ފަންވަތް ދިވެހި މާދަރީބަސް އަތޮޅު އޮފީހުން ވިދާޅުވެވޭނީ ކިހިނެއް؟
ބެލި ޢަދަދު: 1714
އަތޮޅު އޮފީހުން ވިދާޅުވެވޭނީ ކިހިނެއް؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
30 ޖެނުވަރީ 2009، 04:17 ހުކުރު


އާދަމް ނަޞީރު އިބްރާހީމް (2009)

''މިހާރު މި މައްސަލައިގައި ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކަށް ހިނގިއްޖެއެވެ. ސިޓީ އެޅިއްޖެއެވެ. ރަށު އޮފީހުން ވިދާޅުވީ އަތޮޅު އޮފީހަށް ލިޔުމަށެވެ. އަތޮޅު އޮފީހުން ވިދާޅުވީ، ހޯމް މިނިސްޓްރީއަށް ލިޔުމަށެވެ. ހޯމް މިނިސްޓްރީން ވިދާޅުވީ، ރައީސް އޮފީހަށް ލިޔުމަށެވެ. ރައީސް އޮފީހުން ވިދާޅުވީ ކަމާބެހޭ ފަރާތަށް ލިޔުމަށެވެ.''

މީހަކު ކުރި ސުވާލެކެވެ. ނުވަތަ ޖަދަލެކެވެ. އޮފީސް އޮފީހަކީ، ޢިމާރަތްތަކެކެވެ. ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިގެންވާ ތަންތަނެއް ނޫނެވެ.  އެހެންކަމަށްވާއިރު، އޮފީސް އޮފީހުން އަންގާ އެންގުންތަކުގެ ވާހަކަ ބުނެވޭ އިރު، ''ވިދާޅުވުން'' މި ބަސް ބޭނުންކޮށް އެ އޮފީހަކަށް ދަރަޖަ ދެވެނީ ކޮން ހަމަޔަކުން ހެއްޔެވެ؟  ''ވިދާޅުވެވޭނީ'' ވާހަކަ ދެއްކިގެންނެވެ.  ވާހަކަ ދެއްކޭނީ އިންސާނަކަށެވެ. އެހެންކަމުން މިވެނި އޮފީހަކުން ވިދާޅުވިޔޭ އެވެނި އޮފީހަކުން އެންގެވިޔޭ ބުނުމަކީ ބަހުގެ ހަމަ ގޮތެއް ހެއްޔެވެ؟ އަހަރެން ގަބޫލުކުރާ ގޮތުގައި  ރަނގަޅު ގޮތަކަށްވާނީ ''އަތޮޅު އޮފީހުން ބުނީ، ރައީސް އޮފީހުން ބުނީ'' މި ގޮތަށް މިވާހަކަ ބުނުމެވެ.

މި ޚިލާޔާމެދު ފިކުރު ހިންގާލުމުން  އަޅުގަނޑަށް ވިސްނުނު ގޮތް ތަފާތެވެ. އަޅުގަނޑުގެ ހިތަށް ފެނުނީ މި ޚިޔާލަކީ، އެހާ ރަނގަޅު ޢިލްމީ އަސާސެއްގެ މަތީގައި ބިނާވެފައި އޮތް ޚިޔާލެއް ނޫންކަމަށެވެ.  ޚިޔާލު ސާބިތު ކުރެއްވުމަށް ގެންނެވި ޙުއްޖަތްވެސް އެހާ ހަރުދަނާ ކަމަކަށް ނުފެނުނެވެ. ބޮޑަށް ގަބޫލު ކުރެވުނީ މައްސަލައިގެ އަސްލު ސިއްރާހަމަޔަށް، ނުވަތަ ޙަޤީޤަތާ ހަމަށް މި ޚިޔާލުގެ ސިކުނޑިޔަށް އަދި ވާޞިލުވެވިފައި ނެތީ ކަމަށެވެ.

ރަނގަޅެވެ. ވިދާޅުވެވޭނީ އިންސާނަކަށެވެ. ނުވަތަ މަލާއިކަތަކުވެސް ހަމަ ވިދާޅުވާނީ އެވެ. މަޒުމޫނުގެ ފެށުމުގައި އިސްވެ ދެންނެވުނު ޖުމުލަތަކަށް ބަލާއިރު، އެތަނުގައި ވިދާޅުވާކަމަށް އެބުނާ ބުނުން ރައްދުވަނީ އިންސާނަކަށެވެ. މަސްއޫލުވެރި ހައިސިއްޔަތެއް ލިބިގެންވާ ފަރާތަކަށެވެ. ނަމަވެސްް އެތާނގައި އެވާ ގޮތަކީ، ޖުމުލައިގައި އެފަރާތުގެ ނަން  ހަޒުފު ވެފައި ވަނީ އެވެ. ވަންހަނާ ވެފައި އޮތީ އެވެ.  އެކަމަކު ޖުމުލައިގެ މާނައިގައި އެފަރާތް ހަޒުފެއް ނުވެއެވެ. ވަންހަނާ އެއް ނުވެެއެވެ. އަތޮޅު އޮފީހުން ވިދާޅުވިޔޭ ބުނެވިއްޖެ ނަމަ، އޭގެ މާނައަކީ، ކޮބައިތޯއެވެ؟ އަތޮޅު އޮފީހުން ޖަވާބު ދާރީވާނީ އެކަމުގެ ހަވާލުދާރު ވެރިޔާއެވެ. ތަނުގެ ޕިޔޯނެއް މަސައްކަތު  މީހާއެއް ނޫނެވެ. އެހެންކަމުން މި ތަނުގައި  ''ވިދާޅުވުން''  ރައްދުވަނީ ޖަވާބުދާރީވި، އެ އޮފީހުގެ މަސްއޫލުވެރި ފަރާތަކަށެވެ. ޙަޤީޤަތުގައި އެބުނެވެނީ  އެ އޮފީހުން ޖަވާބު ދާރީވާންޖެހޭ ފަރާތުން ވިދާޅުވި ވާހަކައެވެ. އެ އޮފީސް، ވިދާޅުވި ވާހަކައެއް ނޫނެވެ.

އެހެން މިސާލެއް ގެންނަމާތޯއެވެ؟ ''ކީރިތި ޤުރުއާނަކީ، އުޑުން ބާވާލެއްވި ފޮތެކެވެ'' މި ތަނުގައި ވެސް އުޑުން ބާވާލެއްވިއޭ އޮތުމުން އޭން ލިބިދޭ މަފުހޫމަކީ އުޑުން ކީރިތި ﷲ އެފޮތް ބާވާލެއްވި ކަމެވެ. އެކަމަކު ﷲގެ އިސްމުފުޅު އެ ޖުމުލައިގެ ތެރެޔަކު ނެތެވެ. އެ އިސްމުފުޅު އެވަނީ ހަޒުފުވެފައެވެ. ވަންހަނާ ވެފައެވެ. އެކަމަކު އުޑުން ބާވާލެއްވުމޭ ބުނެވިއްޖެ ނަމަ އަޅުގަނޑުމެން  އެކަން  ކީރިތި ﷲއަށް ރައްދު ކުރަމުއެވެ.

''ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތުގައި'' މިއީ ވެސް އަޅުގަނޑުމެން ބޭނުން ކޮށް އުޅޭ ގޮތެކެވެ. އަޅުގަނޑުމެން ކިޔައި އުޅެނީ '' އަންގާފައިވާ ގޮތުގައި'' މިހެނެއް ނޫނެވެ. ކީއްވެތޯއެވެ؟  ސަބަބަކީ އެމާތް ފޮތުގައި ހުރި ބަސްފުޅުތަކަކީ، ﷲގެ ކަލާމްފުޅުކަމަށްވާތީއެވެ. ''އަންގަވާފައި'' މި ގޮތަށް އެބަސް ބޭނުން ކުރުމުން،  ޖުމުލައިގައި ''މާތް ﷲ އަންގަވާފައިވާގޮތުގައި'' މި ހެން ނެތްކަމަށްވިޔަސް އެ ގޮތަށް ޖުމުލައިގެ ދޭހަ ލިބިދޭތީ އެވެ. ކީރިތި ޤުރުއާނުގައި އަންގަވާފައި ވާގޮތޭ ބުނުމުން އެއީ މާތް ﷲ އެންގެވި އެންގެވުމެއްކަން އެނގެއެވެ. ނުވަތަ އޭން ގަސްތުކުރެވޭ މަނާއަކީ، މާތް ﷲ އެންގެވުމެވެ.  އެހެން ޢިބާރާތަކުން ދަންނަވާނަމަ ކީރިތި ޤުރުއާނުގައި އޮތް އަމުރުފުޅެއް ނުވަތަ އެ މާތް ފޮތުގައި ހިމެނޭ އެނޫންވެސް ބަސްފުޅެއް، ކީރިތި ﷲ ނޫން އެހެން އެއްވެސް ފަރާތަކުން އައިސްފައި ނުވާނެ ކަން އެނގެއެވެ. އެހެންވީމާ މި ފަދަ ކޮންމެ ހާލަތަކީ، ހަޒުފުގެ ހާލަތެވެ. ކަންކުރި ފަރާތުގެ ނަން އެ ޖުމުލައިގައި ފާޅުވެގެން ނުދާ ހާލަތެކެވެ.

ތަފާތު ޙާލަތެއް


އިސްވެ ދެންނެވުނު ގޮތާ ޚިލާފު އުސޫލަކަށް، އެހެނަސް ބަހުގެ ހަމަތަކަށް ފެތޭ ގޮތަށް ޖުމުލައިގައި ''ބުނުން'' ބޭނުން ކުރެވިފައި ހުރެ އެވެ. ''ވިދާޅުވުން''  ބޭނުން ނުކޮށް ހުރެއެވެ. އެއީ ''ބުނުން'' ރައްދުވާ ފަރާތަށް  ފުރާނަ ހުރި އެއްޗެއްގެ ސިފަ ދެވޭ ޙާލަތުގައެވެ.   މަޖާޒީ ގޮތުން އެޖުމުލަ ޢިބާރާތްކުރެވޭ ވަގުތުގައެވެ.  މި ސާލަކަށް، ''ކީރިތި ޤުރުއާން ބުނާގޮތުގައި'' މިހެން އަޅުގަނޑުމެން ކިޔައި އުޅެމުއެވެ. ތާރީޚު ބުނާ ގޮތުގައި ނުވަތަ  ''އދ. ބުނާ ގޮތުގައި''  މި ފަދަ އުސްލޫބަކަށް  ޖުމުލަ ގެންނަމުއެވެ.   މިޙާލަތުގައި ''ކީރިތި ޤުރުއާން ވިދާޅުވާ ގޮތުގައި''  ނުވަތަ މި ވެނި ''އޮފީހެއް ވިދާޅުވާގޮތުގައި'' މި ހެން ބޭނުން ކޮށެއް ނޫޅެއެވެ. އަދި އެގޮތަށް ޖުމުލައިގައި ބޭނުން ކޮށްފި ނަމަ ބަހުގެ ހަމަތަކުން ބޭރުވެވުނީ ކަމަށް ވެސް ވާނެއެވެ. ސަބަބަކީ، ކޮބައިތޯއެވެ؟ ސަބަބަކީ، މި ލިޔުމުގެ ފެށުމާ ހަމައިގައި، ޚިޔާލު ހުށަހެޅުއްވި ފަރާތުގެ ޚިޔާލުން އަޅުގަނޑު އެއްބަސްވި ހަމަ އެކަނި ނުކުތާއެވެ. އާދެ! ''ވިދާޅުވެވޭނީ''  އިންސާނަކަށެވެ. ނުވަތަ މަލާއިކަތުންނަށެވެ. ދިރުމެއް ނެތް  ފަރާތަކަށް މަޖާޒީ ގޮތެއްގައި ވާހަކަ ދެއްކުމުގެ ސިފަ ދޭނަމަ އެފަރާތުން ދައްކާ ވާހަކަވާނީ އާދައިގެ ބުނުންތަކަކަށެވެ.

ނިންމާލުން


އާދެ! އެހެންކަމުން، ''އދ. ބުނާ ގޮތުގައި'' މި ފަދައިން ޖުމުލަ އިބާރާތްކޮށްފިނަމަ އެއީ މަޖާޒީ ބުނުމެކެވެ. އެހާލަތުގައި އދ. އަށް (އެކުވެރި ދައުލަތްތަކުގެ މުއައްސަސާއަށް) އެވަނީ ފުރާނަހުރި ބަސްމޮށެ އުޅޭ އިންސާނެއްގެ ސިފަ ދެވިފައެވެ. މި ފަދަ މަޖާޒީ ހާލަތެއްގައި ނަމަ އެފަދަ ފަރާތްތަކަށް ނިސްބަތްކުރާ ބަސްތައް ހުންނާނީ އާދައިގެ ބަހުރުވައިގައެވެ.

ނަމަވެސް ވާހަކަ ދައްކާފަރާތް ހަޒުފުވެ ވަންހަނާވާ ޙާލަތުގައި އެވާހަކަ އެއް އުފެދިގެން އަންނަނީ ރަސްމީ ހައިސިއްޔަތެއް ލިބިގެންވާ މުއައްސަސާޔަކުން ކަމަށްވާނަމަ އެފަރާތަކުން ވިދާޅުވުމަށްވުރެ އަދަބުވެރި ރީތި ގޮތެއް ބަހުގެ ހަމައިގެ ތެރޭގައި އޮތްކަމަކަށް ނުފެނުނެވެ. ސަބަބަކީ އޮފީހުން އެވިދާޅު އެއްޗެއް ވިދާޅުވި ބޭފުޅެއްގެ  މަޤާމާއި ނަންފުޅު ޖުމުލައިގައި ފެންނަން ނެތަސް،  އެ އެއްޗެއް ވިދާޅުވެފައި އޮންނާނީ ކޮންމެވެސް އެ ފަދަ ބޭފުޅެކެވެ.  އެ އޮފީހެއް ނޫނެވެ. އަތޮޅު އޮފީހަށް ވިދާޅުވެވެނީ މި އުސޫލުގެ މަތިންނެވެ.  
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ޢޖ, 2009-03-04 13:29:20
ނަޞީރުގެ ވިސްނުންފުޅު ހުރީ ހަމަ ރަނގަޅު މިޞްރާބުގައެވެ. ދިވެހިބަހުގައި "ވާހަކަދެއްކުމުގެ އަދަތައް" އެއީ މުހިއްމު ބަޔެކެވެ. ދަރަޖަ އޮޅުވައިނުލައި ވާހަކަދައްކައި ލިޔެކިޔައި ހަދަން އެނގޭ މީހުން ވަރަށް ތަދު ވެއްޖެއެވެ. މިހެންމިވަނީ ބަހުގެ ހަމަތަކާއި އުޞޫލުތަކަށް ނުބެލޭތީއެވެ. އެއީ ބަލަންޖެހޭ ކަމެއްކަންވެސް ގަބޫލުނުކުރެވޭތީއެވެ. އަދި ތިމާގެ އަމިއްލަ ބަހުން ކުށް ނުލައި ލިޔެކިޔަން ނޭނގުމަކީ ހުތުރުކަމެއްކަން ގަބޫލު ނުކުރެވޭތީއެވެ. އެހެންވީމާ މި ރޮނގުން ގިނަ ލިޔުންތައް ފައިދާ ވާން އެބަޖެހެއެވެ. ނަޞީރުމެން ފަދަ ބަހަށް ލޯބިކުރައްވާ ކިތަންމެ ބޭޅުޅުންނެއް އެބަ ތިއްބެވިވެސްމެއެވެ. އެފަދަ ބޭފުޅުންގެ ގަލަންކޮޅުތަކަށް ބޭނުމީ އިތުރު ޙަރަކާތްތެރިކަމެކެވެ. ތިޔައީ ވަރަށް މުހިއްމު ލިޔުއްވުމެއް ކަމުގައި އަޅުގަނޑު ގަބޫލުކުރާވާހަކަ މިދަނަނަވަނީ ޝުކުރުވެރކަމާއެކީގައެވެ.
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-03-07 16:54:31
އަހަރެން ބަނޑަށް މަރުވާނެ ހެއްޔެވެ؟ އަހުރެން ވިހެއީ އަހުރެންގެ މަންގެ ބަނޑުންނެވެ. ދެން އަލަކުން ބަނޑަށް މަރުވާހުށީ ކޮންގޮތަކުން ހެއްޔެވެ؟ މިއީވެސް ހަމަ މިލިިޔުމުގައި ބަހުސް ކުރެވިފައިވާ މަޢުޟޫގެ ތެރެއިންވާ ޖުމުލައެއްކަމަށް އަޅުގަނޑަށް ވިސްނުނު ޖުމުލައެވެ.
...
ލިޔުނީ ނާނު, 2011-04-09 17:25:54
މުޞްލިޙު މުޙައްމަދު އިސްމާޢީލުގެ ޚިޔާލުފުޅާމެދު ދަންނަވައިލާ ހިތްވެ އެވެ. ދިވެހިބަހަކީ ވަރަށް މުއްސަނދި ބަހެކެވެ. މާ ފަޤީރު ބަހެއް ނޫނެވެ ދިވެހި ބަހުގައި މިވާ އަދަބީ ބަހޭކިޔައި އެ އުޅޭ ބަސްބަސް ބަލައިލީމާ އެކަން އެނގެ އެވެ. އެކަން ރަނގަޅަށްސާބިތުވެ އެވެ. މިސާލުބަސް، ފަށުއިޢިބާރާތް، މަޖާޒު، މަޖާޒީމިސާލު މިހެންގޮސް ތަފާތު އެތައްއެތައް ނަންނަން ކިޔާބަސްބަސް ހުރީތީ އެވެ. ވީމާ، ތިޔަ ވިދާޅުވި "އަހަރެން ބަނޑަށް މަރުވާނެ ހެއްޔެވެ؟" މި ޢިބާރާތަށް ވެސް ބަހުގެ ހަމައިގާ ހަމަޖެހޭ ރަނގަޅު ޖާގައެއް އެބަ އޮތްކަން ޔަޤީން ނޫންތޯ އެވެ. ފާޅުކުރެއްވި ޚިޔާލުފުޅަށް މަރުޙަބާ

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1714
extra avandia and congestive heart failure