ފަންވަތް ދިވެހި ތާރީޚް ޞަލާޙުއްދީންގެ އުފަން ދުވަސް، އެ މަނިކުފާނުގެ ގަލަންކޮޅުން. . .
ބެލި ޢަދަދު: 1096
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ޞަލާޙުއްދީންގެ އުފަން ދުވަސް، އެ މަނިކުފާނުގެ ގަލަންކޮޅުން. . . ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - ތާރީޚް
30 މާރޗް 2011، 00:17 ބުދަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިރާއްޖެ އުފެއްދި އެންމެ ކުޅަދާނަ އަދީބު އަލްޢައްލާތުލްފަޤީހިއްޝައިޚު ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތް މީލާދީ ތާރީޚަށް ނިސްބަތްކޮށް އެ ދުވަހަކީ "ދިވެހިބަހުގެ ދުވަސް" ކަމަށް ކަނޑައަޅައި އެ ދުވަސް ފާހަގަކުރަން ބަޔަކު އެބަ މަސައްކަތްކުރެ އެވެ. ދިވެހިބަހުން ބަސްމޮށި އުޅޭ މަލިކުގައި މި ދުވަސް ފާހަގަކުރުމަށް ވަރަށް ބޮޑެތި ތައްޔާރީތަކެއް ވަމުން އަންނަ އިރު ރާއްޖޭގެ ބަސްވާރުންތަކެއް އުފައްދަވައިފައިވާ "ލިޔުންތެރީންގެ ގުޅުން" ވެސް މި ދުވަސް ފާހަގަކުރާނެ ކަމަށް ވަނީ އިޢުލާނުކޮށްފައެވެ.

މިކަން މި ހިސާބަށް އައި އިރު، ޙުސައިން ޞަލާޙުއްދީންގެ އުފަންދުވަހާ މެދު ބަޔަކު ވަނީ ޝައްކު އުފައްދައިފައެވެ. އަދި ތަފާތު ދެ ގޮތަކަށް މީލާދީ ތާރީޚު ޖަހައިފައި ބައެއް ފޮތްފޮތުގައި އެބަހުއްޓެވެ. އަޅުގަނޑު މި މަސައްކަތްކުރަނީ މި ކަމުގައި އެއްވެސް އޮޅުމެއް ނެތް ކަމާއި މިއީ ޝައްކެއް ނެތް ކަށަވަރު ތާރީޚެއްކަން ސާބިތުކުރުމަށެވެ.

"ދިވެހިބަހުގެ ދުވަސް"، އޭޕްރީލް މަހު 14 ގައި ފާހަގަކުރާން ބަޔަކު ނިންމީ އެއީ ޙުސައިން ޞަލާޙުއްދީންގެ އުފަން ދުވަސްކަން ކަށަވަރު ވާތީ އެ ދުވަހަށް ނިސްބަތްކޮށެވެ. އާދެ! އެ މަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1298 ވަނަ އަހަރު ޖުމާދަލްއޫލާ މަހުން 15 ވީ ބުރާސްފަތި ދުވަހުކަމަށާއި މީލާދީ ގޮތުން އެ ދުވަސް ދިމާވަނީ  1881 ވަނަ އަހަރު އޭޕްރީލް މަހުން 14 ވަނަ ދުވާހާ ކަމީ ޝައްކެއް ނެތި ސާބިތުވާ ކަމެކެވެ.

ޞަލާޙުއްދީންގެ ޢާއިލާ އަކީ ކަންކަމުގެ ތާރީޚު ބަރާބަރަށް ޖައްސަވައިގެން ބެލެހެއްޓެވި ހަރުދަނާ ޢާއިލާ އަކަށް ވެފައި ޚުދު ޝައިޚު ޞަލާޙުއްދީނަކީ އަމިއްލަފުޅަށް ޔައުމިއްޔާ ލިޔުއްވައި ބެލެހެއްޓެވި ކުޅަދާނަ ޢިލްމުވެރި، ލިޔުއްވުންތެރި ބޭފުޅެއް ކަމަށް ވުމުން އެ ޢާއިލާއަށް މިފަދަ މުހިއްމު ތާރީޚެއް އޮޅިވަޑައިގެންފައި ނޯންނާނެކަމީ ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ. ޚުދު އެ މަނިކުފާނަކީ ޗާޕުކުރައްވަން އަމިއްލަފުޅަށް ލިޔުއްވައި ހެއްދެވި ޚައްޠާޠުންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. އާދެ! އެ މަނިކުފާނަކީ ކުޅަދާނަ އަތުލިޔުންތެރިއެކެވެ. (ކެލިގްރާފަރެކެވެ.) އެއީ ރާއްޖެ ދުށް އެންމެ ކުޅަދާނަ ލިޔުންތެރިޔާ އެވެ. އާދަޔާ ޚިލާފު ޅެންވެރިޔެކެވެ. ފަޤީހެކެވެ. ޢާލިމެކެވެ.

ޞަލާޙުއްދީންގެ އުފަން ދުވަސް އެއީ 1881 ވަނަ އަހަރު އޭޕްރީލް މަހު 14 ވަނަ ދުވަސްކަން މިހާ ސާބިތުކޮށް ދަންނަވަން މި އެނގެނީ އެ މަނިކުފާނު ހައްދަވައިފައިވާ ޅެމެއްގައި ވަރަށް ޞަރީޙަ ޢިބާރާތުން އެ ތާރީޚު ގެންނަވައިފައި ވާތީ އެވެ. އަޅުގަނޑުގެ ގާތް މިތުރެއް މެދުވެރިވެވަޑައިގެން އެ ޢާއިލާއިން ހޯދިފައިވާ މި ދެންނެވި ޅެމުގެ ފުރަތަމަ ދެ ބައިތު މިތާނގައި ނަކަލުކޮށްލާނަމެވެ.


          ("އޫލާ  މަހުން ޖުމާދަލް  ދުވަހުން ފަނަރަ ބުރާސްފަތި
                               މޫސާ  ގެ ފުތް  ޙުސެންދީ   އަވަށަހަ ވިޔޯ ވިލާދަތި
         ހިއައަހަރު  ވީ  އެ ޤަރުނުން ޢުމުރުން ފަނަރަ ވުމާއެކު
                               މި އަހަރުގެ އެޕް މަހުން ރިލް ސައުދައިގެ ވީ މުލާޤަތި")

މި 2 ބައިތުގައި އަޅުގަނޑު ދަށު ރޮނގު ދަމައިފައި އެ ވަނީ ޙަޤީޤަތުގައި ހިސާބު ޢަދަދުތަކެކެވެ. ތާނަ އަކުރު އުފެދިގެން އައި އަޞްލުކަމަށްވާ ޢަރަބި ވިޔައަކުރާ ގުޅުއްވައިގެން ވިދާޅުވާށެވެ!

ފުރަތަމަ ބައިތުގައި އެ ވިދާޅުވަނީ "ޖުމާދަލްއޫލާ މަހުން 15 (ވީ) ބުރާސްފަތި (ދުވަހު) މޫސާގެ ދަރި ޙުސެންދީ (ޙުސައިން ޞަލާޙުއްދީން) ވަރަށް އަވަހަށް ވިލާދަތި ވިޔޯ އެވެ. (އުފަންވެ ވަޑައިގަތޯ އެވެ.)"  މިހެންނެވެ. ޅެންބައިތުގައި އެ އޮތް "އަވަށަހަ" ލިޔުއްވައިފައި އެވަނީ އަކުރު އޮޅުއްވައިގެން "އަވަހަށަ" (އަވަހަށް) މި ލަފުޒެވެ. އަޞްލު ބައިތުގައި އެ އަކުރުތައް ލިޔުއްވައިފައި ވަނީ "އަވަށަހަ" މި ގޮތަށް ޢަރަބި ވިޔަ އަކުރުން ތާނައިގައި ޖަހާ ގޮތަށް ފިލިޖައްސަވައިގެންނެވެ.  އ އަކީ ޢަރަބި ވިޔަ އަކުރު 8 އެވެ. ވ އަކީ 9 އެކެވެ. ށ އަކީ 2 އެވެ. ހ އަކީ 1 އެވެ. ނަތީޖާ އަކީ 1298 ނޫންތޯ އެވެ. އެ ދުވަހު "އަވަހަށް" އުފަންވެވަޑައިގަތްކަމަށް ވިދާޅުވެފައި އޮތުމުން ދޭހަވަނީ އެ ދުވަހުގެ މެންދުރުގެ ކުރީގެ ވަގުތެއްގައި އުފަންވެވަޑައިގަތްކަމެވެ.  "ވިލާދަތި ވިޔޭ"  (އުފަންވިޔޭ) ނުލިޔުއްވައި، "ވިޔޯ" ލިޔުއްވައިފައި އެވަނީ ވެސް ވަރަށް ފުރިހަމަ މާނައެއްގައެވެ. އެހެނީ އެއީ ބޭކެނބިންގެ (ފޫޅުމައިންގެ) ނުވަތަ ވިހޭކަން އެނގޭ ބަޔަކު ޞަލާޙުއްދީނަށް ދެންނެވީމާ އެނގިވަޑައިގަންނަވާނޭ ކަމެކެވެ. އެ މަނިކުފާނަށް އެކަން އެހެން ގޮތަކުން އެނގިވަޑައެއް ނުގަންނަވާނެތާ އެވެ. އެހެންވީމާ މި ބައިތުގައި ހަމަ ކޮންމެ ލަފުޒެއް ވެސް ވަނީ މާނައިން ފުރިފައެވެ. މަޢުލޫމާތުން މުއްސަނދިވެފައެވެ. އެމުނި އެތުރި ބުގިސްވެފައެވެ.

 ދެން އޮތީ 2 ވަނަ ބައިތެވެ. އެ ބައިތަށް ބަލައިލަމާތޯ އެވެ! އާދެ! އެ ބައިތުގައި ވިދާޅުވަނީ " އެ ޤަރުނުގައި ހިޔައަހަރު (96) ވީ އިރު ޢުމުރުން 15 އަހަރު ވީމާ އެ ދުވަސް ގޮސް މުލާޤާތިވަނީ (ބައްދަލުކުރަނީ) އޭޕްރީލް މަހު 14 އާ އެވެ."  މިބައިތުގައި ވެސް "ހިއައަހަރު"ގެ ފުރަތަމަ 4 އަކުރު ލިޔުއްވައިފައި އޮތީ ޢަރަބި ވިޔަ އަކުރުން ތާނައިގެ ފިލިޖައްސަވައިގެންނެވެ. ހ  އަކީ 1 އެވެ. އ އަކީ 8 އެކެވެ. އަނެއްކާވެސް ހަމަ އަނެއް އ އެވެ. 8 އެވެ. ދެން ހ އެވެ. 1 އެވެ. ނަތީޖާ އަކީ 1881 ނޫންތޯ އެވެ؟ ކިިހާ ފުރިހަމަ ބަޔާންކުރެއްވުމެއްތޯއެވެ! ދެން ސާބިތުވާ އަނެއް ކަމަކީ 1881 ގައި އުފަންވެވަޑައިގަތް ބޭފުޅަކަށް ޢުމުރުފުރުން 15 އަހަރު ފުރޭނީ 1896 ގައި ކަމެވެ. ދިވެހިން ކުރީ ޒަމާނުގައި "ހިޔަ" ކިޔަނީ 96 އަށެވެ. އެއީ ޢަދަދު ކިޔުމަށް އޭރު ގެންގުޅުނު އުޞޫލެވެ. ދިވެހިބަސްފޮތުގައި ވެސް "ހިޔަ"އިގެ މާނައެއް ކަމަށް އޮންނަނީ "96" އެވެ. އެހެންވީމާ އެ ޤަރުނުގައި "ހިއައަހަރު" އެއީ 1896 ނޫންތޯ އެވެ. ދެން އެ ވިދާޅުވަނީ އުފަންދުވަސް ބައްދަލުކުރަނީ އޭޕްރީލް 14 އާ ކަމަށެވެ. އެހެންވީމާ އެ މަނިކުފާނުގެ އުފަން ތާރީޚަކީ 1881 ވަނަ އަހަރު އޭޕްރީލް މަހު 14 ކަން އެއްވެސް އޮޅުމެއް ނެތި އެބަ ހާމަވެ އެވެ. އެ މަނިކުފާނުގެ ޢުމުރުފުޅުން 15 ފުރުނީ 1896 ގައި ކަމަށްވެސް އެ އޮތީ ވިދާޅުވެފައެވެ. އެހެންވީމާ އުފަން ތާރީޚާ މެދު އޮޅުމެއްް އަރާނޭ އެއްވެސް ޖާގައެއް ނެތެވެ.

އާދެ! އަޅުގަނޑު މި ވާހަކަ މި ލިޔުނީ ޞަލާޙުއްދީން ގެ އުފަން ދުވަހަށް ނިސްބަތްކޮށް "ލިޔުންތެރީންގެ ގުޅުމުގެ" ފަރާތުން "ދިވެހިބަހުގެ ދުވަސް" ފާހަގަކުރުމަށް ނިންމުމާ ގުޅިގެން ބައެއް ބޭފުޅުން އެ ތާރީޚާމެދު ޝައްކު ކުރައްވައި އަޅުގަނޑާ ބައެއް ސުވާލުކުރައްވައިފައިވާތީ އެވެ.
 
މި ތާރީޚަށް އޮޅުން އަރައިގެން މި އުޅެނީ ނަކަލުކުރުމާއި، ހިޖުރީ ތާރީޚު މީލާދީ ތާރީޚަށް ބަދަލުކުރުމުގައި ބަޔެއް ލިޔުންތެރީންނަށް ފަރުވާކުޑަކުރެއްވުމުގެ ސަބަބުންނެވެ. އެހެންކަމުން މި އޮޅުންތައް ދޫކޮށްލައްވައި ޞަލާޙުއްދީންގެ އުފަން ތާރީޚަކީ 1881 ވަނަ އަހަރު އޭޕްރީލް މަހު 14 ކަން ޤަބޫލުފުޅުކުރެއްވުން އެދެމެވެ. މިއީ ޚުދު ޞަލާޙުއްދީން އެ ތާރީޚު ބަޔާންކުރައްވައިފައިވާ ގޮތް ކަމަށް ވާތީ އެވެ.

ކޮންމެ އަކަސް މި، އާދަޔާ ޚިލާފު މޮޅު ޢިލްމުވެރި އަދީބު މި ފަނާވަނިވި ދުނިޔޭގައި 67 އަހަރު ހޭދަކުރެއްވުމަށް ފަހު ދެމި އޮތުމުގެ ޢާލަމަށް ދަތުރުފުޅުކުރެއްވީ 20 ސެޕްޓެމްބަރ 1948 ގައެވެ. ހިޖުރީ ގޮތުން 16 ޛިލްޤަޢިދާ 1367 ގައެވެ.

ކީރިތިވަންތަ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ، މަރުޙޫމު ޙުސައިން ޞަލާޙުއްދީނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި އެވެ!
----------------------
(ނިމުނީ)
މި ލިޔުން:
   ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (12)Add Comment
...
ލިޔުނީ Saara, 2011-03-29 19:40:08
ސާފުވެއްޖެ. ވަރަށް މޮޅު 2 ޅެންބައިތު ތީ. މިހާރުގެ ޅެންވެރިންނަށް މިހާ ސާދާކޮށް މިހާ މާނަފުންކޮށް ޅެން ނެހެދެނީ ކީއްވެބާ. ފަނަވަތުން ތިކުރާ މަސައްކަތަށް ޝުކުރިއްޔާ
...
ލިޔުނީ ނާޒިމް, 2011-03-29 21:39:57
ހަގީގަތުގައި ވެސް މިހާރު މި އޮތް ގޮތަށް ތައުލީމު އާއްމުވެފައި ނެތް ޒަމާނެއްގައި، އަދި މާ ބޮޑު ހޭލުންތެރިކަމެއް ނެތް ބައެއްގެ ތެރޭގައި އުޅުއްވަމުން، ޞަލާޙުއްދީން ކުރައްވާފައިވާ ޢިލްމީ މަސައްކަތްޕުޅުތަކުން އެއީ ކިހާވަރެއްގެ ބުރަދަނެއް ހުރި ބޭފުޅެއްކަން އެނގެއެވެ. ކޮންމެ ދުވަހަކު ހިނގާ މުހިއްމުކަންތައް ޔައުމިއްޔާކުރެއްވުމާއި، ލިޔެކިޔުމަށާއި، ފޮތްތެރިކަމަށް ކުރެއްވި ލޯތްބަކީ ޞަލާޙުއްދީނަށް އެހިސާބަށް ވަޑައިގެންނެވުމުގެ ސަބަބެވެ. ދިވެހިން ހޭލެއްވުމަށް މިހައި ބުރަ މަސައްކަތެއްކުރެއްވި ދެވަނަ ބޭފުޅަކު ނެތްކަމަށް ބުނުމަކީ އެހެން މީހުންނަށްވެވޭ ބޭއިންސާފެއް ނޫނެވެ.
...
ލިޔުނީ މަންތު, 2011-03-30 03:30:54
މި 2 ޅެންބައިތަކީ ވަރަށް ފުރިހަމަ 02 ޅެންބައިތު...... އަޅުގަނޑުވެސް ސްކޫލް ދަޢުރުގައި ސަލާޙުއްދީނުގެ ޅެންތަކާ، މަޟުމޫނުތައް ދިރާސާކުރަން. ހަމަ އެއްމެ ކުށެއްވެސް އެއިން ލިޔުމަކުން އަޅުގަނޑަށް ނުފެނުނު.
އަނެއް ވާހަކަޔަކީ މި ލިޔުން ލިޔުއްވި ބޭފުޅާގެ ޝަރަޙަކޮށްދެއްވުން ވަރަށް މޮޅޭ. މިހާރަކަށް އައިސް ފެންނަ ގިނަ ލިޔުންތަކުން ބުނަން އުޅޭ ވާހަކަ ހަމަ އެއްގޮތަކަށްވެސް ދޭހަނުވޭ. ނަމަވެސް މި ލިޔުމަކީ ވަރަށް ތިލަ ޢިބާރާތުން ލިޔުއްވާފައިވާ ވަރަށް ޢިލްމީ ދިރާސާއެއްކަމަށް އަޅުގަނޑު ދެކެން. ލިޔުންތެރިޔާއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން.
...
ލިޔުނީ Saara, 2011-03-30 05:03:14
ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު ގެ މި ޢިލްމީ މަސައްކަތްޕުޅަށް ތާރީފުކުރުމާއެކު، ޞަލާހުއްޑިނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ލިޔުންތެރިޔާ ކަމަށް އަޅުގަނޑުވެސް އެއްބަސްވަމެވެ. ސިޔަރަތުއްނަބަވިއްޔާގެ ދިވެހިތަރުޖަމާ މިކަމުގެ މިސާލަކަށް ނުފުދޭތޯ އެވެ
...
ލިޔުނީ މައުލާ ނަސީރު, 2011-03-30 18:41:25
ދާދި އަވަހަށް ނެތި ފަނާ ވިޔަކަސް އަގެއް ނެތް ޖިސްމުތައް،
ތާ އަބަދު ދެމި ހުންނަ ޒިކުރާއަކަށް ނިމުމެއް ނެތޭ.

ޙުސައިން ޞަލާޙުއްދީނުގެ ހަނދާނުގައި މިފަދަ ދުވަހެއް ފާހަގަކުރައްވާތީ ވަރަށް އުފާވެއްޖެ. އަދި ހަމަ މިއާއެކު އެހެން ޚިޔާލެއް ވެސް ހުށަހަޅައިލާނަން. ޙަޤީޤަތުގައި ދިވެހި ގައުމުގެ ޤައުމީ ސަލާމް ހެއްދެވި ޝާޢިރު ކަމުގައިވާ މުޙައްމަދު ޖަމީލަށް ޅެންވެރިންގެ ދުވަސް ނިސްބަތްކުރަންވީ،. ހަގީގަތުގައި ގައުމުގެ އެންމެ މަތީ ޝާއިރަކީ ގައުމީ ސަލާމުގެ ޝާއިރު. އަލްއުސްތާޛު އިބްރާހީމް ޝިހާބަށް ނިސްބަތްކުރަންވީ ވާހަކަދެއްކުންތެރީންގެ ދުވަހެއް. އަދި މި ގޮތުން ފާހަގަކުރާއިރު މިބޭފުޅުން އަވަހާރަވި ތާރީޚު ފާހަގަކުރުމުގެ ބަދަލުގައި އުފަންވެ ވަޑައިގަތް ދުވަހަށް އިސްކަން ދިނުން މުހިއްމު. އަވަހާރަވުން ފާހަގަކުރީމާ ދެވޭ މެސެޖުގައި އައިބުކަމެއް ހުރޭ. ދިވެހިބަހުގެ ދުވަސް ފާހަގަކުރަން މިގޮތުން ބަލާއިރު ނިންމާފައިވާ ދުވަސް ރަނގަޅު.
...
ލިޔުނީ ޝާނީޒް, 2011-03-30 19:39:54
ވަރަށް އޮބި މަޒުމޫނެއް މިއީ. ވަރަށް ކިޔާ ހިތުން ކިޔައިލެވިއްޖެ.
...
ލިޔުނީ އަލްޔަން, 2011-04-03 05:24:52
މިތާނގައި އަޅުގަނޑުމެން އެންމެންގެ ސަމާލުކަން ބޭނުންވާ ދިވެހިބަހާ ބެހޭ ސީރިއަސް މައްސަލައެއްގެ ވާހަކަ ހިމަނާލާނަމެވެ. އަޅުގަނޑުމެންގެ އަވަށްޓެރި މަލިކުގައި ދިވެހި ބަހަށް ކިޔާ އުޅެނީ "މަހަލް ބަސް" ކަމުގައި މިހާރަކަށް އައިސް ބައެއް ފަރާތްތަކުން އަޑު ފަތުރަން ފަށައިފިއެވެ. "މަހަލް" އެއީ ދިވެހި ބަހަށް ކިޔާ އެހެން ނަމަކަށް ހަދަން ފަށައިފިއެވެ. މިއީ ސީރިއަސް މައްސަލައެކެވެ. ތާރީޚަށާއި ކަމުގެ ޙަޤީޤަތަށް ވެވޭ ޚިޔާނާތެކެވެ. "މަހަލް" އެއީ ބޭނުންނުކުރާ ބަހެކޭ އަޅުގަނޑު ނުބުނަމެވެ. އަޅުގަނޑު މިބުނަނީ އެއީ ދިވެހި ބަހަށް ކިޔޭނޭ ނަމެއް ނޫން ވާހަކައެވެ. ޙަޤީޤަތަށް ރުޖޫއަވަމާތޯއެވެ. އަޅުގަނޑު މިހެން މިދަންނަވަނީ ކަމުގެ ދެކޮޅު ބަލާ ޙަޤީޤަތް ހޯދާ ސާބިތުކަންމަތީ ހުރެއެވެ. މަހަލް އެއީ މަލިކުގައި ވާހަކަ ދައްކާ އުޅޭ ދިވެހި ބަހުގެ "ބަހުރުވަ" އަށް ކިޔާ ނަމެކެވެ. އަޅުގަނޑުމެން އަދި މަލިކުގެ ދުވަސްވީ ހަރުމީހުން ކިޔާ އުޅޭ ގޮތުން ނަމަ "މަލިކުބަސް" އެވެ. އާދެ މަލިކުބަސް އެއީ ބަހަވީ ޢިލްމުވެރިން ދިވެހި ބަހުގެ ވަކި ބަހުރުވައެއް ކަމަށް ކަނޑައަޅުއްވާފައިވާ ސާފު ބަހުރުވައެކެވެ. ބަހުގެ މާހިރުން ވިދާޅުވާ ގޮތުން ނަމަ ދިވެހި ބަހުގައި އޮންނަ މުޅިން ތަފާތު 4 ބަހުރުވައިގެ ތެރެއިން 1 ބަހުރުވައެވެ. ދެން ވިސްނާލަން އޮތް ތަންކޮޅަކީ އިނގިރޭސިންގެ ފަރާތުން އެފެދުނު ކަމަށް ބުނެވޭ "މަހަލް" އޭ ކިޔެން ފެށުނީ ކޮން ތަނެއްގެ ބަހަކަށް ކަމެވެ. އާދެ! އިނގިރޭސި އޮފިޝަލުން އޮޅުމަކުން ނަމަވެސް ނުވަތަ ބައެއް ފަރާތްތަކުން ބުނާގޮތުން ނަމަ ގަސްދުގައި މަހަލް ކަމުގައި ނޯޓުކުރީ މަލިކުގެ ބަހެވެ. މީގަ ޝާމިލު ވަނީ މަލިކު އެކަންޏެވެ. އޭގައި ބާކީ ތިބި ދިވެހި ބަހުގެ އެހެނިހެން ބަހުރުވަ ތަކުން ވާހަކަދައްކާ ދިވެހިރާއްޖޭގެ ރަށްތައް ޝާމިލެއް ނުވެއެވެ. އަޅުގަނޑަށް ބޮޑަށް ޤަބޫލުކުރެވެނީ އިނގިރޭސިން ގަސްދުގައި މަހަލް ކަމުގައި ނޯޓުކުރިކަމަށް ބުނާ ރައުޔެވެ. މިއީ މަލިކު ޑރ. މުނީރުގެ ވެސް ރައުޔު ކަން އެބޭފުޅާގެ ލިޔުންތަކުން ހާމަވެއެވެ. މީގަ އެންމެ ބޮޑު ސަބަބަކީ އިނގިރޭސިންނަކީ އޭރު ރާއްޖެ ރަނގަޅަށް ދަންނަ އަދި ދިވެހި ބަސް ވެސް ދަންނަ ބަޔަކަށް ވީމައެވެ. އެމީހުން މަހަލް ކަމުގައި ނޯޓު ކުރުމުގައި ސިޔާސީ މަޤުސަދުތަކެއް އޮވެދާނެއެވެ. ކޮންމެއަކަސް އިނގިރޭސިން އޭރު މަހަލް ކަމުގައި ނޯޓު ކުރީ ބްރިޓިޝް އިންޑިއާގެ ބައެއްގެ ގޮތުގައި އޮތް މަލިކުގެ ބަހެވެ. މަހަލްއޭ ކިޔެން ފެށުނީ ދިވެހި ބަހުގެ ތަފާތު ބަހުރުވައަކުން ވާހަކަ ދައްކާ ބަޔަކު ދިރިއުޅޭ ތަނެއްގެ ބަހަށް ވުމުން އަދި ބަހުގެ ނަން ނޯޓު ކުރި ފަރާތުން ނޯޓުކުރީ ހަމައެކަނި މިނިކޯއި އައިލޭންޑުގެ ބަހަށް ވުމުން މީގަ މަހަލް އޭ ކިޔޭނީ ހަމައެކަނި މަލިކު ބަހަށް ކަން ސާފެވެ. ކީއްވެތޯއެވެ. އިންޑިއާ ސަރުކާރުގެ ލިޔުންތަކާއި ޚުދު މަލިކު މީހުންގެ ލިޔުންތައް އަދި މާހިރުންގެ ލިޔުއްވުންތައް މިކަމަށް ހެކިދެއެވެ. އިނގިރޭސިންގެ ދުވަސްވަރުން ފެށިގެން ފެންނަންހުރި އިންޑިއާ ސަރުކާރުގެ ލިޔުންތަކުގައި މަހަލް އެއީ ރާއްޖޭގަ ވާހަކަ ދައްކާ ދިވެހި ބަހުގެ ވޭރިއެންޓެއް ނުވަތަ ޑައިލެކްޓެއް ކަމަށް ލިޔެފަ އޮއްވާ ސާފުކޮށް ފެންނަން އެބައޮތެވެ. ދެން މަލިކު މީހުންގެ ލިޔުންތަކަށް ދަމާތޯއެވެ. މަލިކު މީހުން މަތާރަން.ކޮމް ގެ ހޯމްޕޭޖުގައި އިނގިރޭސި ބަހުން ލިޔެފަ އޮތީ ކީކޭތޯ ބައްލަވާ: މަހަލް އެއީ މަލިކު ބަސް ކަމުގައެވެ. (މީގަ މުހިންމު ޕޮއިންޓެއް ފާހަގަ ކޮށްލާނަމެވެ. ދިވެހި ބަހުގެ ބަހުރުވަތަކަށް "ބަސް" ބޭނުންކޮށް އުޅެނީ މަލިކުގަ އެކަންޏެއް ނޫނެވެ. ހުވަދޫ ބަސް، މުލަކު ބަސް، އައްޑޫ ބަސް މިއީ ވެސް އެބަހުރުވަތަކަށް އެބަހުރުވަތަކުގެ އަހުލުވެރިން ކިޔާގޮތެވެ.) ދެން އަޅުގަނޑު ބަލާލާނީ މާހިރުންގެ ލިޔުންތަކަށެވެ. މަލިކާ ބެހޭ އެންމެ ބޮޑު ދިރާސާއެއް ކުރެއްވި ބޭފުޅަކަށް ވާނެ އެލެން ކާޓްނާ ވެސް ލިޔުއްވަނީ މަލިކުގައި ވާހަކަ ދައްކަނީ ދިވެހީގެ ޑައިލެކްޓެއް ކަމުގައިވާ މަހަލް ކަމުގައެވެ. (http://www.maldivesroyalfamily.com/minicoy_kattner.shtml) ދިވެހި ބަހާ ބެހޭ ދިރާސާތައް ކުރެއްވި ބްރޫސް ޑީ. ކައިން، ޖޭމްސް ޑަބްލިއު. އަދި ކްލެރެންސް މެލޮނީ ފަދަ ބޭފުޅުން ވެސް ބަޔާންކުރައްވަނީ މަހަލް އެއީ މަލިކުގައި ވާހަކަ ދައްކާ އުޅޭ ދިވެހީގެ ބަހުރުވަ ކަމުގައެވެ. މަލިކުބަހަށް ކިޔާ އެހެން ނަމެއް ކަމުގައިވެސް އެބޭފުޅުން ލިޔުއްވައެވެ. އަޅުގަނޑު މިހިރީ މިހުރިހާ ލިޔުންތަކެއްގެ ރެފަރެންސް ލިންކުތައް ހުށަހަޅަންވެސް ތައްޔާރަށެވެ. އަދި އެނޫނަސް ވަރަށް ގިނަގުން ހެކިތަކެއް ހުށަހެޅުމަށް ތައްޔާރަށެވެ. އަޅުގަނޑު މި މައުޟޫއުގައި ދައްކަން ހުރި ވާހަކަތައް ގިނަގުނައެވެ. ނަމަވެސް މިތަނުގައި އެހުރިހާ ވާހަކަ ބަޔާންނުކުރެވޭނެތީ އަޅުގަނޑުގެ އީމެއިލް އެޑްރެސް ބަޔާންކޮށްލާނަމެވެ. އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު އަދި އާދަމް ނަސީރު ފަދަ ބޭފުޅަކު އަޅުގަނޑާ ގުޅާލުން ވަރަށް ބޭނުމެވެ. އެނޫނަސް ކޮންމެ ބޭފުޅަކަށްވެސް އަދިވެސް ކިތަންމެ ހެއްކެއް ހުށަހަޅަން އަދި މައުލޫމާތު ހިއްސާކޮށް މިމައުޟޫއުގައި ވާހަކަ ދައްކާލަން އަޅުގަނޑު މިހުރީ ތައްޔާރަށެވެ. އަޅުގަނޑުގެ އީމެއިލް އެޑްރެހަކީ:
( This e-mail address is being protected from spambots. You need JavaScript enabled to view it ). މިލިޔުން ފަންވަތުގައި ޝާއިއުކޮށް ދެއްވާނެކަމަށް އުންމީދުކުރަމެވެ. އަޅުގަނޑު ބޭނުންވަނީ މިފަދަ ކަންކަން ދިވެހިބަހުގެ އުސްތާޒުންގެ ސަމާލުކަމަށްވެސް ގެންނާށެވެ. އަޒީމެން ފަދަ ބޭފުޅުންނަށް މިކޮމެންޓް ފެނި މިކަމަށް ކޮމެންޓް ކުރައްވާ ލިޔުމެއް ފަދަ އެއްޗެއް ލިޔުއްވުން އެއީ އަޅުގަނޑު އެދޭ ކަމެކެވެ. އަދި މިކޮމެންޓާމެދު ހުރިހާ ބޭފުޅުންގެ ޚިޔާލު ވެސް ހުށަހަޅުއްވާފިއްޔާ ވަރަށް ރަނގަޅެވެ.
...
ލިޔުނީ ނާޒު, 2011-04-05 04:06:11
އަލްޔަންގެ ކޮމެންޓް ކިޔާފައި ހީވީ މި ލިޔުމުގައި މަހަލްގެ ވާހަކަ ދެކެވިފައި އޮތް ކަމަށް. އެކަމަކު މަހަލް އާ ބެހޭ ގޮތުން މި ލިޔުމުގައި އެއްވެސް ވާހަކައެއް ނެތް އިރު، މި ކޮމެންޓް މި ލިޔުމަށް ކުރެއްވީ ކީއްވެގެން ބާވައޭ ހިތަށް އަރައެވެ.
...
ލިޔުނީ ހުސޭން, 2011-04-05 06:28:11
އަލްޔަން އެވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެއް. މަހަލް އޭ ކިޔެނީ މަލިކުގެ ބަހުރުވައަށް. ކިރިޔާ ވެސް ކަމާ ބެހޭ ދިރާސާއެއް ކުރެއްވި ބަހުގެ މާހިރަކު ނަމަ ލިޔުއްވާފައިވަނީ ވެސް މިގޮތަށް. އަޅުގަނޑު ދަންނަ މަލިކު މީހުން ތިބޭ. އެމީހުންވެސް ޤަބޫލުކޮށް އުޅެނީ އެއީ މަލިކަށް ޚާއްސަ ބަހުރުވަ (މަލިކުބަސް) އަށް ކިޔާނަން ކަމުގަ. މަލިކު މީހުންގެ ލިޔުންތަކުންވެސް މިކަން ސާބިތުވޭ. އެއްވެސް ހާލަތެއްގައި މައި ދިވެހި ބަހަށް މަހަލްއޭ ކިޔޭނޭ ޖާގައެއް ނެތް. އަޅުގަނޑު ބެލިބެލުމުގައި އަޅުގަނޑަށް ފެންނަނީ ދިވެހިބަހަށް މަހަލް ކިޔާ ބަޔަކު އެހެން އެކަން ކުރަން އުޅެނީ މަލިކު ބަހުރުވައާއި ރަސްމީ ދިވެހި ބަހުރުވައާއި އެއްގޮތް ވާހަކަ ބުނަމުން. އެމީހުން ބުނަނީ ރާއްޖޭގެ ދެކުނުގެ ބަހުރުވަތައްހައި މަލިކު ބަހުރުވައާއި ރަސްމީ ބަހުރުވަ ތަފާތު ނޫންކަމަށް. ކޮންމެއަކަސް މިއީ ދިވެހިބަހަށް މަހަލް ކިޔުމަަށް ދެއްކޭނެ ހުއްޖަތެއް ނޫން. ސަބަބަކީ ހުރިހާ ބަހަވީ ޢިލްމުވެރިންވެސް މަލިކުބަސް އެއީ ދިވެހީގެ ބަހުރުވައެއްކަމަށް ލިޔުއްވާތީ. އިންޑިއާ ސަރުކާރުގެ ލިޔުންތަކުގައިވެސް ވަރަށް ސާފު ބަހުން ލިޔެފަ އޮންނަނީ މަހަލް އެއީ ރާއްޖޭގަ ވާހަކަ ދައްކާ ދިވެހީގެ ވޭރިއެންޓެއް ކަމަށް. ތެދުފުޅެއް، އިންޑިއާގައި މަލިކު ބަހަކީ މަހަލް ލެންގުއޭޖްކަމަށް ލިޔެއުޅޭ. ނަމަވެސް ސިޔާސީ ސަބަބުތަކަށް ޑައިލެކްޓުގެ ބަދަލުގައި ލެންގުއޭޖް ބޭނުންކުރާ ކިތަންމެ ޑައިލެކްޓެއް ދުނިޔޭގައި އެބަހުރި. އެއުސޫލުން ބަލާއިރު މަހަލް ލެންގުއޭޖް ކިޔުމަކުން މައްސަލައެއް ނެތް. ނަމަވެސް ބަހަވީ ޢިލްމަށް ރުޖޫއަ ވާއިރު ކިޔޭނީ އެއީ ޑައިލެކްޓެއް ކަމަށް. އިންޑިއާގައި ވާހަކަ ދައްކަނީ ދިވެހީގެ އެންމެ ޑައިލެކްޓެއްކަން ހުރިހާ ބޭފުޅުންވެސް ހަނދާނުގަ ބަހައްޓަވާ. މަލިކު ބަހުރުވައަށް ރަސްމީގޮތުން އިންޑިއާގައި މަހަލް ލެންގުއޭޖް ކިޔުމަކީ މައްސަލައެއްކަމަށް އަޅުގަނޑެއް ނުދެކެން ނަމަވެސް މައްސަލައެއް ކަމަށް ދެކިލައްވާ ބޭފުޅަކު ހުރިނަމަ އަޅުގަނޑު ދަންނަވާނީ މަލިކު ޑރ. މުނީރު ވިދާޅުވާހެން މަހަލްކަމުގައި އެލިޔާލިޔުން އިންޑިއާގެ ރަސްމީ ލިޔުންތަކުން ބަދަލުކުރުމަށް މަސައްކަތްކުރައްވާށޭ. އޭރުން މިބުނާ މަހަލްގެ މައްސަލައިގައި ސިއްކަ ޖެހުނީއޭ. ކޮންމެއަކަސް މަހަލް އެއީ އިންޑިއާގެ ބައެއްކަމުގައިވާ މަލިކުގެ ބަސް ކަމަށް އިނގިރޭސި އޮފިޝަލުން ނޯޓުކުރި އެއްޗަކަށް ވީއިރު، މަލިކުބަސް އެއީ ދިވެހީގެ ތަފާތު ބަހުރުވައަކަށް ވީއިރު، އަދި އިންޑިއާގައި ދިވެހިބަހުން ވާހަކަދައްކާ ބަޔަކު އުޅޭތަނަކަށް ހަމައެކަނި މަލިކުވީއިރު މުޅި އިންޑިއާގައި އޮތީ އެންމެ ދިވެހީގެ އެންމެ ޑައިލެކްޓެއް ކަމަށް ވުމާއެކު މައިދިވެހި ބަހަށް މަހަލް އޭ ކިޔޭނޭ ޖާގައެއް ނެތް. ނަމަވެސް އިންޑިއާގައި ޑައިލެކްޓްގެ ބަދަލުގައި ލެންގުއޭޖް ބޭނުންކުރުމުގެ ޖާގަ އެބައޮތް އިނގޭތޯ. މިފުރުސަތުގައި އަޅުގަނޑު ބައިނަލްއަޤްވާމީ ގޮތުން ބަސްތަކާބެހޭ މައުލޫމާތު އެއްކުރާ އެސް.އައި.އެލް އިންޓަނޭޝަނަލްގެ ވެބްސައިޓް އެސްއައިއެލް.އޯއާރްޖީ ގައި އައި.އެސް.އޯ (ދުނިޔޭގައި އެކިއެކި ނަންނަން ސްޓޭންޑަޑައިޒް ކުރާ ޖަމާއަތެއް) އިން ދިވެހިބަހާ މެދު ސްޓޭންޑަޑައިޒް ކޮށްފައިވާ ބަޔާން ލިޔުއްވިއިރު ދިވެހި ބަހަށް ކިޔޭ ނަންނަން ކަމުގައި ލިޔުއްވަނީ ދިވެހި (އިނގިރޭސި ބަހުގައި ބޭނުންކުރެވޭ 2 ސްޕެލިން ކަމުގައިވާ ޑީއެޗްއައިވީއީއެޗްއައި އަދި ޑީއައިވީއީއެޗްއައި) އަދި މޯލްޑިވިއަން މި 3 ނަމެވެ. ދިވެހިބަހަށް މަހަލްކިޔޭ ނަމަ އެވަރު އޮންނާނެ ނޫންތޯއެވެ. އައި.އެސް.އޯ އިން ކަނޑައެޅި އިންޓަނޭޝަނަލް ސްޓޭންޑަރޑް ގައި ދިވެހިބަހަށް މަހަލްކިޔޭ ކަމަކަށެއް ނެތެވެ. ދެން އޮތީ "މަހަލް" މިނަމާމެދު އެތްނޮލޮގް ރިޕޯޓުގައި ލިޔުއްވާފައިވަނީ ކީކޭތޯ މިސުވާލެވެ. އެތްނޮލޮގް ރިޕޯޓުގައި ދިވެހިބަހަށް ކިޔޭ ނަންނަމުގެ ތެރޭގައި މަހަލް ހިމަނާފައެއް ނެތެވެ. ނަމަވެސް އިންޑިއާއަށް ޚާއްސަކޮށްފައިވާ ބައިގައި އެތަނުގައި އޮންނަނީ އެންމެ ޑައިލެކްޓެއްކަމާއި އެތަނުގައި މަހަލް ކިޔާ އުޅޭކަމަށް އޮތެވެ. ހަމަޔަގީނުންވެސް މައި ދިވެހިބަހަށް މަހަލްއޭ ކިޔޭ ނަމަ އެތަނުގައި ރާއްޖޭގެ ބައިގައިވެސް އޮލްޓަނޭޓް ނޭމް އަކަށް މަހަލް އޮންނާނެއެވެ. ކޮންމެއަކަސް ލިބެން ހުރި މިހުރިހާ މައުލޫމާތު ތަކުން އާދެވޭ ކޮންކްލޫޝަނަކީ މަހަލް އޭ ކިޔާނަމަ ކިޔޭނީ މަލިކުގެ ބަހުރުވައަށް ކަމެވެ. އަދި މަހަލް ލެންގުއޭޖް އިންޑިއާގައި ރަސްމީކޮށް ކިޔުނަސް ނިސްބަތްކުރެވޭނީވެސް މަލިކުބަހުރުވައަށް އެކަނި ކަމެވެ. އަޅުގަނޑުގެ މިކޮމެންޓުވެސް ޝާއިއުކޮށްލަ ދެއްވުން ވަރަށް ބޮޑަށް އެދެމެވެ. މިއީ ދިވެހިބަހާ ގުޅުންހުރި އަދި ދިވެހިބަހުގެ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ ބޭފުޅާގެ މައުލޫމާތު ގެނެސްދޭއިރު ވިސްނާލުން މުހިންމު ނުކުތާއެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި ދިވެހިބަހުގެ ދުވަސް ކައިރި ވެފައި ވާއިރު ވަރަށްވެސް މުހިންމު ނުކުތާއެއްކަމުގައި ދެކެމެވެ. ޙަޤީޤަތަށް ބުރަވާއިރު މައި ދިވެހިބަހަށް މަހަލްއެކޭ ނުކިޔޭނެއެވެ. މަލިކުބަހުރުވައަށް ކިއިދާނެއެވެ. އަދި ބަހަވީ ޢިލްމުވެރިންވެސް މަލިކުބަހުރުވައަށް މިހެން ކިޔައެވެ. އޮތް ހަމައެކަނި ހައްލަކީ މިއެވެ.
...
ލިޔުނީ Saara, 2011-04-05 07:26:04
މި ލިޔުމަކީ މަހަލްބަހާ ބެހޭ ލިޔުމެއް ނޫނެވެ. މިއީ ޞަލާހުއްދީންގެ އުފަންދުވަސް ސާބިތު ކުރުމުގެ ލިޔުމެކެވެ. މި ލިޔުއްވި ލިޔުންތެރިޔާ ވެސް އަލްޔަން ގެ ތިޔަ ޚިޔާލާ އިދިކޮޅު ވާހަކައެއް ވިދާޅުވެފައެއް ނެތެވެ. މި ލިޔުން ފައްޓަވަމުން ވެސް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ލިޔުއްވައިފައި އޮތީ "ދިވެހިބަހުން ބަސްމޮށި އުޅޭ މަލިކުގައި މި ދުވަސް ފާހަގަކުރުމަށް" މިހެންނެވެ. ދެން ތިޔަ ވިދާޅުވަނީ ކީކޭތޯއެވެ؟
...
ލިޔުނީ އަލްޔަން, 2011-04-07 03:00:58
ނާޒު އަދި ސާރާއަށް ބުނެލަން ބޭނުންވަނީ މި މައްސަލައަކީ އަޅުގަނޑުމެން އެންމެންގެ ސަމާލުކަމަށްޓަކައި ބޭނުންވާ މުހިންމު ވާހަކައަކަށް ވީމަ ގިނަ ދިވެހީންނަށް އޮޅުންބޮޅުންގަނޑެއް ކަމުގައި ވެފައިވާ މިމައްސަލައިގެ ޙަޤީޤަތް ބަޔާންކޮށްދޭން މަޖުބޫރުވީކަމުގައެވެ. އަޅުގަނޑު މިލިޔުމަށް އެކޮމެންޓް ކުރީ ދިވެހިބަހުގެ ދުވަހެއް ފާހަގަކުރުން ދާދި ގާތުގައި ވާއިރު މިއީ އަޅުގަނޑުމެން އެންމެން ވިސްނާލުން މުހިންމު ނުކުތާއަކަށްވީމައެވެ.
...
ލިޔުނީ ޝިއުނާ, 2011-12-16 20:38:50
މީ އަސްލުގައިވެސް ވަރަށް މޮޅު ލިޔުމެއް. ވަރަށް ޞަރީޙަ ޝަރަޙައެއް.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1096
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone