މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ރޭޑިއޯ ޕްރޮގްރާމަކަށް "އެނަލޮގް" ލިޔާނެ ގޮތުގެ ނަމޫނާއެއް |
|
|
| ދިވެހި - މާދަރީބަސް | |||
| 22 އޮކްޓޫބަރ 2011، 00:00 ހޮނިހިރު | |||
ލޯފަން ކުއްޖެއްގެ އިޙްސާސް މިއޮތީ އަހަރެން އެކަނިމާ އެކަންޏެވެ؟ ގާތުގައި އެކަކުވެސް ނެތެވެ. އަހަރެންގެ މި އެކަނިވެރިކަން އިޙުސާސްކުރަނީ ކާކުހެއްޔެވެ؟މިހާރު އެއްވެސް މީހެއްގެ އަޑެއް ބަޑެއް ނީވެއެވެ. އެންމެން ދިޔައީ ކޮންތާކަށް ހެއްޔެވެ؟ ކޮޓަރިތަކަށް ވަދެ ތިބީ ހެއްޔެވެ؟ އަހަންނަށް ވެސް ވަރުބަލިކަން އެބަ އިޙްސާސްކުރެވެއެވެ. ނިދުމަކީ ވާނުވާ ނޭނގި ތިބުމަށް ކިޔާ ނަމަކީތާއެވެ؟ އެހެންވީއިރު އެންމެން ނިދީބާވައެވެ؟ މަންމަމެން އެ ކިޔާ ރޭގަނޑު އައީކަން ނޭނގެއެވެ. ރޭގަނޑާއި ދުވާލަކީ ކޮބައިހެއްޔެވެ؟ ދުވާލާއި ރޭގަނޑު ވަކިކުރަނީ ކިހިނެއްބާވައެވެ؟ ރޭގަނޑު ވީމާ އިރުއޮއްސެނީއޭ ބުނާތީ އިވެއެވެ. އިރު އޮއްސުނީމާ އަނދިރިވެޔޭ ވެސް މަންމަ ބުނާ އަޑު އަހަމެވެ. އެކަމަކު އިރަކީ ކޮން އެއްޗަކަށް ކިޔާ ނަމެއް ބާވައެވެ؟ އޮއްސުމަކީ ކޮބައިހެއްޔެވެ؟ އަނދިރިވަނީ ކިހިނެއް ހެއްޔެވެ؟ އަނދިރި ހުންނަނީ ކިހިނެއްބާވައެވެ؟ އަހަރެންގެ މި އިޙުސާްތައް އެނގޭނީ ކާކަށް ހެއްޔެވެ؟ އިރުއޮއްސުނީމާ ހަނދުއަރާ ވާހަކަ އިވެއެވެ. ހަނދު ހުންނަނީ ކިހިނެއްބާވައެވެ؟ އަނދިރި ރޭރެއަށް އުޑުގައި ތަރިތައް ފިޔަޖަހާ ވާހަކަ މަންމަ ބުނެއެވެ. ތަރިއާއި ހަނދަކީ ކޮން އެއްޗިއްސެއް ހެއްޔެވެ؟ ފިޔަޖަހަނީ ކިހިނެއް ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ މިހުރިހާ ކމެއްވެސް އެނގެން ހާދަ ބޭނުމެވެ. އެކަމަކު އަހަރެންގެ މި އިޙުސާސްތަކާމެދު އެހެން އެކަކުވެސް ވިސްނާނެހެއްޔެވެ؟ މަންމަ ވަރަށް އޯގާތެރިއެވެ؟ ފެންވަރުވައި ބޯ އޮމާންކޮށްދީ ހަދައެވެ. މީރުހާ އެއްޗެއް ދެވޭތޯ އުޅޭކަން އެނގެއެވެ. އަދި ދިޔާއެއްޗެހި ބޯންދީ ހަދައެވެ. އަހަންނަށް އެންމެ ގިނައިން ކެވެނީ މަންމަ ބުނާ ގޮތުން ބަތާއި ގަރުދިޔައެވެ. އެކަމަކު އެއީ ގަރުދިޔަކަމެއް ބަތްކަމެއް އަހަންނަކަށް ނޭނގެއެވެ. ގިނައިން ކެވެނީ އެ ތަކެތިކަމަށް މަންމަ ބުނާތީ އެނަން ކިޔަނީއެވެ. އެކަމަކު އެތަކެތި ހުންނަ ގޮތް އެނގެން ހާދަ ބޭނުމެވެ. އެކަމަކު އަހަރެންގެ މި ޝައުޤުވެރި ކަން ދެނެހުރީ ކާކުހެއްޔެވެ؟ އަހަރެންގެ ކޮއްކޮ ދެކެ ވަރަށް ލޯބިވެއެވެ. ކޮއްކޮ ވަރަށް ކުޑައެވެ. ވަރަށް މަޑެވެ. ވަރަށް އޮމާނެވެ. އެކަމަކު ދޮންވީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގެއެވެ. ދޮނަކީ ކިހިނެއް ހުންނަ އެއްޗެއްކަމެއް ނޭނގެއެވެ. ކޮއްކޮއަށް އެހެން މީހުން ދޮންދޭ ވާހަކަ އަޑުއިވެއެވެ. އެކަމަކު އަހަންނަކަށް އެކަކުވެސް އެކަހަލަ އެއްޗެއް ނުދެއެވެ. ދިނަސް އެއީ ކިހިނެއް ހުންނަ އެއްޗެއްކަމެއް އަހަންނަކަށް ނޭނގޭނެތާއެވެ. މިކަންކަން އެނގެން ހާދަވަރަކަށް އެދެވެއެވެ. އެކަމަކު އަހަރެންގެ މި ހިތްދަތި އިޙްސާސްތަކާމެދު ޚިޔާލުކުރަނީ ކާކުހެއްޔެވެ؟ ބޭބެއާއި ދައްތަ ހާދަ ރީއްޗަށް ޤުރުއާންކިޔަވައެވެ. އެއީ މުދައްރިސް ކިޔައިދިނީމާ ޤުރުއާން ބަލައިގެން ދަސްކުރަނީއެވެ. އެކަމަކު އަހަރެން ދަސްކުރަންޖެހެނީ ކަންފަތަށް އިވޭ އަޑުއަހައިގެންނެވެ. ބަލަނީ ކިހިނެއްކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް ވެސް ބެލޭނަމަ އަދި ބަލައިގެން ދަސްވާނަމަ ކިހާ ފަސޭހަވާނެހެއްޔެވެ؟ އެކަމަކު އަހަންނަށް ވެސް ޤުރުއާންކިޔެވެއެވެ. ކިޔަވާނަމެވެ. އެކަމަކު އެހެން މީހުންގެ އެހީ މާބޮޑަށް ބޭނުމެވެ. ބޭބެމެންނާއި ދައްތަމެންގެ އެހީވެސް މިހާރު ލިބޭ ވަރަށްވުރެވެސް މާ ބޮޑަށް ބޭނުމެވެ. އެކަމަކު އެ މީހުންނަށް އަހަރެންގެ މި އިޙުސާސްތައް ވަޒަންކުރެވޭބާވައެވެ؟ ---------- (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
... ލިޔުނީ ޙަފީޡާ, 2011-10-26 10:15:20
މިލިޔުން ކިޔާލުމުން ރޮވިއްޖެ... އަޅުގަނޑަކީ ލޯފަން ކުއްޖެއްގެ މަންމައެއް.. އަޅުގަނޑު ހާދަމަސައްކަތެއްކުރަމޭ ދަރިފުޅަށް މިދުނިޔެ ސިފަކޮށްދިނުމަށް. ނަސީބުރަނގަޅުކަމުން ﷲގެ ރަޙްމަތް ފުޅުން އެކުއްޖާފުޅަށް ކީރިތި ޤުރުއާނުގެ އިތުރުން ވެސް ވަރަށް ގިނައެއްޗެތި ދަސްވެއްޖެ. ލޮލަށް ފެންނަ މީހަކަށްވުރެ އޭނަގެ ކުޅަދާނަކަން އެތައްރޮނގަކުން ކުރި ހޯދާ.. އެކަމަކުވެސް އެދަރިފުޅު ވެސް މިފަދަ ޚިޔާލުތައް ކުރާނެޔޭ ހިތައްއަރާ މި ހިތަށް ހާދަ އަސަރެއް ކުރެޔޭ..އެކަށީގެންވާ މިންވަރަށް އެބަ އަޅާލެވޭ ބާއޭ ހީވަނީ...
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|