މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އިންސާފުވެރި ނަޒަރަކުން..... ފޮތަކަށް ފާޑު ކިޔުން |
|
|
| ދިވެހި - މާދަރީބަސް | |||
| 31 މެއި 2009، 00:34 އާދީއްތަ | |||
|
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު- ލ. މާވަށް މިއަދު އަޅުގަނޑު ލިޔާ ހިތް އޮތީ މުޅިން އެހެން މައުޟޫޢަކަށެވެ. މުޞައްނިފެއްގެ ތަޞްނީފަކަށް އަދަބީގޮތުން ފާޑެއް ކިޔައިލެވޭތޯއެވެ. އެއީ އަލްފާޟިލު ބާބާގޭ ދޮންމަނިކު ލިޔުއްވައި، ދިވެހިބަހާއި ތާރީޚާށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1993 ވަނަ އަހަރު ޝާއިޢުކުރައްވައިފައިވާ "ދިވެހި އާދަކާދަ" މި ފޮތުގެ މައްޗަށެވެ. 206 ޞަފުޙާގެ މައްޗަށް އެކުލެވޭ މި ފޮތް ޗާޕުކުރިތަނެއް ފޮތުން އެނގޭކަށްނެތެވެ."ދިވެހި އާދަކާދަ" އަކީ ދިވެހި ޝާހީ އާދަތައް، ޚާއްޞަކޮށް ރަސްކަމުގެ ރަސްމީ އާދަކާދަތަކާއި ރަސްމީ ޢިއްޒަތުގެ ރަސްމިއްޔާތާ ގުޅޭ އެކިއެކި ކަންކަން މި ޖީލުގެ މީހުންނަށް އަންގައި އޮޅުންފިލުވައިދެއްވުމަށް އަލްފާޟިލު ބާބާގޭ ދޮންމަނިކު ލިޔުއްވައިފައިވާ ވަރަށް މުހިއްމު ފޮތެކެވެ. ބާބާގޭ ދޮންމަނިކަކީ މިފަދަ ބައެއް ރަސްމީ އާދަކާދަތަކާއި ރަސްމީ ޢިއްޒަތުގެ ރަސްމިއްޔާތުތަކުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން އެކަންކަން ތަޖްރިބާކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މި ފަދަ ބޭފުޅެއްގެ އަމިއްލަ ފުޅު ތަޖްރިބާގެ އަލީގައި މި ފަދަ ފޮތެއް ތަޞްނީފުކުރެއްވި ކަމީ މި ފޮތުގެ އިތުބާރު ބޮޑުވި އެއް ސަބަބެވެ. މި ފޮތުގައި ރަސްމީ ބައެއް އާދަކާދަތަކުގެ ވަރަށް ގިނަ ތަފްޞީލުތައްވެސް ދެއްވައިފައި އެބަހުއްޓެވެ. އަދި ތާރީޚީ ގިނަ ފޮޓޯތައް ވެސް ފޮތުގައި ވަނީ ހިމަނުއްވައިފައެވެ. އެކިއެކި ރަސްމިއްޔާތުތަކަށް ރަދުން ވަޑައިގަންނަވާއިރު ތުރުކުރައްވާ ހެދުންކޮޅުތަކާއި ގެންދަވާ ސާމާނުގެ ނަންތަކަށް ދާންދެން މި ފޮތުގައި ވަނީ ބަޔާންކުރައްވައިފައެވެ. އަދި ޝާހީ އެކިއެކި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ބޮޑުންނާއި އެފަދަ ޢިއްޒަތްތެރީންނަށް އެކި މުނާސަބަތާ ގުޅުވައިގެން ދައުލަތުން އަރުވާ ވެދުންތަކާއި ރަސްމީ ބޮޑެތި ޖާފަތްތަކުގެ ތަފްޞީލުތައްވެސް މި ފޮތުގައިވެއެވެ. މި ފޮތުގައި ޖުމުލަ 206 ޞަފުޙާ އެކުލެވިފައި ވިޔަސް ބާބުތަކަކަށް ފޮތް ބައިކުރެވިފައެއް ނެތެވެ. އެކަމަކު ވަރަށް ގިނަ ސުރުޚީތަކަކާއި އަރިމަތީ ސުރުޚީތައް އެބަހުއްޓެވެ. ފަސްދޮޅަހަށްވުރެ ގިނަ ސުރުޚީތައާއި އެޔަށްވުރެ ގިނަ އަރިމަތީ ސުރުޚީތައް ހިމަނައފައިވާ މި ފޮތުގައި ތާވަލުތަކާއި( (table ހޫލަތަކެއް (diagrams) ނެތެވެ. ނަމަވެސް ވަރަށް މުހިއްމު ތާރީޚީ ފޮޓޯތަކާއި ބައެއް މަންޒަރުތަކާއި ލިސްޓުތައް ފޮތުގައި ހިމަނުއްވައިފައިވެއެވެ. އެހެންނަމަވެސް ވަރަށް މުހިއްމު ކަމަށް ބެލެވޭ ތާރީޚީ ފޮޓޯތަކާއި މަންޒަރުތަކާއި ބައެއް ކަހަލަ ލިސްޓްތައް ފޮތުގައި ހިމަނުއްވައިފައިވާކަން ފާހަގަކޮށްލަމެވެ. މި ފޮތަކީ ދިވެހި ޝާހީ އާދަކާދަތަކުގެ މަޢުލޫމާތު ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވައިފައިވާ ފޮތެކެވެ. މަޢުލޫމާތުގެ ގޮތުންނާއި މަސައްކަތުގެ ގޮތުން ބަލާއިރު މިއީ މުހިއްމު މަސައްކަތްޕުޅެއްކަމުގައި ދެކެމެވެ. ނަމަވެސް މިފޮތަކީ މި މައުޟޫޢުގައި އެހާ ފުރިހަމަ ފޮތެއް ކަމުގައި ދެންނެވޭކަށް ނެތެވެ. ފޮތުގެ ނަމަކަށް "ދިވެހި އާދަކާދަ" ބޭނުންފުޅުކުރައްވައިފައިވާ އިރު، މި ފޮތުން ދިވެހީންގެ އާދަކާދަތައް ދައްކަވައިދެއްވައިފައެއް ނެތެވެ. ދިވެހީންނަކީ ވަރަށް މުއްސަދި އާދަކާދަތަކާއި ރީތި ސަގާފަތެއް އޮތް ބައެއް ކަމަށް ވާއިރު، އެބައި ވަނީ މުޅިންހެން އިހުމާލުކޮށްލައްވައިފައެވެ. އެޔާ ޚިލާފަށް މި ފޮތުގައި މުޅިންވެސް ފެންނަން ހުރީ ޝާހީ ރަސްމިއްޔާޓުތަކުގެ ތަފްޞީލުތަކެވެ. ރަސްކަމުގެ ކަންތައްތަކެވެ. ޝާހީ އާދަކާދަތަކެވެ. މި ނޫން ކަމެއް ފަހަރުގައި ހިމަނުއްވައިފައި ވިޔަސް އެކަމެއް ގެންނަވައިފައި އޮތީ އެކަމަކާ، ރަސްކަމުގެ އާދަކާދަތައް ގުޅޭ ހސާބު ދެއްކެވުމަށްޓަކައެވެ. އަނެއްކޮޅުން ބަލާއިރު މި ފޮތުގައި އެކި ބައިތައް އިންތިޒާމުކޮށް ތަރުތީބުކުރައްވައިފައިވަނީ މާފަސޭހަ ގޮތަކަށް ނޫނެވެ. އަދި ބައެއް ވާހަކަތައް މާ ތަފްޞީލުކޮށް ހާމަކުރައްވައިފައިވާއިރު، ކުރުކުރު