ފަންވަތް ދިވެހި މާދަރީބަސް ބަހުގެ ބަނޑުގާ - ކީއްކުރާ އެއްޗެއް؟
ބެލި ޢަދަދު: 2204
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ބަހުގެ ބަނޑުގާ - ކީއްކުރާ އެއްޗެއް؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 10
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
27 ޑިސެމްބަރ 2008، 16:45 ހޮނިހިރު

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

ގަލޭ މި ދަންނަވަނީ ހިރިގަލުގެ ވާހަކައެވެ. މޫދުން ނަގައިގެން ގެދޮރު ޢިމާރާތް ކުރަން ބެނުން ކޮށް އުޅުނު ގަލުގެ ވާހަކަ އެވެ. ތަންތަން ރޭނުމަށްޓަކައި،  ކުރީ ޒަމާނުގައި ދިވެހިން ބޭނުން ކުރަނީ މި ފަދަ ގަލެވެ. ބޮޑެތިހެން ހީވާ ހިރިތައް މޫދުން އެއްގަމަށް ގެނެސް ގެންނެވެ.  ކޯރާޑިން ތަޅައި ކުދި ކޮށްގެންނެވެ.  ގެދޮރު އެޅުމަށްޓަކައެވެ.  ފާރު ރޭނުމަށްޓަކައެވެ.  

މި ހިސާބުން ތިޔަ ބޭފުޅުންގެ ހިތްޕުޅުގައި ދެ ސުވާލެއް އުފެދުން އެކަށީގެން ވެއެވެ. ފުރަތަމަ ސުވާލަކީ، ދެން އެހެން ވިއްޔާ ބަނޑު ބަލަކީ ކޮބައި ހެއްޔެވެ؟ ދެވަނަ ސުވާލަކީ ބަހުގެ ބަނޑު ގަލަކީ ކޮބައިތޯ އުފެދޭ ސުވާލެވެ.



ގެދޮރު އެޅުމަށް އާންމު ކޮށް މީހުން ގާތަޅައިފައި ހުންއިރު، ގާބުރި އެއްގެ ބޮޑުކުޑަ މިނަކީ، ގާތްގަނޑަކަށް އާދައިގެ ކަށިކެޔޮ ވަކެއްގެ ބޮޑު މިނެވެ. ފާރުތައް ރާނަމުން ދާނީ ވަކި ތަރުތީބަކުން، ދެފަރާތުން ގާތައް ގެތެމުން ދާގޮތަށެވެ. މި ހެން ގާތައް އަތުރަމުން ދާއިރު، ބައެއް ފަހަރަށް ގާތަކުގެ ބައްޓަން ހުންނަ ގޮތުން، ދެގާގަނޑު ދެމެދުގައި ހުސްޖާގަ އުފެދޭނެ އެވެ. އެޖާގަޔަށް ކިޔަނީ ''ބަނޑު'' އެވެ. އެތަނަށް ލާނީ ގާތެޅުމުގެ ތެރޭގައި ކޮށިގެން ގޮސްފައި ހުންނަ ކުދި ކުދި ގާ ކޮޅު ކޮޅެވެ. އެއީ ބަނޑަށްލާގަލެވެ. ބަނޑު ގަލެވެ. ހުސްތަން ފުރަން ބޭނުން ކުރާ ބަނޑުގަލެވެ.


ދެން އޮތީ ބަހުގެ ބަނޑުގަލުގެ ވާހަކަ އެވެ؟  އަޅުގަނޑު މި މަޒުމޫނުގައި ބަހުގެ ބަނޑުގަލޭ މި ދަންނަވަނީ، ވާހަކަ ދެއްކުމާއި ލިޔެ ކިޔުމުގައި ހުސްތަން ފުރަން ބޭނުން ކުރެވޭ މާނައެއް ނެތް ބަސް ބަހަށެވެ. މާނަ ނޯންނަނީ އެ ބޭނުން ކުރެވޭ ތަނުގެ ގޮތުންނެވެ. ބޭނުން ކުރެވޭ ޙާލަތުގެ ސަބަބުން އެޙާލަތާ ގުޅޭ މާނައެއް އެފަދަ ލަފުޒުތަކުގައި ނުވަތަ އަކުރު ތަކުގައި ނޯންނަނީ އެވެ.


ބައެއް މިސާލު:


01 – ''ވާހަކައަކީ'' -  ފަހަކަށް އައިސް ވާހަކަ ދެއްކުމުގައި މި ލަފުޒަކީ ބޭނުން ކުރެވޭ ބަނޑުގާގަނޑެކެވެ. ދެޖުމުލައިން އެއް ޖުމުލައަށް، ނުވަތަ ޖުމުލައިގެ މެދުތެރޭން ދެލަފުޒުން އެއް ލަފުޒަށް މި ބަސް ބޭނުން ކުރެވޭތީ އިވެއެވެ. ''ވާހަކައަކީ، މިހާރު މީހުން ވާހަކައަކީ، ދިވެހި ބަހުން ވާހަކަ ދައްކާއިރު ވާހަކައަކީ، މި ބަސް ވަރަށްގިން ވާހަކައަކީ ބޭނުން ކުރެޔޭ ވާހަކައަކީ'' މީ އެފަދަ މިސާލެކެވެ.

02 – '' އަނެހެން'' -  މިއީވެސް ހަމަ އެފަދަ ލަފުޒެކެވެ. މި ޒަފުޒުވެސް ބޭނުން ކުރެވެނީ '' އަނެހެން ބަލާއިރު، ގިނަ މީހުންނަށް އެނެހެން ނުވިސްނާ'' މި ކަހަލަ ގޮތަކަށެވެ.

03 – '' ދޯ'' -   ދޯ އަސްލު ދޯ މިގޮތަށް މިބުނީ ދޯ ވަހާކަ ދެއްކީމާ މިބުނީ އެގޮތުން ބަލާއިރު ވަރަށް ދޯ އުނދަގޫ ދޯ އަސްލު''

މި ޖުމުލައިގައި، ދަށުރޮނގު ދަމައި ފާހަގަ ކުރެވިފައި އެވަނީ ހުސް ބަނޑުގަލެވެ. ބަހުގެ ބަނޑު ގަލެވެ. ބޭކާރު އެއްޗިއްސެވެ.


ޙައްލަކީ  ކޮބާ؟


މި މައްސަލަ ދިމާވަނީ އެއްކަމަކަށްވުރެ ގިނަ ކަންތައްތަކަށް ފަރުވާ ކުޑަ ކޮށްލެވޭތީއެވެ.  މި ކަން ހައްލު ކުރުމަށްޓަކައި  ވަރަށް ގިނަ ކަންތައް ކުރަން ޖެހޭނެ އެވެ.

ފަރުވާ ކުޑަ ކޮށްލެވުނު ކަންކަމުގެ ތެރޭގައި ދިވެހި ބަހާމެދު ހިތުގައި ވަރުގަދަ ލޯތްބެއް އާލާ ކުރެވިފައި ނެތުން ހިމެނެއެވެ. ބަހުގެ މޮޅު އުފެއްދުންތައް ކިޔައި އެއާ މެދު ސަމާލުކަން ނުދެވުން ހިމެނެއެވެ. ބަހުގެ އަދަބާއި ހަމަތައް ހިފަހައްޓަވައިގެން ވާހަކަ ދައްކާ ކުޅަދާނަ ވާހަކަ ދެއްކުންތެރިންގެ ތަޤުރީރުތައް ސަމާލުވެ އަޑު އެހިފައި ނެތުން ހިމެނެއެވެ. އުމުރުން ދުވަސްވީ މާމަމެން ކާފަމެން މި ދުނިޔަ ދޫކުރީމާ، އެމީހުންގެ ބޮޑު ފޮށި ކޯޓަށް ގޮސްގެން ސަރިޔަތުން ހޯދުނު އިރު، އެމީހުން ދުނިޔޭގައި ތިބި ވަގުތުގެ ފައިދާ ލިބިގަނެ އެމީހުންގެ ރީތި ސާފު ދިވެހި ބަހުގެ ޚަޒާނާއިން ''މުށްވަރެއް'' ނަމަވެސް ހޯދިފައި ނެތުން ހިމެނެއެވެ.

މި ހުރިހާ ކަމެއް މިހެން އޮތް ނަމަވެސް ، ބުނާ ޖުމުލަ  ބަހުގެ ބަނޑުގަލާ ނުލައި ބުނުމަށްޓަކައި ހެދިދާނެ ވަރަށް މުޖައްރިބު ދެ ފަންޑިތައެއް އެބަ އޮތެވެ.

 01 - ކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަން ފެއްޓެވުމުގެ ކުރިން ވިދާޅުވާނެ ޖުމުލަ ހިތްޕުޅުގައި ރާވާލައްވާށެވެ. އެގޮތަށް ޖުމުލަ ރާވާލެއްވުމަށްފަހު އޭގެ ފަހުން ވިދާޅުވާން ފައްޓަވާށެވެ. އަބަދުވެސް ވާހަކަ ދައްކަވާނަމަ ފުރަތަމަ ކަމަކަށް ހިތްޕުޅުގައި ޖުމުލަތައް ތަރުތީބު ކުރައްވާށެވެ. ނުވަތަ އެގޮތަށް ތަރުތީބު ކުރައްވަމުން ގެންދަވާށެވެ. އެއާ އެކު ދޫފުޅުން ލަފުޒުތައް ބޭރު ކުރައްވަމުން ގެންދަވާށެވެ. ކޮންމެ ކަމަކަށް ނަޒަރު ދެއްވިޔަސް ކުރެވެމުންދާ އިބާރާތާއި ސިކުޑިޔާއި އޮންނަ ގުޅުން ކެނޑުނަ ނުދެއްވާށެވެ.  ހިތްޕުޅު އިސްކުރައްވާށެވެ.  ދޫފުޅު ފަސްކުރައްވާށެވެ.

02 -  ވިދާޅުވަމުން ގެންދަވާ މަޒުމޫނު ތަކާއި، ބައެއް ފަހަރަށް އަޑު އިވިވަޑައިގަންނަވާ ދިވެހި ބަހުގެ މޮޅު ތަޤުރީރުތައް އަޅައި ބައްލަވާށެވެ. ކޮން އެއްޗަކާ ތޯއެވެ. ތިބާގެ ވާހަކަ ދެއްކެވުމާއެވެ. ''އެ ތަޤުރީރު ކުރެއްވި ބޭފުޅަކު ނުވަތަ ބަސްދީގަތުމެއް ދެއްވި ބޭފުޅަކު  މިވެނި  ވާހަކަ އެއް ވިދާޅުވި އިރު ހާދަ ސާފެވެ. އެއްވެސް ދޯ އެއް ނެތެވެ. ވާހަކައަކީ އެއް ވެސް ނެތެވެ.  އޭނާ އެދެއްކެވި ވާހަކަ އަހަރެން ދައްކާ ނަމަ ދޯއާއި، ވާހަކައަކީއާއި، މިބުނީ އާއި، އަނެއްހެންނާއި،  މި ލަފުޒުތައް ވަންނާނީ ކޮން ދިމަދިމާޔަކަށް ބާއެވެ. އެތަންތަނަށް އެ ލަފުޒުތައް ނުލައްވައި މި ބޭފުޅަކު މި ޢިބާރާތްތައް ކުރައްވާފައިވާ ގޮތަކީ ކޮބައިބާއެވެ؟'' މި ފަދަ ގޮތްގޮތަށް މަސައްކަތް ކުރެއްވިދާނެއެވެ.


ނިންމާލުން:


އަޅުގަނޑު ދަންނަ ވާލަން މި އުޅުނީ، ދިވެހި ބަހުން ވާހަކަ ދެއްކުމުގައި އަޅުގަނޑުމެންނަށް ނޭނގި ބޭނުން ކުރެވޭ ބައެއް ލަފުޒުތަކާއި އަކުރުތަކުގެ ސަބަބުން ދައްކާވާހަކައަށް ލިބޭ ބައެއް ކަހަލަ ގެއްލުމުގެ ވާހަކައެވެ. ޖުމުލަތަކާއި ޢިބާރާތްތަކަށް އަންނަ ބަލިކަށި ކަމުގެ ވާހަކަ އެވެ. ހުތުރުކަމާއި އައިބުކަމުގެ ވާހަކައެވެ. އެކަން އެހެން ވިޔަ ނުދީ ވާހަކަ ދެއްކި ދާނެއެވެ.  ބޭނުމީ ވިސްނާލުމެވެ. ހިތްވަރެއް އާކޮށްލުމެވެ. އަމިއްލަވަންތަކަމާއި، ދިވެހި ޤައުމިއްޔަތުގެ އަގު ހިތުގައި މަތިވެރިކޮށްލުމެވެ. އޭރުން ބަހަށް ހުތުރުކަންދޭ ކޮންމެ އެއްޗެއް ދޫކޮށްލެވޭނެއެވެ. އެއްލާލެވޭނެއެވެ. ދިވެހި ވަންތަކަމުގެ ޝަޚުޞިއްޔަތަށް ބަލިކަށިކަންދޭ، އެފަދަ ކޮންމެ ކަމެއް ވަޒަން ކުރެވި ހެޔޮ ގޮތުގައި ހިފެހެއްޓޭނެ އެވެ.

ބަދަހި ގެތުންތަކާއެކު އެހެރަ ހިތްގައިމު ރީތީ ހުކުރު  މިސްކިތުގެ ފާރުތަކާ އަޅައި ބަލާ އިރު، ބަނޑުގަލުން ފުރިފައިވާ ހަރުދަނާކަމެއްނެތް އާދައިގެ އެޅިގަލު ފާރު ބުރިއަކީ ކީއްކުރާ އެއްޗެއްހެއްޔެވެ؟

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)Add Comment
...
ލިޔުނީ އާދަނު, 2008-12-27 12:13:49
ތެދުފުޅެއް.. މިހާރު މީހުން ވާހަކަދައްކާ އިރު މި ބޭނުންކުރާ 'ދޯ'ތައް ގިނަކަމުން އަޑުއަހާ މީހާ ހުންނަނީ އަނބުރައިގަންނަވަރު ވެފައި، ބަނޑުގަލުގެ ގޮތުގައި ނަސީރު ފާހަގަކުރެއްވި އެއްޗެހި ބޭނުންކުރެވޭ ޙާލަތްތަކެއްވެސް ހުރޭ އެހެންނޫންތޯ؟ ނަސީރު އެތަންކޮޅު ފާހަގަކޮށްލެއްވި ނަމަ މައުލޫއިން ބޭރުވީސް ކަމަކަށް އަޅުގަނޑު ނުދެކެން، އަދި އެހެން ނުލިޔުއްވީތީ ބައެއް މީހުންނަށް ދޯއަކީ އެއްވެސް ހާލެއްގައި ބޭނުންކޮށްގެންވާނޭ އެއްޗެއް ނޫނޭ ހީވެ، އެމީހާގެ ބަސްކޮށާރުން އެ ބަސްތައް މުޅިން ފުހެލުން ވެސް އެކަށީގެންވޭ.
ވަރަށް އުފާކޮށްފިން ދިވެހި ބަހާމެދު އަޅުގަނޑުމެންގެ ލޯ ހުޅުވާލަދެއްވަން ތިޔަ ކުރައްވާ މަސައްކަތާ މެދު.
...
ލިޔުނީ އަސޭ, 2008-12-27 12:37:20
މިހާރު އޮފީހެއްގެ ވެރިޔަކު ވެސް ވާހަކައެއް ދައްކާ ނިމޭއިރު އެވާހަކައިގެ ދެބައިކުޅައެއްބަޔަށްވުރެ، ވާހަކައަކީ ވާހަކައަކީ ގިނައެވެ. މިބުނީ އަޅުގަނޑު އުޅޭ އޮފީހުގެ ވެރިމީހާގެ ވާހަކައެވެ. އޮފީހުގެ ހުރިހާ ކުދިންވެސް އޭނާގެ "ވާހަކައަކީއަށް" ޖޯކުޖަހައެވެ. އޭނާއަށް އަޅުގަނޑުމެން ކިޔަނީ ވާހަކަބޮސް އެވެ. އެއްދުވަހަކު ޓީވީއަށް އިންޓަވިއުއެއް ދިން އިރުވެސް ޓީވީ ބަލާފައި ހީނހީނ ހަލާކުނުވީ ކިރިޔާއެވެ. އޮފީހުގެ ބައެއް ކުދިން މިހާރު އޭނާއާ ވާހަކަދައްކާއިރު އޭނާ ވާހަކަދައްކާ ގޮތަށް ވާހަކައަކީ ވާހަކައަކީއޭ ކިޔައިގެން ވާހަކަދައްކާ ހަޖޫޖަހައެވެ. އޭނާގެ ގަމާރުކަމުން އޭނާއަކަށް އެކަމެއް ރޭކާވެސް ނުލައެވެ. އަދިވެސް އޭނާ ކިޔާ އެއްޗެއްގެ ވާހަކަ ނަންގެންފާނަމެވެ. އެއީ، "އެހެންނަމަހީވެސް" އެވެ. ވާހަކަ ދައްކާއިރު ދެބަހު ދެކޮޅު މިހެން ވެސް ކިޔައެވެ.
"އެހެންނަމަހީވެސް"، މިއީ ކޮންކަހަލަ "ހީ" އެއް ކަމެއް އަޅުގަނޑަކަށް ނޭގެއެވެ. ނަޞީރުއަށް އެނގިވަޑައިގަންނަވާނަމަ، އެއީ ކޮންވައްތަރެއްގެ ހީއެއްކަން ވިދާޅުވެދެއްވާފާނަންތޯއެވެ؟
...
ލިޔުނީ ‡އިލޮށި, 2008-12-28 21:46:45
ބަނޑުގަލާއި ބަނޑު އަކިރީގެ ތަފާތަކީ ކޮބައިބާ؟ ކޮންމެޔަކަސް މި މަޒުމޫނުގެ ވާހަކަ ތަކަކީ ވަރަށް މުހިންމު މައުޒޫއެއް. މިހާރު ހަމަ ތިގޮތަށް ތިކަންވޭ. އުނދަގޫވާ ވަރަށް ވެސްވޭ. ކަމުގެ ހައްލެއް ގެނެސްދެއްވާފައި އޮތީމާ ވަރަށް ފުރިހަމަ.
...
ލިޔުނީ ޝާހިދު, 2008-12-29 05:13:23
ރޭނުމުގައި ބަނޑުގަލަކީ ބޭނުންތެރި އެއްޗެއް. ރާނާ އިރު ބަނޑުގާ އެޅުމުން ރޭނުންގަނޑަށް އިތުރު ބަދަހިކަމެއް ލިބޭ. އެކަމަކު ބަހުގައި ތިޔަ ވިދާޅުވި ބަނޑުގަލުގެ ބޭނުމެއް ނޯވޭ... އަޅުގަނޑަކަށް އެ ލަފުޒުތަކާ ބަނޑުގަލުގެ ނަމަކާ ނުގުޅޭ.... އެކަމަކު ވަރަށް ބޭނުންތެރި ލިއުއްވުމެއް.
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް, 2008-12-29 08:33:21
ޝާހިދު ޚިޔާލުފުޅެއް ދެއްވީތީ، ވަރަށް އުފާވި. ވަރަށް ހިތްވަރު ލިބުނު. ފާޅުކުރައްވާފައިވާ ޚިޔާލުފުޅާމެދު ވިސްނާލިން. ކުރިޔަށް އޮތްތާނގައިވެސް ތިޔަ ފަދައިން ދެއްވާ އެއެްބާރު ލެއްވުންތަކަށް ޝައުޤުވެރިކަމާއެކު، ހެޔޮ ހިތުން އެދިހުރިވާހަކަ ދަންނަވާލިން. ތިޔަ ފާޑުވިދާޅުވުމަކީ، އަޅުގަނޑު އެދޭ ކަހަލަ ފާޑުވިދާޅުވުމެއް. ބިނާ ކުރަނިވި، ޢިލްމީ އަދަބީ ފާޑުވިދާޅުވުމެއް. ވަރަަށް ޝުކުރިއްޔާ!
...
ލިޔުނީ ނާސިރު, 2009-03-10 14:03:49
ނަސީރު އެވިދާޅުވަނީ ހަމަ ހަޤީޤީ ވާހަހައެކެވެ. މިހާރުދެން ބަނޑުގާ ވަރަށް ގިނައެވެ. އެކިއެކި ބަހުރުވަ ތަކުންވެސް މިބައި މިހާރު ފެންނަމުން އެބަދެއެވެ. " އަސްލުގާ" އަކީވެސް މިގޮތަށް މިހާރު މަދުންނަމަވެސް ބޭނުން ކުރެވޭ ބަހެކެވެ. މީގެ އިތުރަށް މާނައޮޅޭ ގޮތަށް ބައެއްބަސް ބޭނުން ކުރެވޭކަންވެސް ފާހަގަކުރެވެއެވެ. މިސާލަކަށް ވީގޮތަކީ ބުނަންވާ ތަނަކަށް ވީއެއްޗަކީ އޭ އެބަބުނެއެވެ. އެކަމަކު " ވުން" އެއީ މަސްދަރަކަށްވެފައި " އެއްޗެއް" އެއީ ނަމަކަށް ވާއިރު ވިސްނާލީމަވެސް އެއްޗެއް ނުވާނެކަމާއި ވާނީ ކަމެއްކަން އެނގޭނއެވެ. މިފަދަ ކަންތައް ހައްލުކުރުމަށް ކޮންމެވެސް ބަޔަކު މަސައްކަތް ނުކޮށްފިނަމަ ދިވެހި ބަހަކީ އެހެން ބަހަކަށް ވެ ނިމިގެން ދާނެ ދުވަސް ދެން މާދުރެއްނޫނެވެ.
...
ލިޔުނީ ޙަސަން, 2010-07-26 14:58:55
ރާނާ އިރު އަޅާ ބަނޑު ގަލަކީ ސިމެންތި ނުވަތަ އުވަ ހަރަދު ކުޑަކުރަން އަޅާއެއްޗެއް!!! އެކަމަކު ބަހަށް ބަޑުގާ އެޅީމާ ހަކަތަ އާއި ވަގުތު ވަނީ ހަރަދު ބޮޑު!!! އެހެން ވީމަ ބަހުގެ ބަނޑުގާ ބޭނުމެއްނޫން!!!

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2204
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone