ފަންވަތް ދިވެހި ތާރީޚް ދިވެހިދައުލަތުގެ ނިޝާން
ބެލި ޢަދަދު: 1220
ދިވެހިދައުލަތުގެ ނިޝާން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ތާރީޚް
03 މާރޗް 2009، 14:23 އަންގާރަ

ޢަބްދުﷲ ޒަމީރު

ދިވެހިރާއްޖޭގައި ދައުލަތުގެ ނިޝާން ނުވަތަ އެހެން ދައުލަތްތައް ފަދައިން “Court of Arms”  އެއް ބޭނުން ކުރަން ފުރަތަމަ ފަށާފައިވަނީ 16 ޖުލައި 1934 ގައެވެ. މިދެންނެވި ނިޝާނަކީ މައްޗަށް ހުޅުވިފައިވާ ހަނދުފަޅިއެއްގެ ތެރޭގައި ޖަހާފައިވާ ފަސްފިޔަ މަލެކެވެ. ތަރިއެކެވެ. ހަނދުފަޅި ތެރޭގައި ޢަރަބިއަކުރުން "އައްދައުލަތުލް މަޙްމިއްޔަތުލް މަޙަލްދީބިއްޔާ" އޭ  ލިޔެވިފައިވެއެވެ. އޭގެ މާނައަކީ ޙިމާޔަތް ލިބިގެންވާ ދިވެހިދައުލަތެވެ.

ރާއްޖޭގައި ދައުލަތުގެ ނިޝާނެއް ހެއްދެވުމުގެ ޚިޔާލުފުޅު ދެއްވައި މިކަމަށް ޢަމަލީ ސިފަ ގެންނެވީ ރާއްޖޭގައި ޤާނޫނު އަސާސީއެއް ލިޔެވެންފެށި ދުވަސްވަރު ވަޒީރުލްއަޢުޡަމްގެ މަޤާމުގައި ހުންނެވި ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނެވެ. (2004 ޑިސެމްބަރ 11 ވަނަ ދުވަހު އައްނަބީލާ ފާޠިމަތު އިބްރާހީމް ދީދީ، ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް) ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ވީދާލި ހަމަނުޖެހުމަށްފަހު، ރައްޔިތުންގެ އެދުމަށް، ޤާނޫނު އަސާސީ އިޞްލާޙްކޮށްދެއްވުމަށް ކިލެގެފާނު މިޞްރުގައި ހުންނަވާފައި ރާއްޖެއަށް ވަޑައިގެން ހުންނެވި  ހުންނެވުމުގެ ތެރޭގައެވެ.

ޚިޔާލުކުރެވުނީ އޮޅުދޫކަރައިގައި ރާއްޖޭގެ ޝޯވް ރޫމެއް ހުޅުވަން މަސައްކަތް ކުރެވުނު ދުވަސްވަރުއެވެ. އެއީ 1949 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އެކަމަށް ހެއްދެވި ނިޝާނަކީ ހަނދުފަޅިއަކާއި ފަސްފިޔަމަލެއް، ( ތަރިއެއް) ގެ ތިރީގައި "އައްދައުލަތުލް މަޙްމިއްޔަތުލް މަޙަލްދީބިއްޔާ" މިގޮތަށްފުރަތަމަ ބޭނުންކުރައްވަން ފެއްޓެވި ދައުލަތުގެ ނިޝާނަށް ބަދަލެއް ނައިސް ގިނަ ދުވަސްތަކެއްވުމަށްފަހު، ދައުލަތުގެ ނިޝާނަށް ބަދަލެއް ގެންނެވުމުގަ ލިޔުއްވާފައެވެ. އެހެންގޮތަކަށް ދަންނަވާނަމަ، ކުރީގެ ނިޝާނަށް ކޮންމެވެސް މިންވަރެއްގެ ބަދަލެއް ގެންނެވީއެވެ. އެއީ ލިޔުންކޮޅު އޮންނަތަނާއި ހަނދުފަޅީގެ މިޞްރާބު ފަދަ ކަންކަމަށެވެ. އޭގެ އިތުރަށް ނިޝާނުގެ ދެފަރާތުގައި ކަތްތިރިކޮށްފައިވާ ދިވެހި ޤައުމީ ދެދިދަ ބެހެއްޓެވިއެވެ. އަދި ފަހަތުގައި ގަސްމުށި ގަނޑެއް ބެހެއްޓެވިމެއެވެ. މިދެންނެވި ނިޝާނާއި ކަތްތިރިކޮށްފައިވާ ޤައުމީ ދެދިދަ އާއި ގަސްމުށިގަނޑާއެކު އޮޅުދޫކަރައިގެ ކޮޅުނބުގެ ޔޯރކްސްޓްރީޓް ގައި 21 ޖުލައި 1949 ގައި ހުޅުވުނު މޯލްޑިވިއަން ޝޯވް ރޫމް (ދިވެހިރާއްޖޭގެ ޝޯ ރޫމް) ގެ މަތީގައި ބަހައްޓާފައި ހުއްޓެވެ. މީގެ ފޮޓޯތައް މިހާރު ވެސް ފެންނަން އެބަހުއްޓެވެ. މިތަނުގައި ރާއްޖޭގެ ރަމްޒަކަށް ބަހައްޓާފައި ހުރި ނިޝާނަކީ އެދުވަސްވަރު ސަރުކާރު ހިންގެވުމުގެ އިސްވެރިޔަކަށް ހުންނެވި ވަޒީރުއްދާޚިލިއްޔާ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ވަރަށް ޤަބޫލުފުޅުވެވަޑައިގަތް އެއްޗެއްކަން އެމަނިކުފާނުންގެ އަރިސްބޭފުޅުންނަށް ވަނީ އެނގިވަޑައިގެންފައެވެ. މީގެނަތީޖާއަކަށްވީ، އޮޅުދޫކަރައިގެ ޓްރާންސްޕޯޓް މިނިސްޓަރ ސަރ ޖޯން ކޮތަލާވާލާ ރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހުމާގުޅިގެން ތައްޔާރުކުރެވުނު ގިޑިގޭގައި އެނިޝާނާ އެއްގޮތަށް ނިޝާނެއް ހަދައި ހަރުކުރުމަށް ނިންމުމެވެ. މިނިޝާންތައްޔާރުކުރުމުގައި ވަޒީރުއްދާޚިލިއްޔާގެ ފަރާތްޕުޅުން އިސްކޮށް އުޅުއްވީ އަލްފާޟިލް އާދަމް ނަޞީރު މަނިކެވެ. ނިޝާން ތައްޔާރުކޮށްފައިހުރީ ކުރަހައި ކުލަޖައްސައި ކަފައިގެންނެވެ. ގަސްހުރިތަނުގައި ބޭނުންކޮށްފައިހުރީ ދިވެހިރުކެއްގެ ކުރެހުމެއް ޓިނުން ކަފައިފައެވެ. މިކަމުގައި އިސް ޙަރަކާތްތެރިއަކަށް ހުންނެވީ ރާއްޖޭގެ މަޝްހޫރު ކުރެހުމުގެ ފަންނާނެއްކަމަށްވާ އަލްފާޟިލް ސަރުދާރު ދޮންމަނިކުއެވެ. (2005 އޯގަސްޓް 05 ވަނަ ދުވަހު އަލްފާޟިލް ސަރުދާރު ދޮންމަނިކު، ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް) މިނިޝާނާއެކު ގިޑިގެ ބެހެއްޓުނީ ސަރ ޖޯން ކޮތަލާވާލާ ރައްޖެއަށް ޒިޔާރަތްކުރެއްވި ދުވަސްކަމުގައިވި 30 ރަޖަބު 1370 ގައެވެ. އެއީ މީލާދީގޮތުން 07 މެއި 1951 އެވެ.

ސަރުކާރުގެ ރަސްމީލިޔެކިޔުންތަކުގައި ޢާންމުންނަށް ފެންނަގޮތަށް ކުރިން ބޭނުންކުރަމުން އައި ދައުލަތުގެ ނިޝާން ބޭނުންކޮށްފައި ހުއްޓައި އެންމެފަހުން ފެނިފައިވަނީ 27 ޝަޢުބާން 1369 (13 ޖޫން 1950) ގެ ތާރީޚްގައި ސަރުކާރުން ނެރުއްވާފައިވާ އިޢުލާނެއްގައި ހުއްޓާ ސަރުކާރުގެ ޚަބަރުގެ ޢަދަދަކުންނެވެ. އޭރު އާނިޝާނެއް ފަރުމާކުރެވެމުން ގޮސް 24 ރަޖަބު 1370 (01 މެއި 1951) ގައި ސަރުކާރުގެ ރަސްމީލިޔުންތަކުގައި އާ ނިޝާން ބޭނުން ކުރައްވަން ފަށްޓަވައިފިއެވެ. މިދެންނެވި އާ ނިޝާން ޢާންމުކޮށް ފެނުނީ ޢިއްޒަތްތެރި މެހުމާނުގެ ޝަރަފުގައި ބެހެއްޓުނު ގިޑިގޭގައި ހުއްޓައެވެ.

1951 މެއި 1 ގައި ބޭނުންކުރަން ފެށި ރާއްޖޭގެ ދައުލަތުގެ ނިޝާނަށް މައިގަނޑު ބަދަލެއް ނުގެނެސް އޮތުމަށްފަހު، ރާއްޖެއަށް 26 ޖުލައި 1965 ގައި ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުމާއެކު، ނިޝާނުގެ ތިރީގައި އޮތް ޢަރަބި ޢިބާރާތުން އަލްމަޙްމިއްޔާ އުނިކޮށް "އައްދައުލަތުލް މަޙަލްދީބިއްޔާ" އަށް ބަދަލުކުރެވުނެވެ. އަދި ދައުލަތުގެ ނިޝާން، ސަރުކާރުގެ ތަންތަނުން ޗާޕްކުރެއްވުމުގައްޔާއި، ތައްގަޑު ހެއްދެވުމަށް ކުރައްސަވާ ކުރެއްސެވުމުގައި އެކިގޮތްގޮތަށް ހުންނާތީ އެކަން އެގޮތަށް ނުވާނެގޮތެއްގެ މަތީން ހަމަޖެއްސެވުމަށް ސަރުކާރުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 20 ފެބްރުއަރީ 1969 ގައި އަމުރެއް، ދެންނެވުމެއް ފޮނުއްވިއެވެ. މިއީ މިހާތަނަށް އެނގިފައިވާގޮތުގައި ދައުލަތުގެ ނިޝާނާބެހޭ ގޮތުން އެއްވެސް ސިފައެއްގައި ސަރުކާރުން ނެރުއްވާފައިވާ އަމުރެވެ. މިހާރު ސަރުކާރުގެ ރަސްމީ ނިޝާނެއް،
 “Court of Arms” ގެ ގޮތުގައި ބޭނުންކުރެވޭ މިނިޝާނަށް ފަންސާސް އެތައް އަހަރެއްވެފައިވާއިރު، ނިޝާން ފުޅާދާއިރާއެއްގައި ބޭނުންކުރެވޭކަން ފާހަގަކުރެވެއެވެ. (ނިމުނީ)


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)Add Comment
...
ލިޔުނީ ali, 2009-03-03 08:01:01
varah ilmee masahkah pulheh
...
ލިޔުނީ ހުސައިން, 2009-03-03 08:51:18
ވަރަށް އަގުހުރި ތާރީޚީ ހޯއްދެވުން ތަކަކަށްފަހު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. ވަރަށް އަގުހުރި މަސައްކަތްޕުޅެކެވެ. ޢަބުދﷲ ޒަމީރު ކުރައްވާފައިވާ މިއަގުހުރި ބޮޑު ބުރަ ތަޙުޤީޤީ މަސައްކަތްޕުޅަށް ތާރީޚަށް ލޯބިކުރާ މީހެއްގެ ޙައިޘިއްޔަތުން ތަޢުރީފުކޮށް ޝުކުރު ދަންނަވަމެވެ. ޝުކުރިއްޔާ ޒަމީރު!
...
ލިޔުނީ މުޞްޢަބު, 2009-03-03 09:06:36
ވަރަށް ފުރިހަމަ ލިޔުމެއް. ވަރަށް ކިޔާހިތުން ކިޔާލެވުނު. ސްކޫލުގެ ފިލާވަޅުތައް ހެދުމުގައި ވަރަށް ގިނަ ފަހަރަށް، މި ފަދަ މަޢުލޫމާތު ހޯދަންޖެހޭ. އެކަމަކު ލިބޭނެގޮތް ވަރަށް ނުހުރޭ. ވަރަށް ދަތި. ޒަމީރުގެ މި ފަދަ އިތުރު ލިޔުންތަކާމެދު ވަރަށް ޝައުޤު އުފެދިއްޖެ.
...
ލިޔުނީ ސުމައްޔާ, 2009-04-22 15:05:48
ައަމީން ދީދީގެ އެއްވެސް މައުލުމާތެއް އެބަ އޮތްތޯ؟
...
ލިޔުނީ މުންޑޫ އާދަމް ހަލީމް (އެޑަމް), 2009-07-12 07:23:08
ޒަމީރަކީ ދިރާސާ ކުރައްވައިގެން ލޔުއްވުމުގައި ވަރަށް ފުދޭ ލިޔުންތެރިއެކެވެ. ނަމަވެސް އެމަނިކުފާނުގެ ލިޔުންތައް އެކި ދިމަދިމާއަށް އުއްކަވާފައި ހުރުމުން އެއިން ކުރާންވީ ފައިދާ ކުރިއެކޭ ނުބުނެވޭނެ އެވެ. މި ލިޔުމަކީ ވެސް ތާރީހީ ގޮތުން ތަންގީދެއްކުރާނެ ތަނެއް ނެތް ރަނގަޅު ލިޔުމެކެވެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1220
extra avandia and congestive heart failure