މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ފޮތެއްގެ ތަޢާރުފު |
|
|
| ދިވެހި - ތާރީޚް | |||
| 10 ޖުލައި 2010، 13:24 ހޮނިހިރު | |||
ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ އިއްޔެއާއި އިހަށްދުވަސްމުޙައްމަދު އިސްމާޢީލު ފުޅު މިއީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ތާރީޚާ ގުޅޭގޮތުން އަޅުގަނޑަށް މިހާތަނަށް ހޯދުނު މަޢްލޫމާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތެކެވެ. މިފޮތް ލިއުމަށް އަޅުގަނޑު ބޭނުންވި މުހިންމު އެއްސަބަބަކީ ޞިއްޙީ ދާއިރާގައި ސާޅީހަކަށް އަހަރު އުޅުމުގެ ނަޞީބު އަޅުގަނޑަށް ލިބިފައިވާތީ އެމުއްދަތުގެތެރޭގައި އަޅުގަނޑު ދުށް ޞިއްޙީ ދާއިރާއާއި، އެދާއިރާގެ ޚިދުމަތްތައް، ފުޅާވެ ތަރައްޤީވަމުން އައި ގޮތާއި، ހިނގައިދިޔަ ތަރީޚީ މުހިންމު ޙާދިޘާތަކުގެ ހަނދާންތަކާއި، އަދި އޭގެ އިތުރުން ޞިއްޙީ ދާއިރާއާ ބެހޭގޮތުން ކުރިއްސުރެ ފެށިގެން މިހާތަނަށް
އަޅުގަނޑަށް އެއްކުރެވުނު އެންމެހާ މަޢްލޫމާތު މިއަދުގެ ޞިއްޙީ ޚިދުމަތްތެރީންނާއެކު ޙިއްޞާކޮށްލުމެވެ. އޭގެއިތުރުން މިދެންނެވި މަޢްލޫމާތުތައް އަންނަން އޮތް ޖީލުތަކުގެ ދަރީންނާ ހަމަޔަށް ފޯރުކޮށްލާދިނުން އެއީވެސް އަޅުގަނޑު މިފޮތް ލިއުމަށް ބޭނުންވި ކަންތައްތަކުގެތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.މިދެންނެވުނު ކަންތައްތަކުގެމައްޗަށް ރިޢާޔަތުކޮށް އަޅުގަނޑު ލިއުނު މިފޮތުގައި މައިގަނޑުގޮތެއްގައި ބަލާލައިފައި ވާނީ ރާއްޖޭގެ ތާރީޚްގެ އިއްޔެއާއި އިހަށްދުވަހުން ފެށިގެން މީލާދީން 2000 ވަނަ އަހަރާ ހަމަޔަށް ހިނގައިދިޔަ ކަންކަމުގެ މައްޗަށެވެ. ނަމަވެސް ފޮތުގެ ބައެއް ބާބުތަކުގައި ހިމަނާފައިވާ މަޢްލޫމާތު ފުރިހަމަކުރުމުގެގޮތުން އެފަދަ ބާބުތަކުގައި 2008 ވަނަ އަހަރާ ހަމަޔަށްވެސް ބަލައިލާފައި ވާނެއެވެ. މައިގަނޑު ގޮތެއްގައި މިފޮތް އަޅުގަނޑު ބަހައިލީ ޞިއްޙީދާއިރާ އާއި ގުޅުންހުރިކަމަށް އަޅުގަނޑަށް ފާހަގަކުރެވުނު 24 ބާބުގެ މައްޗަށެވެ. ތިރީގައި މިދަންނަވައިލަނީ އެބާބުތަކާއި، އެބާބުތަކާ ގުޅޭ ކުރު ތަޢާރަފްއެކެވެ. 