ފަންވަތް ދިވެހި މާދަރީބަސް ޖަދަލުކުރުމާއި ބަހުސްކުރުމުގެ ތަފާތު
ބެލި ޢަދަދު: 1288
ޖަދަލުކުރުމާއި ބަހުސްކުރުމުގެ ތަފާތު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
25 ފެބްރުވަރީ 2009، 02:32 ބުދަ

ދިވެހިބަސްފޮތުން ގަނޑެއް:

 
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

އަޅުގަނޑުމެން ދިވެހިބަހުން ލިޔާ ލިޔުންތަކުގައި ބޭނުންކުރާ ލަފުޒުތަކުގެ މާނައަކީ ދިވެހިބަހުން އެލަފުޒުގެ މާނައެވެ. ދިވެހިބަހުގެ ލަފުޒެއް ކިޔާ ގޮތަށް އެހެން ބަހަކުން ލަފުޒެއް ކިޔަސް އަދި އެ ލަފުޒެއްގެ މާނަ އެހެން ބަހަކުން އެހެން ގޮތަކަށް އޮތަސް އެއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް ނޫނެވެ. މިސާލަކަށް "މަކާން" މި ލަފުޒަކީ މެލޭ ބަހުގައި ކެއުމަށް ބޭނުންކުރާ ލަފުޒެއް ކަމަށް ވިޔަސް ޢަރަބި ބަހުގައި مَكَان ގެ މާނައަކީ ތަންތަނެވެ. ނުވަތަ ދިރިއުޅޭގެޔެވެ. ނުވަތަ މިފަދަ އެހެން މާނައެކެވެ. ކޮންމެއަކަސް ކެއުމުގެ މާނައިގައި مَكَان މި ލަފުޒު ޢަރަބިބަހުގައި ބޭނުންކުރާކަމަކަށް އެބަސް ދެނެވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ވިދާޅެއް ނުވެއެވެ. ދިވެހިބަހުން "މަނާ"ގެ މާނައަކީ "ހުއްދަނެތުން"ކަމަށް ވިޔަސް މެލޭބަހުގައި އެއީ ސުވާލުގެ ލަފުޒެއް (ކޮންތާކަށް) ކަމަށް މެލޭބަސް ދެނެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވެއެވެ.

މިގޮތުގެ މަތީން ވިސްނާއިރު، ދިވެހި ބަހުގައި އޮންނަ "ޖަދަލު" ގެ ހަމައެކަނި މާނައަކީ "ދެކޮޅުވެރިކަމުގެ ޒުވާބު" ކަމަށް ބަސް ފޮތުގައިވެއެވެ. "ޒުވާބު"ގެ އެންމެ ޢާއްމު ތިން މާނައަކީ "ޖަދަލު" ނުވަތަ "ދެކޮޅުވެރިކަމުގެ ގޮތުން ދެފަރާތުން ރައްދުކުރާ ބަސް" ކަމަށާއި  ނޫންނަމަ "ދެ މީހަކު ނުވަތަ ގިނަ ބަޔަކު ވާ އަރައިރުން" ކަމަށް ދިވެހި ބަސްފޮތުގައި ވެއެވެ. (ދިވެހިބަސްފޮތް 2006). މި މާނަތަކަށް ބަލާއިރު، މިއިން އެއްވެސް ކަމަކީ ބުއްދީގެ ހަމައިން ބަލާއިރު ޢިލްމީ ބަޔަކު ކުރާނެކަމެއްކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ ދެކޮޅުވެރިވުމާއި އަރައިރުންވުމަކީ ތަހުޛީބު ބަޔެއްގެ ތެރޭގައި އޮވެގެން ވާނެ ކަންކަމެއް ނޫނެވެ.

ދިވެހިބަހުގައި އޮންނަ "ޖަދަލު" މި ލަފުޒަކީ އޭގެ އަޞްލުގައި ޢަރަބި ބަހަކަށް ("جدل") ވިޔަސް މިހާރު އެއީ ދިވެހި ބަހުގެ ރަދީފުން ޖާގަ ހޯދައިފައިވާ ދިވެހި ލަފުޒެކެވެ. އެހެންވީމާ، އެ ލަފުޒުގެ މާނަ ޢަރަބިބަހުން ކުރާ ގޮތް ބެލުމަކީ ދިވެހިބަހުގެ އަހުލުވެރީންނަށް ދިވެހިބަހުން (އަދި ތާނަ އަކުރުން) ލިޔާ ލިޔުމެއްގައި ވިސްނަންޖެހޭނޭ ކަމެއްކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. ޢަރަބި ބަހުގެ ރަދީފުތަކުގައި ބަޔާންކޮށްފައި ހުންނަ ގޮތުން، "جَدَل" މިލަފުޒާ ހަމަ އެއްކަހަލަ މާނައެއްގައި ، اِسْتِدْلال, مُنَاظَرَة, مُنَاقَشَة, مُذَاكَرَة, تَفَاوُض ފަދަ ކިތަންމެ ކިތަންމެ ލަފުޒެއް ހުންނަ ކަމަށް ވިޔަސް އެކަމަކާ އަޅުގަނޑުމެން (ދިވެހިބަހުގެ އަހުލުވެރިން) ވިސްނާކަށް ނުޖެހެއެވެ. އަދި ޢަރަބި ބަހުގެ މިފަދަ ލަފުޒުތަކަކީ އިނގިރޭސިބަހުގައި ބޭނުންކުރާ argumentation ގެ މާނައިގައި ބޭނުންކުރާ ލަފުޒުތަކެއް ކަމަށް ވެފައި argument ގެ މާނައިގައި ޢަރަބި ބަހުން جِدَال, خِصَام, حِجاج, نِقَاش, مُشَاجَرَة, مُنَاقَشَة ފަދަ ކިތަންމެ ލަފުޒެއް ބޭނުންކުރިޔަސް އެކަމާ އަޅުގަނޑުމެން ކަންބޮޑުވާކަށް ނުޖެހެއެވެ. އަދި ކޮންމެވެސް ކަމަކަށް ތާއީދުކޮށް ސަބަބު ދެއްކުމަށްޓަކައި بُرْهان, حُجَّة ފަދަ ލަފުޒުތަކަކީ ހަމަ argument ގެ މާނައިގައި ބޭނުންކުރާ ލަފުޒުތަކެއް ކަމަށް ވިޔަސް އަޅުގަނޑުމެން (ޢަރަބިބަހާއި އިނގިރޭސިބަސް ނުދަންނަ ދިވެހިން) މިކަންކަމަކަށް ނުވިސްނާނެއެވެ. ވިސްނާކަށް ނުވެސްޖެހެއެވެ.

ކަން އޮތީ މިހެން ކަމަށް ވިޔަސް ޖަދަލުކުރުމަށް އިސްލާމްދީން ގޮވައިލާކަމަށް ބުނެ ބުއްދި ޤަބޫލުނުކުރާ ދޮގު ފަތުވާތައް ބައެއް ފަރާތްތަކުން ނެރޭކަމީ ހިތާމަހުރިކަމެކެވެ. ކީރިތި ޤުރުއާނުގައި ޖަދަލުކުރުމަށް އަމުރުއައިސްފައިވާ ވާކަމަށް މީހަކު ބުނާނަމަ އެހެންބުނާނީ ދިވެހިބަހުގައި "ޖަދަލު"ގެ މާނަ އެނގިވަޑައިނުގަންނަވާތީއެވެ. ނުވަތަ ވިސްނުމުގެ ދާއިރާ ހަނިކަމުންނެވެ. ޢިލްމު ފެތުރުމުގެ ވާސިޠާއަކީ ބަހެވެ. އިސްލާމްދީނުގެ މަޢުލޫމާތު ކިތަންމެ މޮޅަށް އެނގިވަޑައިގެންފައި ވިޔަސް ދިވެހި ބަހުން އެ މަޢުލޫމާތު މީސްތަކުންނާ ހަމަޔަށް ބަލާޣާތްތެރިކަމާއެކު ފޯރުކޮށްދެވޭނީ ބަސް އެނގިގެންނެވެ. ދިވެހި ބަހުގައި "ޖަދަލު"ގެ މާނައާއި ޢަރަބި ބަހުގައި "جدل" ގެ މާނަ އަކީ ކޮބައިކަން އިސްވެ ދެންނެވިފައި އެވަނީއެވެ.

ކީރިތި ޤުރުއާންގައި ޖަދަލުކުރުމަށް އަމުރުކުރައްވައިފައިވާކަމަށް ދޮގު ފަތުވާއެއް ބަޔަކު ދޭނަމަ  އެ ބަޔަކު ނުވަތަ މީހަކު އެ ފަދަ ފަތުވާއެއް އެ ދެނީ، ކީރިތި ޤުރުއާނުގެ سورة النحل ގެ 125 ވަނަ އާޔަތުގައި އޮންނަ جَادِلْهُم މި ކަލިމަ އަށް އިޝާރާތްކޮށްގެންނެވެ. އެ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވަނީ  "ادْعُ إِلِى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ "(سورة النحل: 125)މި ފަދައިންނެވެ.  އެކަމަކު މި އާޔަތުގައި މި އޮންނަ جَادِلْهُم ގެ މާނައަކީ އަރައިރުންވެ ގެރިޒުވާބުކޮށް ހަމަނުޖެހުން އުފައްދާ ވާހަކައެއް ނޫނެވެ. މި ފަދަ ކަމަކަށް އިސްލާމް ދީން އަމުރުކުރާކަމަށް މުސްތަޝްރިޤުންވެސް ބުނާނެހެނެއް ހީޔެއް ނުވެއެވެ. އެއީ ޞުލްޙައާއި އަމާންކަމުގެ ދީނުގައި އޮންނާނެ ކަމެއް ކަމަކަށް ހެޔޮ ވިސްނޭ މީހަކު ޤަބޫލެއް ނުކުރާނެއެވެ. މިތާނގައި جَادِلْهُم ގެ މާނައަކީ "ރީތި މަގުން ވާހަކަދައްކައި ހެކިދައްކައި" ޙުއްޖަތް ޤާއިމުކުރުމެވެ. މި އާޔަތުގެ މުޅި މާނައަށް ބަލައިލަމާތޯއެވެ؟ މި އާޔަތުގެ މާނައަކީ "ޙިކުމަތްތެރިކަމާއި އަދި ރީތި ވަޢުޡުން ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ކަލާނގެ މަގަށް (ދީނަށް) ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރީތިމަގުން އެބައިމީހުންނާއި ކަލޭގެފާނު ވާހަކަދައްކަވައި ހެކިދައްކަވައި އުޅުއްވާށެވެ!" އެހެންވީމާ جَادِلْهُم ގެ މާނައަކީ "ރީތި މަގުން ވާހަކަދައްކައި ހެކިދެއްކުން" ކަން ކިތަންމެ ރީތިކޮށްވެސް އެބަ އެނގެއެވެ. (ނޯޓް: މި އާޔަތުގެ މާނަ އަޅުގަނޑު ނަކަލުކޮށްފައި މިވަނީ ހިޖުރައިން 1395 ވަނަ އަހަރު މުޙައްރަމް މަހު ފުރަތަމަދުވަހު (14 ޖެނުއަރީ 1975ގައި) ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކުރައްވައިފައިވާ "ކީރިތި ޤުރްއާނު ގެ ދިވެހި ތަރުޖަމާ"ގައި ވާ ގޮތަށެވެ.)
"ޖަދަލުކުރުމަކީ ޢިލްމުވެރިންގެ ކަމެއްނޫން" ކަމަށް އަޅުގަނޑު މި ދަންނަވަނީ ޖަދަލުކުރުމުގެ ދިވެހި މާނައިގައެވެ. އެއީ އޮޅިގެން ދަންނަވާ ވާހަކައެއް ނޫނެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޢިލްމީ ގޮތުން ކަންކަމާ ބަހުސްކުރުމާއި މީހުންދައްކާ ވާހަކަތަކާއި ލިޔާ ލިޔުންތަކަށް ޢިލްމީ ގޮތުން "ރީތި މަގުން ވާހަކަދައްކައި ހެކިދެއްކުމަކީ"  ކުރަންޖެހޭނެކަމެކެވެ. އެކަމަކު ޖަދަލުކޮށް އަރައިރުންވެ، ގެރިޒުވާބުކުރުމަކީ ޢިލްމީ ބަޔަކު ކުރާނެ ކަމެއް ނޫނެވެ. އަދި މުސްލިމަކު ކޮށްގެންވާނެ ކަމެއްވެސް ނޫނެވެ. އެއީ ތަހުޒީބު މުޖްތަމަޢަކުން ބަލައިގަންނާނެ ކަމެއްވެސް ނޫނެވެ. ޖާހިލުންގެ ޖަދަލުކުރުންތަކަށް ރައްދު ނުދިނުމަށްވެސް އިސްލާމް ދީނުގައި ވަނީ އަންގަވައިފައެވެ. سورة الفرقان ގެ 63 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا މިފަދައިންނެވެ. ހިޖުރައިން 1395 ވަނަ އަހަރު މުޙައްރަމް މަހު ފުރަތަމަދުވަހު (14 ޖެނުއަރީ 1975ގައި) ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކުރައްވައިފައިވާ "ކީރިތި ޤުރްއާނު ގެ ދިވެހި ތަރުޖަމާ"ގައި މިއާޔަތުގެ މާނަ ލިޔުއްވައިފައިވަނީ އަންނަނިވި ގޮތަށެވެ. "އެބައި މީހުންނަކީ މައިތިރިކަމާއެކު ބިމުގައި ހިނގައި އުޅޭ މީހުންނެވެ. ޖާހިލުން އެބައިމީހުންނާ ކުރިމަތިކޮށް ވާހަކަދައްކައިފި ހިނދަކު އަމާންކަމާއެކު ސަލާމޭ ބުނެތެވެ.(އެބަހީ، ޖާހިލުން އެބައިމީހުންނާ މެދު ހުތުރު ބަސްތައް ބުނެ، ނުރަނގަޅުކަންތައް ކުރުމުން އޭގެ ބަދަލުގައި، ރުޅި ނައިސް، އޯގާވެރި ބަސްތައް ބުނެތެވެ.)"

ކީރިތި ޤުރުއާން ޢިލްމުވެރިން ޝަރަޙަކުރައްވައިފައިވާ ގޮތަށް ބަލާއިރު، ދީނަށް ގޮވައިލާން ޖެހެނީ ޙިކުމަތްތެރިކަމާއި އަދި ރީތި ވަޢުޡުންނެވެ. އަދި ރަނގަޅަށް މީހުންނަށް ވިސްނައިދިނުމަށްޓަކައި ކުރަންޖެހޭ ކަމަކީ ރީތިމަގުން އެފަދަ މީހުންނާ ވާހަކަދައްކަވައި (ނުވަތަ ލިޔުމުންނަމަވެސް) ހެކިދެއްކުމެވެ. ޖަދަލުކުރުމެއް ނޫނެވެ. މިގޮތުން ދައްކާ ވާހަކަ ނާހައި ޖަދަލުކޮށް ހުތުރުބަސްތައް ރައްދުކުރާ ޖާހިލުންނަށް ރައްދު ނުދީ "ގުޑްބައި" ކިޔައިފައި (سَلَام އޭ ބުނެފައި) ހިނިތުންވުމާއި އޯގާވެރިކަމާއެކު ދުރަށް ދިޔުމަށް ވުރެ މޮޅުގޮތެއް ނެތްކަމެވެ. އެއްވެސް ޙާލެއްގައި ޖަދަލުކުރުމަކީ ޢިލްމީ އުޞޫލެއްނޫނެވެ. ތަކުރާރުކޮށް ވެސް ދަންނަވަން އޮތީ ޢިލްމީ އުޞޫލަކީ "ރީތި މަގުން ވާހަކަދައްކައި ހެކިދައްކައި" ޙުއްޖަތް ޤާއިމުކުރުމެވެ. ރީތިމަގުން ވާހަކަދައްކައި އެބަޔަކު ބުނާ ގޮތަކީ ރަނގަޅު ގޮތްކަމަށް ހެކިދައްކައި ޙުއްޖަތް ޤާއިމުކުރުމަކީ ބަހުސްކުރުމެވެ. އެއީ ޖަދަލުކުރުމެކޭ ނުކިޔޭނެއެވެ. އެހެނީ "ބަހުސްކުރުން" ކަމަށް ދިވެހިބަސްފޮތުގައި ބަޔާންކޮށްފައިވަނީ އެއީ "ދެބަޔަކު ދެ ގޮތަށް ބުނެގެން އެ ބުނި ގޮތެއް ރަނގަޅުކަމަށް ވާހަކަދެއްކުން" ކަމަށެވެ. އެހެންވީމާ ޖަދަލުކުރުމާއި ބަހުސްކުރުމަކީ ތަފާތު ދެކަމެއްކަން އެއްވެސް އޮޅުމެއްނެތި އެބަ ހާމަވެއެވެ. އަދި ޖަދަލުކުރުމަކީ ޖާހިލުންގެ ކަމަކަށް ވާ ފަދައިން ބަހުސްކުރުމަކީ ޢިލްމީ ކަމެއްކަންވެސް އެބަ ދޭހަވެއެވެ. އަދި ޖަދަލުކުރުމަކީ ތަޢުލީމީ ބަޔަކު ކުރާނެ ކަމަކަށް ނުވާއިރު ޢިލްމީ ބަހުސްކުރުމަކީ ކުރުން ރަނގަޅު ތަހުޒީބު ކަމެއްކަންވެސް އެބަ ސާބިތުވެއެވެ.

ޙަވާލާ:

ކީތިރި ޤުރުއާން
ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ
ވާރބްއޭސް2008 (ޢަރަބް= އިންގްލިޝް ޑިކްޝަނަރީ)
އަލްމުޞްޙަފު ފޮރ ޑެސްކްޓޮޕް، ވަރޝަން 1.0، ހަރުފް އިންފޮރމޭޝަން ޓެކްނޮލޮޖީ
ދިވެހިބަސްފޮތް 2006، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)Add Comment
...
ލިޔުނީ kiyuntherieh, 2009-02-25 01:29:27
mi dhebahuge thafaathu genes dhevveethee MaAzy ah shukuriyya. meege ehen silsilaa eh kiyuntherinna hama ah annaane kamah ummeedhu kuran.
...
ލިޔުނީ އަބޫ އިބްރާހިމް, 2009-02-25 03:36:20
ވަރަށް ރަނގަޅު މަޡްމޫނެކެވެ. މިފަހަކަށް އައިސް މިފަދަ އެތައް ބަސްތަކެއް އޭގެ ރަނގަޅު ނޫން މާނާއިގައި ބޭނުންކުރާ އަޑު އިވެނީ މަދެއްކޮށް ނޫންކަން މިފަދަ ކަންކަމަށް ވިސްނާ ހަމަ ކޮންމެ މީހަކުވެސް ޤަބޫލުކުރާނެއެވެ. އަޅުގަނޑުގެ ނަޡަރުގައި އެކަން އެގޮތަށް މެދުވެރިވަނީވެސް މިމުޖްތަމަޢުގައި ދިވެހިބަހަށް ދެވިފައި އޮތް ޤަދަރުކުޑަ ކަމާއި މަސައްކަތުގެ ވެށީގައި ބޭރުބަސްތަކަށް ދެވިފައިވާ އިސްކަމެއްގެ ބޮޑުކަމުންނެވެ. އަދި ކަން މިހެން އޮވެމެ ބޭނުންކުރާ ބޭރުގެ އެކި ބަސްބަހުގެ ލަފްޡީ މާނަ (ނުވަތަ އެހެން ގޮތަކަށް ދަންނަވަނީ ނަމަ (direct translation)) ބޭނުންކުރުން އެއީ ސަބަބަކަށް ވެދާނެއެވެ. މިސާލެއް ނަކަލް ކޮށްލާނަމަ މިފަހަކަށް އައިސް އަޅުގަނޑުމެންގެ ގިނަ މީހުން ވާހަކަ ދެއްކުމުގައި ބޭނުންކުރަމުން ދާ 'ދޯ' މިއީ ހަމަގައިވެސް އަޅުގަނޑަށް އެނގޭ ގޮތުގައި މިހާރު ބޭނުންކުރުން ޢާއްމު ވަމުން ގޮސްފައިވާ ގޮތަށް ބޭނުންކުރެވޭނެ ލަފްޒެއްނޫނެވެ. ނަމަވެސް މިހާރު އެފަދަ ކަންކަމާއި ވިސްނާމީހަކަށް ނަމަ އުނދަގޫވާ މިންވަރަށް އެލަފްޡް ނުބައިކޮށް ބޭނުންކުރާ އަޑު އެބައިވެއެވެ. މިހުރީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެން ވިސްނައި ފިކުރު ކޮށްގެން ނޫނީ ރަނގަޅު ކުރެވޭނެ ކަންކަމެއް ނޫނެވެ.
...
ލިޔުނީ ކިޔުންތެރިއެއް, 2009-02-25 03:39:03
ތިޔަ ވިދާޅުވިހެން، ޢަރަބި ބަސް ދެނެލައްވާ ބައެއް ބޭފުޅުން ތިކަހަލަ ގޯސް އެބަ ހައްދަވާ ހަމަ. ބައެއް ބޭފުޅުންގެ ނަޒަރުގައި، "އީދު މުބާރިކު" ކިޔުމަކީ ވެސް ކުށެއް. އެއީ އަރަބި ބަހުން ކިޔާ އިރު ރާގައި އޮންނާނީ އަބަފިލިކަމަށް ވާތީ. ކީރިތި ޤުރުއާނުގެ އާޔަތެއް ތަރުޖަމާކުރާއިރު ތިޔަ ފާހަގަކުރެއްވިކަހަލަ ގޯހެއް ހައްދަވައިގެން ނުވާނެ. އެކަމަކު އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ނުކުތާއެއް އެބަ އޮތް:
އެއީ ދިވެހިން ޢިލްމީ ގޮތުން ކުރިއަރައިގެން އަންނަ ދުވަސްވަރެއްގައި، ދިވެހި ބަހުން ވާހަކަދައްކަން ނުވަތަ ލިޔަން ބޭނުންވާ މީހަކު ކުރީގެ ދިވެހި ބަސްބަސް ޢިލްމީ އެހެން މާނައެއްގައި ބޭނުންކުރުމަކީ މައްސަލައެއްކަމަކަށް އަޅުގަނޑު ނުދެކެން. އެގޮތަށް ދެކެން ފަށައިފިއްޔާ ދިވެހިން އަބަދު ވެސް ޖެހޭނީ ބޭރު ބަސްބަސް ދިވެހި ބަހަށް ވައްދަން. ސަބަބަކީ ރަދީފުގައި ހިމަނާފައިވާ މާނައިގެ ދާއިރާގައި އޭނާ ބޭނުންކުރި މާނަ ނުހިމެނޭތީ. އެކަމަކު މިކަން ކުރުމުގައި ވެސް ހަމައެއް އުސޫލެއް އޮންނަންވާނެ. އަޅުގަނޑުމެން ރަށުގައި ހަމަ އެންމެ ކުރީންސުރެ ވެސް، ތަންކޮޅެއް ފުޅާ މާނައެއްގައި ބޭނުންކުރާ ބަހެއް، މާލޭގައި ބޭނުންކޮށްފައި އެބަ ހުރޭ ވަރަށް ތިލަ އެއްމެ މާނައެއްގައި، އެހާލަތުގައި ރަދީފުގައި ގިނަފަހަރަށް އޮންނަނީ ހަމަ އެކަނި މާލޭ މާނަ. ރަދީފަކީ ވެސް އާވެއާވެ އޮންނަންވީ އެއްޗެއް. ކޮމެންޓު ދިގުވިކަމަށް މާފަށް އެދެން.
...
ލިޔުނީ މަޞްދޫޤު, 2009-02-25 19:55:34
ޢަޒީއެވެ. ތިޔައީ މުސްލިމަކަށްވީތީ ހަމަ ކޮންމެ މީހަކުވެސް ދައްކަން ޖެހިފައި އޮތްވާހަކައެކެވެ. ސަބަބަކީ، އިސްލާމްދީނުގެ ނަމުގައި ދީނުގެ ރޫޙަށް އައިބުކަން ލިބޭގޮތަށް އެއްވެސް މުސްލިމަކަށް ކަމެއް ކުރެވޭނަމަ އޭގެ ސަބަބުން މުޅި ދީނުގެ ޝަޚުޞިއްޔަތު ކިލަނބުވެގެންދާނެތީއެވެ. ދީނުގެ ޢަދާވާތްތެރިން މި ފަދަ ކޮންމެ ވިދަކުން ބޮޑު ބާގަނޑެއް ހަދައިގެން އޭގެ ނާޒާއިޒު ފައިދާ ނަގާތީއެވެ.
ޖަދަލު ކުރުމުގެ ވާހަކަ ބާއްވާވާށެވެ! އެވާހަކަ އަޒީ ތިޔަ ދެއްކެވީ ވަރަށް ފުރިހަމަޔަށެވެ! އިތުރު ކޮށްލުމެއްގެ ގޮތުން ޢިލްމީ ނުކުތާއެއް އަޒީއަށާއި، ކިޔުންތެރީންނަށް ދަންނަވާލާނަމެވެ. ދީނުގެ ކަމެއްގައި ޖަދަލު ކުރުން ކީއްކުރަންތޯއެވެ؟ ބަޙުޘު ކުރުން މި ލަފުޒުވެސް ދީނުގެ މުޘައްޤަފު ޢިލްމުވެރިންނެއް ބޭނުމެއް ނުކުރައްވައެވެ. ސަބަބަކީ ދީނުގެ ކަމެއްގައި ބަހުސު ނުކުރެވޭނެތީއެވެ. އިލްމުވެރިން މި ކަމަށް ދެއްވާނަމަކީ، "ހިވާރު'' އެވެ. ''ޑައިލޮގް'' އެވެ. ދެފަރާތުގެ ދެމެދުގައި ޢިލްމީ ހަމަތަކާ ތަޤުވާގެ އަސަރުތަކާއެކު ހިނގާ އިޙްތިރާމު ލިބިގެންވާ ލުއިލުއި މުވާޞަލާތެކެވެ. ނުވަތަ މުޢާމަލާތެކެވެ. ދީނުގެ ކަމެއްގައި ބަހުސު ކުރާށޭ ޖަދަލު ކުރާށޭ ކިޔަނީ ބަހުގެ މިފަދަ ސިއްރުތަކުގެ އިތުރަށް ދީނުގެ މަތިވެރި ރޫޙާ މަފުހޫމުވެސް ދޭހަ ވެފައިނުވާތީ އެވެ. ވީމާ، މިކަމަށް ފަރުވާތެރިވުން މުހިންމެވެ. މިއީ އަޅުގަނޑުގެ ބަހެއް ނޫނެވެ. ދީނުގެ އިތުބާރު ހުރި ޢިލްމުވެރިންގެ ބަސްފުޅެވެ. ވީމާ ޖަދަލު ކުރުން ދޫކޮށްލަންވީއެވެ. އަޑު އުފުލުމާއި ފުރައްސާރަކުރުމުން އެއްކިބާވާންވީއެވެ. ބަހުޒުކޮށް ޒުވާބު ކުރުމުގެ އާދައިން އެކަހެރިވާންވީއެވެ. ތަވާޟުޢުވެރިކަމާއެކު، ޙިވާރުގެ މޭޒު ދޮށުގައި ވާހަކަ ދައްކައިލައި، ޙުއްޖަތާ ދަލީލުތަކުގެ އަލީގައި ސާފު މޫނަކާއި ސަލާމަތްހިތެއްގެ އެހީގައި މީހުންނަށް އޮޅުން ފިލުވައިދޭންވީއެވެ. އެމީހުންގެ މިންވަރުންނެވެ. ފެންވަރުންނެވެ. ﷲއަށްޓަކައެވެ. އެގޮތް އިޚްލާޞްތެރިކަމާއި ގާތްކަންބޮޑެވެ.
...
ލިޔުނީ ކިޔުންތެރިއެއް, 2010-06-23 03:20:17
ވަރަށް ރަނގަޅު މަޒުމޫނެކެވެ. ލިޔުންތެރިއާއަށް ސާބަހާއިއައްސަރިބަސް ދަންނަވަމެވެ. ދިވެހިބަސް ނޭގޭހާލު ދީނީ ދަރުސްތައް ދިނުމަށް ނުކުންނަ މީހުންނަކީ ވަރަށް މޮޔަބަޔެކެވެ. އެމީހުންގެ ސަބަބުން ދީނަށްލިބެނީ ފުރައްސާރައާއި މަލާމާތެވެ.
...
ލިޔުނީ Noonaai Raa, 2010-11-07 06:48:10
vrah muhinmu liyumey. baeh kahala beyfulhun faharehgai hin hama nujehunas miliyumakee molhu liyumeh

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1288
extra avandia and congestive heart failure