މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ކަނޑުން ފިރުކެމުން ވައިން އުދުހެމުން (7) |
|
|
| ދިވެހި - ތާރީޚް | |||
| 14 އޮގަސްޓް 2011، 00:12 އާދީއްތަ | |||
|
18 ޖުލައި (ހޯމަ) އާ ގުޅޭ.. ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ބޯޓުގެ އިންޖީނު އެހިންގައިލީއެވެ. ފުރަތަމަ، އެހިންގައިލީ އެއް އިންޖީނެވެ. އެއިންޖީނުގެ އާވި އުފެދުނުމުން، އެއްބުރަފަތި އެ އެނބުރިގަތީއެވެ...... އެ އނބުރިގަތީ ދެވަނަ ބުރަފައްޗެވެ. ދެން ތިނަވަނައެވެ.... ދެން، ހަތަރުވަނައެވެ. މިހާރު، ބޯޓުމިދަނީ ވަރަށް ހިތްގައިމުކޮށް ބިންމަތީ ދުވެލާފައެވެ..... މިހާރު، މަޑުމަޑުން، އެކަކަމު، ހަމަކަށަވަރުން، ބޯޓު މިއޮއް އަރަނީ މައްޗަށެވެ..... އައްޑޫ އަތޮޅުގެ ފެހިކުލައިގެ ގަސްތަކާއި،
ރުއްތަކުން ފުރިގެންވާ، ރަށްތައް ހީވަނީ ފައިދަށުގާ އަތުރާލާފައި ހުރިހެންނެވެ. ބޯޓު ދުއްވާލެއް ނުހަނު ބާރެވެ. މިދާވަރަށް ދަންޏާ، ދޮޅުގަޑިއެއްހާއިރުން، ކޮޅުނބަށް ދެވިދާނެއެވެ..... އެކަމަކު، ކޮޅުނބަށް ދެވޭނީ، ސިލޯނު އޮތް މިސްރާބަށް ދުއްވާނަމަ ނޫންތޯއެވެ؟ އަޅުގަނޑުމެންގެ ބޯޓަށް، އޯޑަރު އައިސްފައިވަނީ، ރިޔޯޑިގެނީރޯ ކައިރީގައިއުޅޭ، ދުޝްމިނުންގެ، ދެސަބްމެރިން އަތުލައިގަނެވޭތޯ ބެލުމަށެވެ. އެހެންކަމުން އަޅުގަނޑުމެންގެ ޕާރޓީގެ، ތިން މަތިންދާބޯޓުމެ ދުއްވީ، އެދިމާއަށެވެ....އަޅުގަނޑު މިއުޅެނީ، ހުވަފެނެއްގައިތޯއެވެ؟ ނުވަތަ ހަމަ ޙަޤީޤަތުގެ ދުނިޔެއެއްގައިތޯއެވެ؟ ޤަބޫލުކުރާން ކޮންމެއަކަސް ދައްޗެެވެ. ގަސްތުގައި ދުޝްމިނުންގެ ދެސަބްމެރީން ހޯދާންދާ އިނގިރޭސީންގެ ތިން މަތިންދާބޯޓުގެ އެއްބޯޓުގައި، އެކަކަށް މިއިނީ އަޅުގަނޑެވެ. އަދިހަމަ އެކަނިވެފައި އިނީއަކީވެސް ނޫނެވެ. އެމީހުންކުރާ ކަންކަމުގައި، އަޅުގަނޑަށް ބައިވެރި ވެވުނުވަރަކުން، މިއޮއް ބައިވެރިވަނީއެވެ. އަޅުގަނޑަކީ، އެބައިމީހުންގެ ތެރެއިން އެކަކު ކަމުގައި އެބައިމީހުންވެސް ބަލާކަހަލައެވެ! އަޅުގަނޑަށް މިފަދަ ތަޖުރިބާތަކާއި އުފަލެއް ދެއްވި ކަންމައްޗަށް، ސިލޯނުގެ ކޮމާންޑަރ އިން ޗީފްއަށް ހިތުގެ އަޑީން ޝުކުރުއަދާކުރަމެވެ. ދުވާލުގެ އަލިކަން، ރޭގަނޑުގެ އަނދިރިކަމަށް ތަންދޭން ފަށައިފިއެވެ. ބޯޓުގައި އެމީހެއްގެ މަސައްކަތަށް އެމީހަކު ނުހަނު ހުޝިޔާރުވެ، އެބަތިބޫއެވެ. ދުޝްމިނުންގެ ޙަރަކާތެއް ފެނޭތޯ އަބަދު ދުރުމީއަޅައަޅާ އެމީހުން އެބަތިބޫއެވެ. މެޝީންބަޑި ކައިރީގައި ތައްޔާރަށް އަނެއް ދެމީހުން އެބަތިބޫއެވެ. ވައިރްލެސް ކައިރީގައި އަނެކެކެވެ. ކޮންމެ މީހެއްގެ ނަޒަރުގައިމެ، އެމީހެއްގެ މުޅިދިރިއުޅުން ހިމެނިގެންވަނީ، އެމީހެއްގެ މަސައްކަތުގައިކަން ޔަޤީނެވެ. އެމީހެއްގެ ހިތާއި، ހަށިގަނޑުވަނީ، އެމީހެއްގެ ވާޖިބު އަދާކުރުމަށް ދޫކޮށްލައިފައިކަން ކަށަވަރެވެ.... ހަނދުވަރުގެ އަލިކަން ދުނިޔެމައްޗަށް ގަދަވަމުން އެބަދެއެވެ. އައްޑޫން ފުރިތާ ތިންހަތަރު ގަޑިއިރު ވެއްޖެއެވެ. ކުއްލިއަކަށް އިންޒާރުގެ ބަރުގޮނެއް ފުންމާލައިފިއެވެ. އެމީހެއްގެ މަސައްކަތުގައި، އެމީހެއްގެ އަތްފައިގާހުރި ކުޅަދާނަކަމެއް ދެއްކުމަށް ތައްޔާރުވެއްޖެއެވެ..... ވަރަށް ދުރުން ސަބްމެރީނެއްގެ އަލި، އިރުއިރުކޮޅުން ފެނެއެވެ. އުފާވެރިކަން ހުއްޓެވެ! އެއީ، މިހޯދަންއުޅޭ، ސަބްމެރީން ކަމުގައި ވެއްޖެނަމަ!.... "މިބަޑީގެ އެއްކޮޅު އުފުލައި ހިފަހައްޓައިދޭނުހޭ؟" އޮފިސަރަކު އަޅުގަނޑުގާތު ބުނެފިއެވެ. "ހިތުގެ އަޑީންނެވެ!" އަޅުގަނޑު ޖަވާބު ދިނީމެވެ..... "އެކުވެރިންހޭ؟ ދުޝްމިނުންހޭ؟" (ނުވަތަ ބޮޑުތަކުރުފާނު ވާހަކައިގާ، އަހާފަދައިން ކަނޑިބަޑިހޭ؟) އަޅުގަނޑުމެންގެ ބޯޓުން، ސިއްރުގެ ބަހަކުން، ވައިރްލެސް ސިގްނަލްއެއް، ސަބުމެރީނަށް ފޮނުވައިފިއެވެ. އަޅުގަނޑުމެން އެނެމެން، ޖަވާބެއް ނާންނާނޭކަމަށް، އުފަލުން ނޭވާ ހިފަހައްޓައިގެން ތިއްބާ ޖަވާބު އިސާހިތު ލިބިއްޖެއެވެ. ޖަވާބަކީ- (ހިތާމަހުއްޓެވެ! އާހް! އާހް!) "ތިމަންނަމެންނަކީ، އިނގިރޭސީންގެ ސަބުމެރީނެކެވެ!" ދުޝްމިނުންގެ ސަބުމެރީނެއް، ކަނޑު އަޑިއަށް ފައްތާލުމަށް، އަޅުގަނޑުމެން އެދުނު އެދުން ނުފުދުނީއެވެ. ދުޝްމިނުންގެ އެތައް ބައެއް، ހައްޔަރުކޮށްލައިގެން ގެންދިއުމަށް ރޭވިރޭވުންތައް، ތޮޅިއަށް ދިޔައީއެވެ.... އެކަމަކު، އަދި ދަތުރު އޮތީ ކުރިއަށެވެ. އެހެންވީއިރު ވާނޭގޮތެއް ނޭނގޭތާއެވެ. ކޮންމެއަކަސް، އެދުމަކީ، އިންސާނެއްގެ ހިތުން ފިލައިގެންދާ އެއްޗެއް ނޫނެވެ. 3 ބޯޓް އޮވެގެން ކުރިއަށް ދެއެވެ. ބޯޓްގައި، ކެއުމަކަށް ވާކަހަލަ އެއްޗެއް ކާކަށްނެތެވެ. މެދުގައު އެހެރަ ފެންނަނީ، އަޖާބުވާކަހަލަ ބޮޑު، ތަރުމާޒެއް ފުރާ ސައެވެ. އެހެރަ ފެންނަ ޑަބިޔާގައި އެހެރީ ހުސްބޮސްކޯދެވެ. ބަނޑުހައިގަންނާކަށް ނުޖެހޭނެނޫންތޯއެވެ؟..... މެންދަމުން އަލިވެ 3 ޖަހައިފިއެވެ. އެކަކުވެސް އެމީހެއްގެ މަސައްކަތަށް، ކުޑަކޮށްވެސް ކަންނެތެއް ނުވެއެވެ. ތިންގަޑި ބައިވީތަނާ، އެހެން ސަބުމެރީނަކާއި ދިމާވިއެވެ. 5 ޖެހިއިރު މަނަވަރަކާއި ދިމާވިއެވެ.... އެކަމަކު، ހިތާމާހުއްޓެވެ! ކޮޅުނެތްކޮޅަށް ހިތާމަހުއްޓެވެ. ހައްތާވެސް އިނގިރޭސީންގެ އެއްޗިއްސެވެ. އަޅުގަނޑުމެން ދުއްވާ ދުއްވާ، ދުޝްމިނުންގެ އެބުނާ ދެސަބުމެރީނަކާއި، ލައެއްނުގަތެވެ. އެހެންކަމުން އިރުއެރީމާ، ސިލޯނާ ދިމާއަށް ދުއްވާން ފަށައިފިއެވެ. އެދުވަހު، (6 ޖުލައި) ހެނދުނު 10 ޖެހިއިރު، (އައްޑޫން ފުރިތާ 15 ގަޑި ފަހުން) ސިލޯނުގެ ސީގިރިޔާ، ކިޔާ ފަރުބަދައިގެ ކައިރިއަށް ތިން މަތިންދާބޯޓް އައިސް ތިރިކޮށްލައިފިއެވެ. އެއީ، ކަނޑިއަށްވުރެވެސް ފަސްދޮޅަސް މޭލު، ބިއްދޮށުގައި އޮންނަ ތަނެކެވެ. އަޅުގަނޑުމެން ފޭބިއިރު، އަޅުގަނޑު ކޮޅުނބަށް އައުމަށް ކޮމާންޑަރ އިން ޗީފް، ކާރެއް ފޮނުއްވާފައި އޮތެވެ. ދެން އެކާރުގައި ކޮޅުނބަށް އައުމުގެ ދަތުރު ފަށައިގެން، އެދުވަހު މެންދުރުން އަނބުރާ 3 ޖެހިއިރު، ކޮޅުނބަށް އައިސް މިހޮޓަލަށް ފައިބައިފީމެވެ.... ހިތުގެ އަޑީން، ވެދުމާއި ޝުކުރިއްޔާ ދަންނަވައި، ދަތުރުގެ ވާހަކަ ކުރުކުރަމެވެ. އެންމެ ބޭފުޅުންނަށް، ގިނައިން ވެދުން ވިދާޅުވެދެއްވުން އެދެމެވެ. ގިނައިން ވެދުން. އަދި .... ޝުކުރިއްޔާ! މުޙިއްބުކުމުލްވަފާ މ.އ ------------- (ނިމުނީ) މި ލިޔުން: ޓައިޕްކުރުން: މުޙަންމަދު އަޙްސަން އަލުންބެލުމާއި ޝާއިޢު ކުރުން: އާދަމް ނަޞީރު އިބްރާހީމް މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ އިބްރާހިމް, 2011-08-14 06:39:50
ވަރަށް އިންޓްރެސްޓިން ވާހަކައެއް. މިފަދަ ވާހަކަތަކުން މައުލޫމާތު މުއްސަނދިވެ އިހުގެ ލިޔުންތެރިސްގެ ސްޓައިލް ވަރަށް ރަނގަޚަށް ހާމަވެގެންދޭ. އޭރުގެ ސިފަކުރުންތަކާއި މިހާރުގެ ސިފަކުރުންތަކާ ތަފާތުތަކެއްވޭ. އުއްމީދު ކުރަނީ އަދިވެސް މިފަދަ ލިއުންތައް މި ވެބް ސައިޓުން ފެންނާނެ ކަމަށް. ޝުކުރިއްޔާ
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|