1- ދިވެހިރާއްޖެ: ޖިއޮގްރަފީގެގޮތުން ރާއްޖެ އޮތްތަނާއި، ރާއްޖޭގެ ރައްޔިތުންގެ އާއްމު ޙާލަތާއި، ރާއްޖޭގެ ޞިއްޙީ އާދަކާދަ ހުރިގޮތް 2- ދިވެހިރާއްޖޭގެ ބޭސްވެރިކަން: ދިވެހިރައްޖޭގެ ބޭސްވެރިކަމުގެ މާޒީ ބިނާވެފައިވާގޮތާއި، ދިވެހި ބޭސްވެރިން މުޖްތަމަޢުން ބަލައިގަންނަގޮތާއި، ދިވެހި ބޭސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދި ދިވެހީން ބޭސްވެރިކަން ކޮށްއުޅުނު ގޮތް 3- ފޫޅުމައިކަން: ފޫޅުމައިކަމުގެ މާޒީ ބިނާވެފައި އޮތްގޮތާއި، މުޖްތަމަޢުގެ ޚިދުމަތަށް ފޫޅުމައިން ކުރިމަތިލަމުންގެންދިޔަ ގޮތާއި، ފޫޅުމައިން ޚިދުމަތް ދެމުންގެންދިޔަ ގޮތް 4- ފަންޑިތަވެރިކަން: ރާއްޖޭގައި ފަންޑިތަވެރިކަން ފެށިގެން އައިގޮތާއި، ފަންޑިތަވެރިކަން ދިވެހިމުޖްތަމަޢް ޤަބޫލުކުރަމުންއައި ގޮތާއި، އަވައްޓެރި ބައެއް ޤައުމުތަކުގައި ދިވެހީންގެ ފަންޑިތަވެރިކަން ތަޢާރަފްވެގެން ދިޔަގޮތާއި، ފަންޑިތަވެރިކަމުގެ އަޞްލުކަމުގައި ބުނެ ބޭނުންކުރަމުން އައި ބޭރުގެ ފޮތްތަކުގެ ތަޢާރިފް އާއި، ދިވެހީން ޤަބޫލުކުރަމުންއައި ވިގަނިތަކާއި، އެވިގަނިތަކުގެ އަޞްލާމެދު ދިވެހީންގެ ހީކުރުން ހުރިގޮތް 5- ޤާނޫނީ ޙޫކޫމަތުގެ ފެށުން: ދިވެހިރާއްޖޭގައި ޤާނޫނު އަސާސީއެއް ތަޢާރަފްވެގެންދިޔަ ގޮތާއި، އެޤާނޫނު އަސާސީގެދަށުން ހެދިގެން އައި ޞިއްޙަތާބެހޭ ޤަނޫނުތަކާއި، ޤަވާޢިދުތަކާއި، ސަރުކާރުން ނެރުއްވި އިޢްލާނުތަކާއި، މުޙުކަމަތުއް ޞިއްޙާ އާއި ވުޒާރަތުއްޞިއްޙާގެ ފަރާތުން ހިންގާ ބެލެހެއްޓުމަށް ކަނޑައެޅުނު މަސައްކަތްތަކާއި، އެތާންގެދަށުން އުފެދިގެން އައި އެކިއެކި ޑިވިޝަންތަކުގެ މަސައްކަތްތަކާއި، ރާއްޖޭގައި ވަޒީރުއްޞިއްޙާގެ މަޤާމް ފުރުއްވި ބޭފުޅުންނާ ބެހޭ މަޢްލޫމާތު 6- ޑޮކްޓަރީ ބޭހާއި ޑޮކްޓަރުންގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްވުން: ޑޮކްޓަރީ ބޭސްވެރިކަން ރާއްޖެއަށް ތަޢާރަފްކުރުމަށްޓަކާ ސަރުކާރުން ފުރަތަމަ ރާއްޖެއަށް ގެންނެވި ޑަކްތަރުން (ޑޮކްޓަރުން) ނާއި، ބޭސްވެރިކަމުގެ ދާއިރާގައި އެބޭފުޅުންގެ ލިޔާޤަތްތެރިކަން ހުރި މިންވަރާއި، މިކަމުގައި ސަރުކާރުން ގެންގުޅުއްވި ސިޔާސަތާއި، ޑޮކްޓަރީ ބޭސްވެރިކަމަށް ލިބެމުންދިޔަ ތަރްޙީބާއި، ދިވެހި ޑޮކްޓަރުންނާއި އެނޫން ޞިއްޙީ ޚިދުމަތްތެރީންގެ މަސައްކަތް ރާއްޖޭގައި ފެށިގެންދިޔަ ގޮތް 7- ޞިއްޙީ ޚިދުމަތް ދިނުމަށްޓަކާ ރާއްޖޭގައި ޤާއިމްކުރެވުނު މަރުކަޒުތައް: * ކަނބާ ގަނޑުވަރުގައި ރާއްޖޭގެ ފުރަތަމަ ހަސްފަތާލު ހުޅުވާ ޚިދުމަތްތައް ފެށިގެންދިޔަގޮތާއި، އެތާންގެ ޚިދުމަތުގެ ފެންވަރު ފުރަތަމަ ހުރިމިންވަރާއި، ހަސްފަތާލު ހުޅުވުމުގައި ސަރުކާރުން ގެންގުޅުއްވި ސިޔާސަތާއި، ނަރުހުންގެ ގޮތުގައި ފުރަތަމަ ޚިދުމަތަށް ގެނެވުނު ދިވެހި ޖިންސްލަތީފުންނަށް ދެވުނު ތަމްރީނާއި، އެފަރާތްތަކުން ހަސްފަތާލުގައި ފުރަތަމަ އަދާކުރަމުންދިޔަ ރޯލާއި، ހަސްފަތާލުގައި ބަލިމީހުން އެޑްމިޓްކުރުމުގެ ކަންތަކާއި، އެމްބިއުލާންސްގެ ޚިދުމަތާއި، ވެލްފެއަރގެ ޚިދުމަތް ފުރަތަމަ ފެށިގެން އައިގޮތް * އިނގިރޭސި ސަރުކާރުގެ އެހީގައި ބިނާކޮށްދެއްވި ހަސްފަތާލާއި، އިންޑިޔާސަރުކާރުގެ އެހީގައި ބިނާކޮށްދެއްވި ހަސްފަތާލުގެ ޚިދުމަތްތައް ދިވެހީން ބަލައިގަތްގޮތް * ރާއްޖެތެރޭގައި ހެލްތް ސެންޓަރތައް ހުޅުވިގެންދިޔަގޮތާއި، މިކަމުގައި އަތޮޅު ރައްޔިތުންގެ ޖާމިނުވުން ފުރަތަމަ ހުރިގޮތާއި، ހެލްތް ސެންޓަރތަކުގައި ހެލްތް އެސިސްޓެންޓުން އެކަނި މާއެކަނި ކުރެއްވި ބުރަ މަސައްކަތްތަކާއި، އަދި އޭގެ ފަހުން ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތައް ހުޅުވި އެތަންތާންގެ ޚިދުމަތް ފުޅާވެގެންދިޔަގޮތް 8- ޞިއްޙީ ޚިދުމަތްތެރީން ތަމްރީންކުރުމުގެ މަސައްކަތް ރާއްޖޭގައި ފެށިގެންއައިގޮތް: ނަރުހުންގެ ޚިދުމަތަށް ފުރަތަމަ ގެނެވުނު ދިވެހި ޖިންސްލަޠީފުންނަށް ތަމްރީނު ދެވުނު ގޮތްތަކާއި، ޑަބްލިޔޫ. އެޗް. އޯ. ގެއެހީގައި ނަރުހުންނާއި ހެލްތް އެސިސްޓެންޓުން ތަމްރީނުކުރުމުގެ މަސައްކަތް ފެށިގެން އައިގޮތް 9- އެލައިޑް ހެލްތް ސަރވިސަސް ޓްރެއިނިންގ ސެންޓަރ: ޞިއްޙީ ޚިދުމަތްތެރީން ތަމްރީނު ކުރުމަށްޓަކާ ރާއްޖޭގައި ހުޅުވުނު ފުރަތަމަ މަރުކަޒު އެލައިޑް ހެލްތް ސަރވިސަސް ޓްރެއިނިންގ ސެންޓަރ ގައި ތަމްރީނު ބުރުތައް ފެށިގެންއައިގޮތާއި، އެތާންގެ މަސައްކަތްތަކަށް މިހާތަނަށް އައިއިރު ލިބުނު ކުރިއެރުން 10- ޞިއްޙީ ޚިދުމަތަށްޓަކާ ރާއްޖެއަށް ލިބުނު ބައެއް އުޅަނދު: ޞިއްޙީ ދާއިރާގެ ޚިދުމަތަށްޓަކާ އެހީދޭ ބޭރުގެ އެކިއެކި ފަރާތްތަކުން ލިބުނު ("ގޯލްޑަން ރޭ" ، "އަލްޖަމާހިރިއްޔާ" ، "އަލްފާތިޙް" ، އަތޮޅު ހެލްތް ލޯންޗ ފަދަ) ބައެއް އުޅަނދު 11- ބޮޑެތި ބަލިބަލީގެ ގޮތުގައި ފާހަގަކުރަމުންއައި ބަލިތައް: ބޮޑެތި ބަލިބަލީގެ ގޮތުގައި ސަރުކާރުން ވަރަށް ކުރިއްސުރެ ފާހަގަކުރަމުން އައި ބަލިބައްޔާއި، އެބަލިބައްޔާ ގުޅޭގޮތުން ސަރުކާރުން ހައްދަވާފައިވާ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ފައިލޭރިޔާއާ ބެހޭގޮތުން 1951މ. ވަނަ އަހަރު ޑަބްލިޔޫ. އެޗް. އޯ. އިން ފޮނުއްވި ޓީމުން ހުށަހެޅުއްވި ރިޕޯރޓް އާއި ފައިލޭރިޔާ އާއި ލެޕްރޮސީ ޖެހޭމީހުން އެހެންމީހުންނާ އެއްފަރާތްކުރުމަށް ގެންގުޅުނު ސިޔާސަތާއި، އެއްފަރާތްކުރެވުނު ބައެއް މީހުން ކިޔައިދީފައިވާ އެމީހުންގެ ޙަޔާތުގެ އެކަނިވެރިކަމުގެ ދުވަސްތަކުގެ ވާހަކަތަކާއި، މެލޭރިޔާ ކޮންޓްރޯލްކުރުމާ އިރެޑިކޭޓްކުރުމުގެ މަސައްކަތްތައް ރޭވި ހިނގަމުންދިޔަގޮތާއި، ޓީ. ބީ. އާއިމެދު ފުރަތަމަ ސަމާލުކަން ނުދެވި އިހްމާލު ވެވުނު ގޮތާއި، އޭޑްސް އާއި ޑެންގީ ފީވަރ ރާއްޖެއަށް ތަޢާރަފްވުމާއި، މިބަލިބަލީން ރައްކާތެރިވުމަށްޓަކާ ސަރުކާރާ ރައްޔިތުން ކުރަމުންދާ މިންނެތް މަސައްކަތްތައް 12- ރާއްޖޭގައި ފެތުރުނު ނުރައްކާތެރި ބައެއް ރޯގާ: 20 ވަނަ ޤަރުނުގެތެރޭގައި ރާއްޖޭގައި ފެށުނު އިންފުލުންޒާ އާއި، އޭގެފަހުން ފެށުނު ޕޯލިއޯ، ކޮލެރާ، ޝިގެއްލާގެ ރޯގާގެ އަސަރު ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރިގެން ދިޔަގޮތާއި، އެކަމަށް ސަރުކާރުން ދެއްވި ސަމާލުކަމާއި، ރޯގާ ކޮންޓްރޯލްކޮށް ނައްތާލުމުގައި ފަރުދުންގެ ފަރާތުން ލިބުނު ތަރްޙީބާއި އެހީތެރިކަން 13- ވެކްސިން ދިނުމުގެ ޕްރޮގްރާމް: ވެކްސިންދިނުމުގެ ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމަށް ސަރުކާރުން ކުރެއްވި މިންނެތް މަސައްކަތްތަކާއި މޯބައިލް ޓީމުގެ މަސައްކަތްތައް ފެށުނުގޮތާއި، ޕްރައިމަރީ ހެލްތް ކެއަރ ގެ އުޞޫލުތައް ރާއްޖެއަށް ތަޢާރަފްވެ އެކަމުގެ ސަބަބުން ޞިއްޙީ ދާއިރާގެ ޚިދުމަތްތަކަށް ލިބުނު ކުރިއެރުން 14- ބޭރުން އަންނަ އުޅަނދުފަހަރަށް މީރުބަޙުރު ވަޑައިގަތުން: ބޭރުން އަންނަ ނާޒޯނގް އުޅަދުފަހަރަށް މީރުބަޙުރު ފޮނުވުގެ ޤަވާޢިދުތައް ފުރަތަމަ ފެށިގެން އައިގޮތާއި، ބޭރުން އަންނަ މިފަދަ އުޅަދުފަހަރު ކަރަންޓީނު ކުރުމުގައި ރާއްޖޭގައި ގެންގުޅުނު ޤަވާޢިދުތައް 15- މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ: މާލޭގެ ބޯފެނަށް ކުރިއްސުރެ އަންނަމުންދިޔަ ނުރަނގަޅު ބަދަލުތަކާއި، މިކަމާ ގުޅޭގޮތުން ބޭރުގެ ތަޖްރިބާކާރުން ވަރަށްކުރިއްސުރެ ދެއްވަމުން އައި ލަފަޔާއި، އެކަންކަމަށް ސަރުކާރުން ދެއްވި ސަމާލުކަމާއި، މާލޭގައި ބޯފެނާ ނަރުދަމާގެ ނިޒާމް ޤާއިމްވެގެންދިޔަ ގޮތާއި، މިކަމަށް ހޭދަވެގެންދިޔަ ބޮޑު ޚަރަދާއި، ރާއްޖެތެރޭގައި ބޯފެނާ ނަރުދަމާގެ މަޝްރޫޢު ފެށިގެންދިޔަގޮތް 16- ދިވެހިރާއްޖޭގެ އާބާދީއާއި ޢާއިލާ ރޭވުން: 1960ގެ އަހަރުތަކުން ފެށިގެން އިތުރުވެގެންދިޔަ ރާއްޖޭގެ އަބާދީ ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، އެކަމުގެ ސަބަބުން ރާއްޖޭގެ އާބާދީއަށް އައި ބޮޑު ބަދަލު 17- ތެލަސީމިޔާ: ރާއްޖޭގައި ތެލަސީމިޔާގެ ޙާލަތް ފުރަތަމަ ދެނެގަނެވުނު ގޮތާއި، އަމިއްލަ ފަރުދުންނާއި ޖަމާޢަތްތަކުން މިކަމުގައި އަދާކުރަމުންދާ ރޯލު 18- ޕަބްލިކް ހެލްތް ލެބޯރޓްރީ އާއި ފުޑް އެންޑް ޑްރަގްސް އޮތޯރިޓީ: ޑޮކްޓަރީ ބޭސް ރާއްޖޭގައި ކޮންޓްރޯލުކުރުމަށް 1957 މ. ވަނަ އަހަރުން ފެށިގެން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ޕަބްލިކް ހެލްތް ލެބޯރޓްރީއެއްގެ ޚިދުމަތް ރާއްޖޭގައި ފެށިގެންދިޔަގޮތާއި، މިއަދު އެތާންގެ ޚިދުމަތް ފުޅާވެފައިވާ މިންވަރު 19- ހޮޓާހޮޓަލާއި ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުގެ ސާފްތާހިރުކަން ބެލެހެއްޓުން: ސައިފިހާރަތަކާއި ހޮޓާހޮޓަލާއި ކާބޯތަކެތި ތައްޔާރުކުރާ ތަންތާންގެ ސާފުތާހިރުކަން ބެލެހެއްޓުމުގެ ގޮތުން 1950މ. ގެ އަހަރުތަކުން ފެށިގެން ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއި އެކަމާގުޅިގެން ނެރުއްވި އިޢްލާންތައް 20- ދިވެހިރާއްޖޭގައި ބޭއްވުނު މުހިންމު ބައްދަލުވުންތައް: ޞިއްޙީ ޙާލަތު ދިރާސާކޮށް ދެނެގަތުމަށާއި، އެނޫންވެސް މިފަދަ މުހިންމު ބޭނުންތަކުގައި، ޤައުމީ ފެންވަރުގައި، އަދި ބައިނަލް އަޤްވަމީ ފެންވަރުގައި ބޭއްވި ޖަލްސާތައް 21- ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އަމިއްލަ ފަރުދުން އަދާކުރަމުންގެންދިޔަ ރޯލު: މާލެއާއި ރާއްޖެތެރޭގައި ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އަމިއްލަ ފަރުދުން ކުރަމުންދާ މަސައްކަތްތަކާއި، އަމިއްލަ ފަރުދުންގެ ކްލިނިކްތަކާއި ހޮސްޕިޓަލްފަދަ ތަންތަން ހުޅުވާ ޚިދުމަތުގެ ދާއިރާއަށް ގެނެސްދިން ތަރައްޤީ 22- ދުންފަތް: ދުންފަތުގެ ތާރީޚް އާއި، ދުންފަތް ރާއްޖެއަށް ތަޢާރަފްވީގޮތާއި، ދުންފަތް އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކާއި، ޞިއްހަތަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ސަރުކާރާއި، އަމިއްލަ ޖަމާޢަތްތަކާއި، އެކިވަކި ފަރުދުން ކުރަމުންދާ މަސައްކަތްތަކާއި، ބައިނަލްއަޤްވަމީ ދާއިރާތަކުން މިކަމަށް ލިބުނު އެހީތެރިކަމާއި އެއްބާރުލުން 23- ބޭރުގެ އެކިއެކި ޖަމާޢަތްތަކުން ލިބެމުންދިޔަ އެހީ: ރާއްޖޭގެ ޞިއްޙީ ޕްރޮގްރާމްތައް ކާމިޔަބުކަމާއެކު ކުރިޔަށް ގެންދިއުމަށް 1 ޑިސެމްބަރ 1958 ގައި ދިވެހިސަރުކާރާ ޑަބްލިޔޫ. އެޗް. އޯ. އާ ދެމެދު ސޮއިކުރި އެގްރީމަންޓް އާއި، ޑަބްލިޔޫ. އެޗް. އޯ. އާއި، ޔުނިސެފް އާއި އަދި އެނޫންވެސް ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކުން ރާއްޖެއަށް ވެދިން އެހީ 24- ބައެއް ޞިއްޙީ ޚިދުމަތްތެރީންގެ ބަސްދީގަތުން: ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް ފުރަތަމަ ނުކުންނެވި ބައެއް ހެލްތް އެސިސްޓެންޓުންނާއި ނަރުހުން، އެބޭފުޅުން ޚިދުމަތުގެ ދާއިރާގައި، ކުރެއްވި ތަޖްރިބާ އާއި ފާހަގަކުރެވުނު މުހިންމު ހާދިޘާތަކާ ގުޅިގެން ދެއްވާފައިވާ ބަސްދީގަތުން 10 ޖޫން 2009 މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ ¦¤°«ª¬¤¦ªª¢§°ª, 2010-07-11 06:40:33
އެވިދާޅުވާ ފަދައިން މިއީ ވަރަށް ބޭނުންތެރި މަސައްކަތެއް. އަދި ބޭސްވެރިކަމަކީ ދިވެހިން އަބަދުވެސް ކޮށްއުޅުނު މަސައްކަތެއް. މިމަސައްކަތުގެ ފައިދާ މިހާރުވެސް ދަނީ ފެންނަމުން. މިކަމަށްޓަކައި ހުރިހައި ބޭފުޅުންނަށް މަރްޙަބާއާއި ތަހުނިޔާ އަރިސްކުރުމަށް މިލިބުނު ފުރުޞަތުގެ ބޭނުން ކުރީމެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|