މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އިއްޔެގެ މާލެ - މާލޭގެ ނަރުދަމާ ނިޒާމު |
|
|
| ދިވެހި - ތާރީޚް | |||
| 15 ޑިސެމްބަރ 2008، 23:36 ހޯމަ | |||
|
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008) މާލޭގެ ނަރުދަމާގެ ނިޒާމުގެ ވާހަކައަކީ މިއަދު ބައެއްމީހުންގެ ވިސްނުމުގައި ފަހަރެއްގައި ލަދުވާހަކަޔަކަށް ވެދާނެއެވެ. ސަބަބަކީ އެޒަމާނުގައި ޙާލަތު ހުރި ގޮތެވެ. އޭގެ ސަބަބުން ދިމާވީ ޞިއްޙީ އަޚުލާޤީ އަދި އިޖުތިމާޢީ މައްސަލަތަކެވެ. އެންމެ މަތީ ފަންތީގައިވެސް މިކަންއޮތީ މިހެނެވެ. ރާއްޖޭގެ ރަސްރަސްކަލުންގެ ގަނޑުވަރުގައި އަވަހާރަގަނޑުވަރު ކިޔާތަނެއް ހުންނަކަމަށްވެއެވެ. އަވަހާރަގަނޑުވަރަކީ، ގިފިއްޔެވެ. ''ފާޚާނާ''އެވެ. މިތަންތަނުގައި ޙާޖަތްފުއްދެނީ ބިމުގައި ވަޅުޖަހައިގެންނެވެ. އަވަހާރަގަނޑުވަރުގައި ''ގުންތުރަކޮޅު'' ކިޔާ ދަނގަޑެއް އޮންނަކަމަށްވެއެވެ. ރަސްރަސްކަލުން އަވަހާރަގަނޑުވަރަށް ވެދެވަޑައިގަންނަވަންބޭނުންފުޅުވުމުން، މީހަކު އެދަގަނޑުން ބިމުގައި ވަޅުޖަހައިދެނީއެވެ. ރަސްކަމުގެ ކޮއިލުތެރޭގެ ހާލަތު މިފަދައިން އޮތް އިރު ޢާންމު ރައްޔިތުންގެ ހާލަތު އޮންނާނީ ކޮންފަދަޔަކުންތޯ ހިތަށް ގެންނަވާށެވެ! މާލޭގައިވެސް އެދުވަސްވަރު ގިނަމީހުން ޙާޖިތަށްދާން ގޮސް އުޅެނީ އަތިރިމައްޗަށެވެ. ނޫނީ ދުނގެތިވާފަދަ ވާވަލަށެވެ. ''ފާޚާނާ ކުރުން'' މިނަންވެސް އުފެެދިފައިވަނީ މާފަހުންނެވެ. ކުރިން ކިޔައިއުޅުނު ނަންތަކަކީ ''އަތިރިޔަށް ދިޔުން'' ''ވަލަށްވަނުން'' ގިފިއްޔަށްދިޔުން'' މި ފަދަ ނަންނަމެވެ. ގިފިއްޔަކީ ގޯތިގޯތީގައި ގޭގެމީހުން، ފެންވަރާ ވަޅު ބަހައްޓާފައި ހުންނަ ބައެވެ. މިއީ ހިޔާކޮށްފައި އޮންނަ ތަނެއްނޫނެވެ. މަތި ހާމަތަނެކެވެ. ވަށައިގެން ލެވިފައިވާނީ ދަނޑިފަނުގެ ފުޅަށްގަނޑެކެވެ. ނުވަތަ ދަނޑިން ކޮށިގަނޑެއް އަޅައި ގޯންޏާއި ބޯކަރުދާސްޖަހާފައެވެ. ފޯރާމީހެއްނަމަ މި ކޮށިގަނޑުގެ ވަށައިގެން ބާޓިނު ޖަހާފައި ހުރެދާނެއެވެ. އެތެރެ އޮންނާނީ ތަޅުމެއް ނެތި، ހުސްވެލިގަނޑަށެވެ. ތަންކޮޅެއް ތާހިރު މީހުން ދިރިއުޅޭ ތަންތާނގައި ގިފިއްޔަށް ދިޔުމަށްޓަކައި، (ފާޚާނާކުރުމަށްޓަކައި) ފާހަގަ ކޮށްލެވިފައިވާ ވަކިބައެއް އޮވެއެވެ. އެހެންނަމަވެސް ތަނުގެ ސާފުކަމެއް ނުދެމެހެއްޓެއެވެ. ބައެއްފަހަރަށް ބުޅާ ކުކުޅުހާ ފަދަ އެއްޗެހި އައިސް އެފަދަ ވަޅުތައް ހާވައި ތަން ނަޖިސްކުރެއެވެ. ވާރޭ ފެންފޮދެއްވެހި ވިއްސާރަ ވެއްޖެއްނަމަ، ފިޔަވަޅެއް އަޅައިފިއްޔާ ގަނބައިގަންނަވަރަށް، މުޅި އެ ހިސާބުގެ ފަސްގަނޑު މަޑުވެ، ނަޖިސްފެންހިލި، މެހިބުރައި މުޅި ގޯތިތެރެ ވަސްނުބައިކުރެއެވެ. ރަށުތެރޭގެ ވާވަލާއި އަތިރިމަތިވެސް މިފަދައެވެ. ![]() މާލޭގެ ގޮނޑުދޮށުން ހިނގާލާއިރު ރާޅާ ގިރިގެންދާ ނަޖިސްތަކާ އޮޔާދެމޭ ނަޖިސްތައް ރާޅުޖަހާފަށުން އެކިދިމަދިމާއިން ފެންނާނެއެވެ. ގިނަ ދިރާސާތަކަކާއި މަސައްކަތްތަކަކަށްފަހު މި މައްސަލަ ޙައްލުވީ، 9ޖުލައި، 1985ން ފެށިގެން، 1 އޯގަސްޓް 1988 އަށް ސަރުކާރުން ހިންގެވި ''މާލޭގެ ބޯފެނާއި ފާޚާނާހޮޅިލުމުގެ މަޝްރޫޢު'' ނިމުމާގުޅިގެންނެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (15)
![]()
...
ލިޔުނީ ކައްޕި, 2008-12-15 17:42:47
މާލޭގައި ނަރުދަމާގެ ނިޒާމެއް ގާއިމުކުރީ މައުމޫނުގެ ސަރުކާރުގައެވެ. އެސަރުކާރުން މިކަން ކުރުމުގެ ކުރިންވެސް އެތައް ސަރުކާރެއް ރާއްޖޭގައި އޮތެވެ. އެއްވެސް ސަރުކާރަކަށް މިކަން ބޮޑެއް ނުވެއެވެ. މައުމޫނުގެ ސަރުކާރުން ރަށްރަށުގެ ފަޅު ކޮނެދޭން ފެށިއެވެ. އޭގެކުރިން ފަޅު ނުކޮންނާތީ ވާހަކައެއް ދައްކާނެ މީހަކު ނުވިއެވެ. މައުމޫން ވެރިކަމަށް އައީ ޖައްރާފާއިން މާލޭގެ ފަޅު ކޮންނަތާ 70 ވަރަކަށް އަހަރު ފަހުންނެވެ. އަސާސީ ތަޢްލީމުން ފަށައިގެން ހޭލުންތެރިކުރުވުމުގެ ނަތީޖާ މިހިރަ ފެންނަނީއެވެ. ޙައްޤު އޮތްކަމާއި ނުލިބޭ ޙައްޤުތައް ހޯދަން މަސައްކަތް ކުރަންވާނެކަން ރައްޔިތުންނަށް ދަސްވީއެވެ. މާލޭގައި ނަރުދަމާއެއް ގާއިމުކުރިޔަސް ރަށެއްގައި ނަރުދަމާއެއް ހަދަން އެއްވެސް ރަށަކުން ނޫޚެއެވެ. އެކަމަކު ސުނާމީގެ ފަހުން ރާއްޖެތެރޭގެ ރަށެއްގައި ނަރުދަމާ ހަދާ ވާހަކަ ބުނާއިރަށް މިއޮތީ ހުރިހާ ރަށެއްގައި ނަރުދަމާ ހަދަންޖެހިފައެވެ. މާލޭގައި ބޯފެނާއި ފާޚާނާހޮޚިލުމުގެ މަޝްރޫޢެއް ހިންގިޔެއް ކަމަކު ރަށްރަށުގެ މީހުން އޭރު ހީކޮށްގެންތިބީ އެއީ މާލެއަށް ޚާއްޞަ ކަމެއްކަމުގައެވެ. ނަމަވެސް ހޭލުންތެރިކަމަށް އައި ބޮޑު އިންގިލާބުގެ ސަބަބުން މިއަދު ހުރިހާ މީހުންނަށްވެސް ލޯހުޅުވި ފަސޭހައާއި އަރާމު ފެންނަނީއެވެ. އެހެންނަމަވެސް ހިތާމައަކީ، ފަސޭހައާއި އަރާމު ފެންނަވަރަށް ހެޔޮގޮތާއި ނުބައިގޮތް ނުފެންނާތީއެވެ. ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާން ނުވެވޭތީއެވެ.
...
ލިޔުނީ ދުނިޔެ, 2008-12-15 18:31:42
މިމަޒުމޫނުގައި އާދަމްނަސީރު ގެނެސްދެއްވާފައިވާ މައުލޫމާތު ރަގަޅެވެ. އަހަރެން އެއްޗެއް ބުނެލާހިތްވަނީ ކައްޕިއަށެވެ. ކައްޕި ހީވަނީ މައުމޫނުގެ ބަތާކައިގެން އުޅުނު މީހެއް ހެންނެވެ. މައުމޫނަކީ އެއްވެސް ކަމެއް ކޮށްދިން މީހެއް ނޫނެވެ. އޭނާއަށްވުރެ މާގިނަ ކަންތައްތައް ޑރ. މުހަންމަދު ޒާހިރު ހުސައިނު ވެސް ކޮށްދެއްވާފައި އެބަހުއްޓެވެ. ދިވެހިރާއްޖޭގެ ނޫސްވެރިކަން ތަރައްގީކުރީ ޒާހިރުހުސައިނެވެ. މާލޭގެ މަގުތައް ހަދައި ރަށްރަށުގެ ފަޅުކޮނެދިނީ އުމަރުޒާހިރެވެ. ބޭންކް އޮފް މޯލްޑިވްސް އަކީ ދިވެހިންގެ ތަނަކަށް ހެދީ އަބުދުއްލޯކަމާލުއްދީނުއެވެ. ދިވެހި ސަރުކާރު ހިންގީ އެންދެރިމާގޭ އިލްޔާސްއެވެ. ރާއްޖޭގެ ހަގީގީ ބޮޑުވަޒީރަކީ އިލްޔާސްއެވެ. މައުމޫނު ބޮޑުވަޒީރަކަށް ހުރީ ހަމައެކަނި ނަމެއްގައެވެ. ދިވެހިރާއްޖޭގެ އިއްޒަތްތެރި ރަދުން ކޮލިއަލިމަނިކުގެ އަމުރުތައް ރާއްޖޭގައި ހިންގީ އިލްޔާސްއެވެ. މައުމޫނު ބަހައްޓާފައިހުރީ މޮޅަށް ވާހަކަދައްކަން އެގޭތީ ޖަލްސާތަކުގައި ވާހަކަދެއްކުމަށެވެ. ދިވެހިރާއްޖޭގައި މިތިބަ ދިވެހިންނޭ ކިޔާ ކޮލިއަލިމަނިކުގެ ގިނަ އަޅުންނަކަށް މިކަމެއް ނޭގޭނެއެވެ.
...
ލިޔުނީ ހަސީބު, 2008-12-16 00:40:11
ނަސީރު ލިއުއްވާފައިވަނީ މިހާރުގެ ޒުވާނުންނަށް ވަރަށް ބޭނުންތެރި މައުލޫމާތުކަމަށް ދެކެން. އިއްޔެގެ މާލޭގައި އެބަހުރި މިކަހަލަ ކިތަންމެ ކަމެއް. ކޮބާ ލައިއުޅުނު އެއްޗިއްސާއި ކާބޯތަކެތި ..... ކޮބާ ތައުލީމުގެ ފެންވަރު ..... ކޮބާ ދަތުރުފަތުރު ކުރިގޮތް ...... ކޮބާ މަސްވެރިކަން ތަރައްގީވި ގޮތުގެ ތާރީޚު ...... މިކަހަލަ ބައިވަރު ވާހަކަތައް އެބަހުރި .....
...
ލިޔުނީ މަލިކު އިބުރާހީމު, 2008-12-16 02:53:30
ދިވެހިން ހޯދާފައިވާ ކުރިއެރުމާއި އެހެން މީހުން ހޯދާފައިވާ ކުރިއެރުން އަޅާބެލުމަށް ތިރީގައިވާ ވެބްޕޭޖް ބައްލަވާލައްވާށެވެ. ކުރިން ދިވެހިންނަށްވުރެ ކުރީގައި ތިބި މަލިކު މީހުންގެ ހާލުހުރިގޮތް ބައްލަވާލައްވާށެވެ.
http://lakshadweep.nic.in/gallery.htm
...
ލިޔުނީ ތޯހިރު, 2008-12-16 13:59:46
ތޯރިގެވެ. އެއީ މާފަންނުކޮޅެވެ. އިރުމަތި ފަރާތު ފޮޓޯގެ އަތިރިމަތީގައި އެއިން މީހާ ތެލިދޮންނަ މީހަކާ ހާދަވައްތަރެވެ. އެތަނަށް ތެލިދޮންނަން ކުރިން މީހުން ދެއެވެ. އަހަރެންގެ މިދެލޮލުން އެކަންތައްތައް ދުށީމެވެ. ދަރިފުޅާ ތޯރިގެވެ. ތަރައްގީއަކީ މިދާކަށްދުވަހު މިގައުމަށް އައިސްގެން އުޅޭ މީހެކެވެ. އޭނާ މިގައުމަށް އައީ މުހަންމަދުވަހީދުމެން ޕީއެޗްޑީ ނެގީމާ މިގައުމުގައި ކުރިން އުޅުނު ޖާހިލު ބިރުން މިގައުމުދޫކޮށް ދިޔަފަހުންނެވެ.
...
ލިޔުނީ މާލެ, 2008-12-17 01:22:42
އަހަރެންގެ ކުރީގެ ފޮޓޯތައް ހޯދައިގެން ބަލާލަބަލަ. އޭރުން އެނގޭނެ ކުރިން އަހަރެން އޮތްގޮތާ މިހާރު އަހަރެންނަށް އައިސްފައިވާ ބަދަލުތައް. މިޖީލުގެ ޒުވާންކުދިން ހީކުރާ ފަދައިން އަހަރެންނަކީ ކުރިން މިހެން އޮތް ރަށެއް ނޫނޭ. ނަސީރު ކީއްވެތޯ ނުލިއުއްވަނީ އަހަރެންގެ އެހެން ވާހަކަތައް؟
...
ލިޔުނީ މުހަންމާކަލޯ, 2008-12-17 05:25:47
ތަރައްޤީ ނަމަކަށް މިކިޔާ ބޭފުޅާ މި ރާއްޖެއަށް އައިތާ މާގިނަ ދުވަހެއް ނުވެއެވެ. އޭގެކުރިން ދިވެހިންނަކީ ތަރައްޤީ މިނަން ކިޔަން ދަންނަ ބައެއް ނޫނެވެ. އެބޭފުޅަކު ރާއްޖެއަށް ވަޑައިގަތީ އަށްޑިހައިގެ އަހަރުތަކުގައެވެ. މިހާރު އައިސްގެން އުޅޭ ބޭފުޅާއަށް މިކިޔަނީ ޑިމޮކްރަސީއެވެ. މިބޭފުޅާގެ ކާމިޔާބުކަން އެނގޭނީ އަދި ދުވަސްކޮޅެއް ފަހުންނެވެ. އެކަމަކު މިޑިމޮކްރަސީއާއެކު އެހެން ބޭފުޅަކުވެސް އެބައުޅުއްވައެވެ. އެއީ ކަނޑިވަޚި ކިޔާ ބޭފުޅެކެވެ މި ދެބޭފުޅުން އެކީގައި މިކުޅުއްވާ ގޭމުގެ ނަތީޖާ އަކީ ބައެއް ޒުވާނުން ވަރަށް އަވަހަށް އަހަރެމެންނާ ވަކިވުމެވެ. އިހަށް ދުވަނިވެގެން ވަރަށް ޅައުމުރުގައި ވަކިވެއެވެ. އެކަމަކު މިހާރު މިވަކިވަނީ ފުރާވަރަށް އެޅީމައެވެ.
...
ލިޔުނީ ޝާހިދު, 2008-12-24 04:40:33
ރަނގަޅު މަޒުމޫނެއް.
މާފަންނުކޮޅުން މާފަންނުސަހަރާގެ ހުޅަނގުން އޮތް ސަރަހައްދު އެކުގައިހެން އެ ވަނީ ހިއްކައިފައި. އެ ސަރަހައްދުން ފަޅުތެރެއިން ގޯތިދިނުމުން އެ ގޯތިތައް ލިބުނު މީހުން ގޯތިހިއްކަމުން ގެ އަޅަމުންދިޔަ އިރު އެ ސަރަހައްދު އޮތީ ފޮޓޯގައި އެ ހުރި ހެން. ގިފިލީގެ ދައުރަށްފަހު، ސަރުކާރުން ހިންގެވި ''މާލޭގެ ބޯފެނާއި ފާޚާނާހޮޅިލުމުގެ މަޝްރޫޢު''ގެ ކުރިން، މީހުން އަމިއްލައަށް ފާޚާނާހެދުމުގެ ދައުރެއް އައި. މި ދައުރުގައި ފާޚާނާ ހެދި މީހުން ފާޚާނާ ވަޅުގަނޑު ހެދީ ގޯތިތެރޭގައި. މި ވަޅުގަނޑުތަކުގެ ސަބަބުން ވެސް ބިމުގެ ފެން ތަޣައްޔަރު ވި. އަދި ފޯރާ ބައެއް މީހުން މޫދަށް ފާޚާނާ ހޮޅި ލި. މި ކަހަލަ ހޮޅިތައް މޫދާ ހަމައަށް ގެންދިޔައިރު އެ ގެންދިޔަ މަގުގައި ހުރި ގޭގެއިން ހޮޅީގެ ވެރިޔާ އަށް ފައިސާ ދީގެން އެ ހޮޅިއާ ގުޅި. ދުއްވާ އެއްޗެހީގެ ސަބަބުން އަޑިގުޑަންވެފައި އޮންނަ މަގުގައި ވަޅުލައިފައި ހުންނަ މި ކަހަލަ ހޮޅިތައް ވެސް ބައެއް ފަހަރު ފެޅި މަގުމައްޗަށް ނަޖިސް ނުކުމޭ. އަދި ވާރޭވެހިއްޖެ ނަމަ މުޅި ރަށުގައި ހެން ހެދިފައި އޮންނަ ފެންގަނޑާ އެކުވެގެން ދޭ. ވެއްޔާއި ގާ އަޅައިގެން ހިއްކައިފައި ހުރި ސަރަހައްދުގައި ބައެއް ގޭގޭގެ ފާޚާނާ އެއްވެސް ހޮޅިއަކާ ނުވަތަ ވަޅުގަނޑަކާ ގުޅުމެއް ނެތި އަޑީގެ ގާތަކުގެ ތެރޭގައި ހުންނަ މަގުމަގުން ނަޖިސް އަޑިއަށް ދާ ގޮތަށް ހަދައިފައި ހުރި. މާލޭގައި ކޮލެރާ އާއި ޝިގެއްލާ ފެތުރުނު އިރު، ބިމުގެ ފެން ތަޣައްޔަރު ކުރަމުން ގެންދިޔަ މި ދެންނެވި ކަހަލަ ފާޚާނާތަކާއި، ވަޅުގަނޑުތަކާއި ހޮޅިތައް ހުރި.
...
ލިޔުނީ މާލެއިން ލަޝްކަރެއްގޮސް ހަވަރު ތިނަދޫ ތަޅައިލުން, 2009-01-03 12:07:03
މައްސަލައިގެ ހަވާސާ
ވެލާނާގޭ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު ދެ ފަހަރެއްގެ މަތީން މާލެއިން ބޮޑު ލަޝްކަރެއް ގޮސް ހުވަދު އަތޮޅު ހަވަރު ތިނަދޫ އަށް ހަމަލާދީ އެ ރަށް ވީރާނާކޮށް އެންމެ ފަހުން ފަޅު ރަށަކަށް ހަދާލި ހާދިސާއަކީ ވަކި ފަރާތަކަށް ނުޖެހުމުގެ ސިކުނޑިއަކުން ވިސްނައިފި ކޮންމެ މީހެއްގެ ލޮލުން ކަރުނަ ހިލިގެންދާނެ ހިތާމަވެރި އަދި އަނިޔާވެރި ހާދިސާއެކެވެ. ވެލާނާގެ ނާސިރު ހަވަރު ތިނަދޫ އަށް ހަމަލަދީ ބަޔަކު ނެތިކޮށް އަދި އެރަށް ވެސް ފަޅުކޮށްލުމަށް ފަހު އެނބުރި މާލެ އަށް ފޭބުމުން އަހުރެމެން ދިވެހިން ކުރީ ކޮން ކަމެއް ހެއްޔެވެ؟ ނާސިރު ކުރި ކަންތައް ފުރިހަމައަށް އެނގިގެން ތިބި ހާލުގައިމެ އޭނާ ޣާޒީއަކަށް ހެދީއެވެ. ނިޝާނުލް ޣާޒީގެ އިއްޒަތްތެރި ވެރިޔާގެ ލަޤަބް ވެސް ދިނީއެވެ. އޭގެ ކުރިން ވެސް އަދި ފަހުންވެސް ނާސިރަށް ވުރެ ކުޅަދާނަ ގައުމީ ބަޠަލަކު ނެތްކަމަށް ނިންމީއެވެ. ތިނަދޫއަށް ދިން ފުރަތަމަ ހަމަލަ ޔުނައިޓެޑް ސުވާދީވް އައިލެންޑްސްގެ ނަމުގައި ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅުކަމަށްވާ އައްޑު އަތޮޅާއި ފުވައްމުލައް އަދި ހުވަދު އަތޮޅުގައި ވަކި ދައުލަތެއް ގާއިމް ކުރުމުން އެކަމުގެ ރުޅީގައި ސުވާދީބަށް ފިލާވަޅެއް ދިނުމަށްޓަކައި އެލިޒަބަތު ބޯޔާ ނަމަކަށް ކިޔުނު ބޯޓެއްގައި މާލޭގެ ލަޝްކަރެއް ސަރުކާރުގެ ފަރާތުން ފުވައްމުލަކަށް ފޮނުވިއެވެ. ދައްޕަރު މޫސާ މަނިކުގެ ވެރިކަމުގެ ދަށުގައި ދިޔަ މިލަޝްކަރުގެ އެކަކަށް ވެސް ފުވައްމުލަކަށް ފޭބޭނެ ގޮތެއް ނުވިއެވެ. ރައްޔިތުންގެ ދެކޮޅު ހެދުމާއި ނުރުހުންތެރިކަމުގެ ކުރިމަތީގައި އެއްވެސް ކަމެއް ނުކުރެވިގެން ބޯޓު އަނބުރާލާފައި މާލެ ދިޔައީއެވެ. މިއަށްފަހު ސުވާދީބާ ދޭތެރޭ މާލޭގައި އިހަށް ވުރެ ގަދަފަދަ ރުޅިވެރިކަމެއް އުފެދި ދެކުނުގެ ތިން އަތޮޅަށް އަދަބު ދިނުމުގެ ތަފާތު ރޭވުންތައް ރާވަން ފެށިއެވެ. ބޮޑުވަޒީރުގެ މަގާމުގައި ހުރީ ވެލާނާ ނާސިރެވެ. އޭނާ ނިންމީ ޚުދު އޭނާ ބޮޑު އާގު ބޯޓެއްގައި ހުވަދު އަތޮޅަށް ގޮސް އެ އަތޮޅުގެ ވެރިރަށް ހަވަރު ތިނަދޫ ފުނޑައިލުމަށެވެ. މި މަގްސަދުގައި 700 މީހުންގެ ބޮޑު ލަޝްކަރަކާއި ރައިފަލާއި ބޮޑު ބަޑި ފަދަ ހަތިޔާރާއެކު 13 ޖުލައި 1959 ގައި މޯލްޑިވް ސްޓާ ކިޔުނު އާގު ބޯޓުގައި ނާސިރު ހުވަދު އަތޮޅަށް މިސްރާބު ޖެއްސެވެ. ނާސިރުގެ ލަޝްކަރު އެންމެ ފުރަތަމަ ބަނދަރުކުރީ ކުރީ ހުވަދު އަތޮޅު ގައްދޫ ބޭރުގައެވެ. އެއީ 9 ޖުލައި 1959 އެވެ. ބަޑިން ބިރުދައްކައިގެން ދާދި އަވަހަށް އެރަށުގެ ރައްޔިތުން ކިޔަމަން ކުރުވައި އޭގެ ތެރެއިން ބަޔަކު އަތްފައި ބަނދެ ބޯޓަށް ނަގައިގެން ދެން މިސްރާބު ޖެހީ ހަވަރު ތިނަދޫއަށެވެ. ގައްދޫ-ގަން ކައިރިން ނުކުމެ މާކަނޑުން އަތޮޅު ވަށާލައި ކާޑެއްދޫ ކައިރިން އަތޮޅުތެރެއަށް އަލުން ވަދެ ތިނަދޫ ބޭރަށް ބޯޓުގެ ނަގިލިލީ 16 ޖުލައި 1959 ވީ ބުރާސްފަތި ދުވަހު ހެނދުނުއެވެ. ތިނަދޫ ބޭރުގައި ތިބެގެން ނާސިރުގެ އަމުރަށް ޓިނު އަލިފުޅާއި ކ.ދ އަހުމަދުމަނިކު ފަދަ ސިފައިންގެ އޮފިސަރުން އެންމެ ފުރަތަމަ ކުރި ކަމަކީ ތިނަދޫ އަށް އައިސް ގޮސްވާ ބައްތެލި ފަހަރާއި ދޯނިތައް ފޭރި އޭގެ ތެރެއިން ބޯޓުގެ ބޭނުމަށް ގެންގުޅެވޭނެ ކުދިކުދި އުޅަނދުތައް ބޯޓުގެ ފަހަތުގައި ވާޖަހާފައި ބޭތިއްބުމާއި އެނޫން އުޅަނދުތައް އަންދައިލުމެވެ. (ނުނިމޭ)
...
ލިޔުނީ މާލެއިން ލަޝްކަރެއްގޮސް ހަވަރު ތިނަދޫ ތަޅައިލުން 2, 2009-01-03 12:08:48
ތިނަދޫ އަށް ފޭބުމަށް ނާސިރު ގަސްތުކުރީ ޖެހިގެން އައި ހުކުރު ދުވަހުއެވެ. ސިފައިންގެ ތެރެއިން ހަތިޔާރު އެޅި ސާދަ މީހުންނާ އެކު ނާސިރު އެންމެ ފުރަތަމަ ދިމާކުރީ ތިނަދޫގެ ބަރާސިލު ކިޔުނު ހިސާބު އަތިރިމައްޗާއެވެ. ހަވަޔަށް ފަޒާޔަށް އަދި އުދަރެހާއި ޖައްވަށް، ނުވިތާކަށް މީހުންގެ ތެރެއަށް ވެސް ބަޑިޖަހަމުން ނާސިރު ފޭބި ބަރާސިލަކީ ލެޕްރަސީ ބަލިމީހުން އެކަހެރިކޮށްފައި ބައިތިއްބާ ސަރަހައްދެވެ. އެދުވަހު ނާސިރު ޖެހި ބަޑީގެ އުންޑަ އަރާފައިވަނީ ލެޕްރަސީ ބަލިމީހުންގެ ގަޔަށެވެ.
ތިނަދޫ އަށް ވެރިވެގަނެގެން ފާތިހެއްގެ ގޮތުގައި އެއް ހަފުތާގެ މުއްދަތަކަށް ނާސިރު އެރަށުގައި ދެމިހުއްޓެވެ. މި މުއްދަތުގެ ތެރޭގައި މުއްސަނދިންގެ ގޭގެއަށް ގޮސް ހޯދައި ބަލައި ފާސްކޮށް މުދަލަކަށްވާ ޒާތުގެ އެންމެހައި ތަކެތި ބޯޓަށް ގެންދެވުނެވެ. ނާސިރުގެ ދަރުބާރުގައި ކުށްވެރިވި އެންމެނާއެކު އެނބުރި މާލެ ދިއުމަށްޓަކައި މި ބޮޑު ލަޝްކަރު ފުރީ 17 ޖުލައި 1959 ގައެވެ. މާލެއަށް ދެވުނީ 20 ޖުލައިގައެވެ. ކުށްވެރިންގެ ގޮތުގައި މާލެ ގެނެވުނު މީހުންގެ ތެރެއިން ހިރިހަމާތި ކަލޭގެފާނާއި އޭނާގެ ދަރިންތައް މާލޭގެ ޖަލުގައި އަނިޔާކޮށް މަރާލީ އެވެ. މާލޭގެ ލަޝްކަރުގެ އަމަލުތައް ތިނަދޫގައި ހުރީ ގަދީމީ ޒަމާނުގައި ކަރަކަރާގައި ހަނގުރާމަކުރާއިރު ބަލިވާ މީހުންނާ މެދު ކުރި ލިބޭ މީހުން ކަންތައް ކުރާ ބީދައިންނެވެ. މުދާތައް އަނީމާ ކުރުމާއި ޒުވާންފުރައިގެ އަންހެން ކުދީން ޖާރިޔާއިންނަށް ހެދުން އާންމުވެފައި އޮތެވެ. ދެ ވަނަ ފަހަރަށް ތިނަދޫއާ ދިމާކުރުން ނާސިރު ފުރައިގެން ދިޔައީ ސުވާދީބުގެ ދިދަ އިރާލައި މާލޭ ސަރުކާރުގެ ދިދަ ނަގައި ނާސިރުގެ ލަޝްކަރުގެ ތެރެއިން އެކަށީގެންވާ އަދަދެއްގެ ނުލަފާ މީހުން ތިނަދޫގައި ބައިތިއްބާފައެވެ. ނާސިރު ފުރައިގެން ދިޔަތާ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ތިނަދޫ ގަނޑުބަޑުވެއްޖެއެވެ. މިފަހަރު ތިނަދޫ ރައްޔިތުންގެ ރުޅިވެރިކަން ހިލިގަތީ އަންހެންވެރިންނާ މެދު މާލޭ ސިފައިން ހިތު ހުރި ގޮތަކަށް އަމަލް ކުރަމުން ދިއުމާއި ތިނަދޫ މީހުންގެ ދަތުރު ފަތުރަށް ހުރަސް އަޅައި ދަތިކުރަމުން ދިޔުންފަދަ ކަންތަކުގެ ސަބަބުންނެވެ. ވިޔަފާރީގެ ނަފާ ފޭރި ހިފައި ގެންގުޅޭ ކޮންމެ މުދަލަކާއި ހަރު މުދަލުން ވެސް ޓެކްސް ނެގުން ފަދަ ކަންތައް ތައާރަފް ކުރުމުގެ ސަބަބުންނެވެ. އުޅެން އުނދަގޫ މިންވަރަށް ދަތިވެގެން ދިއުމުން ތިނަދޫ ރައްޔިތުން ދެ ވަނަ ފަހަރަށް މާލޭ ސަރުކާރާ ދެކޮޅުވެރިވެ ޔުނައިޓެޑް ސުވާދީވް އައިލެންޑްސްގެ ދިދަ އެރަށުގައި ނަގައިފި އެވެ. 15 ޖޫން 1961 ވީ ބުރާސްފަތި ދުވަހުން ފެށިގެން ތިނަދޫގައި އޮތީ އަނެއްކާވެސް ސުވާދީބުގެ ވެރިކަމެވެ. މި ޚަބަރު މާލެއަށް ފޯރިތާ ދުވަސްކޮޅެއް ފަހުން ސިލްވަރ ކްރެސްޓް ނަމަކަށް ކިޔުނު ބޯޓެއްގައި ނާސިރު ތިނަދޫ އަށް މިސްރާބުޖެހިއެވެ. ފުރިހަމައަށް ހަތިޔާރުއެޅި ސިފައިންގެ ފައުޖަކާއެކު ނާސިރު ދެ ވަނަ ފަހަރަށް ތިނަދޫ އަށް ފޭބީ 3 ފެބްރުއަރީ 1962 ގައެވެ. ރަށަށް ފޭބުނީ ބަޑީގެ ބާރުގައެވެ. މިފަހަރުވެސް ރަށުގެ އާންމުންގެ ތެރެއިން ބަޔަކު ނިޔާވިއެވެ. މިފަހަރު ނާސިރުގެ އެންގުންތައް ކުރީ ފަހަރާ ތަފާތެވެ. މިފަހަރު ނާސިރު އެންގީ އިރު އޮއްސި ހަޔެއް ޖެހުމުގެ ކުރިން އެންމެން ރަށުން ފައިބައިގެން ފެއްސޭނެ ތާކަށް ފެއްސިގެން ދިއުމަށެވެ. ހަޔެއްގެ ފަހުން ރަށުގައި ދެމިހުރެއްޖެ ކޮންމެ މީހަކު މަރާލެވޭނެ ކަމުގެ އިންޒާރު ދިނެވެ. އިރުއޮއްސުމުގެ ކުރިން އެންމެން ރަށުން ފޭބިއެވެ. ދެވޭނެ ގޮތެއް ނެތް ބައެއް މީހުން ކަނޑަށް އެރި މަރުވެސްވިއެވެ. ދަތުރު ކުރާނެ އުޅަނދެއް ލިބުނެއްކަމަކު މުސްކުޅި ބައެއް މީހުންނާއި ކުޑަކުދިންގެ ތެރެއިން ބަޔަކު ދަތުރުމަތީގައި މަރުވެސް ވިއެވެ. ގިސްލުމާއި ވޭނީ ހަޅޭކުގެ އަޑާއެކު ތިނަދޫގެ ރައްޔިތުން ދިޔައީ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށެވެ. ބައެއް މީހުން ވަގުތީ ގޮތުން ކާޑެއްދޫގައި ވެސް ދެތިން ދުވަހެއް ހޭދަ ކުރިއެވެ. ނާސިރުގެ އަމުރަށް ތިނަދޫ ފަޅު ރަށެއްގެ ގޮތުގައި ބޭއްވުމަށް ފަހު އަލުން މީހުން އާބާދުވުމުގެ ހުއްދަ ދީގެން އެރަށް އާބާދު ކުރެވުނީ 23 އޮގަސްޓް 1966 ގައެވެ. ތިނަދޫން ފޭބި ބައެއް މީހުން އަލުން އެރަށަށް ދާން ދެކޮޅު ހެދިއެވެ. (ނުނިމޭ)
...
ލިޔުނީ މާލެއިން ލަޝްކަރެއްގޮސް ހަވަރު ތިނަދޫ ތަޅައިލުން 3, 2009-01-03 12:09:41
ނިންމައިލުން
ބައިނަލްއަގުވާމީ ގާނޫން ބުނާ ގޮތުން އެބަޔަކު ގަބޫލު ކުރާނެ ވެރިކަމަކާއި އެބަޔަކު ޚިޔާރު ކުރާނެ ދައުލަތެއް ނިންމުމުގެ ފުރިހަމަ ހައްޤު ކޮންމެ ބަޔަކަށް ވެސް ލިބިގެންވެއެވެ. ބައިނަލްއަގުވާމީ ޤާނޫން ބުނާ ގޮތުން ހަތިޔާރު ނެތް އާންމުންނާ ދެކޮޅަށް ބަޑި ބޭނުމެއް ނުކުރެވޭނެއެވެ. ދިވެހި ދައުލަތުގެ ގާނޫން އަސާސީގައި މީހުން ދިރިއުޅޭ ރަށެއް ފަޅުކޮށްލުމުގެ ބާރު ދައުލަތުގެ އެއްވެސް މުވައްސަސާއަކަށް އޭރުވެސް އަދި މިހާރުވެސް ލިބި ދީފައިނުވެއެވެ. ބައިނަލްއަގުވާމީ ގާނޫން ބުނާ ގޮތުން ގަދަބާރުން ބަޔަކު ވަޒަނުން ނެރެ ފައްސައިލުމަކީ ނަސްލުތައް ފުހެލުމެކެވެ. ޖަރީމާތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޖަރީމާއެވެ. ތިނަދޫ ތަޅާލަން މޯލްޑިވް ސްޓާގައި އެންމެ ފުރަތަމަ އެރަށަށް ދިޔަ މާލޭގެ ފަހުލަވާނުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ސަރުކާރުގެ ބޮޑެތި މަގާމްތައް ފުރަމުންދިޔަ މީހުންނެވެ. އުމަރު ޒާހިރާއި ސައިކުރާ އިބްރާހިމް ނައީމް، މުރިނގު ސޯދިގާއި އައްބާސް އިބްރާހިމް އަދި ކ.ދ އަހުމަދު މަނިކަކީ އެ މިޝަނުގެ ބައިވެރިންނެވެ. ތާރީޚަކީ ވަރަށް އަވަހަށް ބަދަލުވެގެންވެސް ހިނގައިދާ އެއްޗެކެވެ. އެހެން ނޫންނަމަ އެންދެރިމާގޭ އައްބާސް އިބްރާހީމް އަށް ތިނަދޫގެ ރައްޔިތުން ވޯޓު ދީގެން ޕާލަމެންޓްގައި ހުވަދު އަތޮޅު ދެކުނު ބުރި ތަމްސީލު ކުރާ ދެ މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް އޭނާ ނުހެދީހެވެ. އައްބާސް އިބްރާހީމްއަކީ ތިނަދޫ ފުނޑާލުމަށް މޯލްޑިވް ސްޓާގައި ނާސިރު އެންމެ ފުރަތަމަ ކުރި ދަތުރުގައި ބައިވެރިވި މީހެކެވެ. އެ ދަތުރުގައި ގައްދޫ އާއި ތިނަދޫގެ ރައްޔިތުންގެ ހައްޤުގައި އޭނާ އެންމެ ބަހެއްވެސް ބުނެފައި ނުވެއެވެ. ކުރިއްޔާ ކޮށްފައިވަނީ އަނިޔާއެކެވެ. އެ ދަތުރުގައި އައްބާސް އުޅުނު ގޮތް އަދި އޮތީ ހޯދައި ބަލަން ޖެހިފައިވާ ކަމެއްގެ ގޮތުގައެވެ. މިހާތަނަށް އެކަންތައް ހޯދި ޑޮކިއުމަންޓް ކުރެވިފައި އޮތް ނަމަ ހުވަދު އަތޮޅުގެ އެއްވެސް ރައްޔިތަކު އައްބާހަށް ވޯޓު ނުދޭނެކަމީ މުޅީންމެ ކަށަވަރު ކަމެކެވެ. (ނޯޓް: މި ލިއުމަކީ ސުވާދީބު ޖުމުހޫރިއްޔާގެ މިނިވަންކަން އިއުލާންކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތާއި ދިމާކޮށް ދިވެހިޓައިމްސް ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ)
...
ލިޔުނީ ކަލޯ, 2009-01-04 00:49:43
މޯލްޑިވްސް ސްޓަރގައި ހުވަދުއަތޮޅަށް ދިޔަ އެންމެންނަކީ މީހުންނަށް އަނިޔާކުރި ބައެއް ނޫނެވެ. ދިޔަ ގިނަ މީހުން ދިޔައީ ރަށެއް ފަޅުކުރާކަށް ނޫނެވެ. ގައުމާއި ދީނަށްޓަކައެވެ. އެދަތުރުގައި 700 މީހުން ބައިވެރިއެވެ. އެހުރިހާ އެންމެންނަކީ ހަނގުރާމަވެރިންނެއް ނޫނެވެ. އަނިޔާވެރިންނެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ކޮންމެ އެއްޗެއްވެސް ލިޔެވިދާނެއެވެ. އެހެންނަމަވެސް ކަން ހިނގިގޮތް އެނގޭނީ ދިރާސާކޮށް ބެލީމައެވެ.
...
ލިޔުނީ ނަސްރު, 2009-01-15 08:04:55
މިއީވަރަށް ކިޔާހިތްވި ލއިުމެކެވެ. ލިއުންތެރިޔާއަށް ޝުކުރުދަންނަވަމެވެ.
... ލިޔުނީ އަޙްމަދު ސަމީޢު29, 2009-04-24 16:47:52
އަޅުގަނޑު ކުރިން ހީކޮއްގެން ހުރީ އަވަހާރަގަނޑުވަރަކީ ގަނށުވަރުގައި އުޅުއްވާބޭފުޅުން އަވަހާރަފުޅު ލައްޕަވާ ކޮޓަރިކޮޅުކަމަށެވެ. ނުވަތަ އާލާސްކަންފުޅު ބޮޑުވެ އަވަހާރަވާންގާތްވުމުން އޮންނަވާ ހާސަކޮޓަރިކޮޅެއް (އައިސީޔޫކަހަލަ) ކަމަށެވެ. މިހާރުމިކަން އެގުމުން ވަރަށް ހިނިއެބައާދެއެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|