މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ވާހަކަދެއްކުމުގެ އަދަބުތަކުގެ ތެރެއިން....... |
|
|
| ދިވެހި - މާދަރީބަސް | |||
| 15 އޮކްޓޫބަރ 2011، 00:00 ހޮނިހިރު | |||
ލެއްވުމާއި ވިދާޅުވުންޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މި ލިޔުން އަޅުގަނޑު ޚާއްޞަކޮށްލާނީ ވާހަކަދެއްކުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ، މާތްދަރަޖަ އާއި އެންމެ މާތް ދަރަޖަ ބޭނުންކުރެއްވުމުގައި ގިނަ ބޭފުޅުންނަށް އެންމެ އޮޅުން އަރާކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ ނުކުތާއެއްގެ މައްޗަށެވެ.ކަމަކާ ގުޅިގެން ޢާއްމު ގޮތެއްގައި "ލެއްވުން" މި މަޞްދަރު އިތުރުކުރެވެނީ ދެވަނަ ދަރަޖަ ކަމުގައިވާ މާތް ދަރަޖައިން ވާހަކަދައްކާއިރު އެވެ. އެންމެ މާތް ދަރަޖައިން ވާހަކަދައްކާއިރު ޢާއްމު ގޮތެއްގައި އިތުރުކުރެވެނީ "ވަޑައިގަތުން" މި މަސްދަރެވެ. މިސާލަކަށް: ދެވަނަ ދަރަޖައިގައި (ލައްބަދުރުވުމުގެ ދަރަޖައިގައި) އޮންނަނީ:... ފެނިލެއްވުން، ދެކެލެވުން، އެދިލެއްވުން، ވިސްނިލެއްވުން، ދުވެލެއްވުން، އިށީނދެލެއްވުން، ހާޒިރުވެލެއްވުން މި ފަދަ ގޮތްގޮތަށެވެ. މިއީ ހައްތާވެސް މާތް ދަރަޖައެވެ. ލައްބަދުރުވުމުގެ ދަރަޖަ އެވެ. އެންމެ މާތް ދަރަޖައެއް ނޫނެވެ. އެންމެ މާތް ދަރަޖަ (ނުވަތަ އާދެވަޑައިގަތުމުގެ ދަރަޖަ)އި ގައި ބޭނުންކޮށް އުޅެނީ ފެނިވަޑައިގަތުން، ދެކެވަޑައިގަތުން، އެދިވަޑައިގަތުން، ވިސްނިވަޑައިގަތުން، ދުވެވަޑައިގަތުން، ފިލައިވަޑައިގަތުން، އޮށޯވެވަޑައިގަތުން، އިށީނދެވަޑައިގަތުން، ތެދުވެވަޑައިގަތުން، ހާޒިރުވެވަޑައިގަތުން މި ގޮތްގޮތަށެވެ. އެކަމަކު ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވަންވި ނުކުތާއަކީ ހަމަ ކޮންމެ ކަމަކާ ގުޅިގެން ލެއްވުން ނުވަތަ ވަޑައިގަތުން ބޭނުންފުޅެއް ނުކުރެއްވޭނެކަމެވެ. މިކަމުގައިވެސް އިސްތިސްނާތަކެއް ހުންނަކަމެވެ. މިސާލަކަށް. ތަނަކަށް ވަނުމަށް އެންމެ މާތް ދަރަޖައިގައި ވެދެވަޑައިގަތުން ކިޔާއިރު ލައްބަދުރުވުމުގެ ދަރަޖައިގައި އެބަސް ބޭނުންކުރަނީ "ވެންނެވުން" މިހެންނެވެ. އަދި ހުނުން ކެއުން ކަހަލަ މަޞްދަރުތަކާ ގުޅިގެން ލެއްވުން އަދި ވަޑައިގަތުން ވެސް ބޭނުމެއް ނުކުރެވެއެވެ. މިސާލަކަށް ކޭން ބެއްލެވުން – ފަރީއްކުޅުއްވުން، ހީނލެއްވުން – ހިނިފުޅުވެޑުވުން. އަނެއްކޮޅުން ބަލާއިރު މާތް ދަރަޖައާއި އެންމެ މާތް ދަރަޖައިން ވާހަކަދައްކާއިރުވެސް ނަމަކާ ގުޅިގެން ބޭނުންކޮށް އުޅެނީ "ލެއްވުން"ކަން ހަނދުމަފުޅު ބެހެއްޓެވުން އެދެމެވެ. މިސާލަކަށް އަތްލެއްވުން – އަތްޕުޅުލެއްވުން. އަޅުގަނޑުގެ މި ކުރު ލިޔުން ނިންމައިލަމުން ދަންނަވާނީ ދިވެއްސަކަށް ވީތީ ދިވެހިބަހުގެ ހަމަތައް އެނގިވަޑައިގަންނަވާނެ ކަމަށް ނުބައްލަވައި ދިވެހިބަހުން ކުށެއްނެތި ވާހަކަފުޅުދައްކަވަން އެނގިވަޑައިނުގަތުމަކީ ދެރަކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާށޭ އެވެ. އޭރުން މި ފަދަ ހަމަތަކާއި އުޞޫލުތައް ދަސްފުޅުކުރައްވާކަށް ހަމަ އެއް ބޭފުޅަކަށް ވެސް އުނދަގޫފުޅެއް ނުވާނެޔޭ އެވެ. ބަހުގެ ހަމަތަކާއި ވާހަކަދެއްކުމުގެ ދަރަޖަތަކާމެދު ތިޔަ ބޭފުޅުންނަށް އޮޅިވަޑައިގަންނަވާ ހަމަ އެއްވެސް ކަމެއް ފާހަގަކުރެއްވިއްޖެ ނަމަ، ދަންނަ މީހުންނާ ސުވާލުކުރައްވާށެވެ! ނުވަތަ ފަންވަތުން އެކަމެއް ސާފުކޮށްލައްވާށެވެ! ނިންމައިލުމުގެ ގޮތުން ބައެއް ޖުމުލަތައް އާދައިގެ ގޮތާއި އެންމެ މާތް ގޮތަށް ހުށަހަޅައިލާނަމެވެ. 1- ކަލޭމެން ހިތަށް އެރީ ކީކޭ؟ ތިޔަ ބޭފުޅުންގެ ހިތްޕުޅަށް އެރީ ކީކޭތޯ؟ 2- އޭނާގެ ގަލަމުގެ ދޯރި ގެއްލިއްޖެ. އޭނާގެ ގަލަންކޮޅުގެ ދޯރި ގެއްލިއްޖެ. 3- އަހަރެން މި އައީ ކަލޭމެންގެ އެދުމަކަށް އަޅުގަނޑު މިއައީ ތިޔަބޭފުޅުންގެ އެދިވަޑައިގަތުމަކަށް. 4- އޭނާގެ ޚިޔާލުތައް ގެންގުޅެނީ ރަނގަޅަކަށް ނޫން އޭނާގެ ޚިޔާޅުފުޅުތައް ގެންގުޅުއްވަނީ ރަނގަޅަކަށް ނޫން. 5- ކަލޭމެން ބޭނުން ލަވަޔެއް ހަމަ ބުނަންވީ ތިޔަބޭފުޅުން ބޭނުންފުޅު ލަވަޔެއް ހަމަ ވިދާޅުވާންވީ 6- ބޮލުގައި ރިއްސާތީ މިއަދު އޭނާ އޮފީހަކަށް ނާދޭ. އިސްތަށިފުޅުގައި ރިއްސާތީ މިއަދު އޭނާ އޮފީހަކަށް ވަޑައެއް ނުގަންނަވާ. 7- އޭނާގެ އަތް ބިނދުނީ އޭނާގެ އަތްޕުޅު ބިނދުނީ 8- އޭރު ބުނި އެއްޗެއް މަށަކަށް އަޑެއް ނީވޭ. އޭރު ވިދާޅުވިއެއްޗެއް އަޅުގަނޑަކަށް އަޑެއް ނީވޭ 9- އޭރު އަހަރެން ބުނީމެއްނު ސައިބޯން އަންނާށޭ. އޭރު އަޅުގަނޑު ދެންނެވީމެއް ނޫންތޯ ސައިފޮދުހިއްޕަވަންވަޑައިގަންނަވާށޭ! މި މިސާލުތަކަށް ނަޒަރެއް ދެއްވައިފިނަމަ ހާމަވާނެ ޙަޤީޤަތަކީ މާތްކުރަންޖެހެނީ އެ ދަރަޖައަކުން ވާހަކަދައްކާ މީހަކަށް ނިސްބަތްވާ ތަކެއްޗާއި އޭނާ ކުރާ ޢަމަލުކަމެވެ. އެ މާތްކަން އެޔަށްވުރެ ދުރަކަށް ނުދާކަމެވެ. އެހެންވީމާ މި ކުޑަކުޑަ ނުކުތާއަށް ތިޔަ ހުރިހާ ބޭފުޅުންވެސް ވިސްނުންފުޅު ބަހައްޓަވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަމެވެ. -------- (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ME, 2011-10-18 02:31:48
މިހާރު ފަންވަތް ހާދަ އަޕްޑޭޓް ނުވެޔޭ. ލިޔުންތައްވެސް ވަރަށް މަދުވެއްޖެ. ކޮމެންޓެއް ކުރިޔަސް ޖަހަނީއެއް ނޫން. އަސްލު މިލިޔުމަށް ކޮމެންޓް ކުރީވެސް މިލިޔުމުގައި، އޮޅޭ އެއްޗެއް އޮތްނަމަ "ފަންވަތުން އެކަމެއް ސާފުކޮށްލައްވާށެވެ!" ލިޔެފައި އޮތީމަ. އެކަމަކުވެސް ފައިދާއެއް ނުކުރިތާ. :-)
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|