ފަންވަތް ދިވެހި ތާރީޚް ދަރަވަންދޫ ބިބީ ޒިޔާރަތް
ބެލި ޢަދަދު: 1308
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ދަރަވަންދޫ ބިބީ ޒިޔާރަތް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ތާރީޚް
05 މާރޗް 2011، 16:18 ހޮނިހިރު
 ''ދަރަވަންދޫގައި އުޅުއްވި ބިބީ އާއި ބިބީގެ 40 ބޭފުޅުންގެ ވާހަކަ''

އަޙްމަދު ނާފި
ޢު،  ބ.ދަރަވަންދޫ

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި ހުންނަ ބިބީ ޒިޔާރަތަކީ ދަރަވަންދޫގެ ދުވަސްވީ މީހުންނަށް ވެސް އަދި މިހާތަނަށް އޭގެ ހަޤީޤަތް ހޯދިފައިނުވާ އާސާރީ ބިނާއެކެވެ. ނަމަވެސް ގިނަ މީހުންގެ ދޫދޫމަތިން ކިޔޭ ފުލޯކް ވާހަކައެއްގެ ގޮތުގައި މި ވާހަކަ އައިސްފައިވާ ގޮތް (ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތަށް) ލިޔެލެވޭތޯ މަސައްކަތްކޮށްލާނަމެވެ. ބިބީންނަކީ ކޮން ބައެއްކަން ތިޔައިން ބޭފުޅަކަށް އެނގިވަޑައިގަންނަވަނީ ކިހާ ވަރަކަށް ބާވައެވެ! އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ބިބީންނަކީ ކުރީ ޒަމާނުގައި ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްކަލުންގެ އަބިނކަބަލުންނަށް (ރާނީންނަށް) ކީ ނަމެކެވެ. ނިކަން ތާސްބަޔަށް ވިސްނައިވަޑައިގެން ބައްލަވާށެވެ! އެންމެ ފުރަތަމަ މަންނަ އެވެ. އެއީ ރަސްގެފާނެއެވެ. ދެން ބައިސާ އެވެ. އެއީ ވަޒީރެވެ. (ނުވަތަ ޕްރިންސެވެ.) ދެން ބިބީ އެވެ. އެއީ ރާނީ އެވެ. އެއަށްފަހު ގުލާމެވެ. ނުވަތަ ޣުލާމެވެ.  އެއީ ޚާދިމުންނެވެ.(ނުވަތަ އަޅުންނެވެ.)

ދިވެހި ތާރީޚީ ފޮތްތަކުން އެނގޭ ގޮތުގައި އެންމެ ފުރަތަމަ ރާއްޖޭގައި ވެރިކަން ކޮށްފައި ވަނީ ރ.އަތޮޅު ރަސްގެތީމުގައެވެ. ރަސްގެތީމަކީ ރަސްގެފާނު ހުންނަވާ ރަށެވެ. އަދި އަނގޮޅިތީމަކީ (އަޅުގެތީމު) ރަސްގެފާނުގެ އަޅުން ބޭއިތިއްބި ރަށެވެ. ނަމަވެސް އޭރު ރަސްގެތީމުގައި މީހަކު އޮޅުކޮށްގެން ގެންގުޅުނު ބޮއް ދޫންޏެއް (މިހާރު ރާއްޖެއިން ވަރަށް މަދުންނޫނީ ނުފެންނަ އައިން މަތީ ދޫނީގެ ބާވަތެއް ކަމުގައިވާ މި ދޫންޏަކީ ބޯ ކުޑަ ކަޅު ވައްތަރެެއްގެ ދޫންޏެކެވެ. މިދޫނީ)ގެ ފަރާތުން އާދަޔާ ޚިލާފު ކަންތައްތަކެއް ރަސްގެފާނަށް ފާހަގަކުރެއްވިގެން، މި ދޫންޏާ ރަސްގެފާނު މާބޮޑަށް ހިތްޕުޅާހަމަކުރައްވައިގެން މިދޫނި ބައްލަވައިގަތެވެ. އެއަށްފަހު ރަސްގެފާނުގެ ހިތްޕުޅަށް އެރީީ ރަސްކަން ކުރެއްވުމަށް އެންމެ ރަނގަޅުވާނީ މި ދޫނި ދައްކާ ރަށެއްގައި ކަމަށެވެ.

މި ޚިޔާލުފުޅުގައި ރަސްގެފާނު ފެއްޓެވި ދަތުރުފުޅުގައި އޮޑިކޮޅުން މި ބޮއް ދޫނި އުދުއްސައިލެއްވުމަށް ފަހު އެ ދޫނި ދަތުރުކޮށްފައި ދާ މަގަށް އޮޑިކޮޅު މިޞްރާބުޖެހި އެވެ. މި ދޫނި އުދުހެމުން ގޮސް ތިރިކުރީ ކ.އަތޮޅުގެ މެދުތެރޭގައި އޮތް ބޮޑު ފިނޮޅަކަށް ކަމަށް ބުނެ އުޅެއެވެ. (އެއީ މިހާރު މި އޮތް ފުރަމާލެ އެވެ.) އޭރު އެ ފިނޮޅަކީ (މާލެއަކީ) ގިރާވަރު މީހުން މަސްވެރިކަމަށް ބޭނުންކޮށް އުޅޭ ބޮޑު ފިނޮޅެއް ކަމަށް ވެއެވެ.  ނަމަވެސް ރަސްގެފާނު ނިންމެވީ މި ފިނޮޅުގައި ރަސްކަން ކުރައްވާށެވެ. އެހެނަސް ގިރާވަރު މީހުން އެ ފިނޮޅުގައި މަސްވެރިކަން ކުރާތީ އެ ފިނޮޅާއި ފަޅުތެރެ ލެއިން ތަތްތެޅިފައި ހުރުމުން އެފިނޮޅަށް ''މާލެ'' މި ނަން ދެވުނުކަމަށް ވެއެވެ. އަދި މާލެއާ ޖެހިގެން އޮންނަ ފިނޮޅަށް ހުޅުލޭގެ ނަންދެއްވައި ހުޅުލޭގައި ރަސްގެފާނުގެ އަޅުން ތިބޭ ރަށެއް ކަމުގައި ހަމަޖެއްސެވީކަމަށް ވެއެވެ. މިއީ ކުރުގޮތަކަށް ދަންނަވަނީ ނަމަ މާލެއަށް ވެރިކަން އައި ގޮތްކަމަށް ބެލެވެއެވެ.

ތާރީޚީ ފުލޯކު ވާހަކައަކުން ނަމަވެސް އެނގޭ ގޮތުގައި ރަސްގެފާނުގެ ވެރިކަން މާލެއަށް ބަދަލުވީ ހިސާބުން ރަސްގެފާނުގެ އަނބިކަނބަލުން ރާނީ (ބިބީ) އާއި އެ ކަމަނާގެ 40 ބޭފުޅުން (އެޒަމާނުގައި ކޮންމެ މީހަކުވެސް ކުދިން ހޯދާ ހޯދުމުގެ އުޞޫލުން މި ރާނީއަށް ވެސް ލިބިވަޑައިގަތް 40 ބޭފުޅުން)  މާލެއަށް ބަދަލުވެވަޑައިގަތުމަށް ނިންމެވީ އެވެ. ދެންް ރާނީ އާއި އެ ކަމަނާގެ 40 ބޭފުޅުން ރަސްގެތީމުން ފުރައިވަޑައިގެން މާލެ ވަޑައިގަތުމުގެ މަގުމަތީގައި މާޅޮސްމަޑުލު ދަރަވަންދޫ އަށް ބަނދަރުކުރެއްވީ އެވެ. (އެޒަމާނުގައިވެސް އަދި މިހާރު ވެސް ދަރަވަންދޫ އަކީ އުތުރުގެ ބައެއް ރަށްރަށުން އެކި އުޅަނދުފަހަރު މާލެ ދަތުރުކުރާ އިރު ދަތުރު ދެބައިކުރާ ބަނ ދަރަކަށް ބަލައި އުޅޭ ރަށެކެވެ. އެއީ އޭރުގެ މީހުން ކިޔާ ގޮތުން ނަމަ ކަނޑުމޫނު ރަށެކެވެ.) ބުނެވޭގޮތުގައި އޭރު ދަރަވަންދޫ އަކީ ވެސް ފަޅުރަށެކެވެ. ރާނީ އެ ކަމަނާގެ 40 ބޭފުޅުންނާއެކު އޮޑިކޮޅު ބަނދަރުކުރެއްވީ ދަރަވަންދޫގެ ހުޅަނގު ދެކުނު ފަރާތުން (މިހާރު) ބިބީ ޒިޔާރަތް ހުންނަ (ބަނޑަހަ) މަގާ ދިމާ އަށް ކަމަށްވެއެވެ. އެ މަގަށް ބަނޑަހަ މަގު ކިޔުނީ ކުރީ ޒަމާނުގައި މަސްވެރިކަން ކުރަން އައިސް ތިބޭ މީހުން ބަނޑަހަ ޖަހައިގެން ތިބެނީ އެ މަގުގައި ކަމަށްވާތީ ކަމަށްބުނެއުޅެއެވެ.


ރާނީ އެ ކަމަނާގެ 40 ބޭފުޅުންނާ އެކު މި ރަށުގައި މަޑުކުރެއްވީ މޫސުން ގޯސްވެ ކަނޑުދަތުރު ކުރެވޭ ވަރަށް ވުރެ ކަނޑުގަދަވީމައެވެ. އެ މަޑުކުރެއްވުމުގެ ތެރޭގައި ރާނީގެ ބޭފުޅުންނަށް ބަލިމަޑުކަމެއް ލައިގަތްކަމަށްވެއެވެ. ކާބޯތަކެތި ހުސްވުމާއެކު މި ބަލިމަޑުކަމުގެ ތެރޭގައި ރާނީގެ ބޭފުޅުންކޮޅު އަވަހާރަވާން ފެށިއެވެ. ބޭފުޅުން އަވަހާރަވަމުން ގޮސް އެންމެ ބޭފުޅަކަށްވުމުން ރާނީ އޮޑިކޮޅާއިގެން މި އަތޮޅުން ދަރަވަންދޫގެ ހުޅަނގު އުތުރުން އޮންނަ ފަޅު ރަށެއް ކަމުގައިވާ މުއްދޫ (މިހާރު ހަދަމުން އަންނަ ރިސޯޓެއް) އަށް ވަޑައިގަތީ ކަމަށް ވެއެވެ. މުއްދުއަށް ވަޑައިގަތް މި ދަތުރުފުޅު މަތީގައިި އެންމެ ފަހު ބޭފުޅާ ވެސް އަވަހާރަވުމުން ގަބުރުން ކުނިވަސްދުވާތީ އެ ވަސް ކެނޑުވުމަށްޓަކައި މުއްދޫން ދޮން ކަށިކެޔޮ ކަނޑުއްވައިގެން އޮޑިކޮޅަށް އެރުވިކަމަށްވެއެވެ. އަދި އޮޑިކޮޅަަށް ކަށިކެޔޮތައް ލައްވައިގެން ދަރަވަންދުއަށް މި އޮޑިކޮޅު އެނބުރި އައެވެ.

ދަރަވަންދުއަށް ވަޑައިގެން އަވަހާރަވެފައިވާ އެންމެ ފަހު ދަރިކަލުންނާއެކު ރާނީގެ 40 ބޭފުޅުން ދަރަވަންދޫ ބަނޑަހަ މަގުގައި (މިހާރު ބިބީ ޒިޔާރަތް އެ ހުރި ތަނުގައި) ވަޅުލެއްވީ އެވެ. އަދި އޭގެ ފަހުން އެ ތާނގައި އޮންނަވައި ރާނީ ވެސް އަވަހާރަވީ ކަމަށްވެއެވެ. މި ތަނަށް ބިބީ ޒިޔާރަތޭ ކިޔުނީ އެހެންވެގެން ކަމަށް ބެލެވެއެވެ. އަދި މިތަނަކީ އީޓު ޖަހައިގެން ހިޔާ ކޮށްފައިވާ ކުޑަކުޑަ ގެއެވެ. ދިގުމިނުގައި ގާތްގަނޑަކަށް 5 ފޫޓް، ފުޅާމިނުގައި (2/1 2) ދެފޫޓުބައި ހުރެފައި މެދަށް އުސްކޮށް ދެފުރާޅަށް ހިޔާކޮށްފައި ހުންނައިރު އުސް ދިމާ ގައި 3 ފޫޓު ހުންނަ ވަރުގެ ކުޑަކުޑަ ގެއެކެވެ. މި ތަން ހުންނަނީ ދަރަވަންދޫ ޤަބުރުސްތާނުގެ ހުޅަނގުގައެވެ. ޤަބުރުސްތާނު (ސަހަރާ) ހުންނަ މަގުގައެވެ. ނަމަވެސް މިހާރު މިތަން ހިޔާކުރުމަށް ޖަހައިފައިވާ އީޓުތަކެއް ވެސް ފެންނާކަށްނެތެވެ. އަދި މިތަން މިހާރު ހުންނަނީ ވަރަށް ހާމަޔަށް ފެންނާށެވެ. ވީރާނާވެފައެވެ.

ދަރަވަންދޫގެ ދުވަސްވީ މީސްމީހުންގެ ދޫދޫމަތިން އެނގޭ ގޮތުގައި އޭގެ ފަހުން ބ.މުއްދޫގައި ހުންނަ ކަށިކޭލުން (ފާވާ ވަރަަށް ދޮންވިޔަސް) ދޮންވަސް ނުދުވާކަމަށް ވެއެވެ.  ވަރަށް ފަހުން ވެސް ދަރަވަންދޫ ބަޔަކު މުއްދުއަށް ގޮސް އެ ރަށު ކަށިކޭލުން ވަސް ބެލިކަމަށް ބުނެއުޅެއެވެ. އަދި މިހާރުވެސް އެރަށުގެ ކަށިކޭލުން ދޮންވަހެއް ނުދުވާކަމަށް ބުނެއުޅެއެވެ.

މިއީ ތުންތުން މަތިން ދެކެވޭ ވާހަކަ އެވެ. މި ކަމުގެ ޙަޤީޤަތް ތާރީޚީ ލިޔުމަކުން އެނގޭކަށް ނެތެވެ. އަދި ''ބިބީ ޒިޔާރަތް'' މީ ކޮން ތަނެއްގައި ހުންނަ ކޮން ކަހަލަ ޒިޔާރަތެެއް ކަމެއް ވެސް ދިވެހި ތާރީޚީ ހޯދުންތަކުން ހޯދިފައެއްނެތެވެ. މިއީ ޔޯލަޔޯލަ ވާހަކައެއްގެ ގޮތުގައި ކުރީ ޒަމާނުއްސުރެން ފެށިގެން ދެކެވެމުން އަންނަ ވާހަކައެކެވެ. އެހެންނަމަވެސް މި ޒިޔާރަތް ކޮންމެވެސް ސިފައެއްގައި އަދިވެސް މި ރަށުން ފެންނަން އެބަހުއްޓެވެ. އަދި އެ ތަނުގައި މަހާނަތަކެެއް(ގެ ނިޝާންތައް) ވެސް ފެންނާން އެބަ ހުއްޓެވެ. ތާރީޚީ ގޮތުން އަދި މި ޒިޔާރަތް ޙިމާޔަތްކުރާނެ ފަރާތެއް ނެތެވެ. ސަބަބަކީ އޭގެ ޙަޤީޤަތް އަދި މިހާތަނަށް ހޯދިފައި ނުވާތީކަމަށް ވެދާނެ އެވެ. މިއީ ވެސް ކޮންމެވެސް ޒަމާނެއްގައި ހިނގައިފައިވާ ހާދިސާއެއް ކަމަށްވުން އެކަށީގެން ވެއެވެ. ދިރިއުޅުނު ބަޔަކަށް ވެސް ވެދާނެ އެވެ. މިހާރުގެ މީހުންނަށް ނޭނގުނު ނަމަވެސް ކޮންމެވެސް އިރެއްގައި އެ ތަނުގައި، "ކަމެއް" ހިނގައިފައި ވާކަން އެ ތަނުން ވެސް ރަމްޒުކޮށްދެއެވެ. އެ ޒިޔާރަތަކީ އެ ކަމުގެ ހެތްކަކަށް ފުދެއެވެ.

އެހެންނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މި ފަދަ ޤަދީމީ އާސާރީ ބިނާތައް ތާރީޚަށްޓަކައި ދަމަހައްޓައި، ރަމްޒީގޮތުން ނަމަވެސް ރައްކާތެރިކޮށް ބެލެހެއްޓުމަކީ މިއަދު ހަމަ ކޮންމެ ދިވެހި ފަރުދެއްގެ މަސްއޫލިއްޔަތެއްކަމުގައި ނުވާނެތޯއެވެ؟

(ނިމުނީ)

މި ލިޔުން:

ފޮނުވުން:     އަޙްމަދު ނާފިޢު،  ބ.ދަރަވަންދޫ
އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)Add Comment
...
ލިޔުނީ ޙިލްސަމް, 2011-03-05 11:32:19
ތިޔަ ކުރައްވާ ބުރަ މަސައްކަތް ވަރަށް ފުރިހަމަ ،އެކަމަކު މި ލިޔުން އަދި މިކަހަލަ ސައިޓެއްގައި ޝާއިޢުކުރުން މާއަވަސް،ސަބަބަކީ މި ލިޔުން ކިޔާ ކިޔުންތެރިންނަށް އެންމެ ފުރިހަމަ މަޢުލޫމާތުވެސް މި ލިޔުމަކުން ނުލިބޭ. މި ގޮތުން އެތަނުގައި ޒިޔާރަތެއް އެޅުނު ގޮތާއިމެދު ސުވާލްވެސް އުފެދޭ . އަސްލު މި ލިޔުން މިއަށް ވުރެން ފުރިހަމަކޮށް ތަންކޮޅެއް ބޮޑަށް ދިރާސާއެއް ކޮށްގެން އަދި ލިޔެލާނެ ކަމަށް ހީކުރަން.
...
ލިޔުނީ ލިޔުނީ: ފަޔާ..«, 2011-03-06 08:02:36
ތިޔަ އާޓިކަލް ތިގޮތަށް ލިޔުނީތީވެސް ޝުކުރުކޮށްބަލަ ޚިލްސަމް.... އަޅުގަނޑު މިއާޓިކަލް ކިޔާލުމުން ދުވަހަކުވެސް ނޭގޭ މަޢުލޫމާތު އެގިގެން ދިޔަ. މިސާލަކަށް: ކަނޑުމޫނު، ބިބީ، ބޮއް ދޫނި ފަދަ މަޢުލޫމާތަކީ އަސްލު ކުރިން އެގުނު އެއްޗެއްސެއް ނޫން. ނަމަވެސް މިއާޓިކަލުން އެފަދަ މަޢުލޫމާތުތައްވެސް މިހާރު އެގިއްޖެ.. ވަރަށް ސަޅި އާޓިކަލް އެއް. ބެސްޓް އޮފް ލަކް.. ނާފިއު، ތިގޮތުގަ ހިފަހައްޓާލާ، ތީ އަރަމުން އަންނަ ތަރިއެއް. ލިޔުންތެރިކަމުގެ ފަހުލަވާނެއް. ގިނަގިނައިން މިފަދަ އާޓިކަލްތައް ލިޔެ ޝާއިުކޮށްދީ! ޕްލީސް....
...
ލިޔުނީ މމ, 2011-03-06 15:54:51
ވަރަށް ކިޔާހިތުން ކީ އަޅުގަނޑަށް ވަރަށް ކަމުދިޔަ ލިއުމެއް. މި ލިޔުމުގެ މައްޗަށް ބިނާކޮށް، މި ބާވަތުގެ ކަންތައް އިތުރަށް ދިރާސާކުރަން ބޭނުން ފަރާތްތަކަށް އިތުރަށް ދިރާސާކުރުމަށް މަގުފަހިކޮށްދޭ ލިޔުމެއް.

މި ތަން ސަގާފީތަނެއްގެ ގޮތުގައި މަރާމާތުކޮށް، ފަތުރުވެރީންނަށް އިޝްތިހާރުކޮށް، ދޫދޫމަތިން ކިޔެމުން އައި މި ވާހަކައިގެ ލިޔުމެއް ދަރަވަންދޫން ފަތުރުވެރިންނަށް ލިބޭނެގޮތް ހެދުމަކީ ރަށަށް އިތުރު އާމްދަނީ ލިބޭނެ ކަމެއް ކަމަށް ފެނޭ.

މި ތަން ކޮންމެހެން ސަރުކާރުން ހިމާޔަތްކުރަންދެން ނުތިބެ ރަށުގެ ރައްޔިތުންގެ އެކި ކަހަލަ ގުރޫޕުތަކުން ވެސް މި ކަމަށް މަގު ހޯދުން އެއީ ރަނގަޅު ކަމެއް. ފައިދާ ކުރާނީ ހަމަ ރައްޔިތުންނަށް.
...
ލިޔުނީ faahi, 2011-03-22 06:59:20
މމ ތި ވިދާޅުވީ ހަމަ ތެދެއް. ދަރަވަންދޫ ރައްޔިތުން ވެގެން މިތަން ހިމާޔަތް ކުރަންފެނޭ.... އަދި މިތަން ދިރާސާ ކުރަންވެސް ފެނޭ...
...
ލިޔުނީ ނާފިއު, 2011-04-14 04:54:10
ހިލްސަމްގެ ކޮމެންޓަށް އަޅުގަނޑު ތާޢީދުކުރަން... ނަމަވެސް އަޅުގަނޑަށް ހޯދުނު ހޯދުންތަކުން އެނގޭގޮތުގައި އޭރު ދަރަވަންދޫއަކީ ކައިރި ރަށްރަށުގެ މީހުން މަސްވެރިކަން ކުރުމުގައި އުޅޭއިރު ބަނޑަހަގެ ޖަހައިގެން އުޅޭ ރަށެއް. ބިބީން އެރަށުގައި އުޅޭކަން އެރަށުގައި ބަނޑަހައި ޖަހައިގެން އުޅޭ މީހުންނަށް އެނގޭކަމަށްވޭ... އަދި ތުންތުން މަތިން ދެކެވޭގޮތުގައި އޭރުވެސް ބ.އޭދަފުށީގެ މަސްވެރިން އެރަށުގައި މަނޑަހަ ޖަހައިގެން ތިބޭ... އެގޮތުން އެއްދުވަހަކު ބިބީގެ 40 ބޭފުޅުންގެ އަންނައުނު ކޮޅުތައް ދޮވެ ހިއްކަން އަޅާފައި ހުރިތަން ފެނިގެން އޭރު ބަނޑަހަޖަހައިގެން ތިބިބަޔަކަށް( އޭދަފުށި ބަޔަކު) އެއްތަނެއްގައި މާގިނަ އަންނަނު ހިއްކަން އަޅުވާފައި ހުރިތަން ފެނުމުން ރާނީ އާއި ސުވާލުކުރުމުން. އެއީ އެކަމަނާގެ 40 ދަރިކަލުންގެ ހެނދުން ކޮޅުތައް ކަމަށް ބުނިކަމަށްވޭ.. އަދި އޭރު ދެކެވޭގޮތުން ނަމަ ރާނީގެ މި 40 ދަރިކަލުން މަރުވާން ފެށީ އޭގެފަހުން ކަމަށް ބެލެވޭ....( ބަނޑަހަ ޖަހައިގެން އުޅޭ މީހުންގެ އެސްފީނާ ޖެހި، ކާބޯތަކެތި ހުސްވެގެން ކަމަށްބެލެވޭ... ) އެހެން ކަމަށް ވެއްޖެނަމަ އެރަށުގައި ބަނޑަހަ ޖަހައިގެން އުޅޭ މީހުންނަށް އެއީ ކޮންބައެްކަން އެނގި އަދި އެބޭކަލުން އެތަނުގައި މަރުވެގެން ދިއުމުން އެތަނުގައި ޒިޔާރަތެއް އެޅީކަމަށް ބެލެވޭ.... މިތަން ދިރާސާ ކުރެވޭނީ ކޮންމެވެސް ބަޔަކު މިކަމަށް އަހަންމިއްޔަތު ދީގެން... އަޅުގަނޑުގެ މިފެށުމަކީ ރަނގަޅު ފެށުމެއްކަމަށްބަލާ،، ކޮންމެވެސް ބަޔަކު މިތަން ދިރާސާކޮށް ދިނުމަކީ އަޅުގަނޑުގެ އެދުމެއް... ޝުކުރިއްޔާ!
...
ލިޔުނީ މުޢާޒު, 2011-05-25 08:05:46
ނާފިއުގެ މަސައްކަތަށް ހިތްވަރުދެން. ވާހަކަ ގެނެސް ދިނުމުގައި ޢާއްމުކޮށް ކިޔަ އުޅެ ގޮތާ ތަފަތުވާ ތަންކޮޅެއް ފާހަގަ ކުރެވޭ. ބިބީ މަލެއަށް ކުރި ދަތުރުމަތީގައި ބައެއްކުދިން މަރުވެ އޮޑިތެރޭގައި ކުނިވަސް ދުވާތީ މާލެއައި މަގުމަތީގައި ބ.އަތޮޅު މުއްދުއަށް ޖައްސާ އެރަށުން ދޮންކަށިކެޔޮ އޮޑިޔަށް ބަރުކުރި ނަމަވެސް ގަބުރުވަސް ގަދަވެ ދަރަވަންދޫ ބަޑަހަމަގަށް ޖައްސާ އެރަށުގައި ގަބުރުތައް ވަޅުލިކަމަށް ކިޔާއުޅެނީ. ދަރަވަންދޫގައި ތިބެފަ މުއްދުވަށް ދިޔަކަމަށް ކިޔައެއް ނޫޅޭ. މުއްދޫ ކަށިކޭލުން ދޮންވަސް އޭގެފަހުން ނުދުވާކަމަށްވަނީ. ހާޤީްަތުގައިވެސް މުއްދޫކަށިކޭލުން ދޮންވަހެއް ނުދުވާ!
...
ލިޔުނީ ތޯތޯ, 2011-06-26 03:51:43
ތީ އަޖައިބެއް. ކުދިންކޮޅު މަރުވާން ފެށީމަ ކީއްވެ މުއްދޫގަ އެކުދިން ވަޅުނުލާ ދޮންކަށިކެޔޮ އަރުވައިގެން ދަރަވަންދޫ އަށް ދާންވީ. މުއްދޫގަ ކީއްވެތަ ކުދިން ވަޅުނުލީ.... މުއާޒުގެ ކޮމެންޓްގަ މައްސަލަ އެބައުޅޭ. ނާފިއު ލިޔެފައި އެހުރީ ހަމަ ރަނގަޅަށް މުއާޒު ކޮމެންޓް ކޮށްފައި ތިޔަހުރީ ދިމާ އިދިކޮޅަށް. ޤަބޫލު ކުރަން ދަތި އިނގޭ މުއާޒު. ނާފިއު އަށް ހަމަ ސާބަސް. ވަރަށް ބެސްޓް ލިޔުން. މުއާޒް އަށް ބުނެލަން އޮތީ މީ ހަމަ ތޯތޯ ވާހަކަ އެޖކެވެ. ހިނގާފަ އޮތް ކަމަކަސް މިހާރުގެ މީހުން މިވާހަކަ އެތައް ގޮތަކަށް ކިޔާ އުޅެއެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1308
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone