މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހަޑިބަހުން ދަތުރު ކުރައްވާނު ތޯއެވެ؟ |
|
|
| ދިވެހި - މާދަރީބަސް | |||
| 16 ޑިސެމްބަރ 2008، 21:06 އަންގާރަ | |||
|
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008) އަޅުގަނޑުމެން ރާއްޖޭން ބޭރުގައި އެއްގަމު ދަތުރު ފަތުރު ކޮށް އުޅެމުއެވެ. ރީތި ބަހާ ހުތުރު ބަސް ދެކެމުއެވެ. ސާފުތާހިރުކަމެއް ނެތް ހަޑި ބަސް ދެކެމުއެވެ. ގައުމުތަކުގެ އެންމެ މަތީވެރީންނަށް ޚާއްޞަ ކުރެވިފައިވާ ޝާހީ ބަސްވެސް ހުރެއެވެ. ކޮންމެ މީހަކީ، ޝާހީ ބަހެއްގައި ދަތުރު ކުރުމަށް ފުރުޞަތު އޮތް މީހެއް ކަމުގައި ނުވިނަމަވެސް، އަޅުގަނޑުމެން ކޮންމެ މީހަކުވެސް ފެންވަރު ރަނގަޅު ރީތި ބަހެއްގައި ދަތުރު ކުރާހިތްވެއެވެ. އެކަމަށް މަސައްކަތްވެސް ކުރެވެއެވެ. ސާފުތާހިރުކަމެއް ނެތް ހަޑި ބަސްބަހަށް އާރާ ހިތެއް ނުވެއެވެ. ފޫހިވެއެވެ. އަލްއުސްތާޛު އަލްމަރުޙޫމު މުޙަންމަދު ޖަމީލު ވިދާޅުވެފައިވާ ގޮތުގައި ބަހަކީ ސަވާރީއެކެވެ. އެ މަނިކުފާނު އެވިދާޅުވަނީ ވާހަކަ ދައްކަން ބޭނުންކުރާ ބަހުގެ ވާހަކައެވެ. އެމަނިކުފާނު ގަސްތުކުރައްވާ ގޮތުގައި އަޅުގަނޑުމެން ދަތުރު ފަތުރުކުރުމަށް ބޭނުންކުރާ ބަހާއި، މުޢާމަލާތު ކުރުމަށް ބޭނުންކުރާ ބަހަކީ އޭގެ ޒާތުގައި ހަމަ އެއް ދައުރެއް އަދާ ކުރާ ދެ އެއްޗެވެ. އެ ދެ އެއްޗަކީ ވެސް ދެ ވަސީލަތެވެ. ތަފާތުވެގެންވަނީ އޭގެ ބާވަތެވެ. ދަތުރު ފަތުރު ކުރާ ބަހުގެ ތެރޭގައި ޝާހީބަހާއި، ރީތިބަހާއި، ސާފު ތާހިރުކަމެއް ނެތް ބަސް ހުންނަގޮތަށް، ވާހަކަ ދެއްކުމުގައިވެސް މާތްބަހާއި، ރީތި ބަހާއި، އެންމެ މާތްބަހާއި، އަދި ހަޑިހުތުރު ބަސް ހުރުމުން، އުސްތާޛު ޖަމީލުގެ ޚިޔާލުފުޅަށް ތާއީދު ކުރަން މަޖުބޫރުވެއެވެ. ކަންމިހެން އޮތް އިރު މި މަޒުމޫނުގައި އަޅުގަނޑު ބާރުލާން ގަސްތުކުރާ ނުކުތާއަކީ، މަޒުމޫނުގެ ފެށުމުގައި ބަޔާންކުރި ''ރީތި ބަސް'' މި ނުކުތާއެވެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރީތިބަހާއި، މާތްބަހުގައި ތަފާތެއް އެބަހުއްޓެވެ. ރީތިބަސް، ނުވަތަ ރީތި ބަސްމަގަށް ވަކި ސިފަތަކެއް ލިބިގެންވެއެވެ. ވާހަކަ ދެއްކުމުގެ އަދަބާއި އަޚްލާޤެވެ. ބަހުގެ ހަމަތަކެވެ. ބަސްމަގުގެ ހިމޭންކަމާއެކު، ތަހުޒީބު ގޮތެއްގައި އަނެކުންނާ މުޢާމަލާތު ކުރުމެވެ. މި ސިފަތައް އެކުވުމުން ރީތިބަހުން ވާހަކަ ދެއްކުމޭ ބުނެވިދާނެއެވެ. އެޙާލަތުގައި އަދި ބަހުގެ ދަރަޖަތައް ބޭނުން ނުކުރި ކަމުގައި ވިޔަސްމެއެވެ. ހަމަ އެެންމެ އަޅުގަނޑުގެ ނަޒަރުގައި ބައެއް ޙާލަތްތަކުގައި މާތްބަހުން ވާހަކަ ނުދެއްކިޔަސް ފަރުވާލެއް ނެތެވެ. އެކަމުގައި އައިބެއް ނެތެވެ. އެހެން ނަމަވެސް ހުރިހާ ޙާލަތްތަކެއްގައިވެސް ރީތި ބަހުން ވާހަކަ ދެެއްކުން ވަރަށް މުހިންމެވެ. ނާތަހުޒީބު، ހުތުރު އައިބު ބަސްތައް ބޭނުން ނުކުރުން މުހިންމެވެ. އެހެނީ އެއީ ހުތުރު ބަސްމަގެވެ. ބޭނުންކުރަން ކަމުނުދާ ހަޑިބަހެވެ. މިހާ ހިސާބުން ތިޔަ ބޭފުޅާއާއި އަޅުގަނޑާ ބައިވެރިވެގެން ކުޑަ މަސައްކަތެއް ކޮށްލަމާތޯއެވެ! ބައެއް ޙާލަތްތަކުގައި ރީތި ބަސްމަގު ބޭނުން ކޮށްގެން ބައެއް ވާހަކަ ބުނެވިދާނެ ކަމަށް އަޅުގަނޑަށް ވިސްނޭ ގޮތް މި ތާނގައި ނަކަލު ކޮށްލާނަމެވެ. ތިޔަ ބޭފުޅާ ކޮށްދެއްވަންވި ކަމަކީ، މާތްބަހުން ނުވަތަ އެންމެ މާތްބަހުން އެވާހަކަ ބުނެވޭނެ ގޮތާއި، އަދި އާންމުކޮށް މި ހާރު ބައެއް މީހުން އެފަދަ ޙާލަތްތަކުގައި ބަސް ބޭނުންކުރާ ''ހުތުރުގޮތް'' ހިތްޕުޅަށް ގެންނަވަންވީއެވެ. މާފުކުރައްވާށެވެ! އެކަމަކު އޭރުން މި ''ތިން ބަހުގެ'' ތަފާތު ވިސްނިވަޑައިގެންފާނެއެވެ. ![]() 1- ޖަމީލު ދިޔައީ ފާޚާނާއަށެވެ! ހީވަނީ ހެނދުނު ފާޚާނާ ނުކޮށް އައިމާ ތަންކޮޅެއް އަވަހަށް ދާންޖެހުނީހެންނެވެ. 2- އޭނާ ރުޅިއައިސްގެން އައިސް އަހަންނާދިމާޔަށް ވަރަށް އެއްޗެހި ގޮވާފައި ހިނގައްޖެއެވެ. 3- އަހަރެން ދުވާރު މަތިން ހިނގާފައި ދަނިކޮށް މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި މީހަކު އަހަރެންގައިގައި ޖެހިގެންފިއެވެ. އަހަރެން ދެން އެތަންވަޅު އޭނާ ގައިގައި ނުޖެހީއެވެ. 4- މި އުޅެނީ އަހަރެން ރައްޓެވި ވެގެން އުޅޭ ކުއްޖާއާ އަހަންނާ ދެމެދު ކުޑަ މައްސަލަ އެއްޖެހިގެންނެވެ. ހީވަނީ މިފަހަރު ދެން އޭނާ އަހަންނާ ވަކިވާނީ ހެންނެވެ. މި ފަދަ ޖުމުލަތައް އާންމު ކޮށް މިހާރު އިވޭގޮތާއި ވާހަކަ ދެއްކުމުގައި ގެންގުޅެވޭ ބަހުރުވަ ލިޔާކަށް އެހާ ފަސޭހައެއް ނޫނެވެ. ސަބަބު ނުދެންނެވިޔަސް