މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ދިވެހީންގެ އަޞްލު ދެނެގަތުމާ މެދު ޚިޔާލެއް |
|
|
| ދިވެހި - ތާރީޚް | |||
| 01 މެއި 2011، 16:11 އާދީއްތަ | |||
|
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ދިވެހީންގެ ޤަދީމީ ތާރީޚަކީ ނޭނގުމާއި އަނދިރިކަމުގެ ތެރެއަށް ގޮސް އޮޅުންބޮޅުންވެފައިވާ އެއްޗެކެވެ. ދިވެހީން މާތްވެގެންވާ އިސްލާމް ދީނަށް އެނބުރުމުގެ ކުރީގެ މަޢުލޫމާތެއް ހަރުދަނާ އަދި ސާބިތު ގޮތެއްގައި ފެންނާކަށް ނެތެވެ. ރާއްޖޭގައި ހުރި ޤަދީމީ އާސާރުތައް ވެސް އަޅުގަނޑުމެންގެ މި ޒަމާނަށް އައި އިރު ހުރީ ވީރާނާ ވެފައެވެ. ބައެއް ތަންތަން ވަނީ މުޅިން ނެތި ގޮސްފައި ވެސް މެއެވެ. ކަން މިހެން ހުރުމާއެކު ދިވެހީންގެ އަޞްލަކީ ކޮބައިތޯ ކުރެވޭ ބޮޑު ސުވާލަށް އަދިވެސް ވަނީ އެކަށީގެންވާ ޖަވާބެއް ނުލިބި އެވެ. އެހެންކަމުން މި ސުވާލުގެ ޖަވާބު ލިބިދާނެ ބައެއް ދިމަދިމާއަށް
އަޅުގަނޑުމެންގެ ވިސްނުން މިޞްރާބުކުރެވޭތޯ މަސައްކަތެއް ކުރަމާ ހިންގަވާށެވެ!ދިވެހިރާއްޖެއަކީ އެފްރިކާ އާއި އޭސިޔާ އާ ދެމެދުގައި އިންޑިއާ ކަނޑުގެ މުހިއްމު ނުކުތާއެއްގައި އޮންނަ ޤައުމެކެވެ. މި ސަބަބަށްޓަކައި، ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވަނީ އިންޑިއާ ކަނޑު ހުރަސްކޮށް އުތުރުކަރަ(އިންޑިއާ)އަށް ނާފަހަރުގައި މީހުން ދަތުރުކުރާން ފެށީއްސުރެ ދިވެހި ރާއްޖޭގައި ދިރިއުޅެންފަށައިފައިވާނޭ ކަމުގައެވެ. އަދި ދިވެހި ރާއްޖޭގައި މީހުން ވަޒަންވެރިވީ ދުވަސްވަރެއް އެނގިއްޖެ ނަމަ އިންޑިއާ ކަނޑުގައި މީހުން ދަތުރުފަތުރުކުރާން ފަށައިގަތް ދުވަސްވަރެއް ވެސް އެނގޭނެއެވެ. އޮޅުދޫކަރައިގެ ނުވަތަ ސިލޯނުގެ (މިހާރުގެ ނަމުންނަމަ ސްރީ ލަންކާ ގެ) އެންމެ މުހިއްމު ތާރީޚީ އެއް ފޮތް ކަމުގައިވާ "މަހަވަންސާ"ގައި ވާ ގޮތުން މީލާދީ ސަނަތުގެ 500 އަހަރުކުރިން އުތުރު އިންޑިއާގެ އަމީރެއް ކަމުގައިވާ ވިޖެޔާ އޮޅުދޫކަރަޔަށް ވަޑައިގެންނެވި އިރު އެ މަނިކުފާނުގެ މީހުން ދަތުރުކުރި ނާތަކުގެ ތެރެއިން ނަމެއް ދިވެހި ރާއްޖެއަށް އައެވެ. "ފިރިހެން ކުދީންގެ ނާ ދަތުރުކުރީ ނަގަދީޕާ (ލަންކާ) އަށެވެ. އަންހެންކުދީންގެ ނާ ދަތުރުކުރީ މަހިލާވްދިވީޕިކާ (ދިވެހިރާއްޖެ) އަށެވެ. މިއީ ތާރީޚީ ފުލޯކު ވާހަކައެއް ނަމަވެސް "މަހަވަންސާ" އަކީ ސިންގަޅައިންގެ ވެއްދާއިންނާއި ބުރަހުމަނުންގެ އަތްއަތް މަތީން ލިޔެ ރައްކާކޮށްފައިވާ (އަޅުގަނޑުމެންގެ ރާދަވަޅި ފަދަ ތާރީޚީ) ފޮތެކެވެ. އެހެންވީމާ މި ފޮތުގައި ލިޔެފައިވާ މި ފަދަ ފުލޯކު ވާހަކަތަކުގައި ވެސް ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް އޮތުމަކީ ވަރަށް އެކަށީގެންވާކަމެއްކަމަށް ނަސީމާ މުޙައްމަދު (2007) ދެކެވަޑައިގަންނަވައެވެ. ސިންހަޕްރަ (ގުޖްރާތު) ރަސްގެފާނުގެ ދަރިކަލުން އަމީރު ވިޖެޔާގެ ޢަމަލުތަކާމެދު އެ ރަދުން ކޯފާވެވަޑައިގެން، އަމީރު ވިޖެޔާ އާއި އެ މަނިކުފާނުގެ އެކުވެރިންގެ ތެރެއިން 700 ވަރަކަށް ބޭފުޅުންނާއެކު ފޮނުވައިލެއްވީ ކަމަށާއި މިއީ އަމީރު އަމިއްލަފުޅަށް ވަޑައިގަތް ވަޑައިގަތުމެއް ނޫންކަމަށް ނަސީމާ މުޙައްމަދު (2007) ބުރަވެވަޑައިގެންނެވި އެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އިންޑިޔާގެ ގުޖްރާތު ސަރަހައްދަކީ އިންދޫސް ވާދީ ރަށްވެހިކަމުގެ އަސަރު ވެސް އެ ހިސާބުގަނޑަށް ފޯރައިފައިވާ، ތަރައްޤީ އާއި ރަށްވެހިކަމުގެ ނާރެހެކެވެ. މިސަރަޙައްދުގެ ރަސްކަލުންގެ ޢިއްޒަތްތެރިކަމާއި ހައިބަތަށް ވިސްނާއިރު ރަސްގެފާނުގެ ދަރިކަލުން ރަސްމީ ޢިއްޒަތުގައި އަރުވައިލެވޭއިރު 700 ބޭފުޅުން އެންމެ 2 ނަވަށް ބައްސަވައިލައްވައިގެން ދަތުރުފުޅު އިންތިޒާމު ކުރައްވައިފައިވާތީ އެ ނާފަހަރުގެ ބޮޑުކަމާއި ފުރިހަމަކަން އަންދާޒާކޮށްލާކަށް އުނދަގުލެއް ނޫނެވެ. އިންޑިޔާގެ ގުޖްރާތު ސަރަޙައްދުން ފުރައިގެން ރިޔާ ނެގި އުޅަނދެއްގައި ދަތުރުކުރާ ބަޔަކަށް އޮޅުދޫ ކަރަޔަށް ދިޔުމަށްވުރެ ދެ މޫސުމުގައިވެސް ފަސޭހަވާނީ ރާއްޖެއަށް ދަތުރުކުރާށެވެ. އެހެނީ ޢާއްމު ގޮތެއްގައި ވައިޖެހެނީ ހުޅަނގާއި އިރުން ކަމަށްވާތީ ކޮންމެ މޫސުމެއްގައި ވެސް އުތުރުން ދެކުނަށް ދަތުރުކުރުން ފަސޭހަވާނެތީ އެވެ. "ދިވެހި ތާރީޚަށް އައު އަލިކަމެއް" ގައި ބަޔާންކޮށްފައި ވާ ގޮތުން މީލާދުގެ ކުރީގެ ފަސް ވަނަ ނުވަތަ ހަ ވަނަ ޤަރުނުގައި ސިލޯނުން (ސްރީލަންކާއިން) ރާއްޖެއަށް ފުރަތަމަ އައީ ޢާރިޔަނުންނެވެ. ނުވަތަ ހަމަ ސީދާ ސިންގަޅައިންނެވެ. އެ ފޮތުގައި ބަޔާންކޮށްފައިވެއެވެ. "ދިވެހިރާއްޖެއަށް ފުރަތަމަ އައީ ޢީސާގެފާނުގެ ކުރީގެ ފަސްވަނަ ނުވަތަ ހަ ވަނަ ޤަރުނުގެ ތެރޭގައި ސިލޯނުން ޢާރިޔަނުން އައި ދުވަސްވަރު އޭގެ މީހުންނެވެ. (ޢާރިޔަނުންނަކީ ވަރަށް އިހު ޒަމާނުއްސުރެ އެއް އުޞޫލެއްގެ މައްޗަށް ބިނާކޮށްފައިވާ ބަސްތަކަކުން ވާހަކަދައްކާ ބަޔެކެވެ. މިބައިމީހުންނަކީ ދުނިޔޭގެ ވަރަށް ގިނަ ދިމަދިމާއަށް ފެތުރިގެން ދިޔަ ބަޔެކެވެ.) ނުވަތަ ހަމަ ސީދާ ސިންގަޅައިންނެވެ. މިއީ މި ޒަމާނުގައި ޝައްކުކުރަން ތަން ލިބިގެންވާ ތަނެއް ނޫނެވެ." (ދިވެހި ތާރީޚަށް އައު އަލިކަމެއް (1990) ޞަފުޙާ 36) މި ވާހަކައަކީ ޚާއްޞަ ދިރާސާއެއްގެ އަލީގައި ބަޔާންކޮށްފައި އޮތް ވާހަކައަށް ވުރެ ބޮޑަށް ވައްތަރީ ހީއެއްގެ މައްޗަށް ފާޅުކޮށްފައިވާ ޚިޔާލެއްކަމުގައެވެ. އެހެނީ މި ވާހަކަ ސާބިތުކޮށްދޭނޭ ހެތްކެއް ބަޔާންކޮށްފައެއް ނުވެއެވެ. ދިވެހި ރާއްޖެއަށް ޢާރިޔަނުން އައިސްފައިވަނީ ސިލޯނު މަގުން ކަމަށް ވުމީ ވަރަށް އެކަށީގެން ނުވާކަމެކެވެ. ސަބަބަކީ އެބައިމީހުންނަކީ ކުރީ ޒަމާނުގައި ކަނަޑުދަތުރުފަތުރުކޮށް އުޅުނު ބައެއް ކަން ތާރީޚީ ގޮތުން އެނގޭން ނެތުމެވެ. ބޮޑަށް ޤަބޫލުކުރެވޭ ގޮތުގައި ދިވެހިރާއްޖެއަށް ޢާރިޔަނުން އައިސްފައިވާނީ ސިލޯނަށްވެސް ޢާރިޔަނުން ދިޔަ ދުވަސްވަރު ހަމަ އިންޑިއާ މަގުންނެވެ. އެހެނީ ރާއްޖެއަށް ޢާރިޔަނުން އައީ ސިލޯނު މަގުން ކަމަށް ވާނަމަ މި ވާހަކަ މަހަވަންސާގައި ބަޔާންކޮށްފައި އޮތީހެވެ. ނަސީމާ މުޙައްމަދު (2007) ވެސް ބޮޑަށް ބުރަވެވަޑައިގަންނަވަނީ މި ޚިޔާލަށެވެ. ސްރީލަންކާގެ އާސާރީ ލިޔުމެއްކަމަށްވާ ދީޕަވަންސާ (400 މކ) ގައި ވެސް ދިވެހި ރާއްޖޭގެ ވާހަކަ "ގަސްގަހާގެހި ގިނައިން ހެދިފައިވާ 'ގިރި' ނަމަކަށް ކިޔާ ރަށެއް"ގެ ގޮތުގައި ސިފަކޮށް އެވާހަކަ ގެނެސްފައިވެއެވެ. މިއީ ތާރީޚީ ފުލޯކު ވާހަކައެއް ކަމަށް ވިޔަސް މީލާދީ ސަނަތުގެ ކުރިންވެސް ދިވެހިރާއްޖެއަކީ ލިޔުންތެރީން ދަންނަ، މީހުންނަށް އެނގޭ ޤައުމެއްކަން މި ވާހަކައިން ވެސް ދޭހަވެއެވެ. ދިވެހި ތާރީޚާ ބެހޭ މުހިއްމު ގިނަ މަޢުލޫމާތު ލިބޭ އެއް ވަސީލަތަކީ އެޗް ސީ ޕީ ބެލް ގެ މޮނޮގްރާފް(1940)ކަމަށް ބެލެވެއެވެ. މި ފޮތުގައި ވެސް ދިވެހި ރާއްޖެއަށް ޢާރިޔަނުން އައިސްފައިވަނީ މީލާދީ ސަނަތުގެ ކުރިން ކަމަށް ބަޔާންކުރައްވައިފައިވެއެވެ. އެކަމަކު ޢާރިޔަނުން ރާއްޖެ އައީ ލަންކާއިން ކަމެއް ނުވަތަ އިންޑިއާއިން ކަމެއް ބެލް ކަނޑައަޅުއްވައިފައެއް ނުވެއެވެ. ޢީސާއީ ސަނަތުގެ ކުރީން ދިވެހިރާއްޖެއަށް އާރިޔަނުން އައި ކަމަށާއި އެ މީހުންގެ ތެރޭގައި ޑްރެވީޑިއަނުން ހިމެނޭ ކަމަށް ޙަބީބާ ޙުސައިން ޙަބީބު (ތާރީޚަށް އަވަސްކަޅިއެއް ޞަފުޙާ 2) ގައި ބަޔާންކުރައްވައިފައިވެއެވެ. މިއީ އެޗްސީޕީ ބެލްގެ ލިޔުއްވުމުގެ އަލީގައި ލިޔުއްވައިފައިވާ ލިޔުއްވުމެއްކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އަލްމަސްޢޫދީ ލިޔުއްވައިފައިވާ "މުރޫޖުއްޛަހަބް" ގައި ރާއްޖެ އިސްލާމްވުމުގެ ކުރީގެ ތާރީޚާ ބެހޭ ވާހަކަތައް ގެންނަވައިފައި ވިޔަސް، ރާއްޖޭގައި ވަޒަންވެރިވީ ކޮންދަރިކޮޅަކުން އައި ބައެއްކަމާއި، ރާއްޖެ އާބާދުވި ދުވަހަކާއި ރާއްޖޭގެ ވެރިކަމަށް ވީ މުއްދަތު ފަދަ މަޢުލޫމާތުތައް އެ ފޮތުގައި ވެސް ބަޔާންކުރައްވައިފައެއް ނުވެއެވެ. މުޙައްމަދު އަމީން ("ދިވެހި ރާއްޖޭގެ ތަންޤީޙުކުރެވުނު ތާރީޚުގެ ތަންތަންކޮޅު" ، (1978)، ޞ 21 ން 22 އަށް) ބަޔާންކުރައްވައިފައިވަނީ "މިހާތަނަށް ކުރެވިފައިވާ ތަޙުޤީޤުތަކުން އަޅުގަނޑުމެންނަށް ޔަޤީންވާން އުޅެނީ ކޮންމެވެސް ޒަމާނެއްގައި ސިލޯނުން ސިންގަޅަ ބަޔަކު ދިވެހި ރާއްޖެއަށް އައިސް ރާއްޖެ ޢިމާރާތްކުރިކަމެވެ. ޢީސާގެ ފާނު ދުނިޔެއަށް ވަޑައިގަތް ދުވަސްވަރާ ގާތް ދުވަސްވަރެއްގައި އެ ބަޔެއްގެ ވެރިކަން ދިވެހި ރާއްޖޭގައި ދެމި އޮތްކަމެވެ." މުޙައްމަދު އަމީނުގެ މި ޚިޔާލުފުޅަކީ ސާބިތު ހެތްކެއްގެ މައްޗަށް ފާޅުކުރައްވައިފައިވާ ޚިޔާލުފުޅެއް ނޫނެވެ. އަދި އެގޮތަށް އަމީންގެ ވިސްނުންފުޅު ހުރި ކަމަށް ވިޔަސް އެ ގޮތަށް އޭނާ އަށް ވެސް ސާބިތެއްނުވެއެވެ. "އަޅުގަނޑުމެނންނަށް ޔަޤީންވާން އުޅެނީ" އޭ ވިދާޅުވެފައިވުމުން ޔަޤީންނުވާކަމާއި އެ ގޮތަށް ސާބިތު ނުވާކަން ކަނޑައެޅިގެން ދޭހަވެއެވެ. ދިވެހިރާއްޖޭގެ އަޞްލު ވަޒަންވެރީންނަކީ ކޮންތާކުން ކޮން އިރަކު އައި ކޮން ބަޔެއްކަން އަދި ސާބިތުވެފައި ނުވިޔަސް ގަބޫލުކުރެވޭ ހަގީގަތްތަކެއް ވެސް އެބަހުއްޓެވެ. އެއީ ކޮންމެ ބަޔަކު ނަމަވެސް އެ ބަޔަކު ދިވެހިރާއްޖޭގައި ވަޒަންވެރިވުމަށް ފަހު އެބަޔަކީ ދީވީން(ދިވެހީން)ކަމެވެ. އަދި އެބަޔަކީ އެހެން ޤައުމަކާ ނުގުޅި އެހެން ޤައުމެއްގެ ބަޔެއްގެ ގޮތުގައި ނުހިމެނި، އަމިއްލަ ވެރިކަމެއް ޤާއިމުކޮށްގެން އަމިއްލަވަންތަކަމާއި އަމިއްލަ ފުދުންތެރިކަމާއެކު އެޅެމުން ގެންދިޔަ ބައެއް ކަމެވެ. މި ގޮތަށް "ދީވީން" އުޅެމުން އައި އިރު އެ ބައި މީހުންގެ ވަށައިގެންވާ އަވަށްޓެރި ގައުމުތަކުގެ ވެރީންނާއި އަދި އެ ދުވަސްވަރު އިންޑިއާ ކަނޑަށް ބާރު ފޯރުވައިގެން އުޅުނު ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ވެރީންނާއެކު "ދީވީން"ގެ ރަސްރަސްކަލުން ވަޑައިގަތީ އެކުވެރިކަން ދަމަހައްޓަވަމުންނެވެ. ފެށުނީއްސުރެ ރާއްޖޭގައި ހަރުދަނާ ރަސްކަމެއް ފެށި އެ ރަސްކަން ދެމިގެން އައި ކަމެވެ. މީލާދީން 1980 ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖެ ވަޑައިގަތް ޕްރޮފެސަރ ތޯރ ހައިދާލް ލަފާކުރެއްވި ގޮތުގައި އިންޑިއާ އާއި ޕާކިސްތާނު ހިމެނޭ ސަރަޙައްދުގައި އިހަށް އޮތް ރަށްވެހިކަން (އިންޑަސް ވެލީ ސިވިލައިޒޭޝަން) އުވިގެން ދިޔައިރު ދިވެހި ރާއްޖެއަށް އެ ހިސާބުން މީހުން އައިސްފައިވެދާނެއެވެ. ތޯރ ހައިދާލްގެ މި ޚިޔާލަށް މި ރާއްޖޭގައި އޮތް ފޯކްލޯރއަކުން ބާރު ލިބޭކަމަށް ނަސީމާ މުޙައްމަދު ދެކެވަޑައިގަންނަވައެވެ.(ފަތްތޫރަ، 306، ސެޕްޓެމްބަރ 2004). "މި ވާހަކައިގައި ބުނާ ގޮތުގައި ދިވެހި ރާއްޖެއަށް ފުރަތަމަ އައީ، އިންޑަސްވާދީގެ ކޯރެއް ކަމުގައިވާ ސަރަސްވަތީ ކޯރުގެ އައްސޭރީގައި އޮތް 'ކާލީބަންގަން' ނަމަކަށް ކިޔުނު ރަށެއްގެ މީހުންނެވެ. އިންޑަސް ވާދީގެ ރަށްވެހިކަން އުވިގެން ދިޔައީ މީލާދީ 1400 އަހަރު ކުރިންނެވެ." "ވާހަކައިގައި ބުނާ ގޮތުގައި ދިވެހި ރާއްޖޭގައި ރަސްކަމެއް ފުރަތަމަ އުފެއްދީ އިރުމަތީ އިންޑިއާގެ ކާލިންގާއޭ ކިޔާ ސަރަޙައްދުން (މިހާރުގެ އޮރިއްސާ) ވަޑައިގެންނެވި ސޫރިޔަވަންޝަ (އިރު ވަންހަ) ދަރިކޮޅުގެ އަމީރެކެވެ. މި ރަސްގެފާނުގެ ނަންފުޅުކަމަށް ވާރިދުވެފައިވާ ވާހަކައިގައި ބުނެފައިވަނީ ސޫރުދަސަރުނަ ރަދުންނެވެ. މީލާދީން 1925 ވަނަ އަހަރު ލިޔެފައިވާ އިސްދޫ ލޯމާފާނުގައި 'ދަސަ ރަދުން' ކިޔުނު ރަސްކަލެއް ރައްޔިތުންނަށް ބިންތަކެއް ދެއްވި ވާހަކަ ލިޔެފައިވެއެވެ. އެހެންކަމާއެކު އެ ލޯމާފާނުގައި އެ ވަނީ އެ ޒަމާނުގައިވެސް އެވޭލާ ކަމަށް ހިމެނުނު ދުވަސްވަރެއްގައި އުޅުއްވި ސޫރުދަސަރުނަ ރަދުންގެ ވާހަކަކަމަށް ވެދާނެބާ އެވެ؟" (ނަސީމާ މުޙައްމަދު، ފަތްތޫރަ، 306، ސެޕްޓެމްބަރ 2004) "ދިވެހި ތާރީޚަށް އައު އަލިކަމެއް"ގައި ދިވެހި ބަހަކީ ސިންގަޅަބަހުން އުފެދުނު ބަހެއް ކަމަށް ނިންމައިފައި ވީނަމަވެސް މިއަދުގެ ހޯދުންތައް މިޔާ މުޅިން ތަފާތެވެ. މުޙައްމަދު އިބްރާހީމް ލުޠުފީ، ފަތްތޫރައިގައި "ދިވެހި ތާރީޚުގެ ތެރެއިން ހޯދުން" މި ސިލްސިލާގެ ދަޑުން ލިޔުއްވައިފައިވާ "ކޮއިމަލާކަލޯއަކީ ކާކުބާ" މި މައިގަނޑުނަމަށް ލިޔުއްވައިފައިވާ ތާރީޚީ ލިޔުމެއްގައި ބަޔާންކުރައްވައިފައިވެއެވެ. "އޮޅުމެއް ނެތް ގޮތުގައި ދިވެހި ބަހުގެ މައިގަނޑަކީ އެވޭލާ ސިންގަޅަ ބަހެވެ. ތަޢައްޞުބެއް ނެތި މިކަން ގަބޫލުކުރާންޖެހެއެވެ. އެވޭލާ ސިންގަޅަ ބަހުގެ ލަފުޒުތަކާއި އެ ބަހުގެ ހަމަތަކާއި ހަމަތައް ދިވެހި ބަހުގައި ވާކަން އެނގޭއިރު ޕާލީ ބަހާއި ސާންސްކިރިތާއި ޕާކިރިތާއި ހިންދީ އާއި މެލޭ އާއި ފާރިސީ އާއި އުރުދޫއާއި ޢަރަތްބާއި ޕޯޗުގީޒާއި އިނގިރޭސި މި ބަސްބަހުގެ ލަފުޒުތަކާއި ހަމަތައް ދިވެހިބަހާ އެކުވެފައިވެއެވެ. ދިވެހި ބަހަށާއި ދިވެހި ރާއޖޭގައި ހުރި އާޘާރުތަކަށް ބަލާއިރު މީލާދީން ގާތްގަނޑަކަށް 900 – 800 ގެ ފަހުގައި އެވޭލާ ސިންގަޅަ ބަހާއި ދިވެބި ބަސް ވަނީ ވަކިވެފައެވެ. ސިންގަޅައިން އެބައި މީހުންގެ އެވޭލާ ބަސް ތަރައްޤީކުރަމުން ދިޔަ ފަދައިން ދިވެހީންވެސް އެބައި މީހުންގެ މުސްކުޅި ދިވެހި ބަސް ތަރައްޤީކުރަމުން ގެންގޮސްފައިވަނީ ލިޔެކިޔުމަށް އަމިއްލަ އަކުރެއް އުފައްދައިގެން ކުރީގެ ބަހަށް ބަދަލުތަކެއް ގެންނަމުންނެވެ. މިއީ ބަސް ބަސް އުފެދި ތަރައްޤީވަމުން އަންނަ ހަމައެވެ." އިސްވެ ދެންނެވުނު ތާރީޚީ ލިޔުންތަކާއި ދިވެހި ބަހުގެ އުޞޫލުތަކާއި ބަހުގެ ތާރީޚާމެދު ފުންކޮށް ވިސްނައިލުމުން ވަރަށް މުހިއްމު ނުކުތާއެއް އެބަ ހާމަވެއެވެ. އެއީ ދިވެހި ރާއްޖެއަށް ފުރަތަމަ އައި ބަޔަކީ އިންޑިއާގެ ނުވަތަ ލަންކާގެ ބަޔަކަށްވުމަކީ ވަރަށް ކައިރިކަމެއް ކަމެވެ. އެހެން ނަމަވެސް ދިވެހި ރާއްޖެއަށް ފުރަތަމަ މީހުން އައިސްފައިވަނީ ކޮން ދުވަސްވަރެއްގައިކަން ބަޔާންކުރުމަކީ އަދި ފަސޭހަކަމެއް ނޫނެވެ. އިންދޫސްވާދީ ރަށްވެހިކަމުގެ އަހުލުވެރީންނަކީ ކަނޑުދަތުރުފަތުރު ކޮށް އުޅުނު ބަޔަކަށް ވާތީ ދެކުނު އިންޑިއާ އާއި ދިވެހިރާއްޖެއާ އޮންނަލެއް ކައިރިކަމުން އިންޑިއާގެ އައްސޭރި ފަށުން މަސްވެރިން އެކި ދުވަސްވަރު ބެހިގެންވެސް ރާއްޖެ އައިސްފައިވުމަކީ ވަރަށް އެކަށީގެންވާކަމެކެވެ. މިކަން މި ގޮތަށް ހިނގައިފައިވާނަމަ އެއީ ޑްރެވީޑިއަނުންކަމަށްވުމީ ވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. އެހެނީ ރާއްޖޭގެ ރަށްރަށުގެ ނަންތަކަށް ބަލާއިރު ޑްރެވީޑިއަން ނަންތައް ހުރިކަން އެބަ ފާހަގަކުރެވެއެވެ. ދިވެހީންގެ އާދަކާދަތަކާއި އުޞޫލުތައް ހުރި ގޮތުން ދިވެހިންގެ ތެރެއަށް ޚާއްޞަކޮށް ދިވެހި ބަހަށް އިންޑޯ ޢާރިޔަނުންގެ އަސަރުކޮށްފައި ވާކަން ހާމަވާން އެބަހުއްޓެވެ. އަޅުގަނޑުމެންގެ ސަގާފަތުގައި ހިންދީ ދީނުގެ އަސަރުތަކާއި ބުދު ދީނުގެ އަސަރުތައް ފެނިފައިވެއެވެ. މިކަންކަމުން ދޭހަވަނީ ދިވެހީންގެ އަޞްލަކީ އިންޑިއާއިން ނުވަތަ ލަންކާއިން އައި މީހުންކަމަށް ވުމަކީ އެކަށީގެންވާ ކަމެއްކަމެވެ. މިއަދުގެ ހޯދުންތަކުގެ އަލީގައި ވަކި ކޮޅަކަށް ނިންމައި ސިއްކަޖެހުމަކީ ވެވޭނޭ ކަމެއް ނޫންކަން ކަށަވަރެވެ. ލިޔެފައި ހުރި އެކި ލިޔުންތެރީންގެ ދިރާސާތަކަށް އެކަނި ބަރޯސާވެގެން މިފަދަ ނިންމުމެއް ނިންމޭކަށް ނެތެވެ. އިސްވެ ދެންނެވުނު ވާހަކަތަކުގެ އަލީގައި އެއްޗެއް ދަންނަވާނަމަ، ދީވީންނާއި ސަރަންދީވީންނަކީ އެއް ދިމާއަކުން ދެކަފިވެގެން އައި ތިމާގެ ދެ ދަރިކޮޅު ކަމަށް ބެލިދާނެއެވެ. އަދި މި ބަޔަކު ފުރަތަމަ އައީ އިންޑިއާއިންކަމަށް ވެސް ދެންނެވިދާނެއެވެ. އެއްވެސް ޝައްކެއް ނެތެވެ. މި މައުޟޫޢާމެދު ހޯދައި ބަލައި ދިރާސާކުރުމުގެ ކޮޅުތައް ފެންނާން އެބައޮތެވެ. ދިވެހީންގެ ތެރޭގައި ޢާރިޔަނުންނާއި ޑްރެވީޑިއަނުންނާއި ޢަރަބީންނާއި ޢަޖަމީން (ފާރިސީން) އުޅެފައިވާކަން އެނގެއެވެ. އަދި ދުނިޔޭގެ އެހެން ހުރިހައި ނަސްލުތަކެއްގެ މަސްހުނިވުންވެސް ދިވެހީންގެތެރެއިން އެބަފެނެއެވެ. މި ހުރިހައި ނަސްލުތަކެއް އެކުވެގެން އުފެދިފައިވާ ދިވެހީންނަކީ މިއަދު އެއް ބަހެއްގެ އެއް ދީނެއްގެ އަހުލުވެރިންނެވެ. ކޮންމެއަކަސް މިއަދު ދިވެހީންނަކީ، އެއްބައެއްވަންތަ، ބަޔެކެވެ. އާދެ! ސައްތައިން ސައްތަ މުސްލިމު ދިވެހީންނެވެ. އެހެންނަމަވެސް އަދި އަދަށް ދާންދެންވެސް ދިވެހީންގެ އަޞްލު (ޔަޤީންކަމާއެކު) ކަނޑައެޅުމަކީ އަދި މާ ފަސޭހަކަމެއް ކަމެއްކަމަކަށް ނުވެއެވެ. އެކަމަކު އެކަން ހޯދައި ބަލައި ދިރާސާކޮށް ދެނެގަތުމަކީ މި ޖީލުގެ ކޮޑުގައި އެޅިފައި އޮތް ވަރަށް ބޮޑު އަމާނާތެކެވެ. ----------------------- (ނިމުނީ) ޙަވާލާ: ނަސީމާ މުޙައްމަދު. (2002). ދިވެހީންގެ އަޞްލު 2. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ނަސީމާ މުޙައްމަދު. (؟). އިހުގެ ވަޒަންވެރީން. ފަތްތޫރަ 2. އަޙުމަދު ޝަފީޤު، (؟)، ސާސްތުރަ މާލެ: ؟ މުޙައްމަދު އަމީން. (1978)"ދިވެހި ރާއްޖޭގެ ތަންޤީޙުކުރެވުނު ތާރީޚުގެ ތަންތަންކޮޅު" ، (1978)، ޞ 21 ން 22 އަށް) http://www.wikipedia.com ނެގީ 16 އޮގަސްޓް 2008 ން. މި ލިޔުން: ފޮނުވުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން) ޝާއިޢުކުރުން: ޢަބްދުލްއަޡިޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (12)
![]()
...
ލިޔުނީ ސާޔާން, 2011-05-03 05:52:58
އަޅުގަނޑުގެ ނަޒަރުގައި ދިވެހިންގެ ތާރީޚްވަނީ ލެއިން ތަތްތެޅިފައި. ކޮންމެ ޞަފްޙާއަކުންވެސް ފެންނަނީ ކޮންމެވެސް ކަމަކާއިހެދި މީހުން މަރާފައޮތްތަން. ވެރިކަމާއިހެދި، އަންހެނަކާއިހެދި، މިހެންގޮސް ކޮންމެކަމަކާއި ގުޅިގެންވެސް މީހުން މަރާފައޮތްތަން ފެންނަނީ. އެހެންކަމުން ދިވެހީންގެ ތާރީޚާއިމެދު ފަޚްރުވެރިވާނެ ޖާގައެއްނެތް!
...
ލިޔުނީ އަދީބު, 2011-05-04 03:32:03
ހަމަ އަސްލުގަވެސް އިސްދޫ ލޯމާފާނު ލިޔެވިފައިވަނީ 1925 ގައިބާ؟
...
ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2011-05-05 04:34:04
ސާޔާން ދިވެހިންގެ ތާރީޚާއި މެދު ތިޔަ ބުނި ބަސް އެހެން ޤައުމުތަކެއް ތާރީޚާއި މެދުގައި ފެންނާން ނެތީތޯ؟ ޒަމާނީ ތަހުޒީބާއި ތަމައްދުންގެ ކުންނުގައިވާ ކަމަށް އަހުރަމެން މިޤަބޫލުކުރާ އެމެރިކާނުންނާއި، އިނގިރޭސީންނާއި އަދި ފަރަންޖީންގެ ތަރީޚީ ޙަޤީގަތްތަކަކީ ކޮބައިތޯ؟ އިހު އެވޭލާ އެމެރިކާގެ ޝަހަރުތަކުގައި އެކިއެކި ސަބަބުތަކަށްޓަކައި ހިނގައިދިޔަ ހަމަނުޖެހުން ބޮޑު ލޭއޮހުރުވުން ގިނަ ފިތުނަ ފަސާދައި އޮއިވަރުތައް، ދިވެހީންގެ ތާރީޚުގައި ހިނގައިދިޔަ މިފަދަ ކަންތައްތަކަށް ވުރެން މާ ތަފުޞީލު ބޮޑުކޮށް ފުރިހަމަ ހެކި އަދި ދަލީލާ އެކު ފެންނާ އެބައޮތެވެ. ދެން އިނގިރޭސީނަށް ބަލައިލަމާތޯއެވެ. އެވޭލާ އިނގިރޭސީންގެ ޝަހަރުތަކާއި ރަށްތަކުގެ ވެރި ރަސްރަސްކަލުންގެ މެދުގައި ހިނގައިދިޔަ ހަމަނުޖެމާއި ތަޅާފޮޅުންތަކާއި، ލޭއޮހުރުވުމާއި، ހަމައެއް ލަމައެއް އުސޫލެއް، ސުލޫކެއް ނެތް ދިރިއުޅުމުގެ ވާހަކަ ދުނިޔެއާއި، އިނގިރޭންސީންގެ ތާރީޚީ ލިޔުންތަކުން ފެންނާން ހުރީ މަދެއްކޮށެއް ނޫންނެވެ. މިހާރު އިނގިރޭސިވިލާތުގައި ހިނގަމުން އަންނަ ރަސްކަން ފެށެން ޖެހުނު ސަބަބުތައް ސަޔާން ދިރާސާކޮށްލެއްވީމުތޯއެވެ؟ ދެން އޮތީ ފަރަންޖީންގެ ވާހަކައެވެ. ފަރަންޖީން ދިރިއުޅެމުން އަންނަ ވިލާތުގެ ބައްރުގެ އަނދިރި ޒަމާން ނުވަތަ އިނގިރޭސި ބަހުން ދަންނަވަނީ ނަމަ "ޑާކް އޭޖަސް" ވާހަކަ ދައްކައިފިނަމަ އެހެން ބައެއްގެ ތާރީޚުގެ ކިލަނބު ކަމުގެ ވާހަކަ ދައްކަން ހެޔޮވެސް ނުވާނެ. ވީމަ ތިކަހަލަ ބަހެއް ބުނެ ނިންމާލުމުގެ ކުރިން ދުނިޔޭގެ ތާރީހުން މާތަފުޞީލު ބޮޑުކޮށް ފެންނާން ހުރި ޙަޤީގަތްތަކަށް ކަތި ނަޒަރެއް ނަމަވެސް ދެއްވާށެވެ.
...
ލިޔުނީ ދިރާސާ, 2011-05-08 07:06:45
ދިވެހިންނަކީ ސީދާ ސިންގަޅައިންގެ ދަރިކޮޅެކޭ ބުނޭވޭނޭކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. އަދި މިބުނުމަށް ދެއްކޭނޭ އެއްވެސް ތާރީޚީ ޙުއްޖަތެއް ނެތެވެ. ނަމަވެސް ދިވެހިރާއްޖޭގައި މިއުޅޭ މިހާރުގެ ދިވެހީންނަކީ ލަންކާގައި ހުޅަނގު އުތުރު އިންޑިއާއިން މީހުން ވަޒަންވެރިވިއިރު އެމީހުންގެ ބަޔަކު ދިވެހިރާއްޖޭގައި ވަޒަންވެރިވެގެން، މައިގަނޑު ގޮތެއްގައި އެމީހުންގެ ދަރިކޮޅެއް ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ. އަދި މިކަމަށްޓަކައި ލިޔުންތެރިޔާ އެބަޔާންކުރެއްވި ފަދަ ކިތަންމެ ތާރީޚީ ހެކިތަކެއް ދެއްކިދާނެއެވެ. އަދި ބަހަވީ ގޮތުންވެސް ހެކިދެއްކިދާނެއެވެ. ބަހަވީގޮތުން ލިބޭނެ އެންމެ ބޮޑު ހެއްކަކީ އެބައެއް ވާހަކަ ދައްކާ ބަހާއި އަނެކުންގެ ބަސް އެއްގޮތްވުމެވެ. ދިވެހިބަހާ އެހެނިހެން ބަސްބަހާ ހުރި ގުޅުމާބެހޭ ގޮތުން މިހާތަނަށް އެންމެ ފުން ދިރާސާ އެއް ކުރެއްވި ހުސައިން ރަޝީދު އަހުމަދު އޭނާގެ ދިރާސާ ވަރަށް ސާފުކޮށް އަޅުގަނޑު ހަނދާންވާގޮތުން އޭނާގެ ފޮތް "އިންޑޯ އާރިޔަން ބަސްތަކުގެ ތެރެއިން ދިވެހި ބަސް" މިފޮތުގައި ބަޔާންކުރައްވާފައިވެއެވެ. އެގޮތުން ދިވެހި ބަހާ އެންމެ ތިމާގެ ބަސްތައް ކަމުގައި ހުސައިން ރަޝީދު ބަޔާންކުރެއްވި ބަސްތައް ތިމާގެ ކަމުގެ ދަރަޖަ އެނގޭނޭހެން ބަޔާންކޮށްފައި ހުރި ތަރުތީބުން ވެސް އަޅުގަނޑުމެންނަށް ފިލާވަޅުތަކެއް ލިބިގެންދެއެވެ. އެގޮތުން 1- ސިންގަޅަ، 2- އާރީ، 3- ޕަންޖާބީ. މިއީ މިވަގުތު ލިސްޓު ތަރުތީބުން އަޅުގަނޑު ހަނދާން ހުރި މިންވަރެވެ. ފަހުން ބާކީހުރި ބައި ބަޔާންކޮށް ދެވޭތޯ ބަލާނަމެވެ. ކޮންމެއަކަސް 7 ވަނައިގައި އެންމެ ތިމާގެ ބަހަކަށް މަރާޓީ ބަސް އޮތެވެ. އަދި ލިސްޓުގައި އުރުދޫ ބަހާއި، ގުޖުރާތީ ބަހާއި މިފަދަ އެކިއެކި ބަސްބަސް ހުރި ހަނދާން އަޅުގަނޑު ވެއެވެ. ކޮންމެއަކަސް ޕަންޖާބީ، ގުޖުރާތީ ފަދަ ކާލީބަންގަން ސަރަހައްދަށް ނިސްބަތްވާ ބަސްތަކާއި (އަދި ހަމަ މާދުރުނޫން ހިސާބެއްގައި ވާހަކަ ދައްކާ މަރާޓީ ބަހާއި) ހުރުމުން ތާރީޚުން ފެންނަން އޮތް ވާހަކައަށް ހެކި ޤާއިމުވެއެވެ. އެހެންކަމުން ސިލޯނުގައި ހުޅަނގު ނުވަތަ ހުޅަނގު އުތުރު އިންޑިއާއިން މީހުން ވަޒަންވެރިވިއިރު ރާއްޖޭގައި ވެސް މީހުން ވަޒަންވެރިވެފައި ވާކަމަށް ސާބިތު ހެކި ލިބެއެވެ.
...
ލިޔުނީ ދިރާސާ 2, 2011-05-08 07:09:58
ބޮޑަށް ޤަބޫލުކުރެވެނީ ރާއްޖެއަށް ފުރަތަމަ މައި ގުރޫޕަކަށް އައީ އިންޑަސްވާދީ ސަރަހައްދުން އައި މީހުން ކަމަށެވެ. މީގެ އިތުރަށް އަޅުގަނޑު އެހެން ވާހަކައެއް ދަންނަވާލަން ބޭނުންވެއެވެ. ވަރަށް ގިނަ ދިރާސާކުރާ ފަރާތްތައް ބަޔާންކުރާ ބަޔާންކުރުމުން އަދި އަޅުގަނޑުމެން ދިވެހީންގެ އެކި ކަންކަމަށް ނަޒަރު ހިންގާލުމުން ޑްރެވީޑިއަނުން (މައިގަނޑު ގޮތެއްގައި ތަމަޅަ-މަލިޔާޅަމުން)ގެ އަސަރުގެ އިތުރަށް އަސޭކަރައިގެ މެލޭ-އިންޑޯ ނަސްލުގެ މީހުންގެ އަސަރުވެސް ދިވެހީންގެ ތެރެއިން ފާހަގަވެއެވެ. މީލާދީގެ 200 އަހަރުގެ ކުރިން މެލޭ-އިންޑޯ ނަސްލުގެ މީހުން އިންޑިއާ ކަނޑު ހުރަސްކޮށް މަޑަގަސްކާރުގައި ވަޒަންވެރިވި ދުވަސްވަރު އެމީހުންގެ ބަޔަކު ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ވުމަކީ ގާތްކަމެއް ކަމަށް ކްލެރެންސް މެލޮނީ (1980) ބަޔާންކުރެއެވެ. މިކަމުގެ ހެއްކެއްގެ ގޮތުގައި ރާއްޖޭގައި ހުރި މެލޭ ނުފޫޒުތަކުގެ ވާހަކަ އޭނާ ބަޔާންކުރެއެވެ. ދިވެހި އާދަކާދަތަކުން އޭނާ ހެކިދައްކައެވެ. މެލޮނީ ބަޔާންކުރާ ގޮތުގައި ތަމަޅައިން ކަނޑަށް އަހުލުވެރިވެ ކަނޑުމަގުން އެމީހުންގެ ރަސްރަސްކަލުން ތަންތަން ހިފައި ހަދަން ފެށިފައިވަނީ މީލާދީގެ 3 ވަނަ ޤަރުނާއި ފުރަތަމަ ޤަރުނާއި ދޭތެރޭގައެވެ. އަޅުގަނޑު ކިޔާފައިވާ ދިވެހި ތާރީޚީ ވާހަކައަކުން ފެންނަ ގޮތުގައި ދާދި މިހާ ހިސާބުގައި ދެކުނު އިންޑިއާގެ ތަމަޅައިން ރާއްޖޭގެ އުތުރުގެ ރަށްރަށުގައި ވަޒަންވެރިވެފައިވެއެވެ. އުތުރުގެ ބައެއް ރަށްތަކުގެ ނަންތައް މިކަމަށް ހެކިވެއެވެ. މެލޮނީ ބަޔާންކުރަނީ ރާއްޖޭގަ އެންމެ ފުރަތަމަ ވަޒަންވެރިންނަށް ވާނީ މެލޭ-އިންޑޯން ނުވަތަ އިންޑަސްވާދީ ހަޟާރަތް އުވިގެން ދިޔައިރު އެސަރަހައްދުގެ މީހުން ކަމުގައެވެ. (އަޅުގަނޑަށް ބޮޑަށް ޤަބޫލުކުރެވެނީ ފުރަތަމަ ކަންވީ ފަހުން ބަޔާންކުރެވުނު ގޮތަށްކަމަށެވެ. އޭގެ ފަހުން މެލޭ ނުފޫޒު ފުދޭވަރަކަށް ކޮށްފައި ހުރެދާނެއެވެ.) އަދި ތަމަޅަ ނުފޫޒަކީ މާފަހުގެ ކަމެއް ކަމުގައެވެ.
...
ލިޔުނީ ދިރާސާ 3, 2011-05-08 07:12:22
ދިވެހި އާދަކާދައިގައި ތަމަޅަ އަދި މެލޭ ނުފޫޒު ހުރި މިންވަރަށް ބަލާއިރު މިދެގުރޫޕުން އަޅުގަނޑަށް ވެސް ޤަބޫލުކުރެވެނީ ފުރަތަމަ އަައީ މެލޭއިން ކަމުގައެވެ. ދެން ތަމަޅައިންނަކީ އެއަށްވުރެ ފަހުގެ ބައެއް ކަމުގައެވެ. ތާރީޚީ ވާހަކަތަކުން ތަމަޅައިން ރާއްޖެއައި ދުވަސްވަރު ދޭހަވާފަދަ ލިޔުންތައް އެބަހުއްޓެވެ. އަޅުގަނޑަށް ވެސް ޤަބޫލުކުރެވޭ ގޮތުގައި ބަޔާންވެދިޔަ ހުރިހާ ނަސްލުތަކެއް ވެސް އެކީއެކައްޗަކަށް ރާއްޖެއައުމުގެ ކުރިން އިންޑިއާގެ އައްސޭރިފަށުގެ މަސްވެރިން ރާއްޖެއައިސް ވަޒަންވެރިވެގެން އުޅެފައިވާނެއެވެ. އެމީހުންނަކީ ޙަޟާރަތުގެ ގޮތުން އަދި ތަރައްޤީ އާއި ތަމައްދުނުގައި އެއްވެސް ގޮތަކުން ކުރިއަރާފައިވާ ބަޔަކަށް ނުވާނެކަމީ ޝައްކެއްއޮތްކަމެއްނޫނެވެ. އެހެންކަމުން އެމީހުންގެ ނުފޫޒު ދިވެހީންގެ ޤަބޫލުކުރުންތަކުން ނޫނީ ފެންނާކަށް ނެތޭ ބުނެވިދާނެއެވެ. އެމީހުންގެ ނުފޫޒު އަޅުގަނޑަށް ފެންނަނީ ދިވެހިންގެ ފޯކުލޯރުންނެވެ. އަދި ދާދި ފަހަކާ ޖެހެންދެން ދިވެހިން މިކިޔާ ހަންޑި ހާމުންޑި މިނިކާދައިތަ ފަދަ ވާހަކަތަކުންނެވެ. މިވާހަކަތައް އިންޑިކޭޓްކުރަނީ އިހުޒަމާނުގައި އިންޑިއާގައި އުޚުނު (ޗަންޑީ ޗާމުންޑީފަދަ) "މަދަރ ގޯޑެސް" ތަކަށް އަޅުކަންކުރާ ލެއިން ޤުރުބާންކުރުން ފަދަ މަންތްރާތައް ޕްރެކްޓިސްކުރި މަސްވެރި ނުވަތަ ރަށްފުށުގެ މީހުން ރާއްޖޭގައި އުޅެފައިވާކަމެވެ. ދިވެހި ފޯކުލޯރުން ކިތަންމެ ރަނގަޅަކަށްވެސް މިކަމަށް ހެކިލިބެން އެބަހުއްޓެވެ. "ހިސްޓޯރިކަލް ވޭދިކް ރިލިޖަން" އޮތް ޒަމާނުގައި މުޅި އިންޑިއާގައި ވެސް މިކަހަލަ ޕްރެކްޓިސްތައް ގިނަގުނައެވެ. އިންޑަސްވާދީ ސަރަހައްދުގައި ވެސް މިބާވަތުގެ ޕްރެކްޓިސްތައް އޮތްކަމަށް ބުނެވެއެވެ. އަދި ކެރަލާގެ އައްސޭރިފަށުގެ މަސްވެރި އާއިލާތަކަށް ދާންދެން މިކަން އޮތްކަމަށްވެއެވެ. ރާއްޖެއަށް މިބައިމީހުން އައިކަމަށް ބޮޑަށް ޤަބޫލުކުރެވެނީ މިބުނާ މަސްވެރި އާއިލާތަކުންނެވެ. ނަމަވެސް އިންޑަސްވާދީ ސަރަހައްދުން މީހުން އައިއިރު ވެސް މިޕްރެކްޓިސްތައް އެމީހުން ރާއްޖެ ގެނެސްފައި އޮވެދާނެއެވެ. ދިވެހިން އިސްލާމްވުމަށްފަހު ހަންޑި ހާމުންޑި ޖިންނީންނަށް ބަދަލުވިޔަސް މިކިޔޭ ނަންނަމުން އެއީ އިހުގައި އަޅުކަންކުރެވުނު ތަކެއްޗެއްކަމަށް ޤަބޫލުކުރެވެއެވެ. މިބާވަތުގެ ހަންޑި ހާމުންޑިއާއި ގުޅިފައިވާ ވާހަކަ ތަކަކީ ހުރިހާ ޒަމާނެއްގައި ވެސް އާންމު ދިވެހި މީހާގެ ވިސްނުމާއި ގުޅިފައިވާ ކަމަކަށް ވުމުން މިބައިމީހުން ރާއްޖޭގައި ކޮންމެވެސް ޒަމާނެއްގައި އުޅެފައިވާކަމަށް ޤަބޫލުކުރެވެއެވެ. ކޮންމެއަކަސް ޖުމްލަ ގޮތެއްގައި އަޅުގަނޑު މިދެއްކި ވާހަކަތަކަށް ނަޒަރު ހިންގާލާއިރު ބޮޑަށް ޤަބޫލުކުރެވެނީ ފުރަތަމަ ދިވެހިރާއްޖޭގައި ވަޒަންވެރިވެގެން އުޅެފައިވާނީ އިންޑިއާގެ އައްސޭރިފަށުގައި ދިރިއުޅުނު ކުރިން ނަންގަތް ޒާތުގެ ރަށްފުށުގެ މަސްވެރި އާއިލާތައް ކަމެވެ. އެއަށްފަހު ދިވެހިރާއްޖޭގައި ވަޒަންވެރިވީ އިންޑަސްވާދީ ސަރަހައްދުން 1400 ބީސީ ގައި އެސަރަހައްދުގައި އޮތް ހަޟާރަތް އުވިގެން ދިޔައިރު އައި ބަޔަކު ކަމަށް ވެދާނެއެވެ. މިބައިމީހުންގެ ކިބައިގައިވެސް ހުންނާނީ މަދަރ ގޯޑެސް ވޯޝިޕް ކަމަށް ޤަބޫލުކުރެވެއެވެ. މިބައިމީހުން އުޅެމުން ދަނިކޮށް އޭގެ ފަހުން ލަންކާއަށްވެސް އައި އިންޑޯއާރިޔަނުން ދިވެހިރާއްޖެއަށް އައީކަމަށް ބުނެވިދާނެއެވެ. ކޮންމެއަކަސް އެކި ތާރީޚުތަކުގައި ރާއްޖެއައިސް ރާއްޖޭގައި ވަޒަންވެރިވި އެންމެ ބޮޑު ގުރޫޕަކީ އިންޑޯއާރިޔަނުން ކަމަށް ވުމާއި އަދި އެންމެ ބޮޑު އިންޑޯއާރިޔަން ގުރޫޕަކަށް ވަޒަންވެރިވީ ލަންކާގައި ވަޒަންވެރިވި ގުރޫޕުކަމަށް ވުމީ އެންމެ ހަގީގަތާ ގާތް ގޮތް ކަމަށް ގަބޫލުކުރެވެއެވެ. އެހެންކަމުން ދިވެހީންގެ ނަސްލުގެ މައިބަދައަކީ ނުވަތަ ދިވެހިންގެ މެއިން އެންސެސްޓްރަލް ގުރޫޕަކީ މިބައިމީހުންނޭ ބުނެވިދާނެއެވެ. ދެން ތަމަޅަ، މެލޭ އަދި އަރަބި ނުފޫޒު ތަކަކީ މިބުނާ ދިވެހިންގެ މެއިން އެންސެސްޓްރަލް ގުރޫޕާ އެކިގޮތްގޮތުން މަސްހުނިވެފައިވާ ނުފޫޒުތަކެކޭ ބުނެވިދާނެއެވެ.
...
ލިޔުނީ ހުސޭން, 2011-05-09 05:53:36
މިލިޔުން ލިޔުއްވިއިރު ވިކިޕީޑިއާއަށް ހަވާލާދެއްވި ކަމަށް ލިޔުންތެރިޔާ ބަޔާންކުރައްވައެވެ. ވިކިޕީޑިއާގެ ކޮން އާރޓިކަލް އެއް ކަން ބަޔާންކޮށްދެއްވި ނަމަ ކަމުގެ ދެކޮޅު ދެނެގަންނަން އަޅުގަނޑުމެންނަށް ތަންކޮޅެއް ފަސޭހަވީހެވެ. ކޮންމެއަކަސް ވިކިޕީޑިއާގައި ވެސް ދިވެހި ނަސްލާ ގުޅުން ހުރި މުހިންމު މަޢުލޫމާތުތަކެއް ހާމަކޮށްދީފައިވާ ލިޔުމެއް ހުރި ވާހަކަ އަޅުގަނޑު ލިޔުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އެއީ ވިކިޕީޑިއާގައި "ދިވެހި ޕީޕަލް" ގެ ނަމުން ޥާ އާޓިކަލް އެވެ. ވިކިޕީޑިއާގައިވާ މިއާޓިކަލް އިން ވެސް އަޅުގަނޑު އެންމެ އަޅައިގަތީ "ފްރޮމް ލެޖެންޑް" މި ހެޑިން ގެ ދަށުން ލިޔެފައިވާ ދިވެހިރާއްޖޭގައި އެކި ދުވަސްވަރު ވަޒަންވެރިވި މީހުންކަމަށް ލިޔެފައިވާ ލިޔުންކޮޅެވެ. ވިކިޕީޑިއާ އަކީ ބޭނުން މީހަކަށް އެޑިޓް ކުރެވޭ ސައިޓަކަށް ވުމުން އަޅުގަނޑު ޖެހުނު ޝައުގުވެރިކަމެއްގެ ބޮޑުކަމުން މިލިޔުންކޮޅުގެ ޙަޤީޤަތް ހޯދާހިތް ވެއްޖެއެވެ. ވިކިޕީޑިއާގައި ދީފައިވާ ސޯސްތަކުގައި މިލިޔުން ނެގީ ކޮން ފޮތަކުން ކަމެއް ނުވަތަ ސައިޓަކުން ކަމެއް ވެސް ބަޔާންކޮށްފައިނެތެވެ. ދެން އަޅުގަނޑު އިންޓަރނެޓުން މިލިޔުންކޮޅާ ގުޅުންހުރި މައުލޫމާތުތަކެއް ލިބޭތޯ ބަލަމުން ދަނިކޮށް މާޖިދު އަބްދުލް ވައްހާބުގެ މޯލްޑިވްސް ރޯޔަލް ފެމިލީ ވެބްސައިޓުން ހަމަ މިމަޢުލޫމާތުތައް ހިމެނޭ ލިޔުމެއް ފެނިއްޖެއެވެ. ދެން އަޅުގަނޑު ރަނގަޅަށް ބެލިބެލުމުން އަޅުގަނޑަށް ޔަޤީންވީ މިލިޔުން ވިކިޕީޑިއާގައި ހިމެނި ބަޔަކު ހިމަނާފައި މިވަނީ މިވެބްސައިޓުން މައުލޫމާތު ނަގައިގެން ކަމެވެ. ކޮންމެއަކަސް ވިކިޕީޑިއާގައިވާ ދިވެހިންގެ ނަސްލާ ގުޅުން ހުރި މިމުހިންމު މައުލޫމާތުތަކާމެދު މޯލްޑިވްސް ރޯޔަލް ފެމިލީ ވެބްސައިޓުގައި ބަޔާންކޮށްފައިވަނީ އެމައުލޫމާތުތަކަކީ ދިވެހި ތާރީޚީ ލިޔުމަކުން ނަގާފައިވާ މައުލޫމާތުތަކެއް ކަމުގައެވެ. އަދި އެސައިޓުގައިވަނީ އެލިޔުންކޮޅުގެ އިނގިރޭސި ތަރުޖަމާއެއް ކަމުގައެވެ. އެ ތާރީޚީ ލިޔުންކޮޅު ނަގާފައިވާކަމަށް އެވެބްސައިޓުގައި ބަޔާންކޮށްފައިވަނީ އައްޑޫ މީދޫ އައްލާމާ އަހުމަދު ޝިހާބުއްދީން ޢަރަބި ބަހުން ލިޔުއްވި "ކިތާބު ފީ އާޘާރި މީދޫ އަލް ޤަދީމިއްޔާ"، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި އިބްރާހީމް މަޖުދުއްދީނުގެ ދަރިކަލުން ދޫނޑޭރި ދޮން މަނިކު ދިވެހި ބަހަށް ކުރައްވާފައިވާ ތަރުޖަމާއަކުން ކަމުގައެވެ. އަދި ދިވެހި ތާރީޚު ލިޔުއްވި ހަސަން ތާޖުއްދީނަކީ ބަޔާންވެދިޔަ ޝިހާބުއްދީނުގެ ދަރިވަރެއްގެ ދަރިވަރެއްކަމުގައެވެ. (އަޅުގަނޑު މިބުނާ މައުލޫމާތު ހިމެނޭ ލިޔުންކޮޅަށް މޯލްޑިވްސްރޯޔަލްފެމިލީ.ކޮމް ގެ ހޯމްޕޭޖުގައި ފީޗަރސްގެ ދަށުގައިވާ "މޯލްޑިވްސް އެންޓިކުއިޓީ" މި ހެޑިންއަށް ފިތާލުމުން ދެވޭނެއެވެ.) ކޮންމެއަކަސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ތަންކޮޅަކީ މިމަޢުލޫމާތު ތަކަކީ މިހާ ރީއްޗަށް އެނގެން ހުރި ދިވެހިންގެ ނަސްލާ ގުޅުން ހުރި މަޢުލޫމާތުތަކަކަށް ވުމާއެކު މިމައުލޫމާތުތަކަށް އަޅުގަނޑުމެންގެ ތެރޭގައި ތިބި ތާރީޚު ދިރާސާކުރައްވާ ބޭފުޅުން އަލިއަޅުއްވާފައި ނެތްކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމެވެ. ފަހަރެއްގައި އެހާ ގިނަ ދުވަަސްވީ އެލިޔުންކޮޅު އާންމުކޮށް މިއުޅޭ ބޭފުޅުންގެ އަތްޕުޅަށް އަރާފައި ނެތީ ކަމަށްވެދާނެއެވެ. ކޮންމެއަކަސް މާޖިދު އަބްދުލް ވައްހާބު ނަމަވެސް އަޅުގަނޑުމެންނާ ހަމައަށް މިފަދަ މުހިންމު މައުލޫމާތުތަކެއް ގެނެސްދީފައިވާތީ އަޅުގަނޑުމެން އެމައުލޫމާތުތައް ބަލައިގަންނަން އެބަޖެހެއެވެ. މާޖިދު ބަޔާންކުރަނީ އެއީ ސީދާ އޭނާގެ ތަރުޖަމާއެއް ވެސް ނޫންކަމަށާއި އެތަރުޖަމާކުރި މީހާ މިވަގުތަށްޓަކައި ނަން ހާމަކުރަން ބޭނުންނުވާ ކަމުގައެވެ. ކޮންމެއަކަސް މާޖިދަކީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް ދިވެހި ތާރީޚާމެދު ކަނޑައެޅިގެން ކޮން ފޮތެއްގައި ކޮން ބޭފުޅަކު ލިޔުއްވި ލިޔުމެއްކަން އެނގެންއޮތް ލިޔުންކޮޅެއް ހިއްސާކުރެއްވުމުން އަޅުގަނޑުމެން އެ ބަލައިގަންނަންޖެހޭ ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. އެއީ ޙަޤީޤަތުގައި ވާނީ ޝިހާބުއްދީނުގެ ލިޔުންކޮޅަކަށެވެ. އަޅުގަނޑުމެންނާ ހަމައަށް މާޖިދު ގެނައީ އިނގިރޭސި ތަރުޖަމާއެވެ. މާޖިދުމެން ބޮޑު ތަކުރުފާނު ވާހަކަ ފަދަ ކިތަންމެ އެއްޗެއް ތަރުޖަމާކޮށްފައި އެބަހުއްޓެވެ. އެތަރުޖަމާތައް ހަމަ ނުލާހިކު ސީދާއެވެ. ދިވެހި ލިޔުމުގައިވާ ގޮތަށް ބަދަލުގެނެސްފަ އޮއްވާ ނުފެންނާނެއެވެ. ކޮންމެއަކަސް މިއީ އަޅުގަނޑުމެންގެ ލިޔުންތެރިން ވިސްނާލަންޖެހިފައިވާ އަދި ތާރީޚުން ފެންނަން ހުރި މިބޭނުންތެރި މައުލޫމާތުތަކަށް އަލި އަޅުވާލަން ޖެހިފައިވާ އެއާމެދުވެސް ވާހަކަ ދައްކާ މައުލޫމާތުތަކަށް ހަދަން ޖެހިއްޖެއެވެ. އެއީ އަޒީމެން ފަދަ ހުރިހާ ލިޔުންތެރިންނަށްވެސް އަޅުގަނޑުގެ އިލްތިމާސެކެވެ. ޖާގަ ތަންނުދޭތީ މިބުނާ ނަސްލާ ގުޅުންހުރި މައުލޫމާތުތަކާ މެދު އަޅުގަނޑުގެ ކޮމެންޓެއް އެހެން ކޮމެންޓަކުން އެބަ ހިއްސާކުރަމެވެ.
...
ލިޔުނީ ހުސޭން 1, 2011-05-10 03:47:53
އަޅުގަނޑު ކުރިން ދެންނެވި ޝިހާބުއްދީންގެ ލިޔުމަކީ ވަރަށް ގިނަ ގޮތްގޮތުން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނޭ ފަދަ ތާރީޚީ ހެކިތަކެއް ހުރި ލިޔުންކޮޅެކެވެ. އެލިޔުމަކީ އެދުވަސްވަރުގެ ދިވެހީން ތުންތުންމަތިން ކިޔަމުން އައިސްފައިޥާ ވާހަކަތަކެއް ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ. އެލިޔުމުގައި ވާގޮތުން ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ދިރިއުޅެން ފަށާފައިވަނީ އިންޑިއާގެ "ކަލިބަންޖާ" އިން އައި ދޭވީންނޭ ކިޔުނު ބައެކެވެ. އެންމެ ފުރަތަމަ ނަޒަރުން ވެސް މިއޮތީ އަޒީ ލިޔުއްވި މަޒުމޫނުގައި ބަޔާންކުރައްވާ ފަދައިން ރާއްޖެއަށް އިންޑަސްވާދީ ޙަޟާރަތް އުވިގެން ދިޔައިރު އެސަރަހައްދުގެ ކަލިބަންގަން އިން މީހުން އައި ކަން ސާބިތުވެފައެވެ. ޝިހާބުއްދީނުގެ ލިޔުމުގައި އެމީހުން އައި ތާރީޚު ދިމާވާކަން ވެސް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އާދެ މީލާދީގެ 1400 އަހަރު ކުރިން އިންޑަސްވާދީ ޙަޟާރަތް އުވިގެން ދިޔައިރު މިލިޔުމުގައި ބަޔާންކުރަނީ ދޭވީންނަކީ ކޮން ބަހަކުން ވާހަކަ ދައްކާ ބަޔަކު ކަމެއް ނުވަތަ ކޮން އިރަކު ރާއްޖޭގައި ވަޒަންވެރިވި ބަޔަކު ކަމެއް އެނގެން ނެތް ކަމަށެވެ. އެކަމަކުވެސް އެނގިފައިވާ ގޮތުގައި މިބައިމީހުން ރާއްޖޭގައި ވަޒަންވެރިވެފައި ވަނީ "މަލިކް އާޝޫޤު" އިންޑިއާގައި ރަސްކަންކުރުމުގެ ކުރީ ޒަމާނެއްގައި ކަމުގައެވެ. އާދެ! މަލިކް އާޝޫޤޭ އޮތުމުން އެއީ އިހުގެ ލިޔުންތެރިން އާދަވެފައި ތިބޭ ފަދައިން ނަން އަރަބި ކޮށްފައި އޮތީ ކަމަށް ޤަބޫލުކުރެވެއެވެ. މަލިކް އާޝޫޤު ކަމަށް ލިޔެފައި އެއޮތީ އިންޑިއާގައި ރަސްކަން ކުރެއްވި އެންމެ ނުފޫޒު ގަދަ އަދި އެންމެ ބާރުގަދަ އެއް ރަސްކަލަކު ކަމުގައިވާ ކިންގް އަޝޯކާ ކަން ވަރަށް ސާފެވެ. އަޝޯކާގެ ރަސްކަން ފެށުނީ މީލާދީގެ 304 އަހަރު ކުރިންނެވެ. އެއަށްވުރެ ކުރީގެ ޒަމާނެއްގައި ކަމުގައި ބުނެފާ އޮތުމުން އެނގެނީ އެއީ އެއަށްވުރެ ކުރީގެ އެނގެން ނެތް ކޮންމެވެސް ތާރީޚެއްގައި ކަމެވެ. ދެން މިބައިމީހުންނަކީ ކޮން ކަހަލަ ބައެއްތޯ ވިސްނާލާއިރު އެއްވެސް ޝައްކެއް ނެތި އެނގެނީ މިބައިމީހުން ވާނީ އިންޑަސްވާދީ ޙަޟާރަތުގެ އަހުލުވެރިންނަށް ކަމެވެ. ތާރީޚުން ފެންނަން ހުރި ހެކިތަކަށް ބަލާއިރު އެކިގޮތްގޮތަށް ވާހަކަ ދެކެވޭ ދެކެވުމުގައި އިންޑަސްވާދީގެ އަހުލުވެރިންނާމެދު ޢިލްމުވެރިނގެ އެކި ރައުޔުތައްވެއެވެ. އެއިން އެއް ރައުޔަކީ މިިބައިމީހުންނަކީ ޑްރެވީޑިއަން ނަސްލުގެ މީހުން ކަމުގައެވެ. އަދި އިންޑިއާގައި އާރިޔަނުން ވަޒަންވެރިވިއިރު މިބައިމީހުން އިންޑިއާގެ ދެކުނަށާއި އިރުމައްޗަށް ފައްސާލީކަމަށް ބުނެވެއެވެ. ކޮންމެ ގޮތެއްވިޔަސް އިންޑިއާގައި އާރިޔަނުން ވަޒަންވެރިވިއިރު "ދަސްޔޫ ދޭވީން" ނޭ ކިޔުނު އާރިޔަނުންނާ ދެކޮޅަށް ހަނގުރާމަކުރި ބަޔަކު ތިބިކަމަށް ފެންނަން އޮންނާތީ މިއީ ރާއްޖޭގައި ވަޒަންވެރިވި ފުރަތަމަ މީހުންނަށް ވުން އެކަށީގެންވެއެވެ. އެހެން ރައުޔެއްގައި ވާގޮތުން އިންޑަސްވާދީގައި އުޅުނީ އާރިޔަނުންނެވެ. ނަމަވެސް ވޭދިކް އާރިޔަނުންނެއް ނޫނެވެ. އެހެން ރައުޔުތަކެއް ބުނާގޮތުން މިއީ ގުރީކުން ނުވަތަ ސުމޭރިއަނުންނެވެ. ކޮންމެއަކަސް ދިރާސާކުރާ ފަރާތްތަކުން އިންޑަސްވާދީ ސަރަހައްދުން ފެނުނު ކަށިތަކުގެ ތަހުލީލުތައް ކުރިކުރުމުން ނިންމުމަކަށް އާދެވުނީ މިބައިމީހުންނަކީ މަސްހުނިވެފައިވާ ނަސްލެއްގެ ބަޔަކުކަމުގައެވެ. މެޑިޓަރޭނިއަން ސަރަހައްދުގެ މީހުންނާއި އޮސްޓްރަލޮއިޑުންނާއި މޮންގޮލޮއިޑުންގެ ނުފޫޒުވެސް ހިމެނޭ ނަސްލެއްކަމެވެ. އަދި މައިގަނޑު ގޮތެއްގައި މިބައިމީހުންގައި ހުރީ ޑްރެވީޑިއަން ނުފޫޒުކަން އެނގުނެވެ. މިބައިމީހުންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ސީދާ ޑްރެވީޑިއަނުންކަމަށް އެނގުނުކަމަށްވެއެވެ. އިންޑަސްވާދީގައި އުޅުނު މީހުންގެ ދީނަށް ބަލާއިރު އެބައިމީހުންގެ ތެރޭގައި އޮތީ މައިގަނޑުގޮތެއްގަ މަދަރ ގޯޑެސް ވޯޝިޕްކަންވެސް އެނގެން އެބައޮތެވެ. އާދެ! ދިރާސާ ބަޔާންކުރެއްވިހެން ދިވެހިންގެ ފޯކުލޯރުން މިކަން ރާއްޖޭގައި އޮތްކަމަށް ހެކިލިބެއެވެ. (ބާކީބައި ދެން މެސެޖެއްގަ)
...
ލިޔުނީ ހުސޭން 2, 2011-05-10 03:52:56
(ބާކީބައި) ދެން ޝިހާބުއްދީނުގެ ލިޔުމަށް އެނބުރި ރުޖޫއަވާއިރު ދޭވީންގެ ފަހުން ރާއްޖެ އައީ ކުނިބީންނާއި ރެދިންނާއި އާރިޔާއިން (އާރިޔަނުން) ނާއި އެފަދަ އެކި ގުރޫޕުތަކެވެ. ރެދިންނާއި ކުނިބީން އައީ މަހްރާސްތް (މަހަރާޝްތްރާ) އިން ކަމަށް އެލިޔުމުގައިވެއެވެ. (މިބައިމީހުންވެސް ވާނީ އާރިޔަނުންނަށް ކަމަށް ޤަބޫލުކުރެވެއެވެ. ރެދިން، ކުނިބީން މިއީ އިންޑިއާގައި ކިޔާއުޅޭ ކާސްޓް ނަންތަކަށް ވުން ގާތެވެ. ކުނިބީންނަކީ މަރާތީއިންގެ ކާސްޓެއްކަން އެނގެން އެބައޮތެވެ.) އެލިޔުމުގައި ވާގޮތުން އާރިޔަނުން ރާއްޖެއައީ މަލިކް އާޝޫގުގެ ރަސްކަމުގެ 3 ގަރުނުކުރިންނެވެ. އާދެ މީލާދީގެ 500 އަހަރު ކުރީގެ ތާރީޚެއްގައެވެ. އެހެންކަމުން ސިލޯނަށް އާރިޔަނުންއައި ކަމަށް ބުނެވޭ ތާރީޚާއި މިއޮތީ ގުޅުވާލެވިފައެވެ. އަދި މީގެ އިތުރަށް އެއަށްވުރެ ފަހުގެ ތާރީޚު ތަކުގައި ރާއްޖޭގެ އުތުރުގައި ދެކުނު އިންޑިއާ މީހުން އަދި ރާއްޖޭގެ ދެކުނުން ސުވާދިންމަތި (ހުވަދުއަތޮޅު) ގައި ސިންގަޅައިން ވަޒަންވެރިވި ވާހަކަ މިލިޔުމުގައި ވެއެވެ. މިފަދަ ވަރަށްގިނަ މައުލޫމާތު ޝިހާބުއްދީންގެ ލިޔުމުގައި ވެއެވެ. އެލިޔުމުގައި ވާގޮތުން ފުރަތަމަ އައި ދޭވީންނަކީ ރަސްކަމެއް ޤާއިމުކޮށްގެން ތިބި ބައެއް ނޫންކަމަށާއި އެބައިމީހުން ރާއްޖޭގައި އުޅެނިކޮށް ހިންދީ ދީނުގެ އާރިޔަނުން ރާއްޖެއައިސް އުޅެމުން ދަނިކޮށް ރާއްޖޭގައި ވަޒަންވެރިވެ ރާއްޖޭގައި ރަސްކަމެއް ޤާއިމުކުރީ ކަލިންގާއިން އައި ކިންގް ބްރަހްމާދީތްޔަގެ ދަރިކަލުން ސްރީ ސޫރުދާސަރުނަކަމަށެވެ. އޭނައަކީ އޭނާގެ ބައްޕަ ރުޅިއައިސްގެން ރާއްޖެ ފޮނުވާލި މީހެއްކަމަށެވެ. ދެން ރާއްޖޭގައި ބުދިޒަމް ޤާއިމުވީ މަލިކް އާޝޫގުގެ ރަސްކަން ފެށިގެން ކަހަލަ ގޮތަކަށް އޭނާ ފޮނުވި ބަޔަކުު ބުދިޒަމަށް ގޮވާލައި އެދީން ފަތުރަން އައުމުން ކަމަށެވެ. ކޮންމެއަކަސް ތާރީޚީގޮތުން ޤަބޫލުކުރެވޭ ފަދަ ގޮތަކަށް މިލިޔުމުން މައިގަނޑު ގޮތެއްގައި ހެކި ފެންނާން އެބަހުއްޓެވެ. އެއީ ޝިހާބުއްދީންގެ ދުވަސްވަރު ތުންތުންމަތިން ކިއެމުން އައި ވާހަކަތަކަކަށް ވެދާނެއެވެ. އެލިޔުމުގައި ޙަޤީޤަތުގެ ކުލަ ވަރަށްވެސް ބޮޑު ކަމަށް ޤަބޫލުކުރެވެއެވެ. މިފަދަ ލިޔުންތައް ދިރާސާކުރުން ވަރަށްވެސް މުހިންމެވެnn
...
ލިޔުނީ އަލީ, 2011-05-15 08:12:45
އަޅުގަނޑުމެން ދިވެހިންގެ ތާރީޚު ދިރާސާކޮށް އެފަދަ ކަންކަން ކުރުމަށް މިއުޅުއްވާ ބައެއް ލިޔުންތެރިން ހަމަ އެހާމެ ބޮޑަށް ރާއްޖޭގައި އުޅެ ތާޜީޚު ދިރާސާކުރައްވާފައިވާ ބައެއް ލިޔުންތެރިންގެ ލިޔުންތަކަށް އެއްވެސް ގޮތަކަށް އަލިއަޅުވާތަން އަދި ހަވާލާދޭތަން ނުފެނެއެވެ. އަޅުގަނޑު ދަންނަވާނީ ޙަޤީޤަތުގައި މިހާރު ދިވެހީންގެ ޙަޤީޤަތް ހޯދުމަށް އަޅުގަނޑުމެންގެ ތާރީޚާއި ލިޔުންތަކާއި ފޯކުލޯރާއި ވަސީލަތްތަކުން ހަމަ ފުދޭވަރަށް މައުލޫމާތު ލިބިފައިވާކަމުގައެވެ. ނަމަވެސް އަޅުގަނޑު ކުރިން މިދެންނެވި ސަބަބާހެދި އަޅުގަނޑުމެން ކުރިއަށް ދިއުމަށް ވަރަށް ބޮޑު ހުރަހަކާއި ކުރިމަތިވެފައިވާކަމުގައެވެ. އަޅުގަނޑުމެންނަށް ޙަޤީޤަތަކާ ހަމައަށް ވާސިލުވެވެން އޮތް ގޮތަކީ އަޅުގަނޑުމެން ހުރިހާ އެންމެންގެ ވެސް ލިޔުންތައް ބަލާ އެލިޔުންތަކުގައިވާ މައުލޫމާތުގެ ދެކޮޅު ބެލުމެވެ. އަޅުގަނޑަށް ފާހަގަކުރެވޭ އެއް ތަންކޮޅަކީ ޝޭވިއޭ ރޮމޭރީ ފްރިއަސްގެ ފޮތް "ދަ މޯލްޑިވްއައިލޭންޑަރސް - އަ ޕޮޕިއުލަރ ކަލްޗަރ އޮފް އޭން އެންޝެންޓް އޯޝަން ކިންގްޑަމް" އަށް އަޅުގަނޑުމެންގެ ލިޔުންތެރިން ހަވާލާދޭތަން ފެންނަން ނެތް ވާހަކައެވެ. ހަގީގަތުގައި ޝަވިއޭ އަކީވެސް ދިވެހިރާއްޖޭގައި އުޅެ ދިވެހި ފޯކުލޯރާއި އެއްޗެހި ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ ލިޔުންތެރިއަކަށްވުމުން އޭނާގެ ލިޔުންތަކުގައިވެސް ދިރާސާގެ މައްޗަށް ބިނާކޮށް ތެދު ވާހަކަ ވަރަށް ބޮޑަށް އެބަހުއްޓެވެ. އޭނާ އިސްލާމްދީނާ މެދު ކުރާ ނެގެޓިވް ކޮމެންޓްތަކެއް ހުއްޓަސް އަޅުގަނޑުމެން ދިވެހިންގެ މާޒީވަނީ އޭނަ އެބުނާ ކަހަލަ ބުދިސްޓުންނާއި މަދަރ ގޯޑެސް ވޯޝިޕް ކަހަލަ އަގީދާތަކުގެ މަތީގައެވެ. އެއީ ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ. ޝަވިއޭގެ ފޮތް ކިޔާއިރު ދިވެހި ފޯކްލޯރުން އިހު ދިވެހިންގެ އަގީދާއާމެދު ފެންނަން ހުރި ވަރަށް ގިނަ ހެކިތައް ބަޔާންކޮށްފައިވެއެވެ. މަދަރ ގޯޑެސް ވޯޝިޕް ފަދަ ކަންކަމެވެ. އެއީ ދިރާސާގެ ކޮމެންޓުގައި ވާފަދައިން އިހުޒަމާނުގައި އިންޑިއާގައި އޮތް ހިސްޓޯރިކަލް ވޭދިކް ރިލިޖަންގެ އަސަރުތަކެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އަޅުގަނޑުމެން ދިވެހިން އަމިއްލައަށް ވެސް ދިރާސާތައް ވަރުގަދަކޮށް ޝަވިއޭމެން ފަދަ އެންމެންގެ ލިޔުންތައްވެސް ބަލާ އެލިޔުންތައް ދިރާސާކުރުމުން އަޅުގަނޑުމެންނަށް ލައްކަ ގިނަ މައުލޫމާތު ލިބޭނެއެވެ. ކޮންމެ މީހެއްގެ ލިޔުމުގައިވެސް ޙަޤީޤަތުގެ ކުލަ ހުންނަ ދިމާލެއް އޮންނާނެއެވެ. އެމީހަކު އަދުގެ ހާލަތަށް ކިޔާ ފާޑުކިޔުންތަކަކީ ވަކިއެއްޗެކެވެ. އަޅުގަނޑުމެންވެސް އަޅުގަނޑުމެން ތެރޭގައި އިތުރަށް ލިބެން ހުރި ފުލޯކު ވާހަކަތަކާއި އެއްޗެހި އެއްކޮށް ދިރާސާކުރުމުން ވަރަށް ގިނަ މައުލޫމާތު އިތުރަށްވެސް ލިބޭނެއެވެ. ކޮންމެއަކަސް މިއީ ދިވެހި ލިޔުންތެރިކަން ވަކިން ޚާއްސަކޮށް ދިވެހި ތާރީޚަށްޓަކައި އަޅުގަނޑުމެން އެންމެން ވިސްނާލުން މުހިންމު ނުކުތާއެއް ކަމުގައި ވާތީ ދަންނަވާލީއެވެ.
... ލިޔުނީ އަލްޔަން, 2011-05-15 08:17:11
ދިވެހީންގެ އަޞްލު ދެނެގަތުމަށްޓަކައި ކޮންމެހެން ވެސް ސައިންޓިފިކް ތަހުލީލުތަކެއް ކުރަން ޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރަށްތަކެއް ޝާމިލުވާނޭހެން ކޮންމެ ރަށަކުން މީހުން ހިމަނައިގެން ޑީ.އެން.އޭ ސާމްޕަލްތައް ނަގާ ޖެނެޓިކް ތަހުލީލުތައް ކުރުމުން އެކި ނަސްލުތަކުގެ އަސަރު އަޅުގަނޑުމެންގެ ތެރޭގައި ހުރި މިންވަރު ދެނެގަނެވޭނެއެވެ. އަދި އަޅުގަނޑުމެންނާ އެންމެ ތިމާގެއީ ކޮން ބައެއްކަމާ މިހުރިހައި ކަމެއް ވެސް ދެނެގަނެވޭނެއެވެ. ތާރީޚުން ފެންނަން ހުރި ކަމަށް އެބުނާ ވާހަކަތަކުގައި ހުރި ބުރަދަނެއްވެސް އެނގިދާނެތާއެވެ. އަދި އޭގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންގެ ތެރޭގައި އެންމެ ބޮޑަށް ހުރީ ކޮން ބައެއްގެ އަސަރުކަން ވެސް ދެނެގަނެވޭނެއެވެ. މުޅި މިސަރަހައްދުންވެސް އަޅުގަނޑަށް އެނގިފައިވާގޮތުން މިފަދަ ތަހުލީލެއް ކުރެވިފައި ނުވަނީ އަޅުގަނޑުމެން ދިވެހިންގެ އެވެ. އެހެންކަމުން ދިވެހީންގެ ޖެނެޓިކް ތަހުލީލުތަކެއް ކުރުމަށް އަޅުގަނޑު ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. މިކަމުގައި އަޒީމެން ފަދަ ބޭފުޅުންނަށް އަދާކުރެއްވޭނޭ ރޯލު ބޮޑެވެ. އެހެންކަމުން އަޒީ އިސްނަންގަވައިގެން މިކަމުގައި އުޅުއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|