މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އައިބައިފިލި: |
|
|
| ދިވެހި - މާދަރީބަސް | |||
| 23 ޖޫން 2009، 01:19 އަންގާރަ | |||
އައިބައިފިލި: މީހުން ސަމާލުކަން ނުދޭ ބޮޑު މައްސަލައެއްޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު - މާވަށް ބަހަކީ ބަދަލުވާ އެއްޗެކެވެ. ބަދަލުވާންޖެހޭ ވެސް އެއްޗެކެވެ. އެކަމަކު އޭގެ މާނައަކީ ބަހުގައި ހުންނަ ހަރުދަނާ ހަމަތަކާއި އުޞޫލުތައް ދޫކޮށްލުމެއް ނޫނެވެ. ބަހުގައި ހުރި މުއްސަނދިކަމުގެ ތެރެއިން ބައެއް އުނިކޮށްލުމެއް ވެސް ނޫނެވެ. ބަހަށް އަންނަންޖެހޭނީ ހެޔޮ ރަނގަޅު ބަދަލެވެ. ގެންނަންޖެހޭނީ މިފަދަ ބަދަލެވެ. އިޞްލާހަކީ ރަނގަޅު ހެޔޮ ބަދަލަށް ކިޔާ ނަމެކެވެ. ތަރައްޤީއަކީ ވެސް މިއީއެވެ.ކަންހުރީ މިހެންކަމުގައި ވިޔަސް ލިޔާ މީހުންގެ ފަރުވާ ކުޑަކަމުގެ ސަބަބުން ނުވަތަ ކަމުގެ ކުޑަބޮޑުމިން އިޙުސާސް ނުކުރެވުމުގެ ސަބަބުން އަދި/ނުވަތަ ނޭނގުމުގެ ސަބަބުން ދިވެހިބަހުގައި ހުރި މުއްސަނދި ބައެއް އުޞޫލުތައް އޮޔާދާތަން އެބަ ފެނެއެވެ. މިފަދަ މަންޒަރުތައް ފެނުމަކީ ދިވެހިބަސް ދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ހިތަށް ކުޅަދާނަވާވަރުގެ ކަމަކަށް ނުވެއެވެ. މި ދެންނެވިފަދަ އެއް ކަމަކީ އައިބައިފިލީގެ ހަމަތަކެވެ. ދުވަހު ނޫސްތަކާއި މަޖައްލަތަކަށް ބަލައިލެވޭ ކޮންމެ ވަގުތަކު އަޅުގަނޑަށް ފާހަގަކުރެވެނީ ގިނަ މީހުން އައިބައިފިއްޔާމެދު އިހުމާލުވެފައި ވާތަނެވެ. ނުވަތަ އައިބައިފިލީގެ ހަމަތައް ނޭނގޭ ކަމެވެ. މިއީ ކުޑަކުޑަ ކަމެކޭ ހީވިޔަސް މިއީ ހަމަ ވަރަށް ބޮޑު ކަމެކެވެ. އައިބައިފިއްޔަކީ އަބަފިއްޔަކާއި އަލިފު އިބިފިއްޔަކާ ގުޅިގެން އުފެދޭ ފިއްޔެކެވެ. އެ ގޮތަށް އެ ފިލި އުފެދުމުން އެ ފިލި ކިޔަން ޖެހޭނީ ވަކިވަކި ދެ ފިލީގެ ގޮތުގައެއް ނޫނެވެ. އެ ދެ ފިލި އެކުވެގެން އުފެދޭ މުޅިން އާ ފިއްޔެއްގެ ގޮތުގައެވެ. އެއީ ބަހުގެ ގޮތުން ބަލާއިރު ޑިފްތޮންގެކެވެ. ބަސްވާރުން ވިދާޅުވާ ގޮތުގައި ޑިފްތޮންގަކީ ވާހަކަދެއްކުމުގައި ބޭނުންކުރާ ވަކިއަޑެއްގައި ބާރުލާންޖެހޭ ތަނެއް (ސިލަބަލް) ވަކި ފިއްޔަކުން ފަށައިގެން މަޑުމަޑުން އަނެއް ފިއްޔަކަށް ބަދަލުވެ އެކުއެކުގައި ކިޔުމެވެ. މީހުންނަށް އައިބައިފިލި ދޫކޮށްލެވެނީވެސް މި ޙަޤީޤަތް ޤަބޫލު ނުކުރެވޭތީއެވެ. އައިބައިފިލީގެ ހަމަތަކާއި ގަވާއިދުތައް ކުރީގެ މަޒުމޫނެއްގައި ވަރަށް ތަފްޞީލުކޮށް (ފަންވަތުގައިވެސް) ބަޔާންކޮށްފައި ވާނެތީ އެބައިދޫކޮށްލީއެވެ. މިފަހަރު އަޅުގަނޑު ގަސްތުކުރަނީ ނޫހަކުން ފެނުން ދެ ޢިބާރާތެއްގައި އައިބައިފިލީގެ ބަދަލުގައި އާބާފިލި ބޭނުންކުރުމުން އަންނަ ބަދަލުގެ ވާހަކަދައްކައިލުމަށެވެ. "..... ނަގޫ ރޯޅިއެއް އަރާ 16 ގެޔަކަށް ބޮޑެތި ގެއްލުންތަކެއް {ވެއްޖެ}" މި ޢިބާރާތުގައި ދަށުރޮނގު ދަމައިފައި އެވަނީ ކުށް ގޮތެވެ. މިއީ އައިބައިފިލި އޮންނަންޖެހޭ ތަނެކެވެ. އެ "ރާ" ގައި އާބާފިލި އޮތުމުން "ނަގޫރޯޅިއެއް އަރާ" މި ޖުމުލަބުރި (ފްރޭޒް) ޖުމުލައިގައި އެ އަދާކޮށްދެނީ ޖެހިގެން އޮތް "16 ގެޔަކަށް" އިތުރު ސިފައެއް ގެނެސްދޭ ނަންއިތުރެއްގެ ވާޖިބެވެ. އޭރުން އެ ވާ ގޮތަކީ އެ 16 ގެޔަކީ ނަގޫރޯޅި އަރާ 16 ގެޔަށް ބަދަލުވަނީއެވެ. ނަމަވެސް ލިޔުންތެރިޔާގެ މަޤުޞަދަކީ ނަގޫރޯޅިއެއް އެރުމުގެ ސަބަބުން ވީ ކަމެއްގެ ވާހަކަ ބުނުމެވެ. މި ފަދަ ޙާލަތްތަކުގައި އެ ފްރޭޒް ވީ ކަމެއްގެ ގޮތުގައި އޮންނާނީ އެ "ރާ" ގައި އައިބައިފިލި ޖަހައި ގެންނެވެ. ދިވެހިބަހުގެ މައިގަނޑު އަށް ބައިގެތެރެއިން "ކަމެއް"ގެ މަގާމުގައި އެ "ކަން" އޮންނާނީ އޭރުންނެވެ. އާބާފިލި ޖެހުމުން ބަދަލުވަނީ "ވާކަމަކުން" އުފައްދައިފައިވާ ނަންއިތުރަކަށެވެ. ވީމާ ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތައް ނިޔާކުރާ ގޮތުން، އަދި މަންޠިޤީ ހަމަތަކުންވެސް އެ ފްރޭޒް އޮންނަންޖެހޭނެ ރަނގަޅު ގޮތަކީ "..... ނަގޫރޯޅިއެއް އަރައި، 16 ގެޔަކަށް ބޮޑެތިގެއްލުންތަކެއް" މިއީއެވެ. މި ދެންނެވި ނޫހުގެ އެ ޢަދަދުގެ 6 ވަނަ ޞަފުޙާގެ ފަލަ ސުރުޚީގައި އޮތް "... ބިލްތައް ކޮށާމެށޭނީ...." މި ޢިބާރާތުގައިވެސް އަޅުގަނޑު ދަށު ރޮނގަކުން ފާހަގަކޮށްފައި އެވާ އަކުރުގައި (ށަވިޔަނީގައި) އާބާފިލި ޖަހައިފައި އެވަނީ ކުށުންނެވެ. ރަނގަޅުގޮތަކީ "... ކޮށައި މެށޭނީ..." މިއެވެ. އެހެނީ އައިބައިފިލީގެ ހަމަތަކަށް ބަލާއިރު ކަންކުރިފަރާތް އެއްގޮތްވުމާއެކު އެއް ކަން އަނެއް ކަމާ ގުޅުވުމަށްޓަކައި ޖަހަން ޖެހޭނީ އައިބައިފިއްޔެވެ. އަނެއް ހަމަޔަކުން ބަލާއިރު "ކޮށާމެށޭނީ" އާބާފިއްޔަށް ނިމޭ މިފަދަ ލަފުޒުތައް ނަފީކުރުމަށްޓަކައި އެކަހެރިކުރާނަމަ ފިއްޔަށް ބަދަލެއް ނުގެނެވޭނެއެވެ. އޭރުން ކިޔަން އަދިލިޔަން ޖެހޭނީ "ކޮށާއެއް ނުމެށޭނެ" މިހެންނެވެ. ނަމަވެސް މިއީ އަޅުގަނޑުމެން ލިޔެ ކިޔައި އުޅޭ ގޮތެއް ނޫނެވެ. ކިޔައި ޔުޅެނީ އަދި ލިޔެ އުޅެނީވެސް "ކޮށައެއް ނުމެށޭނެ" އެވެ. މިއީ އެ ށަވިޔަނީގައި ޖަހަންޖެހޭނީ އައިބައިބިލިކަން ސާބިތުވާ އަނެއް ނުކުތާއެވެ އަޅުގަނޑު ހަމައެކަނި މި ދެ މިސާލު ދަންނަވައިލުމަށް ފަހު ނިންމާލާނަމެވެ. މަޤުޞަދަކީ ކިތަންމެ މޮޅު ލިޔުންތެރިޔެއް ނަމަވެސް ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުޞޫލުތަކަށް ތަބާވުން މުހިއްމޭ ދަންނަވައިލުމެވެ. ދިވެހިބަހަކީ އަޅުގަނޑުމެން ދިވެހީންގެ ފަޚުރުކަމުގައި ވާހިނދު، މި ފަޚުރު ތަރައްޤީކޮށް ދެމެހެއްޓޭނީ މިފަދަކަންކަމާމެދު އެންމެން ފިކުރު ހިންގައިގެންނެވެ. "ޚިދުމަތް ކުރުން ބަހަށް މީ ދެ އަޚެއްގެ ވާޖިބެއްނޫން އެދުނަސް ދެމީހަކަށް މީ ކުރެވޭވަރުގެ ކަމެއް ނޫން" މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ Shameem, 2009-06-23 19:11:07
އައިބައިބިލީގެ މުހިންމުކަން ތިހާ ބޮޑުކަމެއް އަދ އެއީ ދިވެހިބަހުގައި އެހާ މަތިވެރި މަޤާމެއް ދެވޭ ފިއްޔެއް ކަމެއް އަޅުގަނޑުގެ ސަމާލުކަމަކަށްވެސް ކުރިޔަކުން ނާދެއެވެ. ނަމަވެސް ޖަމާލުގެ ތިޔަ ލިޔުމުން ވަރަށް ރަނގަޅަށް އެކަން ސާފުވެއްޖެއެވެ. ދިވެހި ބަހަށް ތިޔަ ކުރައްވާ މަތިވެރި ޚިދުމަތް ގެއްލެނި ނުކުރައްވާށިއެވެ!
...
ލިޔުނީ Maimoona, 2009-06-24 01:19:23
އައިބައިފިލީގެ މައްސަލައިގައި ޢަބްދުލްޢަޒީޒު ހާދަ ގިނައިން އެބަ ލިޔުއްވަމުއެވެ. އަދިވެސް މީހުން މިކަމަށް އެހާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އައިބައިފިލީގެ ހަމަތަކާއި އުޞޫލުތަކާ ބެހޭ ތަފްޞީލު ލިޔުމެއް ދުވައު ނޫސްތަކަށް، ފަންވަތް މެދުވެރިކޮށްގެން ނަމަވެސް ފޮނުއްވުން ކީއްތޯއެވެ؟ މިހެން މި ދެންނެވީ މި ފިލީގެ މުހިއްމުކަން އަޅުގަނޑަށްވެސް މި ވިސްނުނީ އަދި ކިރިޔާ ކަމަށް ވާތީއެވެ. ފަންވަތުގެ ޓީމުން ދިވެހިބަހަށް ތިޔަކުރައްވާ ޚިދުމަތަށް ހަމަ ސާބަހެވެ. މުދައްރިސެއް
...
ލިޔުނީ ނަސްރުﷲ ޖަމީލު, 2009-06-25 03:16:58
ރަނގަޅު ލިޔުމެކެވެ. އަދި މި ސައިޓަށް ލިޔުއްވަނީވެސް ރަނގަޅު ބޭފުޅުންތަކެއް ކަމަށް ގަބޫލުކުރަމެވެ. ނަމަވެސް ބަހުގެ ހަމަތަކާ، ގަވައިދުތަކުގެ ވާހަކަ ތަކުރާރުކޮށް ސައިޓުގައި ލިޔެވޭއިރު އެއިން ފައިދާ ވަނީ ކިޔާ މިންވަރަކަށް ބާއެވެ. އިސްލާހުކުރުމުގެ މަސައްކަތް ފެށުމަށް އެންމެ އައުލާކަން ބޮޑު ހިސާބަކީ ތިމާއާ އެންމެ ގާތެވެ. ތިމާ ކުރާ މަސައްކަތްތަކެވެ. މިގޮތުން މިސައިޓަށް ބަލާލާއިރު އަޅައިގަންނަ އެއް ކަމަކީ "ސައިޓުގައި ތިބި މީހުންގެ އަދަދު" ބުނެދޭ ތަންކޮޅެވެ. އެތަނުގައި ލިޔެފައިއެވަނީ "ސައިޓުގަ" މި ގޮތަށެވެ. ނަމަވެސް ބަހުގެ ހަމަތަކުން އެތަނުގައި އިންނަން ޖެހޭނީ "ސައިޓުގައި" ނޫން ބާއެވެ. އަޅުގަނޑަކީ ބަހުގެ އިލުމްވެރިއެއް ނޫންކަމުން އަޅުގަނޑުގެ ހިތުގައި އުފެދޭނީ ސުވާލުތާއެވެ. ޖަވާބު ހުންނާނީ ތިޔަ ބޭފުޅުންގެ ސިކުނޑިތަކުގައެވެ.
...
ލިޔުނީ އަޒީ, 2009-06-27 02:12:07
ނަޞްރުﷲ އަށް ޝުކުރު ދަންނަވަމެވެ. ތިޔަ ވިދާޅުވިހެން "ގަ" ކިޔާ އަކުރެއް ދިވެހިބަހުގައި ބޭނުންކޮށެއް ނޫޅެއެވެ. މި ފަދަ ލިޔުންތަކުގެ އަސަރު ބޮޑަށް ފޯރާނެ ކަމަށް މި އުންމީދުކުރަނީ މުދައްރިސުން މެދުވެރިވެވަޑައިގެން ދަރިވަރުންނަށެވެ. ފަންވަތުގައި އޮތް ("އިން" އެއް ނޫން "އޮތް") ތިޔަ ފާހަގަކުރެއްވި ކުށް ފަންވަތުގެ ހިންގުންތެރިން އިޞްލާޙުކުރައްވާނެ ކަމަށް އުންމީދުކުރަމެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|