މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އައިބައިފިލި: ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް |
|
|
| ދިވެހި - މާދަރީބަސް | |||
| 07 މާރޗް 2009، 02:59 ހޮނިހިރު | |||
|
އައިބައިފިއްޔަކީ ވަކިވަކި ދެފިއްޔެއް ނޫނެވެ. އެއީ ވަކި ގޮތަކަށް އަދާކުރާންޖެހޭ އެއް ފިއްޔެވެ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ދިވެހިބަހުގައި އޮންނަ އައިބައިފިއްޔަކީ ވަރަށް މުހިއްމު ފިއްޔެކެވެ. އެ ފިލި ލިޔެކިޔައި ހަދާ ގޮތް އަޅުގަނޑުމެންނަށް ނޭނގޭނަމަ ބަހުގެ މުއްސަނދިކަމުގެ ބައެއް އުނިވެގެންދާ ވަރަށް ޚާއްޞަ ފިއްޔެކެވެ. އަދި އައިބައިފިއްޔާއި އާބާފިލި އޮޅުވައިލައިފިނަމަ ޖުމުލައިން ދޭހަވާ މާނަ ބަދަލުވެދާނެ ފިއްޔެއްވެސްމެއެވެ. އެހެންވީމާ އައިބައިފިލީގެ ހަރުދަނާ ހަމަތައް އުނގެނި ދަސްކޮށް، އެ ހަމައިގެ މަތީގައި ލިޔެކިޔުންތައް ބައްޓަންކުރުމަކީ ދިވެހިބަހަށް ލޯބިކުރާ ކޮންމެ މީހެއްގެ މައްޗަށް ލާޒިމުކަމެއްކަން ކަށަވަރެވެ. ޢާއްމު ގޮތެއްގައި ތާނަ ލިޔުމުގައި ބޭނުންކުރެވެނީ އަބަފިއްޔާއި ( ަ) އާބާފިއްޔާއި ( ާ) އިބިފިއްޔާއި ( ި) އީބީފިއްޔާއި ( ީ) އުބުފިއްޔާއި ( ު) އޫބޫފިއްޔާއި ( ޫ) އެބެފިއްޔާއި ( ެ) އޭބޭފިއްޔާއި ( ޭ) އޮބޮފިއްޔާއި ( ޮ) އޯބޯފިއްޔާއި ( ޯ) ސުކުނާއި ( ް) މި 11 ފިލި ކަމުގައި ވިޔަސް ބައެއް ފިލިފިއްޔާ އަލިފު އިބިފިއްޔާއި އަލިފު އުބުފިއްޔާ ގުޅިގެން އުފެދޭ ފިލިތަކެއްވެސް (ޑިފްތޮންގ) ދިވެހިބަހުގައި ވެސް ބޭނުންކުރެވެއެވެ. އެއީ، އައިބައިފިއްޔާއި ( ައި) އައުބައުފިއްޔާއި ( ައު) އެއިބެއިފިއްޔާއި ( ެއި) އޮއިބެއިފިއްޔާއި ( ޮއި) އަދިވެސް މިފަދަ ބައެއް ފިލިފިއްޔެވެ. މި ހުރިހާ ފިލިތަކެއްގެ ތެރެއިން މި މަޒުމޫނުގައި އަޅުގަނޑު ބަލައިލާން ގަސްތުކުރަނީ ލިޔެކިޔުމުގައި އެންމެ ގިނަ މީހުންނަށް އޮޅުން އަރާ ދެ ފިލި ކަމަށް ފާހަގަކުރެވިފައިވާ ދެ ފިލީގެ މައްޗަށެވެ. އައިބައިއްޔާއި އާބާފިލީގެ މައްޗަށެވެ. މި ދެފިލި ޖެހޭ މައިގަނޑު ހަމަތަކުގެ މައްޗަށެވެ. އާބާފިލީގެ ވާހަކަ ދައްކަންޖެހުނީ އައިބައިފިލީގެ ވާހަކަ ދައްކާއިރު އާބާފިލީގެ ވާހަކަ ނުދައްކައި އައިބައިފިލި ރަނގަޅަން އޮޅުން ފިލުވައި ނުދެވޭނެތީއެވެ. އެހެންނޫންނަމަ އާބާފިލީގެ ވާހަކަދައްކާކަށް ނުޖެހުނީހެވެ. އެހެނީ ގިނަ މީހުން އައިބައިފިލި އޮޅުވައިލަނީ އާބާފިއްޔާއެވެ. 1- އާބާފިލި ތާނަލިޔުމުގައި އާބާފިލިޖެހޭ ބައެއް ހަމަޔަކީ: (ހ) ނަމަވުމުގެ މާނަ ދޭހަކުރުމަށްޓަކައި ނެގެވޭ ބަސް ބަހުގެ ފަހު އަކުރުގައެވެ. މިސާލަކަށް: ލިބުނިއްޔާ. ފަތިސްވީމާ، ނުވިސްނަންޏާ (ށ) ވަގުތު ޚާއްޞަކޮށްލުމުގެ ގޮތުން ގެނެވޭ ބަސްބަހުގެ ފަހު އަކުރުގައެވެ. މިސާލަކަށް: ހެނދުނާ، ފަތިހާ (ނ) "ގެން" މިބަހުގެ މާނަ ދޭހަވާގޮތަށް ހެދިފައި ހުންނަ ކަންއިތުރުގެ ފަހުއަކުރުގައެވެ. މިސާލަކަށް: ތެތާ (ތެމިގެން)، ހުމާ (ހުންއައިސްގެން)، ނިންޖާ (ނިދިއައިސްގެން) (ރ) ސަބަބު ބަޔާންކުރުމުގެ މާނައިގައި އުފައްދާ ކަންއިތުރެވެ. މިސާލަކަށް: ދުވާން (ދުވުމަށް) އަތުވެއްޖެ، ބަލާން (ބެލުމަށް) އުޅެނީ، ކިޔަވާން (ކިޔެވުމަށް) ހިނގައްޖެ (ބ) ނަމަކަށް ސިފައެއް ދިނުމުގެ މާނަ ދޭހަކުރުމަށްޓަކައި މިފިލިޖެހިގެން އުފެދޭ ވާ ކަމުގެ ފަހުއަކުރުގައެވެ. މިސާލަކަށް: ހިނގާ ކޮށި، ފުނޑާ ދައި، ކިޔަވާ ކުއްޖާ (ޅ) މި ފިއްޔަށް ނިމޭ އަމުރާއި ވާކަމުގަ އެވެ. މިސާލަކަށް: ނަގާ! (އމ)، ނަގާ (ވކ)، ބަލާ! (އމ)، ބަލާ (ވކ) (ކ) ބަސް ބުނުމުގައި އަޑު ނިޔާކުރާ ގޮތުން މިފިލި ބޭނުންކުރަންޖެހޭ ތަންތާނގައެވެ. 1- ބަހުގެ ފެށުމުގައި އާބާފިލީގެ އަޑުއިވޭ ތަންތަން މިސާލަކަށް: ބާޒާރު، އާދަނު 2- ބަހުގެ ކޮންމެ ތަނެއްގައި ނަމަވެސް އާބާފިލީގެ އަޑުއިވޭ ތަންތަން މިސާލު: މިހާރު، ވިލާގަނޑު، ހަވާސާކަން (އ) އެއްޗަކަށް ނިސްބަތްކޮށް ބުނެވޭ ބަސްބަހުގަ އެވެ. މިސާލު: މިފޮތާބެހޭ، ރޯދަޔާގުޅޭ، ސިޓީއާ ޙަވާލާދީ. އެންމެ ފަހުން މި ދެންނެވި ހަމަޔާއި މިސާލުތަކާ ބެހޭ ގޮތުން އިތުރަށް އެއްޗެއް ދަންނަވައިލިޔަދެއްވާށެވެ. މިފަދަ ތަންތާގައި "އާ" ގެ ބަދަލުގައި "އާއި" ("ފޮތާ ބެހޭ ގޮތުން" މިހެން ލިޔުމުގެ ބަދަލުގައި "ފޮތާއި ބެހޭގޮތުން" މިގޮތަށް) ލިޔެފައި ހުއްޓައި ވަރަށް ގިނައިން އެބަ ފެނެއެވެ. އެއީ ކުށް ގޮތެކެވެ. އެހެނީ "އާއި" މި އަކުރަކީ އެއް ނަން އަނެއް ނަމާ، އެއްކަން އަނެއް ކަމާ، އެހެން ގޮތަކަށް ދަންނަވާނަމަ އެއް ލަފުޒު އަނެއް ލަފުޒާ ގުޅުމަށްޓަކައި ބޭނުންކުރާ އަކުރެކެވެ. ނިސްބަތްކުރުމުގެ ނުވަތަ އެއްޗަކާ މެދު ވާހަކަދައްކާ ތަންތާގައި ބޭނުން ކުރެވޭ އަކުރެއް ނޫނެވެ. އެއްޗަކާ ބެހޭ ގޮތުން ނުވަތަ ނިސްބަތްކުރުމަށްޓަކައި އަންނަނިވި މިސާލުތަކަށް ބައްލަވާށެވެ. 1- ފޮތާއި ފަންސުރަކީ (ފޮތް އާއި ފަންސުރު) ލިޔުމަށް ބޭނުންކުރާ އާލާތެކެވެ. 2- މާލެ އާއި އަތޮޅުތަކުގައި ވަރަށް ގިނަ ހޮސްޕިޓަލު އެބަހުއްޓެވެ. 3- ރީތިކަމާއި (ރީތިކަން އާއި ފުރިހަމަކަން) ފުރިހަމަކަން އޭނާގެ ކިބައިގައި އެބަހުއްޓެވެ. 4- މި ފޮތާ (ފޮތް އާ) ބެހޭ ގޮތުން ބުނަނީ ކީކޭ ހެއްޔެވެ؟ 5- މާލެ އާ ދޭތެރޭ މިހާރު ވިސްނަންވެއްޖެއެވެ. 6- އޭނާގެ ރީތިކަމާ (ރީތިކަން އާ) މެދު ބުނާނެ އެއްޗެއް ނެތެވެ. 2- އައިބައިފިލި އައިބައިފިއްޔަކީ ދެ ފިއްޔަކުން އުފެދިފައިވާ ވަކި ފިއްޔެކެވެ. އެއީ ވަކިވަކިން ކިޔަންޖެހޭ ވަކިވަކި ދެފިއްޔެއް ނޫނެވެ. އަބަފިއްޔާއި އަލިފު އިބިފިލި ވަކިން ކިޔާނަމަ އެއީ އައިބައިފިއްޔެއް ނޫނެވެ. އެގޮތަށް އައިބައިފިލި އަދައެއް ނުކުރެވޭނެއެވެ. މި ނުކުތާ ވިސްނުންފުޅުގައި ބަހައްޓަވައިގެން އައިބައިފިލި ޖެހޭ ހަމަތަކާމެދު ފުންކޮށް ވިސްނައިވަޑައިގަތުން ހުއްޓެވެ. އަދި އައިބައިފިލި އަދާކުރާގޮތް ދަސްފުޅުކުރެއްވުން ބޭނުންތެރިއެވެ. ވިސްނުންތެރިކަމާއެކު ވިދާޅުވާށެވެ! އައިބައިފިލި ޖެހޭ ބައެއް ހަމަތަކަކީ: (1) އާބާފިއްޔަށް ނިމިފައި ހުންނަ އަމުރުތައް ނުވަތަ ވާކަން ނިމުނުކަމަށް ބަދަލުވާއިރު އެވެ. މިސާލު: ނަގާ – ނަގައިފި ހިނގާ – ހިނގައިފި ނަށާ – ނަށައިފި (2) ވަގުތު ނުވަތަ ތަން ބަޔާން ކުރުމަށް ގެނެވޭ ގ ގައި. މިސާލީ: މަދަރުސާގައި، ދެގަޑިބައިގައި. (3) އާއްމު ނަމަކަށް ވެގެންދާއިރު އަލިފަކަށް ބަދަލުވެގެންދާ ނަންނަމުގެ ފަހު އަކުރުގައި. މިސާލީ: ދައި، ފައި، އިރުވައި (މުޙައްމަދު ޖަމީލް، ފިޔަވަޅު 1) (4) ދިވެހިބަހުގެ (ފ) ގެ ރަދީފުގައި ''ފައި'' މިލަފުޒު އަކުރެއްގެ ގޮތުގައި ބޭނުން ކުރާގޮތަށްވެސް އޮވެއެވެ. އަދި މިއަކުރަކީ ކަންކުރި ފަރާތް އެއްގޮތް ވުމާއެކު އެއްކަމެއް އަނެއް ކަމަކާ ގުޅަމުން ގެންދިޔުމުގައި ބޭނުންކުރާ އަކުރެއް ކަމުގައިވެސް އޮވެއެވެ. މިސާލަކީ: ސަމީރު އައިސް ވަދެފައި އެހެން ބުނެލައިފައި ހިނގައްޖެއެވެ. މި އުޞޫލަށް ބަލާއިރު އައިބައިފިލި ޖެހިގެން އަންނަ ދެއަކުރެއް ޖެހިޖެހިގެން ކައިރި ކައިރީގައި އަންނާތީ، އެއްއަކުރުގައި އައިބައިފިލީގެ ބަދަލުގައި އާބާފިލި ޖެހުމަކީ ހަމަގޮތެއްނޫނެވެ. މިސާލެއް: ގަތައިފައި ފުނޑާން އަންނާށޭ ބުނީމާ ގަތާފައި ހިފައިގެން ފުނޑައި އަވަދި ނުވަނީސް ފުނޑާ ދައިދޮށަށް އަތުވެއްޖެއެވެ. (5) އަބަފިއްޔަށް ނިމޭ ލަފުޒުތަކުގެ ފަހަތަށް "ގެ" މި އަކުރު ގުޅުވާއިރު ގ. ގެ ކުރިޔަށެވެ. މިސާލު: ފިހާރައިގެ، އަކައިގެ. (6) ގުޅުވާ އަކުރުގެ ތެރެއިން "ޓަކައި" މި އަކުރު ބަހަކާ ގުޅިގެން ލިޔެވޭއިރު މިއަކުރަށް ނިމޭ ތަންތާނގަ އެވެ. (7) "މެނުވީ" ނުވަތަ "ނޫނީ" ގެ ބަދަލުގައި ބޭނުންކުރާ "ފިޔަވައި" މި އަކުރު ބަހަކާ ގުޅިގެން ލިޔެވޭއިރު، މި އަކުރަށް ނިމޭ ތާންތާނގަ އެވެ. (8) ބަސް ބުނުމުގައި އައިބައިފިލީގެ އަޑު އިވޭ ތަންތާނގައި އެވެ. މިސާލު: ބައިމަތި، ރައިވަރު، ޅައިމަގު، ކައިރު، ދައި، ފައި، ވައި، ބައި، ޝައިޚް ޖަމީލް ''ފަތްތޫރަ''އިގެ 61 ން 69 ށް ޝާއިޢު ކުރެއްވި ދިޔޯގެ ރައިވަރުގެ ޝަރަޙައިގައި ލިޔުއްވައިފައިވާ އަންނަނިވި ދިޔޯގެ ރައިވަރަށް ބައްލަވައިލެއްވުމުން އައިބައިފިލީގެ ހަމަތަކަށް ވަރަށް ބޮޑަށް ލޯފުޅު ހުޅުއްވޭނެކަން ކަށަވަރެވެ. ''ފައި ފަށަން ބާއްވައި އައިމެ މޮޅުއިރުވަރުން ހައި ލައި އުހު ކަމަޅި މަތީގައި ޔައި ކިހެއު ފާތިހާ ފައި ހައިބަ އިދެ ދުނި ދިޔޯއިން އަ ޅައިދުންފޫ ގޮމާ އިން އަ'' (މާނަ: ފަށަން ބާއްވައިފައި އައިހައިމެ މޮޅު އިރުވަރުން ކަމަޅިމަތީގައި އުހުލައި ހެއު ފާތިހާ ކިޔަވައި ދުނިޔެއިން ހައިބަ ދިޔޯ އިނދެ ގޮމައިން ދުން އަޅައިފޫ) 3- އިތުރު ތަފުޞީލު: އަޅުގަނޑު މި ދެންނެވި އެއްޗެއް ތިޔަ ބޭފުޅުންގެ ހިތްޕުޅަށް ގެންނަވަން ފަސޭހަފުޅުވާނޭ އިތުރު މިސާލެއް ދަންނަވައިލާނަމެވެ. ފ. ގެ އިބިފިއްޔަށް ނިމިފައި ހުންނަ ކަންކަން ލިޔާއިރު އަޅުގަނޑުމެން އެންމެންވެސް ލިޔަނީ (ބުނެފި، ލިޔެފި ކަހަލަ މަދު އިސްތިސްނާއެއްގައި ނޫނީ) އާބާފިލީގެ ބަދަލުގައި އައިބައިފިއްޔެވެ. ތިޔަ ބޭފުޅުންވެސް މިކަމާ އިޢުތިރާޟެއް ނުކުރައްވާނެއެވެ. މިސާލަކަށް ހުއްޓައިފި، ނައްޓައިފި، ކައްކައިފި، ކާންހަދައިފި، ކައިފި މި ގޮތްގޮތަށެވެ. މީގެ ބަދަލުގައި ހުއްޓާފި، ނައްޓާފި، ކައްކާފި، ކާންހަދާފި، ކާފި މި ގޮތްގޮތަށް އަޅުގަނޑުމެން ބޭނުމެއް ނުކުރަމުއެވެ. އެހެންވީމާ ދިވެހިބަހުގެ ވަކި ހަމަޔަކުން ފ އިބިފިއްޔަށް ނިމިފައި ހުންން ލަފުޒުތަކުގެ "ފ" ގައި އައިބައިފިލި ޖަހަންޖެހުމަކުން އޭގެ ކުރިޔަށް އޮންނަ އައިބައިފިއްޔާ "ކުޅޭކަށް" ނުޖެހެއެވެ. އެއީ އެއްވެސް ހަމަޔަކުން ކުރެވޭނޭ ކަމެއް ވެސް ނޫނެވެ. މިސާލަކަށް: ކުރިން އަޅުގަނޑު މިދެންނެވި ހުރިހާ ނިމުނު ކަމެއް، އެއްކަން އަނެއްކަމާ ގުޅަމުން ގެންދިޔުމުގައި އައިބައިފި ޖަހާ އުޞޫލުން އައިބައިފިލި ޖަހަނީ ލަފުޒުގެ ފަހުއަކުރުގައެވެ. ލަފުޒުގެ އެހެން އަކުރުތަކާއި ފިލިތަކާ "ނުކުޅެ"އެވެ. އެހެންވީމާ އެ ލަފުޒުތައް ލިޔަންޖެހޭނީ "ހުއްޓައިފައި ނައްޓައިފައި ކައްކައިފައި ކާންހަދައިފައި ކައިފި" މި ގޮތަށެވެ. މި ލަފުޒުތައް ނިމުނުކަމުގެ ޒަމާނުގައި އޮތް އިރު އޮތީ "ކައްކާފި" "ކާފި" "ހުއްޓާފި" މިގޮތަށް އާބާފިލި ކަމަށް ވާނަމަ "ކައްކާފައި" "ކާފައި" ހުއްޓާފައި" މި ގޮތްގޮތަށް ހަމައެކަނި ފ ގައި އައިބައިފިއްޔެއް ޖަހައިގެން ލިޔެވިއްޖައީހެވެ. އެކަމަކު އެކަން އޮތީ އެގޮތަކަށް ނޫނެވެ. "ކައްކާފި" "ހުއްޓާފި" މިހެން އަޅުގަނޑުމެން ލިޔެކިޔައެއް ނަހަދަމުއެވެ. ލިޔަނީ އަދި ކިޔަނީވެސް "ހުއްޓައިފި" ކައްކައިފި" މިހެންނެވެ. އެހެންވީމާ މި ދެ ލަފުޒުގެ ނިމޭ އަކުރު ފ ގައި އައިބައިފިލި ޖަހައިފި ނަމަ އޮންނަންވާނީ "ހުއްޓައިފައި"، "ކައްކައިފައި" މިހެންނެވެ. ލަފުޒގައި ކުރިން އޮތް އައިބައިފިލި އާބާފިއްޔަކަށް ބަދަލުކުރެވޭނެ އެއްވެސް ހަމައެއް ނެތެވެ. އަނެއް ނަޒަރަކުން ވިސްނާއިރު ޖެހިޖެހިގެން ދެ އައިބައިފިލި އޮތުމަކީ އަދި ކިތަންމެ ގިނަ އައިބައިފިއްޔެއް ހުރުމަކީވެސް މައްސަލައެއް ނޫންކަމަށް އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަމުއެވެ. މިސާލަކަށް: "މައިދައިތަ" ލިޔާއިރު އެއްވެސް މީހަކު "މާދައިތަ" ނުވަތަ "މައިދާތަ" އެކޭ ނުލިޔަމުއެވެ. ނުވެސް ކިޔަމުއެވެ. އެހެންވީމާ ޖެހިގެން ގިނަ އައިބައިފިލި ހުރުމަކީ އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާ ގޮތެއްކަން އެބަ ސާބިތުވެއެވެ. ވީމާ މީހަކު ފަށެއް ގަތައިފައި އަތުވެއްޖެ އޭ ބުނަންވެގެން "ގަތާފައި" ކިޔާ އާލާތެއް (ގަތާބޯ ބާއްވަން ލަކުޑިން ހަދައިފައި ހުންނަ އެއްޗެއް) އައި ވާހަކަ ބުނީމާ ބުނަން އުޅުނު އެއްޗަކާ ބުނެވުނު އެއްޗަކާ ދިމައެއް ނުވެއެވެ. މި ގޮތަށް މި ދިމާވަނީ އައިބައިފިލީގެ "އަޑު" އަޅުގަނޑުމެންގެ ސިކުނޑިއަށް ތަޞައްވުރު ނުކުރެވޭތީއެވެ. ހަނދުމަފުޅު ބަހައްޓަވަންވީ އައިބައިފިއްޔަކީ އާބާފިއްޔެއް ނޫންކަމެވެ. އަދި އެއީ ވަކި އަބަފިއްޔަކާއި ވަކި އިބިފިއްޔެއްވެސް ނޫންކަމެވެ. "އައިބައިފިއްޔަކީ ވަކި ގޮތަކަށް ކިޔަންޖެހޭ ވަކި ޚާއްޞަ ފިއްޔެއް" ކަމެވެ. މިސާލަކަށް "ސައި" (ސައިފަތް ހޫނުފެނަށް އަޅައި ކުލަނެރެގެން ތައްޔާރުކުރާ ބުއިމެއް) އަޅުގަނޑުމެން ކިޔަނީ ސ ގައި އާބާފިލި ޖަހައިގެން "ސާ"އެއް ނޫނެވެ. އަދި ސ އަބަފިއްޔާއި އ އިބިފިއްޔާ ވަކިކޮށްގެން "ސަ"-"އި" މިހެންނެއްވެސް ނޫނެވެ. އަޅުގަނޑުމެން ކިޔަނީ 'ސައެ މިފަދަ ގޮތަކަށް އަލިފުގައި އިބިފއްޔާއި އެބެފިއްޔާ ދެމެދުގެ ޙާލަތަކަށް ސ ކުޑަކޮށް ދަމާލައި ކިޔާކަހަލަ ގޮތަކަށެވެ. އެހެންވީމާ އައިބައިފިލީގެ އަޑު އަންނަ ގޮތް "ސައި" "ވައި" ފަދަ ލަފުޒުތައް ކިޔާ ގޮތަށް ބަލައިގެން އަޅުގަނޑުމެންނަށް ފާހަގަކުރެވިދާނެއެވެ. ގަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ އަކުރެއްގައި އައިބައިފިލި ޖަހަންޖެހުމަކީ ކުރީ އަކުރުގައި އޮންނަ އައިބައިފިލި އުވައިލާން ޖެހޭ ސަބަބެއް ނޫންކަމެވެ. އަދި އައިބައިފިއްޔަކީ ދެ ފިއްޔެއް އެކުވެގެން އުފެދޭ (ޚާއްޞަ ގޮތަކަށް) ކިޔާން ޖެހޭ ފިއްޔެއް ކަމެވެ. އާބާފިއްޔާއި އައިބައިފިލި އޮޅުން އަރަނީ އައިބައިފިލި އަދާކުރާންޖެހޭ ގޮތް އަޅުގަނޑުމެންނަށް ނޭނގޭތީ ކަމެވެ. އައިބައިފިލި ޖަހަންޖެހޭ ބައެއް ތަންތަނުން އައިބައިފިލި ދޫކޮށްލައި އާބާފިއްޔަށް ރުޖޫޢަވެއްޖެނަމަ ޖުމުލައިގެ މާނަ އޮޅި ބަހުގެ މުއްސަނދިކަމުގެތެރެއިން ބައެއް އުނިވެގެން ހިނގައިދާނެކަމެވެ. މިސާލަކަށް ކުއްޖަކު ބަލައި ބޮޑުކުރާ ވާހަކަ ބުނަންވެގެން ބަލާބޮޑުކުރިވާހަކަ ބުނީމާ ދޭހަވާ މާނަ ހާދަހާ ތަފާތެވެ. "ބަލާ"ބޮޑުކުރުމަކީ އެއްވެސް މީހަކު އެދޭނޭ ކަމެއް ނޫނެވެ. އެހެންވީމާ އަޅުގަނޑުމެން "މައިދައިތަ" އަށް ދޭ އިޙުތިރާމާއި "ސައި"ބުއިމުގައި ގެންގުޅޭ އާދަތަކަށް ބަލައިގެން އައިބައިފިލީގެ ފުރިހަމަ އަޑާއި އުޞޫލުތަކާ އަލުން ރައްޓެހިވަމާތޯއެވެ؟ ދިވެހިބަހުގައި ހުރި މުއްސަނދި ހަމަތަކާއި އުޞޫލުތައް ގެއްލުނަ ނުދީ ދަމަހައްޓަން އެންމެން، އާ މަސައްކަތްތަކެއް ފަށަމާތޯއެވެ؟ މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ ÞÞ¦ÞŠÞ©Þ‚Þ§Þ’Þ°, 2009-03-07 04:14:46
އަޅުގަނޑަކީ ދިވެހި މުދައްރިސަކީމެވެ. އައިބައިފިލީގެ މައްސަލައިގައި ހަމަ އޮޅުންތަކެއް ހުރިކަމަށް ނުވަތަ އަޅުގަނޑަށް ނުވިސްނެނީ ކަމަށް ވެދާނެއެވެ. ވީމާ ދަރިވަރުންނަށް ތަންކޮޅެއް ފަހުމުވާނޭހެން މި މައުޟޫޢުގައި އަދި ލިޔުއްވުން އެދެމެވެ. ދިވެހިބަހާމެދު ޢަބްދުލްޢަޒީޒު ޖަމާލު ތިޔަ ބަހައްޓަވާ ޝައުޤުވެރިކަމަށްޓަކައި ޝުކުރުދަންނަވަމެވެ. އަޙުމަދު
...
ލިޔުނީ ޙުސައިން, 2009-03-07 04:59:37
ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިއަދު ތިޔަ އަލިއަޅުއްވާ ލެއްވީ، މިހާރަކަށް އައިސް ވަރަށް ގިނަ ލިޔުންތެރިންގެ ލިޔުންތަކުން ޢާންމުކޮށް ފެންނަމުންދާ ކުށެއްގެ މައްޗަށެވެ. މިއީ، މިއަދުގެ ގިނަ ލިޔުންތެރިންނާއި ދަރިވަރުންނަށް ވަރަށް ރަގަނޅު ދިވެހި ފިލާވަޅެކެވެ. އެކަމަށްޓަކައި ކިޔުންތެރިއެއްގެ ޙައިސިއްޔަތުން ޝުކުރުދަންނަނަވަމެވެ. ޝުކުރިއްޔާ!
...
ލިޔުނީ Shameem, 2009-03-07 06:06:47
މީ މުހިއްމު ލިޔުމެއް. ޚާއްޞަކޮށް ޓީޗަރުންނަށް. އެކަމަކު މި ލިޔުން ތަންކޮޅެއް ސިމްޕްލިފައި ކުރައްވާފަ ދަރިވަރުންނަށް އަމާޒުކުރައްވައިގެން މި މައުޟޫޢުގައި އަދި ލިޔުއްވާނެ ކަމަށް ހީކުރަން.
...
ލިޔުނީ ނަން ހާމަކުރަން ނޭދޭ, 2009-03-07 10:47:26
ވަރަށް ގިނަ މަޢުލޫމާތު ލިބިއްޖެ.. އަޅުގަނޑަށް ވެސް ކުރިން އޮޅިފައި ހުރި ބައެއް ތަންތަން އޮޅުންފިލައިފި. އަޅުގަނޑު ހިތުން މި ހުރިހާ ގަވައިދު ލިޔަން ނޭނގުމަށް ވުރެން ވެސް ބޮޑު މައްސަލައެއް ރަނގަޅަށް ލިޔެފައި ހުރި އެއްޗެހި ކިޔަން ނޭނގުމަކީ.. ރާއްޖޭގެ މަޝްހޫރު ޓީވީ ހުށަހެޅުންތެރިން ވެސް އައިބައި ފިލި ލިޔެފައި އޮންނަ ތަންތަން އެބަ ކިޔާ އެއީ ވަކި ދެ ފިލިކަމަށް ހަދާފައި،
އިނގިރޭސި ބަހުގައި މި އޮންނަ "ބޭގް" ކިޔާ އިރު، ފުރަތަމަ ފިލި ކިޔާއަޑު އިވެނީ އޭބޭފިއްޔެއްގެ އަޑަށް ވުރެން އައިބައިފިއްޔެއްގެ އަޑަށް ދެއްތޮ؟ މިދެންނެވީ އަޅުގަނޑުމެން ތާނައިން ލިޔާ އިރު، ބާގައި އޭބޭ ފިލި ޖެހިޔަސް، މީހުން އެ ލަފްޒު ކިޔާ އަޑު އިވެނީ އައިބައި ފިލީގެ އަޑުން.. މި ދެންނެވީ "ބައިގް" މިގޮތަށް.. މިތާގައި އިނގިރޭސި ލަފްޒެއް މިސާލަކަށް މި ގެނައީ މިހާރު ގިނަ މީހުންނަށް އައިބައި ފިލީގެ އަޑު ނޭނގޭނެތީ އެމީހުންނަށް އެއީ ކޮން އަޑެއްކަން ދެނެގަންނާނެ މިސާލެއް ދަންނަވާލުމަށް. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|