ފަންވަތް ދިވެހި މާދަރީބަސް الله، إلـه، ربّ، މާތްރަސްކަލާނގެ، ރަސްކަލާނގެ، މާތްކަލާނގެ، އިނބަރަސްކަލާނގެ، އިނބަސުވާމީންގެ
ބެލި ޢަދަދު: 697
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
الله، إلـه، ربّ، މާތްރަސްކަލާނގެ، ރަސްކަލާނގެ، މާތްކަލާނގެ، އިނބަރަސްކަލާނގެ، އިނބަސުވާމީންގެ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
08 އޮގަސްޓް 2011، 00:00 ހޯމަ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


މި މަޒުމޫނުގެ މައިގަނޑުނަން ފެނިވަޑައިގަތުމުން މިއީ ދީނީ މަޒުމޫނެއްކަމަށް ހީފުޅުވެދާނެ އެވެ. މަޢާފުކުރެއްވުން އެދެމެވެ. މިއީ ހަމަ އަދަބީ މަޒުމޫނެކެވެ. ވީމާ މި ނުކުތާއަށް ސަމާލުކަންދެއްވައިގެން މި މަޒުމޫނު ވިދާޅުވެދެއްވުން އެދެމެވެ.

އަޅުގަނޑުމެން މުސްލިމުން ހިތުގެ އަޑިން ޤަބޫލުކުރާ ފަދައިން އަޅުގަނޑުމެން އެންމެން ހައްދަވައި ގެންގުޅުއްވައި ބަލަހައްޓަވައި ބޮޑުކުރައްވައި އަޅުގަނޑުމެންނަށް އެންމެހައި ނިޢުމަތްތައް ދެއްވަނީ  الله سبحانه وتعالى އެވެ. އާދޭހެވެ! އަޅުގަނޑުމެންނާއި މުޅި ކާއިނާތާއި އެންމެހައި ތަކެތި މިލްކުވެވޮޑިގެންވަނީ الله އަށެވެ. އަޅުގަނޑުމެން އެނބުރިދިޔުންވަނީ  الله ގެ ޙަޟުރަތަށެވެ.

الله سبحانه وتعالى ގެ ذات  ފުޅުގެ إسم ފުޅަކީ ނުވަތަ لفظ الجلاله އަކީ الله އެވެ. މި إسم ފުޅުގެ ފުރަތަމަ އަކުރުން ފަށައިގެން ފަހަރަކު އަކުރެއް އުނިކުރަމުން ބޭނުންކުރިޔަސް އެ ލަފުޒު الله ގެ ذات  ފުޅަށް ނިސްބަތް ނުވާ ގޮތެއް ވެސް ނެހެދެ އެވެ. މިސާލަކަށް ا އުނިކޮށްފި ނަމަ  لله އެވެ. ا އާއި ل އުނިކޮށްލުމުން له އެވެ. ا އާއި ل އާއި ل އުނިކޮށްލުމުން  ه ނުވަތަ هو އެވެ. އާދެ! هوالله . . . . އެވެ. އެއްވެސް ޝައްކެއްނެތެވެެ. މި މާތް إسم ފުޅަކީ ވަރަށް މަތިވެރި އެހާމެ ފުރިހަމަ إسم ފުޅެކެވެ. މި އިސްމުފުޅުގެ މަތިވެރިކަމާއި ހައިބަތުގެ މައްޗަށް އެއްވެސް އިންސާނަކަށް ތަޢުރީފުކޮށެއް ނުނިންމޭނެއެވެ. އެފަދަ ކުޅަދާނަކަމެއް އިންސާނަކަށް ލިބިގެނެއް ނުވެއެވެ. މުސްލިމުން މި މަތިވެރި إسم ފުޅަށް އެހާމެ ބޮޑު ޤަދަރެއްދެނީ މިފަދަ އެތައް ސަބަބުތަކަށްޓަކައެވެ.

މި މަތިވެރި މާތް އިސްމުފުޅު لفظ الجلاله އަށް އެންމެ ބޮޑު އިސްކަމެއް ދެނީ އަދި އެންމެެ ބޮޑަށް ޤަދަރުކުރަނީ ބަސްތަކުގެ ތެރެއިން ދިވެހިބަހެވެ. މިއީ އޮޅިގެން ދެންނެވި ވާހަކައެއް ނޫނެވެ. ދިވެހިބަސް ފިޔަވައި ހުރިހާ ބަހަކުން ވެސް މި ލަފުޒު ލިޔެ އުޅެނީ އެ ބަހެއް ލިޔެ އުޅޭ އަކުރަކުންނެވެ. ނަމަވެސް ދިވެހިބަސް މި މާތް إسم ފުޅަށް ދޭ ޤަދަރެއްގެ ބޮޑުކަމުން މި إسم ލިޔެއުޅެނީ ހަމަ އެ إسم ފުޅުގެ އަޞްލު އަކުރުންނެވެ. ޢަރަބި އަކުރުންނެވެ. ތާނަ ޓައިޕްރައިޓަރު އުފެއްދި އިރު އެ إسمފުޅަށް ވަކި ފިތެއް ޚާއްޞަކުރީމުއެވެ. ކޮންޕިޔުޓަރުން ލިޔެވޭ ގޮތްވުމުން ވެސް މި އުޞޫލު ދިވެހިން ދުލެއް ނުކުރި އެވެ. އެ إسم ފުޅަށް ކުރާ އިޙުތިރާމެއްގެ ބޮޑުކަމުންނެވެ. އެއީ ތާނައިން އެ އިސްމުފުޅު ނުލިޔެވޭތީކީ ނޫންކަން ހަނދުމަފުޅުބެހެއްޓެވުން އެދެމެވެ. އިނގިރޭސި ބަހުން Allah  ލިޔެގެން ފުދޭ އިރު އަދި އެހެން ހުރިހާ ބަހަކުން ވެސް އެ ބަޔެއްގެ ބަސް ލިޔެ އުޅޭ އަކުރަކުން ލިޔެގެން ފުއްދާ އިރު ދިވެހިބަހުން ވެސް އައްލާހ މިހެން ނުލިޔެވޭންވީ ސަބަބެއް ނެތެވެ. ނަމަވެސް އަޅުގަނޑުމެން ދިވެހީން އެ إسم ފުޅަށް ކުރާ އިޙުތިރާމެއްގެ ބޮޑުކަމުން އެ ގޮތަށް ލިޔާން ބޭނުން ނުވަނީ އެވެ. މިއީ އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ކަމެކެވެ. الله ގެ ذات  ފުޅުގެ إسم ފުޅަށް އެންމެ ބޮޑަށް އިޙުތިރާމްކުރާ ބަހަކީ ދިވެހިބަހޭ ބުނެވޭނެ ޖާގަ އޮތީތީ އެވެ.

ދެން އޮތީ އެހެން ވާހަކައެކެވެ. ދިވެހިބަހުން  الله سبحانه وتعالى އަށް ނިސްބަތްކޮށް "މާތްރަސްކަލާނގެ" ބޭނުންކުރުމަކީ ބައެއް މީހުން އެކަމާ ދެކޮޅު ހަދާ ކަމެކެވެ. މިފަދަ މީހުން، الله އަށް ނިސްބަތްކޮށް إلـه،  ربّ  މި ފަދަ ކަލިމަތައް ބޭނުންކުރުމަށް އިސްކަންދޭކަން ފާހަގަކުރެވެއެވެ. ނަމަވެސް ދިވެހިބަހުގެ ހަމަތަކަށް ބަލާއިރު، މާތް ރަސްކަލާނގެ އަކީ الله ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެއްވެސް މިންވަރަކަށް ނިސްބަތްކުރެވޭ "ލަފުޒެއް" ނޫނެވެ. އެކަމަކު إلـه،  ربّ ފަދަ ކަލިމަތައް ބައެއް ޙާލަތްތަކުގައި އެހެން ފަރާތަތަކަށް ނިސްބަތްކުރެވެއެވެ. މިސާލަކަށް إلـه ގެ މާނައަކީ "އެ ފަރާތަކަށް އަޅުކަންކުރާ ފަރާތެވެ." الله ފިޔަވައި އެހެން إلـه އަކަށް އަޅުކަން ކުރުން ޙައްޤު ނޫނަސް އެކަން ކުރި އަދި ކުރާ މީހުން އުޅެއެވެ. އުޅުނެވެ. އެ މީސް މީހުން އެ ފަދަ ތަކެއްޗަށް إلـه އޭ ކިޔައި އުޅުނެވެ. ކިޔައެވެ. އަނެއްކޮޅުން ބަލާއިރު  ربّ ގެ މާނައަކީ ބަލައި ބަލަހައްޓާ މީހާ އެވެ. އަޅުގަނޑުމެންގެ رب އަކީ الله އެވެ. ދިވެހިބަހުން ކިޔަނީ "ރައްބި" އެވެ. "ރައްބިއެއް ރަ ސޫލެއް، ޢަރުޝިއެއް، ކުރުސިއެއް، ލައުޙެއް ޤަލަމެއް. . . ." މިހެން ކިޔައި އުޅެއެވެ. "ރައްބި" އެއީ ރަދީފުގައި ވެސް އޮންނަ ލަފުޒެކެވެ. މާނައަކީ "ހައްދަވައިބޮޑުކުރެއްވި މާތް ރަސްކަލާންގެ"  އެވެ. އެކަމަކު "ރައްބު" (ربّ) މި ލަފުޒެއް ދިވެހި ރަދީފަކު ނޯވެއެވެ. އެހެން ދިވެހިބަހުން ކިޔައެއްވެސް ކުރިޔަކުން ނޫޅެއެވެ.

ޢަރަބި ބަހުގައި ބޭނުންކުރާ ربّ މި ކަލިމައަކީ ބައެއް މީހުން އެހެން ޙާލަތްތަކުގައި އެހެން ފަރާތްތަކަށް ނިސްބަތްކޮށް ބޭނުންކޮށްފައި ހުރި ލަފުޒެވެ. މިސާލަކަށް ގެފުޅު މުގުރާން އައި ފީލުބާގައިގެ މީހުންނާ މުޚާޠަބުކުރައްވައި ގެފުޅުގެ ވެރި ފަރާތެއް ވާ ކަމަށާއި ބަކަރިތަކުގެ ވެރިޔަކީ ތިމަންކަލޭގެފާނު ކަމަށް ޢަބްދުލްމުއްޠަލިބުގެފާނު ވިދާޅުވި ބަސްފުޅުގައި ބޭނުންކުރައްވައިފައިވަނީ ربّ އެވެ. އަދި މުދަލުގެ ވެރިފަރާތަށް ربّ المـال އޭ ކިޔައެވެ. އެހެންވީމާ  ربّ އާއި  إلـه އާއި މި 2 ލަފުޒު ބޭނުންކުރެވޭ އެހެން ޙާލަތްތައް ހުންނަކަން އެބަ އެނގެއެވެ. ނަމަވެސް މާތްރަސްކަލާނގެ، މާތްކަލާނގެ، ރަސްކަލާނގެ، އިނބަސުވާމީންގެ މިއިން އެއްވެސް ނަންފުޅަކީ އެއްވެސް ޙާލަތެއްގައި އެއްވެސް މިންވަރަކަށް الله ފިޔަވައި އެހެން ފަރާތަކަށް ނިސްބަތްކުރެވޭ އަދި އިޝާރާތްކުރެވޭ ނަންފުޅުތަކެއް ނޫނެވެ.

އޮޅުވައިނުލެއްވުން އެދެމެވެ. އަޅުގަނޑުގެ މަޤްޞަދަކީ އަކީ އަޅުގަނޑުމެންގެ  ربّ އޭ އަޅުގަނޑުމެންގެ  إلـه އޭ ކިޔުން ކަމުނުދެޔޭ ދެންނެވުމެއް ނޫނެވެ. އެ ގޮތުގައި އެއްވެސް ގޯހެއް ނެތެވެ. އަޅުގަނޑުގެ މަޤުޞަދަކީ الله އަށް ނިސްބަތްކޮށް ދިވެހިބަހުން މާތްރަސްކަލާނގެ އޭ ނުވަތަ މާތްކަލާނގެ  ނުވަތަ ރަސްކަލާނގެއޭ ކިޔުމަކީ ގޯހެއް ކަމަށް ބައެއް މީހުން ހީކުރާތީ އެއީ ވަރަށް ބޮޑު އޮޅުމެކޭ، އެ ގޮތަށް ހީކުރުމަކީ ގޯހެކޭ ދަންނަވައިލުމެވެ. ދިވެހިބަހުން މި ދެންނެވި 3 ނަންފުޅުން ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އިޝާރާތެއް ނުކުރެވެޔޭ ދަންނަވައިލުންވެސް މެއެވެ.

الله އަށް ނިސްބަތްކުރުން އެންމެ އެކަށީގެންވާ އިސްމު ފުޅަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި الله އެވެ. އެކަމަކު إلـه،  ربّ ފަދަ ކަލިމަތައް الله އަށް ނިސްބަތްކޮށް ޢަރަބި ބަހުން ބޭނުންކުރެވޭ ނަމަ ދިވެހިބަހުން "މާތްރަސްކަލާނގެ" ބޭނުން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ. މި ނަންފުޅުން ދޭހަވަނީ، އެންމެ މަތިވެރި، ހުރިހާ އެއްޗެއް މިލްކުވެ ވޮޑިގެންވާ އެންމެ ބާރުގަދަވަންތަ ފަރާތެވެ. އެހެން މާނައެއް، "މާތްރަސްކަލާނގެ" މި ނަންފުޅަކުން ދޭހައެއް ނުވާނެ އެވެ. ވީމާ إلـه،  ربّ މި 2 ކަލިމަ ވެސް الله އަށް ނިސްބަތްކޮށް ކިޔޭ ނަމަ، މާތްރަސްކަލާންގެ އަކީ އެ ކަލާނގެ އަށް ނިސްބަތްކުރުން މާ އެކަށީގެންވާ ލަފުޒެއްކަމަށް ނޫނީ ދެންނެވޭކަށް ނެތެވެ.  ހަމަ މިފަދައިން "އިނބަ إلـه" މި ގޮތަށް الله އާ މުޚާޠަބުކޮށް ދެންނެވުން މާ މޮޅުވެފައި  "އިނބަރަސްކަލާނގެ" މި ގޮތަށް ދެންނެވުން ގޯސްވާންވީ އެއްވެސް ސަބަބެއް ނެތެވެ. "ހައްދަވައި ގެންގުޅުއްވާ ރަސްކަލާކޮ" މި ގޮތަށް الله އަށް ދެންނެވުމަކީ އަދަބުކުޑަމަމެއްކަން ދޭހަވާންވީ ސަބަބެއް ވެސް ނެތެވެ. އެހެނީ "މާތް ރަސްކަލާނގެ" މި ނަންފުޅުގެ މާނައެއް ކަމަށް "ދިވެހިބަސްފޮތް2006" ގައި ބުނަނީ (އެއީ) " الله ސުބުހާނަހޫ ވަތަޢާލާ"  ކަމުގައެވެ.

އަނެއް ކޮޅުން ބަލާއިރު،  "إلـه" މި ކަލިމައިން ދޭހަވާ މާނައަކީ "އެ ފަރާތަކަށް އަޅުކަންކުރާ ފަރާތް" ކަމަށް ވިޔަސް "މާތްރަސްކަލާނގެ" މި ނަންފުޅުން الله ގެ މާތްކަމާއި މަތިވެރިކަމާއި، އަދި އެ ކަލާނގެ އަށް މިލްކުވެވޮޑިގެންވާ "مالك الملك ذوالجلال والإكرام" މި އިސްމުފުޅުގެ މާނަ ވެސް ރަމްޒުކޮށްދެ އެވެ.  އެހެނީ ދިވެހިބަސް ފޮތް މާނަކުރާ ގޮތުން "މާތް" މި ނަންއިތުރުގެ މާނައަކީ، "މަތިވެރި" ނުވަތަ "ބަރަކާތްތެރި" ނުވަތަ "އުޅުމުގައި ރީތި ސިފަތައް ލިބިފައިވުން" އެވެ. "ރަސް" މި ނަންއިތުރުގެ މާނަތަކުގެތެރޭގައި "ރަސްކަން"، "މޮޅު"، "އެންމެ ބޮޑު"، "އެންމެ ލޯބިވާ" މި ހުރިހައި މާނަތަކެއް ހިމެނެއެވެ. "ކަލާނގެ" މި ލަފުޒުގެ މާނައަކީ (ރަދީފުގައިވާ ގޮތުން) "އިލާހު" އެވެ. ނުވަތަ "އެ ފަރާތަކަށް އަޅުކަންކުރެވޭ ފަރާތް" މިއެވެ. ވީމާ، އެންމެ މަތިވެރި އެންމެ ބާރުވެރި، ހުރިހާ އެއްޗެއް މިލްކުވެވޮޑިގެންވާ ގަދަކީރިތިވަންތަ ކަލެއްގެ މާނަ "މާތްރަސްކަލާނގެ" މި ނަންފުޅުން އަޅުގަނޑަށް ދޭހަވެއެވެ.

ވީމާ އިސްވެ މި ދަންނަވައިލެވުނު ޙަޤީޤަތްތަކަށް ބަލާއިރު، "މާތްރަސްކަލާނގެ"، "އިނބަރަސްކަލާންގެ"، "ހައްދަވައި ގެންގުޅުއްވާ ރަސްކަލާކޮ"، "އިނބަސުވާމީންގެ" މި ގޮތް ގޮތަށް ބޭނުންކުރުމަށްވުރެ،  "މާތް إلـه "، "އިނބަ إلـه "، "ހައްދަވައި ގެންގުޅުއްވާ إلـه " މ ގޮތް ގޮތަށް ބޭނުންކުރުން މާ މޮޅު އިތުރުކަމަށް ހީކުރުމަކީ ވެސް ރަނގަޅު ހީކުރުމެއް ނޫނެވެ. މިއިން އެއްވެސް ގޮތަކީ އަދަބީ ނަޒަރަކުން ބަލާއިރު ކުށް ގޮތެއް ކަމަށް ދެންނެވޭނެ ޖާގައެއް ނެތެވެ. އަދި މިއީ ދީނީ މައްސަލައަކަށް ހަދައިގެން އިޖުތިމާޢީ އަރައިރުމެއް އުފައްދަންވީ ކަމެއްވެސް ނޫނެވެ. މިއީ އަދަބީ ކަމެކެވެ. ބަހާބެހޭ ކަމެކެވެ. ބަހާބެހޭ ކަމެއްގައި ލަފުޒެއްގެ މާނަ ހޯދުމަށް ތިމާ ރުޖޫޢަވުން އެންމެ އައުލާކަން ބޮޑީ ރަދީފަށެވެ. ނުވަތަ މަޤުބޫލު ބަސްވާރެއްގެ އަރިހަށެވެ. އަޅުގަނޑުމެން ކަންކުރުން އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. ކޮންމެ "ދީނީ ޢިލްމުވެރިޔަކީ"  "ބަސްވާރަކަށް" ނުވާނެ އެވެ. އަދި ކޮންމެ ބަސްވާރަކީ ދީނީ ޢިލްމުވެރިޔަކަށް ނުވެވެސް ހިނގައިދާނެ އެވެ. ވީމާ އަމިއްލަޔަށް ގޮތް ނިންމުމަށްވުރެ ބޮޑަށް، ދަންނަ މީހުންނާ ސުވާލުކުރުުމަކީ އެކަން ކުރަންޖެހޭ އުޞޫލެވެ. އެއީ ހުތުރު ކަމެއްވެސް ނޫނެވެ. އެއީ ރީތި ކަމެކެވެ. ކުރަންޖެހޭ ކަމެކެވެ. ވާޖިބުކަމެކެވެ. ކީރިތި ޤުރުއާނު ގައި الله سبحانه وتعالى  އަންގަވައިފައި ވަނީ "فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ"  (ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، علمގެ أهلވެރިންނާ سؤالކުރާށެވެ!) (سورة الأنبياء 7) 

އެއްވެސް ޝައްކެއް ނެތެވެ. އެންމެންނަކަށް ހުރިހާ ކަމެއް ނޭނގޭނެއެވެ. ތަފާތު ޢިލްމުތަކުގެ މީހުން ތިބުން ކިފާޔަތަކަށް ވަނީ އެހެންވެގެން ނޫންތޯއެވެ؟ ވީމާ ކެއްކުމާ ބެހޭ ދާއިރާއިން ޕީއެޗްޑީ ހެއްދެވިޔަސް ދަނޑުވެރިކަމާ ބެހޭ ޢިލްމެއް އެނގިވަޑައެއް ނުގަންނަވާނެއެވެ. ހަމަ އެފަދައިން ބަހުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރެއްވިޔަސް ނަފްސާނީ ޢިލްމު އެނގިވަޑައިގަންނަވާކަށް ނުޖެހެއެވެ. ވީމާ ދީނުގެ ކަންކަން ޚާއްޞަކޮށް ފިޤުހީ މައްސަލަތައް އޮޅުން ފިލުވުމަށް ފިޤުހުވެރީންނާ ސުވާލުކުރާ ފަދައިން ބަހާބެހޭ ކަންކަން ސާފުކުރަން އެންމެ ކުޑަމިނުން ދިވެހިބަސް ފޮތަށް ރުޖޫޢަވެލުމުގެ ހިތްވަރު އަޅުގަނޑުމެންގެ ކިބައިގައި އުފައްދަމާތޯއެވެ؟ އަދި ކަރަންޓާބެހޭ ކަމެއް ސާފުކުރާ ނަމަ، އިލެކްޓްރީޝަނަކާ ސުވާލުކުރާ ބީދައިން، ދަތަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ޑެންޓިސްޓުންނާ ސުވާލުކުރަމާތޯއެވެ! ގިނަ ޢިލްމުތަކެއް ޙާޞިލުކުރައްވައިވައިގެން ތިއްބަވާ ބޮޑެތިބޮޑެތި ޢިލްމުވެރީން ތިއްބެވިޔަސް ކޮންމެ މީހަކަށް ހުރިހާ ޢިލްމެއް ނޭނގޭނެ ކަމަށް ޤަބޫލުކުރަމާތޯއެވެ! އަދި މާތްރަސްކަލާނގެ ވަޙީކުރައްވައިފައިވަނީ "فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ"  (ފަހެ، ތިޔަބައިމީހުން ނުދަންނަކަމުގައިވާނަމަ، علمގެ أهلވެރިންނާ سؤالކުރާށެވެ!) މި ފަދައިންކަން ހަނދާން ބަހައްޓަމާތޯއެވެ؟ ވީއިރު ކަންކަން އޮޅުންފިލުވަން علمގެ أهلވެރިންނާ ސުވާލުކުރުމަކީ ލާޒިމުކަމެއްކަން ޤަބޫލުކުރަމާތޯއެވެ؟ އޭރުން، އެއްވެސް ކަމަކަށް ނުވާ، ކުދިކުދި ކަންކަން ބޮޑެތި ފަރުބަދަތަކެއްގެ ގޮތުގައި އަޅުގަނޑުމެންގެ ލޯމައްޗަށް ސިފަވެ، ކަމަކަށް ނުވާހާ ކުދިކުދި ކަންކަން ބޮޑެތި މައްސަލަތަތަކަށް ވުމުގެ ފުރުޞަތު ވަރަށް ކުޑަވީއެވެ.

އަޅުގަނޑު މި މަސައްކަތްކުރީ الله سبحانه وتعالى އަށް ނިސްބަތްކޮށް ދިވެހިބަހުން ކިޔާ  މާތްރަސްކަލާނގެ، ރަސްކަލާނގެ، މާތްކަލާނގެ، އިނބަރަސްކަލާނގެ  މި ފަދަ ނަންތައް ކިޔުމަކީ "ކުށެއް" ކަމަށް ބެލެވޭނެ ޖާގައެއް ނެތޭ ދަންނަވައިލުމަށެވެ. އެހެނީ الله سبحانه وتعالى އަށް ނިސްބަތްކޮށް އިނގިރޭސި ބަހުން Allah, God, Almighty, He, You ފަދަ ލަފުޒުތައް ވެސް ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ބަލާ އިރު ދިވެހިބަހުން، މާތްރަސްކަލާނގެ، އެކަލާނގެ، އިނބަރަސްކަލާނގެ ފަދަ ނަންފުޅުތައް ބޭނުންކުރުން ރަނގަޅު ނޫންކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތެވެ. އަދި ވަރަށް ގިނަ ބަޔަކު ދެކޮޅު ހަދާ "އިނބަސުވާމީންގެ" "އެ ސުވާމީންގެ" ފަދަ ނަންފުޅުތައް ވެސް ބޭނުންނުކުރެވޭންވީ ސަބަބެއް ވެސް ނެތެވެ. އެހެނީ "ސުވާމީންގެ" މާނައަކީ ވެސް، "މާތްރަސްކަލާންގެ" އެވެ. (ދިވެހިބަސްފޮތް-2006)

މާފުކުރެއްވުން އެދެމެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. އަޅުގަނޑު ދެކޭ ގޮތެވެ. ދިވެހިބަހުގެ ބަސްފޮތާއި ދިވެހީން ބޭނުންކޮށް އުޅުނު ހަމަތަކަށް ބަލާއިރު އަޅުގަނޑަށް ކުރެވުނު ތަރުޖަމާ އެވެ. އެހެންބަޔަކު އެހެން ގޮތަކަށް ދުށުމަކީ އެއީ އަދި މުޅިން އެހެން ކަމެކެވެ. (މޮޅަށް ދެނެވޮޑިންވަނީ الله سبحانه وتعالى އެވެ.)
-----------
(ނިމުނީ)