އެންމެ ޖުމުލައަކުން ނުވަތަ ކުރު ޕެރެގްރާފަކުންވެސް ބައެއް ސުރުޚީތަކަށް އިންސާފުކުރައްވައިފައި އެބަހުއްޓެވެ. ފޮތުގައިވާ ގިނަ މަޢުލޫމާތުތަކަކީ ތެދު ޙަޤީޤަތްކަމާމެދު ޝައްކުކުރާނެ ތަނެއް ނެތެވެ. ބައެއް ހެކިތައް މިހާރުވެސް ފެންނަން ހުރުމުގެ އިތުރުން ފޮތުގެ މުޞައްނިފަކީ މިކަންކަން އަމިއްލަފުޅަށް ތަޖްރިބާކުރައްވައިފައިވާ ބޭފުޅަކަށް ވުމީ މި ފޮތުގެ އިތުބާރު ބޮޑުވެގެންދާ ސަބަބެކެވެ. މިކަންކަން މިހެން ހުރުމާއެކު މި ފޮތަކީ ދިވެހި ތާރީޚާ ސަގާފަތަށް ލޯބިކުރައްވާ ބޭފުޅުންނަށް ވަރަށް މުހިއްމު ބޭނުންތެރި ފޮތެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަދި މިއީ އިތުބާރުކުރުން އެކަށީގެންވާ ފޮތެއް ކަމަށް ވެސް އަޅުގަނޑު ގަބޫލުކުރަމެވެ. މި ފޮތަކީ ބޭނުންތެރި މުހިއްމު ފޮތެއް ނަމަވެސް މި ފޮތް އިތުރަށް ފުރިހަމަކުރެވިދާނެ ގޮތްތަކެއް ވެސް އެބަހުއްޓެވެ. ފުރަތަމަ ފޮތުގެ ނަން އަލުން މުރާޖަޢާކޮށްލެއްވިދާނެއެވެ. ފޮތުގައި މިހާރު ހުރި މަޢުލޫމާތުތަކުގެ މައްޗަށް އެކަނި ބަރޯސާކުރާނަމަ ފޮތުގެ ނަން އެޔާ ގުޅުން ހުރި ގޮތަކަށް ބަދަލުކޮށްލުން ރަނގަޅެވެ. މިސާލަކަށް އަންނަނިވި ކޮންމެވެސް އެއް ނަމެއް ޚިޔާރުކުރެއްވިދާނެއެވެ. ދިވެހި ސިންގާސަނާގެ މޫރިތި އާދަކާދަ ދިވެހި ރަސްކަމުގެ އާދަކާދަ ދިވެހި ޝާހީ އާދަކާދަ ރަސްކަމުގެ ރަސްމީ އަދި ޝާހީ އާދަކާދަ މި ދަންނަވައިލެވުނީ ހަމަ އެކަނި ޚިޔާލެކެވެ. މި ނޫނަސް މަޢުލޫމާތާ ގުޅޭ މިފަދަ އެހެން ނަމެއް ޚިޔާރު ކުރެއްވިދާނެއެވެ. ފޮތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައްވެސް ދަންނަވައިލާނަމެވެ. ފޮތުގައިވާ މަޢުލޫމާތުތައް ވަކި އިންތިޒާމެއްގެ މަތީން ތަރުތީބުކުރެވިދާނެއެވެ. މިގޮތަށް ތަރުތީބުކުރުމަށް ފަހު ބާބުތަކަކަށް ބަހައިލެވިދާނެ އެވެ. އަދި ހުރިހައި ބާބުތަކެއްވެސް ދިގު/ ކުރުމިނުގެ ގޮތުން މާ ތަފާތު ބޮޑު ނޫން ގޮތަކަށް ހަމަޖައްސައިލެވިދާނެއެވެ. ވަކި ބާބެއް މަޢުލޫމާތުގެ ގޮތުން މާ ދިގުވާނަމަ ދެ ބަޔަކަށް ބައިކޮށްލައި (ހ) (ށ) އަށް ބަހައިލެވިދާނެއެވެ. ސުރުޚީތައް ނުވަތަ ބާބުތަކުގެ ނަންތައް ދެއްވާއިރު ކުދިކުދި ތަފްޞީލުތަކުގެ ވަކިވަކިބައިތައް އެއީ ސުރުޚީއެއް ކަމުގައި ހެއްދެވުން ރަނގަޅެއް ނޫނެވެ. މި ބައިތައް އަންނަން ޖެހޭނީ އެކަމާ ބެހޭ ބާބެއްގައި އެކަމާ ބެހޭ ސުރުޚީއެއްގެ ދަށުގައެވެ. ފޮތުގެ ފަހުބައިގައި ގްލޮސަރީއެއް އޮތުން މުހިއްމެވެ. އެއީ ފޮތުގެ މައުޟޫޢުގެ ގޮތުންވެސް މުހިއްމު އެއްޗެކެވެ. އަދި މި ފޮތް ފުރިހަމަ ފޮތަކަށް ހެދުމަށް ޓަކައި ލޭއައުޓާއި ޑިޒައިނަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާންޖެހެއެވެ. ފޮތަކީ މީހުންގެ ޝައުޤުވެރިކަން ދަމައިގަންނަ ފަދަ ފޮތަކަށް ހެދުމަށްޓަކައި އިތުރު އިލަސްޓްރޭޝަންސް ވެސް ފޮތުގައި ހިމެނުން މުހިއްމު ކަމުގައި ދެކެވެ. މި ފޮތުގެ ސުރުޚީތަކާއި ފޮންޓްގެ ބާވަތާއި ފޮންޓް ސައިޒުވެސް އިޞްލާޙުކުރެއްވިދާނެއެވެ. މައި ސުރުޚީތައް ފޮންޓް ސައިޒު 18 އަށް ބެހެއްޓުމާއެކު އަރިމަތީ ސުރުޚީތައް 16 ކަމުގައި ހަމަޖެއްސިދާނެއެވެ. ލިޔާ ފޮންޓަކީ ފަރުމާ ޓްރޫޓައިޕް ކަމުގައި ވާނަމަ ފޮންޓް ސައިޒް 13 ރަނގަޅުވާނެއެވެ. އަލްފާޟިލު ބާބާގޭ ދޮންމަނިކު ލިޔުއްވައިފައިވާ "ދިވެހިއާދަކާދަ" އަކީ ތަޢުރީފު ޙައްޤު ފުރިހަމަ މަސައްކަތެކެވެ. ފޮތަށް "ދިވެހި އާދަކާދަ"އޭ ވިދާޅުވެފައި ވިޔަސް އެ ނަމުން އޭނާ ގަސްތުކުރައްވަނީ ރަސްކަމުގެ އާދަކާދަތައް އޮޅުންފިލުވައިދެއްވުންކަން ފޮތް ކިޔައިލުމުން ދޭހަވެއެވެ. މިއީ އޭނާގެ ގަސްތު ކަމަށް ވާނަމަ މި މަޤްޞަދު ކިތަންމެހާވެސް ރަނގަޅަށް ވަނީ ޙާޞިލުވެފައެވެ. މިއީ ދިވެހިބަހުން ލިޔުނު މިބާވަތުގެ ފުރަތަމަ ފޮތްވެސްމެއެވެ. އެހެންވީމާ ކިޔަވާ ކުދީންނަށާއި މުދައްރިސުންނަށް އަދި ދިވެހި ތާރީޚާއި ސަގާފަތަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް މި ފޮތަކީ ވަރަށް މުހިއްމު ފޮތެއް ކަމުގައި ދަންނަވަމެވެ. އަޅުގަނޑު އުންމީދު ކުރަނީ މިޔަށް ވުރެ ފުރިހަމަ އެހެން ފޮތްތަކެއް މި މައުޟޫޢުގައި މާލަސްތަކެއް ނުވެ ވުޖޫދަށް އަންނާނެ ކަމުގައެވެ. ޙަވާލާ: ބާބާގޭ ދޮންމަނިކު (1993). ދިވެހި އާދަކާދަ މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
|
| ހަމަ މި ގަލަމުން |
|---|