމަށްޓަކައި ޑަބިޔަލާއި ފަތިގަނޑުޖަހައި ހަދަމުންވެސް ފަރިހި ކިޔައި އުޅުނެވެ. އިހުގެ ފަރިއްސެއް ނަކަލުކޮށްލާނަމެވެ. "ކާންނުކެރި އެއްލައިލަންވީ ކަރާ ފީކަމުން ކާންނުކެރި އެއްލައިލަންވީ ތޮއްޑުން ގަތް ކަރާ، އޮށްތަކުން ވެޔޮ ފަޅާ، ވާ، ކަރާ ފީކަމުން، ކާންނުކެރި......... ކުރަމަތިން ގަތް ކަރާ، ބުރަކަމުން ނުހިފިފާ، ވާ، ކަރާ ފީކަމުން، ކާން ނުކެރި.........................." އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ވިދާޅުވާ ގޮތުގައި "ކުރިން ދިވެހިން ކިޔަމުން އައި ކާ. ބަނދި، ރައިވަރު، މި ތިން ބާވަތުގެ ޅެމުގެ ވަޒަނުން ނެއްޓިގެން ކިއިފައިހުންނަ އެއްޗަކަށް ފަރިއްސޭ ކިޔައި އުޅުނެވެ." ފަޟީލަތުއްޝައިޚު ޙުސައިން ޞަލާހުއްދީން ލިޔުއްވައިފައި ވަނީ "ދިވެހިންގެ މީހުން ކަންފަތަށް އަރާ، ކަރާ ލަވަތަކުގެ ރާގަށް އެ މީހުން ކިޔާން އުޅެފައި ހުންނަ އެއްޗަކަށް ކިޔާ ނަމެއް" ކަމަށާއި "އެ އެއްޗެހި ހުރީ ވަރަށް ދެރަ ސަހަލު ގޮތެއްގައި" ކަމަށެވެ. މި ދެ ބޭފުޅުންގެ ވާހަކަފުޅަށް ބަލާއިރު ޝައިޚު ޖަމީލު ވިދާޅުވެފައިވާ ފަދައިން ދިވެހި ޅެންވަރިކަމުގެ 4 ވަނަ ބާވަތަކީ ފަރިހިކަމަށް ދެންނެވެން އެބަ އޮތެވެ. ފަރިހި ކިޔުމަށް ވަރަށް މަޝްހޫރު ޝާޢިރުންވެސް ކުރިން ތިއްބެވެ. މަޝްހޫރު ފަރިހި އިބްރާހީމްފުޅަކީ ގަލަމެއް ކަރުދާހެއް ނެތި ވަގުތުން ފަރިހި ހަދައިލައިގެން ކިޔުމަށް ވަރަށް ކުޅަދާނަ ބޭކަލެއް ކަމށް ވެ އެވެ. މުޖުތަމަޢުގައި ހިނގާ ކަނކަމަށް ފާދު ކިޔުމާއި އަޑުއަހަން ތިބޭ މީހުންނާ ބެހިލުންފަދަ ކަންކަން ފަރިހި ކިޔުމުގެ ތެރެއިން އޭނާ ގެންނަވާ ކަމަށް ވެއެވެ. ޅެންވެރިކަމުގެ މި ޒަމާނަށް އައި އިރު ، "ޖެހިމިތާރައިގެ ކުޅިބަލާންދާން ...." އާއި " ...... ކީފަހު މަށަށް ރަން..." ފަދަ ފަރިހިތަކަކީ މިހާރުވެސް އަޅުގަނޑުމެންނަށް ލަވައިގެ ގޮތުގައި މިޔުޒިކާއެކު އިވޭ ފަރިހިތަކެވެ. ލަވަ: ދިވެހި ޅެންވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ފަސްވަނަ ބާވަތަކީ ލަވައެވެ. ރާގުރާގަށް ދިވެހީން ލަވަކިޔައި ނޫޅޭ ޒަމާނެއް އައިކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް ކުރިން ކިޔަމުން އައިސްފައިވަނީ ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ވަރަށް