އެނގިވަޑައިގަންނަވާނެއެވެ. ''އޭނާ'' މި ހެން ލިޔެވިފައި އެ އޮތް ތަންވެސް ''މިހާރުގެ ދިވެހިން'' ކިޔައި އުޅެނީ އަލިފުގެ ފިލި އެބެފިއްޔަށް ބަދަލު ކޮށްގެންނެވެ. ނޫނު ބަދަޅުވަނީ ފާދިއްޕޮޅަށެވެ. ޅަވިޔަންޏެއްގެ އަޑު އެހާ ބާރުވަނީ އެހެންވެގެންތާއެވެ. ތިޔަ ބޭފުޅާ ހިތްޕުޅުން މި ޖުމުލަތައް އެޒާތަށް ބަދަލު ކޮށްލެއްވުމުން ރީތިބަހާއި ހުތުރު ބަހާއި ޝާހީ ބަހުގައި ހުންނަ ތަފާތު، އަޅުގަނޑު މި ތަރުޖަމާ ކުރާގޮތަށް ވިސްނިވަޑައިގަންނަވާނެ ކަމަށް ހީކުރަމެވެ. ![]() އެހެން ގޮތެއްވެސް އެބަ އޮތެވެ. މި ތާނގައި ރީތިބަހާއި، ޝާހީ ބަހާއި، ހަޑިހުތުރު ބަހަށް އިޝާރާތް ކުރެވިއްޖެއެވެ. ފޮޓޯތަކުން ތިޔަ ފެނިވަޑައިގަންނަވާ ތިން އުޅަނދަށް ބައްލަވާށެވެ. އޭގެ ފެންވަރުން މި 3 ބާވަތުގެ ބަސްމަގު ބައްސަވާލައްވާށެވެ! އުޅަނދަކަށް ބާވަތެއް ކަނޑައަޅުއްވާށެވެ! '' ޝާހީ، ރީތި، ހަޑި'' މި ތިންބާވަތުގެ ބަހެވެ. އެއަށްފަހު، ވާހަކަ ދެއްކެވުމަށް ބަސްމަގެއް އިޚްތިޔާރު ކުރައްވާށެވެ. ފޮޓޯގައިވާ ތިންބަހުންކުރެ ތިބާގެ ފެންވަރުން، ދަތުރު ފަތުރު ކުރެއްވުމަށް ބަސް އިޚްތިޔާރު ކުރައްވާނެ އުސޫލުންނެވެ. ހަޑިބަހުން ދަތުރު ކުރައްވާނު ތޯއެވެ؟ މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ ހުވަނދުމާ, 2008-12-17 00:40:36
ބަހުގެ ވައްތަރުތައް އޮޅުންފިލުވައި ދެއްވީތީ ޝުކުރިއްޔާއެވެ. މެދުގައި އެއޮތްބަހުން ދަތުރުނުކުރެވޭނެއެވެ. ދެކޮޅުގައި އޮތް ދެބަހުގެ ތެރެއިން ކޮންމެ ބަހަކަށް އެރިދާނެއެވެ. ހުތުރުބަހުގައި ދަތުރުކުރާނަމަ އުޅެންޖެހޭ ހާލު މެދުގައިވާ ފޮޓޯއިން ވަރަށް ބޮޑަށް އެނގެއެވެ.
...
ލިޔުނީ ފާއިޒް, 2008-12-17 02:41:39
ތިޔަ ވިދާޅުވީ ހަމަ ރަނގަޅުވާހަކައެކެވެ. ދިވެހިންވެސް މިބޭނުންކުރާ ދިވެހި ބަހަކީ ދިވެހި ވަންތަ ބަހެކެވެ. ރީތި ހުތުރު ވަކިކޮށް އެނގެންއޮތް މުއްސަނދި ބަހެކެވެ. އެހެނަސް މިއަދުވެސް އަޅުގަނޑުމެންނަށް ފެންނަމުންގެންދަނީ ދިވެހިބަހަށް އުނިކަން ލިބޭފަދަ ގޮތަކަށް ދިވެހިންގެ ބަސް ދިވެހިން ބޭނުންކުރަމުން ދާތީއެވެ. ތިޔަ މަޒްމޫންތަކަކީ މަޢުލޫމާތުން ފުރިގެންވާ މަޒްމޫން ތަކެކެވެ. ތިފަދަ މަޒްމޫންތަކަށް އަޅުގަނޑުމެން މަރުޙަބާކިޔަމެވެ.
އެކަމަކު މިސައިޓްގައި ރަނގަޅުކޮއްލުމުގެ ގޮތުން ބައެއްނުކުތާތައް އަޅުގަނޑުގެ ޚިޔާލުހުރިގޮތަށް ލިޔެލާނަމެވެ. އެގޮތުން މިސައިޓަކީ މަޢުލޫމާތު ޙަޒާނާއަށް ވީއިރު ދިވެހިންގެ ދިވެހިބަސް ކުރިއެރުވުމަށް ސައިޓްގައިހުރި އިނގިރޭސިބަސްތައް މަދުކޮށް ވީވަރަކުން ދިވެހިބަސް ސައިޓްގައި ގިނަކުރުމަށް ދަންނަވަމެވެ. އެގޮތުން މިހާރު 1. ރޭޓް ޖަހާފައި އިންނަ ތަނުގެ ބަދަލުގައި '' ދަރަޖަ '' ޖެހުން ކިހިނެއް ވާނެތޯއެވެ؟ 2. ޕްރިންޓް ކުރަން އިންނަ އައިކޮންގައި '' ޗާޕްކުރޭ '' ޖެހުން ކިހިނެއް ވާނެތޯއެވެ؟ 3. ޑައުންލޯންޑްގެ ބަދަލުގައި '' ވިއުގަ އިން ނެންގެވުމަށް '' ފަދަ ބަސް ބޭނުންކުރުން ކިހިނެއްވާނެތޯއެވެ؟ 4. ޒުވާބު ފޮށީގެ ތިރީގައިވާ މެސެޖްގެ ބަދަލުގައި '' ބުނަން ބޭނުންވާ ބަސް '' މިފަދަ ގޮތަކަށް ބޭނުންކުރުން ކިހިނެއްވާނެތޯއެވެ؟ މިއީ އަޅުގަނޑުގެ ޚިޔާލެވެ. ބޭނުމަކީ ތިޔަ ސައިޓްފަދަ ބޭނުންތެރި ސައިޓެއްގައި ދިވެހިބަސް މަދުކޮށް ދިވެހިބަހަކީވެސް މުއްސަނދިބަހެއްކަން އެހެންމީހުންނަށް ހާމަކޮށްދިނުމެވެ. އަޅުގަނޑުގެ އުންމީދަކީ މިފަދަ ދިވެހިބަހުގެ މަޢުލޫމާތު މުއްސަނދި ސައިޓްތަކުގައި ދިވެހިބަހުގެ މުއްސަނދިކަން އަންގައިދިނުމެވެ. އަޅުގަނޑުގެ އުންމީދަކީ މިފަދަ ޚިޔާލުތައް ބަލައިގަނެ ސައިޓް އަޅުގަނޑުމެން ކިޔުންތެރިންގެ ހިތްހަމަޖެހޭގޮތަށް ފަރުމާކުރެވިގެންދިއުމެވެ. އަބަދުވެސް އެދެނީ މިފަދަ ސިޔާސީކަންތަކާއި ދުރު މަޢުލޫމާތުތަކުން ފުރިގެންވާ ސައިޓަކަށް މިސައިޓްވުމެވެ.
...
ލިޔުނީ ތާއީދު, 2008-12-17 05:41:53
ފާއިޒުގެ ޚިޔާލަށް ތާއީދުކުރަމެވެ. އަދި އެނޫން ބަސްތައްވެސް ބޮޑަށްދިވެހިކޮށް ލިއުންތައްވެސް އެއްއުސޫލަކުން ހިފެހެއްޓުން ރަނގަޅުވާނެކަމަށް ދެކެމެވެ.
...
ލިޔުނީ ހައިސަމް, 2008-12-17 06:15:29
ފާއިޒުގެ ޚިޔާލަށް ބަލާފައި ބުނަމެވެ.
ދެކޭގޮތް ވިދާޅުވީތީ ޝުކުރިއްޔާ => ދަރަޖަ ދެއްވީތީ ޝުކުރިއްޔާ ނުވަތަ އަގުކުރެއްވީތީ ޝުކުރިއްޔާ ކިއުންތެރިން ދެކޭ ގޮތް => ކިއުންތެރިން ދެއްވާ ދަރަޖަ ނުވަތަ ކިއުންތެރިންގެ އަގުކުރެއްވުން ރޭޓް => ދަރަޖަ ނުވަތަ އަގު މިއިސްލާހުތައް ގެންނެވުން އެދެމެވެ.
... ލިޔުނީ މުރާދު, 2008-12-17 07:03:12
ވަރަށް ފައްކާ ސްޓައިލަކަށް ލިޔެފައިވާ މަޒުމޫނެއް. އެންމެ ހިތްގައިމީ ފޮޓޯތަކާ ލިޔުމުގައި ދެއްކި ވާހަކަޔާ ގުޅުވާފައި އޮތްގޮތް. މިހާރު ހިތަށް އަރަނީ ހުތުރު ބަހުން ވާހަކަ ދެއްކުމަކީ މެދުގައި އެ އޮތް ހަޑި މުޑުދާރު ބަހުން ދަތުރު ކުރުންފަދަ ނާތަހުޒީބު ނުތާހިރު ކަމެކޭ. އަސްލު އަހަރެމެންކަހަލަ ޒުވާނުންނަށް ދިވެހި ބަހުގެ ވެސް އަދި އަޚްލާގުގެވެސް މިކަހަލަ ވަރަށް އާދައިގެން ކަންތައްވެސް ނޭނގޭ. މި ހާރު އިޙްސާސްކުރެވިއްޖެ. ރީތިކޮށް އެންމެ ފަހުގެ މޯބައިލާއި ޓީޝާޓާއި ޖީންސް ލައިގެން މެދުގައި އޮތް ބަހަށް ރުހުމުގައި އަރާނީ ކާކު. ފުރަތަމަ ބަސް ރީތީ. އެއީ ރީތިބަސް. ދެންވާހަކަ ދައްކާނީވެސް އެފަދަ ރީތިބަހުން. ވަރަށް ބޮޑަށް ޝުކުރިއްޔާ އާދަމް އަށް!
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |