ފަންވަތް ދިވެހި މާދަރީބަސް ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން. . . . . . . (1): "އިނބަ" ގެ ޙަޤީޤަތަކީ ކޮބާ؟
ބެލި ޢަދަދު: 742
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން. . . . . . . (1): "އިނބަ" ގެ ޙަޤީޤަތަކީ ކޮބާ؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
01 ޖޫން 2011، 06:49 ބުދަ


ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިބަހަކީވެސް އެހެން ބަސްބަހުގެ ޠަބީޢަތާ އެއްގޮތަށް ހެދި ބޮޑުވަމުން ތަރައްޤީވަމުން އަންނަ ބަހެކެވެ. އަދި މިބަހުން ވާހަކަދައްކާ މުޖުތަމަޢެއް ދިރިއުޅޭތަނަކާއި ޙާލަތަކާއި އެ ބަޔެއްގެ ފެންވަރާ ގުޅިގެން އެކި ސަރަޙައްދުތަކުގައި ވެސް ތަފާތުތަކެއް ހުންނަ ބަހެކެވެ. ޖުޣުރާފީގޮތުން އެ މުޖްތަމައެއް ދިރިއުޅޭ ތަނަކާއި ދަތުރުފަތުރާއި މުޢާމަލާތުގެ ދުރު ގާތްމިނާއި ތަޢުލީމީ ފެންވަރުގެ ސަބަބުން މި ތަފާތު ބޮޑުވެ ކުޑަވުމަށް މަގުފަހިވަމުން އަންނަ ބަހެކެވެ. މިއީ ދުނިޔޭގެ ހުރުހައި ބަހެއްގެވެސް ޠަބީޢަތެވެ. މިދެންނެވި ތަފާތަށް އަދަބިއްޔާތުގެ ޢިލްމުވެރީން ނުވަތަ ބަސްވާރުން ދީފައިވާ ނަމަކީ ބަހުރުވައެވެ.

ދިވެހިރާއްޖޭގައި ވެސް ތަފާތު ބަހުރުވަތައް އެބަ ހުއްޓެވެ. މާލޭ ބަހުރުވެޔާ އަޅައިބަލާއިރު އުތުރުގެ އަތޮޅުތަކަށްވުރެ ދެކުނުގެ އަތޮޅުތަކުގައި ބަހުރުވައިގެ ތަފާތު ބޮޑުކަމުގައި ފާހަގަކުރެވެއެވެ. މިއިން ކޮންމެ ބަހުރުވައެއްގައި ވެސް ވަކި ޚާއްޞިއްޔަތެއް އޮވެއެވެ. މި ގޮތުން މިއަދު އަޅުގަނޑު މި ބަލައިލަނީ ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ ތެރެއިން "އިނބަ" ގެ މައްޗަށެވެ. އެ ލަފުޒުގެ ޙަޤީޤަތުގެ މައްޗަށެވެ.

ގިނަ ބޭފުޅުންނަށް ޤަބޫލުފުޅު ކުރެވޭ ގޮތުގައި "އިނބަ" އަކީ މާލެ ބަހުރުވައިގައި ބޭނުންކުރާ "ކަލޭ" ގެ ބަދަލުގައި ހަމަ އެ މާނައިގައި ހައްދުންމަތީ މީހުން ބޭނުންކުރާ ލަފުޒެކެވެ. ނަމަވެސް މިއީ ޙަޤީޤަތެއް ކަމަށް ދެންނެވޭކަށް ނެތެވެ. ޙާޤީޤަތަކީ "އިނބަ" އަކީ މާލޭ ބަހުރުވައިގައި ވެސް ބޭނުންކުރެވުނު އަދި މިހާރު އިހުމާލުކޮށްލުމުގެ ސަބަބުން އެ ބަހުރުވައަށް ފަޤީރުކަމެއް ލިބިފައިވާ ލަފުޒެއް ކަމެވެ. އަދި  "ކަލޭ" އުފެދިގެން އައީ މާފަހުން ކަމެވެ. ހަމަ މިފަދައިން "އިނބަ" ގެ މަޤާމު "ކަލޭ" އަށް އަދިވެސް ނުލިބޭކަމެވެ.

ކޯފާވެވަޑައިނުގަންނަވާށެވެ! އަޅުގަނޑު މި ދެންނެވި ބަހުގެ ހެތްކަކަށް ބޭނުންފުޅުވާ ނަމަ ކުރީގެ ލިޔުންތަކަށް ކަޅިއެއް އުއްކަވައިލައްވާށެވެ! މިސާލަކަށް "ޒުހުރުލް ކަމާލާތި ފީ އަޙުކާމިލް ޢިބާދާތި" (ބޮޑުތަރުތީބު) ގައި "އިނބަ ބުނާހުށި" މި ލަފުޒު އެތައް ފަހަރަކު ތަކުރާރުވެފައިވެއެވެ.

ތަޢައްޞުބުން އެއްކިބާވެވަޑައިގެން ހުސް ހި ތް ޕު ޅަ ކު ން ވިސްނައިވަޑައިގެންފިނަމަ "އިނބަ" އާއި "ކަލޭ" ގެ ތަފާތުތަކެއް ހުރިކަމަށް ގަބޫލުފުޅު ކުރެވިދާނެއެވެ. އެއީ އެ ދެ  ލަފުޒު ބޭނުންކުރެވޭ ގޮތުގެ ސަބަބުންނެވެ. "ކަލޭ" އަކީ އިޙުތިރާމް ކުރެވޭ ފަރާތްތަކަށް މުޚާޠަބުކޮށް ބޭނުންކުރަން އެކަށީގެންވާ ލަފުޒެއްނޫނެވެ. އެކަށީގެންނުވާންވީ ކީއްވެގެންތޯ ބަޔަކު ސުވާލު ކުރިޔަސް ހަމަގައިމު ވެސް މުޖުތަމައު ޤަބޫލުކުރާނީ މި ދެންނެވިގޮތަށް ކަމަށް ތިޔަބޭފުޅުން ވެސް ޤަބޫލުފުޅުކުރައްވާނޫއެވެ. މިސާލަކަށް މަންމައާއި ބައްޕަގެ މުޚާޠަބުގައި "ކަލޭ" ބޭނުމެއްނުކުރާނެވެ. އަދި ޓީޗަރެއްފަދަ  ތިމާ އިޙްތިރާމްކުރާ ފަރާތަކަށް ވެސް މި ބަދަލު ނަމުން މުޚާޠަބެއް ނުކުރާނެއެވެ. މިފަދަ މަޤާމެއްގައި 'ކަލޭ" ބޭނުންކޮށްފިނަމަ އެއީ އަދަބުކުޑަވުމުގެ އިންތިހާކަމަށް މުޖުތަމަޢުގެ ކޮންމެ ފަރުދަކު ވެސް ދެކޭނެއެވެ. ނަމަވެސް މިޔާ ޚިލާފަށް "އިނބަ" ގެ ބޭނުން ކުރެވެނީ އިނގިރޭސި ބަހުގައި "YOU " ބެނުންކުރާ މާނައިގައެވެ. މިސާލަކަށް ހައްދުންމަތީ ބަހުރުވައިގައި "ހޭއި އަމާ! އިނބަ ނުބޮނަމެއްނޮ، މަ ކެރާންވީކަމެއް؟" މިއީ އެއްވެސް ހާލެއްގައި ބޭއަދަބީ ބަހެއްނޫނެވެ. ނަމަވެސް މި ޖުމުލަ މާލޭ ބަހުން ބޭނުންކުރާއިރު "އިނބަ"ގެ ބަދަލުގައި "ކަލޭ"  ބޭނުންކުރުމަކީ އަދަބާ ޚިލާފް ކަމެކެވެ. މިސާލަކަށް: "އޭއި މަންމާ! ކަލޭ ނުބުނަމެއްނު މަ ކުރާންވީ ކަމެއް؟" މިހެން ސުވާލުކުރުމަކީ ވަރަށް ބޮޑު ބޭއަދަބީ ކަމެކެވެ. މި ޖުމުލައި ގައި މިއޮތް ބަދަލުނަމުގެ ބަދަލުގައި ވެސް މާލޭ ބަހުރުވައިގައި ބޭނުންކުރާނީ "މަންމަ" މި ލަފުޒެވެ. ވީމާ ޢާއްމު އަދަބީ ބަހުރުވައިގައި ވާހަކަ ދެކެޥޭ 2 ވަނަ ފަރާތަށް ނިސްބަތްވާ ބަދަލުނަން އުނިވުމްގެ ސަބަބުން ބަހުރުވައަށް ފަޤީރުކަން ލިބިފައިވާ ކަމަށް އެބަ ދަލީލު ލިބެއެވެ. އެހެންކަމުން "ކަލޭ" ގެ ބަދަލުގައި ބޭނުން ކުރާނެ (ދެވަނަ ފަރާތަށް ނިސްބަތްވާ) ބަދަލު ނަމެއް ޢާއްމު އަދަބީ ބަހުރުވައިގައި ވެސް އޮންނާނެކަން އެބަ އެނގެއެވެ. އަދި އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި "އިނބަ" އެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ނިސްބަތްކޮށް އަޅުގަނޑުމެން ބޭނުންކުރަނީ މާތްކަމުގެ އެއްމެ މަތިވެރި ދަރަޖަކަމަށްވާއިރު ﷲ ތަޢާލާގެ ޙަޟްރަތާ މުޚާތަބުކޮށް "އިނބަ" ބޭނުންކުރެވޭ ކަމީ "އިނބަ" އާއި "ކަލޭ" ގެ ތަފާތުތަކެއް ހުރިކަން ސާބިތުވާ ވަރުގަދަ އަނެއް ދަލީލެވެ. "އިނބަ ސުވާމީންގެ"، އިނބަ ރަސްކަލާންގެ" ފަދަ އިސްމުފުޅު ތަކުގައި އެވާ "އިނބަ" ގެ ބަދަލުގައި ޢާއްމު އަދަބީ ބަހުރުވައިގައި އެވާ 'ކަލޭ" އެއް ބޭނުމެއް ނުކުރެވެއެވެ. މިއިން އެނގެނީ "ކަލޭ" އާއި "އިނބަ" ގެ ދަރަޖައިގެ ތަފާތު ބޮޑުކަމެވެ.
  
މި ކަންކަމަށް ފުންކޮށް ނަޒަރު ހިންގައިލުމުން ދޭހަވެ އެނގެނީ "ކަލޭ" އަކީ މާލޭ ބަހުރުވައިގައި "އިނބަ" ބޭނުން ކުރެވެމުން އައި ދުވަސްވަރު ޤަދަރު ކުޑަކުރުމުގެ ގޮތުން ވަކި ފެންވަރެއްބެ ބަޔަކާ މުޚާޠަބު ކުރުމަށްޓަކައި ބޭނުންކުރަން ފެށުނު ލަފުޒެއްކަމަށްވުން ވަރަށް ކައިރި ކަމެކެވެ. އަދި "ކަލެ" އަކީ "އިނބަ" ގެ ބަދަލުގައި ތަޢާރުފުވި ބަހަކަށް ވީނަމަ "ކަލޭ" އަށް ދިވެހި މުޖުތަމައު ގައި މިހާރު މި އޮތް ދަށް މަޤާމު އެ ލަފުޒަށް ޙައްޤެއް ނުވީސްކަމެވެ.
   
"ކަލޭ" އަކީ ދަށުދަރަޖައިގެ މީހުނާ މުޚާޠަބުކުރުމަށް ބޭނުންކުރަން ފެށުނު ލަފުޒަކަށް ވާނަމަ މާތް މީހުންނާއި އެންމެ މާތް މީހުންނާ މުޚާޠަބުކުރުމަށް "ކަލޭފާނު" "ކަލޭގެފާނު" "މަނިއްޕުޅު"، "މަނިކުފާނު"، "ބޭފުޅާ" ފަދަ ކިތަންމެ ބަދަލުނަމެއް އޭރުގައިވެސް ގެންގުޅޭނެއެވެ. ނަތިޖާއަކަށްވާނީ މާލޭ ބަހުރުވައިގައި "އިނބަ" އަށް އޮތް މަޤާމު މުޅިން ގެއްލިގެން ދިޔުމެވެ.
 
އެއްވެސް ޝައްކެއްނެތް ގޮތުގައި މިއަދު ވެސް އަޅުގަނޑުމެން ޤަބޫލުކުރާން ޖެހޭނެ ޙަޤީޤަތަކީ އިނގިރޭސިބަހުން ބޭނުންކުރާ “YOU” ގެ ބަދަލުގައި ދިވެހިބަހުގައި "ކަލޭ" ބޭނުން ނުކުރެވޭކަމެވެ. އަދި ހައްދުންމަތީ ބަހުރުވައިގައި ބޭނުންކުރާ "އިނބަ" އަކީ ވާހަކަ ދެކެވޭ ދެވަނަ ފަރާތާ މުޚާޠަބުކޮށް ބޭނުން ކުރުމަށް މިއަދު ވެސް އެންމެ އެކަށީގެންވާ ބަދަލުނަމެއްކަމެވެ. ކޮންމެއަކަސް ވާހަކަ ދެކެވޭ ދެވަނަ ފަރާތަށް ބޭނުންކުރާނެ އެކަށީގެންވާ ބަދަލުނަމެއް ޢާއްމު އަދަބީ ބަހުރުވައިގައި ނެތްކަމުގެ އުނިކަން މިއަދު އަޅުގަނޑުމެން މިގެންދަނީ އިޙުސާސްކުރަމުންނެވެ. ވީމާ "އިނބަ" ގެ ހަޤީޤަތެއްކަމަށް ދެންނެވެން އޮތީ "އިނބަ" އަކީ މާލޭ ބަހުރުވައިގައި ބޭނުންކުރެވެމުން އައި ބަދަލުނަމެކެވެ. އަދި މިއަށް ވުރެ ވެސް ބޮޑު ޙަޤީޤަތަކީ ވާހަކަ ދެކެވޭ ދެވަނަ ފަރާތާ މުޚާޠަބުކުރެވޭ ބަދަލުނަމެއް ކަމުގައި މުޖުތަމަޢުން "ކަލޭ" ޤަބޫލުނުކުރާކަމެވެ.
   
ވީމާ "އިނބަ" އަށް ކުރީންވެސް ލިބިފައި އޮތް ޙައްޤު މަޤާމު އަލުން އިޢާދަކުރުމަށް ވިސްނުމަކީ ކޮންކަހަލަ ކަމަކަށް ވާނެބާވައެވެ!؟
---------------------
(ނިމުނީ)

މި ލިޔުން:

   ފޮނުވުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
   ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)Add Comment
...
ލިޔުނީ ދިރާސާ, 2011-06-02 03:52:24
ވަރަށް ފުރިހަމަ ލިޔުންކޮޅެކެވެ. އަޒީ ތިޔަކުރައްވާ މަސައްކަތްޕުޅުތަކަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ. މިލިޔުމުގައި ވާހަކަ ދައްކާއިރު "ކަލޭ" ބޭނުންކުރާ އުސޫލުން ދެވަނަ ފަރާތަށް ނިސްބަތްކޮށް ބޭނުންކުރެވޭ އިތުރު ލަފުޒެއް ކަމުގައިވާ "ތިބާ" އަށް އަލިއަޅުވާލި ނަމަ ލިޔުން އިތުރަށް ފުރިހަމަވީހެވެ. ރަދީފުގައި "ތިބާ" ގެ ފުރަތަމަ މާނައެއްކަމުގައި "ކަލޭ" އެބައޮތެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މީހަކާ ދިމާލަށް "ކަލޭ" ކިޔައިފިނަމަ އަދަބު ކުޑަވާގޮތަށް "ތިބާ" އޭ ކިޔައިފިނަމަ އަދަބުކުޑައެއް ނުވެއެވެ. "ތިބާ" އަކީ މުޚާތަބުކުރެވޭ ފަރާތްތައް ވެސް ހިތްހަމަޖެހޭ ފަދަ ލަފުޒެކެވެ. އަޅުގަނޑަށް ވަނީ މިކަން ފާހަގަކުރެވިފައެވެ. އެހެން ކަމުން މިލިޔުމަށް އިތުރުކުރައްވައިގެން ނުވަތަ އެހެން ލިޔުމެއްގައި ނަމަވެސް މިލަފްޒަށް އަލިއަޅުއްވާލަދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. ފަހަރެއްގައި "ތިބާ" އަކީ "އިނބަ" ހާ ފުރިހަމަ ލަފުޒަކަށް ނުވެވެސް ހިނގައިދާނެއެވެ. ނަމަވެސް މިލިޔުމުގައި މިލަފްޒުގެ ނަންގަތުން މުހިންމުކަމުގައި ދެކެމެވެ. އަދި މިލިޔުމުގެ މައްޗަށް ބިނާކޮށް އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި މިހާރު ރަދީފުގައިވާ މާނަތައް ވަނީ ފުދޭވަރަކަށް ބަދަލުކުރަންޖެހިފައެވެ. އިންގްލިޝް ޑިކްޝަނަރީތަކުގައި ވާފަދައިން "ކަލޭ" މިލަފުޒުގައި "ވަލްގާ" ލޭބެލް ޖެހި ރަދީފުގައިވާ މާނައިން މިބަހަކީ އަދަބުކުޑަވާފަދަ ބަހެއްކަން އެނގޭގޮތަށް މާނައިގެ އިބާރާތް ވަނީ އިސްލާހުކުރަންޖެހިފައެވެ. އަޒީ ވިދާޅުވަނީ ކީކޭތޯއެވެ؟ މިފަދަ އަގުހުރި ލިޔުންކޮޅެއް ގެނެސްދެއްވިކަމަށްޓަކައި އަޒީއަށް ޝުކުރުވެރިވާ ހާލު އަދިވެސް މިފަދަ އަގުހުރި ލިޔުންތަކެއް ފެނިގެންދާނެކަމަށް އުންމީދުކުރަމެވެ. ހައްދުންމަތީ ބަހުރުވައާއި ގުޅުންހުރި އިތުރު ލިޔުންތަކެއް ފަންވަތުގައި ޝާއިއުކޮށް ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. އެބަހުރުވައިގެ ގަވާއިދާއި އެބަހުރުވަޔާ ބެހޭ އެކިއެކި މައުލޫމާތު ޝާއިއުކޮށްދެއްވުމަކީ ބޭނުންތެރިކަމެކެވެ. އެއީ ދިވެހި ބަހުގެ ބަހުރުވަތަކަށް އަޅުގަނޑުމެން ދިވެހީން ލޯހުޅުވިގެންދާނެ ދިވެހި ބަހުގެ މުއްސަނދިކަން ހާމަވެގެންދާނެ ކަމެއްކަމުގައި ނޫނީ ނުވާނެއެވެ.
...
ލިޔުނީ ހުސޭން, 2011-06-02 04:59:55
ހުސްނޫނެއް ނެތި "އިބަ" އޭ ކިޔުނު ލަފްޒެއް ވެސް ރަދީފުގައި އެބައޮތެވެ. މާނައަކީ "މާތް ބަހުން ކަލޭ" އެވެ. ދެން "އިނބަ" އިގެ މާނައެއް ކަމުގައި ރަދީފުގައި އޮތީ ހަމަ ސީދާ "ކަލޭ" އެވެ. ރަދީފުން ދޭހަވަނީ މިއީ ދެލަފުޒެއް ކަމުގައެވެ. އަދި މިހާރަކަށް އައިސް ގިނައިން ލިޔެއުޅޭތަން ފެންނަނީ "އިބަރަސްކަލާނގެ" މިގޮތަށެވެ. އިނބައިގެ ބަދަލުގައި އިބައެވެ. "އިނބަރަސްކަލާނގެ" ލިޔެއުޅޭތަން ވެސް ކޮންމެވެސް ވަރަކަށް ފެނެއެވެ. ކޮންމެގޮތެއްވިޔަސް ވިސްނާލާއިރު މިދެބަހުގެވެސް އަސްލަކީ އެކައްޗެއްކަމަށް ވިސްނެއެވެ. ރަދީފުގައިވާ މާނަތަކަށް އަލިއަޅުއްވާލައްވާ އެމާނަތަކުގެ އަލީގަ ދޭހަވާ ދޭހަވުންތައް މިލިޔުމުގައި ހިމެނުއްވި ނަމަ ލިޔުން އިތުރަށް ފުރިހަމަވީހެވެ. ރަދީފުގައިވާ މާނައަކީ އިސްލާހުކުރަން ޖެހިފައިވާ އެއްޗެއްކަމުގައި ދެކިވަޑައިގަންނަވާނަމަ އެކަން ބަޔާންކުރައްވާދެއްވައިފި ނަމަ ވަރަށް ރަނގަޅެވެ. އަޒީގެ ވިސްނުންފުޅަކީ ފަހެ ކޮބައިތޯއެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ މިހާރު ރަދީފުވަނީ އިސްލާހުކުރަން ޖެހިފައެވެ. އަޒީގެ ވާހަކަކޮޅު ޖުމްލަގޮތެއްގައި އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. "އިބަ" އަދި "އިނބަ" މިއީ ވެސް ސާފުކުރަން ޖެހިފައިވާ ދެލަފުޒެވެ. ދެން "ތިބާ" ވެސް މެއެވެ. މިމައުޟޫއުގައި ކޮންމެހެން އަލިއަޅުވާލަންޖެހޭ ލަފުޒުތަކަކަށް ވީމައެވެ.
...
ލިޔުނީ ތަކުރު, 2011-06-02 06:11:55
އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމެއް ދަންނަވާލާނަން. "ތީނަ" އަކީ ވެސް ކަލޭގެ ބަދަލުގައި ވަރަށް އާންމު ގޮތެއްގައި ބޭނުންކޮށް އުޅޭ ދިވެހި ލަފްޒެކެވެ. ނަމަވެސް އެލަފްޒު ރަދީފުގައި ނެތުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ހަމަ ޔަގީނުންވެސް "އޭނަ"، "މީނަ" އަދި "ތީނަ" އެއީ ދިވެހި ބަހުގައި ބޭނުންކުރެވޭ ރާއްޖޭގެ އެކިއެކި ދިމާލުން އަދި މާލެއިންވެސް ފެންނަ ބަސްބަހެވެ.
...
ލިޔުނީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު, 2011-06-03 09:25:50
ހުސައިނަށް:
ޙަޤީޤަތުގައި ލަފުޒެއް ކިޔަންވާ ރަނގަޅު އަޑުން ކިޔޭނީ އަދީ ކިޔާނީ ވެސް އެ ލަފުޒެއްގެ އަހުލުވެރިންކަމީ ޤަބޫލުކުރަން ޖެހޭނެ ޙަޤީޤަތެކެވެ. އަދި މިއަދާ ހަމަޔަށްވެސް "އިނބަ" މި ލަފުޒު ދެމިއޮތީ ހަމަ އެކަނި ހައްދުންމަތީގައެވެ. އެހެނވީމާ މި ލަފުޒުގެ މިއަދުގެ އަހުލުވެރިންނަކީ ހައްދުންމަތީ މީހުންކަމަށް ޖެހޭނީ އިޢުތިރާފުވާށެވެ. މި ޙަޤީޤަތުގެ މައްޗަށް ބުރަވެ ހުރެ ދެންނެވެން އޮތީ، އެ ލަފުޒުގެ ރަނގަޅު ގޮތަކީ ހުސްނޫނާއެކު "އިނބަ" ކަމުގައެވެ. މި ލަފުޒުގެ ފިލި ބަދަލުކޮށްގެން އެ އަތޮޅުގެ ބައެއް ރަށްރަށުގައި ބޭނުންކުރިޔަސް އެއްވެސް ރަށެއްގެ ބަޔަކު އެ ހުސްނޫނު އިހުމާލުކޮށެއް ނުލައެވެ. އެހެންވީމާ އެ ލަފުޒު އޮންނަނީ ހަމަ ހުސްނޫނާ އެކުގައެވެ. ކުރީގެ ބައެއް ފޮތްތަކުގައި އެ ލަފުޒު ހުސްނޫނު ނުލައި ލިޔުނަސް އެއީ އެ ލަފުޒު އޮންނަ ގޮތްކަމަށް ދަލީލު ލިބޭ ކަމެއް ނޫނެވެ. އެހެނީ ކުރިން ވެސް އަދި މިހާރުވެސް، "ރަނގަޅު" ފަދަ "އަޅުގަނޑު" ފަދަ ވަރަށް ޢާއްމު ލަފުޒު ވެސް ހުސްނޫނު ނުލައި ބައެއް މީހުން ލިޔާތީ އެވެ. ރަދީފަށް ވެސް އެ ލަފުޒު ހުސް ނޫނު ނެތި ވަދެފައި ވާނަމަ ވަދެފައި އެ ވަނީ ހައްދުންމަތީގެ އަހުލުވެރިޔަކާ މަޝްވަރާ ނުކޮށް ކަމަށް ދަންނަވަންޖެހެއެވެ.
...
ލިޔުނީ ހުސޭން, 2011-06-08 04:16:25
އަޒީއެވެ. ރަދީފުގައި "އިބަ" އަދި "އިނބަ" މިދެގޮތަށް ވެސް އެބައޮތެވެ.
...
ލިޔުނީ ދދ, 2011-06-09 01:23:14
ޢޢޖއ އަށް ޝުކުރިއްޔާއެވެ. ބޭނުންތެރި ލިޔުމެކެވެ. އެކަމަކު ފަހުން ލިޔުއްވައިފައި އެ އޮތް ޖަވާބުކޮމެންޓާ ގުޅިގެން އަޅުގަނޑުގެ ހިތަށް އެރި ދޭއްޗެއް އިޙްތިރާމާ އެކު ދަންނަވައިލާނަމެވެ.

1. "ޙަޤީޤަތުގައި ލަފުޒެއް ކިޔަންވާ ރަނގަޅު އަޑުން ކިޔޭނީ އަދީ ކިޔާނީ ވެސް އެ ލަފުޒެއްގެ އަހުލުވެރިންކަމީ ޤަބޫލުކުރަން ޖެހޭނެ ޙަޤީޤަތެކެވެ." މި ނުކުތާއާ އަޅުގަނޑަކަށް އެއްބަހެއް ނުވެވެއެވެ. ލަފުޒެއް ކިޔަންވާ ރަނގަޅު އަޑުން އެ ލަފުޒެއް ހިމެނޭ ބަހުގެ އަހުލުވެރީން ނޫން އެހެން މީހުންނަށް ވެސް ކިއިދާނެކަމާއި އަދި ކިޔައިފާނެ ކަމީ ޤަބޫލުުރަން ޖެހޭނެ ޙަޤީޤަތެކެވެ. މީގެ މިސާލުތައް އަޅުގަނޑުމެން ދިވެހީންގެ ތެރެއިން ވެސް ފެންނާނެއެވެ.

2. ""އިނބަ" މި ލަފުޒު ދެމިއޮތީ ހަމަ އެކަނި ހައްދުންމަތީގައެވެ." މި ގޮތަށް "އިބަ" ރާއްޖޭގެ އެއް އަތޮޅަށް ވުރެން ގިނަ އަތޮޅުގައި ދެމި އެބަ އޮތްނޫންތޯއެވެ. އެހެނީ ހުސްނޫނު ނެތި އިބަ ރަސްކަލާނގެ މި ގޮތަށް ރާއްޖޭގެ އެއް އަތޮޅަށް ވުރެން ގިނަ އަތޮޅުގައި ބޭނުންކުރާ އަޑު އަޅުގަނޑު އަހަމެވެ. އެހެންކަމުން "އިބަ" ބޭނުންކުރާ މީހުންނަކީ މި ލަފުޒުގެ ވެސް އަހުލުވެރިން ނޫންތޯއެވެ.

3- ބަހަވީ ޢިލްމުގެ ތެރެއިން ބަލާ އިރު ލަފުޒު ކިޔާ ގޮތަށް ވެސް ޒަމާނާއެކު ބަދަލު އާދެއެވެ. އެހެންކަމަށް ވާއިރު ކުރިން ނޯށަށް ނާރުވައި ކީ ލަފުޒެއް ފަހުން ނޯށަށް އަރުވައިގެން ކިޔުމަކީ ވެސް އަދި މީގެ އިދިކޮޅަށް ކިއުމަކީ ވެސް ވެދާނެ ކަމެކެވެ. ބަހަވީ ޢިލްމުވެރީން ވެސް ބަޔާންކުރައްވައިފައި ވާ ފަދައިން ބަހެއް ލިޔެވިފައި ނެތް ޒަމާނުގައި އަދި އަޑު ރެކޯޑުކުރެވިފައި ނެތް ޒަމާނުގައި އެ ބަހުގެ ލަފުޒުތައް ކިއި ގޮތް މިހާރަކު ނޭނގޭނެއެވެ. އެހެންކަމުން މި ވާހަކަދެކެވޭ ލަފުޒު ފުރަތަމަ ބޭނުންކުރެވުނު ގޮތަކީ "އިނބަ" ތޯ ނޫނީ "އިބަ" ތޯ އަދި މި ލަފުޒު ބޭނުންކުރި ހުރިހައި ސަރަހައްދެއްގެ ތެރެއިން ލަފުޒަށް ބަދަލުއައީ ކޮން ސަރަހައްދެއްގައި ތޯ، މިހިރީ ފަސޭހައިން ނިންމޭނެ ކަންކަން ހެނެއް ހިއެއް ނުވެއެވެ.

4. ރަދީފު ގައި "އިނބަ" ވެސް "އިބަ" ވެސް އޮތް އިރު އެއީ ލ އަތޮޅުގެ ލަފުޒެއް ކަމަކަށް ޖަހައިފައި ނެތުމުން އެ ލަފުޒު ރަދީފުގައި ހިމެނި އިރު އެއީ އެއް އަތޮޅަށް ވުރެން ގިނަ އަތޮޅުގައި ބޭނުންކުރާ ލަފުޒެއް ކަމަށް ލަފާކުރެވެއެވެ. ރަދީފުގައި އަތޮޅު ޖަހައި އުޅެނީ ތިން އަތޮޅަށް ވުރެން މަދު އަތޮޅުގައި ބޭނުންކުރާ ލަފުޒުތަކުގައި ކަމަށް ބަސްކޮމިޓީގައި ކުރިން އުޅުއްވި ބޭފުޅަކު އަޅުގަނޑު ގާތު ވިދާޅުވިއެވެ. އަދި "އިބަ" ބަސްފޮތުގައި އޮތުމީ އެ ލަފުޒު ހައްދުންމަތީގައި ކިޔާ ގޮތާ މެދު އެ އަތޮޅުގެ އަހުލުވެރިޔަކާ މަޝްވަރާ ނުކުރެވޭ ކަމުގެ ދަލީލެއް ކަމަކަށް ވެސް ހިއެއް ނުވެއެވެ. އެޔާ ޚިލާފަށް މި ލަފުޒު މި ދެ ގޮތަށް އޮތުމުން ބޮޑަށް ލަފާކުރެވެނީ އެ ލަފުޒު ކިޔާ ގޮތާ މެދު ފުޅާކޮށް މަޝްވަރާކުރެވިފައި ވާ ކަމުގައެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 742
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone