ރެޖިސްޓްރީ ކުރެއްވުމަށްފަހު އަމިއްލަފުޅަށް މަޒުމޫނު ޝާއިޢުކުރަށްވާ ނުވަތަ ޕަބްލިޝް@ފަންވަތް.އިންފޯ އަށް މެއިލް ކުރަށްވާ

އަދުގެ ޚާއްސަ

Print

ޣާޒީ ބަންޑާރައިން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް

ދިރާސީ މަޒުމޫނު:

ބޮޑުތަކުރުފާނު ޕޯޗްގީޒުން ބަލިކުރެއްވީ ޙިކުމަތުޢަމަލީގެ ބޭނުން ކުރައްވައިގެންތޯ އެވެ؟

ނުވަތަ ހަމައެކަނި ބާރުގެ ބޭނުން ހިއްޕަވައިގެންތޯއެވެ؟

 


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ތަޢާރުފު:
އައްސުލްޠާނު މުޙައްމަދު ތަކުރުފާނުްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ ދިވެހި އުއްމަދުގެ "ޞަލާޙުއްދީނުލްއައްޔޫބީ" ކަމަށާއި އެއީ ދިވެހިރާއްޖޭގެ "މަހާތުމާ ގާނދީ" ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަމުއެވެ. މާނައަކީ ދިވެހި ޤައުމިއްޔަތުގައި އެ ތަކުރުފާނަށް ލިބިވަޑައިގެންފައިވާ މަޤާމަކީ ދުނިޔޭގެ މަޝްހޫރު އަބްޠާލުންނަށް ލިބިވަޑައިގެންފައިވާ ފަދަ ނުވަތަ އެޔަށްވުރެ ވެސް މަތިވެރި  މަޤާމެކޭ ދެންނެވުމެވެ. ދިވެހި ޤައުމު ޤައުމެއްގެ ގޮތުގައި މިއަދާ ހަމަޔަށް ދެމި އޮތުމުގެ އެއްމެ ބޮޑު ޙިއްޞާއެއް އަރުވަންޖެހެނީ އެ ރަދުންނަށެވެ. އާދެ! ޣާޒީ ބަންޑާރައިންނަށެވެ. އުތީމު ރަދުންނަށެވެ. އާދެ! ބޮޑުތަކުރުފާނަށެވެ.

ޣާޒީ ބަންޑާރައިންގެ ޚިދުމަތާ ބެހޭ ގޮތުންނާއި ޕޯޗުގީޒު ވަކިތަކުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމަށް އެ ތަކުރުފާނު ކުރެއްވި މަސައްކަތްޕުޅު ބައެއް މީހުން ތަފާތު ގޮތަގޮތަށް ތަރުޖަމާކޮށްގެން އެ ރަދުންގެ ޚިދުމަތުގެ ކުލަ ފަނޑުކޮށްލަން މަދުން ނަމަވެސް މަސައްކަތް ކުރެ އެވެ. އެހެން ނަމަވެސް ދިވެހި ޤައުމު ދެމި އޮތްހާ ދުވަހަކު އެ ނަންފުޅަކަށް ފަނޑުކަމެއް އަންނާނޭތޯއެވެ؟

މި ލިޔުމުގައި  އަޅުގަނޑު، ޖަވާބު ލިބޭތޯ މަސައްކަތްކުރާނީ ބޮޑުތަކުރުފާނު ޕޯޗްގީޒުން ބަލިކުރެއްވީ ޙިކުމަތުޢަމަލީގެ ބޭނުން ކުރައްވައިގެންތޯ ނުވަތަ ހަމައެކަނި ބާރުގެ ބޭނުން ހިއްޕަވައިގެންތޯއެވެ؟ ބޮޑުތަކުރުފާނުގެ ޙަޔާތްޕުޅުގެ މައްޗަށް މި ފޮތުގައި ނަޒަރެއް ދީފައިވާނީ 6 ފޮތެއްގެ އެހީގައެވެ. މުޅި މައުޟޫޢަށް އިންސާފުކޮށްފައިވާނީ ވަރަށް ޚުލާޞާ ގޮތެއްގައެވެ.
 
ނަންފުޅު:
ބޮޑުތަކުރުފާނަކީ އެ ތަކުރުފާނުގެ އެތައް ނަންފުޅަކުން ދިވެހިން އެތަކުރުފާނު ދަންނަ، ދިވެހީންގެ އެއްވަނަ ބަޠަލެވެ. "ވީކަމަކު ޤަރުނެއް ކިތަންމެ މި ފަސްގަނޑުން އަތްވަކުން އަދި ވާރެއިން ދޭ އަސަރަކުން" އެ ހަނދާނަށް ފަނޑުކަމެއް ނާންނާނޭ މަޝްހޫރު ބަޠަލެވެ. ތާރީޚީ ލިޔުންތަކުން ފެންނަ، އަދި ދޫދޫމަތީން ކިޔެމުން އަންނަ ކޮންމެ ނަންފުޅަކީވެސް ދިވެހީންނާ ރައްޓެހި، ދިވެހީން ދަންނަ ނަންފުޅެކެވެ. އެއީ އުތީމު ބޮޑު މުޙައްމަދެވެ. އުތީމު މުޙައްމަދު ތަކުރުފާނެވެ. އެއީ އެއްބަނޑު އެއްބައްޕާފުޅު ދެ "ތަކުރުފާނުން"ކުރެ ބޮޑު ތަކުރުފާނެވެ. އުތީމު ކަތީބު ތަކުރުފާނެވެ. އެއީ އަލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. އެއީ ޣާޒީ ބަންޑާރައިންނެވެ. އެއީ އުތީމު މަހާރަދުންނެވެ. އެއީ ޣާޒީ ރަދުންނެވެ. މިއިން ކޮންމެ ނަންފުޅަކީވެސް ދިވެހީން ދަންނަ ރައްޓެހި ނަންފުޅުތަކެކެވެ. މި ނޫނަސް އެތައްއެތައް ގޮތަކަށް އެ ރަދުންގެ ނަންފުޅު ދިވެހިން ކިޔައި އުޅެއެވެ. އަލްޣާޒީ މުޙައްމަދު ޝަމްސުއްދީންގެ ނަންފުޅުންވެސް ބައެއް ތާރީޚު ޢިލްމުވެރިން އެ ތަކުރުފާނުގެ ނަންފުޅު ގެންނަވައިފައި އެބަހުއްޓެވެ. އަދި މި ނޫނަސް މިފަދަ ކިތަންމެ ނަންފުޅަކުން އެ ތަކުރުރުފާނަށް ޚިޠާބުކުރެވެއެވެ.

ޢާއިލާ:
ދޫދޫމަތިން ކިޔެވި، ލިޔެވި ނަންގެނެވިފައިވާ ގޮތުން ބޮޑުތަކުރުފާނު ނިސްބަތް ވަނީ ހިލާލީ ދަރިކޮޅަށެވެ. އެ ތަކުރުފާނުގެ މުނިކާފާފުޅަކީ ބާރަށު (ނުވަތަ ބާރަށުގައި އުޅުއްވި) ކަޅު ހަސަން ކަލޭގެއެވެ. މިއީ ހިލާލީ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. އުތީމު ކަޅުޢަލީ ޚަޠީބު ތަކުރުފާނަކީ މި ދެންނެވި ކަޅު ހަސަންގެ އުފަން ބޭފުޅެކެވެ. ބޮޑުތަކުރުފާނަކީ، އުތީމު ކަޅުޢަލީ ޚަޠީބުތަކުރުފާނުގެ ހުސައިން ޚަޠީބުތަކުރުފާނުގެ ބޭފުޅެކެވެ. އެހެންވީމާ ބޮޑުތަކުރުފާނަކީ ރަސްމަތިފުށުގެ ޢާއިލާއަކުން ވަޑައިގެންނެވި ޝާހީ ޢާއިލާއެއްގެ ޤަދަރުވެރި ބޭފުޅެކެވެ.

ބޮޑުތަކުރުފާނުގެ މާމާފުޅަކީ (މުންނަ) މާޅޮސްމަޑުލު ހޮރުބަދޫ ބޭފުޅެއްކަމަށް ބައެއް މުއައްރިޚުން ލިޔުއްވައެވެ. ޙުސައިން ޚަޠީބުތަކުރުފާނު 2 ކައިވެނިފުޅެއް ކުރެއްވި އެވެ. އެއީ ތިލަދުންމަތީ މާރަންދޫ ބޭކަނބަލެއް ކަމަށްވާ މާރަންދޫ މުދިންކަލޭގެ ދަރިކަނބަލުން  އާމިނާ އާއި ތިލަދުންމަތީ އިހަވަންދޫ ފަގީރު ދައިތަގެ އާމިނާ ދިޔޯއެވެ. އާމިނާ ދިޔޯއާ ކާވެނިފުޅުބައްލަވައިގަތީ ކުރިން ކާވެނިބައްލަވައިގަތް އަނބިކަނބަލުން އަވަހާރަވީމައެވެ. އޭރު އެބަނޑުފުޅުން ފާޠުމަތު ކަމަނާފާނާއި (ދައިތާ ކަމަނާ، އަދި ފަހުން ފާތުމާ ކަނބައިދި ކިލެގެ) މަޝްހޫރު ޢަލިތަކުރުފާނެވެ.  ހަގު ބަނޑުފުޅުން ލިބިވަޑައިގަތީ މުޙައްމަދުތަކުރުފާނާއި (ބޮޑުތަކުރުފާނު) ޙަސަންތަކުރުފާނެވެ.

ތާރީޚުން އެނގޭ ގޮތުގައި ބޮޑުތަކުރުފާނު 2 ކާވެނިފުޅެއް ކުރެއްވިއެވެ. އެއީ ބާރަށު ބޯށިވަލު ބުޅާ ފާތުމާގެ ރެހެންދި (ފަހުން އާމިނާ ރަނި ކިލެކެ ނުވަތަ އާމިނާ ރެހެންދި) އާއި މަޝްހޫރު ޢަލި ރަސްގެފާނުގެ ދަރިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނެވެ.  އާމިނާ ރަނިކިލެގެ ބަނޑުފުޅުން ބޮޑުތަކުރުފާނަށް ބޭފުޅަކު ލިބިވަޑައިގަތެވެ. އެއީ ކަލާފާނެވެ.
   
ބޮޑުތަކުރުފާނު ކާވެނިފުޅުބައްލަވައިގަންނަވަންވެގެން އަނބިކަނބަލަކު ޚިޔާރުކުރެއްވީ ވެސް ނަސަބަކަށް ޙަސަބަކަށް ބައްލަވައިގެންނެއް ނޫނެވެ. އެ ތަކުރުފާނު އިސްކަމެއް ދެއްވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަން ހުރި މިންވަރެއްގެ މައްޗަށެވެ. ބާރަށު ބޯށިވަލު ބުޅާ ފާތުމާގެ ރެހެންދި ޚިޔާރުކުރެއްވީ އެކަމަނާގެ ވާހަކަފުޅުން މިކަންކަން ސާބިތުކުރެއްވިގެންނެވެ.  

ތުއްޕުޅު ޙަޔާތްޕުޅާއި ޒާތީ ޝަޚްޞިއްޔަތު:
ބޮޑުތަކުރުފާނަނަކީ ކަތީބުކަން ދެމިގެން އައި ޤަދަރުވެރި ޢާއިލާއަކުން ވަޑައިގެންނެވި ބޭފުޅަކަށް ވާތީ އެ ހަރުދަނާ ޢާއިލާގެ ފުރިހަމަ ތަރުބިއްޔަތު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެންމެ ތުއްޕުޅުއިރު ވެސް އެހެން ކުދީންނާ ތަފާތު ވިސްނުންފުޅެއް ގެންގުޅުއްވި ޙިކުމަތްތެރި ބޭފުޅެކެވެ. ޅަފުރާގެ ޢުމުރުފުޅުގައި ގިނަ ވަގުތު ހޭދަކުރެއްވީ ދިވެހި އެހެން ކުދީންނެކޭ އެއް ފަދައިން އަތިރިމަތީގައި ކުޅިވަރުކުޅުއްވާށެވެ. ޚާއްޞަކޮށް ރަށުގެ އާދަޔާ ޚިލާފު ރީތި ދޮންވެލި ތުނޑިމަތީގައި ދޫނި ހިއްޕަވާށެވެ. މަޅިފަތި ޖައްސަވައިގެން ދޫނިތައް ލައްވަމުން ވަޑައިގެން މަޅިފަތީގައި ޖައްސުވައިގެންނެވެ. ކޮންމެ ދޫންޏެއް ހިއްޕެވުމަށްފަހު އެސޮރުގެ މޮޔަކަމާމެދު ވާހަކަފުޅުދައްކަވައި އަދިވެސް ހިއްޕަވާނަމޭ ވިދާޅުވެފައި ދޫކޮށްލައްވަނީއެވެ. މި ޙަރަކާތްތައް، ބޮޑުތަކުރުފާނުގެ ބައްޕާފުޅު ސިއްރުން ބެއްލެވުމަށް ފަހު އެކަމުގައި ވަރަށް މުހިއްމު ޙިކުމަތެއް ވާކަމާއި އަދި އެ ޙަރަކާތުން ބޮޑުތަކުފާނަށް ލިބިވަޑައިގަންނަވަނީ ރަނގަޅު ތަރުބިއްޔަތެއްކަން ޙުސައިން ޚަޠީބުތަކުރުފާނަށް ވިސްނިވަޑައިގަތެވެ. އެހެންކަމުން އެކަން އެމަގަށް ކުރައްވަން ދޫކޮށްލެއްވިއެވެ. އަދި ފަރީއްކުޅުއްވައިގެން ހުންނަވައިތޯ ބައްލަވައި ފަރީއްކޮޅު އެރުއްވުމަށް އަލިތަކުރުފާނަށް ވަޞިއްޔަތްކުރެއްވިއެވެ.
       
އުތުރުކަރައިން ވިޔަފާރިކަމު އަންނަ ނައުޒޯގު ފަހަރު ތިލަދުންމައްޗަށް ގިނަގިނައިން އައިސް ހަދައެވެ. އެހެންކަމުން މި ފަދަ ނާފަހަރުގެ ބައެއް މީހުންނާ ޙުސައިން ޚަޠީބުތަކުރުފާނާ ދެމެދު ހިސާބެއްގެ ރައްޓެހި ކަމެއްވެސް އޮންނަނީ އުފެދިފައެވެ. މީގެ ތެރެއިން ބޭދާޅީ އެދުރުކަލޭފާނު (މުސްލިމު ޢިލްމުވެރިޔެއް) ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. މި އެދުރުކަލޭފާނު ވިޔަފާރިކަމު ދުރުވި ދަތުރެއްގައި އޭނާޔާ ވާހަކަފުޅުދައްކަވައިގެން އޭނާގެ ގާތުން ޢިލްމާއި ހުނަރާއި ފަންނުތައް ދަސްފުޅުކުރެއްވުމަށް އޭނާއާ އެކު ބޮޑުތަކުރުފާނު ކިޔަވައިވިދާޅުވުމަށްޓަކައި ދެކުނު އިންޑިއާގެ ބޭދާޅީއަށް (ބަދާގަރަ) ފޮނުއްވީއެވެ.
       
ބޭދާޅީގައި ކިޔަވައިވިދާޅުވަން ބޮޑުތަކުރުފާނު ހުންނެވި ހަތަރުވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޢިލްމުޙާޞިލުކުރެއްވުމުގެ އިތުރުން ބަޑި ހެވިކަން ވަރަށް މައްޗަށް ދަސްފުޅުކުރެއްވިއެވެ.  ވަކި އަމާޒަކަށް ސީދާކުރައްވައި ކިތަންމެ ފަހަރަކު ބަޑިޖެއްސެވޭ ވަރަށް އަމާޒު ހިއްޕަވަން ދަސްފުޅުކުރެއްވި އެވެ. "ދެން އެދުރުކަލޭގެފާނު ބުނެދެއްވި ގޮތްމަތީން މުޙައްމަދު ތަކުރުފާނު ބަޑިޖެއްސެވިޔޭ. ޖެއްސެވި ބަޑީގެ އުންޑަ ދޮން ރުވާފަތުގެ މައިތަނޑީން ދިޔައޭ. އަނެއް ބަޑި ޖެއްސެވިޔޭ. އަނެއް ބަޑި ޖެއްސެވިޔޭ. މި ގޮތަށް ތިން ބަޑި ޖެއްސެވިޔޭ. ތިން ބަޑީގެ ތިން އުންނޑަ އެއް އަމާޒުން ދުއްވެވިޔޭ". (ބޮޑުތަކުރުފާނު ވާހަކަ (ބުރާރު މުޙައްމަދުފުޅު ކިޔައިފައި ވާ ގޮތަށް) ޞަފުޙާ 411). މިއީ ބޮޑުތަކުރުފާނުގެ ބަޑިހެވިކަން ހުރި މިންވަރު ވަރަށް ރީތިކޮށް ހާމަކޮށްދެއްވުމަށް މުވައްރިޚަކު ލިޔުއްވައިގައިވާ ޢިބާރާތްކޮޅެކެވެ.
       
ބޮޑުތަކުރުފާނު ބޭދާޅީން އެނބުރި ރާއްޖެ ވަޑައިގަތްއިރު ހުންނެވީ އެޒަމާނުގެ އެންމެ މަތީ ފެންވަރަށް ޢިލްމާއި ހުނަރާއި ތަޖްރިބާ ލިބިވަޑައިގެންފައެވެ. އޭރު އެ ތަކުރުފާނަކީ ރޫފަ ރިވެތި، ތޫނުފިލި، އަޚުލާޤް ހަރުދަނާ ބޭފުޅެކެވެ.

ފުރެތިކާލުންގެ އަނިޔާވެރި ވެރިކަން:
ބޮޑުތަކުރުފާނުގެ ޒުވާން ދުވަސްވަރަށް އަޅައިގަތް އިރު ރާއްޖޭގެ ވެރިކަން ފޭރިގެން ތިބީ އޭރު މުޅިދުނިޔޭގައި މަޝްހޫރު "ކަޑުގެ ބާޒު" ކަމުގައިވާ ފުރެތިކާލުން(ޕޯޗްގީޒުން)ނެވެ. އެއީ ދުނިޔޭގެ ބާރުތައް މުޅި ދުނިޔޭގެ ކަނޑުތަކަށް ބާރު ފޯރުވަމުން ދިޔައިރު ދިވެހި ރާއްޖެ އޮތް މަޤާމުގެ ގޮތުން ދިވެހި ރާއްޖެ އަތްދަށުލަން ބޭނުންވެގެންނެވެ. ދިވެހި ރާއޖެ އަކީ އިންޑިޔާ ކަނޑުގައި ބާރު ހިންގުމަށް، "ސަރަޙައްދީ ބާރު ހިފެހެއްޓުމަށް ކޯއްޓޭތައް ބިނާކުރުމަށް ފަސޭހަ ބޭނުންތެރި ތަނަކަށް ވާތީއެވެ". ([ފުރަދާނަ – (ކޮން ޢަދަދެއްކަމެއް ސާފެއް ނުވި)] ދިވެހި ރާއްޖެއިން ހޯދޭނެ ޤުދުރަތީ ވަސީލަތްތައް މަދު ނަމަވެސް ވިޔަފާރީގެ ގޮތުންނާއި މުވާޞަލާތީ ރޮނގުން ދުނިޔޭގެ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ މުހިއްމު މަންޒިލަކަށް ވާތީއެވެ.
       
ކޮންމެއަކަސް، ފުރެތިކާލުންގެ ކަނޑުމަތީގެ ބޮޑު ލަޝްކަރެއް "ހިޖްރައިން 965 ހ. މިވަނަ އަހަރު ރަޖަބު މަހު 28 ވަނަ ދުވަހު (17 މޭ 1558 މ)"  މާލެ އަރައި، ހަނގުރާމަކޮށް އޭރު ތަޚުތުގައި އިންނެވި އަލްސުލްޠާން ޢަލީ VI ޝަހީދުކޮށްލައި ރާއްޖޭގެ މައްޗަށް ގަދަވެގަތީއެވެ. ދިވެހީންގެ ހަތަރު ސަތޭކަ އެތައް އަހަރެއް ވީ ރަސްކަމާއި ހިލާލީ ދަރިކޮޅުގެ ދުއިސައްތަ އެތައް އަހަރެއް ވީ ރަސްކަން ފޭރިގަތީއެވެ. މި ހިތާމަވެރި ޙާދިސާ ހިނގީ ހިޖްރައިން 965 ވަނަ އަހަރު ޝަޢުބާން މަހު ފުރަތަމަ ދުވަހުއެވެ. އެއީ މީލާދީ ސަނަތުން ނަމަ 19 މެއި 1558 އެވެ.  އެ ދުވަހަށް ފަހު ދިވެހި އިސްލާމީ ބިމުގައި އޮތް އިސްލާމީ ނޫރު ގެ އަލިކަން ފަނޑުވެ "އަނދިރިއަނދިރި" ދުވަސްތަކަކާ ކުރިމަތިވިއެވެ. ދިވެހި ރަށްވެހިކަމާއި މަޢީޝަތާއި އިޤްތިޞާދާއި އިޖްތިމާޢީ ޢަދާލަތު އެތައް އަހަރަކަށް ފަހަތަށް ޖެހުނެވެ. އިންޖީލާއި ޞަލީބު ހިފައިގެން ނަޞާދީނުގެ މީހުން ރާއްޖެ އައިސް ދިވެހީންގެ ދީނާއި ޢަޤީދާ ފަސާދަކުރުމަށް މަސައްކަތްކުރިއެވެ.
       
މި ދުވަސްވަރު ރާއްޖޭގައި ޕޯޗްގީޒުންގެ ފަރާތުން ވެރިކަމުގައި ހުރީ އަނދިރިއަނދިރީން (އަންދްރިއާސް އަންދްރޭ) އެވެ. ބޮޑު ތިލަދުންމަތީގައި ބާރުގަދަ އަތޮޅުވެރިޔެއްގެ މަޤާމުގައި ހުރީ، އަނދިރިއަނދިރީންގެ ޤާއިމަޤާމްވިޔަޒޯރު (ވެދޯރު) އެވެ. ބޮޑުތަކުރުފާނުގެ ވިސްނުންފުޅު ތޫނުކަމާއި ޙިކުމަތުޢަމަލީގެ ފުރިހަމަ ކަމުން ވިޔަޒޯރުގެ އަރިސްކަމާއި އިތުބާރު ޙާޞިލުކުރެއްވިއެވެ. މާލެއިން އުތުރުގެ ހުރިހާ ރަށެއްގެ ކަތީބުކަން (އަމުރުވެރިކަމުގެ ބާރު) ވެސް ލިބިވަޑައިގަތެވެ. އަދި ދިވެހި ރާއްޖެއިން ޕޯޗްގީޒް ސަރުކާރަށް ފޮނުވާ ޖިޒީއާ ޙަވާލުވެވަޑައިގެން އޮޅުދޫކަރަޔަށް ދަތުރުކުރެއްވުމުގެ އަމާނާތްވެސް ބޮޑުތަކުރުފާނާ ޙަވާލުކުރެއްވިއެވެ.

ބޮޑުތަކުރުފާނުގެ ނަޞްރާއި ފަތަޙަ:
ބޮޑު ތަކުރުފާނު ވިޔަޒޯރާއި އަދި ޕޯޒްގީޒް ވެރީންނާ ގުޅުން ބާއްވަވައި އަރިސްކަން ހޯއްދެވީ އެ މީހުންގެ ވަކިތަކުން ދިވެހި ޤައުމު ސަލާމަތްކުރެއްވުމުގެ ފުރުޞަތު ހޯއްދެވުމަށްޓަކައެވެ. ވިޔަޒޯރުގެ ފުރިހަމަ އިތުބާރާއި ފުރިހަމަ ޔަޤީންކަން ލިބިވަޑައިގަތުމުން ވިޔަޒޯރުގެ ފުރިހަމަ އެހީތެރިކަމުގައި "ފަތަޙައިގެ އުޅަނދު" ބެންނެވިއެވެ. އެހެން މީހުން އޭރު އޮޑިދޯނި ފަހަރު ބަނދެ އުޅުނު ގޮތާ ޚިލާފަށް އެ އުޅަނދު (ކަޅުއޮއްފުންމި) ބެންނެވީ ނިރޮޅުގެ ވަކަރުފުށް ބޭރަށް ވާ ގޮތަށެވެ. އެއީ ލޮނުއެޅުން ކުޑަވެ ދުވެލި ބާރުވުމަށް އެކަމުން އެހީތެރިކަން ލިބޭނެތީ އެވެ.
       
އުތީމުގައި ކަޅުއޮއްފުންމި ބަންނަވައި ނިމުމުން ދިވެހީންގެ ދީނާއި އިސްތިޤްލާލަށްޓަކައި އަދި ދިވެހީންގެ މިނިވަން ކަމަށްޓަކައި ޖިހާދާ ކުރިމަތިލެއްވުމަށް ބޮޑުތަކުރުފާނު ޢަޒުމްކަނޑައަޅުއްވައިފިއެވެ. ސިއްރިޔާތުގައި މިކަމުގެ ރޭވުންތައް ރޭއްވެވީ އުތީމުގައެވެ. އުތީމު ކަނދުވަލު މިސްކިތުގައި ފަތިސްނަމާދުކުރައްވައި ފަތަޙައަށް އެދިވަޑައިގެން 2 ރަކުޢަތުގެ ނަމާދެއްކުރައްވައި މި "ޖިހާދުގެ ލަޝްކަރު" އެއްބަސްވީ މިނިވަންކަން ނުލިބެނީސް ނުވަތަ މާތް ﷲ ގެ މަގުގައި ޝަހީދުނުވަނީސް މި މަސައްކަތްޕުޅަށް ކުޑަވެސް ދުލެއް ނުދެއްވުމަށެވެ. މި ކުޑަކުޑަ ލަޝްކަރުގެ ކޮމާންޑަރަކީ ބޮޑުތަކުރުފާނެވެ. ދެން ތިއްބެވި ވެރީނަކީ އެ ތަކުރުފާނުގެ ދެ އަޚުންކަމުގައިވާ ޙަސަންތަކުރުފާނާއި ޢަލިތަކުރުފާނެވެ. އެހީތެރީންގެ ގޮތުގައި ތިއްބެވީ ތިމަރަފުށީ ޢަލީ ޙާޖީއާއި ޙަސަން ޙާޖީ އެވެ. ދެން ނޮޅިވަރަންފަރު އެދުކަލޭފާނާއި ދުވާފަރު ދަންޑެހެލެވެ.
       
މި ބޭފުޅުންގެ މި ލަޝްކަރު ހަނގުރާމަފެއްޓެވީ ވިސްނުންފުޅާއި ޑިޕްލޮމެސީގެ ބޭނުން ފުރިހަމަޔަށް ހިއްޕަވައިގެންނެވެ. ގޯވާއިން ބައެއް ހަތިޔާރު ގެންނެވި އެވެ. ކަންނަންނޫރު ޢަލީ ރާޖާއާ ކުރެވުނު އެގްރީމެއްޓެއްގެ ދަށުން އޭނާގެ އެހީތެރިކަން ހޯއްދެވިއެވެ. ޕޯޗުގީޒު ސަރުކާރުގެ ފުރިހަމަ އިޚުތިޔާރާއި ބާރު ލިބިގެން ހުރި ވިޔަޒޯރުގެ ހުރިހާ ރޭވުމެއް ފޫއަޅުވައިލައްވަމުން މާލޭގައި ތިއްބެވި މުސްލިމް ފަހުލަވާނުންނާ ބޮޑުތަކުރުފާނުގެ ލަޝްކަރުން މުޢާމަލާތުކުރައްވަމުން ގެންދެވިއެވެ. އެ ޒަމާނުގައި ޕޯޗްގީޒު ސަރުކާރުން ވެސް ބޭނުންކުރާނޭ ހުރިހައި ހަތިޔާރެއް ޖަމާކުރައްވައި އަތްމަތިކުރައްވައިގެންނެވެ.
       
ބޮޑުތަކުރުފާނު ރާއްޖެ މިނިވަން ކުރެއްވުމުގެ ޖިހާދުކުރެއްވީ ގެރިއްލާ ހަނގުރާމައެއްގެ ސިފައިގައެވެ. ރޭގަނޑު ފުރަދަންވަރު ރަށްރަށަށް އަރައިވަޑައިގެން ކާފަރުންނަށް ޙަމަލަދެއްވައި ސަލާމަތުން އެނބުރިވަޑައިގެން ޕޯޗްގީޒުންނަށް ނުފެންނަ ހިސާބު ދުރަށް ވަޑައިގަންނަވަނީއެވެ. މި ގޮތަށް މަސައްކަތް ކުރެއްވި ދުވަސްވަރު، މި ޓީމުގެ އިސް އެއް ފަހުލަވާނު ކަމުގައިވާ ޢަލިތަކުރުފާނު ޝަހީދުވިއެވެ. އެއީ ތަކަންދޫއަށް އަނބިކަނބަލުން އަރިހަށް ވަޑައިގެން އެނބުރި ކަޅުއޮށްފުންމިއަށް ވަޑައި ނުގެންނެވިގެން އެ ރަށުގައި ތާށިވާގޮތް ވީއެވެ. ޕޯޗްގީޒުން މި ތަކުރުފާނުގެ އިސްތަށިފުޅު ކަޑައިލައިގެން އަނދިރިއަނދިރީންގެ ދަރުބާރަށް ފޮނުވިއެވެ. ދިވެހީން މި އިސްތށިފުޅުން ވަގަސް ނަގައިގެން މާލެ އަތޮޅު ފުނަދޫގައި ފަސްތާނުލީއެވެ. މިހާރުވެސް މި އިސްތަށިފުޅުގެ މަހާނަފުޅު އެހެރީއެވެ.  
       
ހިޖްރައިން 981 ވަނަ އަހަރު ރަބީޢުލްއައްވަލު މަހު ފުރަތަމަ ވިލޭރޭ، ފަތިސްދަންމަތިވެގެން އައިއިރު ބޮޑުތަކުރުފާނުގެ ޖިހާދު ލަޝްކަރުގެ މާލޭ ހެޑްކުއާރޓަރުން ފެންނަނީ އާދަޔާ ޚިލާފު މަންޒަރެކެވެ. އާދެ! ޤާޟީ ދޮންކޮރަލިތަކުރުގެ އަބޫބަކުރާއި އޭނާގެ އެކުވެރިން އެއްވެ ހިތްވަރުގަދަ ބަސްތައް އަމުނަމުން މާދަމާގެ ސަލާމަތަށް އެދި ﷲ އަށް ދުޢާ ދަންނަވަނީއެވެ. އެންމެ ފަހު މީހާއަށް ދާނދެން އިސްލާމްދީނަށް ޓަކައި ހަނގުރާމަކުރުމަށް ޢަހުދު ކަށަވަރު ހިއްޕަވަނީއެވެ. ހެންވޭރު ވަލުމައިޒާންދޮށުގޭގައި މި ޙަރަކާތްތައް ހިނގަމުން ދަނިކޮށް ބޮޑުތަކުރުފާނުގެ ލަޝްކަރު މާލެއަރައި ޕޯޗްގީޒްކިއްލާއާ ޙަމަލަދެއްވީއެވެ. وكان حقا علينا نصرالمؤمنين  މި އާޔަތުން ހިތްވަރުލިބިވަޑައިގެން ދެއްވި މި ޙަމަލާއިން ޕޯޗްގީޒުންގެ މައްޗަށް ފަތަޙަ ހޯއްދެވިއެވެ. އޭރު ރާއްޖޭގައި ތިބީ 300 ވަރަކަށް ޕޯޗްގީޒުންނެވެ.

ބޮޑުތަކުރުފާނުގެ ރަސްކަމާއި ޚިދުމަތްތައް:
 ބޮޑުތަކުރުފާނުގެ ރަސްކަމަކީ ދިވެހީންނަށް ފާގަތި ދުވަސްތަކެކެވެ. އަމްނު އަމާންކަން ޤާއިމުވެފައި އޮތް ދުވަސްވަރެކެވެ. ބޮޑުތަކުރުފާނަކީ އެ ޒަމާނުގެ އެންމެ މަތީ ފެންވަރަށް ޢިލްމާއި ހުނަރާއި ފަންނު ލިބިވަޑައިގެން ހުންނެވި ޤާބިލު ބޭފުޅެކެވެ. އެހެންކަމުން އެ ތަކުރުފާނަށް ރަސްކަން ލިބިވަޑައިގަތުމުން ދައުލަތުގެ ކަންކަން ވަރަށް ފުރިހަމަޔަށް އިންތިޒާމްކުރެއްވިއެވެ. ރަސްމީ ފަތްކޮޅުތައް (ސިޓީތައް) ފެށުމުގައި ދައުލަތުގެ ނިޝާނެއްގެ ގޮތުން هوالغنى ލިޔުއްވަން ފެއްޓެވީ އެ ރަދުންނެވެ. އަދި މިނިވަން އިސްލާމީ ދައުލަތެއްގެ ގޮތުގައި الد ولةالمحلديبية ރަސްމީ ގޮތުން  އުފެއްދެވީ އެ ރަދުންނެވެ. އަދި އަދަށްދާނދެންވެސް ދައުލަތުގެ ނިޝާނުގައި ލިޔެވިފައިވަނީ މި ނަމެވެ. ބޮޑުތަކުރުފާނު ޤައުމަށް ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ޚިދުމަތަކީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޯހިމަނުއްވައި މީސްތަކުންގެ މައްޗަށް އިޤްތިޞާދު ހަމަޖެއްސެވުން ހިމނެއެވެ. ދިވެހީންގެ މަދަނިއްޔަތާއި ޙަޟާރަތް އަލުން އަނބުރައި އިޢާދަކުރެއްވިއެވެ. އުވިދިޔަ މިސްކިތްތައް އަލުން ބިނާކުރައްވައި އެ މިސްކިތްތައް ބަލަހައްޓަވަން "ބޯގަ" ހަމަޖައްސަވައިދެއްވިއެވެ. ދިވެހި ލަޝަކަރު އުފައދަވައި އެމީހުންނަށް ހަނޑުލުން މުސާރަދެއްވަން ފެއްޓެވިއެވެ. މާލޭގައި ދިފާޢީ ޙަމަލާގެ ބުރުޒުތައް ބިނާކުރައްވައި ދިވެހި ލަޝަކަރަށް ހެވިކަމުގެ ތަމްރީނުދެއްވަން ފެއްޓެވިއެވެ. ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޝާފިޢީ މަޒުހަމަށް ހިންގަވާން ފައްޓަވައި މާލޭގައި ފަނޑިޔާރުކަމުގެ މަރުކަޒު ބިނާކުރެއްވިއެވެ. އަދި ރާއްޖެތެރެއަށް ހުއްދަފަތް (ފަރުޟް، ޙަރާމް، ޙަލާލު، ސުންނަތް އެންގެވި ލިޔުން) ފޮނުއްވައި ދީނުގެ މައްޗަށް ރައްޔިތުން ހެއިއެރުއްވިއެވެ. ރާއްޖޭގައި ފުރަތަމަފަހަރަށް ލީގަލް ޓެންޓަރެއް (ޤާނޫނީ ފައިސާ) ތަޢާރަފުކުރެއްވުމުގެ ގޮތުން ބޮޑުލާރި ޖެއްސެވިއެވެ.
       
ބޮޑުތަކުރުފާނު އަބުރުވެރިކަމާއި ފާގަތިކަމާއެކު  12 އަހަރަށް ވުރެ ގިނަ ދުވަހު ރަސްކަންކުރެއްވުމަށްފަހު ފުރައުއްތަވީ 1585 މ. ވަނަ އަހަރުގައެވެ. ފަސްދާނުވެޑުވިފައިވަނީ މާލޭ ބިހުރޯޒުކަމަނާ މިސްކިތުގައެވެ. {إنالله وإنا إليه راجعون} . އުތީމު މަހާރަދުންގެ ޒިޔާރަތް މިހާރުވެސް ތާރީޚީ ތަރިކައެއްގެ ގޮތުގައި ދެމިއެބަހުއްޓެވެ.
 
އުތީމު ދަރިކޮޅުގެ ރަސްކަން:
ބޮޑުތަކުރުފާނު، އައްސުލްޠާނުލްޣާޒީ މުޙައްމަދުތަކުރުފާނުލްއަޢުޡަމް ސިރީސަވާދީއްތަ މަހާރަދުން (1585-1573) ގެ ނަންފުޅުގައި ދިވެހި ތަޚުތުގައި ވެޑުވުމާއެކު އުތީމު ދަރިކޮޅުގެ ރަސްކަން ފެށުނީއެވެ. ބޮޑުތަކުރުފާނަށްފަހު  ދިވެހި ތަޚުތުގައި ރެދަލިކުރެއްވީ ބޮޑުތަކުރުފާނުގެ ދަރިކަލުން އައްސުލްޠާން އިބްރާހީމް ކަލާފާނު ސިރީ ސުއްދަ ސުވަރުދަ މަހާރަދުން (1609-1585)އެވެ. އުތީމު ދަރިކޮޅުގެ ދެވަނަ ރަދުންނެވެ. އުތީމު ދަރިކޮޅުގެ ރަސްކަން 122 އަހަރަށް ދެމިގެން ދިޔައިރު އެ ދަރިކޮޅުން 7 ބޭފުޅަކު ރަސްކަންކުރެއްވިއެވެ. ބޮޑުތަކުރުފާނުގެ ދެ ބަފައިކަލުންނަށް ފަހު އެ ދަރިކޮޅުން ރަސްކަންކުރެއްވި ބޭފުޅުންނަކީ އައްސުލްޠާން ޙުސައިން II (ފާމުލަދޭރިކިލެގެފާނު) (1620 - 1609) އާއި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ބޮޑު ރަސްގެފާނު) (1648-1620) އާއި އައްސުލްޠާން އިބްރާހީމް I (އިސްކަންދަރު ރަސްގެފާނު) (1687-1648) އާއި އައްސުލްޠާން ކުޑަމުޙައްމަދު ރަސްގެފާނު (1691-1687) އާއި އައްސުލްޠާން މުޙައްމަދު މުޙުޔިއްދީނުލްޢާދިލް (1692-1691) އެވެ. މީގެ އިތުރުން އައްސުލްޠާން އައްސައްޔިދު މުޙައްމަދު ޝަމްސުއްދީން ސިރީ ހިކާޅި ވިދާދީއްތަ މަހާރަދުން (1692-1692)ނާއި އައްސުލްޠާން މުޙައްމަދު ސިރީ ކުލަރަންމަނި މަހާރަދުން (ދެއްވަދޫ ރަސްގެފާނު)(1701-1692) އަކީވެސް އުތީމު ދަރިކޮޅުގެ ދެ ރަސްކަލުންކަމަށް ބައެއް މުވައްރިޚުން ލިޔުއްވައެވެ.  އެހެންކަމަށް ވާނަމަ އުތީމު ދަރިކޮޅުން ޖުމުލަ 9 ރަސްކަލުން 131 އަހަރު ރަސްކަންކުރެއްވީއެވެ.

ޤައުމީ ދުވަސް:
ބޮޑުތަކުރުފާނުން ފުރައުއްތަވީއްސުރެ ކޮންމެ އަހަރެއްގެވެސް  ރަބީޢުލްއައްވަލުމަހު ފުރަތަމަ ދުވަސް ދިވެހިން އައީ ފާހަގަކުރަމުންނެވެ. ދައުލަތުގެ ފަރާތުން އޭރަކު ރަސްކަމުގައި އިންނެވި ރަސްކަލެއްގެ ނަންފުޅުގައެވެ. ރައްރަށުގެ ރައްޔިތުންވެސް އުތީމު ބަންޑާރައިންގެ އަހަރުމަތިފުޅު އައީ ފާހަގަކުރަމުންނެވެ. އެދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައި އެންމެ ފުރަތަމަ ސަރުކާރުން ފާހަގަކުރެއްވީ 4 ފެބްރުއަރީ 1946 (1 ރަބީޢުލްއައްވަލު 1356) ގައެވެ. މިކަން މި މަގަށް ފެއްޓެވީ އަލްއަމީރު މުޙައްމަދު އަމީނެވެ. އަމީން ދީދީގެ ދައުރު ނިމުމާއެކު، މިކަމަށް ހީނަރުކަން އައިސް ޤައމީ ދުވަސް އެހެން ދުވަހަކަށް ބަދަލުވެގެންދިޔައެވެ. އަދި މިނިވަން ދުވަހާއި ޤައުމީ ދުވަހަކީ 1969 ން ފެށިގެން ޖުލައި 26 ކަމުގައި ހަމަޖެހުނެވެ. އެއީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެކެފާނުގެ ދައުރުގައެވެ. ޤައުމީ ދުވަހަށް އޭގެ މަޤާމު އަލުން އަނބުރައި ހޯއްދަވައިދެއްވައި ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލުމަހު 1 ކަމުގައި ދެވަނަ ފަހަރަށް ހަމަޖެއްސެވީ އަލްއުސްތާޛު މައުމޫން ޢަބްދުލަޤައްޔޫމެވެ. މިހާރު އެއީ ޤާނޫންއަސާސީގައި ކަނޑައެޅިފައިވާ ދުވަހެކެވެ.

ނިންމުން:
އިސްވެ ބަޔާންކުރެވުނު ވާހަކަތަކުގެ އަލީގައި ދެންނެވެން އޮތީ ބޮޑުތަކުރުފާނަކީ އާދެ! އައްސުލްޠާނުލްޣާޒީ މުޙައްމަދުތަކުރުފާނުލްއަޢުޡަމު ސިރީސަވާދީއްތަ މަހާރަދުންނަކީ އެފަދަ ދެވަނައެއް ނެތްފަދަ ހަރުދަނާ ޤައުމީ ބަޠަލެކެވެ. ވިސްނުންފުޅު ތޫނު ޙިކުމަތްތެރި ހުޝިޔާރު ބޭފުޅެކެވެ. ދުރުވިސްނިވަޑައިގަންނަވާ ކެތްތެރި މުރާލި ފަހުލަވާނެކެވެ. ޕޯޗްގީޒުންގެ އަނިޔާވެރި ވަކިތަކުން ޤައުމު ސަލާމަތްކުރެއްވުމުގައި ވިސްނުންފުޅާއި ޙިކުމަތު ޢަމަލީގެ ބޭނުން ވަރަށް މައްޗަށް ހިއްޕެވިއެވެ. އެ ޕޯޗްގީޒު ވެރީންނާ ގުޅުން ޤާއިމުކުރައްވައި އެ މީހުންގެ އެހީގައި "ޖިހާދުގެ އުޅަނދު ބެންނެވުމާއި ޕޯޗްގީޒްގެ ޖާސޫސީ ލޯތަކަށް ނުފެންނަ ގޮތަށް މާލެޔާ މުޢާމަލާތުކުރެއްވި ގޮތާއި ބޭރުގެ އެހީއާއި މަދަދު ހޯއްދެވި ފުރިހަމަކަން ދައްކުވައިދެނީ އެ ތަކުރުފާނު ބޭނުންފުޅުކުރެއްވި ޙިކުމަތު ޢަމަލީ އެވެ. އެހެންވީމާ ދަންނަވަން ޖެހެނީ ބޮޑުތަކުރުފާނު، ޕޯޗްގީޒުންގެ ވަކިތަކުން ރާއްޖެ ސަލާމަތްކުރެއްވުމުގައި ޙިކުމަތު ޢަމަލީ ވަރަށް މަތިވެރި ދަރަޖައަކަށް ބޭނުންފުޅު ކުރެއްވި ކަމުގައެވެ.

އާދޭހެވެ! ބޮޑުތަކުރުފާނަކީ ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ހަރުދަނާ ވެރިޔެކެވެ. އެ ރަދުންގެ މުޅި ޙަޔާތްޕުޅުންވެސް ފެންނަން އޮތީ މިދެންނެވި ބަހުގެ ފުރިހަމަ ހެކިތަކެވެ. ކޮންމެއަކަސް ބޮޑުތަކުރުފާނަކީ "ވީކަމަކު ޤަރުނެއް ކިތަންމެ މި ފަސްގަނޑުން، އަތްވަކުން އަދި ވާރެއިން އައި ބަދަލަކުން" އެ ހަނދާނަތަކަށް ފަނޑުކަމެއް ނާންނާނޭ އަގުހުރި ދިވެހި ދަރިއެކެވެ. ރާއްޖޭގެ އެއްވަނަ ޤައުމީ ބަޠަލެވެ.

ކީރިތިވަންތަ މާތް ﷲ ބޮޑުތަކުރފާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވާށިއެވެ! އެ ތަކުރުފާނުގެ ރޫޙުން ހިތްވަރު ލިބިގެން ޤައުމަށް ޚިދުމަތްކުރާނޭ ހިތްވަރު ގަދަ، ދަރީންތަކެއް ދިވެހި ބިމުން އަޅުގަނޑުމެންނަށް ދައްކަވާށިއެވެ! އާމީން!

                    "ޤައުމަކަށް ކުޅަ ޚިދުމަތެއް މީހާގެ ނަން މަތިވެރިވެދާށި!
                                            އައުކަމާ ތާޒާކަމާ ފެހިކަން ނަމަށް ދާއިމް ވެދާށި!"
-----------
(ނިމުނީ)

        
މަޢުލޫމާތު ހޯދުމުގައި ރުޖޫޢަވި މައިގަނޑު ވަސީލަތްތައް:
     Habeeba Hussain Habeeb. Muhammad Thakurufaan, The Great. (1988). (publisher unkonown)
     ޙުސައިން ޞަލާހުއްދީން. (1359) ބޮޑުތަކުރުފާނު ވާހަކަ. (1959). 2 ވަނަ ޗާޕު. މާލެ: ނޮވެލްޓީ ޕްރެސް
     އަޙުމަދު ޝަކީބު. ބޮޑުތަކުރުފާނު. (1999). މާލެ: (ޗާޕުޚާނާ އެނގޭކަށް ނެތް)
     އިބްރާހީމް ބިން އިސްމާޢީލް ފީބޯ. ބޮޑުތަކުރުފާނު ވާހަކަ – ބުރާރު މުޙައްމަދު ކިޔައިފައި ވާ ގޮތަށް. (1377 ހ) (ޗާޕުޚާނާ އެނގޭކަށް ނެތް)
     Mohamed Farook. Muhammad Thakurufaan by Salahuddin. (1986). Male’: Novety Printers and Publishers
     Royston Ellis. A Hero in Time. (2000). Singapore: Times Edition  

ހަމަމިގަލަމުން

އިދާރާ

ވާހަކަ