ފަންވަތް ދިވެހި ތާރީޚް އަލްއަމީރު ޙަސަން ފަރީދު ގެއްލިވަޑައިގަތުން
ބެލި ޢަދަދު: 2029
އަލްއަމީރު ޙަސަން ފަރީދު ގެއްލިވަޑައިގަތުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - ތާރީޚް
09 މާރޗް 2011، 01:29 ބުދަ

މި ޚަބަރު ލިބުމާއެކު، މުޅި މާލެއަށާއި ރާއްޖެއަށް ޢާއްމު ވެގެން ދިޔައީ ބަޔާން ނުކުރެވޭފަދަ ފުން ހިތާމައެކެވެ.

ނަސީމާ މުޙަންމަދު


އަލްއަމީރު ޙަސަން ފަރީދު ދީދީ ގެއްލިވަޑައިގެންނެވި ޚަބަރު މާލެއަށް ލިބުނީ، އެ ހާދިސާ ހިނގުމުގެ ހަތަރު ދުވަސް ފަހުންނެވެ. މި ޚަބަރު ލިބިވަޑައިގަތީ ކޮޅުނބުގައި ހުންނެވި އިނގިރޭސީންގެ ޗީފް ސެކްރެޓަރީ، އަންނަބީލް މުޙައްމަދު އަމީނަށް ފޮނުއްވި، ތިރީގައި މިދަންނަވާ ވައިރުލެސް މެސެޖުންނެވެ:  
  
           
"ޗީފް ސެކެޓްރީގެ ކިބައިން އަމީން ދީދީއަށް. އަލްއަމީރު ޙަސަން ފަރީދުދީދީ ދަތުރުކުރެއްވި މަނަވަރު ދުޝްމިނުންގެ ހަރަކާތުން ފެތިއްޖެކަމުގައި ޤަބޫލުކުރެވިއްޖެ ވާހަކަ، ވަރަށް ބޮޑު ހިތާމައާއި އެކުގައި އަންގަމެވެ. ސިޓީއެއް މީގެ ފަހަތުން އެބަ ފޮނުވަމެވެ"  މިދެންނެވީ ހިޖުރީ ސަނަތުން 1363 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 6 ވީ ހުކުރު ދުވަހު (31 މާޗް 1944) ވައިރުލެހުން މާލެއަށް ލިބުނު ހިތާމަވެރި ޚަބަރެވެ.
         
އަލްއަމީރު ޙަސަން ފަރީދުދީދީ ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ގެއްލިވަޑައިގަތުމަކީ، އެދުވަސްވަރު ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. އެއާއެކުގައި، އެމަނިކުފާނަށް ވީ ގޮތެއް ނޭނގުމަކީ ދިވެހީންނަށް އެކަން ޤަބޫލުކުރަންވެސް ދަތިވީ ކަމެކެވެ. އެހެންކަމާއެކު، ނުވެނުދާނޭ ފަދައިން، މިކަމާ ގުޅިގެން ވަރަށް ގިނަ ވާހަކަތަކެއް އެއިރުއްސުރެން ރާއްޖޭގައި ދެކެވެމުން އައިސްފައިވެއެވެ. ނަމަވެސް، މިހާރު މި ހާދިސާއާ ބެހޭ މަޢުލޫމާތުތައް ލިބެން އެބަހުއްޓެވެ. އަދި އެކަން ހިނގައިދިޔަ ގޮތް އެނގެން އޮތުމާއެކު، މި ކަމާބެހޭ ގޮތުން އުފެދިފައިވާ އޮޅުންތައް ފިލުވާލުމުގެ ގޮތުން، މި ހާދިސާއާ ބެހޭގޮތުން ހޯދިފައިވާ މަޢުލޫމާތު ޢާއްމުކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.  
            
އަލްއަމީރު ޙަސަން ފަރީދުދީދީ އަކީ ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ގެ ދެވަނަ ދަރިކަލުންނެވެ. މަންމާފުޅަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ދަރިކަނބަލުން ކާށިދޫގޭ ދޮންގޮމައެވެ. އެއްބަނޑު އެއްބައްޕާ ބޭބޭފުޅަކީ، އަލްއަމީރު މުޙައްމަދު ފަރީދުދީދީއެވެ. އެއްބައްޕާ ބޭފުޅަކީ އަންނަބީލު އިބްރާހީމް ފަރީދު ދީދީއެވެ. ޙަސަން ފަރީދު ދީދީ ރާއްޖެއިން ބޭރުން ކިޔަވައިވިދާޅުވެގެން އެނބުރި މާލެ ވަޑައިގަތީއްސުރެ، އެމަނިކުފާނު އުޅުއްވައިފައިވަނީ، ޤައުމަށް ޚިދުމަތް ކުރެއްވުމުގައެވެ. 
           
އަލްއަމީރު ޙަސަން ފަރީދުދީދީ ގެއްލުނު ދަތުރުފުޅުގައި ކޮޅުނބަށް ފުރާވަޑައިގަތީ، ވަރަށް ގިނަ ކަންތައްތަކެއްގެ ތެރޭގައި އަވަދިނެތި އުޅުއްވުމަށް ފަހުގައެވެ. އެންމެ ފަހުން އުޅުއްވައިފައިވަނީ އައްޑޫގައި އެއިރު އުފެދިގެން އުޅުނު ގަޑުބަޑު ހަމަޖެއްސެވުމުގައެވެ. 1363ހ ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ ފަހުކޮޅުގައި، އެމަނިކުފާނު އައްޑު އަތޮޅަށް ވަޑައިގަތެވެ. އައްޑު އަތޮޅުގައި ހުރި މައްސަލަތަކެއް ހަމަޖެއްސެވުމަށް ފަހު، އެއަތޮޅުގެ ކަންތައްތައް ބަލަހައްޓާ ވެރިއެއްކަމުގައި ސިއްކަ ޢަލީ މަނިކުފާނު އެތާގައި ބަހައްޓަވާފައި، އަލްއަމީރު ޙަސަން ފަރީދުދީދީ ކޮޅުނބަށް ވަޑައިގެންނެވުމުގެ ދަތުރުފުޅު އިނގިރޭސީންގެ ބޯޓެއް ކަމަށްވާ އެޗް.އެމް.އެސް. މާލޮއީގައި ފެށްޓެވިއެވެ. މި ބޯޓަކީ އޭގެ ކުރީގައި "ގްލޯބް-6" ނަމަކަށް ކިޔުނު ކުޑަ ބޯޓެކެވެ. އިނގިރޭސީން މިބޯޓު ހޯދުމުގެ ކުރިން، މިއީ ނޯވޭގައި ބޮޑުމަސް ހިފަން ގެންގުޅުނު "ވޭލަރު" ބޯޓެކެވެ. ހަނގުރާމައިގެ ތެރޭގައި މިބޯޓު ވަނީ "މައިންސްވީޕަރު" އަކަށް އިނގިރޭސީން ހަދާފައެވެ. މިއީ ކަނޑުގައި އަޅާފައި ހުންނަ މައިން ފަދަ، ގޮވާ އެއްޗެތި ނެގުމަށް ތައްޔާރުކޮށްފައިވާ ބޯޓެކެވެ. އެޗް. އެމް. އެސް. މާލޮއީގައި ފަޅުވެރިންނަށް ތިބީ ނޯވޭގެ މީހުންނެވެ.
           
އެޗް. އެމް. އެސް. މާލޮއީގައި އައްޑު އަތޮޅުން، ބުޗާ ޙަސަންކަލޭގެފާނާއި މައުލަވީ މުޙައްމަދު ޙަސަން ގޮވައިގެން ފުރާވަޑައިގަންނަވައިގެން ޙަސަން ފަރީދު ދަތުރުފުޅުކުރެއްވީ ހައްދުންމައްޗަށެވެ. އެއަތޮޅުން ކޮޅުމަޑުލަށް ވަޑައިގެން، އައްޑުއަތޮޅުން ގެންނެވި ދިވެހީން މާލެއައުމަށްޓަކައި އެއަތޮޅުގައި ބައިތިއްބަވާފައި، 1 ރަބީޢުލްއާޚިރު 1363 (26 މާޗް 1944) ވީ އާދީއްތަ ދުވަހު، އެ އަތޮޅުން އެބޯޓުގައި ފުރާވަޑައިގަތީ ކޮޅުނބަށް ވަޑައިގަތުމަށެވެ. ނަމަވެސް އެމަނިކުފާނަށް ކޮޅުނބަކަށް ވަޑައެއް ނުގެންނެވުނެވެ. 2 ރަބީޢުލްއާޚިރު 1363 (27 މާޗް 1944) ވީ ހޯމަ ދުވަހު، އިނގިރޭސީން ހިމެނޭ އިއްތިހާދުގެ ބޯޓުފަހަރު ހަލާކުކުރުމުގެ ނިޔަތުގައި އިންޑިޔާކަނޑުގައި އުޅުނު ޖަރުމަން ސަބްމެރީނެއްގެ ޝިކާރައަކަށް މާލޮއީ ވެއްޖެއެވެ. ޓޮރުޕިޓޯކޮށްގެން އެޗް. އެމް. އެސް މާލޮއީ ފައްތާލި މި ސަބްމެރީންއަކީ، ޔޫ- 510 (U-510) މި ނަމްބަރު ދީފައިވާ ޖަރުމަނު ސަބްމެރީނެވެ. ސަބްމެރީންގެ ވެރިޔަކަށް ހުރީ ޖަރުމަން ކެޕްޓަން ލެފްޓަނަންޓް އަލްފްރަޑް އައިކް އެވެ. ޓޮރުޕިޓޯ ކުރިއިރު ސަބްމެރީނުގައި ތިބި މީހުންނަށް ހީވެފައިއޮތީ، މާލޮއީއަކީ މުދާ އުފުލާ، 5000 ޓަނުގެ ބޯޓެއް ކަމަށެވެ. މި ހާދިސާ ހިނގީ، އިންޑިޔާގެ ކޭޕް ކޮމޯރިންގެ (ކުމެރީގެ) 160 ނޯޓިކަލް މޭލު ދެކުނުން، 05.25 N ، 77.32 E ، މި ހިސާބުގައެވެ. އެޗް. އެމް. އެސް. މާލޮއީ ހަލާކުވެ އަޑިޔަށް ދިޔަދިޔުމުގައި، އެބޯޓުގެ ކޮމާންޑަރާއި، ކުރޫގެ 16 މެމްބަރުންނާއި، ދެ ފަސިންޖަރުން ކަމަށްވާ އަލްއަމީރު ޙަސަން ފަރީދުދީދީ އާއި ފްލައިޓް ލެފްޓަނަންޓް ވޯކަރު، ޣަރަޤުވެ ގެއްލުނީއެވެ.
          
އަލްއަމީރު ޙަސަން ފަރީދު ދީދީ ގެއްލިވަޑައިގަތް ޚަބަރު މާލެއަށް ލިބިވަޑައިގަތީ މެންދުރު ދޭއްޖަހާ އެހައިކަށްހާ އިރުއެވެ. ދެން އެއިރު އޮތް ވަލީ ކޮމިޓީގެ ބައްދަލުވުމަކަށް ފަހު، ރަޢިއްޔަތުންގެ ޚާއްޞަ މަޖިލީހުގެ ބައްދަލުވުމެއް އަވަހަށް ބޭއްވުނެވެ. އެއަށްފަހު މިޚަބަރުގެ އިޢުލާނެއް ހަތަރު އަވަށުގެ މައިޒާންދޮށުގައި ބެހެއްޓެވިއެވެ. އެރޭގެ ޢިޝާނަމާދަށް ފަހު، އަލްއަމީރު ޙަސަން ފަރީދުދީދީއަށް ރަޙްމަތްލެއްވުން އެދި، ހުކުރު މިސްކިތުގައި ދުޢާކުރެވުނެވެ.
       
މި ޚަބަރު ލިބުމާއެކު، މުޅި މާލެއަށާއި ރާއްޖެއަށް ޢާއްމު ވެގެން ދިޔައީ ބަޔާން ނުކުރެވޭފަދަ ފުން ހިތާމައެކެވެ. އަލްއަމީރު ޙަސަން ފަރީދުދީދީ އަކީ، އެތަކެއް އަހަރުވަންދެން ދިވެހިރާއްޖެއަށް ޚިދުމަތް ކުރައްވަމުން ގެންދަވާފައިވާ ބޭފުޅެކެވެ. އެދުވަސްވަރަކީ ދެވަނަ ބޮޑުހަނގުރާމައިގެ އެންމެ ދަތި ދުވަސްވަރެވެ. ރާއްޖޭގެ ރައްޔިތުންނަށް ދިރިތިބުމަށްޓަކައި ބޭނުންވާ ކާޑު ފޮނުއްވުމާއެކު، ސަރުކާރު ހިންގެވުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދެވި އެންމެ މުހިންމު އެއް ލީޑަރަކީ އެމަނިކުފާނެވެ. ދިވެހިރާއްޖެއަށްޓަކައި އެމަނިކުފާނު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުގެ ތެރޭގައި، ދުޝްމިނުންގެ ސަބްމެރީންތަކުންނާއި ހަނގުރާމަވެރި މަނަވަރުތަކުގެ ނުރައްކަލުން ބިރުވެރި މަސްރަޙަކަށް ހަދައިފައިވާ އިންޑިޔާ ކަނޑުގެ ތެރެއިން އެތައް ދަތުރުފުޅެއް ކުރެއްވިއެވެ. ދިވެހިރާއްޖެއަށްޓަކައި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުގައި، ކުރެއްވި ކޮންމެ ދަތުރުފުޅެއްގައި ކުރިމަތިލެއްވި ނުރައްކާތެރިކަން، ދިވެހީންނަށް ރަނގަޅަށް ފަހުމްވީ، އެމަނިކުފާނު ނެތުމުންނޭވެސް ދެންނެވިދާނެއެވެ. ކުއްލިއަކަށް މިލިބުނު ޚަބަރުން އައި ސިހުމާއެކު، ރައްޔިތުންނަށް އެނގުނީ، އަލްއަމީރު ޙަސަން ފަރީދުދީދީގެ ވަފާތެރި ޚިދުމަތުން ދިވެހިރާއްޖެ އަބަދަށް މަޙުރޫމްވެއްޖެ ކަމެވެ. އެކަން ޤަބޫލުކުރަން ދަތިވުމާއެކު، ޢާއްމުވަމުންދިޔައީ، އެމަނިކުފާނު ދުށުމަށްޓަކައި ދިވެހީން އަދިވެސް ކުރަމުންދިޔަ އުންމީދުތަކުން އުފެދުނު ޙަޤީޤަތެއް ނެތް ވާހަކަތަކެވެ. އެތަކެއް އަހަރުވަންދެން މިފަދަ ވާހަކަތައް ދެކެވެމުންދިޔައެވެ.
      
ޖަރުމަން ސަބްމެރީނަކުން ފައްތާލި މަނަވަރު އެޗް. އެމް. އެސް. މާލޮއީ އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހަލާކުވެގެންދިޔަ ކުޑަކުޑަ މަނަވަރެކެވެ. އެ މަނަވަރަކީ ކިތަންމެ ކުޑަ އުޅަނދެއް ނަމަވެސް، އެމަނަވަރު ހަލާކުވެ ދިޔުމުން ދިވެހިރާއްޖެއަށް ގެއްލުނީ އޭގައި އެވަގުތު ހުންނެވި ނުހަނު އަގުހުރި ދިވެހި ދަރިއެކެވެ. އަލްއަމީރު ޙަސަން ފަރީދު ދީދީއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ނުރައްކާތެރި ދަތި ދުވަސްވަރުގައި، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އޭނާ ކޮށްދެއްވި ޚިދުމަތްތަކަކީ، ދިވެހި ތާރީޚުގައި ބިންވަޅުނެގިފައިވާ ޚިދުމަތްތަކެކެވެ. ސުމުއްވުލް އަމީރު މުޙައްމަދު އަމީން ލިޔުއްވައިފައިވާ ގޮތުގައި، "އޭނާ ކުރެއްވި ޚިދުމަތްތަކުގެ ދިގުމިން ބަލާނެ ފީތާއެއް، ފުންމިން ބަލާނެ މުޑުތެއް، ބަރުމިން ބަލާނޭ ތިލަފަތެއް ނުވެއެވެ."
     
ކީރިތިވަންތަ މާތް ﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލައްވާށިއެވެ. އާމީން!
-----------------
 (ނިމުނީ)

ފޮޓޯތަކުގެ ތަޢާރުފު:

    1- އެޗް. އެމް. އެސް. މާލޮއީ.
    2- ކެޕްޓަން ލެފްޓަނަންޓް އަލްފްރަޑް އައިކް
    3- އެޗް. އެމް. އެސް. މާލޮއީ ޓޮރުޕިޓޯކޮށް، ފައްތައިލިތަން ފާހަގަ ކޮށްދޭ ޗާޓު



ނޯޓު: މި ލިޔުމުގައި ހިމަނައިފައިވާ މަޢުލޫމާތު މައިގަނޑުގޮތެއްގައި ނަގައިފައިވަނީ، ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވައިފައިވާ "ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" މިފޮތުންނާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އަރުޝީފުގައިވާ "ކަންކަން ހިނގާ" ރެކޯޑުތައް ލިޔެފައިވާ އެއް ނަންބަރު ފޮތުންނާއި، އިންޓަނެޓްގެ  www.wrecksite.eu މި ސައިޓާއި، އަދި ދެވަނަ ބޮޑު ހަނގުރާމައިގައި ފެތުނު ބޯޓުފަހަރުގެ މަޢުލޫމާތު ދީފައިވާ ބައެއް އެހެން ވެބްސައިޓުންނާއި، އިނގިރޭސި ވިލާތުގެ ކިޔޫގައި ހުންނަ ޕަބްލިކް ރެކޯޑްސް އޮފީހުގެ ބައެއް ލިޔުންތަކުންނާއި، އަދި އެމަނިކުފާނުގެ ޢާއިލާގެ ބައެއް ބޭފުޅުން ދެއްވި މަޢުލޫމާތުންނެވެ.
މަތީގައި ލިޔެފައިވާ މައިގަނޑު މަޒުމޫނަކީ 18.12.2010މ މި ދުވަހުގެ ހަވީރު ނޫހުގައި ޝާއިޢުކުރެވިފައިވާ މަޒުމޫނެކެވެ. މަޒުމޫނު ލިޔުނީ ނަސީމާ މުޙައްމަދެވެ.  ފަންވަތުގައި މި ލިޔުން ޝާއިޢު ކުރެވިފައި މި ވަނީ، އިތުރު ބައެއް އިޞްލާޙާއެކުގައެވެ. ޚާއްޞަކޮށް ބައެއް ފޮޓޯއާއި ކުރެހުން ހިމެނޭ ގޮތަށެވެ.


މި ލިޔުން؛

     ފޮނުވުން: އަލްފާޟިލާ ނަސީމާ މުޙަންމަދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
     ޝާއިޢުކުރުން: ''            ''


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)Add Comment
...
ލިޔުނީ މަޤުތޫލު, 2010-04-08 19:34:45

ކޮންމެ ޒަމާނެއްގައި ވެސް ދައުލަތް ހިނގުމުގެ އެންމެ އިސް ބާރަށް ބަދަލެއް އަންނަ ނަމަ، އެކަމާ ގުޅުވައިގެން ކޮޅެއް މެދެއް ނޭނގޭ ވާހަކަތައް ނެރެނީތާ އެވެ. އެކަމަށް ފަރިތަ ކުޅަދާނަ ބަޔަކު އުޅެނީތާ އެވެ.

މަރުޙޫމު ޙަސަންފަރީދުގެ ވަކިވެވަޑައިގަތުމާ މެދު އިވިފައިވެ އެވެ. ''އެއީ ހަމަ އެ ދުވަސްވަރު މުޙަންމަދު އަމީނުމެެން ރާއްވަވައިގެން ދުއްވާލި ބޭފުޅެއް. އެކަމަކު ކިޔަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަޕާނު މީހުން ބޮން އަޅައިގެން ފަރީދު އިންނެވި ބޯޓު ފައްތައިލީކަމަށް. އަޑު ފަތުރާފައި އޮތީ މި ގޮތަށް. އެކަމު އަސްލު ކަން ހިންގީ އަމީނުމެއް''

މަތީގައިވާ ލިޔުމުގައި ހާމަ ކޮށްދެއްވާފައިވާ ތާރީޚުގެ ޙަޤީޤަތްތަކުން މި ފަދަ ކުށް ހީތަކާއި، ވަހުމާއި، ދޮގު ތުހުމަތުތައް ވަޔަށް ބުރައިގެން ހިނގައްޖެ އެވެ. ހަށްޓަށް ވަރަށް ލުއިވެއްޖެ އެވެ.
...
ލިޔުނީ ޙިލްމީ©, 2010-05-05 04:36:55
އައްޑުއަތޮޅު ގަން ކުރިންދީފައިއޮތް އޮތުން ސަތޭކަ އަހަރަށް އިތުރުކުމަށް ބާރުއަޅައި ދިނުމަށް އިގިރޭސީން މުޙައްމަދު އަމީނު އަރިހުން އެދެމުންދިޔަކަމަށްވޭ. ޖަވާބުގައި މުޙައްދު އަމީނު ވިދާޅުވިކަމަށްވޭ ބޭބޭފުޅު(ހަސަން ފަރީދު ދީދީ) ހުންނަވަނިކޮށެއް ތިކަމެއްނުވާނެއެވެ. ކޮންމެއަކަސް ބޭސްފަރުވާއަކަށް ލަންކާއަށް ދަތުރުކުރިބޯޓު ދުވަސްތަކަކަށްފަހު މާލޭބަނދަރަށް އައީމުޅިބޯޓުގެދަވާދު ބަދަލުކޮށްލައިގެން. ޢާއްމު މޫނުތަކަށް ފަރުދާވެވިގެން. އެހެންނަމަވެސް ސަރުކާރުގެ"މީރުބަހުރު" ބޯޓަށްއެރުމުންއެކަން އެގުނުކަމަށްވޭ. ބޯޓުގެއެތެރޭގެކުލަމުޅިންބަދަލުނުކުރެވޭކަމަށްވެސްވޭ. ލޭގެއަސަރުހުރިކަމަށްވެސްވޭ. މިކަންއިތުރަށް ފަޅައިއެރިއަނުދިނުމަށްޓަކައި މީރުބަހުރު އަށް ގޯއްޗެއްދެއްވައި އުމުރުދުވަހަށް މުސާރަކަނޑައަޅުއްވައި އޭގެއިތުރަށްވެސް ވަރަށް ޚާއްސަ އިނާޔަތްތަކެއްދެއްވިކަމަށްވަނީ.
...
ލިޔުނީ ހާމުންޑި, 2010-10-18 12:46:04
ޙިލްމީ ވިދާޅުވެފައިވާ އެއްޗަކަށް އަޅުގަނޑުވެސް ތާއީދުކުރަމެވެ. ތާރީޚަކީއިޢާދަވާ އެއްޗެކެވެ. ނުބައިކަމެއްގެ ނިމުންވެސް ހަމަ ނުބައިވާނެއެވެ. ދިވެހި ތާރީޚާއި ވިހަމަނާފުށްޓަށް ބެލިއަސް މިކަން ރަނގަޅަށް އެނގޭނެއެވެ. އެކަކަށް ދެރައެއް ދީފައި އަނެކަކަށް އުފަލުގައެއް ނޫޅެވޭނެކަން އެވަރުން އެނގޭނެއެވެ.
...
ލިޔުނީ shuhad, 2011-03-12 10:51:05
http://www.uboat.net/allies/me.../3225.html
މިސަޓުގައި ތަންކޮޅެއް ތަފްސީލްކޮށް އެބައޮތް ތިޔަ ވާހަކަ
...
ލިޔުނީ محمد آدم على, 2011-03-13 01:57:46
ބައެއް މީހުން ދެކޭ ގޮތުގައި އަދި ބުނާ ގޮތުގައި ދިވެހި ރާއްޖޭ ގައި އާދައިގެ ޢާންމުންނަށް ތަޢްލީމު ޙާޞިލު ކުުރުން އެއްދުވަސްވަރެއްގައި މަނާ ކުރެވިފައި އޮތްއޮތުމަކީ ހަސަން ފަރީދުގެ ސިޔާސަތެކެވެ. އަދި ހަސަން ފަރީދު ނެތި ދިޔުމުން މި ސިޔާސަތަށް ކޮންމެވެސް ހެޔޮ ބަދަލެއް އައެވެ. ކޮންމެއަކަސް އެދުވަސް މާޒީ ވެ ދިޔައީތީވެ ކީރިތި މާތް ﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2029
extra avandia and congestive heart failure