މި ލިޔުން:
   ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   އަލުންބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)Add Comment
...
ލިޔުނީ ޅ. ޢަބްދުއްރަޙީމް, 2011-08-08 21:22:11
ދީނީ ލިޔުމެއް ނޫން ކަމަށް ބުނަމުން އަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރަށް ވަދެވަޑައިގަނެވިފައި ތިޔައޮތީ ތައުހީދުގެ ވަރަށް މުހިންމު ބަޔެއްކަމަށްވާ އިސްމުފުޅުތައް ތައުހީދުކުރުމާއި ބެހޭ ބަޔަށެވެ. އިބަ ސުވާމީންގެ އާއި ރަސްކަލާންގެ އާއި މި ދެބަހަކީ ދެ ބުދަށް ކިޔާ ދެނަމެވެ. ދިވެހި ބަހުން ބަހުގެ އިލްމުވެރިން މާކުރިން ވަނީ މިކަން ފާހަގަކޮށް މިކަމާއި ދެކޮޅު ހަދާފައެވެ. (މިއީ ތައުޙީދުގެ ބާބުގެ ދަށުން އެކަށީގެންވާ ކަމެއްނޫނެވެ) ކީރިތި ޤުުރުއާނާއި ސުންނަތުން ﷲއަށް ސާބިތުވެފައިވާ ނަންފުޅުތަކާއި އަދި ސާބިތު ނުވާ ނަންފުޅުތަކެއް ތިޔަގޮތަށް އަޅާކިޔުމަކީ ބަހުގެ ގޮތުންވެސް ކުރެވޭނެ ކަމެއް ނޫނެވެ. ގައިމުވެސް އިލާހު އަދި ރައްބުއަކީ ﷲއަށް ސާބިތުވެފައިވާ ދެނަންފުޅެވެ. އެދެނަންފުޅާއި އަދި ތި ފާހަގަކުރި ދިވެހި ބަސްތަކާއި އަޅާކިޔޭނެ އެއްވެސް ހަަމައެއް ނޯންނާނެއެވެ. ހަލާލު ހަރާމް އެއްކިބައިގައި ބާއްވާފައި މޮޅު އިތުރު ގޮތަކީ ކޮބައިކަން ވިސްނާލުމުންވެސް ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ގޮތެއް ބަހަވީއެއްގެ ރައުޔަކަށްވުރެ މޮޅުވާނެކަމަށް ބުއްދިހެކިދެއެވެ. މޮޅު އިތުރު ގޮތެއް ހިޔާރު ކުރުމުގެ ހައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. އަދި ހަމައެޔާއެކުގައި ބަހަވީ ޢިލްމުވެރިޔަކަށްވުމަކީ ދީނީ މިފަދަ މައްސަލައެއްގައި އެނަންތައް ހަމަހަމަ ކުރެވޭނެ ވަރުގެ ކަމެއްނޫނެވެ. ވީމާ މިފަދަ ކަންކަމުގައި އިތުރަށް މައުލޫމާތު ނުހޯދައި ތިގޮތަށް ނުނިންމެވުމަށް ނަސީހަތްތެރިވަމެވެ. މި ކޮމެންޓު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރަށް ފޯރާނެ ކަމަށް އުއްމީދު ކުރަމެވެ. ސާއިއު ނުކުރެއްވުން އެދެމެވެ.
...
ލިޔުނީ އަޙްމަދު, 2011-08-08 22:06:00
ވަރަށް ފުރިހަމަ ލިޔުމެއް......! އޮޅުން އަރައިފައި ހުރި ވަރަށްގިނަ ކަންތައްތަކެއް ސާފުވެއްޖެ....!! ޝުކިރިއްޔާ އަޒީބެ....!
...
ލިޔުނީ ޢަބްދުﷲ, 2011-08-09 06:27:08
ލިޔުމުގައި ނުވަތަ މަޒުމޫނުގައި މާތްރަސްކަލާނގެ، މާތްކަލާނގެ، ރަސްކަލާނގެ، މި ނަންތައް މާނަކޮށް، އެނަންތަށް ބޭނުން ކުރުމުގައި މައްސަލައެއް ނެތްކަމަށް ދައްކާފައިވާ ވާހަކަތައް އެންމެ ރަނގަޅުކަމަށް ފެނެއެވެ. ނަމަވެސް "އިބަސުވާމީން" މިނަން ބޭނުން ކުރުމަށް އެއްވެސް ބަރުދަން ހުރި ހުއްޖަތެއް ދެއްކިފައި ނެތްކަން ފާހަގަކުރެވެއެވެ. މަޒުމޫގައި އިބަ ، ރަސް ، ކަލާނގެ ،،،، މިލަފުޒުތަކުގެ މާނަތައް ވަކިވަކިން ވަރަށް ތަފްޞީލުކޮށް ބުނެދީފައި ވެއެވެ. ނަމަވެސް "ސޫވާމީން" ގެ މާނައިގެ އެއްވެސް ތަފްޞީލެއް ދެއްކިފައެއް ނެތެވެ. ހަމައެކަނި ބުނެފައި ވަނީ ..... އެހެނީ "ސުވާމީންގެ" މާނައަކީ ވެސް، "މާތްރަސްކަލާންގެ" އެވެ. .... އެވެ. ﷲ އާއި ބެހޭގޮތުންނާއި އެކަލާނގެ އަށް އެއްވެސް ކަމެއް ނިސްބަތް ކުރުމަކީ އެކަލާނގެ ހަޟްތަރުން ބުރުހާނެއް ނެތި އެއްގޮތަކަށްވެސް ކޮށްގެން ވާނަކަމެއް ނޫނެވެ. އެއީ ދީނީ ގޮތުން ވިޔަސް އަދި އިޖްތިމާޢީގޮތުން ވިޔަސް އަދި އަދަބީ ނުވަތަ ބަހުގެ ގޮތުންވިޔަސް މެއެވެ. އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ އެއްކަމަކީ "ސުވާމީން" އަކީ ހިންދީން އަޅުކަން ކުރަން ގެންގުޅޭ ފަރާތަކަށް ކިޔާނަމެކެވެ. އަދި ބައެއް ބަސްބަހުގައި "ސުވާމީ" އަކީ ފިރިމީހާއަށް ބޭނޫން ކުރާ ބަހެކެވެ. http://en.wikipedia.org/wiki/Swami. އެހެންކަމުން ދަންނަވާލަން އޮތީ "ސުވާމީން" ފަދަ އެހެން ދީންތަކުގެ މީހުން އެމީހުން ބާޠިލު ކަލާނގެތަކަށް ބޭނުން ކުރާ ނަންނަން ބޭނުން ކުރުމުގައި ދިވެހި ބަހުގައި އެފަދަ ނަންނަމަށް ނުވަތަ ލަފްޛުތަކަށް ހަރުދަނާ މާނާއެއް ދެއްކިފައި ނުވަތަ މާނައެއް ކުރެވިފައި ނުވާނަމަ އެކަންކަމުން ދުރުހެލިވާށެވެ. ޝުކުރިއްޔާ!!!!
...
ލިޔުނީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު, 2011-08-09 18:47:07
ޅ. ޢަބްދުއްރަޙީމާއި ޢަބްދުﷲ އަށް:
ވެދުން އަދި ރަމަޟާން މުބާރަކް!
ފާޅުކުރެއްވި ޚިޔާލުފުޅަށް ށުކުރުދަންނަވަމެވެ. އަޅުގަނޑު ފާޅުކޮށްފައި އެވަނީ އަޅުގަނޑުގެ ޚިޔާލެވެ. ޚިޔާލުތަފާތުވުމަކީ ވެސް ރަޙުމަތެކެވެ. މިއީ އެއް ގޮތަކަށްވެސް ތައުޙީދާ ބެހޭ މައްސަލައެއް ނޫނެވެ. އަދަބީ ގޮތުން ލަފުޒުގެ މާނަކުރުމުގެ މައްްސަލައެވެލެ. "ސުވާމީ" އަކީ މެލޭބަހާއި ސަންސްކިރިތުގެ އަސްޅުން އައިސްފައި ހުރި ބައެއް ބަސްބަހުގައި ފިރި މީހާއަށް ކިޔާ ނަމަކަށް ވެދާނެ އެވެ. އަދި "ސުވާމީން" އަކީ އެހެން ބަހަކުން ތިޔަ ވިދާޅުވާ ފަދަ މާނައެއް އޮތް ބަހަކަށް ވެދާނެ އެވެ. ނަމަވެސް އަޅުގަނޑު މި ދެންނެވީ އެއިން ލަފުޒެއްހެ ވާހަކައެއް ނޫނެވެ. "އިނބަސުވާމީންގެ" މިއީ މުޅިން އެހެން ލަފުޒެކެވެ. އެ ލަފުޒުގެ މެދުތެރެއިން އަކުރުކޮޅެއް ނަންގަވައިގެން އެހެން މާނައެއް ކުރެއްވުމަކީ މުޅިން އެހެން ކަމެކެވެ. މިސާލަކަށް ޖަންނަތަށް ދިވެހިބަހުން ކިޔަނީ "ސުވަރުގެ" އެވެ. އެއީ ސާންސްކިރިތުބަހުގެ އަޞްލުން އައިސްފައިވާ ލަފުޒެކެވެ. ނަމަވެސް އެ ލަފުޒުގެ ފަހު އަކުރު ކަނޑައިލުމުން އެއީ ދިވެހިބަހުން ނުރަނގަޅު މާނައެއް ދޭހަވާ ލަފުޒެކެވެ. އެކަމަކު ލަފުޒަކުން އެކިބައިތައް ބުރިކޮށް އަލުން ލަފުޒެއް ހަދައިގެން މާނަކުރުމަކީ ލަފުޒުގެ އަޞްލު މާނަ ކަމަކަށް ނުވާނެ އެވެ. "ސުވާމީންގެ" މި އިސްމުފުޅުގެ މާނައެއް ކަމަށް ދިވެހިބަސްފޮތުގައި އޮންނަނީ "މާތްރަސްކަލާނގެ" ކަމުގައެވެ. http://www.qaumiyyath.gov.mv/basfoiy/#bas މި ލިންކް ބައްލަވައިލައްވާށެވެ! ތިޔަ ގޮތަށް ލަފުޒަކުން އެކި އަކުރުތައް ނަންގަވައިގެން އެހެން ލަފުޒުތައް ހެއްދެވުމަކީ އަދި މުޅިން އެހެން ކަމެކެވެ. "އިނބަސުވާމީންގެ" މި އިސްމު ފުޅުގައި ހުރި އަކުރުތައް އެ ފިލިތަކާއެކު ބޭނުންކޮށްގެން އިތުރު 5 ލަފުޒެއް، މާނަ ދޭހަވާ ގޮތަށް ހެދިދާނެ އެވެ. އެއީ މުޅިން އެހެން ކަމެއް ނޫންތޯއެވެ؟
ކޮންމެއަކަސް ދިވެހިބަހުގެ ލިޔުންތަކާއި ރާއްޖޭގެ ކުރީގެ ޢިލްމުވެރީންގެ ލިޔުންތަކާއި ރަދީފުގައި ލަފުޒުތަކުގެ މާނަ ކޮށްފައި ހުރި ގޮތަށް ބަލައިގެން އަޅުގަނޑަށް ކުރެވޭ ތަރުޖަމާ ދަންނަވައިލީއެވެ. ތިޔަ އަޚުން ހިތްފުޅުހަމަނުޖެހޭ އެއްޗެެއް ތިޔަ ބޭފުޅުން ބޭނުންފުޅު ނުކުރައްވާށެވެ. އެއީ މުޅިން އެހެން ކަމެކެވެ. އަޅުގަނޑަށް ފެންނަ އެއްޗެއް އަޅ:ުގަނޑު ދެންނެވީއެވެ. އެކަމަކު އަދިވެސް ތަކުރާރުކޮށް ދަންނަވަމެވެ. އަޅުގަނޑު މި މަޒުމޫނުގައި ބަލައިލީ އަދަބީ ނަޒަރަކުންނެވެ. އެހެން އެއްވެސް ނަޒަރަކުން ނޫނެވެ.
ފާޅުކުރެއްވި ޚިޔާލުފުޅަށް އަދިވެސް އެއްފަހަރު ޝުކުރު މިދަންނަވަނީ ތިޔަ ގޮތަށް ޢިލްމީ ނަޒަރަކުން ފާޑުވިދާޅުވުމަކީ ފަންވަތުން އަބަދުވެސް ތަރުޙީބުދޭކަމެއްކަން ވެސް ހަނދުމަފުޅުކޮށް އަރުވަމުންނެވެ. އަދި ލެޓިން އަކުރުން ހުންނަ ކޮމެންޓްތައް އަޅުގަނޑުމެން ބަލައެއް ނުގަނަނާނަމެވެ. އެއީ ފަންވަތުގެ ސިޔާސަތެކެވެ.
ޝުކުރިއްޔާއެވެ!
...
ލިޔުނީ މުހައްމަދު, 2011-08-10 03:08:54
ވަރަށް ބޮޑަށް ޤަބޫލުކުރެވޭ ވާހަކަތަކެއް. ކުރިން އަރައިފައިވާ އޮޅުންތައް ފިލައި ސާފުވެއްޖެ. ވަރަށްބޮޑަށް ޝުކުރިއްޔާ، ޢަޒީޒު، ވަރަށް ބޮޑަށް ޝުކުރިއްޔާ "ފަނަވަތް" ޓީމް!
...
ލިޔުނީ ޢަލީ ޝަމީމް, 2011-08-10 08:19:39
ޢަބްދުﷲ އަށް ދަންވައިލަން އޮތީ "ސުވާމީ އާއި ސުވާމީން އާއި ސުވާމީންގެ އަކީ ތަފާތު 3 ލަފުޒެކޭ އެވެ. އެހެނީ "ކަލާ"އާއި "ކަލާނގެ" އަކީ ވެސް މުޅިން ތަފާތު 2 ލަފުޒެވެ. "އަޅު" އާއި ގަނޑު އާއި އަޅުގަނޑަކީ މުޅިން ތަފާތު 3 ލަފުޒެވެ. "ސުވަރު" އާއި "ވަރު" އާއި "ގެ" އާއި "ސުވަރުގެ" އަކީވެސް ވަރަށް ތަފާތު ލަފުޒުތަކެކެވެ. އެހެންވީމާ، ކުޅޭ އެއްޗަކަށް "ސުވާ" ކިޔާފައި، ފިރިމީހާއަށް "ސުވާމީ" ކިޔާފައި، ބުދަކަށް "ސުވާމީން" ކިޔުމަކީ މާތް ﷲ އަށް ނިސްބަތްކޮށް "އިނބަސުވާމީންގެ" މިހެން ކިޔުމަށް އެއްވެސް ނަޒަރަކުން ހުރަނސް އެޅޭނެ ކަމެއްް ކަމަކަށް ނުދެކެމެވެ. މި މަޒުމޫނުގައި ޖަމާލު ހުށަހަޅުއްވައިފައިވާ ވާހަކަތަކަށް ތާއީދުކޮށް ޖަމާލަށާއި ފަންވަތަށް ޝުކުރުދަންނަވަމެވެ.
...
ލިޔުނީ އިބުނު އާދަމު, 2011-08-11 03:08:36
އަޅުގަނޑަށް މީގެން ދޭހަވި އެކައްޗަކީ ދިވެހި ބަހުގައި ﷲ ކޮންމެހެން ޢަރަބި ބަހުން ލިއާނެ ކަމެއް ނެތް ކަމެވެ. އެހެނީ އެކަމަކީ ދިވެހި ބަހަށް އުނިކަން އަންނަ ކަމެކެވެ. ވީމާ ދިވެހި ދެން ﷲވެސް ތާނަ އަކުރުން ލިޔަންވީކަމެވެ. އޭރުން ދެން އެންމެ ފުރިހަމަ ވީއެވެ.
...
ލިޔުނީ ލީމް, 2011-08-11 09:43:43
ﷲ سبحانه وتعالى ގެ ޒާތުފުޅަށް ނިސްބަތް ކުރެވޭ ނަންފުޅުތަކަކީ ދީނީ ކަމެއް ނޫން ކަމަށް ތިބޭފުޅާ ވިދާވަނީ ކިހިނެތްތޯ؟ މިލިޔުމުގައި ގެނެސްފައިވާ ބަސްތައް ބޭނުން ކުރުމަށް ބައެއް އިލްމުވެރިން އުޒުރުވެރިވަނީ އެއީ އެބޭފުޅުން ޤުރުއާނާއި ސުންނަތުގައި އައިސްފައިވާގޮތަށް ﷲ ތައާލާގެ އިސްމުފުޅުތައް ބޭނުން ކުރުމަށް އިސްކަންދޭތީ..އެބޭފުޅުން ދެކިލައްވާ ގޮތުން ﷲ سبحانه وتعالى އަށް ނިސްބަތް ކުރެވޭނީ ޤުރުއާނާއި ސުންނަތުން ސާބިތުވެފައިވާ ނަންފުޅުތައް..ގަބޫލުކުރަން ދެތޯ ގުރުއާން ކިޔެވުމުން ލިބޭ ސަވާބު ގުރުއާނުގެ ދިވެހި ތަރުޖަމާ ކިއުމަކުން އަދި ނުލިބޭނެކަމަށް..
ދިވެހިންނަކީ އެއްޒަމާނެއްގައި ބުދަށް އަޅުކަންކުރިބައެކެވެ. އެޒަމާނުގައި ދިވެހިބަހުން އެބުދުތަކަށް ނިސްބަތްކުރަނީ ތިޔަނަންތަކުންކަން ވުމަކީ ވަރަށް ގާތްކަމެކެވެ.
ޝައްކެއްވެސް ނެތްގޮތުގައި އެއްމެ މޮޅުއިތުރުގޮތަކީ ޤުރުއާނާއި ސުންނަތުން ސާބިތުވެފައިހުރި އިސްމުފުޅުތައް އަޅުގަނޑު މެންގެ ވާހަކައިގައްޔާއި ލިޔުންތެރިކަމުގައި ބޭނުންކުރުމެވެ.
ﷲ ގެ އިސްމުފުޅުތަކާއި ބެހޭގޮތުން އިބްނުޢުޘައިމީން ލިޔުއްވި ފޮތަކުން..
http://www.ibnothaimeen.com/all/books/article_16821.shtml
އަރަބިބަސް އެގިލައްވާ ބޭފުޅެއް ނަމަ ވިދާޅުވެފައި ވިސްނެވުން އެދެން..އެގިނުލައްވާނަމަ އެހެން ބޭފުޅެއްގާތު އެއްސެވުން އެދެން..މިކަމަށް މި އެދެނީ މިއީ ކަމަކަށް ނުހަދާ ދޫކުރެވޭވަރަށް ވުރެ ބޮޑު މައްސަލައަކަށް ވާތީއެވެ. މިމައްސަލަ އަކީ އަދަބީ ލިޔުމެކޭ ބުނެ ދޫކުރެވޭވަރަށް ވުރެ ބޮޑު ކަމަކަށް ވުމާއެކުއެވެ.
والسلام عليكم ورحمة الله

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 697
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone