މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ފޮތެއްގެ ތަޢާރަފު |
|
|
| ދިވެހި - މާދަރީބަސް | |||
| 09 އެޕރީލް 2009، 00:32 ބުރާސްފަތި | |||
ފަހުބަސް ޝަކިލާ ޙާމިދު މިފޮތަކީ ދިވެހި ބަހާބެހޭގޮތުން ފަތްތޫރައިގެ އެކިއެކި ޢަދަދު ތަކުގައި އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމް ލިޔުއްވާފައިވާ ކުރުމަޒުމޫނުތަކެއް އެކުލަވާލައި ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒުން ތައްޔާރު ކޮށްފައިވާ ފޮތެކެވެ. މިފޮތް ނެރުއްވާފައިވަނީ 11 ނޮވެމްބަރ 1989 ގައި މަލަސް 23 ވަނަ ޢަދަދުގެ ގޮތުގައެވެ. 72 ޞަފުޙާގެ މައްޗަށް އެކުލެވޭ މި ކުރުފޮތުގައި ދިވެހިބަހުން ތަފާތު ސުރުޚީތަކަށް ލިޔުއްވާފައިވާ 33 މަޒުމޫނު ހިމެނިފައިވެއެވެ. މަޒުމޫނުތަކުގެ ޢަދަދު ކިތައްމެ ގިނަކަމުގައިވިޔަސް ލިޔުންތެރިޔާ މިމަޒުމޫނުތައް ލިޔުއްވުމުގައި ވަރަށް މުހިއްމު ދެކަމަކަށް ސަމާލުކަން ދެއްވާފައިވާކަން ފޮތް އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމުން ފާހަގަވެއެވެ. އެއްކަމަކީ އަމިއްލަ މާދަރީބަހުގެ ލިޔުންތައް ކިޔާބެލުމަކީ ފޫހިކަންގެނުވާ، ބޮލަށްއުނދަގޫވާ، އަދި ކުރާހިތްނުވާ ކަމެއްކަމުގައި ދެކެމުންދާ މިޒަމާނުގެ ޅަކުދިންނަށް ވެސް މި ފޮތުގައިވާ މަޒުމޫނުތައް ދޭހަވާމިންވަރަށް ތިލަކޮށް ސިދާ ސާދާ ޢިބާރާތުން ލިއުއްވާފައިވާކަމެވެ. ދެވަނަކަމަކީ މިފޮތުގެ ކޮންމެ މަޒުމޫނެއް އެމަނިކުފާނު ލިޔުއްވާފައިވަނީ ކިޔުންތެރިޔާ އެމަޒުމޫނެއް ކިޔާހިތުން ކިޔަކިޔާ އިންދާ ނިމިގެންދާ ކަހަލަ ގޮތަކަށްކަމެވެ. މައުމޫނު ޢަބުދުލް ޤައްޔޫމް (1989) ލިޔުއްވާފައިވާ މިފޮތުގައި ދިވެހިބަސް ކުރިއަރުވާނެ ގޮތްތަކާއި ބަހުގެހަމަތަކާއި ޤަވާޢިދުތައް ވަރަށްރަނގަޅަށް އޮޅުންފިލުއްވައި ދެއްވައިފައިވެ އެވެ. އެގޮތުން ދިވެހިބަހުގައި ބޭނުންކުރާ ބޭރުބަސްބަހުގެ ލަފުޒުތައް ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަޔާއުސޫލުތަކާއި، މިފަހަކަށްއައިސް ދިވެހިބަސް ބޭނުންކުރުމުގައި ބައެއްފަރާތްތަކުން ބޭނުންކުރާ ބައެއްކުށް ގޮތްތަކުގެ އިސްލާޙުތައްވެސް އޮޅުންފިލުއްވައި ދެއްވައިފައިވެއެވެ. މީގެއިތުރުން މިފޮތުގައި ބައެއްކަހަލަ މަޢުލޫމާތުތަކާއި ކަންކަމުގެ ޙަޤީޤަތްތައްވެސް ވަރަށްރަނގަށް ހާމަކޮށްދެއްވައިފައިވެއެވެ. އެހެންކަމުން މިފޮތް ކިތައްމެ ކުޑަވެފައި އަތަށް ލުއިކަމުގައިވިޔަސް މިފޮތަކީ ފޮތުގެބޭނުން ކުރާފަރާތްތަކަށް ތަފާތުއެތައް އެތައް ބޭނުންތަކެއް ހިފިދާނެ މުހިންމު ފޮތެކެވެ. މިފޮތަކީ މަޒުމޫނު ލިޔަންދަސްކުރާ ދަރިވަރުންނަށާއި، ލިޔާމަޒުމޫނުގެ ފެންވަރު ހިފަހައްޓަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދޭނެ ފޮތެކެވެ. ސާފު ދިވެހި ބަހުގެ ފެންވަރުހުރި މަޒުމޫނުތަކެއް އެކުލެވިގެންވާ ލިޔުންތެރިކަމުގެ ފަންނުގައި ނަމޫނާ އެކެވެ. ހަމައެއާ އެކު ދިވެހިބަސް ކިޔަވައިދެއްވާ މުދައްރިސުންނަށް މިފޮތުގައިވާ މަޒުމޫނުތަކުގެ އެހީގައި މަޒުމޫނުގެ ޕެރެގްރާފުތައް ވަކިކުރާނެގޮތާއި، ޕެރެގްރާފުގައި ޖުމްލަތައް އަތުރާނެގޮތާއި، އެއްޕެރެގްރާފު އަނެއްޕެރެގްރާފާ ގުޅުވާނެ ގޮތުގެ ނަމޫނާވެސް ދަރިވަރުންނަށް ދައްކައިދެއްވި ދާނެއެވެ. ލިޔުންތެރިޔާ މިފޮތުގައި ހިމަނުއްވާފައިވާ ލިޔުންތައް އަމާޒުކުރައްވާފައި ވަނީ މިފަހަކަށް އައިސް ބަސް ބޭނުންކުރުމުގައި ބައެއްމީހުންނަށް އަރާފައިވާ އޮޅުންތައް ފިލުއްވައި ދެއްވުމަށާއި، ބޭނުންކުރާ ބައެއްލަފުޒުތައް ބޭނުންކުރާނެގޮތުގެ ރަނގަޅު ނުރަނގަޅު ބަޔާންކޮށް ދެއްވުމަށެވެ. އެގޮތުން މިފޮތުގެ މަޒުމޫނެއް ކަމުގައިވާ "ބަހުގައި ބޭނުންކުރެވޭ ބޭރު ލަފުޒުތައް" މިމަޒުމޫނުގައި މައުމޫނު ޢަބުދުލް ޤައްޔޫމް (1989) ވިދާޅުވަނީ "ނާރސްއިންގެ ޚިދުމަތް ހޯއްދެވުމުގެ ބަދަލުގައި ނަރުހުންގެ ޚިދުމަތް ހޯއްދެވުމާއި، ހޮސްޕިޓަލްއަށް ވަޑައިގަތުމުގެ ބަދަލުގައި ހަސްފަތާލަށް ވަޑައިގަތުން ކީއްތޯއެވެ؟" ރަނގަޅުގޮތާއި ނުރަނގަޅުގޮތް ހާމަކޮށްދެއްވާފައިވާގޮތް ކިހާފުރިހަމަތޯއެވެ. އެހެންކަމުން ދިވެހި ބަސް ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށާއި، ދިވެހިބަހުގެ އަދަބިއްޔާތަށް ލޯބިކުރައްވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި އަގުހުރި މަޢުލޫމާތުތަކަކާ އެހީތަކެއް މިފޮތުގެ އެހީގައި ލިބޭނެ ކަމާމެދު ޝައްކެއްނެވެ. އެހެންކަމުން ދިވެހި އަދަބުގެ އެއްރޮނގަށްވުރެ ގިނަރޮނގު ރޮނގުން ނުހަނު ޤާބިލު، ކުޅަދާނަ ބޭފުޅެއްކަމުގައިވާ އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމުގެ މި މުހިންމުފޮތަކީ ދިވެހި އަދަބީ ތަރިކައިގެ ޚާޒާނާގައިވާ އަގުހުރި ޖަވާހިރެއް ކަމުގައި ނޫނީ ދެންނެވޭކަށްނެތެވެ. ތެދު ޤަބޫލުކުރައްވާ ކޮންމެ ބޭފުޅަކު އަޅުގަނޑުގެ މިބުނުމަށް ތާއީދު ކުރައްވާނެކަން ކަށަވަރެވެ. މިއީ އެއްގޮތަކަށްވެސް ވަކިމީހަކަށް ތާއީދު ކުރުމުގެ ގޮތުން ދެއްކިވާހަކައެއްކަމުގައި ހީފުޅު ނުކުރެއްވުން އެދެމެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ ރިޝްފާން, 2009-04-11 17:03:44
''ފަހުބަސް'' އަޅުގަނޑު ވެސް ކިޔާލިން. ކޮންމެ މަޒުމޫނެއް އެތައް ފަހަރަކު ކިޔަންޖެހުނު. އެއީ ރީތިކަމުން. ސާދާކަމުން. ސްކޫލުދައުރުގައި މަޒުމޫނު ލިޔުމުން އަޅުގަނޑަށް ލިބުނު ކާމިޔާބުތަކުގައި އެފޮތުގެ ދައުރު ވަރަށްބޮޑު. އަޅުގަނޑަށް ވަރަށް މުހިންމު ފޮތެއްކަމުގައި އެފޮތްވި. އަދިވެސް އަޅުގަނޑަކަށް އެކަހަލަ އަދަބީ މަޒުމޫނުތަކެއް ނުފެނޭ. ވަރަށް ފުރިހަމަ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|