ފަންވަތް ދިވެހި ތާރީޚް ބަދަލުވަމުންދާ ތަޙުޤީޤު
ބެލި ޢަދަދު: 1143
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ބަދަލުވަމުންދާ ތަޙުޤީޤު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ތާރީޚް
21 މެއި 2009، 00:30 ބުރާސްފަތި

ޝާކިރު

އަޅުގަނޑު 1964 ޖަނަވަރީ 14 ގައި ސިފައިންގެ ވަޒީފާއާ ގުޅުނުފަހުން ވަރަށް މަދު ދުވަސްކޮޅެއްގައި މެނުވީ ސިފައިންގެ އޮފީހުގެ ތަޙުޤީޤާ ބެހޭ ބައި (އޭރުގެ ތަޙުޤީޤު އޮފީސް ފަހުން ފެހި އޮފީސް އަދި އޭގެ ފަހުން ފުލުސް އޮފީސް އަދި އެއަށްވުރެ ފަހުން ޕޮލިސް އޮފީސް) އަދި މިހާރުގެ ޕޮލިސް ހެޑްކްއޯޓާރޒްގައި ތަޙުޤީޤު ދާއިރާއާއި ވަރަށް ގާތުގައި އުޅުމުގެ ނަސީބު ﷲ ގެ ރަޙުމަތްފުޅުން ލިބިފައިވާ ވެއެވެ. ނަތީޖާއެއްގެ ގޮތުން ތާރީޚުގެ އެކި ދުވަސްވަރު ތަޙުޤީޤު ކުރުމުގެ ވައްޓަފާޅިއަށް އަންނަމުން ދިއަ ބަދަލުތައް ލޮލަށް ފެނުމުގެ ނަސީބު މިންވަރުވެވިފައި ވެއެވެ.

ގާތްގަނޑަކަށް ދިހަ ފޫޓު ބާރަ ފޫޓުގެ ފާރުތަކުގައި ފެހި ކުލަަ ލާފައިހުރި ކޮޓަރިއެއްގައި ތަޙުޤީޤު ހިނގަމުން ދިޔައިރު އެތަނުގައި މަސައްކަތްކުރާ ސްޓާފުންގެ ގޮތުގައި ތިބެފައިވަނީ ދެ ކާތިބުންނާއި ތަޙުޤީޤުކުރާ ސިފައިންގެ ތިން ސަރުދާރުންނެވެ. ހުށަހެޅޭ މައްސަލަތައް ބަހާލެވިފައިވަނީ އުޞޫލެއްގެ ގޮތުން މައިގަނޑު ތިން ބަޔަކަށެވެ.

މިދެންނެވި ދުވަސްވަރު އެ އޮފީހުގެ ދޮރު ހުޅުވިފައި ހުންނަވަގުތަށްވުރެ ގިނަވާނީ ދޮރުލެއްޕިފައި ހުންނަވަގުތުކަމަށް ދެންނެވުމަކީ މުޅިއަކުން ދޮގަކަށް ނުވާނެއެވެ. އެދުވަސްވަރު މިދެންނެވި އޮފީހުގެ ދޮރު ހުޅުވިފައި ނުލެއްޕިހުންނަނީ ހުށައެޅޭ މައްސަލައެއްގެ ގޮތުންނާއި މައްސަލަތައް ހުށައެޅޭ އަވަސް ލަސްމިނެއްގެ މައްޗަށޭ ދެންނެވުމަކީ ވެސް ދޮގެއްނޫނެވެ.

އެދުވަސްވަރު އާންމުކޮށް ހުށައެޅެނީ ވައްކަމުގެ މައްސަލަތަކާއި އަވަށްޓެރިންގެ މެދުގައި ހިނގާ ދެބަސްވުމާއި ދެކޮޅުވެރިވުމުގެ މައްސަލަތަކާއި ވަރަށް މަދުން ހުށައެޅޭ ބަދު އަޚުލާޤީ މައްސަލައެކެވެ. މަސްތުވާއެއްޗެއްގެ މައްސަލަ އެއްގޮތަކަށްވެސް ހުށައެއް ނޭޅެއޭ ދަންނަވަންޖެހެއެވެ. އެއީ، އެދުވަސްވަރު އެފަދަ ތަކެތި ލިބެންނުހުރުމާއި އެތަކެތި ބޭނުންކުރާމީހުން މަދުވީމައޭ ދަންނަވަން ވެސް ޖެހެއެވެ. އޭގެ މާނައަކީ މަސްތުވާ ތަކެތި ބޭނުންކުރާ މީހުން މުޅިން ނެތޭ ދެންނެވުމެއް ނޫނެވެ. އޭރުވެސް، ކޯލާވޯޓަރ ބޮއިގެން މީހުން ދައްކާއުޅޭ ހަމަނުޖެހޭ ވާހަކަތަކާއި ސަބުޖު ކައްކައި އެބޮއިގެން މުންނާރު  ގައުގަޑުގައި ރާޅާ އަޅާ ވާހަކައާއި އަފިހުން ކައިގެން ގަދަ އަވީގައި ކުޑަނަގައިގެން ހިނގާފައިގޮސް ގެއަށްވަދެ ތެތްހެދުމުން ފެންފޮޅާ ވާހަކަތައް ފަދަ އެތައް ވާހަކަތަކެއް ދެކެވެއެވެ. ނަމަވެސް، މިއީ، ވަރަށް މަދު ބައެއްގެ ޢަމަލުތަކެއްގެ ވާހަކައެވެ.

ބަދަލުވަމުންދާ ތަޙުޤީޤުގެ މައްޗަށް ލިޔަންފެށުމުގައި މިދިގު ތަރުވާޒު ގެނައީ އެޒަމާނުގައި ފުލުސް އޮފީހުގެ  މާހައުލު ކިޔުންތެރިންނަށް ސިފަކޮށް ދިނުމަށް ޓަކައެވެ. ވީމާ، ދެން ތަޙުޤީޤު ކުރެވޭ ފެންވަރަށް އެނބުރިލަމާ ދޮގެއްތޯއެވެ. ތަޙުޤީޤު ކުރައްވަން ތިއްބަވާ ސަރުދާރުން މީހުނާއި ސުވާލުކުރައްވާއިރު ސުވާލުވެވޭ މީހާ ކިތަންމެ އިރެއްވީނަމަވެސް ހުންނާނީ ތަޙުޤީޤު ކުރާމީހާ ގެ ކުރިމަތީގައި ކޮޅަށެވެ. ތަޙުޤީޤު ކުރާ މީހާއާއި ތަޙުޤީޤު ވެވޭ މީހާއާއި ދެމެދުގައި ދެކެވެމުންދާ ވާހަކަތައް ނޯޓުކުރާނީ ނުވަތަ ލިޔާނީ ތަޙުޤީޤު ހިންގަވާ ސަރުދާރާއި ދޭއް ތިނެއް ފޫޓު ދުރުގައި އޮފީހުގެ އެއްކަނެއްގައި ހުރަހަށް ބަހައްޓާފައި ހުންނަ މޭޒެއްގައި އިންނަ ކާތިބެވެ. ސުވާލުކުރައްވާނެ ވަރަކަށް ސުވާލުކުރެއްވުމަށްފަހު، އިޝާރާތުން އަންގަވާލެއްވުމުން ކާތިބުމީހާ އެސުވާލުވެވުނު މީހާ ކައިރީ ބޭރަށް ނުކުންނަން ބުނެ އެމީހާ ބޭރަށް ނެރުމުން ތަޙުޤީޤު ކުރާ ސަރުދާރު މިޒަމާނުގެ ބަހުރުވައިން އިންވެސްޓިގޭޓިންގ އޮފިސަރ (އައި.އޯ.) ނޫނީ ޑިޑެކްޓިވް އޮފީހުގެ ފުރަގަހުގައި ހުންނަ ދޮރަކުން ނުކުންނަވައިގެން ބޭރަށް ދުރުވަމުން އެމައްސަލައެއްގެ ބާވަތުން އެމީހާ ބައިންދަން، ގޭގައި ބަންދުކުރަން ނޫނީ ޖަލަށްލާން ނުވަތަ ބަޔާނުގައި ސޮއިކުރުވަން ކާތިބަށް އެންގެވުމުން އެބުނުއްވި ގޮތަކަށް ކާތިބު އަމަލުކުރާނެއެވެ. ސައްވީސް ގަޑިއިރު ހަމަވޭތޯ ނޫނީ ހަތްދުވަސްވޭތޯ ނުވަތަ މުއްދަތުނަގާތޯ ބަލާކަށް ނުޖެހެއެވެ. މިކަންކަން ބަލާނީ އެކަންކަން ކުރަން ޖެހޭނަމަ ދޮގެއްތޯއެވެ.

މައްސަލައެއް ބަލާ ނިމި އެ މައްސަލައިގެ ރިޕޯޓް މަޙުކަމަތުލްއަމަން އާންމަށް ފޮނުވުމުން އެމީހަކު ކުރިކުށެއް ޤާނޫނީ ގޮތުން ބައްލަވައި އެމީހަކާއި ދަޢުވާކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުވުމަކީ މަޙުކަމަތުލްއަމަން ޢާންމުން ކުރައްވާ ކަމެކެވެ. އަދި އެމައްސަލައެއް ޝަރީޢަތަށް ހުށައަޅުއްވައިގެން ދަޢުވާކުރެއްވުމަކީ ބަންޑާރަނާއިބުގެ އޮފީހުން ކުރައްވާ ކަމެކެވެ. ފުލުސް އޮފީހުގެ ތަޙުޤީޤުގައި ވެފައިވާ އިޢުތިރާފަށް ޝަރީޢަތުގެ މަޖުލިސްގައި ކިތަންމެވަރަކަށް އިންކާރުކުރިއަސް އިޢުތިރާފުން ރުޖޫޢަވުމުގެ ފުރުޞަތު ލިބެނީ ދާދިމަދު ފަހަރަކު މަދު މީހަކަށް ދާދި މަދު މައްސަލައެއްގައެވެ. މިހެންވުމުން އެދުވަސްވަރު ތަޙުޤީޤު ކުރެއްވި ބޭފުޅުންނަކަށް މިއަދު ތަޙުޤީޤު ކުރާމީހުން ޤާނޫނީގޮތުން މިއުފުލަންޖެހޭ ބުރަ ތަޞައްވަރުވެސް ނުކުރެއްވޭނެކަން ޔަގީންއެވެ.
ދައުރުވަމުންދާ ދުނިޔޭގައި ތަޙުޤީޤީ ދާއިރާ މިވަނީ އެފުށް މިފުށަށް ޖެހިފައެވެ. މަގުމަތިން މީހަކު ހުއްޓުވައިފިނަމަ، ބަލާ ޗެކް ކޮށްފިނަމަ ނޫނީ ހައްޔަރު ކޮށްފިނަމަ ފުރަންޖެހޭ ފޯމުތަކާއި އަންގަންޖެހޭ އެންގުންތަކާ ނަގަންޖެހޭ ހުއްދަތަކާއި މިހެންގޮސް ތަޙުޤީޤުގެ މަރުހަލާގައި ގުނާ ޢަދަދުކުރަން މާފަސޭހަނޫން ގިނަޢަދަދުގެ ޤާނޫނުތަކާއި ގަވާއިދުތައްވަނީ ހެދިފައެވެ. ހައްޔަރުކުރެވޭ ބާވަތުގެ ކުށާއި ހައްޔަރުނުކުރެވޭ ބާވަތުގެ ކުއްތައްވަނީ ލިސްޓްކުރެވިފައެވެ. މިނިވަނާގެ ޙައްޤަށްވުރެ ކުށްވެރިޔާގެ ޙައްޤަށް އިންސާނިއްޔަތު ކަމުގެ ގޮތުން އިސްކަންދެވި ސުޕަވައިޒް ކުރާނެ ފަރާތްތައްވަނީ ގިނަވެފައެވެ.

މިއަދު ތަޙުޤީޤު ކުރުމަކީ އިއްޔެހާ ފަސޭހަކަމެއްނޫނެވެ. މިދެންނެވި ސަބަބުތަކަށްޓަކައި ތަޙުޤީޤުކުރުމުގައި ބޭނުންކުރާނެ ވަސީލަތްތަކުގެ ގޮތުގައި  މިއަދު ގިނަގުނަ އާލާތްތަކެއް ކޮންމެ ތަޙުޤީޤު ކުރާމީހަކު ހޯދާ އެބަ އަތްމަތިކުރަން ޖެހެއެވެ. އަދި އެއާލާތް ބޭނުންކުރުމަށްޓަކައި ތަޙުޤީޤު ކުރާމީހާ އެސާމަނުތަކަށް އެބަ ހުނަރުވެރިވާން ޖެހެއެވެ. ހަމައެއާއި އެކު އެތަކެތި ތިމާއަށް ނުރައްކަލެއް ކުރިމަތިނުވާނެގޮތުން ބޭނުންކުރަން އެގެންޖެހެއެވެ.

މިހާތަނަށް ގަބޫލުކުރެވެމުން އަންނަގޮތުގައި ކުށުގެ ވެއްޓަކީ ފުޅާވެގެން ހިނގާދާނެ އެއްޗެކެވެ. ސުވާލުކުރަން ޖެހޭމީހުންނަކީ ގިނަވެ ގުނަވެގެން ހިނގާދާނެ ބައެކެވެ. މިހެންދިމާވާ ފަހަރުތަކުގައި މަސައްކަތް އިތުރުވެ ލޭބަރ ފޯސް އިތުރު ކުރަން ޖެހެއެވެ. މިސަބަބަށްޓަކައި މިޒަމާނުގައި ކުރެވޭ ތަޙުޤީޤުތަކުގައި އިޢުތިރާފަށް ބަރޯސާވުމުގެ ބަދަލުގައި ފޮރިންސިކް ހެކީގެ މައްޗަށް ތަޙުޤީޤު ބިނާކުރަން ޖެހެއެވެ. ލިބޭ ހެކީގެ މައްޗަށް ތަޙުޤީޤު ބިނާކުރަން ޖެހެއެވެ. ފޮރިންސިކް ސައިންސް ގެ މައްޗަށް ބުރަވެ މުޅިތަޙުޤީޤު ބައްޓަންކުރަންޖެހެއެވެ. މުޅިތަޙުޤީޤު ބިނާވެފައިވަނީ ތަޙުޤީޤު ކުރާމީހާއަށް ލިބިހުރި ހުނަރަކަށްވުރެ ބޮޑަށް، ފުލުހުންގެ އޮގަނައިޒޭޝަނަށް ލިބިފައިވާ ފޮރިންސިކް ސައިންސްގެ ގާބިލިއްޔަތުކަމެއްގެ މައްޗަށެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ސަމީޢު, 2009-08-08 02:40:53
ސަބުޖު ކައްކާވާހަކަ ލިޔުއްވާފައި އެބައޮތެވެ. އެއީކޮންއެއްޗެއްތޯއެވެ. ކައްކާގޮތް ވިދާޅުނުވިނަމަވެސް ކޮންމެވެސް ވަރަކަށް އޮޅުން ފިވައި ދެއްވުންއެދެމެވެ. މިހެން މިދެންނެވީ އެކައްކާގޮތް ލިޔުއްވައިފިނަ މިހާރު އުޅޭކުދިން ސަބުޖު ކައްކައިގެން ނުބޯނެކަމާއިމެދު އަޅުގަނޑު ސައްކުވާތީއެވެ.
އަދި ދަންނަވަމެވެ. މި މަޒުމޫނުގައި ދިވެހިން ތަންތަނަށް ނަން ކިޔައި އުޅުމުގެ ވައްޓަފާޅިއަށްވެސް ކޮންމެވެސް ވަރަކަށް އަލިކަމެއް ދެއްވާފައި އެބައޮތެވެ. އަދިއިތުރަށް ތަފްސީލް ކުއްދެއްވާނަހާދަ ރަނގަޅެވެ. [މުންނާރު ގައުގަޑުގައި ރާޅާ އަޅާ ވާހަކައާއި އަފިހުން ކައިގެން ގަދަ އަވީގައި ކުޑަނަގައިގެން ހިނގާފައިގޮސް ގެއަށްވަދެ ތެތްހެދުމުން ފެންފޮޅާ ވާހަކަ ] ފަދަ ވާހަކަ ސަމާސާ އަދަބެއްގެ ސިފައިގައިނަމަވެސް އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވުން ވަރަށް އެދެމެވެ. އެންމެ ބޮޑު އެއްބޭނުމަކީ ތާރީޚް އަލިކުރުމެވެ.
...
ލިޔުނީ އަރުޒަމް, 2009-08-10 18:27:09
ހަނުހުރުމުގެ ހައްގުގެ ވާހަކަ ގެންނެވި ނަމަ ވަރަށް ފުރިހަމަ ވީސް. އެކަމަކު ވަރަށް ފުރިހަމަ ލިޔުމެއް

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1143
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone