މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އެއް ފުރާނައިގައި އެތައް ގިނަ ބަޔަކު! |
|
|
| ދިވެހި - މާދަރީބަސް | |||
| 01 ފެބްރުވަރީ 2009، 11:31 އާދީއްތަ | |||
|
މިސުވާލުތަކުގެ ޖަވާބު ހޯދުމަށްޓަކައި، ކުޑަކުޑަ އެހެންކަމެއް ހަނދާނަށް ގެންނަންޖެހެއެވެ. އެއީ ކިޔެވުމުގައި ނުވަތަ ކިޔަވައި ދިނުމުގައި ބައެއް މީހުންނަށް ގެންގުޅެވޭ ކުށް ވިސްނުމެކެވެ. އެފަދަ މީހުން ދެކޭގޮތުގައި ޢިލްމާ ހުނަރުގެ ތެރޭން އޭނާޔަށް ބޭނުންވާނީ ވަކި ކަހަލަ ކަންކަމެވެ. ވަކި ކަހަލަ މަޢުލޫމާތެވެ. އެނޫން މަޢުލޫމާތާއި، ހުނަރަކީ ބޭނުންތެރި އެއްޗެއް ނޫނެވެ. މި ސާލަކަށް، މީހަކީ ޤާނޫނީ ދާއިރާއިން ކިޔަވާ މީހެކެވެ. ނުވަތަ އިސްލާމީ ޝަރީޢާ ކިޔަވާ މީހެކެވެ. އެހެންކަމުން އޭނާއަށް ބޭނުންވާނީ، އެ އުނގެނޭ ދާއިރާއެއްގެ މަޢުލޫމާތު އެކަންޏެވެ. އިސްލާމީ ޝަރީޢާ ކަމުގައިވަނީނަމަ، އެދާއިރާގެ މާއްދާތައް އެކަންޏެވެ. ލިޔުންތެރިކަމާއި، އަދަބިއްޔާތުގެ ހަމަތަކާ ހުނަރުތައް އޭނާއަށް ކޮންމެހެން އެނގޭކަށް ނުޖެހެއެވެ. ބަހާއި ތާރީޚާއި ސަގާފަތާ ގުޅުންހުރި ޢިލްމުތައް އުނގެނޭކަށް ނުޖެހެއެވެ. އައި. ޓީ. އީ. ގެ ދާއިރާ އިން ދުނިޔެއަށް އަންނަ އިންޤިލާބުތައް މޭރުންވާކަށް ނުޖެހެއެވެ. މިއީ މިރާއްޖޭގައި ވަރަށް ގިނަ ވިސްނުމެކެވެ. ބައެއް ފަހަރަށް ވަރަށް މަތީ ފެންވަރުގައި ވެސް ފާޅުކުރެވޭތީ އިވޭ ވިސްނުމެވެ. އެ ފަދަ ފަރާތްތަކުގެ ހުއްޖަތަކީ މި އެވެ. މިވެނި ކުއްޖަކު ކިޔަވަން ބޭނުންވަނީ މެޑިސިންނެވެ. ވީއިރު، ދެން އޭނާ ދިވެހި ބަހުން ފާސްވުން މަޖުބޫރުކަމަކަށް ހެދުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެންމެ ކަމެއް ހަނދާނަށް ގެންނަމާތޯއެވެ. ދިވެއްސަކު ޑަކްޓަރަކަށް ވެގެން ދިވެހިންނާ މުޢާމަލާތު ކުރަންޖެހެއެވެ. އޭނާގެ ފަރާތުން މަޢުލޫމާތު ފޯރުކޮށްދޭންޖެހެއެވެ. ނުވަތަ ފޮތްވެސް ލިޔެވިދާނެއެވެ. މި ތާނގައި ނުކުތާއަކީ އަދި މިއެއް ނޫނެވެ. ތެދުފުޅެކެވެ. އޭނާއަށް އެނގޭ ދިވެހި ބަހަކުން އޭނާ ވާހަކަ ދައްކައިފާނެއެވެ. އެެކަމަކު ވާހަކަ ދައްކަންޖެހޭ ޙާލަތުގައި އޭނާއަކީ ވާހަކަ ދެއްކުންތެރިޔަކަށް ވީނަމަ، އެ ޙާލަތުގައި އޭނައަކީ، ޑޮކްޓަރަކާއި، ވާހަކަ ދެއްކުންތެރިއެކެވެ. އޭނާ ފެންނާނީ އެކުލެވިގެންވާ ދެ ޝަޚްސިއްޔަތެއްގެ ގޮތުގައެެވެ. ޑަކްޓަރީ މަޢުލޫމާތާއި ވާހަކަ ދެއްކުންތެރި ކަމުގެ ހުނަރުން މުއްސަނދިވެފައިވާ ބަޔާންކުރުމެކެވެ. ފުރިހަމަ ވީއެވެ. އެ ހުނަރު ނެތް ނަމަ، އެފަދަ މީހެކޭ މަޢުލޫމާތުން ފުރިފައި އޮތް ނުހުޅުވޭ ސީޑީ އެކޭ ވަކި ތަފާތެއް ކޮބައި ތޯއެވެ؟ އޭނ އެހެން މިހަކަށް ފައިދާއެއް ކުރާނީ އެ ސީޑީ ހުޅުވި އެތެރޭގައި ހުރި އެއްޗެއް އެހެން މީހުންނާ ހަމަޔަށް ފޯރައިގެން ނޫންތޯއެވެ؟ ވަކި ރޮނގަކުން ކިޔަވައި ތަޚައްޞުޞު ވުމުން އޭނާ އެ މާއްދާ ކިޔަވައި ދޭ ނަމަ ޓީޗިން ހަދަން ޖެހެނީ ވެސް މި އުސޫލުންނެވެ. ޙިސާބު ކިޔަވައިގެން ހުންނަ މީހަކު، އެއީ ޙިސާބު ޢިލްމުވެރިއެކެވެ. އޭނާ ކިލާހަށް ވަނުމުން އޭނާ އެއީ ހިސާބު ޢިލްމުވެރިއެއްގެ އިތުރަށް މުދައްރިސެކެވެ. އެހެންކަމުން އެވަގުތު މުދައްރިސެއްގައި ހުންނަންޖެހޭ ހުނަރު ނެތްނަމަ އޭނާ ފެންނާނީ އުނި މީހެއްގެ ގޮތުގައެވެ. އެހެންވީމާ އެހާލަތުގައި ވެސް އޭނާ ފުރިހަމަ މޮޅު މީހަކަ ވުމަށްޓަކައި ހިސާބު ޢިލްމުވެރިޔަކަށާއި، މުދައްރިސަކަށް ވާންޖެހެއެވެ. ދީނީ ޢިލްމުވެރިޔަކު، ޚުޠުބާ ލިޔަން ޖެހިއްޖެ ނަމަ، އެ ޙާލަތުގައި އޭނާގެ ވަޒީފާއަކީ ލިޔުންތެރިއެއްގެ މަސައްކަތެވެ. އޭނާގެ ސިކުނޑީގައިވާ މަޢުލޫމާތު ގަލަމުން ބަޔާން ކުރުމަށްޓަކައި އޭނާ ވާންޖެހެނީ ލިޔުންތެރިޔަކަށެވެ. މިންބަރަށް އަރާ ޚުޠުބާ ދޭން ވެއްޖެ ނަމަ އަދި ތިންވަނަ މީހަކަށް އޭނާ ބަދަލުވާނެ އެވެ. އާދެ! ބަސްތެރި، ބަސްމޮށުންތެރިއަކަށެވެ. ކުރުގޮތަކަށް ދަންނަވާނަމަ އަޅުގަނޑު މި ދަންނަވަނީ އިންސާނާގައި ލައްވާފައިވާކަމަށް އުނގަންނާ ދިނުމުގެ ނަފުސާނީ ޢިލްމުވެރިން އެވިދާޅުވާ ތޫނު ފިލިކަމުގެ ހަތް ދާއިރާ ވެސް ތަރައްޤީ ކުރަންޖެހޭ ވާހަކައެވެ. އެއްވެސް އަސާސެއް ދޫކޮށް ލެވެން ނެތް ވާހަކަ އެވެ. ހަމަ އެހެންމެ ތިމާ އޭރަކު އެ ޚާއްޞަވާ ތަޚައްޞުޞު ފިޔަވައި އެހެން އެއްވެސް އެއްޗެއް ދަސްކުރަން ނުޖެހޭކަމަށް ގަބޫލުކުރެވިފައި އޮންނަ ގަބޫލު ކުރެވުން ދޫކޮށްލަންވީއެވެ. އަޅުގަނޑުމެން އުންމީދުކުރާ ފަދަ ''މޮޅު'' އިންސާނަކު ބިނާކުރެވޭނީ، ތަފާތު ގިނަ ފަންނުތަކަށް ދަރީން އަހުލުވެރި ކުރުވައި، ތަފާތު ޢިލްމުތަކުން ސިކުނޑި ފުރައިދީގެންނެވެ. އޭރުން އެ ދަރިފުޅު ވާނީ މޮޅު މީހަކަށެވެ. ނޫނިއްޔާ ވާނީ ހޮޅު މީހަކަށެވެ. މިލިޔުން ނިންމާލާނީ، ދިވެހި ރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބާމެދު ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީނު ލިޔުއްވާފައިވާ މިޒާތުގެ ބަސްކޮޅަކުންނެވެ. މި ފަދަ މައުޟޫޢަކަށް މި މަޒުމޫނު ލިޔުމުގެ ޚިޔާލު އަޅުގަނޑަށް ލިބުނީ، އެމަނިކުފާނުގެ އެ ލިޔުންކޮޅު ކިޔާލުމުންނެވެ. ''ފަޟީލަތުއްޝައިޚަކީ، (ޙުސައިން ޞަލާޙުއްދީނަކީ) މޮޅު އަދީބެކެވެ. ފަންނުތަކުގައި ފުންނާބުފުޅު އުހުލިގެންވާ ޢިލްމުވެރިއެކެވެ. ސިޔާސީ ޙަކީމެވެ. އިސްލާމީ ފިލޯސަފަރެކެވެ. ޤުދުރަތީ ޝާޢިރެކެވެ. ޤައުމުގެ ފަޚުރެއްކަމުގައިވާ ދިވެހި ދަރިއެކެވެ. ދިވެހި ރާއްޖެއަށް އެކި ރޮނގު ރޮނގުން އެމަނިކުފާނު ކިބައިން ލިބިފައިވާ ޚިދުމަތްތައް ގިނަގުނައެވެ. ދިވެހީން އެމަނިކުފާނަށް ދަރާފައިވާ ދަރަންޏަކީ، ދުވަހަކު އަދާވެވޭނެ ދަރަންޏެއް ނޫނެވެ. އެމަނިކުފާނު އަވަހާރަވުމުން ދިވެހީންނަށް އެގެއްލުނީ ކުޅަދާނަ ކިތައް މީހުންތޯއެވެ؟ '' މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ މޫސާ ފަތުހީ, 2009-02-02 12:06:04
ހަޤީޤަތުގައިވެސް އާދަމް ނަސީރުގެ މި ލިޔުއްވުމަށް އަޅުގަނޑު ތާއީދު ކުރަމެވެ. ކޮންމެ ފަންނަކުން މީހާ ތަޙައްޞުޞު ވީކަމުގައިވިޔަސް އެމީހަކަށް އެނގެންޖެހޭ އެހެނިހެން ހުނަރު ނުވަތަ ޢިލްމް ތަކެއްވެސް ހުރެއެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ ބޭސިކް ނުވަތަ އެންމެ މުހިއްމު އެއް އަސާސެއްގެ ގޮތުގައިވެސް ބެލިދާނެއެވެ. އަޅުގަނޑު ދެކޭގޮތުގައި ދިވެއްސަކު ކޮންމެ ރޮގަކުން ތަޙައްޞުޞު ވިޔަސް ދިވެހި ބަހާއި ބަސް މޮށުންތެރިކަން އެމީހަކަށް އެނގުމަކީ ހަޤީޤތުގައިވެސް ވަރަށް މުހިއްމު ކަމެކެވެ. ދަންނަވާނަމަ މަޖުބޫރުކަމެކޭސް ބުނެވިދާނެއެވެ. ޝުކުރިއްޔާ
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-03-22 03:27:40
ކޮންމެ ކަމަކަށްވެސް އެކަމެއް ކުރުމަށްޓަކައި ބޭނުންވާނޭ އަސަސީ އުންޞުރުތަކެއް ނުވަތަ ބަހާތަކެއް ހުންނާނެއެވެ. ކުރާކަމެއްގެ ފުރިހަމަކަން ވަޒަންކުރުމަށްޓަކައި، އެކުރިކަމެއްގައި މިދެންނެވި އުންޞުރުތައް ނުވަތަ ބަހާތައް އެމުނިއެކުލެވުން ވަރަށް ބޮޑު ދައުރެއް ކުޅެއެވެ. މިސާލަކަށް ނަޞީރު ދެންނެވި ފަދައިން ދީނީ ޢިލްމު ލިބިވަޑައިގެން ހުންނެވި ޢާލިމަކު ކުރަން އޮތް ކަމަކީ އެޢިލްމު ފެތުރުމެވެ. މިކަން އޭނާ ފުރިހަމައަށް އަދާކުރުމުގެ ޢިލްމު ފެތުރުމުގެ އެންމެހާ ވަޞީލަތްތައް ބޭނުންކުރަން އެގެންޖެހެއެވެ. ސަބަބަކީ އޭނާއަށް އެނގޭ އެއްޗެއް އެންމެ ރަނގަޅަށް އެހެންމީހުން ކިޔައިދީ ނުވަތަ އަންގައިދީ ހެދޭނީ ހަމަ އޭނާއަށް ކަމުގައި ވާތީއެވެ. އެހެންކަމުން އޭނާއަށް ލިބިފައިވާ ޢިލްމު ހެޔޮގޮތުގައި އޮޅުމެއް ނުވާނޭ ފަދައިން ފެތުރުމަށްޓަކައި ފެންވަރު، އޮށްޓަރު، އަދި ބަރުދަން ހުރި ލިޔުން ލިޔެވޭނޭ މީހެއް ކަމުގައިވުމާއި، އެލިޔުންތައް ހުށަހަޅައިދިނުމުގައި، ފަށުވިކަމާއި، ބަސްމޮށުންތެރިކަމާއި، ރިވެތިކަން ހުރުން ލާޒިމުވެގެންވެއެވެ.
...
ލިޔުނީ ނިޔާޒު, 2010-03-02 17:19:24
މި ލިއުމަކީ އަޅުގަނޑުވެސް ވަރަށް ތާޢީދު ކުރާ ލިއުމެކެވެ. އަދި ދިވެހިރާއްޖޭގެ އަދުގެ ޙާލަތު މިލިއުމުގައި ވަރަށް ރަނގަޅަށް ދައްކުވައި ދީފައި އެބަވެއެވެ. މިޘާލަކަށް ބޭރު ޤަޥްމުތަކުން ޢިލްމު ޙާޞިލް ކުރައްވައިގެން ވަޑައިގަންނަވާ ގިނަ ބޭފުޅުންނަށް މިހާރު ސާފު ދިވެހިބަހުން ބަސްމޮށެ އުޅެން ދަތިވެއެވެ. އަދި މީގެ އިތުރުން ސުކޫލްތައް ނިންމާފައި ނުކުންނަ ގިނަ ދަރިވަރުންނަށްވެސް ދިވެހިބަހުން ލިޔެފައިހުންނަ އެއްޗެހި ކިޔުންވަނީ ފޫހި ކަމަކަށެވެ. ސަބަބަކީ މަފްހޫމްވާން އުނދަގޫވުމެވެ.
އަދި މިހާރަކަށްއައިސް ގިނަ މީހުން ވާހަކަދެއްކުމުގައި ބޭނުންކުރަނީ ކުށް ބަސްތަކެވެ. މިލިޔުމަކީ ވަރަށް ކިޔާލާހިތްވާފަދަ ގޮތަކަށް އެމުނި އެކުލެވިފައިވާ ލިޔުމެކެވެ. ނަމަވެސް ފާހަގަކޮށްލެވޭ ތަންކޮޅެއް އެބަވެއެވެ. އެއީ "އެފަދަ މީހެކޭ މަޢުލޫމާތުން ފުރިފައި އޮތް ނުހުޅުވޭ ސީޑީ އެކޭ ވަކި ތަފާތެއް ކޮބައި ތޯއެވެ؟" މި ޢިބާރާތެވެ. އަޅުގަނޑު ހިތުން މިމާނަ ދޭހަވާ ގޮތަށް ދިވެހި މުޙާވިރާގައި ބަހެއް ބޭނުންކޮށް އުޅެއެވެ. އެއީ "ފޮތް އަރުވާބަރުކޮށްފައިވާ ޙިމާރެކޭ ތަފާތެއް ނެތެވެ؟" މިގޮތަށް ބޭނުންކުރިނަމަ އިތުރަށް ފުރިހަމަވީސްކަމުގައި އަޅުގަނޑު ދެކެމެވެ. ނަމަވެސް މިލިޔުމުގައި ބޭނުންކުރެވިފައިވާގޮތަކީވެސ
... ލިޔުނީ އާދަމް ނަޞީރު އިބްރާހީމް , 2010-03-04 13:13:08
ނިޔާޒު އަޅުގަނޑާ މެދު ފާޅުކުރައްވާފައިވާ ހެޔޮ އެދުމުގެ ޝުޢޫރުތަކަށްޓަކައި ވަރަށް އުފާކޮށް ފަށްފަށުން ޝުކުރު ދަންނަވާލަމެވެ. ތިޔަ ފަދަ ކޮންމެ ޚިޔާލަކުން އިތުރު ފިލާވަޅެއް އިތުރު ހިތްވަރެއް ލިބެމުން ދެ އެވެ. ނިޔާޒު ފާޅު ކުރައްވާފައިވާ ޚިޔާލުން އެއްބައި އުނިވެފައި އެވަނީ ޚިޔާލު ޝާއިޢުވުމުގަ އެވެ. އެއީ ފަންނީ މައްސަލައެކެވެ. އިދާރީ ފިޔަވަޅެއް ނޫނެވެ. އެ މައްސަލަ އެހެން ދިމާވަނީ، ޚިޔާލު ލިޔުއްވުމުގައި ހުސްޖާގަ ދެއްވޭ ގޮތަކުންނެވެ. އެކަމުގެ އެންމެ ރަނގަޅު ޙައްލެއްކަމަށް މި ހާތަނަށް ފާހަގަ ކުރެވިފައި އޮތް ގޮތަކީ، ވޯޑްގައި ޚިޔާލު ލިޔުއްވައި ކުށް އިޞްލާޙު ކުރެއްވުމަށްފަހު، މި ގޮޅިއަށް ނަކަލު ކޮށްލެއްވުމެވެ. އެއަށްފަހު ހުސްޖާގަތަކާއި ލިޔެކިޔުމުގެ ނިޝާންތައްފަދަ ކަންކަން ފުރިހަމަ ކުރެއްވުމަށްޓަކައި ނަމަވެސް އެއްވެސް ބަދަލެއް އިތުރަށް ނުގެންނެވުމެވެ. ގެންނަވާ ބަދަލެއް ނަކަލު ކުރެއްވުމުގެ ކުރިން ގެންނެވުން ރައްކާތެރި އެވެ.
ދެން އެއްޗެއް ދަންނަވާލަން އޮތީ އަޅުގަނޑުގެ ލިޔުމުން ކޮމާކޯޅި ޖައްސަވައި ވަކި ނުކުތާއަކާމެދު ފާޅުކުރައްވައިފައިވާ ޚިޔާލާމެދުގަ އެވެ. އެކަމުގައި އަޅުގަނޑު ވިސްނުން ގެންގުޅުނު ގޮތް ހިއްސާ ކޮށްލާހިތްވާތީ އެވެ. އަޅުގަނޑުގެ މަޠުލަބަކީ، ސިކުނޑީގައި ޢިލްމު ހުރެމެ، އެ ޢިލްމު އަނެކާޔަށް ފޯރުކޮށް ދިނުމުގެ ޤާބިލުކަން ނެތުމުގެ މައްސަލަޔާމެދު އަލިކަމެއް ފޯރުކޮށްލެވޭތޯ ބެލުމެވެ. ފޮތް އަރުވައި ބަރުކޮށްގެންދާ ޙިމާރުގެ މިސާލަކީ، އެހެން މާނައެއް އެއިން ލިބިދޭ މިސާލެކެވެ. އެ މިސާލަކީ، ދިވެހި މުޙާވަރާއެއް ނޫނެވެ. އެއީ ކީރިތި ޤުރުއާނުގެ ސޫރަތުލްޖުމުޢާގެ އާޔަތެއްގައި މާތް ﷲ ޖައްސަވައިފައިވާ މިސާލެކެވެ. އެ މިސާލުން ބަޔާން ކޮށްދެއްވާކަމަށް މުޢުތަބަރު ދަންނަބޭކަލުންގެ ފަރާތްޕުޅުން އެނގިފައިވާ ގޮތަކީ، ސިކުނޑީގައި ނުވަތަ ހިތުގައި ޢިލްމު ހުރެ އެއަށް ޢަމަލު ނުކުރާ މީހަކާ، ބުރިކަށިމަތީގައި ފޮތްތަކެއް ހުރެ އެއިން ނަޞޭހަތެއް ނުފޯރާ ޙިމާރަކާ އެއްފަދަ ކުރެއްވުމެވެ. ޙިމާރެއްގެ ބުރިކަށިމަތީގައި ކިތަންމެ ގިނަ ފޮތްތަކެއް ހުއްޓަސް އެއިން އެޙިމާރުގެ ސުލޫކަށް ފޯރާނީ ކޮން އަސަރެއްތޯ އެވެ؟ އަޅުގަނޑު މި ދަންނަވައިލީ މި ނުކުތާގެ ވަރަށް އާންމު ދޭހަ އެކެވެ. ފަހަރެއްގައި ވެސް މި ދެންނެވި އެއްޗަކާ، ކީރިތި ޤުރުއާނުގެ އެ މާތް އާޔަތުގެ ތަފުސީރަކާ ނުގުޅުވަން އިނގޭތޯ އެވެ؟ ނިޔާޒަށް ވަރަށް ހެޔޮ އެދޭ ހާލު އިޚްލާޞްތެރިކަމާއެކު، ޝުކުރު ދަންނަވައިލަމެވެ. މިއީ މި އެ މަޒުމޫނު އެކުލަވައިލުމުގައި ހަމަ އެކަނި އަޅުގަނޑުގެ ވިސްނުން ގެންގުޅު ގޮތް ހިއްސާ ކޮށްލުމެއްކަމަށް ބައްލަވައިދެއްވައިފިއްޔާ ވަރަށް ހެޔޮފުޅެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|