މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަޒުމޫނުގެ މައިގަނޑު ބައިތައް |
|
|
| ދިވެހި - މާދަރީބަސް | |||
| 07 ޖެނުވަރީ 2012، 07:33 ހޮނިހިރު | |||
|
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މަޒުމޫނުގެ ތަޢާރަފުގައި ލިޔުންތެރިން ތަފާތު ތަޢުރީފުތައް ލިޔުއްވައިފައި ހުރެއެވެ. މި ތަޢުރީފުތަކުގައި ޢިބާރާތުގެ ކުދިކުދި ތަފާތު ހުއްޓަސް ކޮށްފައިވަނީ ހަމަ އެއް މާނައެކެވެ. ލަފުޒީގޮތުން ބަލާއިރު މަޒުމޫނުގެ މާނައަކީ އެއްޗިހިތަކެއް އެއްކޮށްގެން ޖަމާކުރެވިފައިވާ އެކައްޗެވެ. އަޅުގަނޑުމެން މަޒުމޫނޭ މި ކިޔަނީ އެއް މައިގަނޑުނަމަކަށް ބިނާކޮށްގެން ހޯދައިފައިވާ އެތައް ބައިވަރު މަޢުލޫމާތުތަކެއްގެ މައްޗަށް ލިޔެ އެއްކޮށްފައިވާ ޕެރެގުރާފުތަކަކަށެވެ. މި ޕެރެގްރާފުތައް ބިނާވެގެންވަނީ ވަކި ޚިޔާލެއްގެ މައްޗަށް ބިނާކޮށްގެން އެއްކޮށްފައިވާ ޖުމުލަތަކެއްގެ މައްޗަށެވެ. މި ޖުމުލަތައް ބިނާވެގެންވަނީ މާނައެއް ދޭހަވާގޮތަށް ހަރުދަނާ ތަރުތީބަކުން އަތުރައިލެވިފައިވާ ލަފުޒުތަކެއްގެ މައްޗަށެވެ. އެހެންވީމާ މަޒުމޫނަކީ ކަނޑައެޅިފައިވާ މައިގަނޑުނަމެއްގެ މައްޗަށް ހޯދައިފައިވާ މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްގެން އެއްކޮށްފައިވާ ޕެެރެގުރާފުތަކެކެވެ. މި ޕެރެގުރާފުތައް ބިނާވެގެންވާނީ ތަޢާރަފަކަށް ފުދޭކަހަލަ ޝައުޤުވެރިކުރުވަނިވި ފެށުމަކާއި އޮށްޓަރުހުރި މައިގަނޑަކާއި ޚުލާޞާކޮށްދެނިވި ނިންމުމެއްގެ މައްޗަށެވެ. ތަޤްރީރުތައް ފަދައިން މަޒުމޫނުގައި ވެސް ހިމެނެނީ މައިގަނޑު 3 ބައެވެ. އެއީ ކުރީން ވެސް ބަޔާންކޮށްފައިވާނޭ ފަދައިން ފެށުމާއި މައިގަނޑާއި ނިންމުމެވެ. 1- ފެށުން: އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ބަލާއިރު މަޒުމޫނުގެ ފެށުމަކީ މަޒުމޫނުގެ އެންމެ މުހިންމު ބައިކަމުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެހެނީީ ކިޔާ މީހާ އެންމެ ފުރަތަމަ ކިޔާނީ މި ޕެރެގްރާފެވެ. އެހެންކަމުން މި ޕެރެގްރާފު ވާންޖެހޭނީ ކިޔާމީހާ އެ މަޒުމޫނެއް ކިޔުމަށް ޝައުޤުވެރިކުރުވަނިވި ޕެރެގުރާފަކަށެވެ. ކޮންމެ ފެރެގްރާފެއްގައިވެސް މައިގަނޑު ޚިޔާލު ހާމަކުރާ ޖުމުލައެއް (މި ޒަމާނުގައި ކިޔާ ގޮތުންނަމަ "ތީސިސް ޖުމުލައެއް) އޮންނަންވާނެއެވެ. ޕެރެގްރާފްގެ އެހެން ޖުމުލަތައް ވާންޖެހޭނީ އެ ޖުމުލައަށް ބާރުދޭ ނުވަތަ ތާއީދުކުރާ ޖުމުލަތަކަކަށެވެ. ތީސިސް ޖުމުލައަކީ ގިނަ ފަހަރަށް އެންމެ ފުރަތަމަ ޖުމުލަ ކަމުގައިވިޔަސް އެއީ އެންމެ ފުރަތަމަ ޖުމުލަ ކަމުގައިވުން ލާޒިމެއް ނޫނެވެ. އެއީ އެހެން ޖުމުލައެއް ކަމުގައިވެސް ވެދާނެ އެވެ. ތީސިސް ޖުމުލަ އޮންނަތަން ބިނާވެފައިވަނީ އެ ޕެރެގްރާފެއްގައި ހާމަކުރާ ޚިޔާލެއް ލިޔުންތެރިޔާ ހުށަހަޅައިދޭ ގޮތެއްގެ މައްޗަށެވެ. އަންނަނިވި ދެ ޕެރެގްރާފަށް ނަޒަރެއް ދެއްވާށެވެ! އެއީ ދެ ލިޔުންތެރިއެއްގެ ދެ މަޒުމޫނަކުން ނަކަލުކޮށްފައިވާ ދެ ޕެރެގްރާފެވެ. "އަމިއްލަ ދިވެހި ޝަޚްޞިއްޔަތެއް ބިނާކުރުމަކީ ވަކި ކަންތައްތަކެއް ގަބޫލުކޮށް، އެއަށް އަމަލުކުރުމެވެ. ވަކި ކަންތައްތަކަކުން ދުރުހެލިވެ އެކަންކަމުން ދުރުވެގަތުމެވެ. ބައެއް ފަހަރަށް މީހުން ބުނާތީ އަހަމެވެ. މި އަދުގެ ދުނިޔެ އަކީ ލާމެހިފައިވާ ދުނިޔެ އެކެވެ. އެކި ސަގާފަތްތައް މަސްހުނިވެފައިވާ ''ލާގުޅަ'' އެކެވެ. އެހެންވީމާ ރާއްޖޭން ބޭރުގައި އުޅޭ އިރު ''ކުޑަކޮށް ސޯޝަލްވެލަން ޖެހެ'' އެވެ. ސޯޝަލް ވެލުމަކީ ކޮބައިތޯ އަހާލުމުން ލިބޭ ޖަވާބަކީ އެ ޤައުމުތަކުގެ ގާތް ރައްޓެހިންނާއެކު ''ނިވިދިއްލޭ ތަންތަނަށް'' ގޮސްލަން ޖެހޭވާހަކަ އެވެ. މި ޚިޔާލަށް ތަނަވަސް ނަޒަރެއްދީގެން ފިކުރު ހިންގައިލުމުން ފެންނަ، ދިވެހިންގެ ޝަޚުޞިއްޔަތާ ނުގުޅޭ، ބީރައްޓެހި ވަރަށް ގިނަ މަންޒަރުތައް އެބަ ފާހަގަ ކުރެވެ އެވެ. ބޯޅަ ކުޅޭ މީހާ އެނގެނީ ބޮލުގައި ޖައްސާ ކުލައިންނެވެ. މިޔުޒިކު ކުޅޭ މީހާ އެނގެނީ ކަރުގައި އަޅާ އޮއްފަތިންނެވެ. ފީނާ މީހާ އެނގެނީ ދެހަމު ދޭތެރޭގައި ކުރަހައިފައިވާ ބިހުރަ އިންެނެވެ. އަޅުވެރިޔާ އެނގެނީ ލައިފައިވާ ހަރުވާޅުންނެވެ." "މުޙައްމަދުގެފާނުގެ އުއްމަތަކީ ދަޢުވަތުގެ އުއްމަތެވެ. އެކަލޭގެފާނުގެ ރިސާލަތަކީ ތައުޙީދުގެ ރިސާލަތެވެ. އަދި އެކަލޭގެފާނުގެ މަންހަޖަކީ ޢާލަމީ މަންހަޖެކެވެ. އެހެންކަމުން އެކަލޭގެފާނުގެ ދަޢުވަތަކީ އުއްމަތުގެ ފެންވަރުގައި ހުށަހެޅޭ، އެކަލޭގެފާނުގެ ރިސާލަތަކީ ތައުޙީދީކޮށް ފެތުރޭ، އަދި އެކަލޭގެފާނުގެ މަންހަޖަކީ ޢާލަމީ ވެއްޓަކަށް މުޅި ދުނިޔެއަށް ބަޔާންކޮށްދެވޭ އެއްޗަކަށް ވާންވާނެއެވެ. އުއްމަތުގެ ކޮންމެ ފަރުދަކީވެސް، އެ މީހެއްގެ ނިސްބަތުން އެ މީހެއްގެ ފެންވަރާއި ފަންވަރުގައި އެމީހެއްގެ މަޤާމާއި މައިދާނުގައި މީސްތަކުންނަށް އިސްލާމީ ދަޢްވަތު ފޯރުކޮށްދީ ހެއުކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިކަމާއި މުރާލިކަމާއެކު މަސައްކަތް ކުރަންޖެހޭނެ މީހެކެވެ. އިސްލާމީ އުއްމަތް ކުރިއަރުވައި ތަރައްޤީކުރުމަކީ ހުރިހާ މުސްލިމުންގެ ބޮލުގައި އެޅިފައިވާ ޝަރުޢީ ވާޖިބެކެވެ." މި ދެ ޕެރެގްރާފްގައި ދަށު ރޮނގުދަމައިފައި އެވަނީ ތީސިސް ޖުމުލައިގައެވެ. މައިގަނޑު ޖުމުލައިގައެވެ. ކަން ދިމާވި ގޮތުން މި ދެ ޕެރެގްރާފުގައި ވެސް އެ ޖުމުލަ އެ އޮތީ އެންމެ ފުރަތަމައަށެވެ. ދެން ހުރި ހުރިހާ ޖުމުލަތަކުގައި އެވަނީ އެ ބުނުމަށް ބާރުދީފައެވެ. ނުވަތަ އެ ބުނުން އިތުރަށް ތަފްޞީލުކޮށްދީފައެވެ. މަޒުމޫނެއްގެ ފެށުމެއްގައި ލިޔާނީ ވަކި މިވެނި ގޮތަކަށޭ ބުނެ ގޮތް ކަނޑައެޅުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އަދި އެއީ ކުރެވޭނެ ކަމެއްވެސް ނޫނެވެ. މައިގަނޑުނަމުގެ ތެރެއަށް ކިޔާ މީހާ ވައްދުވައިދެނިވި އަދި ޝައުޤުވެރިކުރުވަނިވި ގޮތަކަށް ލިޔުމަކީ ލިޔުންތެރިޔާގެ އިޚުތިޔާރުގައި ވާ ކަމެކެވެ. ނަމަވެސް މަޒުމޫނެއްގެ ފެށުން ލިޔުމުގައި ވިސްނުން ބަހައްޓަން ރަނގަޅު ކަންތައްތަކާއި ކޮށްގެން ނުވާނެކަންކަމުގެ މައްޗަށް ބަލައިލެވިދާނެއެވެ. (ހ) ކުރެވިދާނެ ބައެއް ކަންތައްތައް: 1- ވީހައިވެސް ތިލަ ސާދާ ޢިބާރާތުން ލިޔުން. 2- މަޒުމޫނުގެ މައިގަނޑުނަމާ ގުޅުންހުރި ޅެންބައިތެއް ބޭނުންކުރުން. 3- މައިގަނޑުނަމާ ގުޅުންހުރި ގޮތަކަށް މަޝްހޫރު މީހަކު ބުނެފައިވާ ބުނުމަކުން ފެށުން. 4- މައިގަނޑުނަމާ ގުޅުންހުރި އަދަބީ ބަހެއް ބޭނުންކުރުން. 5- އިޖްތިމާޢީ މައްސަލައެއްގެ މައްޗަށް ލިޔާނަމަ، އެދުވަސްވަރާ ގުޅުންހުރި ވާހަކައަކުން ފެށުން. 6- ޢާއްމުންނާ ބީރައްޓެހި ލަފުޒުތައް މައިގަނޑުނަމުގައި ހިމެނިފައި ވާނަމަ، އެ ލަފުޒުގެ މާނަ އޮޅުން ފިލުވައި ދިނުން. 7- ފެށުން 5 ފޮޅުވަތާއި 7 ފޮޅުވަތަކާ ދެމެދުގެ ދިގުމިނަކަށް ފެއްތުން. 8- ކިޔާ މީހާއާ ސުވާލުތަކެއް ކުރުން. (މި ގޮތަށް ފަށައިފި ނަމަ އެ ސުވާލުތަކަށް މައިގަނޑުގައި ޖަވާބުދޭން ވާނެއެވެ.) 9- މައުޟޫޢާ ސީދާ ގުޅުންހުރި ޅެންބައިތަކުން ފެށުން 10- އަދިވެސް މި ބާވަތުގެ ކިތަންމެ ގޮތްތަކެއް...... (ށ) ކުރުން ރަނގަޅު ނޫންެ ބައެއް ކަންތައްތައް: 1- މަޒުމޫނުގެ ފެށުން 7 ފޮޅުވަތަށްވުރެ ދިގުކުރުން. ނުވަތަ މަޒުމޫނުގެ ދިގުމިނުގެ އަށް ބައިކުޅަ އެއް ބަޔަށްވުރެ ދިގުކުރުން. 2- މާނަ އުނދަގޫ ލަފުޒުތަކާއި މާނަ އަރައިރުންވާ ލަފުޒުތައް ލިޔުން. 3- މާނަ އުނދަގޫ ނުވަތަ ބަސް ފުރޮޅައިފައި ހުންނަ ޅެންބައިތާއި މި ފަދަ ރައިވަރު ލިޔުން. 4- ތިމާގެ ނާޤާބިލުކަމާއި ނުކުޅެދުންތެރިކަމުގެ ވާހަކަ ލިޔުން. 5- ފެށުމުގެ ޕެރެގްރާފަކީ އެންމެ ޖުމުލައެއްކަމުގައި ހެދުން. 6- މައިގަނޑުނަމާ އެއްވެސް ގުޅުމެއް ނެތް ނުވަތަ ގުޅުވައި ނުލެވޭނެ ވާހަކަތައް ލިޔުން. 7- އެކަށީގެން ނުވާ ނުވަތަ ގުޅުމެއް ނެތް ޅެންބައިތަކުން ފެށުން 2- މައިގަނޑު: ބައެއް ލިޔުންތެރިން އެއްބަސްވާގޮތުގައި މަޒުމޫނެއްގެ އެންމެ މުހިއްމު އެއް ބަޔަކީ މަޒުމޫނުގެ މައިގަނޑެވެ. ސަބަބަކީ މަޒުމޫނުގައި ހިމެނޭ މުހިއްމު ހުރިހާ މަޢުލޫމާތެއް(އޮއްޓަރު) ހިމެނިފައިވަނީ މިބައިގައި ކަމަށް ވާތީއެވެ. އަދި މަޒުމޫނުގެ މޮޅު/ދެރަ މިން ބިނާވެފައިވާނީ މަޒުމޫނުގެ އޮައްޓަރުގެ މައްޗަށް ކަމަށް ވާތީއެވެ. ވީމާ މޮޅު، ފެންވަރު ރަނގަޅު މަޒުމޫނެއް ނަމަ، މައިގަނޑުނަމާ ގުޅުން ހުރި ގޮތަކަށް މުހިންމު ގިނަ މައުލޫމާތުތަކެއް، އެމުނި އެކުލެވިފައިވާ ބުގިސް ޢިބާރާތުން މައިގަނޑު ބައިގައި ހިމެނިފައިވާންވާނެއެވެ. މަޒުމޫނުގެ މައިގަނޑުގައި ހުށަހަޅާ ކޮންމެ އާ ނުކުތާއަކަށް އިންސާފުކުރާނީ ވަކި ޕެރެގްރާފެއްގައެވެ. މައުޟޫޢާ ގުޅުން ހުރި ތަރުތީބަކުންނެވެ. މަޒުމޫނު ލިޔުމުގެ ކުރިން ހުރިހާ ޚިޔާލުތަކެއް ނޯޓުކޮށް ތަރުތީބުކޮށްލުން މުހިއްމު ވަނީ ޚިޔާލުތައް މަސްހުނިވުމުން ސަލާމަތްކުރުމަށްޓަކައެވެ. އިންތިޙާމެއްގައި ނުވަތަ މުބާރާތެއްގައި މަޒުމޫނެއް ލިޔުނަސް މިކަން މި މަގަށް ކުރެވޭނެ އެވެ. 3- ނިންމުން: ކިތަންމެ ގޮތަކުން ބަލާއިރު މަޒުމޫނެއްގެ މުހިއްމު އެއް ބަޔަކީ މަޒުމޫނުގެ ނިންމުމެވެ. ކިޔާ މީހާ އެންމެ ބޮޑަށް ހަނދާން ހުންނާނީ މަޒުމޫނު ނިންމާ ޕެރެގުރާފެވެ. މަޒުމޫނުގެ ފެށުމަށްވުރެ ނިންމުން މާ މުހިއްމެވެ. ސަބަބަކީ ކިޔާ މީހާގެ ހިތަށް ލިޔުންތެރިޔާ ކުރުވަން ބޭނުންވާ އަސަރެއް އެންމެ ބޮޑަށް ފޯރުވޭނީ މި ޕެރެގުރާފުންނެވެ. ނަމަވެސް މި ޕެރެގުރާފު ދިގު ވެގެން ނުވާނެ އެވެ. ހަމަ އާދައިގެ ދިގުމިނުގެ ޕެރެގުރާފެއްކަމުގައި މި ޕެރެގުރާފުވެސް ވާންވާނެއެވެ. އަދި މަޒުމޫނުގެ މައިގަނޑުބައިގައި ބަޔާން ނުކުރާ އާ ޚިޔާލެއް ނިންމުމުގައި އައިސްގެން ނުވާނެއެވެ. ބަހުސް މަޒުމޫނެއް ނަމަ ވަކި ގޮތެއް ނިންމާނީ ނުވަތަ ވަކި ގޮތަކަށް ނިޔާ ކަނޑައަޅާނީ މި ހިސާބުންނެވެ. މަޒުމޫނެއް ނިންމުމުގައި އަންނަނިވި ގޮތްތައް ވެސް ބޭނުންކުރެވިދާނެއެވެ. 1- ތިމާ ޤަބޫލުކުރާގޮތެއް ބަޔާންކުރުން 2- ފެށުމުގައި ބޭނުންކުރި ބަސްތައް ތަކުރާރުކޮށްލުން 3- ކުރިމަގުގައި އަތުވެދާނެ/ ނުވަތަ ގެންނަން ފެންނަ ބަދަލުތައް ހާމަކޮށްދިނުން 4- މައިގަނޑުނަމާ ގުޅޭ ކޮމާކޯޅި ޢިބާރާތްކޮޅެއް ބޭނުންކުރުން 5- މައިގަނޑުނަމާގުޅުންހުރި ޅެންބައިތަކުން ނިންމުން. 6- ދުޢާކޮށްލުމަކުން ނިންމުން 7- އިލްތިމާސަކުން ނިންމުން މި ދެންނެވިފަދަ ގޮތްގޮތަށް ނުވަތަ އެ ނޫން ގޮތަކަށް މަޒުމޫނެއް ނިންމިޔަސް، އެއީ އެ މައުޟޫޢަކާއި ޙާލަތަކާ ގުޅޭ ފަދަ ނިންމުމަކަށް ވާންޖެހޭނެ އެވެ. މިސާލަކަށް ދުޢާއަކުން ނިންމުމަށް ގަސްތުކޮށް އެކަށީގެން ނުވާފަދަ ޢިބާރާތެއް ލިޔުމަށްވުރެ، އެހެން ގޮތަކަށް ނިންމުން ގެނައުން ބުއްދިވެރި އެވެ. މުބާރާތްތަކުގައި ނުވަތަ އިންތިޙާނުތަކުގައި މަޒުމޫނު ލިޔާ ބައެއް ކުދީންގެ މަޒުމޫނުތަކުން ދޭހަވަނީ ކޮންމެ މަޒުމޫނެއް ނިންމަން ޖެހެނީ ދުޢާއަކުން ނުވަތަ އިލްތިމާސަކުން ކަމަށް އެ ފަދަ ކުދީންނަށް ޤަބޫލުކުރެވިފައިވާ ކަމުގައެވެ. ނަމަވެސް މިއީ ކުށް ހީއެކެވެ. މަޒުމޫނެއް ނިންމާކަށް ވަކި ގޮތެއް ވަކި ޢިބާރާތެއް ކަނޑައެޅިފައެއް ނޯންނާނެ އެވެ. ބޭނުންވަނީ މުޅި މަޒުމޫނުގައި ދޭންބޭނުންވި މެސެޖް ކިޔާ މީހާގެ ސަމާލުކަމަށް ގެނެސް ޚުލާޞާ ގޮތެއްގައި އެވާހަކަ ބުނެދިނުމެވެ. އެކަމަކު މަޒުމޫނުގެ މައިގަނޑުގައި ހާމަކޮށްފައި ނުވާ އާ ޚިޔާލެއް ނިންމުމުގައި ގެނެސްގެންނުވާނެ އެވެ. ޚާއްޞަ ނޯޓެއް: މަޒުމޫނުގެ ފެށުމުގައި ވެސް މައިގަނޑުގައިވެސް ނުވަތަ ނިންމުމުގައިވެސް ލިޔާ ކޮންމެ ޖުމުލައެއްވެސް ފުރިހަމަޔަށް ލިޔުމަށް ސަމާލުކަން ދޭންވާނެ އެވެ. ބުނަން ބޭނުންވާ ވާހަކައެއް ބުނެވިފައިވޭތޯ ކަށާވަރުކުރަންވާނެ އެވެ. ޖުމުލައިގެ ފެށުމާއި ނިމުން ގުޅޭގޮތަށް މާނަ ދޭހަވާ ގޮތަށް ލިޔެވިފައި ވޭތޯ ކަށަވަރުކުރަން ވާނެ އެވެ. ޖުމުލައިގެ ފެށުމާއި ނިމުން (މާނަ ދޭހަވާ ގޮތަށް) ގުޅޭ ގޮތަށް ޖުމުލަ ލިޔުމުގެ މިސާލެއް ލިޔެލާނަމެވެ. ދަށު ރޮނގު ދަމައިފައިވާ ބަޔަށް ވިސްނެވުން ހުއްޓެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ރަނގަޅުކަމެކެވެ. އޭނާ ދެކެވަޑައިގަންނަވަނީ އެއީ ރަނގަޅުކަމެއް ކަމުގައެވެ. ------ (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|