މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ދާޚިލީ ހަމަ ނުޖެހުން |
|
|
| ދިވެހި - ތާރީޚް | |||
| 13 އެޕރީލް 2009، 00:03 ހޯމަ | |||
ދާޚިލީ ހަމަނުޖެހުންތަކަށް ޖާގަ ދީފި ނަމަ، މިނިވަންކަމަށް ލޮޅުން އަރައިދާނެ އެވެ.މުޙަންމަދު ވަޙީދު/މަޑުލު މިނިވަންކަމަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. އަޅުވެތިކަމުގައި ތިބެން ޖެހުމުން ކުރާ ނޭދެވޭ އަސަރުތަކާއި، ހިތަށް ވެރިވާ ހިތް ދަތި އަސަރުތައް އަޅުގަނޑުމެން ހަނދާން ހުންނާނެ އެވެ. މި ދަންނަވަނީ ފަހަރެއްގައި ވެސް ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް ވެރިވެގެން ތިބި ފަނަރަ ވަރަކަށް އަހަރުގެ ވާހަކަ އެއް ނޫނެވެ. މި ދަންނަވަނީ ނޮވެމްބަރު ތިނެއްގެ ވާހަކަ އެވެ. ވާއެއް ނުވާއެއް ނޭނގި ހާސްކަމާއި ހިތްދަތިކަމާއި އެކުގައި ތިބެން ޖެހުނު ސަތާރަ ވަރަކަށް ގަޑީގެ ވާހަކަ އެވެ.ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް ވެރިވާން ޖެހުނީ ވެސް ވެރިކަމަށް ދަހިވެތިވީ ބަޔަކު، ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް، ގޯވާގައިތިބި ޕޯޗުގީޒު ސިފައިން ވެއްދީމަ އެވެ. އަދި 1887ގައި އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ރާއްޖެދާން ޖެހުނީ ވެސް ވެރިކަމާ ތޮޅުނު ޢާއިލާތަކެއްގެ ސަބަބުންނެވެ. ތެދުތެދަށް ދަންނަވާނަމަ، އިނގިރޭސީންނަށް ރާއްޖޭގެ މައްޗަށް އަރައި ބާރު ހިންގިދާނެކަމަށް ފެނިގެންނެވެ. ޒަމާން ބަދަލުވަމުން ދިޔުމަކުން، އިސްތިޢުމާރީގެ ގޮތްފޮތް ބަދަލުވަމަކުން، އަތްދަށުލުމާއި އަޅުވެތި ކުރުމުގެ ކަންތައްތަކަށް ބަދަލެއް ނާދެ އެވެ. ހަމަ އެކަނި ބިމުގެ ބޭނުމުގައި އެކަންޏެއް ނޫނެވެ. ހަނގުރާމައިގެ ވަގުތުގައި އެ ތަނަކީ، ރަނގަޅު މަޤާމެއްގައި އޮތްތަނެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ މަޤާމެއްގައި އޮތް ތަނަކަށް ވާނަމަ، އެތަނަކާ މެދު ކަޅިއަޅައިގެން ތިބޭ ބާރުތައް މަދެއް ނުވާނެ އެވެ. ޙަޤީޤަތުގައި ދިވެހި ރާއްޖެ މި އޮތީ، އިންޑިއާ ކަނޑުގައި މި ދެންނެވި ފަދަ މަޤާމެއްގަ އެވެ. އެހެންކަމުން ދުނިޔޭގެ ބާރުތަކާއި، އިތުރަށް ބާރު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ރާއްޖެއަށް ދަހިވެތި ނުވާނެ ކަމަށް ހީކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ހަނދުމަފުޅު ހުންނާނެ އެވެ. އިނގިރޭސީންގެ ސިފައިންގެ މަރުކަޒެއް ރާއްޖޭގައި އޮތެވެ. އެންމެ ދެކުނުގަ އެވެ. ހަނގުރާމައިގެ ތެރޭގައި ރާއްޖޭގެ އެންމެ އުތުރުގައި ވެސް އިނގިރޭސިންގެ ކަނޑަށް ޖައްސާ ބޯޓު ފަހަރު ޖައްސާ ތަނެއްގެ ގޮތުގައި ތިލަދުންމަތީ ކެލާގައި އިނގިރޭސި ސިފައިން ތިބެގެން އެރަށު ފަޅަށް ބޯޓު ފަހަރު ޖެއްސި އެވެ. އަދި ރާއްޖެއަށް 1965ގައި މިނިވަންކަން ލިބުނު ފަހުންވެސް އައްޑު އަތޮޅު ގަން ކުއްޔަށް ހިފުމަށް ރޫސީވިލާތުން މަސައްކަތް ކުރި އެވެ. އަދި މި ދައުރުގައި ޗައިނާގެ ސަބްމެރީން ބޭހެއް ހެދުމަށް ގަން ލިބޭތޯ، އެ ގައުމުން އުޅުނު ވާހަކަ އެއް ބޭރުގެ ނޫސްތަކުގައި ޖަހައި ހެދި އެވެ. މިހިރަ މިހިރަ ކަންތައްތަކާ ހެދި ދަންނަވަން ޖެހެނީ ރާއްޖެ އޮތްތަން ކަމުދާކަމަށް އެހެން މީހުން ދެކޭކަމީ، ޝައްކެއް ހުރި ކަމެއް ނޫންކަމަށެވެ. އަދި މި ފަދަ ސިޔާސީ ބޮޑު ބަދަލަކަށް ރާއްޖެ ކުރިމަތި ލައިފައިވާ ދަނޑިވަޅެއްގައި، ބޭރުގެ މީހުން ތަނުގެ ދާޚިލީ ކަންތައްތަކާ ބެހުނަ ނުދިނުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. މި ބަހުސުގައި ދާންޖެހެނީ، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމު ކުރުމާއި، އެއް ވިސްނުމަކަށް އާދެވޭތޯ ބެލުމުގެ މުހިންމު ކަމުގެ ވާހަކައާ ދިމާއަށެވެ. އަޅުގަނޑުމެން ނުވިސްނާ ތިއްބައި ހީވެސް ނުކުރާ ކަހަލަ ދިމާޔަކުން ރޯޅިފަށް ގަދަވެގެން އަތުވެދާނެ އެވެ. ދިވެހިންނަކީ، ކިޔަމަންތެރި މަޑުމައިތިރި ބަޔެކެވެ. އަޅުގަނޑު ދެކޭގޮތުގައި ދިވެހިންގެ މި ސިފަތަކުން ފައިދާ ނަގައިގެން އަމިއްލަ އެދުން ފުއްދުމަކީ ގޯހެކެވެ. ކުރީގައި ބުނެ އުޅެއެވެ. ބޭރު ފަރަންޖީން ރާއްޖޭގެ ރަށްރަށަށް ފައިބައިގެން އުޅޭ އިރު ވެސް ގަސްގަސް ދޮށަށް ވެއްޓިފައި ހުންނަ ދޮންލުނބޯ ފަދަ އެއްޗެހީގައި އެ މީހުންނެއް ނުޖެހޭނެ އެވެ. ސަބަބަކީ ދިވެހިންގެ ތެދުވެރިކަމާއި ޢަޤީދާގެ ވަރުގަދަކަމުން އެ ބައިމީހުން ދުށީ ބަދުނަސީބެއް ކުރިމަތި ވެދާނެ ކަމަށެވެ. މި ވިސްނުން އަޅުގަނޑުމެން އަމިއްލައަށް ގެންގުޅެން ވެއްޖެ އެވެ. ދިވެހިންގެ މަޑުމައިތިރިކަމާއި އަނިޔާ އަށް ތާއީދު ނުކުރާކަމުން ފައިދާނަގަން ވިސްނައިފި ނަމަ ބަދު ނަސީބު ކުރިމަތި ވެދާނެ އެވެ. މިއީ، ދިވެހިންގެ ރާއްޖެ އެވެ. ''މިއީ ދުނިޔެ މަތީގައިވާ އެންމެ ފަހުގެ ސުވަރުގެ އެވެ'' މިއީ ހިތްފަސޭހަ ސާފު ވައިލިބޭ ރީތި ތަނެކެވެ. ލިބޭ އެއްޗަކުން ފުއްދައިލައިގެން އުޅޭ ބަޔަކު ތިބި އަމާން ތަނެކެވެ. އެކަން ނަގާލުމަށް ނޫޅެމާތޯ އެވެ. ރައްޔިތުންގެ ޙައްޤުތައް ކުރިޔަށް ނެރެމާތޯ އެވެ؟ ޢަދުލު އިންސާފަށް އިސްކަން ދެމާތޯ އެވެ؟ ޚިޔާނާތަށް ތަން ނުދެމާތޯ އެވެ؟ އަމަން އަމާންކަންމަތީ އުޅެވޭތޯ ބަލަމާތޯ އެވެ؟ ދިވެހިން އެދެނީ މާގިނަ ކަންތައްތަކަކަށް ނޫނެވެ. މިނިވަންކަން މަތީ ތިބުމަށެވެ. އިންސާފުވެރިތަނެއްގައި ދިރިއުޅުމުގެ ހިތްހަމަޖެހުން ލިބުމަށެވެ. މި ކަންކޮށްދިނުމަށްވުރެ ބަދަލު ހިފުމާއި، ހެއި އަރުވާލުމުގެ ރޫޙު ގަދަވެއްޖެއްނަމަ، މި ކުދިކުދި ފަސްކޮޅު ކޮޅަށް އޮތްބެއް ނޯންނާނެ އެވެ. ފުނޑު ފުނޑުވެ ހަލާކުވެގެން ހިނގައިދާނެ އެވެ. ނޯޓު: މި މަޒުމޫނު ވާނީ، 2005 ޖުލައި މަހުގެ ''ޖަމާޢަތުގެ ޚަބަރު'' ގައި ޝާއިޢު ކުރެވިފައެވެ.
|
| ހަމަ މި ގަލަމުން |
|---|