ފަންވަތް ދިވެހި މާދަރީބަސް 3D ދިވެއްސަކަށް ނުވަމާ ތޯއެވެ!
ބެލި ޢަދަދު: 2403
3D ދިވެއްސަކަށް ނުވަމާ ތޯއެވެ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
20 ޑިސެމްބަރ 2008، 16:39 ހޮނިހިރު

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)
 
3D ދިވެއްސެކޭ މި ދަންނަވަނީ ހަމަ ގަސްތުގައެވެ.  3D އުފެއްދުންތަކަކީ، އެއްވެސް ފުރާނައެއް ނެތް އުފެއްދުންތަކެކެވެ. އޭގައި، އޭގެ އަމިއްލަށް ދެނެގަތުމާއި، މަސައްކަތުން ލިބިގަތުމުގެ ބާރެއް ނެތެވެ. ޙަރަކާތެއް ވާނަމަ (އެނިމޭޓު ކޮށްފައިވާނަމަ) އެޙަރަކާތަކީ، އޭގެ އަމިއްލަ ޒާތުގައި ހިނގާ ކަމެއް ނޫނެވެ. ޕްރޮގްރާމު ކުރިމީހަކު، އެއަށް ދިން ބާރެކެވެ. އެމީހާ އެ އެއްޗެއް ޙަރަކާތްތެރިކުރުވަން ބޭނުންވި ގޮތެވެ.  އޭގެ ބޭރުން އެއްވެސް ކަމެއް އެފަދަ އުފެއްދުމަކަށް ނުކުރެވޭނެއެވެ.

ކޮންމެއަކަސް، މި މަޒުމޫނުގައި އަޅުގަނޑު އެއްޗެއް ދަންނަވާލަން މި އުޅޭ މައްސަލައާމެދު އެއްޗެއް ދަންނަވާލާއިރު، ތަންކޮޅެއް ''ބަރު ބަސްތައް''، ލަދު ޢިބާރާތައް ގެންނަން އެބަޖެހެއެވެ. އެކަމަށްޓަކައި ތިޔަ ބޭފުޅުންގެ އަރިހުން މާފަށް އެދެމެވެ.

އިންސާނާއަކީ، މާތް ﷲގެ އުފެއްދެވުމެކެވެ. އެކަލާނގެ ޚަލްޤުކުރެއްވި މަޚްލޫޤެކެވެ. އެކަލާނގެ އިންސާނާއަށް، އަމުރު ކުރެއްވި ކަންކަމުގެ ތެރޭގައި އަމިއްލަޔަށް ހޯދައި ލިބިގަތުން ހިމެނެއެވެ. އަމިއްލަ މަސައްކަތުން ޢިލްމުގެ މާކަނޑަށް ފީނުން ހިމެނެއެވެ. ޚާއްޞަކޮށް ސަލާމްލެއްވި އާދަމުގެފާނު އުފައްދަވައި، ބިމުގައި ލެއްވިތަކެތީގެ ނަންތައް އެކަލޭގެފާނަށް، އުނގަންނަވައި ދެއްވުން ފާހަގަ ކޮށްލެވެއެވެ. ބަހުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަމުން އިންސާނާއާއި ބަހާ ދެމެދު ހުރި ގުޅުން އެނގެއެވެ. އެކަމަށް އޭނާ ދޭންޖެހޭ އަހައްމިއްޔަތު އެނގެއެވެ.  ވިސްނާ ފިކުރު ކުރާނަމަ އެވެ!

އަޅުގަނޑުމެންގެ ދިވެހި ބަހަކީ، ޤުދުރަތުން އަޅުގަނޑުމެންނަށް ދެއްވިބަހެވެ. ބަހެއްގައި ހުންނަންޖެހޭ ކަމަށް ޢިލްމުވެރިން ވިދާޅުވާ ހުރިހާ ސިފަތަކެއް މި ބަހުގައި ވެސް ހުރިކަމަށްވެއެވެ. އެހެންކަމަށްވާނަމަ، މި ބަހުގައި ވެސް ހަމަތަކެއް ހުންނާނެއެވެ. ސިއްރުތަކެއް ހުންނާނެއެވެ. އުނގެނި ދަސްކުރަންޖެހޭ ކަންތައްތަކެއް އޮންނާނެއެވެ. އެކަންކަން ދެނެގަތުމަށްޓަކައި އަމިއްލަޔަށް މަސައްކަތް ކުރުމީ ބަހުގެ އަހުލުވެރިންގެ ވާޖިބެކެވެ.  ބަސްބޭނުންކުރާ މީހުންގެ މަސްއޫލިއްޔަތެކެވެ. ސަބަބަކީ، އެފަދަ މަސައްކަތްތައް ކުރުމެއްނެތި، ބަހާމެދު ދޭންޖެހޭ ސަމާލުކަން ނުދީ ބަސް ބޭނުން ކުރުމުން ދިމާވާ ދެރަ ގޮތްތަކެވެ. އައިބު ގޮތްތަކެވެ. ލަދުވެތި ހާލަތްތަކެވެ.


މި މަޒުމޫނުގައި މިފަދަ ދެތިން ޙާލަތަކަށް އަލި އަޅުވާލެވޭތޯ ބަލާނަމެވެ.

އެއްބަހެއްގައި އެތައް މާނައެއް އޮވެދާނެއެވެ. އެއް ލަފުޒެއް އަނެއް ލަފުޒަކާ ގުޅޭ ގޮތަކުން މާނަ ވަދަލުވެދާނެއެވެ. މި ފަދަ ހާލަތްތަކާއި ހަމަތައް ދަސްކުރަން ޖެހެއެވެ. ބަސްބުނެ އާންމު ކުރުމުގެ ކުރީގައި ނުވަތަ ޝާއިޢު ކުރުމުގެ ކުރީގައި ކުރެވިފައިވާ ޢިބާރާތްތަކަށް ސަމާލުވާންޖެހެވެ.  އާންމުކޮށް ތިމާ އަށް އެނގިފައި އޮންނަ މާނަ ނޫން އެހެން މާނައެއް އެ ލަފުޒުން ނިކުމެދާނެ ތީއެވެ.  ނިކުންނަ މާނަ ތިބާގެ ޝަޚްޞިއްޔަތަށް ފުރައްސާރަ ކޮށްފާނެތީވެސްމެއެވެ.

މިސާލު:

ހ- މީހަކު ދިޔައީ އޭނާގެ މަންމަ ބަލިވެގެން ހޮސްޕިޓަލުގައި ބާއްފައި އޮތީމައެވެ. އޭނާ އައިސް، ތިމަން މިއައީ ހޮސްޕިޓަލަށް ވަދެފައޭ ބުނުމުން މައްސަލައެއް ނެތެވެ. މިސްކިތަށް ވަނަސް މައްސަލައެއް ނެތެވެ. އެކަމަކު ހޮސްޕިޓަލުގައި އޮތް ބަލިމީހާގެ ގާތަށް ވަދެފައޭ ބުނީމާ ނިކުންނަނީ މުޅިން ތަފާތު މާނައެވެ. ސަބަބަކީ، އިންސާނެއްގެ ގާތަށް ވިއްޔާ ދިވެހިން ކިޔާ އުޅެނީ ދިޔުމެވެ. އޭނާ ދިޔައީ މަންމަ ގާތަށެވެ. ބަލިވެ އޮތްނަމަ މަންމަޔަށް ގޮވާލަން ދިޔައީއެވެ. ''ވަނުން'' މި ލަފުޒު ބޭނުން ކޮށްފިއްޔާ ނިކުންނަނީ ހައްދުޖަހަން ޖެހޭވަރުގެ ހުތުރު މާނައެއް ނޫންތޯއެވެ.

ށ- މި  ވެނި ދަތުރެއްގައި ތިމަންނަމެން ރޭކުރީ އެވެނި ރަށެއްގައޭ ބުނުމުން މައްސަލައެއްނެތެވެ. ރޭކުރުމުގެ އެއްމާނަކީ، ރޭގަނޑު އެރަށުގައި ތިބުމެވެ. އެރަށުގައި މަޑުކުރުމެވެ. އެރޭގެ ނިދި އެރަށުގައި ނިދުމެވެ. އެކަމަކު، މި ޙާލަތުގައިވެސް މީހެއްގެ ގާތުގައި ރޭކުރީމޭ ބުނެފި ނަމަ، މާނަ ގޯސްވެއެވެ. ހުތުރުވެއެވެ. ސަބަބަކީ، މީހެއްގެ ގާތުގައި ރޭކުރުމަކީ، އޭނާގާތުގައި ނިދުން ކަމަށްވާތީއެވެ.

ނ-  ދާދި ފަހުން ރާއްޖޭގެ ޓީވީ ޗެނަލަކުން ދެއްކި ރިޕޯޓެކެވެ.  ޗައިނާއަށް އައި ބިންހެލުމެއްގައި ގެއެއްގެ ދަށުވި މީހަކު، ސަލާމަތްވެގެން ނިކުމެ ބަސްދީ ގަތުމެއްދެނީއެވެ. ދިވެހި ބަހުން އޭގެ ތަރުޖަމާއައެވެ. '' އަހަރެން އޮތީ ގޭގެ ދަށުގައި ފިތި ބާރުވެފާ. މީހުންނަށް ގޮވާ ހެދީމަ އަޑެއް ނީވުނު. އެންމެ ފަހުން އެހެން އޮވެފައި ހަދާލެވުނު ގޮތަކުން ފައިދަމައިގަނެވިއްޖެ. އެކަމަކު މަތީގައި އޮތްގަލުގެ ބަރުކަމުން ނުތެދުވެވުނު. އެންމެފަހުން އެހެން އޮވެފައި ވަރަށް މަސައްކަތުން ބަނޑުއަޅައިގެން ނިކުތީ''

ތިރީގައި ބަޔާންކުރެވުނު ތިން މިސާލަކީވެސް، މި ފަދަ ކޮންމެވެސް ގޮތަކުން އަޅުގަނޑަށް އިވިފައިވާތީ، ކިޔިފައިވާތީ، ހިމަނާފައިވާ ތިން މިސާލެވެ. ފަހު މިސާލުގެ އެންމެ ފަހު ބަހާމެދުވެސް ވިސްނާލައްވާށެވެ.  އޮޑި އެޅުމަކީ ހުތުރު ބަހެއް ނޫނެވެ. ލޯ އެޅުމަކީ ވެސް ހުތުރު ބަހެއް ނޫނެވެ. އެކަމަކު ބަނޑާ ގުޅުވައިގެން، ''އެޅުން'' މި ލަފުޒު އައިމާ އެބަސް އެންމެ އެކަށީގެންވަނީ، މާރުކޭޓުގެ މަސްކަނޑާ އަށިމައްޗަށް ދޮގެއްތޯއެވެ؟

މި ފަދަ ތަފާތުތައް ދެނެގަތުމަށްޓަކައި، ބަސްފޯރުކޮށްދޭ މީހުން މަސައްކަތްކުރަންޖެހެއެވެ. އަމިއްލަޔަށް އުނގެނި ދަސްކުރަންޖެހެއެވެ. ރޮބަޓުގެ ދުނިޔޭން ނިކުންނަންޖެހެއެވެ. 3 – D ވަންތަކަންވެސް ކަނޑުވަންޖެހެއެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ފާއިޒް, 2008-12-20 10:47:58
ނަސީރުގެ ލިޔުއްވުންތަކަށް ވަރަށް ތާއީދުކުރެވޭ. ތިޔަ ވިދާޅުވާ ވާހަކައަކީ ހަމަތެދުފުޅެއް. ޤައުމީޓީވީއިންވެސް އަދި ނޫސްތަކުންވެސް ތިޔަފަދަ ގޮތަށް ޙަބަރުތައް ގެނެސްދީފައި އެބަހުރި. ތިޔަ ފަދަ ލިޔުއްވުންތަކުން ޙޭލުންތެރިކަން އިތުރުވާނޭކަމަށްފެނޭ. އަބަދުވެސް އެދެނީ ތިޔަފަދަ ލިޔުއްވުންތައް މިސައިޓްގައި ޝާއިޢުކޮށްދެއްވުން...
...
ލިޔުނީ ތްރީޑީމެކްސް, 2008-12-20 17:02:42
ވަރަށް ފުރިހަމަ ތިން މިސާލު ތިޔަ ގެނެސްދެއްވީ. ކޮންމެ ލަފުޒެއް ބޭނުންކުރަންޖެހޭ ހަމަތަކެއް ވާކަން މިހާރު ވިސްނިއްޖެ.
...
ލިޔުނީ ‰‰މ, 2009-03-18 09:49:53
1-ވަރަށް ރަނގަޅު ލިއުއްވުމެއް. ލަފުޒަކީ ވަރަށް ބާރުގަދަ އެއްޗެއް. ނުވިސްނައި ބޭނުންކުރެވޭ ލަފުޒަކުން، އެ ލަފުޒު ބޭނުންކުރި މީހާ ދޭހަކޮށްދޭން ބޭނުންވި މާނަ ނޫން އެހެން މާނައެއް އަޑުއަހާ މީހާ އަށް ދޭހަވާ ގޮތް ވެސް ވެދާނެ. ހަމަ އެފަދައިން، ވާހަކަދެއްކި މީހާ އަޑުއެހި މީހާއަށް ކުރުވާން ބޭނުންވި އަސަރު ނޫން އެހެން އަސަރެއް ވެސް އަޑުއެހި މީހާ އަށް ކޮށްފާނެ.
2-ނަޞީރުގެ ތިންވަނަ މިސާލާ މެދު އަޅުގަނޑު ވާހަކައެއް ދަންނަވައިލާނަން. "ބަނޑާ ގުޅުވައިގެން، ''އެޅުން'' މި ލަފުޒު އައިމާ އެބަސް ... މާރުކޭޓުގެ މަސްކަނޑާ އަށިމައްޗަށް" ނޫނަސް ރަނގަޅުވާ ޙާލަތު އާދޭ. މިސާލަކަށް: (ހ) ފާރުގައި ބަނޑުއަޅައިގެން ތިޔަ ގޮތަށް އޮތްވައި މަގުމައްޗަށް ވެއްޓިދާނެ! (ށ) ރާނާ އިރު، މި ކުދި ގައުކޮޅުތައް ފާރުގެ ބަނޑު އަޅާން ރަނގަޅުވާނެ. (ނ) މުދައުއުފުލާ ބަނޑު އަޅައިފައި އޮތީ މަގަތު ފާލަމުގައި. (ރ) އަހަރެން އޭނާ ބަލައި ބޮޑުކުރީ އަހަރެން ބަނޑު އަޅައި ވިހޭ ދަރިއެއް ވެސް ބަލައި ބޮޑުކުރާނޭ ހެން. ނަޞީރުގެ މިސާލުގައި ވިދާޅުވެފައިވާ ޖުމުލަ އަޑުއަހައިލާން އަޅުގަނޑަށް އުނދަގޫ ވަނީ، އެ ބުނަން އުޅުނު ވާހަކައާ އެ ލަފުޒާ ނުގުޅުނީމާ.
3-ބައެއް ފަހަރު، "ކުޅަދާނަ މީހުން" މި ކަހަލަ ބަސްބަސް ދެ މާނަ ނެގޭ ގޮތަށް ވެސް ބޭނުން ކުރޭ. މިސާލަކަށް ތެޅިގަލުން ރާނާން ހުރި މީހަކާ ދިމާއަށް "ރާނާ އިރު ބަނޑުއަޅާން މި ގައުކޮޅުތައް ރަނގަޅުވާނެ!" އޭ، ގައުކޮޅުތަކެއް ދައްކައިފައި ބުނެފާނެ. އެކަމަކު "ރާނާން ހުންނަ އިރު ބަނޑު އަޅާން މި ގައުކޮޅުތައް ރަނގަޅުވާނެ!" އޭ ބުނެފިއްޔާ އަޅުގަނޑަށް ދޭހަވަނީ ހުތުރު ބަހުރުވައިން ކެއުމުގެ މާނަ. ފަހު ޖުމުލައިން އަޅުގަނޑަށް ދެ މާނަ ނުނެގެނީ "ހުންނަ" އައުމުން. އެ ލަފުޒު ރައްދުވަނީ ހަމަ އެކަނި ރާނާ މީހާ އަށް ކަމަށް ވާތީ. ފާރުގެ ބަނޑަށް ރައްދު ނުވާތީ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2403
extra avandia and congestive heart failure