މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އޮނަވިހީގެ ބަދަލުގައި "ނަވާރަ" މި ނަން އުފެއްދީ ދިވެހި ކުޑަކުއްޖެކެވެ. |
|
|
| ދިވެހި - ތާރީޚް | |||
| 11 ޑިސެމްބަރ 2011، 18:33 އާދީއްތަ | |||
|
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ދިވެހީގެ ގުނުން ނުވަތަ ވިޔައަކުރުގެ ނަންތައް ދިވެހިބަހުން މި ހުންނަނީ އަވަށްޓެރި ޤައުމުތަކުގެ ބަސްތަކުގައި ވެސް ހުންނަކަހަލަ ގޮތަކަށެވެ. މި ގޮތަށް މި ދިމާވަނީ މި ހުރިހާ ބަސްތަކެއްގެ މައި ބަހަކީ އެއް ބަހެއް ކަމުގައިވާ ސާންސްކިރިތު ބަސް ކަމަށް ވާތީ ކަމަށް ދެންނެވިދާނެ އެވެ. މިސާލަކަށް: 1، 2، 3، ... އޭކު، ދޯ، ތީން،.... (ހިންދީ)، އެކައި، ދެކައި، ތުނައި،... (ސިންގަޅަ)، ސަތޫ، ދުއާ، ތިގާ.... (މެލޭޝިއާ)، އެކްޓާ، ދުއިދިއާ، ތިންދިއާ...... (ބަނގްލަދޭޝް)، ..... މިފަދަ ގޮތްގޮތަށެވެ. މި ގޮތަށް ޢަދަދު ކިޔަމުން ގޮސް 19 އާއި 20 އަށް ދިވެހިބަހުން ކިޔަނީ އޮނަވިހި ވިހި މިހެންނެވެ. ހިންދީ ބަހުން ކިޔާކަމަށް ވަނީ އުންނީސް ބީސް އެވެ. އަޑުގެ ވަރަށް ކައިރިކަމެއް އެބަހުއްޓެވެ. އެގާރަ، ބާރަ، ތޭރަ، ސާދަ، ފަނަރަ މިހެންކިޔަމުން ގޮސް އަށާރަ ކިޔުމަށްފަހު، ދެވަނަ ދިހަޔާ ހަމަޔަށް ނުދަނީސް މި އުޞޫލު ބަދަލުވެ 19 އަށް އޮނަވިހި ކިޔަމުން އައެވެ. މިހާރުވެސް ބައެއް މީހުން އެ ގޮތަށް ކިޔައެވެ. ކުޑަކުދީންނަކީ ކަންކަމާމެދު ވަރަށް ބޮޑަށް ފިކުރު ހިންގާ ބަޔެއްކަން ތަޖުރިބާތަކުން ސާބިތުވެ އެވެ. މިކަމާ ބެހޭ ގޮތުންވެސް އާދެ ވިޔައަކުރުގެ ނަންތަކާ މެދު ވެސް ދިވެހި ކުޑަކުއްޖަކު ޚިޔާލު ފާޅުކޮށް މިިކަމުގެ ޢިލްމުވެރީންނަށް އެ ޚިޔާލު ހުށަހަޅައިގެން މިކަން ބަދަލުކުރުމަކީ ކުޑަކަމެއް ނޫނެވެ. މި ދަންނަވަނީ މީގެ ފަސްދޮޅަސް އެތައް އަހަރެއްގެ ކުރީގެ ހާދިސާއެއްގެ ވާހަކައެކެވެ. ދިވެހިބަހުގެއުުސްތާޛެއް ކަމުގައިވާ އަދި ކުޅަދާނަ ވާހަކަދެއްކުންތެރިޔާ އަލްފާޟިލް ޢައްބާސް އިބުރާހީމް ތުއްޕުޅު އިރު ޢިލްމު ޙާޞިލްކުރައްވަން ޚާއްޞަކޮށް ހިސާބު ޢިލްމު ދަސްފުޅުކުރައްވަން އެ މަނިކުފާނުގެ ތުއްތުބޭ އަރިހުގައި އުޅުއްވި ދުވަސްވަރުގެ ވާހަކައެކެވެ. ޢައްބާސްގެ ތުއްތުބެ އަކީ މަޝްހޫރު ޙިސާބު ޢިލްމުވެރިޔާ އަލްމަރުޙޫމު ޢަބްދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލްކަލޭފާނުގެ ތުއްތު އެވެ. (އާދެ! ތުއްތު ޞާޙަބެވެ.) އެއްދުވަހަކު ޢައްބާސް ތުއްތުބެއަށް ދެންނެވި ކަމަށް ވަނީ އެގާރަ ބާރަ ތޭރަ މިހެން ކިޔަމުން އައިސް ވިހި ކިޔުމުގެ ކުރިން "ވިހި" (އޮނަވިހި) ކިޔަނީ ކީއްވެތޯ އެވެ؟ ތުއްތު ސާހަބު ޖަވާބުދެއްވި ކަމަށްވަނީ "އޮނަވިހީ"ގެ މާނައަކީ "ވިއްސަށް އެކެއްމަދު" ކަމުގައެވެ. ތުއްތު މި ގޮތަށް ޖަވާބުދެއްވުމުން އެ ޖަވާބުގެ މުޤާބިލުގައި ޢައްބާސް ދެންނެވިކަމަށް ވަނީ، 18 އަށް، "ވިއްސަށް ދޭއް މަދު"، 17 އަށް "ވިއްސަށް ތިނެއް މަދު" މިހެން ނުކިޔަނީ ކީއްވެތޯއެވެ؟ ޢައްބާސް މި ގޮތަށް ދެންނެވުމުން ތުއްތު ޖަވާބު ދެއްވުމުގެ ބަދަލުގައި ޢައްބާސް އަރިހުގައި ސުވާލުކުރެއްވި ކަމަށް ވަނީ "އެހެންވިއްޔާ އޮނަވިއްސަށް ކިޔާނީ ދެން ކީކޭހެއްޔެވެ؟" މި ސުވާލަށް ޢައްބާސް ވަރަށް ފަސޭހައިން ޖަވާބުދެއްވައި ވިދާޅުވި ކަމަށް ވަނީ، ސަތާރަ އަށާރަ ކިޔުމަށް ފަހު ނަވާރަ ކިޔަންވީ ނޫންތޯއެވެ؟ ކޮންމެއަކަސް ޢައްބާސްގެ މި "ތުއްތު" ވިސްނުންފުޅު ވީ ތުއްތު ސާޙަބުގެ އަރިގައި ވަރަށް މަޤްބޫލު ޚިޔާލުފުޅަކަށެވެ. ކުޑަކުއްޖެއް ނަމަވެސް ރަނގަޅު ވާހަކައެއް ބުނެފި ނަމަ ވާނީ ހަމަ ރަނގަޅު ވާހަކައަކަށެވެ. އެހެންކަމުން އޭގެ ފަހުން ތުއްތު ނެރުއްވި ހިސާބު ޢިލްމުގެ ފޮތްތަކުގައި "ނަވާރަ" ބޭނުންފުޅުކުރައްވަން ފައްޓަވައިފިއެވެ. އަދި މި އުޞޫލުން، އޮންތިރީހަށް ނަވާވީސް، އޮނަސާޅީހަށް ނަވަތިރީސް، އޮނަފަންސާހަށް ނާވާޅީސް، އޮނަހައްޓިއަށް ނަވަވަންނަ، އޮނަހަތްތަަރިއަށް ނަވަހައްޓި، އޮނަ އާހި އަށް ނަވަހަތް ތަރި، އޮނަވައި އަށް ނަވާހި، އޮނަސައްތަ އަށް ނަވާނަވައި މި ގޮތަށް ބޭނުންފުޅުކުރައްވަން ފައްޓަވައިފި އެވެ. މިއަދު ވަރަށް މަދު މީހެއް ނޫނީ އޮނަވިހި ކިޔައެއް ނޫޅެއެވެ. އޮނަވިހި ސަތޭކައިގެ ބަދަލުގައި މިއަދު ގިނަ މީހުން ކިޔަނީ ހަމަ ނަވާރަސަތޭކައެވެ. މި ބޮޑު ބަދަލަކީ ކުޑަކުއްޖެއްގެ ވިސްނުމުގެ ސަބަބުން ގެނެވުނު ބަދަލެކެވެ. މި ވާހަކަ އަޅުގަނޑަށް އެންމެ ފުރަތަމަ ވިދާޅުވެދެއްވީ މަޝްހޫރު ލިޔުންތެރިޔާ އަދި މުތަރުޖިމް އަލްފާޟިލް ޢަބްދުﷲ ނަޢީމް އިބްރާހީމެވެ. މި ޚަބަރު ލިބުމާއެކު މި ވާހަކަ ކިޔުންތެރީންނާ ޙިއްޞާކޮށްލުމުގެ ޝައުޤު އަޅުގަނޑުގެ ހިތުގައި އުފެދުނީއެވެ. މި ޙާދިސާ ނިސްބަތްވާ ޢައްބާސް އިބްރާހީމްް އަދި ދުނިޔޭގައި ހެޔޮ ޙާލުކޮޅުގައި ހުންނެވީތީ އެ މަނިކުފާނުގެ ބަސްފުޅެއް މިކަމުގައި ހޯދައިލުމަށް އަޅުގަނޑު ގުޅައިލުމުން ރާއްޖެއިން ބޭރުގައި ހުންނަވައި އޭނާ ވިދާޅުވެދެއްވީ އެކަން ހިނގީ އެ ގޮތަށް ކަމަށް ތުއްތުބެ ވިދާޅުވިކަމަށާއި އޭރު ޢައްބާސް، މާ ތުއްޕުޅުވީމާ ސީދާ މިކަންކަން މި ގޮތަށް ހިނގި ހާދިސާ އެހާ ބޮޑަށް ހަނދުމަފުޅެއް ނެތް ކަމުގައެވެ. ނަމަވެސް އެކަން ހިނގީ އެ ގޮތަށް ކަމަށް ތުއްތުބެ ވިދާޅުވެފައިވާތީ އެއީ ހަމަ ޙަޤީޤަތެއް ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އާދޭހެވެ! ދިވެހި ވިޔަ އަކުރުގެ ނަމަށް މި ގެނެވުނު ބޮޑު ބަދަލަކީ ކުޑަކުއްޖެއްގެ ޚިޔާލަށް ގެނެވުނު ބަދަލަކަށްވީކަމީ ކުޑަކުދީންގެ ވިސްނުން ރަނގަޅުކަމުގެ މިސާލަކަށް ނުފުދޭތޯއެވެ؟ --------- (ނިމުނީ) މި ލިޔުން: ލިޔެ، ފޮނުވައި އަލުން ބަލައި، ޝާއިޢުކުރީ: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
|
| ހަމަ މި ގަލަމުން |
|---|