މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އިއްޔެގެ މާލެ (މާލޭގެ ބިންބިމާއި ގޯތި ގެދޮރު -01) |
|
|
| ދިވެހި - ތާރީޚް | |||
| 11 އޮގަސްޓް 2009، 00:12 އަންގާރަ | |||
މާލޭގެ ބިމުގެ ކުޑަބޮޑުމިނަށް އައީ ކޮންބަދަލެއް؟ 1960 ވަނަ އަހަރު މާލޭގެ ބިމުގެ ބޮޑު މިނަކީ، 1.12އަކަކިލޯމީޓަރެވެ. އޭގެ ފަހުންވެސް އޭގެ ކުރިންވެސް މާލޭގެ ބިމުގެ ކުޑަބޮޑުމިނަށް އެކި ދުވަސްވަރު އެކިމިންވަރުގެ ބަދަލު އައިސްފައިވާނެއެވެ. ބިންހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރީންކަމުގައިވަނީނަމަ އެކަމުގެ ސަބަބެއްކަމުގައި ޠަބީޢީ ސަބަބެއް ހިމެނިފައިވުމީ ވަރަށްވެސް ގާތްކަމެކެވެ. ބިންހިއްކުމުގެ މަސައްކަތްފެށުމަށްފަހު އެކި ދުވަސްވަރު އެބަދަލު އައިސްފައިވަނީ، އެމަސައްކަތް ކުރެވެމުންދިޔަ ނިސްބަތުންނެވެ. ލިޔެކިޔުންތަކުން ފެންނަން އޮތީ 1960ގައި މާލޭގެ ބޮޑުމިން އޮތް މިންގަނޑާއި، އޭގެ ފަހުން ބިން ހިއްކުމުގެ މަސައްކަތުގައި އައި ބައެއް ބަދަލުތަކެވެ. މިހާރު(2009ގައި) މާލޭގެ ބޮޑުމިނަކީ، 1.94އަކަކިލޯމީޓަރެވެ. މާލޭގައި ބިމުގެ ދަތިކަން އިޙްސާސްކުރެވެން ފެށީ ކީއްވެ؟ މާލޭގައި ބިންހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށިފައިވަނީ 4 ޖޫން 1968ގައެވެ. މާލޭ މުނިސިޕަލް އޮފީހުގެ ފަރާތުން، މި މަސައްކަތާބެހޭ ސަރވޭގެ ކަންކަމުގައި އުޅުއްވި އެއްބޭފުޅަކީ މ. ހުދު އަސުރުމާގޭ އަލްފާޟިލް މުޙަންމަދު ޙަސަންމަނިކެވެ. އަނެއްބޭފުޅަކީ، މ. މާޔާ އަލްފާޟިލް މުޙަންމަދު ޔޫސުފެވެ. މުޙަންމަދު ޔޫސުފު (2007) ވިދާޅުވެދެއްވި ގޮތުގައި ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށައިގަނެވިފައިވަނީ މާލޭގެ އަތިރިމަތިސާފު ކުރުމުގެ ގޮތުންނެވެ. ފުނިޖެހިފައިވާ ކުނިގޮނޑުތަކާއި، ހަޑިތެތްފަސްގަނޑު ނައްތާލުުމުގެ ގޮތުންނެވެ. ބައެއް ދިމަދިމާގައި ހަޑިކުންޏާއެކު މޮޑެވިފައި އޮތް ނުތާހިރު ފަސްގަނޑުގައި ފައި އަޅައިލެވިއްޖެއްޔާ އުނަގަނޑާ ހަމަޔަށް ވެސް ގަނބައިގެން ހިނގައިދާނެއެވެ. ބިމުގެ ދަތިކަން ކުރިމަތިވުމުގައި މައިގަނޑު ދެތިން ސަބަބެއް މެދުވެރިވިކަމަށް އޭނާ ވިދާޅުވިއެވެ. އެއްކަމަކީ، 1972ގައި ފަތުރުވެރިކަން ތަޢާރުފުވުމާއި، އަދި މާލޭގައި ކިޔަވައިދޭ ދެތިން މަދަރުސާ ހުރުމެވެ. ހޮސްޕިޓަލެއް ހުރުމެވެ. ރަށްފުށުގައި އޭރު އެފަދަ އެއްވެސް ވަސީލަތެއް ފަހިވެފައި ނެތީމާ، އާމްދަނީ ހޯދުމަށާއި އަސާސީ ބައެއް ޚިދުމަތްތައް ލިބިގަތުމަށް މީހުން މާލެ އައިސް ފައިބަން ފެށީއެވެ. ވަޒަންވެރިވާން ފެށީއެވެ. މާލެ ތޮއްޖެހުމުގައި މެދުވެރިވި އަނެއް ސަބަބަކީ، މާލެ ކައިރީގައި އޮތް ދެތިން ރަށަކަށް ނިސްބަތްވާ މީހުންނާއި، އަދި އެނޫންވެސް ގިނަ ޢަދަދެއްގެ ބަޔަކު ސަރުކާރުން މާލެ ގެންނެވުމެވެ. އެމީހުން މާލޭގައި ވަޒަންވެރި ކުރުވުމެވެ. އެނގިވަޑައިގަންނަވާނެފަދައިން، މިހާރު ފަތުރުވެރި ރިޒޯޓެއްގެ ގޮތުގައި ހިންގަމުންދާ ''ގިރާވަރު'' އެއީ ކުރީގައި މީހުން ދިރިއުޅުނު ރަށެކެވެ. 1968ވަނަ އަހަރު ސަރުކާރުން ގިރާވަރު މީހުން ހުޅުލެޔަށް ބަދަލު ކުރެއްވިއެވެ. އޭރު ހުޅުލޭގެ އެއްބައިގައި މީހުން އާބާދުވެ ދިރިއުޅެމުންދާތާ ޒަމާންތަކެއް ވެއްޖެއެވެ. އޭގެތެރޭގައި މިހާރު މާލޭގެ ފަސްވަނަ އަވަށުގެ ގޮތުގައި އާބާދުކުރައްވާފައި މި އޮތް ވިލިނގިލި ފަޅުވެގެންދިޔައިރު އެރަށުން ހިޖުރަކުރި މީހުންވެސް ހިމެނޭކަމަށް ވެއެވެ. ހަމަ އެހެންމެ އައްޑޫ ހުވަދޫ ފުވައްވުލައް ފަދަ ތަންތަނުން އައިސް ހުޅުލޭ މީހުންގެ ރައްޓެހިކަމުގައި އެރަށުގައި ތިބި މީސްމީހުންވެސް ވެއެވެ. އެހެންވީމާ، އޭރު ހުޅުލޭގައި ދިރިއުޅެމުންދާ މީހުންގެތެރޭގައި، ހުޅުލޭ ރައްޔިތުންގެ އިތުރަށް، ވިލިނގިލީ މީހުންނާއި، ގިރާވަރު މީހުންނާއި، އަދި އައްޑޫ ހުވަދޫ ފުވައްމުލަކު ބައެއް މީހުން ހިމެނެއެވެ. ![]() މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކުރައްވަން ގަސްތު ކުރައްވައި، ހުޅުލޭގައި ދިރިއުޅެމުންދިޔަ އެންމެން 1ޖަނަވަރީ 1978ގައި މާލެއަށް ބަދަލު ކުރެވުނެވެ. ގިނަ ބަޔަކަށް މާލޭން ގޯތި ދެއްވައި ދަނޑިފަނުން ގެއަޅާދެއްވާފައެވެ. ޒަމާނާއެކު މާލޭގެ ރަށްވެހިންގެ ގޮތުގައި މި އެންމެން ހިމެނިގެން ދިޔައެވެ. ތިންވަނަ ސަބަބަކީ، ހުވަދޫ ބަޣާވާތުގެ ކުށްވެރިންގެ ގޮތުގައި މާލެ ގެނެވުނު މީހުންގެ ތެރޭންވެސް ވަރަށް ގިނަބަޔަކު މިނިވަން ވުމަށްފަހު އެނބުރި ރަށަށް ނުގޮސް މާލޭގައި ދިރިއުޅުން ފަށައިގަތުމެވެ. އެމީހުންގެ އަނބިދަރިންނާއި އާއިލާޔާއި ވަންހަ މާލެ ގެނައުމެވެ. ހަމަ އެހެންމެ އިނގިރޭސީން އައްޑުއަތޮޅުން ފައިބައިގެން ދިޔުމާވިދިގެން ވިޔަފާރިޔާއި ތަޢުލީމާއި އެނޫން ބޭނުންތަކުގައި އައްޑުއަތޮޅުންވެސް ގިނަ ބަޔަކު މާލެއަށް ހިޖުރަކުރިއެވެ. އެހެންކަމުން މި އެންމެން ހިމެނުމުން، މާލޭގެ ބިމަށް އެ އިތުރުވީ ވަރަށް ބޮޑު އާބާދީއެކެވެ. މި އެންމެންނަން ދިރިއުޅެވޭނެ ގޮތެއް ހަމަޖެހިފައި އޮންނަން އެބަ ޖެހެއެވެ. ބިންދަތިވުމުގެ މައްސަލަ އުފަންވެ ފުޅާވެގެން އައީ މި ސަބަބުތަކުގެ ތެރޭންކަމަށް ތާރީޚު ބުނެދެއެވެ. ބައެއް މިސްކިތްތައް އުވާލައްވައި ގަބުރުސްތާނުން ގެވަޅުދެއްވުން: މާލެއަށް ކުރިމަތިވަމުން އައި ބިން ދަތިވުމުގެ މައްސަލަ ޙައްލު ކުރުމަށް އެންމެ ފުރަތަމަ އެޅުނު އެއްފިޔަވަޅަކީ މާލޭތެރޭގައި އޮތް ބައެއްކަހަލަ ބިންތަކުން ގޯތި ދެއްވުމެވެ. ދައުލަތުގެ ބޭނުންފުޅުތަކަށް ބައެއް ތަންތަން ނެންގެވުމެވެ. 1960ގެ ކުރީކޮޅާއި، 1970ގެ ފަހުކޮޅާ މި ދެމެދުގެ އަހަރުތަކުގައި އޭރު މާލޭގައި ހުރި ބައެއް މިސްކިތްތައް އުވާލައްވާ ނައްތާލެއްވިއެވެ. އެޒަމާނުގެ ކޮންމެ މިސްކިތެއްގެ ހަރިންމައިގައި ބޮޑު ގަބުރުސްތާނެއް އޮވެއެވެ. މި ފަދަ ބައެއް ގަބުރުސްތާނުން 20 ގޯތި، 24 ގޯތި ވެސް ދެއްވާފައި އެބަހުއްޓެވެ. ބައެއް ތަންތަނުން އިތުރަށް ފިހާރަޔަށް ވެސް ބިންދޫކުރައްވާފައިވެއެވެ. މި ހާރުގެ މާފަންނު އާމިސްކިތު ހަރިންމައިންވެސް 15 ފިހާރަޔާއި، 20 ގޯތި ދެއްވާފައި ވެއެވެ. މަސްޖިދުޞަލާޙުއްދީނުގެ ހަރިންމައިގައި އޮތް ގަބުރުސްތާނުން 8 ގޯތި ދެއްވާފައިވާއިރު، ކުރީގެ ބާ އިންޖީނުގެޔަކީވެސް އެގަބުރުސްތާނުގެ ބައެކެވެ. ހުރަވީ ބިލްޑިންގ ބިނާ ކުރައްވާފައި މިވަނީ ހުކުރުމިސްކިތު ހަރިންމައިގެތެރޭން ބައެއް ވަކި ކުރައްވާފައި އެ ޖާގައިގަ އެވެ. ބިމުގެ ބޭނުންކުރެއްވުމަށްޓަކައި، ޖުމުލަ 14 މިސްކިތް އުވާލައްވާ ތަޅާލެއްވިއެވެ. 11 މިސްކިތެއް އުވާނުލައްވައި އެމިސްކިތްތަކުގެ ހަރިންމައިގެ ޖާގައިން ގޯތި ދެއްވިއެވެ. މި 25 މިސްކިތުގެ ހަރިންމައިގައި އޮތް 25 ގަބުރުސްތާނު ނައްތާލެއްވިއެވެ. މި ތަންތަނުން ޖުމުލަ 128 ގޯތި ދެއްވިއެވެ. ވިޔަފާރިޔާއި ބަންޑާރަ ބޭނުންތަކަށް ބިން ނެންގެވިއެވެ. ގަބުުރުސްތާނުތަކުން ދޫކުރެއްވި ގެވަޅުތަކާއި ދައުލަތަށް ނެންގެވި ބިންތައް އާބާދުކުުރުމަށްޓަކައި އެތަންތާނގައި އޮތް އުސްވެލިގަނޑު ކަހައި ބޭރުކުރަންޖެހުނެވެ. ޚާއްޞަކޮށް ގެދޮރު ބިނާކުރުމަށްޓަކައި، ބިން ސާފުކުރަންޖެހުނެވެ. އަޑީގައި ވަޅުލެވިފައިވާ ގަބުރުތައް ނަގައި އެ ކަށިތައް ހަމަޖެހިފައިވާ ވަކި ތަނެއްގައި ވަޅުލަންޖެހުނެވެ. މި ކަންކަން އެޒަމާނުގައި ވަރަށް ބިރުވެރި ނާމާން ކަންކަމުގެ ގޮތުގައި މީހުން ސިފަކުރަންފެށިއެވެ. ދީނީ ގޮތުން ހަމަ ނޫން ކަމެއްގެ ގޮތުގައި މީހުންތެރޭވާހަކަ ފެތުރެންފެށިއެވެ. ނަމަވެސް އެޒަމާނުގެ ދިވެހިންގެ ސުލޫކ ުނިޔާކުރާގޮތުން އެކަމަކީ ދައުލަތުގެފަރާތުން ކުރައްވާ ކަމަކަށްްވާތީ، މައްސަލައިގައި ދެކޭގޮތް ތަފާތުވިޔަސް، ކިޔަމަންތެރިކަމުން ބޭރުވެގެންފައެއް ނުވެއެވެ. ގެވަޅު ހޯދުމަށް އެޒަމާނުގައި އާންމުން ބިންހިއްކީ ކިހިނެއް؟ މާލޭގައި ބިމުގެ ދަތިކަން ފޯރަންފެށުމުން ސަރުކާރުން ބިން ހިއްކުމުގެ މަސައްކަތް އިތުރަށް ކުރިޔަށް ގެންދެވިއެވެ. އަލްފާޟިލް މުޙަންމަދު ޔޫސުފު (2007) ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ބިންހިއްކީ، ބޮޑުފާރު ތަޅާލައިގެން އޭގެ ގާކުނޑިތައް އަޅައިގެންނެވެ. (ބޮޑުފާރަކީ، މަޝްހޫރު ބޮޑުރަސްގެފާނުގެ ޒަމާނުގައި މާލޭގެ ދިފާޢަށްޓަކައި، ރަށުގެ ވަށައިގެންކަހަލަަ ގޮތަކަށް، އެކި ދިމަދިމާގައި ލައްވާފައި އޮތް ވަރަށް އުސް، ވަރަށް ބޯ ފާރެކެވެ.) ގަބުރުސްތާނުތަކުން ދެއްވި ގެވަޅުތަކުން ބޭރު ކުރެވުނު ވެއްޔާއި، މީހުން ގިފިލިގިފިލީގައި ކޮންނަ ވަޅުވަޅުން ނެގޭފަހާއި، މަހުކަށްޓާއި މިކަހަލަ އެއްޗެހިވެސް ބިންހިއްކަން ބޭނުންކުރެވުނު ކަމަށްވެއެވެ. އެޒަމާނަކީ ފާޚާނާތަކާއި، ފެންމާގަނޑާއި ފެންބިލިގާގެ ޒާމާންކަމުގައި ނުވާތީ، ފެންވަރަން ކޮންނަ ފެންވަޅާއި، އެނޫން ބޭނުމުގައި ކޮންނަންޖެހޭ ވަޅުވަޅުންނެގޭ ފަސްތައް ފަޅުތެރެޔަށް އަޅަނީއެވެ. މި މަސައްކަތް ކުރަނީ އާންމު ރައްޔިތުންނެވެ. އެއްޗެހި އުފުލަނީ ކޮނޑުންނެވެ. މާލޭގައި އޭރު އޮންނަނީ ދެތިން ލޮރީއެެވެ. އެތަކެއްޗަކީ ފައިސާވެރި ދެތިންފަރާތެއްގެ އެއްޗެހި ކަމަށްވާތީ މި މަސައްކަތުގައި އެތަކެތީގެ އެހީތެރިކަމެއް ނުލިބެއެވެ. ސަރުކާރުން ހަމަޖައްސަވާފައި އޮތްގޮތުން މީހަކު އަމިއްލަޔަށް ހިއްކާބިމެއްގެ ދެބައިކުޅަ އެއްބަޔަކީ އޭނާގެ ބިމެވެ. އެހެންކަމުން ބައެއް ފަގީރުން ވަރަށް ހާލުގައި މި މަސައްކަތްކުރިއެވެ. އެތައް އަހަރުު ދުވަހަކުން ބިންކޮޅު ހިކުނު މީހުންވެސް އެބަތިއްބެވެ. ސަބަބަކީ ބޮޑުފާރާއި، ގަބުރުސްތާނުތަކުގެ ވެއްޔަށްފަހު ބިން ހިއްކަން އަޅާނެ އެއްޗެއް އިތުރަށް ނުލިބުމެވެ. ހިއްކަން ޖެހެނީ ކުނިއަޅައިގެންނެވެ. މި ފަދަ ފަގީރުންނަށް ކުންޏަކީވެސް ލިބޭ އެއްޗަކަށް ނުވެއެވެ. މި ފަދަ މީހުން ކުނި ހޯދަން ނޫނީ ކުނި ލިބޭފަދަ މަސައްކަތެއް ހޯދަން ގޭގެޔަށް ހިނގާކަމަށްވެސް ވެއެވެ. މިގޭގައި ވަޅެއް ކޮނެލާކަށް ނެތްހެއްޔެވެ؟ ގަހެއްކަނޑާލާކަށް، ރުކެއް ސާފުކޮށްލާކަށް ނެތްހެއްޔެވެ؟ ނޫނީ ފުޅަފެއް ރޫޅާލައި އަޅާކަށް ނެތް ހެއްޔެވެ؟ މި ފަދަ މަސައްކަތްތައް ހޯދައި ކުނިހޯދައިގެން އެކި ތަންތަނަށް އަޅައި ބިން ހިއްކި މީހުންވެއެވެ. އެއްވެސް އަގެއް ނެތި އުދަލިން ބޮޑެތި ފެންވަޅުތައް ކޮނެދީފައި އެ ވަޅުގެ ފަސް އޭނާ ހިއްކާ ތަނަށް ގޯނިގޯނީގައި އުފުލަނީއެވެ. ![]() (ނުނިމޭ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ހުސައިން, 2009-08-11 11:59:23
އާދަމް ނަސީރު ލިއުއްވާފައިވާ މި މަޒުމޫނުގައި ވަނީ "ކުރީގެ ބައު އިންޖީނުގެއަކީވެސް އެ (މަސްޖިދު ޞަލާހުއްދީނު މިސްކިތުގެ) ގަބުރުސްތާނުން ބައެކެވެ." އާދަމް ނަސީރުއަށް ލިބިލައްވާފައިވަ މައުލޫމާތުގައި އޮޅުމެއްއުޅޭތީ ދަންނަވަމެވެ. އަޅުގަނޑަކީ އެހިސާބުގަޑުގެ ވަޒަން ވެރިއަކީމެވެ. ބައު އިންޖީނުގެ އެހުރި ބިމަކީ އޭރު "އައްޑަނަ ކޮށި" ކިޔާ ކޮށްޓެވެ، ބުނެވޭ ގޮތުގައި އެއީ މާލޭގައި ހުރި ކުޅިކޮށިތަކުތެރެއިން އެއްކޮށްޓެވެ. އަދި އެއީ ހަމައެކަނި އަޅުގަނޑު ދުށް ކޮށިވެސް މެއެވެ. އަޅުގަނޑު ދެކެންފެށިއިރު އެކޮށި އޮންނަނީ ގަލޮޅު އަވަށު އޮފީހުގެ ބެލުމުގެ ދަށުގައެވެ. އެތަނުގައި ހިނގަނީ އަވަށުގެ މަސައްކަތް ތަކެވެ. މިކަމަށް އަޅާފައިވާ ހަރުގެތަކާ ފިޔަފާޅިފަދަ ތަންތަންވަނީ އެކޮށީގެ އިރުމަތީ ބިތުގައެވެ. އެކޮށީގައި ގިނަ އަދަދަކަށް ދިވެހިރުއް ހައްދާފައި ހުއްޓެވެ. ބޮޑުއިންޖީނު ބަހައްޓަން ކޮށި ހުސްކުރަންވެގެން އެކޮށީގައި ހުރި ރުއްގަސް ބޭނުން މީހަކަށް ދެއްވީއެވެ. ހަމައެކަނި ޝަރުޠަކީ ދެއްވި މުއްދަތުގައި ބުޑުނަގާ ބިންސާފުކޮށް ބިންދެއްކުމެވެ. މިކޮށީގެ އިރުމަތިން އޮންނަނީ އަލިކިލެގެފާނު މަގެވެ. ހުޅަގުން އޮންނަނީ ގަލޮޅު ބޮޑުމަގު (މިހާރު ފާށަނާ ކިލެގެ މަގު، އޭރު ކިޔާ ލިޔެ އުޅުނުގޮތުން ފާށަނާ ކިލެގެފާނު މަގު) އެވެ. ދެކުނުން އޮތީ އަށްޑަނަ ދެގޯޅި (ފަހުން އައްޑަނަ ގޯޅި) އެވެ. އުތުރުން އިންވެގެން އޮތީ ގަލޮޅު ބައު މިސްކިތު ގަބުރުސް ތާނެވެ. އެގަބުރުސްތާނަކީ އަޅުގަނޑުގެ ލޮބުވެތި ބައްޕައާއި ޢާއިލާގެ އެތައް ބޭބެއިންނަކާއި ޚާންދާނުގެ އެތައް ބައެއް ވަޅުލެވިފައިވާ ގަބުރުސްތާނެވެ. ފަހުން ބައު އިންޖީނުގެ ބޮޑުކުރަންވެގެން އައްޑަނަގޯޅިއާއި ބައުމިސްކިތުގެ ގަބުރުސްތާނުން ބައެއް ބާއިންޖީނުގޭގެ ބިމަށް އެއްކުރެވު ނެވެ. އޭގެފަހުން ބާ އިންޖީނުގެ އުވާލައްވާފައި މިހާރުއެވަނި ކުރިން އައްޑަނަ ގޯޅި އޮތްތަނުގައި މަގެއް ކަނޑުއްވާފައެވެ.
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް , 2009-08-12 04:50:42
ޙުސައިނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ! ދެއްވި އިތުރު މަޢުލޫމާތުތަކުގެ ސަބަބުން އަޅުގަނޑުގެ ލިޔުމުގައިވާ ''ގުދު'' ފިލުވައިލައި ދެއްވީތީ އެވެ. އަދި ބޮޑު އިންޖީނުގެ ސަރަހައްދާއި ގަބުރުސްތާނާ އޮތް ގުޅުން އޭގެ ޞައްޙަގޮތުގައި ސާފުކޮށްދެއްވީތީ އެވެ.
''އިއްޔެގެ މާލެ'' މި ސިލްސިލާގެދަށުން އަޅުގަނޑު ލިޔަމުން މިދާ ލިޔުންތަކަކީ އަޅުގަނޑަށްވީވަރަކުން ކަމުގެ ތެދުމަޢުލޫމާތު ސާފުކުރެވޭތޯ ބެލުމަށްފަހު، ލިޔާ ލިޔުންތަކެކެވެ. ދިވެހި ތާރީޚަށް ޚިދުމަތެއް ކޮށްދޭ ހިތްވާލެއް ބޮޑުކަމުންނެވެ. ގަސްތު ކުރެވިފައި އޮތީ، ސިލްސިލާ ނުމުމުން ރެފަރަންސް ލިސްޓު ހިމަނާލާގޮތަށެވެ. އަޅުގަނޑު މަޢުލޫމާތު ހޯދަމުން ދާއިރު ވެސް މަޢުލޫމާތު ތަފާތުވުމުގެ މައްސަލަ ތަޖުރިބާ ކުރެވެ އެވެ. އެއްބޭފުޅަކު އެ ބޭފުޅެއްގެ ހަނދުމަފުޅުގެ މައްޗަށް ދެއްވާ މަޢުލޫމާތާއި، ހަމަ އެކަމަކާ ގުޅިގެން އެހެން ބޭފުޅަކުން ދެއްވާ މަޢުލޫމާތު ތަފާތުވާތަން އާދެ އެވެ. އަޅުގަނޑު އުންމީދު ކުރަނީ ކުރިޔަށް އޮތްތާނގައި ވެސް އަޅުގަނޑުގެ މި ސިލްސިލާގެ ލިޔުންތަކަށް ޙުސައިންފަދަ ބޭފުޅުންގެ ތިޔަ ފަދަ އެހީތެރިކަން ލިބެމުން ދާނެ ކަމަށެވެ! ދެއްވި އިތުރު މަޢުލޫމާތާއި، ކޮށްލަ ދެއްވި އިޞްލާޙަށްޓަކައި ފަށްފަށުން ޝުކުރިއްޔާ!
...
ލިޔުނީ ޝާހިދު, 2009-08-15 14:28:22
ފުރަތަމަ ދެފޮޓޯގެ ތިރީގައި ލިޔުއްވާފައިވާ ލިޔުންކޮޅުން އެދެފޮޓޯއަކީ މާލޭގެ ދެފޮޓޯކަން އެނގެއެވެ. ނަމަވެސް ފަހަތު ފޮޓޯއަކީ ސިންގަޕޫރުގެ ފޮޓޯއެއްތޯ ނުވަތަ އެހެން ގައުމެއްގެ ފޮޓޯއެއްތޯ ސުވާލުއުފެދެއެވެ. އެއީ މާލޭގެ ފޮޓޯއެއްނަމަ ދެންނެވެން އޮތީ އެއީ މިދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި މާލެއަށް އައިސްފައިވާ ތަރައްޤީއެއްކަމުގައި ދެންނެވިދާނެއެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|