މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޚިދުމަތުގެ ތިލަ ފަތުގައި ޤައުމީ ދެ ޝަޚްޞިއްޔަތެއްގެ ބުރަދަން (2) |
|
|
| ދިވެހި - ތާރީޚް | |||
| 10 ފެބްރުވަރީ 2010، 11:34 ބުދަ | |||
އިންޑިއާގެ ވޯރާ ވިޔަފާރިވެރީންގެ އަތްދަށުން ދިވެހި އިޤްތިޞާދު ސަލާމަތްކުރެއްވުން:عـبدالعـزيزجمال أبوبكر (މާވަށު އަޒީ) ޢަބްދުލްޙަކީމް ޙުސައިން މަނިކު (1997) ލިޔުއްވައިފައިވާ ގޮތުގައި ވޯރާ ވިޔަފާރިވެރިން މާލެ އައީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން IV ގެ ރަސްކަމުގައެވެ. މީލާދީން 1857 ވަނަ އަހަރުގެ މެދުތެރޭގައެވެ. [ވޯރާއިން މާލެއަށް ގަދަކުރުވީ ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. ]އެ މީހުން ރާއްޖެ އައިސް ކުރީ "ފޭރި ކާ ވިޔަފާރި" އެވެ.ދިވެހީންނަށް ދެމުން ދިޔައީ ބޮޑު ގެއްލުމެވެ. މި ގޮތަށް މިކަން ހިނގަމުން ދަނިކޮށް 1959 ވަނައަހަރު ވޯރާއިންގެ ވިޔަފާރި ހުއްޓާލުމަށް ނާޞިރު ކުރިމަތިލައްވައިފިއެވެ. ގާތްގަނޑަކަށް 105 އަހަރަށް ދެމިގެން ދިޔަ މި ވިޔަފާރި، ވޯރާއިންނަށް ތަފާތު ދަތިތައް ކުރައްވައި، 1 އޮގަސްޓް 1962 ގައި ނާޞިރު މުޅިން ހުއްޓުވައިލިއެވެ.]4.3.5 ކެޑެޓް ކޯ އާއި ގަރލް ގައިޑް: ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޑޭޓް ޙަރަކާތާއި ގަރލްގައިޑް ޙަރަކާތް ފެއްޓެވީވެސް އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމުގެ ދައުރުގައެވެ. 1962 ގައި ފެއްޓުނު މި 2 ޙަރަކާތުގައި ފުރަތަމަ ކެޑޭޓުންނަށް ބަޑި ޙަވާލުކުރެއްވީ ދައުލަތުގެ ވެރިޔާގެ ގޮތުން ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުލްއަޢުޡަމެވެ. ގައިޑުންގެ ފުރަތަމަ ކޭމްޕް ބޭއްވުނީ ހުޅުލޭގައި 1964 ވަނަ އަހަރު ނޮވެމްބަރ މަހު 11 ވަނަ ދުވަހުއެވެ. މި 2 ޙަރަކާތުގެވެސް އިސްވެރިޔަކީ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. 4.3.6 ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ.): ރާޢްޖޭގެ ވިޔަފާރީގައި ވަކި ހިއްޕައިލައިގެން ޤަރުނަކަށްވުރެ ގިނަ ދުވަހު ތިބި ވޯރާވިޔަފާރިވެރިން ރާއްޖެއިން ފައްސައިލުމަށްފަހު ރާއްޖޭގެ ވިޔަފާރި ހަރުދަނާ ކުރުމަށްޓަކައި އެކި ގޮތްގޮތަށް ބަދަލުވަމުން ދިޔައެވެ. މި ގޮތުން މޯލްޑިވްސް ގަވރންމެންޓް ބޮޑު ސްޓޯރ (MGBS) އާ ގުޅުން ހުރިތަނެއްގެ ގޮތުގައި ވަކި ވިޔަފާރި ގޮތްޕެއް ނާޞިރު ހެއްދެވިއެވެ. އަތިރީ މާފަންނުގޭ ޓްރޭޑިންގ އޭޖެންސީ (ATA) ގެ ނަމުގައި ވަކި ވިޔަފާރި އެކައުންޓެއްގެ ގޮތުގައި މި ވިޔަފާރި ފައްޓަވައި ފުޅާކުރެއްވި އެވެ. ނާސިރުގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގެވި މިޙަރަކާތަކީ މިއަދު ރާއްޖޭގެ ވިޔަފާރީގައި ބޮޑު ޙިއްޞާއެއް އަދާކުރާ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (STO) އެވެ. 4.3.7 ފަތުރުވެރިކަން: ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭ ވިޔަފާރިއެއްގެ ގޮތުގައި ނަމަވެސް ރާއްޖޭގައި ފަތުރުވެރިކަން ތަޢާރުފު ވެގެން އައީ އިބްރާހީމް ނާޞިރުގެ ރައީސްކަމުގެ ދައުރުގައެވެ. އިޓަލީގެ ރައްޔިތެއް ކަމުގައިވާ ޖޯޖް ކޯބިން ދިން ޚިޔާލަކާ ގުޅިގެން މަސް އޮޑި އަޙުމަދު ނަސީމާއި ކޮލި މުޙައްމަދު ޢުމަރު މަނިކުގެ އިސްނެންގެވުމުގެ މަތީން ފުރަތަމަ ހެދި ރިޒޯޓަކީ ކުރުނބާ ވިލެޖް (ވިހަމަނާ ފުށި) އެވެ. އަދި ނާޞިރު، ޤާނޫނެއްގެ ދަށުން، ބިން މިލްކު ކުރައްވައިގެން ބޮޑު ބަނޑޮހުގައި ރިސޯޓެއް ހުޅުވައިފިއެވެ. އަދި އަޙުމަދު ޙިލްމީ ދީދީ އަތްޕުޅުން "ފަރުކޮޅު ފުށި" ކުތްޔަށް ހިއްޕަވައިގެން އެރަށުގައި "ކުލަބް ނޭޗަރ" (ހެއްދެވިހާލަށް މީހުން އުޅޭ ރަށެއް)ގެ ގޮތުގައި ނާޞިރު އެރަށް ތަރައްޤީކުރައްވައިފިއެވެ. ފަރުކޮޅުފުށީގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު (ފަހުން) މި މަޒުމޫނުގެ ލިޔުންތެރިޔާ އަށްވެސް ލިބުނުކަން މިތާނގައި ފާހަގަކޮށްލަމެވެ. 4.3.8 ފިނިކުރިމަސް އެކްސްޕޯޓްކުރުން އެ ޒަމާނުގައި ދިވެހިރާއްޖެއަށް ޢާމްދަނީ ލިބޭ މައިގަނޑު ވަސީލަތަކީ ހިކި ކަނޑުމަހެވެ. މަހުގެ ބާޒާރަކީ ހަމައެކަނި ސިލޯނެވެ. އެހެންކަމުން ލަންކާގެ ފަރާތުން އަޅަ ކޮންމެ ފިޔަވަޅަކުން ރާއްޖޭގެ އިޤްތިޞާދަށް ލޮޅުން އަރައެވެ. [މި ހިސާޞުން ދެން ޢަޒުމް ވަރުގަދަ ނާޞިރު ކުރިމަތިލެއްވީ ދިވެހީންގެ އަމިއްލަ ފައިމައްޗަށް ތެދުވާށެވެ. މަސް ވިއްކާނެ ބާޒާރެއް ހޯދާށެވެ. މި ގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޖަޕާނުގެ މަރުބޭނީ ކޯރޕަރޭޝަނާއެކު މަސްގަތުމުގެ އެގްރީމެންޓެއްގައި 7 އޭޕްރިލް 1972 ގައި ސޮއިކޮށްފިއެވެ. ދިވެހި މަސްވެރިން ބާނާ މަސް އެ ކުންފުނީގެ ބޯޓުތަކަށް ގަނެ އެ މަސް ފިނިކޮށްގެން ބޭރަށް ގެންދާށެވެ. އެކްސްޕޯޓް ކުރާށެވެ. 4.3.9 ފެލިވަރު ކޭނިންގ ފެކްޓްރީ: ދިވެހިރާއްޖެއަށް ބޭރު ފައިސާ ލިބޭ މައިގަނޑު ވަސީލަތަކީ ހިކިކަނޑުމަސް ކަމަށް ވެފައި އެ މަސް ގަންނަ ހަމަ އެކަނި ޤައުމަކީ ސިލޯން ކަމަށްވާތީ ދިވެހި އިޤްތިޞާދު އޮތީ ސިލޯން ގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް ދެންނެވިދާނެއެވެ. މިހެން މިކަން އޮއްވައި 1970 ގެ އަހަރުތަކުގެ ކުރީކޮޅު، ވަރަށް ކުއްލި ގޮތެއްގައި ރާއްޖޭގެ ހިކި މަސް ލަންކާއަށް ނުގަންނަ ގޮތަށް އެ ޤައުމުން ނިންމި އެވެ. ދިވެހި ޤައުމަށް ކުރިމަތިވި މި ޚުޠޫރަތްތެރި ދަނޑިވަޅުގައި ޢަޒުމް ވަރުގަދަ ނާޞިރު، ހިތްވަރާއެކު މަސައްކަތް ފެއްޓެވީ އެހެން މަގެއް ފެނޭތޯއެވެ. ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އެހެން ބާޒާރެއް ލިބޭތޯ މަސައްކަތް ފެއްޓެވި އެވެ. އަދި ރާއްޖޭގައި ރޯމަސްގަނެ ބޭރުކުރުމުގެ ފުރުޞަތު ބޭރުގެ ކުންފުނިތަކަށް ހުޅުވައިލެއްވި އެވެ. މި ދަޢުވަތަށް އިޖާބަދީ ރާއްޖެ އައި ފުރަތަމަ ކުންފުންޏަކީ ޖަޕާނުގެ މަރުބޭނީ ކޯޕަރޭޝަނެވެ. ދުނިޔޭގެ ބާޒާރުގައި ރޯމަހުގެ ވާދަވެރިކަން އިތުރުވި ދަނޑިވަޅުގައި މާތް ﷲ ގެ ރަޙުމަތްފުޅުން ރާއްޖެއަށް ބާނާ މަހުގެ ޢަދަދުވެސް އިތުރުވިއެވެ. އެހެންކަމުން ރާއްޖޭގައި އުފައްދާ މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް ފެންވަރު މަތިކުރުމަށް ބޭނުންވިއެވެ. މިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ފާދިއްޕޮޅު ފެލިވަރުގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއެއް (Tuna Processing Plant) 2 ފެބްރުއަރީ 1978 ގައި ޤާއިމުކުރެވުނެވެ. މިއީ ޖަޕާނުގެ [ނިޕޮނ ސުއިޒާން ކައިޝާ ލިމިޓެޑާއި] ދިވެހި ސަރުކާރު ބައިވެރިވެގެން (ޖޮއިންޓް ވެންޗަރ އުޞޫލުން) ހުޅުވި ކާރުޚާނާއެކެވެ. 4.3.10 ހުޅުލޭ އެއަރޕޯޓް: ދިވެހި ސަރުކާރާއި އިނގިރޭސި ދައުލަތާ ދެމެދު އުފެދުނު ނުތަނަވަސްކަމެއްގެ ސަބަބުން ދިވެހީންގެ ހިތްތަކުގައިވާ ވަޠަނިއްޔަތުގެރޫޙު ދިރިގެންދިޔައެވެ. މިކަންތައްތަކުގެ ތެރޭން އިނގިރޭސީންގެ އަޅުވެތިކަމުން ސަލާމަތްވުމުގެ ރޫޙު ދިވެހީންގެ ކިބައިގައި އުފެދި އިތުރުވެ އާލާވިއެވެ. މިދަނޑިވަޅުގައި ޞާޙިބުއްދައުލާ އަލްފާޟިލް އިބްރާހީމް ނާޞިރުގެ ދުރުވިސްނިވަޑައިގަތުމާއެކު "ހުޅުލޭ މަތީންދާ ބޯޓު ތިރިކުރާ ތަން ދިވެހި ސަރުކާރުގެ ތަނެއްގެ ގޮތުގައި ހެދުމަށް ދައުލަތުން ޤަޞްދު ކުރައްވައިފިއެވެ." (މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، 2007، ޞ: 47) 1966 ވަނަ އަހަރު އޭޕްލީލުން 12 ވަނަ ދުވަހަކީ [ދިވެހީންގެ އަމިއްލަ އަތުން ތައްޔާރުކުރި ދިވެހީންގެ އަމިއްލަ ވައިގެ ބަނދަރު] ހުޅުވުނު ދުވަހެވެ. މި ދުވަހުގެ މި ޙާދިސާ ސިފަކޮށްދެއްވަމުން މަރުޙޫމް އިބްރާހީމް ޝިހާބު ވިދާޅުވެފައިވަނީ [....އިރުމަތީ ފަރާތުގެ އުދަރެހުން އައި ރަޙުމަތުގެ ވާރޭވިލާ އަކަށްފަހު އެންމެންގެ ލޯތައް އެ ދިމާއަށް ހުއްޓުވައިލި މަތީންދާބޯޓު ފެންނާން] ފަށައިފިއެވެ. [އަޅުގަނޑުމެން ކޮށްކޮށް ތިބި އިންތިޒާރު އޭގެ މަތިވެރި އުންމީދުތަކާއެކުގައި މިއޮއް ފުދެނީއެވެ. ހުޅުލެމަތިން އިޞްޠިލާޢުގެ ހަމަ އެންމެ ބުރެއް ޖަހައިލުމަށްފަހު ރަންވޭގެ އުތުރުކޮޅުން ވަރަށް ކުޑަ ތަންކޮޅެއްގެ ބޭނުންކޮށްގެން ނުހަނު އޮމާންކަމާއެކު ބިމަށް އެ ތިރިކޮށްލީ އަޅުގަނޑުމެންގެ ބިން ހުޅުވައިދިން މަތިންދާ ބޯޓެވެ. އެ ބިން އިފްތިތާޙުކޮށްދެއްވި ވެރިޔާ ދިވެހި ޤައުމުގެ ލޮބުވެތި ޒަޢީމް ދިވެހިރާއްޖެއަށް ވަޑައިގަތުމުގެ ޝަރަފު ލިބުނު އެއަރސިލޯން މަތިންދާ ބޯޓެވެ.] (މަލަސް 49، ޞ:60-61) 4.3.11 ރާއްޖޭގެ އެއަރލައިން: ރާޢްޖޭގައި އަމިއްލަ ވައިގެ ބަނދަރެއް އުފެދުމާއެކު، ވައިގެ ދަތުރުފަތުރުގެ ޚިދުމަތްފުޅާކުރެއްވުމަކީ އިޖްތިމާޢީގޮތުން ލިބޭ ފައިދާގެ އިތުރުން ދިވެހި ޤައުމަށް އިޤްތިޞާދީ ކުރިއެރުންތަކެއް އަންނާނޭ ކަމެއްކަމަށް ރައީސް ނާޞިރަށް ފެނިވަޑައިގެން 1966 ގައި 2 މަތީންދާ ބޯޓެއް ރާއްޖެއަށް ބައްލަވައިގަތެވެ. [އެއަރ މޯލްޑިވްސް] ގެ ނަމުގައި ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭ ކުންފުންޏެއް އުފައްދަވައިފި އެވެ. މިކަމުގައި އިސްކޮށް ޙަރަކަތްތެރިވުމަށް ޙަވާލުކުރެވިފައިވަނީ އެ ދާއިރާގެ ތަޖްރިބާކާރެއް ކަމުގައިވާ އަދި ރާއްޖޭގެ ފުރަތަމަ ކޯޕައިލޮޓް މުޙައްމަދު ނަޢީމާއެވެ. (ޢަބްދުލްޙަކީމް ޙުސައިން މަނިކު، 1997) 4.3.12 މަސްދޯނިފަހަރުގައި އިންޖީނުއެޅުން މަސްވެރިކަމުގެ މުޅިން އާ ޖީލެއް ޤާއިމު ކުރުމަށްޓަކައި ދޯނި ފަހަރުގައި އިންޖީނު އެޅުމުގެ ޚިޔާލު ފާޅުކުރައްވައި މިކަމަށް އެހީ ހޯދުމަށް އޭރުގް މިނިސްޓަރ އޮފް ފިޝަރީޒް އަޙުމަދު ޙިލްމީ ދީ ޖަޕާނަށް ފޮނުއްވިއެވެ. ޖަޕާނުގެ ދީލަތި އެހީގައި 200 އިންޖީނު ހޯއްދަވައިގެން، އަމިއްލަ މީސް މީހުންގެ މަސްދޯނި ފަހަރުގައި އިންޖީނު އަޅައިދޭން ފެށީ 16 ސެޕްޓެމްބަރ 1974 ގައެވެ. މިއީ ދިގު މުއްދަތެއްގެ ތެރޭގައި އަގުއަދާކުރާ ގޮތަށް ސަރުކާރުން ދެއްވި ޚިދުމަތެކެވެ. 4.3.13 މޯލްޑިވްސް ޝިޕިންގ ލިމިޓެޑް އާދަމް ޙަލީމް (2008) ބަޔާންކުރައްވާ ގޮތުގައި ރައީސް ނާޞިރުގެ ދައުރުގައި އެންމެ ބޮޑަށް ކުރިއަރައިގެން ދިޔަ ޚިދުމަތަކީ ބޯޓުފަހަރު ދުއްވުމުގެ ޞިނާޢަތެވެ. (shipping industry) . މޯލްޑިވްސް ޝިޕިންގ ލިމިޓެޑް ގެ ނަމުގައި ހިންގެވި، މި ޝިޕިންގ ލައިނަކީ އެ ދުވަސްވަރު މުޅި އޭޝިޔާގެ އެންމެ ވަރުގަދަ އެއް ޝިޕިންގ ލައިނެވެ. 1958 ގައި ސަރުކާރުން ބައްލަވައިގަތް [މޯލްޑިވް ސްޓާރ] އިން ފަށައިގަނެ ނާޞިރުގެ ވެރިކަމުގައި 34 އާގުބޯޓު މި ކުންފުންޏަށް ހޯދިއެވެ. 4.3.14 ރޭޑިއޯ ސްޓޭޝަން އާދައިގެ [މާކޯނީ] ރޭޑިޔޯޓެލެފޯން ސެޓަކުން [މާލޭރޭޑިއޯ]ގެ ނަމުގައި ރޭޑިއޯގެ ޚިދުމަތް ވުޖޫދަށް އައީ 1962 ވަނަ އަހަރު ޑިސެމްބަރ މަހުގެ ތެރޭގައެވެ. [ސިނަކޯ ރޭޑިއޯ]، [އެމްއައިބީސީ]، [ރޭޑިއޯމޯލްޑިވްސް] ފަދަ ތަފާތު ނަން ނަމުގައި ތަރައްޤީވަމުން އައި، މިއަދުގެ [ދިވެހިރާއްޖޭގެ އަޑު] ގެ ބާނީއަކީ ވެސް ހަމަ ރައީސް ނާޞިރެވެ. (ޢަބްދުލްޙަކީމް ޙުސައިން މަނިކު، 1997) 4.3.15 ޓެލެޥިޜަން މޯލްޑިވްސް ޢަބްދުލްޙަކީމް ޙުސައިން މަނިކު (1997) ބަޔާންކުރައްވާ ގޮތުގައި ދިވެހިރާއްޖޭގައި ޓީވީގެ ޚިދުމަތް ފެއްޓެވުމުގެ ބާނީއަކީވެސް ރައީސް ނާޞިރެވެ. 1978 މާރޗް 29 ގައި އިފްތިތާޙުކުރެވުނު [ޓެލެވިޜަން މޯލްޑިވްސް] މާ ބޮޑަށް ކުރިއަރުވައި ނުލެއްވެނީސް ވެރިކަން ދޫކޮށްލައްވަން ނިންމެވީކަމަށް އޭނާ ވިދާޅުވިއެވެ. 4.3.16 މުއާޞަލާތީ ޚިދުމަތް: ރާއްޖޭގައި މުވާޞަލާތުގެ ކަންތައް ދާދި ފަހަކާ ޖެހެންދެން ބިނާވެފައި އޮތީ ދަތުރުފަތުރުގެ މައްޗަށް އެކަންޏެވެ. މިހެން މިކަން އޮއްވައި މާލެއާއި އަތޮޅުތަކާ ދެމެދު ރޭޑިއޯޓެލެޕޯންގެ ޚިދުމަތް ޤާއިމުކުރެވުނީ 21 ނޮވެމްބަރ 1962 ގައެވެ. ރޭޑިއޯޓެލެފޯންގެ ޛަރީޢާއިން ދައްކާ ވާހަކަ ރޭޑިއޯއިން އަޑު އެހުމުގެ ފުރުޞަތު އޮންނާނެތީ، ދައުލަތުގެ ސިއްރު ހިފެހެއްޓުމަށްޓަކައި، ވަޔަރލެސް ޓެލެޕޯންގެ ޚިދުމަތް ޤައިމުކުރުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން [މޯސްކޯޑް] ކޯހެއް ހިންގަވައި އަތޮޅުތަކަށް ވައިރލެސް އޮޕަރޭޓަރުން ތަމްރީނުކޮށް އެ ކުދީންނަށް އަތޮޅު އޮފީސްތަކުން 1976 ގައި ވަޒީފާދެއްވި އެވެ. މި ގޮތުން ވަޒީފާ ހަމަޖެހުނު ކުދީންގެ ތެރޭގައި މި ޤަލަމުގެ ވެރިޔާ ވެސް ހިމެނެއެވެ. ޓެލެފޯންގެ ޛަރީޢާއިން ރާއްޖެއިން ބޭރާ ގުޅޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައިއިނގިރޭސި ވިލާތުގެ ކޭބަލް & ވައިރލެސް ކުންފުނި މެދުވެރިކޮށް މި ޚިދުމަތް ޤާއިމުކުރީ 17 މެއި 1977 ގައެވެ. 4.3.17 ބޭންކިންގ އިންޑިޔާ ސަރުކާރާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 4 ފެބްރުއަރީ 1974 ގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ ގެ ގޮތްޕެއް މާލޭގައި ހުޅުވުނެވެ. މިހާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އާ ޢިމާރާތް އެހުރި ތާނގައި މި ބޭންކް ހުޅުވުނުތާ މާ ގިނަ ދުވަހެއް ނުވަނީ ޙަބީބު ބޭންކް ލިމިޓެޑަށްވެސް ރާއްޖެއިން ޖާގަ ލިބިއްޖެއެވެ. މިއީ ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދަށް ވަރަށް ބޮޑު ފައިދާތަކެއް ލިބިގެންދިޔަ ޚިދުމަތެކެވެ. ރައީސް ނާޞިރު ބޮޑުވަޒީރެއްގެ ގޮތުން ނާއި ރައީސުލްޖުމްހޫރިއްޔާގެ ގޮތުން ދިވެހި ޤައުމަށް ޚިދުމަތްކުރެއްވި ދުވަސްވަރު ކުރެއްވި ކަންކަން ވަރަށް ގިނައެވެ. އެ ހުރިހައި ކަމަކީ [ޚިދުމަތް] ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. މިސާލަކަށް [ދިވެހިބަސް އިންގިރޭސި(ލެޓިން) އަކުރުން] ލިޔުން މަޖްބޫރުކުރެއްވުމާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނުންގެ މުޒާހަރާއެއް ބޭއްވުން ފަދަ ޙަރަކާތްތަކަކީ އެ މަނިކުފާނުގެ ދައުރުގައި ހިނގައިފައި ހުރި ކަންކަން ނަމަވެސް އެ ފަދަ [ޙަރަކާތް] ތަކަށް [ޚިދުމަތޭ] ކިޔަން އަޅުގަނޑަށް ފަސޭހައެއް ނޫނެވެ. އެއީ މި ދިރާސާ ފަށައިގަތުމުގައި އަޅުގަނޑު ގެނެސްދީފައިވާ މާނަކުރުމަށް ބަލާއިރު އެ މިންގަނޑަށް ނުފެތޭތީއެވެ. އަޅުގަނޑު ބަލައިލައިފައި މިވަނީ ރައީސް ނާޞިރު ކުރެއްވި ޚިދުމަތަކަށް ވާކަހަލަ ޚިދުމަތްތަކުގެ ތެރެއިން ވެސް މުހިއްމު ބައެއް ޚިދުމަތްތަކަށެވެ. (ނުނިމޭ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-02-10 06:37:50
ދިވެހިޤައުމަށް ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅުންގެ ޚިދުމަތްތަކާއި ގުޅޭގޮތުން ލިޔެވޭ މިފަދަ ތަރީޚީ ލިޔުމެއްގައި ވަރަށް ބޮޑަށް އިންޞާފުވެރިވަޑައިގަތުމީ މިލިޔުން ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއާގެ މައްޗަށް އޮތް ޤައުމީ ވާޖިބެއް. މިފަދަ ލިޔުމެއްގެ މިހާ ކުރީކޮޅުގައިވެސް، އިންޞާފު މަގުން ނެއްޓި، ބޭންއިންޞާފުން ހިތެވޭތަން ހިސާބަކަށް ނަމަވެސް ފެންނާތީވެ ލިޔުންތެރިޔާގެ ސަމާލުކަމަށް މިކަން ގެނައުމުގެ ގޮތުން މިޚިޔާލު ފައުޅުކޮށްލަމެއް. ތަރީޚަކީ ވަރަށް އެހެން ކަހަލަ އެއްޗެއް.. ގިނަ ފަހަރަށް ޙަޤީޤަތް އޮންނަނީ އެލިޔާ ބަޔަކަށްވެސް ނޭގި، އެހެންވީމާ، މިފަދަ ލިޔުމެއް ލިޔާއިރު ވަރަށް ފުން ދިރާސާތަކެއް ކުރަންޖެހޭ. ރައީސް ނާޞިރު އަޅުއްވައި ދެއްވި ބިންގަލުގެ މަތީ ދިވެހިރާއްޖޭގެ ވަރަށް ގިނަ ތަރައްޤީގެ ކުރި ބޯށިތަކެއް ފޯދި ތަޞައްރަފް ފުދެމުން މިއަންނަ ގޮތުގެ ކުޑަނަމަވެސް ތަޞައްވުރެއް އެފަދަ ޙިކުމަތްތެރި ވިސްނުންފުޅެއްގެ ވެރިޔާގެ ކިބައިގައި ނެތި ނުދާނޭ ކަމީ ޢިލްމީ އަދި ބުއްދީގެ ނަޘަރަކުން ބެލިނަމަވެސް ޤަބޫލުވެވޭ ކަމެއް. ތަރީޚީ މިފަދަ ދިރާސީ ލިޔުމެއްގައި މިއީ ބަލާލުން މުހިންމު ބައެއް ކަމުގައި ލިޔުންތެރިޔާއަށް ދަންނަވަން.. މިހެން ދަންނަވާލަން ޖެހުނީ ލިޔުންތެރިޔާގެ ލިޔުމުގެ އޮއިވަރު މިހާރު ހިނގަމުންދާ މަގުން އަޅުގަނޑު ދެންމެ މިދެންނެވި ނުކުތާ ލޮލުގެ ކޮޅަށް ދުރުމީއަޅައިގެން ބެލީމާވެސް ނުފެންނާތީވެ ސާމާލުކަމަށް ގެނައުމުގެ ގޮތުން ނެވެ. ކުރިއަށް ވަޑައިގަތުމަށް ހިތްވަރުދެން.
... ލިޔުނީ ª°§¦§, 2010-02-10 07:28:15
މިލިޔުން މިއައީ ވަރަށް އެކަށޭނަ ދަނޑިވަޅެއްގައެވެ. އަދު އަލްމަރްޙޫމް އިބްރާހީމް ނާޞިރޭ ކިޔައިގެން ވަރަށް ކަމުނުދާ ވާހަކަތައް ދެކެވެމުން ދެއެވެ. އެގޮތުން މިއަދު ހެނދުނުވެސް ކޮންމެވެސް ރޭޑިޔޯ ޗެނެލަކުން ފެހިގެއާ ބެހޭގޮތުން ގެނެސްދިން ރިޕޯޓުގައި ނާޞިރުވަނީ ކުއްވެރިކޮށްފައެވެ. ތާރީޚާއި ހަނދާނަށްޓަކައި، އެއީ ކޮންމެ މީހަކު ކުރިކަމުގައިވިޔަސް، އަނިޔާއެއް ކޮށްފައިވާނަމަ އެވާހަކައެއް ރައްކާކުރެވެންވާނެއެވެ. ނަމަވެސް ހަމައެފަދައިން ކޮށްފައިވާ ރަނގަޅު ކަންކަމާއި ކޮށްދީފައިވާ ޚިދުމަތްތައްވެސް ފާހަގަކުރަންވާނެއެވެ.
ވަކި ބޭފުޅެއްގެ މަޞްލަޙަތަށްޓަކައި ތާރީޚު އޮޅުވައިލުމަކީ ހިތާމަހުރި ކަމެކެވެ. ޚިޔާލު ހުށަހަޅާ
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |