މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޙަޤީޤީ ޒިކުރާ |
|
|
| ދިވެހި - ތާރީޚް | |||
| 16 އޮގަސްޓް 2009، 12:29 އާދީއްތަ | |||
|
ޝާކިރު (1994) އާދެ، ކޮންމެ މީހަކުވެސް ގަބޫލުކުރާނެ ވާހަކައެކެވެ. އަމާންކަމެއްނެތް މުޖުތަމަޢެއްގައި ދިރިއުޅުމެއް ނެތެވެ. އެ މުޖުތަމަޢެއްގައި ވާނީ ބިރުވެރިކަމާއި ހަލާކެވެ. މުޖުތަމަޢަކަށް އަމާންކަމާއި ރައްކާތެރިކަން ހޯދާދިނުމަކީ އެމުޖުތަޢެއްގައިތިބޭ އަމަން ބަލަހައްޓާ ބައެއްގެ ވާޖިބެކެވެ. އެހެންކަމުން އަޅުގަނދުމެންނަކީ.........މި މަތިވެރި ޚިދުމަތް ސަތޭކަ ދެއަހަރުގެ ދިގު ރާސްތާއެއް ކަޑައްތުކޮށް އަޅުގަނޑުމެންނާއި ހަމައަށް އައިސްފައިވާއިރު، އަދި މި މަތިވެރި އިންސާނީ އަދި ޤައުމީ ވާޖިބު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާއިރު އަޅުގަނޑުމެންގެ ކާބަފައިންގެ އެތަކެއް ޤުރުބަނީން މި މަތިވެރި ޚިދުމަތް އަޅުގަނޑުމެންނަށް ނަޤުލުކޮށްދީފައިވާހިނދު ފަސް އެނބުރި އައިކޮޅަށް ބަލާލުމަކީ މުޅިއަކުން ނެތްކަމެއް ނޫނެވެ. އަމުދުން އައު އަހަރެއްގައި އައު އަޒުމަކާއެކު ބިނާކުރުވަނިވި ޝިޢާރަކައިގެން ކުރިއަށް ދިއުމަށް މަސައްކަތްކުރަން ފަށާއިރުއެވެ. ފަހަތަށް ގޮސް އޮބާފައިވާ މާޒީގެ ދިގު ތާރީޚުގެ ތެރެއިން ޚިދުމަތުގައި ފުންނާބު އުސް ބައެއްގެ ޒިކުރާތައް ނެރެ އައުކުރުމަކީ މިފަދަ ފުރުޞަތެއްގައި ނުކޮށް ދޫކޮށްލައިގެން ވާނޭކަމެއް ނޫނެވެ. ސިފައިންގެ މިމަތިވެރި ޚިދުމަތް 1309 ވަނަ އަހަރު ފެށިގެން އައީ ކިތަންމެ ކުޅޭކުޅޭ ގޮތަކަށް ވިއަސް ނިކަން ހަރުދަނާ ސިފަތަކެއް އެކަމުގައި އެކުލެވިގެން ފެށިގެން އައި ފެށުމެއް ކަމާމެދަކު ޝައްކެއްނެތެވެ. އެހެންނޫންނަމަ މިކަމުގައި މިހާގިނަ އަހަރުތަކެއް ވެގެންނުގޮސް ގިނަކަންތައްތަކެކޭ އެއްގޮތަށް މިކަންވެސް ނިމި ހިނގައްޖައީސްކަން ކަށަވަރެވެ. މި މަތިވެރި ޚިދުމަތުގެ ބިންގާ ކުޅިވަރެއްގެ ގޮތުގައި ނަމަވެސް ފުރަތަމަ އެޅިކަމުގެ ޝަރަފުލިބެނީ އެ އާއިލައަކުން ދިވެހި ޤައުމަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދިންކަމުގެ މަތިވެރި ޝަރަފު ރައްދުވާ ޢާއިލާއަކަށެވެ. އާދެ، ރާއްޖޭގައި ނިރުފަޅާ ހެދިގެން ފަރަންސޭސި ދަރިކޮޅަކުން ވަޑައިގެން އިންނެވި އަންހެން ބޭކަނބަލަކަށް ލިބިވަޑައިގެންނެވި މީރުބަހުރު އިސްމާޢީލު ދިދީ އަށެވެ. މި ދީދި ދިވެހި ޤައުމަށް ކުރައްވާފައިވާ މަތިވެރި ޚިދުމަތްތަކީ، އެ ދިދީގެ ޙަޔާތްޕުޅުގެ ކޮންމެ ފަތްފުށަކީ އެއިން ފިލާވަޅުތަކެއް އަޅުގަނޑުމެން ލިބިގަންނަންވީ ޢިބުރަތް ޙާޞިލްކުރަންވީ މަތިވެރި ޙަޔާތްޕުޅެކެވެ. މި ދީދީގެ އެކުވެރިންކަމުގައި ހިމެނިވަޑައިގެން އަނެއް ހަތް ދީދިން ނަކީ އެބޭފުޅުންގެ ޙަޔާތްޕުޅުން އަޅުގަނޑުމެން އުނގެނި ދަސްކުރަންވީ ޢިބުރަތްތަކުން ފުރިގެންވާ ހަޔާތްޕުޅުތަކެކެވެ. މި ބޮޑު ޢަސްކަރީ އިންޤިލާބު ދިވެހި ޤައުމަށް ގެނެސްދެއްވި ދުރުވިސްނުންތެރިޔާ އައްސުލްޠާން އިބުރާހީމް ނޫރައްދީނު ބަންޑާރައިންގެ މަތިން މިފުރުޞަތުގައި ހަނދާންކޮށް އެރަދުންނަށް ޝުކުރުގެ ޖިޒީތައް ރައްދުކުރަމެވެ. ސިފައިންގެ ވެރިކަމުގެ ޝަރަފުވެރި މަޤާމު ފުރުއްވި ކޮންމެ ބޭފުޅަކީ މާ މަތިވެރި ޢަސްކަރީ ތަމްރީނުތަކެއް ހޯއްދަވައިގެން ތިއްބެވި ބޭފުޅުންތަކެއް ކަމަށް ނުވިނަމަވެސް އެއިން ކޮންމެ ބޭފުޅަކީވެސް މި މުޖުތަމަޢަކީ އަމާންކަން ލިބިގެންވާ މުޖުތަމަޢެއްކަމުގައި ހެއްދެވުމަށް ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ތާރީޚު ހެކިދެއެވެ. ރާއްޖޭގެ ފުރަތަމަ ވަޒިރުލްޢަސްކަރިއްޔާގެ މަގާމާއި ސިފައިންގެ ވެރިކަމުގެ މަގާމު ފުރުއްވާފައިވާ އަންނަބީލު މުޙަންމަދު ފަރީދު ދީދީގެ ޙަޔާތްޕުޅަކީ ވެސް އަޅުގަނޑުމެންނަށްހުރި ޢިބުރަތްތެރި ފިލާވަޅުތަކެކެވެ. އެމަނިކުފާނު ސިފައިންގެ މީހެއްގެ ގޮތުން 1933 ވަނަ އަހަރު ޖުލައި 26 ވަނަ ދުވަހު ޢަމަލީގޮތުން އެ ދެއްކެވި ކެރުމާއި ހިތްވަރުގަދަކަމުގެ ނަމޫނާއަކީ އެ ކަމުން އަޅުގަނޑުމެން އެ ފަދަ ކޮންމެ ވަގުތެއްގައި ހިތްވަރުލިބިގަންނަންވީ މިސާލެކެވެ. 1950ގެ ފަހުގެ އަހަރުތަކުން ފެށިގެން ދުނިޔޭގެ އިސްތިޢުމާރީ ބާރެއްކަމުގައިވާ އިނގިރޭސިން ރާއްޖޭގެ ދެކުނަށް ވެރިވެ ރާއްޖޭގެ ވެރިކަމުގެ ބާރުގެ ތެރެއިން ބައެއް ވަކިކޮށްލުމަށް މަސައްކަތްކުރަމުން ދިޔަދުވަސްވަރު ސިފައިންގެ ވެރިއެއްގެ ހައިސިއްޔަތުންނާއި ވަޒީރުއްއަޢުޡަމްގެ ގޮތުން އޭރުގެ ސިފައިންގެ ވެރިޔާ އަލްފާޟިލް އިބުރާހީމް ނާޞިރު އެ ބޭނުންކުރެއްވި ކެތްތެރި ޙިކުމަތްތެރި ގޮތާއި އެތަކެއް އަހަރުވަންދެން އިނގިރޭސީންގެ އަތްދޮށަށް ގޮސްފައިވާ ޚާރިޖީ މިނިވަންކަން ހޯއްދަވައި މި ޤައުމު މިނިވަން އެ ކުރެއްވިގޮތާއި ޤައުމު ބައިވެގެން ދިޔަނުދީ އެ ހިފެހެއްޓެވި ގޮތަކީ ވެސް މި އަދު އެކަމުން ޢިބުރަތްލިބިގަންނަންވީ ކަންތަކެވެ. ގައުމުގެ މި އަދުގެ ތާރީޚުގައި ދިމާވި ބޮޑު ހާދިސާ، މިހިނގާ ހަތަރު ސަތޭކަ އެތަކެއް އަހަރުތެރޭގައިވެސް ދިމާވެފައި ނުވާފަދަ ނުރައްކާތެރި ހާދިސާ ދިމާވި ދުވަހު 1988 ނޮވަމްބަރ 3 ވަނަ ދުވަހު ޤައުމުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުންނާއި ސިފައިންގެ ވެރިޔާގެ ހައިސިއްޔަތުން އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމު ބޭނުންކުރެއްވި ޙިކުމަތު އަމަލީގެ ސަބަބުން ﷲ ގެ ވާގިފުޅާއެކު އެ ހޯއްދެވި ނަޞްރަކީ ދިވެހި ޤައުމުގައި، ސިފައިންގެ ތާރީޚުގައި އަބަދަށް ނުމެވެ ފަނާ ދެމިހުންނާނެ ނަޞްރެއްކަން ޔަގީނެވެ. މިއަދު އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަންވީ މިނިވަންކަމުގެ އަގު ފުރާނައިން ދީގެން މި މަތިވެރި ނަޞްރު އަބަދުގެ އަބަދަށް ދެމެހެއްޓުމަށެވެ. ރާއްޖޭގެ ބިމުގައި އުފެދޭ ޣައްދާރުންގެ ކިބައިން މި މުޖުތަމަޢު ސަލާމަތްކޮށް މިއީ އަމާންކަމުގެ ކިއްލާއަކަށް ހެދުމަށެވެ. ބިރުތަކާއި ވަހުމުތަކުން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށެވެ. "ރައްކާތެރިކަން ދިނުމުގައި ރައްޔިތުންނާ ޤާނޫނަށް ކެރިތިބީ ޤުރުބާނީ ޢަޒުމުގާ މަރުވެދާން ޤައުމީ ރޫހުން، މަރުވެދާނީ ޤައުމީ ޚިދުމަތުން. ގެއްލުމާ ދެރަޔާ ވާކަންކަމުން އެންމެނަށް ފައިދާ ވާހެން ޤައުމީ ޚިދުމަތް ރޭދުވާ ހޭދަކޮށްލައިގެން ދޭނީ ފަސްގަނޑާ ޤައުމަށްޓަކައި އޭގެ ރޫޙާނީ ބާރުން. ޤައުމީ ޚިދުމަތް ދިވެހި ރައްޔިތުންނަށް އެންމެ ހެޔޮހިތުން ދޭނީ" "ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް، ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއް ނެތޭ" ކުރިއަށް ދިވެހި ގައުމު! ކުރިއަށް ދިވެހި ސިފައިން! ނޯޓް: މިއީ، 1994 ވަނަ އަހަރު އަޅުގަނޑު ލިޔެފައިވާ މަޒުމޫނެކެވެ. މި މަޒުމޫނުވަނީ، އެ އަހަރު މެއި މަހު އޭރު އެން އެސް އެސް ނެރުއްވި "އައްޑަނަ" މަޖައްލާގައި ޝާއިޢު ކުރައްވާފައެވެ.
|
| ހަމަ މި ގަލަމުން |
|---|