ދެރަވަރު ތަކެއްޗެވެ. ކުރިއަރައިފައިވާ ދިވެހި ލަވަކިޔާން ފެށިފައިވަނީ ހިޖުރައިން 1360 ވަނަ އަހަރުގެ ތެރޭގައެވެ. އަލްއަމީރު ޙަސަން ފަރީދު ދީދީ ދައުލަތް ހިންގަވަން ހުންނެވި ދުވަސްވަރުގައެވެ. "އުފަލާއި ހިތްވަރާއި ކުޅިވަރުގެ ލަވަތައް ދިވެހިބަހުން ހެދުމަށާއި" މި ގޮތަށް ލަވަ ހެދުމުގައި "ޤައުމާއި ބަހުގެ އަދަބުކުރިއެރުވުމުގެ ޚިޔާލު ބެހެއްޓުމަށް" އެ މަނިކުފާނު އަމުރުކުރެއްވުމާ ގުޅިގެންނެވެ. އެހެންކަމުން ޙަސަން ފަރީދު ދިވެހިބަހާއި އަދަބަށް ކުރެއްވި މި މަތިވެރި ޚިދުމަތް މި ވަގުތުވެސް ފާހަކަކޮށްލުން މުހިއްމެވެ. ކުރިން ކިޔައި އުޅުނު ލަވައެއްގެ މިސާލު ދަންނަވައިލާނަމެވެ. "ބިސްމީންނޭ، ބިސްމީންނޭ ބިސްމީންނޭ، ބިސްމީންނޭ ނީ ފަށްޓާ ނީ ފަށްޓާ ނީ ފަށްޓާ ނީ ފަށްޓާ ޤައުމާއިގެން ކުރިޔަށްދާ ހިނދުގައިވާ ނީފަށްޓާ ބަރަކާތާ ޙަރަކާތާ އައުދޭތޯ ނީ ފަށްޓާ" އަދި އެހެން ލަވައެކެވެ. "ބިސްމިﷲ ކިޔައިގެން މިޔޮއް ފެށީއްޔޯ އިސްފަސް ނުވާހެން މިޔޮއް ފެށީއްޔޯ ޤަދަރަށް ބަލައިގެން މިޔޮއް ފެށިއްޔޯ އަދަބަށް ބަލައިގެން މޔޮއް ފެށިއްޔޯ" މި މަޒުމޫނުގައި އަޅުގަނޑު ފާހަގަކޮށްލި ފަދައިން ޅެމާއި ލަވައިގެ ވަރަށް ބޮޑު ތަފާތުތަކެއް ހުރެ އެވެ. ޅެމުގައި ހުންނާނީ މައިގަނޑާއި ބައިތެވެ. ލަވައިގައި ހުންނާނީ މައިގަނޑާއި ކަޑިއެވެ. ލަވައަކީ ވަކި ރާގަކަށް ހަދާ އެއްޗެއް ކަމުގައިވާތީ، މައިގަނޑާއި ކަޑިތަކުގެ ވަޒަންތައް ތަފާތުވެދާނެ އެވެ. ކުރުވާނެ އެވެ. މާނަ ތިލަވާނެ އެވެ. ނަމަވެސް ޅެން ހަދަނީ ރާގަކަށް ނޫނެވެ. ވަކި ވަޒަނަކަށެވެ. މައިގަނޑާއި ބައިތުތައް ވެސް ހުންނާނީ ވަކި ވަޒަނަކަށެވެ. ލަވަޔަށްވުރެ ދިގުވާނެ އެވެ. ލަވަޔަށްވުރެ ޢިލްމީ ވާނެ އެވެ. މާނަ ފުންވާނެ އެވެ. ނަމަވެސް ޅެން ވެސް ވަކި ރާގަކަށް މިޔުޒިކާއެކު ކީދާނެ އެވެ. މިޔުޒިކާއެކު އެކިޔާ ކިޔުން އަޑުއަހާ މީހުންގެ ކަންފަތްތަކަށް އެ ގެނެސްދެނީ ލަވައެއް ކަމުގައި ބުނެވިދާނެ އެވެ. ނަމަވެސް އޭގެ އަޞްލަކީ ޅެމެއްކަން ހަނދާނުގައި ބެހެއްޓިދާނެ އެެވެ. މި ކަމުގައި މަޝްހޫރު އަދީބުންނާއި ޝާޢިރުން ގެންގުޅުއްވައިފާނެ ތަފާތު ޚިޔާލުފުޅުތަކަށް އަޅުގަނޑު އިޙުތިރާމު ކުރުމާއެކު އަޅުގަނޑު ދެކޭ ގޮތް މިތާނގައި ހާމަކޮށްލީ އެވެ. އަންބާ: ދިވެހިލަވައިގެ ގޮތުގައި ކިޔަމުން އައި އެންމެ ޚާއްޞަ ސިފައަކީ ޅެމަށްވުރެ ބައިތުތަކުގެ ޢަދަދު މާ ބޮޑަށް މަދުކަމާއި ރާގަކަށް ކިޔައިފައި ހުރުމެވެ. ލަވައިގެ ތެރޭގައި އަދި މިޔަށްވުރެވެސް ކުރުކޮށް ކުޅިވަރާއި މަސައްކަތުގައި އެންމެންވެގެން ފޯރިގެންނާން ޒުވާބުކިޔަމުން ކިޔާ ލަވަޔަށް އަންބާ އޭ ކިޔައެވެ. ޅެން: ދިިވެހި ޅެންވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ހަވަނަ ބާވަތެއް ކަމަށް ޝައިޚު ޖަމީލުދީދީ ލިޔުއްވަނީ ޅެން ކަމުގައެވެ. ޅެމުގެ ދެ މާނައެއް އޮވެ އެވެ. އެއް މާނައަކީ ޅެންވެރިކަމުގެ ހުރިހައި ބާވަތެއް ހިމެނޭ ގޮތުން ބަންޖާއި ކަލާއި ރައިވަރާއި ފަރިއްސާއި ލަވަ ވެސް ހިމެނެނީ ޅެމުގެ ތެރެއިންނެވެ. އެއީ ޅެމުގެ ފުޅާ މާނައެވެ. މި ބާވަތްތަކުގެ އިތުރުން ޅެމުގެ ހަވަނަ ބާވަތަށް ވެސް ޅެމޭ ކިޔައެވެ. ޅެންވެރިކަމުގެ އެންމެ މުހިއްމު ބާވަތަކީ ވެސް މިއީ އެވެ. އެހެނީ ޅެމަކީ ކުރިން ދެންނެވި 5 ބާވަތުގެ ހަމަތަކުން ނެއްޓި ވަކި ވަޒަންތަކަކަށް އަމުނައިލެވިފައިވާ ޅެންބަސްތަކެކެވެ. ޅެންވެރިކަމުގެ ތެރެއިން "އެންމެ އުޖާލާ އެންމެ ޒީނަތްތެރި އެންމެ ފަށުވި ބާވަތަކީ މިއެވެ." ޅެމުގެ މާނައަށް ބެއްޔަސް ބަސްތައް އެތުރިފައިވާ ގޮތަށް ބެއްޔަސް އެންމެ މޮޅު ބާވަތަކީ މިއީ އެވެ. ޅެމެއް ދިވެހިބަހުން ފުރަތަމަ ހެއްދެވި ޝާޢިރަކީ މައުލަަވީ ހުތްއަލިދީދީ އެވެ. 1291 އާއި 1351 އާ ދެމެދު ދުނިޔޭގައި އުޅުއްވި ބޭފުޅެކެވެ. އެންމެ ފުރަތަމަ ހެދުނު ދިވެހި ޅެން ހެދިފައި އޮތީ ޢަރަބި ވަޒަނަކަށެވެ. އެޅެމުގެ ތަންކޮޅެއް ވިދާޅުވެލައްވާށެވެ! "ރައްބީ މިހެން ކުރައްވަތެ ވަޙީ، ޤުރުއާނުގައި މާގަދަ ޙުކުމް އާދަމުގެ ދަރީންނާ އެންމެހައި ތަކު ހެއްދެވީ ނީނާއި ޖިން." ނޫނޭ އެހެން ކަމަކަށް ޓަކައި، އަޅުކަންކުރާށޭ ދީނުގައި ޤާއިމު ވެދާނދޭ އެކަމުގައި އެކަމަށް ޓަކައި ހިނދު ހެއްދެވީ" ހުތް އަލި ދީދީ ޅެން ހައްދަވަން ފެއްޓެވުމާއެކު، އޭރު ތިއްބެވި ޅެންވެރީންކުރެ ވާހަކަގޭ ދޮންތުއްްތު އާއި އެއްގަމުގޭ އަޙުމަދުދީދީ އާއި ސީދީގެ އަލި ދީދީ ފަދަ ޝާޢިރުން ޅެން ހައްދަވަން ފައްޓަވައިފި އެވެ. ދިވެހި ޅެންވެރިކަމުގެ ބަގީޗާގައި މި އިންދުނު ދެތިން އޮށާއެކު ޅެންވެރިކަން ދިރިގެން އައެވެ. ޚާއްޞަކޮށް އަލްއަމީރު މުޙައްމަދު އަމީން ދިވެހި ޤައުގުގެ އިސް ޒަޢީމެއްގެ ގޮތުން މަސައްކަތްކުރެއްވި ދުވަސްވަރަކީ ދިވެހި ޅެންވަެރިކަމުގެ ބަގީޗާގައި އިތުރު ގަސްތައް ހެދި ބޮޑުވެ މާމެލާމެލި އެޅި ދުވަސްވަރެވެ. ކޮންމެ އަކަސް ދިވެހި ޅެންވެރިކަމުގެ ތާރީޚަށް ނަޒަރެއް ދޭ އިރު ޅެންވެރިކަމުގެ އެކި ޒަމާނުގައި ޅެންވެރިކަމަށް އެންމެ ބޮޑު ތަރައްޤީއެއް އައުމުގައި މެދުވެރިވި ބޭބޭފުޅުންގެ ގޮތުގައި އެދުރު ޢުމަރު މާފަތްކަލޭފާނާއި ބަނޑޭރި ޙަސަން މަނިކުފާނާއި ނައިބުތުއްތުގެ ނަންފުޅު ފާހަގަކޮށްލެވެ އެވެ. ފަހުގެ ތާރީޚަށް ބަލާއިރު ޅެންވެރިކަން ތަރައްޤީވުމުގައި އަލްއަމީރު ޙަސަންފަރީދު ދީދީ އާއި ހުތްޢަލިދީދީ އާއި ޚާއްޞަކޮށް މުޙައްމަދު އަމީންގެ ޚިދުމަތްތައް ފާހަގަކޮށްލެވެ އެވެ. ޅެންވެރިކަމުގެ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ އިބްރާހީމް ޝިހާބު ފަދަ، ޝައިޚު މުޙައްމަދު ޖަމީލުފަދަ، އުސްތާޛު މޫސާ ފަތުޙީ ފަދަ ކިތަންމެ ބޭފުޅުންނެއް އަޅުގަނޑުމެންނަށް ވަނީ ފެނިފައެވެ. އެޔަށްވުރެ ކުރިޔަށް ޖެހިލާނަމަ ޖަލާލުއްދީން ފަދަ ޞަލާހުއްދީން ފަދަ ބޮޑުފެންވަޅުގޭ ސީދީ ފަދަ އާމިނަތު ޙުސައިން ފަދަ ކިތަންމެ ޅެންވެރިންނެއް ދިވެހި އަދަބު ދެކެފައިވެއެވެ. އެޔަށްވުރެ ފަހަށް ޖެހިލާނަމަ، ޢަބްދުﷲ ޞާދިޤާއި ޔޫސުފްމުޙައްމަދުފުޅާއި ޔޫސުފް ޢަލިފޅާއި ސަޢީދު ޢަލިފުޅާއި ޏ. ޢަލީ ޝަރީފުފަދަ ގިނަ ޢަދަދެއްގެ ޅެންވެރިން ވަނީ ދިވެހި ޤައުމު ދެކެފައެވެ. މި ޒަމާނަށް ބަލާއިރު، ޙަސަން ޝާކިރު މުޙައްމަދާއި އާދަމްޙަލީމް ޢަދުނާނާއި ފަރެސް މުޙަންމަދު ޢަމިރާއި ތޮއްޑޫ އާދަމް ނަޞީރު އިބްރާހިމް ފަދަ ޒުވާން ބޭފުޅުން ކުއްލިޔަކަށް ހަނދާނަށް އައުމަކީ އެހެން ޝާޢިރުންނަށް ބޭ އިންސާފުކުރީ ކަމަށް ދެކެވަޑައިނުގަތުން އެދެމެވެ. ހަމަ މިފަދަ ކިތަންމެ ޅެންވެރިންނެއް މި ޤައުމަށް މިއަދު ވެސް ޚިދުމަތްކުރައްވަމުން އެބަ ގެންދަވައެވެ. ބައެއް ބޭފުޅުންގެ ނަންތައް މި ދަންނަވައިލެވުނީ އެފަދަ އެހެންބޭފުޅުންގެ ވެސް ކުޅަދާނަފުޅުކަމާއި ޚިދުމަތްތަކަށް ތަޢުރީފުކޮށް އިޢުތިރާފުވަމުންނެވެ. އާޅެން: މީލާދީން 20 ވަނަ ޤަރުނުގެ ތެރޭގައި ޅެންވެރިކަމުގެ ދުނިޔެއަށް އާ ބާވަތެއް ވެސް ތަޢާރުފުވި އެވެ. އެއީ އާޅެމެވެ. އާ ޅެމަކީ ވަޒަންބަހުރުވައަށް މުޅިން ނުފެތޭ ގޮތަށް ހުންނަ، މީހުންގެ ހިތްތަކުގެ ފުނަށް އަސަރު ފޯރާ ގޮތަށް އަސަރުގަދަ ޝުޢޫރުތައް ހާމަކުރުމަށްޓަކައި ކޮށްފައި ހުންނަ ފަށުވި ޢިބާރާތްތަކެކެވެ. އިސްވެ ފާހަގަކޮށްލި ބާވަތްތަކުގެ އިތުރު ބާވަތްތައް ވެސް ހުރުމަކީ އެކަށީގެން ނުވާ ކަމެއް ކަމަކަށް އަޅުގަނޑު ދަޢުވާއެއް ނުކުރަމެވެ. މި މަޒުމޫނުގައި "ރައިވަރުބައި" އަޅުގަނޑު ގަސްތުގައި ފާހަގަނުކޮށް ދޫކޮށްލިޔަސް، އެއީ ރައިވަރާ ތަފާތު ބާވަތެއް ކަމަށް ދަންނަވައިލަން ބޭނުންވެ އެވެ. އަދި "ވެޔޮ ޅެމަކީ" ވެސް ޅެންވެރިކަމުގެ ތެރޭގައި ބޭނުންކުރެވޭ ނަމެއްކަން ވެސް ހަނދާނަށް ގެންނަމެވެ. އެހެންކަމުން މި މަޒުމޫނުގައި ހިމެނިފައި ނުވާ ތަފްޞީލުތައް، ޅެންވެރި ލިޔުންތެރިއެއްގެ ގަލަންކޮޅުން ހާމަކޮށްލައިދެއްވުމަށް ދަޢުވަތު އަރުވަމެވެ. މިއަދު ދިވެހި ޅެންވެރިކަން ކުރިއަރައިފައި އޮތް މިންވަރާއި ޅެންވެރިކަމުގެ ޙާލަތު މިއަދު އޮތް ހިސާބާ މެދު އެއްޗެއް ދެންނެވުމަކީ އަޅުގަނޑަށް ފަސޭހަ ކަމެއް ނޫނެވެ. އަދި އެއީ އަޅުގަނޑުގެ މައުޟޫޢެއް ވެސް ނޫނެވެ. އެހެންނަމަވެސް ޅެންވެރިކަމުގެ ދުނިޔޭގައިި ޝާޢިރުން ކުރައްވަމުންގެންދަވާ އަގުހުރި މަސައްކަތްޕުޅަށް މަރުޙަބާ ދަންނަވައި ތަހުނިޔާ އަރިސްކުރަމެވެ. ދުނިޔޭ ދޫކުރައްވައިފައިވާ ޅެންވެރީންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ. ދިވެހި ޅެންވެރިކަމަށް އަބަދުވެސް ކުރިއެރުމާއި ފާގަތިކަމެވެ. ދިވެހިބަހާއި ދިވެހި ޤައުމަށް ތަރައްޤީ އާއި ބާއްޖަވެރިކަމެވެ. --------------- (ނިމުނީ) ޙަވާލާ: ޢަބްދުﷲ ޞާދިޤު. ދިވެހި ޅެންވެރިކަމުގެ އެހާރާއި މިހާރު، ޢިލްމީ އޮއިވަރު ބޮޑުފެންވަޅުގޭ ސީދީ. ދިވެހި ޅެންހެދުމުގެ މަސއްކަތްތެރިކަމުގެ ރަންތަރާދު އާމިނަތު ފާއިޒާ. އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ޅެންތައް ޝައިޚު ޖަމީލުގެ ބައެއް ލިޔުއްވުންތައް ޔޫސުފް ޢަލިފުޅު. (2001). ޅެމުގެ ވަނަވަރު. http://www.differencebetween.net/miscellaneous/ http://en.wikipedia.org/wiki/Lyric މި ލިޔުން: ފޮނުވުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
|
| ހަމަ މި ގަލަމުން |
|---|