މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ދެނެއް ދިވެހިރާއްޖެޔެއް ނޯންނާނެ ޔޯ! |
|
|
| ދިވެހި - މާދަރީބަސް | |||
| 26 ޖޫން 2009، 12:11 ހުކުރު | |||
|
ޅޮހީ ޢަބްދުއްރަހީމް / މަނަދޫގެ އަޅުގަނޑުމެން ވަރަށް ގިނައިން ޢާންމުކޮށް އަޑުއަހާ އުޅޭ ޖުމްލައެކެވެ. އަދި އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ވަރުގަދައަށް އެކި ފަންތި ތަކުގައި އެކި ހައިސިއްޔަތުން ދެކެވޭވެސް ވާހަކައެއްމެއެވެ. މިހުރިހާ ކަމަކާއެކު އިއްޒަތްތެރި ކިޔުންތެރިންނަށް އަޅުގަނޑުވެސް އަރުވަން އޮތް ހިތާމަވެރި ޚަބަރަކީ މިއީއެވެ. މީގެ ސަތޭކަ އަހަރުފަހުން ނުވަތަ އެޔަށްވުރެވެސް އަވަހަށް އަޅުގަނޑުމެންގެ ދިވެހިރާއްޖެ ނެތިގެން ހިނގައިދާނެއެވެ. އެކަމަކު ކަނޑުގެ ލޮނުގަނޑު އުސްވާތީއެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެން އަމިއްލަޔަށް ކަނޑުގެ ލޮނު ގަނޑަށް ގެނބެމުން ދާތީއެވެ. މި ދަންނަވާ ލޮނުގަނޑު އަޅުގަނޑުމެންގެ ލޮލަކަށް ނުފެނެއެވެ. ނަމަވެސް އެ ލޮނުގަނޑުގައި އަޅުގަނޑުމެންގެ ސިކުނޑިތައް ހައްޔަރުވުމުން އެ ސިކުނޑިން ވެސް ނުކުންނާނީ ލޮނުބުރައިފައިވާ، ލޮނުރަހަލާ ފުރެއްދެ އެއްޗެއްސެވެ. މިބުނާ ފުރެއްދެ އެއްޗެހި އަޅުގަނޑުމެންގެ ތެރޭގައި ކިތަންމެ ސިފަ ސިފަޔެއްގައި ބޭނުން ކުރެވެމުން އެބަދެއެވެ. ކުރިޔަށް ވަޑައިގަންނަވާށެވެ. މިދިޔަ ހަފުތާގައި އަޅުގަނޑުގެ ރަޙުމަތްތެރިޔަކު ވަޒީފާހޯދުމަށް ބަސްދީގަތުމެއް ދިނުމަށް ދިޔައެވެ. ވަޒީފާގެ ބަސްދީގަތުމުގައި ވަރަށްގިނަ ސުވާލު ކުރައްވާފައި ފޮނުވާލައްވައިފިއެވެ. މިބަސްދީގަތުން ކުރިޔަށް ގެންދެވުނީ ކޮން ބަހަކުން ކަން އެނގިވަޑައިގަންނަވާތޯ ތިޔަބޭފުޅުންގެ ކުރެން އެހުމުގެ ބޭނުމެއް ނެތެވެ. އެއީ އެންމެންވެސް ދަންނަ ކަމަކަށް ވާތީއެވެ. ''މައް އިނގިރޭސި " ބަހުންނެވެ. އަޅުގަނޑުމެންގެ ޤައުމުގައި އަޅުގަނޑުމެންގެ އަމިއްލަބަހުން ނަމެއް ކިޔޭ ޤައުމީ ޓީވީއެއް ނުހުންނަ ކަން އެނގިވަޑައިގަންނަވަނީ ކިތައްބޭފުޅުންނަށްތޯއެވެ؟ ހުންނަނީ ޓެލެވިޜަން މޯލްޑިވުސް އެވެ. އެކަމަކު ދިވެހިރާއްޖޭގައި ދިވެހިރޭޑިޔޯއެއް ހުރެއެވެ. " ދިވެހިރާއްޖޭގެ އަޑު" ން ފޮނުވާ ނަލަ ނަލަ ދިވެހި އަޑުތައް ދިވެހިރާއްޖޭގެ މުޅި ޖައްވު ފަޅުފިލުވާ ނުދޭތޯއެވެ. މީގެތެރޭން ވެސް އަޅުގަނޑުމެން އެންމެ ހައިރާންވެ އަންތަރީސްވާން ޖެހޭ ކަމަކީ އަޅުގަނޑުމެންގެ އަމިއްލަ ދިވެހި މުއައްސަސާތަކުން ދިވެހިބަހުގެ ބަދަލުގައި އިނގިރޭސިބަހުން ލިޔެކިޔައި، ދިވެހިބަހުގެ އަގުދައްކޮށްލެވޭނަމަ އެކަމެކެވެ. އަޅުގަނޑުމެންގެ ގައުމުގައި އަޅުގަނޑުމެން ދިވެހިން ހިންގާ ޚަބަރު ފަތުރާ ތަންތަނުން ދިވެހިބަހުގެ ބަދަލުގައި އެހެން ބަހެއް ބޭނުންކުރުމަކީ ބަހަށްދެވޭ ކިހާބޮޑު ގެއްލުމެއްތޯއެވެ. އެ ތަނެއްގައި ހަޔަކުން ހަޔަކަށް ދިވެހި ދިދައެއް ނެގުނަސް ނުނެގުނަސް، މި ބިމުގައި ހުންނަ ކަމަށްވަންޏާ މި ދިވެހި ބިމުގެ ގައުމީ ރުކުންތަކަށް ހެޔޮ އެދެންވާނެ ކަމަށް ދަންނަވަންޖެހެ އެވެ. ބަހަކީ ހުރިހާ ދިވެހިންގެ ޙައްޤެކެވެ. ދިވެހި ދައުލަތުގެ ޙައްޤެކެވެ. އެހެންކަމުން މި ބަހަށް އިހާނެތިކޮށް ހިތުމުގެ ހުއްދަ ހަމަ އެއްވެސް ފަރާތަކަށް އޮވެގެން ނުވާނެ އެވެ. އަޅުގަނޑުމެންގެ ދަރިން ކުޑަދުވަހުން ފެށިގެން ފަރަންޖީ ބަސްތަކުގެ މައްޗަށް ދޫކޮށްލެވިފައި، އަމިއްލަބަސްނޭންގޭ ކިތަންމެ ކުއްޖެއް އަޅުގަނޑުމެންގެ ތެރޭގައި އުޅެމުން އެބަދެޔެވެ. މައިންބަފައިން "ބިޒީ" ކަމުން ދަރިފުޅަށް ވަގުތެއް ނުދެވޭތީ ދަރިފުޅަށް ގޭގައި ގެންގުޅޭ "ބަންގުލަދޭޝް މަންމަގެ" ބަސް ދިވެހި ބަހުގެ ބަދަލުގައި، ކިތަންމެ ކިތަންމެ ކުއްޖަކަށް ދަސްވެފައި އެބަހުއްޓެވެ. މިފުރަ މާލޭގައި އޭގެ ކިތަންމެ ކުއްޖަކު ދުށުމުގެ ބަދުނަސީބު އަޅުގަނޑަށް ލިބުނެވެ. ކުރަތްޕޭ ބުނީމާ "ހޭރި" ނުގަންނަ ކިތަންމެ ކުއްޖަކު "ކޮކްރޮޗޭ" ބުނީމާ ހޭރިގަންނާނީ ގައިމު ކަމެއްވީމަތާއެވެ. ބަހުގެ ދަތުން ކުޑަވެފައި ބަހުގެ މޭރުންވުން ކުޑައީއެވެ. އަޅުގަނޑުމެންގެ ތެރޭގައި ބޭނުންކުރެވުނު ނުހަނު ނަލަ ނަލަ ރީތި އެތައް ދިވެހިބަހެއް، ބޭނުން ނުކޮށްހުއްޓައި، އޭގެ މައްޗަށް ހިރަފުސް އަރައިގެންގޮސް ގެއްލިގެން އެބަދެއެވެ. އެކަހަލަ ބަސްތައް އަޅުގަނޑުމެން ހޯދަނީ ބީރައްޓެހި ފަރަންޖީ ބަސްތަކުންނެވެ. " ނައިސް" ވެފައި " ކޫލް " ވެފައި މިޒަމާނުގެ ކިތައް މީހުން އެބައުޅޭ ބާވައެވެ؟ މިބަސްތަކަށް ބޭނުންކުރާނެ ދިވެހިބަސްތަކެއް ނެތީއެއްނޫނެވެ. ބަހުގެ މައްޗަށް ކުލުނެއް ނެތްކަމާއި، އަހުލުވެރިވުން ކުޑައީއެވެ. އަޅުގަނޑުމެންނަށް މިޒަމާނުގައި އެތައްކަމެއް " ފަހުމު " ނުވެފައި، " އަންޑަރސްޓޭންޑު " ވަނީ އަކީވެސް މަދެއްކޮށެއް ނޫނެވެ. ކޮންމެއަކަސް އަޅުގަނޑު ފެށި މައުޟޫއަށް އަޅުގަނޑު ރުޖޫޢަ ވާންވީ ވަގުތު ޖެހިއްޖެއެވެ. އަޅުގަނޑަށް ފާހަގަކުރެވުނު ވާހަކައަކީ މީގެ ސަތޭކަ އަހަރުފަހުން ދިވެހިރާއްޖެ ނުއޮންނާނެ ވާހަކައެވެ. އަދިވެސް ހަނދުމަފުޅު އަރުވަން އޮތް ހިތާމަވެރި ޚަބަރަކީ މިއީއެވެ. މިހާރުވެސް "ރާއްޖެ"އަކީ ކޮންތަނެއް ކަން ނޭންގޭ އެތައް ދިވެހިންނެއް، އެމީހުންގެ ބަހުން ނަމަ "މޯލްޑިވިއަނުން" ނެއް އެބައުޅެއެވެ. އެހެންވީމާ ދިވެހިރާއްޖެ އޮންނާނެ ހެން ތިޔަބޭފުޅުންނަށް ހީފުޅު ކުރެއްވޭތޯއެވެ. ފުރެއްދެ ބަސްތަކުގެ ތެރެޔަށް ގެނބެމުން ގެނބެމުން ގޮސް އަޅުގަނޑުމެންގެ " ދިވެހިރާއްޖެ " އޮންނާނީ މުޅިން ގެނބިފައެވެ. އޭރުން އޮންނާނީ " މޯލްޑިވުސް " އެވެ. އޭރުން ދިވެހިން ދިވެއްސަކަށް ވީތީ ފަހުރުވެރިއެއް ނުވާނެއެވެ. ފަހުރުވެރި ވާނީ މޯލްޑިވިއަނުންނަށް ވީތީއެވެ. މިހާރުވެސް އަޅުގަނޑުގެ މި ހާސަރުތައް ދިގުވެގެން ނުނިމިގެން އެތައް މޯލްޑިވިއަނުންނެއް ޝަކުވާކުރާނެތާއެވެ. އެކަމަކު ދިވެހިން މި ފިކުރަށް މަރުޙަބާ ކިޔާނެ ކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަމެވެ. އަޅުގަނޑުމެންގެ ބަހަށް އަދަށްވުރެ ފަަހި މާދަމާއެއް ދައްކަވާށިއެވެ. ނިމުނީ މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (9)
![]()
...
ލިޔުނީ ސަމީޢު, 0000-00-00 00:00:00
މިހާރު މިތިބީ ކުރީގެ ދިވެހި ރާއްޖެއަކު ނޫނެވެ. ދެން ފަރަކުން ދާން އޮތީ މޯލްޑިވުސްއަށް ކަންނޭނގެ އެވެ. އޭރުން ތިވިދާޅޫވިކަންތަށް ވާކަށް 100 އަހަރެއް ނުނަގާނެއެވެ.
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-06-26 08:42:52
ޅޮހީ ޢަބްދުއްރަޙީމްގެ ތިޔަ އަގުހުރި ލިޔުއްވުމަށް އަޅުގަނޑުގެ މައްދިވެހި ލެއިން ފުރިގެންވާ ހިތް ތާޢީދު ކުރަނީ އިންތިހާ ދަރަޖައަށެވެ. ޝައްކެތް ނެތެވެ. މިދުނިޔެމަތީގައި "ދިވެހިން" މިނަމުގައި މުޚާޠަބުކޮށް އުޅެނީ އަމިއްލަ މާދަރީ ބަހެއްގެ ގޮތުގައި ދިވެހިބަސް ލިބިގެންވާ 350000 (ތިންލައްކަ ފަންސާސް ހާހަކަށް) މީހުންނަށެވެ. އަދި ދިވެހިރާއްޖޭ މިއީ ދިވެހި ނަސްލުގެ މީހުންނަށް ނިޞްބަތްވާ އެބައިމީހުން ދިރިއުޅޭ ބިމަށް ކިޔާ ނަމެވެ.
...
ލިޔުނީ އާދަމް ފަޔާޒު މުޙައްމަދު, 2009-06-26 14:14:09
އަޅުގަނޑަށް މިލިޔުން ކިޔާފައި އިޙްސާސްކުރެވުނީ އަޅުގަނޑުގެ މަންމަން ދުލަށް ފާޅުނުކުރެވިގެން މި އުޅޭ އަމިއްލަ ހިތުގެ ޝުޢޫރުތައް ޢެހެން ބޭފުޅަކު ފާޅުކޮށްލަދެއްވީއޭ. ވަރަށް އެކަނިވެރިކަން ފިލައިފި މިގޮތަށް ވިސްނާ ދިވެހިން މި ރާއްޖޭގައި އުޅޭކަން އެނގުމުން.
...
ލިޔުނީ ޅޮހީ އަބްދުއްރަހީމް, 2009-06-27 12:27:47
ފާޅުކޮށްލަދެއްވި ހިޔާލުފުޅުތަކަށް ނިހާޔަތަށް ސުކުރުވެރިވަމެވެ
ހަމަ އެޔާއެކުގައި އަޅުގަނޑަށް ތިޔަހިޔާލުތައް ފެނުމުން އަހު އާދަމް ފަޔާޒު އާއި މުސްލިހު ފާހަގަކުރެއްވި ފަދައިން އަޅުގަނޑަށްވެސް މިހުރެވުނީ އެކަނި ނޫންކަމުގެ އިހުސާސްކުރެވެއެވެ. ތިޔަ ހުރިހާ ހިޔާލުތަކަށް ވަރަށް ބޮޑަށް ސުކުރިއްޔާ
...
ލިޔުނީ ނަޢީމާ, 2009-06-29 09:32:26
އަޅުގަނޑު ހަޤީޤަތުގަވެސް ވަރަށް އުފާވެއްޖެ. ދިވެހި ބަސް ކުރިއަރުވަން މަސައްކަތްކުރާކުދިން ދިވެހިންގެ ތެރޭން ނެތެމުންދާ ވަގުތެއްގައި ތިކަހަލަ ނަލަނަލަ ދިވެހި ބަހުގެ މުހިންމުކަން އަޅުގަނޑުމެންފަދަ ދިވެހި ބަހަށް ސަމާލްކަމެއް ނެތް ބަޔަކަށްދީ އަޅުގަނޑުމެ ހޭލައްވައިލުމުން . ޅޮހީ އަބްދުއްރަހީމް އައްސަރިބަހާ ސާބަސް އަދިވެސް އިތުރު ލިޔުންތައް ކިޔާލިމުގެ ފުރުޞަތު ލިބޭނެކަމަށް އުއްމީދުގައި ވަކިވެލަން
...
ލިޔުނީ ޅޮހީ އަބްދުއްރަހީމް, 2009-06-30 19:10:27
ނައީމާގެ ތިޔް ހިތްވަރުދެނިވި ބަސްތަކުން ހިތްވަރު ލިބިގަނެގެން އިތުރު ލިޔުމެއް ލިޔުވޭތޯ މަސައްކަތް ކުރާހުށީމެވެ. ތައުފީގު ދެއްވާނީ ހެއްދެވި ފަރާތުންނެވެ.
ހުރިހައި ބޭފުޅުންނަށްވެސް ވަަރަށް ބޮޑަށް ސުކުރިއްޔާއެެވެ
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-07-01 05:05:57
މިއަދުގެ މާހައުލުގައި، ދިވެހި ބަހަށް ލިބިފައިވާ ޤަދަރަށާއި އިޙްތިރާމަށް ހަމަ އެބަހުގެ އަހުލުންގެ ފަރާތުން ލިބެމުން އަންނަ އުނިކަމުގެ ޛިންމާއަށް، ވަކި ފަރުދުންގެ ފުށުންފެށިގެން ގޮސް، ސިޔާސަތުދާރުންނާއި ހަމައަށް އިޙްމާލުވެވިފައިވާ ވާތީ އަޅުގަނޑަށް
ފެނެއެވެ. ފަސްއެނބުރި ބަލައިލާ ކޮންމެ އުދަރެހަކުންވެސް ފެންނަކީ ފެންނަކީ ޛިންމާ އަދާކުރަން އުޅުމަށްވުރެ ޛިންމާއިން ރެކުމަށް ޢުޒުރު ދައްކަމުން ދާތަނެވެ. މިކަމުގައި، މުދައްރިސުންނާއި، ދަރިވަރުންނާއި، މަދަރުސާތަކުގެ މަސްއޫލުވެރިންނާއި، މައިންބަފައިންނާއި، ބަހަވީން (ބަހުގެ ޢިލްމުވެރިން) ގެ މެދު ކުޑަނަމަވެސް ތަފާތެއް ނެތެވެ. އަސަރާކާއި އަދި ފޮނި އެކި ބަސްބަހުން އަދި ފެނުނަކަސް .............................އަސަރުގަދަ އަދި އެންމެ ފޮނި ބަހަކީ މަށަށް މިދިވެހިބަސް މިހެން ހަމައެކަނި ދުލުން ކިޔާލުމަކުން ނުފުދެއެވެ. ދިވެހިބަސް ދިރުވައި އައުލާ ކުރުމަށްޓަކައި ޢަމަލީ މައިދާނުގައި ގިނަގުނަ މަސައްކަތްތަކެއް މިއަދު ވަނީ ކުރަންޖެހިފައެވެ. މިހިނދުން ފެށިގެންނެވެ. ސަބަބަކީ މިހިނދު މިހިނދަށްވެސް މިދެންނެވި ކަންތައްތައް ވަނީ ފަރުވާ ކުޑަކަމާއިއެކު ދޫކޮށްލެވިފަ އެވެ. ދިވެހިންގެ ދިވެހިބަސް، ދިވެހިންގެ އަތްތަކުން، ދިވެހިންގެ ފައިތިލަ ދަށުގައި، މިދިވެހިބިމުގައި ވަޅުލުމަށްވުރެ ވަކީން ބޮޑު މަލާމާތެއް މިދެވެހި ބިމުގެ އަހުލުންނަށް، މިދެވެހިބިމަކުން ނުލިބޭނެ ކަން ކަށަވަރެވެ.
...
ލިޔުނީ ¦¨§ އާއިޝާބިންތި ޢަބްދިﷲ, 2009-07-05 05:51:53
ސާާބަސް އައްސަރިބަހާ ސާބަސް. ތިކުރާ ހިތްވަރަށް ހަމަ ސާބަސް އިތުރު ލިޔުންތައް އަދިވެސް ލިޔައްޗޭ. ވަރަށް މުހިންމު ވާހަކަތަކެއް ތިޔަ ފޯރުކޮށް ދިނީ
ދިވެހި ބަސްކުރިއަރުވަން ކޮންކަމެއްތަ ތިބޭފުޅާ ކުރައްވަނީ.؟
... ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2009-07-11 04:33:44
އަޅުގަނޑަށް ކުރެވެން އޮތް ކަމަކީ އަޅުގަނޑަށް ދިވެހިބަސް އެނގޭ މިންވަރު އެބަހުގެ ބޭނުން ހެޔޮގޮތުގައި ހިފާ އެމިންވަރު އަޅުގަނޑުގެ އެކުވެރިންނާއި، ޢަޢިލީ ފެންވަރުގައި ހިފެހެއްޓުން. ދެން ޢިލްމީ ފެންވަރުގައި ބަހަށް ޚިދުމަތްކޮށް ދެއްވޭނީ ބަހުގެ ފަންނުގައި ޢިލްމު ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|