ފަންވަތް ދިވެހި މާދަރީބަސް އެނގޭތަ؟ ނޭނގޭތަ؟ އެނގެންޏާ ބުނާތި އިނގޭ!
ބެލި ޢަދަދު: 1839
އެނގޭތަ؟ ނޭނގޭތަ؟ އެނގެންޏާ ބުނާތި އިނގޭ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - މާދަރީބަސް
11 މާރޗް 2009، 00:17 ބުދަ

އެނގޭތަ؟ ނޭނގޭތަ؟ އެނގެންޏާ ބުނާތި އިނގޭ!

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު- މާވަށް


ސާންސްކިރިތު ބަހުގެ ޕްރާކިރިތަކުން އުފެދިފައިވާ ކަމަށް ޤަބޫލުކުރެވޭ ދިވެހިބަސް ވަކި ބަހެއްގެ ގޮތުގައި ބޭނުންކުރެވެމުން އަންނަތާ މަދުވެގެން 2500 އަށްވުރެ ގިނަ އަހަރު ވެފައިވާކަމަށް މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ސާބިތުވެއެވެ. އެހާ ހިސާބުއްސުރެ އަދިއަދަށް ދާނދެން ދިވެހިބަސް މި އަންނަނީ ތަރައްޤީވެ ކުރިއަރަމުންނެވެ. މި ޖީލާ ހަމައަށް ދިވެހިބަސް އައިއިރު ދިވެހިބަހަކީ ހަރުދަނާ ހަމަތަކާތަކާއި އުޞޫލުތަކެއްގެ މަތީގައި ޤާއިމުވެފައިވާ ހަރުދަނާ ބަހެއްކަމުގައި ޤަބޫލުކުރެވެއެވެ. އެއީ ދިވެހި ކާބަފައިން ދިވެހިބަހަށް ދިން ޚާއްޞަ ސަމާލުކަމެއްގެ ސަބަބުންނެވެ. މިއަދާ ހަމަޔަށް ދިވެހި ބަސް ދެމިގެން މިއައީ ދިވެހިބަސް ޙިމާޔަތްތެރިކޮށް ކުރިއެރުވުމަށް ދިވެހިން ކުރި އިޚުލާޞްތެރި މަސައްކަތްތަކެއްގެ ސަބަބުން ކަމާމެދަކު ޝައްކެއް ނެތެވެ. ދިވެހިބަސް އެ ބަހުގެ ހަރުދަނާ ހަމަތަކާއި އުޞޫލުތަކުގެ މަތީގައި އަމާނާތްތެރިކަމާއެކު މި ޖީލާ ހަމަޔަށް ފޯރުކޮށްދިން ފަދައިން އަންނަން އޮތް ޖީލުތަކަށްވެސް އަމާނާތްތެރިކަމާއެކު މި ފޮނިފޮނި ދިވެހިބަސް ރައްދުކޮށްދިނުމަކީ މިއަދުގެ ޖީލުގެ މައްޗަށް އޮތް ވާޖިބެކެވެ.

ކަން އޮތީ މިހެން ކަމުގައި ވިޔަސް ދިވެހި ބަހާމެދު މި ޖީލުގެ ބައެއް ޒުވާނުން ފަރުވާވާކުޑަކޮށް އަޅައިނުލުމުގެ ނަތީޖާއެއްގެ ގޮތުން ބަހުގެ ބައެއް ހަމަތަކާއި އުޞޫލުތައް އޮޅުންބޮޅުންވާކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. މި ގޮތުގެމަތީން މިހާރަކަށް އައިސް "އިނގޭ" މި ލަފުޒުގެ މާނައާއި މަޤްޞަދު އޮޅުވައިލައިގެން ވާހަކަދައްކައި ލިޔެކިޔައި ހަދާކަން ވަރަށް ބޮޑަށް ފާހަކަކުރެވެއެވެ. އަދި މިކަން ވަރަށް ޢާއްމުވަމުންވެސް އެބަދެއެވެ. ދިވެހިބަހުން ހެދިފައި ހުރި މަދު ގަވާއިދު ފޮތްތަކާއި ބަސްފޮތްތަކުން "އިނގުން" ކިޔާ މަޞްދަރެއް ފެންނާކަށް ނެތެވެ. އަދި ކުރީގެ އެއްވެސް ލިޔުމަކުންވެސް މި ލަފުޒު ފެންނާކަށް ނެތެވެ. އޮންނަކީ "އެނގުން" މި މަޞްދަރެވެ. މި ލަފުޒުގެ މާނައަކީ ، ދޭހަވުން، ނުވަތަ، ވިސްނުން، ނުވަތަ މޭރުންވުން، ނުވަތަ ފަހުމްވުމެވެ. ބަސް ފޮތުގައި އޮންނާނީވެސް މި ފަދަ މާނަތަކެކެވެ. މި މަޞްދަރުން އުފެދޭ، ކަމުގެ އެކި ޒަމާންތަކަށް ބަދަލުވެގެންއަންނާނީ "އެނގޭ" "އެނގިއްޖެ" "އެނގޭނެ" "އެނގިދާނެ" "އެނގުނު" "އެނގުނީސް" "އެނގެނީ" މި ފަދަ ގޮތް ގޮތަށެވެ.

"އިނގޭ" މިއީވެސް ދިވެހި ބަހުގެ ލަފުޒެކެވެ. އެހެން ނަމަވެސް މިއީ މަޞްދަރެއް ނޫނެވެ. ދިވެހި ބަހުގައި މި ލަފުޒުގެ ދަރަޖައަކީ އަކުރެއްގެ މަޤާމެވެ. މި އަކުރު ދިވެހި ބަހުގައި ބޭނުންކުރެވެނީ މީހަކު ގާތު އެއްޗެއް ބުނެފައި އެ ބުނި އެއްޗެއްގެ މައްޗަށް ބާރު އެޅުމުގެ ގޮތުންނެވެ. ނުވަތަ ޔަގީންކޮށްދިނުމުގެ ގޮތުންނެވެ. މިސާލަކަށް:- އަންނާތި އިނގޭ! ދާނަން އިނގޭ! މިފަދަ ގޮތަކަށެވެ. މާތްކޮށް ނުވަތަ އެންމެ މާތްކޮށް ވާހަކަދައްކާއިރު މި ލަފުޒުގެ ފަހަތަށް ތޯ އިތުރުކޮށްލައިގެން "އިނގޭތޯ" އަށް ބަދަލުކޮށްލާނީ އެވެ.

މިކަން މިހެން އޮތް އިރު، މިހާރަށް އައިސް "އެނގުން" މި މަޞްދަރުން އުފެދޭ، ކަމުގެ އެކިއެކި ޒަމާންތަކުގެ ބަދަލުގައި "އިނގޭ" މިއަކުރު ބޭނުންކުރާކަން ފާހަކުރެވެއެވެ. އެއީ ކުށެކެވެ. ވަރަށް ބޮޑު ކުށެކެވެ. ދިވެހި ބަހުގެ މުއްސަނދި އުޞޫލުތަކަށް އުނިކަން އަންނާނޭ ކުށެކެވެ. އެނގުމުގެ މާނައިގައި "އިނގޭ"، "އިނގިއްޖެ"، "އިނގިދާނެ"، "އިނގޭނެ"، "އިނގުނީސް"، "އިނގުނު"، "އިނގެނީ" މި ގޮތްގޮތަށް، އަލިފުގައި އިބިފިލިޖަހައިގެން ބޭނުމެއް ނުކުރެވޭނެ އެވެ. އެއީ ދިވެހިބަހުގައި ހުންނަ ލަފުޒުތަކެއް ވެސް ނޫނެވެ. ކަމުގެ އެކި ޒަމާންތައް ބަހުގައި ބޭނުންކުރެވެނީ އެ ކަމެއް އުފެދިގެން އައި މަޞްދަރެއް (ކަން އުފެދުމުގެ އަޞްލު) އޮވެގެންނެވެ. ދޭހަވުން، ނުވަތަ، ވިސްނުން، ނުވަތަ މޭރުންވުން، ނުވަތަ ފަހުމްވުން ފަދަ މާނަ ދޭހަވާ ގޮތަށް ދިވެހިބަހުގައި އޮންނަނީ "އެނގުން" މި މަޞްދަރެވެ. ކުރިންވެސް ދަންނަވައިލެވުނު ފަދައިން މި މަޞްދަރު، ކަމުގެ އެކި ޒަމާންތަކަށް ބަދަލުވެގެން އަންނާނީ "އެނގޭ"، "އެނގިއްޖެ"، "އެނގިދާނެ"، "އެނގޭނެ"، "އެނގުނީސް"، "އެނގުނު"، "އެނގެނީ" މި ގޮތްގޮތަށް، އަލިފުގައި އެބެފިލި ޖަހައިގެންނެވެ. "އާނ" ބަސް ބުނުގެ ޖަވާބު ހޯދުމަށް ދިވެހި ބަހުގައި އޮންނަ އަކުރެއްކަމަށްވާ "އިނގޭ" މި އަކުރު "އެނގުމުގެ" މާނައިގައި ބޭނުންކުރުމަކީ ދިވެހިބަހުގެ އެއްވެސް ހަމަޔަކުން އަދި އެއްވެސް ގަވާއިދަކުން ކުރެވޭނެ ކަމެއް ނޫނެވެ.

ވީމާ މި ކުޑަކުޑަ ކުށް އިޞްލާޙުކޮށްލުމަށް ސަމާލުކަން ދީގެން ދިވެހިބަހަށް ޚިދުމަތެއްކުރުމަށް އަޅުގަނޑުމެން އެންމެންވެސް ނުވިސްނަންވީ ސަބަބެއް ނެތެވެ.
------------------------------------
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ރިފްޝާން, 2009-03-11 04:45:16
އާން މިހާރު އެނގިއްޖެ، އެކަމަކު ކުރިޔަކުން ނޭނގޭ!
...
ލިޔުނީ ހުސައިން, 2009-03-13 10:20:06
ވަރަށް ބޮޑު ތެދުފުޅެއް، އަޅުގަނޑުމެން އެންމެން އެއްބާރުލާފައި ހޭވައްލާ ކިޔާފައި އެއްނަރަށް ފޫގަޅައިގެން އެންމެން އެކުގައި ހިފަންވެއްޖެ ކަމެއް! ޝކުރިއްޔާ!
...
ލިޔުނީ ޝާއްކޮ, 2011-03-07 06:14:01
ވަރަށް ބޮޑު ތެދެއް!! މިކަމެއް ކުރިއަކު ނޭނގޭ!! އެކަމަކު މިހާރު އެނގިއްގެ!!!!! ޝުކުރިއްޔާ ޢަބްދުލް ޢަޒީޒް ޖަމާލް
އަބޫބަކުރު!!

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1839
extra avandia and congestive heart failure