މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަލިކު |
|
|
| ދިވެހި - ތާރީޚް | |||
| 05 ޖޫން 2009، 15:43 ހުކުރު | |||
|
މައުލަވީ ޢަލީ އިސްމާޢީލް ޢުމަރީ (މަލިކު) ލަކްޝަދީބަކީ، އިންޑިޔާގެ މަރުކަޒީ ސަރުކާރުގެ ރަސްކަން ހިނގާ އަތޮޅެކެވެ. މި އަަތޮޅުގައި މީހުން ދިރިއުޅޭ ދިހަ ދީބާއި މީހުން ނޫޅޭ ކިތައްމެހައި ދީބުތަކެއް އެބަ ހުއްޓެވެ. މި އަތޮޅުގެ އާބާދުވެފައިވާ ދިހަ ދީބު ތެރެއިން މަލިކަކީ އެއްދީބެވެ. އިންޑިޔާގެ ހުޅަނގު ދެކުނު އިމަކީ މިއެވެ. މަލިކާއި އެއްމެ ކައިރީގައިވާ ކަލްޕޭންޏާއި، ލަކްޝަދީބުގެ މައިދީބު ކަވަރައްތިއާއި އަދި ކޮޗިން މަލިކު އޮތީ ތަރުތީބަށް 114 މޭލު، 136 މޭލު، 215 މޭލު ފޭގައި އެވެ. އަރެބިއަން ކަނޑުމެދުގައި އޮތް އަހަރެމެންގެ ދީބު ވަށައިލައިގެން ޤުދުރަތީ ގޮތުން އޮތް ތޮއްޓެއް އެބޯތެވެ. މި އަކީ މާތް ރަސްކަލާނގެ އަހަރުމެންގެ މަލިކު، މިކަނޑުގެ ބޮޑެތި ރާޅުތަކުގެ ސަބަބުން ގިރައިގެން ދިޔަކަ ނުދިނުމަށް ހައްދަވާފައިވާ ކުދުރަތީ ބާޑި އެކެވެ. މަލިކު ފަޅުގެ ރިވެތިކަން އޮތީވެސް މި ތޮށީގެ ސަބަބުންނޯ އެވެ. މި ފަޅުގައި ވައްތަރު ވައްތަރުގެ މަސްތަކާއި ވަރަށް ރީތި މުރަކަތަކާއި އަދި ބޮޑެތި ތަރަތައްވެސް (ހަތާ) އެބަ ހުއްޓެވެ. ތޮށިމަތިން ލިބޭ ބޮލި ފާތްކައްލަ (ރާކަނި) އަދި ދޯޅަ (ގާހަކަ) އަކީ ވަރަށް އަގުހުރި އެއްޗެއްސެވެ. ސާލުމަގ،ު ކަނޑިއްމަ، ނެރުމަގު، ޗޯރުމަގު މއީ މި ތޮށިން ކަނޑަށް ނިކުންނަން ހުރި މަގު ތަކެކެވެ. ޗޯރުމަގާއި ނެރުމަގަކީ ވަރަށް ފެން ތިލަ ދެމަގެވެ. މި މަގުތަކުން ދަތުރު އޮޑި، ބާރޖު (މުދާ އުފުލަން ދަގަނަޑުން ހަދާފައިވާ އިންޖީނުލީ އުޅަނދެއް) މި ފަދަ ފެންފުން އެއްޗަކަށް ނުނިކުމެވޭނެ އެވެ. ބޮޑެތި ނައު ނަވަކަށް ފަޅު އަޑިޔަކަށް ނުވަދެވެ އެވެ. މި ފަދަ ނައުނައު ހުންނަނީ ތޮށީން ބޭރުގަ އެވެ. މި ނައުނަވުން ފައިސިންޖޯރުންނާއި، (ފަސިންޖަރުން) މުދައު އުފުލަނީ ލާންޗުގައެވެ. މަލިކުގައި އެންމެ މުހިންމު ބިމު އުފެއްދުމަކީ ރުކެވެ. ރުކަކީ ބޮޑު ނިޢުމަތެކެވެ. އަދި ކިއެއްތަ، ރުކުން ލިބޭ ރާ، އަދި އެއިން ހައްދާ ހަކުރާއި ރާހުތަކީ ހަށިގަން (ހަށިގަނޑު) ތާޒާކޮށް ބެހެއްޓުމަށް ބޭނުންވާ ކިތަންމެހައި އެއްޗެއް އެކުލެވިގެންވާ އެއްޗެކެވެ. ރާޔާއި އަދި ކާށި ބޮނބި - ކާރުބާރުން (ވިއްކައިގެން) ދިރިއުޅޭ މީހުން ވެސް މަލިކުގައި ތިބޫ އެވެ. އިހުގޭގޭ ފުރާޅު ހެއްދުމަށް ރުކުގެ ފާނާއި އޮށި ވެސް ގެންގުޅފައިވެ އެވެ. މި ޒަމާނު ވެސް ގޭގެ ގެއުގަނޑު (މަތިވަޑާންގަނޑުގެ) ހައްދަނީ ރުއް ކީހައިގެންނެވެ. އަހަރެމެންގެ ރަށުގައި މީހުން އުޅެނީ ރަށުގެ މެދުގަނޑުގައި ކައިރިގަނޑަކަށް ދެމޭލު އަޑީގަ އެވެ. މި އެލާކާގައި (ސަރަހައްދުގައި) ދިހަ އަވަށާއި ސަރުކާރު ހަފީސްތަކާއި (އޮފީސްތަކާއި) އަދި މީހުން އުޅެން ގެތައް ވެސް އަޅާފައި އެބަހުއްޓެވެ. މަލިކު ދިހަ އަވަށަކީ އުތުރުން ފެށިގެން ދެކުނަށް، ކެނޑި، ފަލެއްސޭރި، ކުދެހި، ފުންހިލޯލު، އަލޫޑި، ސޭޑިވަޅު، ރަށްމެދު، ބޮޑުއަތިރި، އައުމަގު، އަދި ބާޑަ އެވެ. މި ދިހަ އަވަށުގެ ދެކުނުގައި އޮތް ސަތޭކަ ދިހަ އޭކަރު ތެރޭގައި ސަރުކާރު އޮފީސްތަކާއި މަޙުކަމަތުގެ އިމާރާތްތަކާއި، އަދި އެ ތަންތާ މަސައްކަތްކުރާ މީހުނަނށް ހުރި ކޯޓޭސްތައް ވެސް އެބަ ހުއްޓެވެ. މަލިކުގެ ދެކުނު ކޮޅުގައި އޭޝިޔާގެ އެންމެ ދިގުވެގެންވާ ބައްތިޔާއި އަދި ހެލިކޮޕިޓަރު އިއްތާ (ޖައްސާ) ފެލިޕޭޑު ވެސް އެބަހުއްޓެވެ. ކަޗޭރިން ފެށިގެން ބައްތިޔާއި ޖެހޭނދެން އޮތް ގާންދި ރޯޑަކީ، މަލިކުގެ އެންމެ މުހިންމު މަ ގެވެ. މީގެ ދިގު މިނަކީ، ފަސްކިލޯ މީޓަރެވެ. އަަަވަށުތެރޭގައި ގޯތިތައް ހުރީ ވަރަށް ގަޓާ ކޮށެވެ. (ކައިރީ ކައިރީގަ އެވެ.) އެއް ގޯއްޗާއި އެނެއް ގޯތި ޖެހިޖެހިގެން ފާލި ފާއްޔަށް (ސަފުސަފަށް) ހުރި މި އެލާކާގައި މަގުތައް ހުރީ ވަރަށް ހަނިކޮށެވެ. އަވަށް ތެރޭގައި އެއްމެ މުހިއްމު މަގުތަކަކީ މައިމަގާއި ލޭނު މަގެވެ. އެކި އެކި އަވަށުގައި ބައިމެދު ގޮވުމަށާއި، އަވަށު އެއްޗެތިތައް ބެހެއްޓުމަށް އަވަށުގެ ގެތައް އެ ބަހުއްޓެވެ. އަވަށު ގޭގެ ހަވާލުވެރިއަކީ އަވަށު ބޮޑު ކާކަ އެވެ. އަންހެނުންގެ ކަންތައް ބެލެހެއްޓުމަށް އަވަށެއްގައި ބޮޑު ދައިތަ އެއްވެސް އެބަ ހުއްޓެވެ. އަވަށް އަވަށުގައި މީހުން އުމުރުގެ ގޮތުން ބައިބަޔަށް ބެހިފައިވެ އެވެ. އެއީ ކުދީން އަތިރިކުދީން، ކުޑަމެދު، ބޮޑުމެދު، މި އެކި އެކި ބައިބައިގައި އެކިއެކި މީހުންނަނަށް އެކި އެކި މަސައްކަތް އެބަ ހުރެ އެވެ. އަވަށް ކަހައި ސާފުކުރުމާއި ބައިމެދަށް، ގޮވުމަކީ އަތިރިކުދީންގެ ކަމެކެވެ. އަވަށުގައި ކޮންމެ މުހިއްމަ ކަމެއްގައި ފައިޞިލާޔެއް ނަގަނީ ބޮޑު މެދެވެ. ބޮޑުކާކަަޔަށް ބޯލެނބުމީ އަވަށު އެއްމެންގެ ވާޖިބެކެވެ. މަލިކު މީހުންގެ މައިދަރި ބަހަކީ މަހަލް ބަހެވެ. (ދިވެހި ބަހެވެ.) މިޔަކީ އިންޑިޔާގެ އެއްތާކު ވެސް މޮށި ހަދައި އުޅޭ ބަހެއް ނޫނެވެ. މަހަލަކީ އިންޑިޔާގެ ހުރި ޓްރައިބަލް ބަސްތަކުގެ ތެރޭގައިވާ ބަހެކެވެ. މަރުކަޒީ ސަރުކާރު މިބަސް ތަރައްޤީ ކުރުމައިހުރެ ކިތައްމެހައި ފިޔަވަޅުތަކެއް އަޅަމުން އެބަ ދެ އެވެ. މަލިކު މީހުންނަކީ، ނައުފަހަރުތަކުގައި ދަތުރުކޮށް ހަދައިއުޅޭ ބައެކެވެ. އެކަމަކު މަސްވެރީންގެ އަދަދުވެސް މަލިކުގައި މަދެއެް ނޫނެވެ. އާދާގައި އަންހެނުން ކޮށް ހަދައި އުޅެނީ ގޯތި މަސައްކަތެވެ. މަސްވެރިންގެ ގޯތީގެ އަންހެނުން މަސް ކެއްކުމާއި ހިއްކުމުގެ މަސައްކަތް ވެސް ކުރެތެވެ. 1956 ވަނަ އަހަރު މަރުކަޒީ ސަރުކާރު ހަވާލު ވުމަށްފަހު ތަޢުލީމުގެ މައިދާނުގައި މަލިކު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ކުރި އަރަމުންނެވެ. މަލިކު ދަރީންނަށް ޢިލްމު އުނގެނުމަށް އަންގަނަވާޑީތައް، ނެރްސަރީ އިސްކޯލު، ޖޭބި އިސްކޯ، އެސް ބީ އިސްކޯލު، ހާއިސްކޯލު، އަދި މި އިސްކޯލުތަކާއި އެކު ނަވޯދަޔާ އިސްކޯލެއް ވެސް އެބޯތެވެ. ޢިލްމުގެ މައިދާނުގައި ކުރިޔަށް އރުމުގެ ސަބަބުން މިހާރު އިންޖިނިޔަރުންނާއި، ޑަކުޓަރުންނާއި، އުސްތާދުންނާއި، އަދި އެހެނިހެން މަތިވެރި މަސައްކަތްތަކުގައި ވެސް މަލިކު މީހުން އަބަ ހުރޫ އެވެ. މި އަކީ، ތަޢުލީމުގެ މައިދާނުގައި ތަރައްކީވީ ކަމުގެ ސަބޫތެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ ޢަބްދުﷲ ފާއިޒު, 2009-06-05 11:15:24
އަހަރެން ވަރަށް މަލިކަށް ދާ ހިތްވޭ. ދެވޭނީ ކިހިނެއްބާއޭ ހިތަށް އަރާ. މިސައިޓް މެދުވެރިކޮށް އެގޮތް އެނގޭނެނަމަ.
...
ލިޔުނީ ސަމީޢު, 2009-06-05 15:04:25
މައުލަވީ ޢަލީ އިސްމާޢީލް ޢުމަރީ އަށް ހާސްހާސް ފަށުން ސުކުރުވެރިވަމެވެ. އަޅުގަނޑު މަލިކުބޭފުޅެއްގެ ލިއުމެއް ކިޔާހިތުން އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. މަލިކުގައި ވަރައްރީތި ދިވެހިބަހާގުޅޭ ތިމާގެކަންބޮޑު ބަސްތަކެއް އެބަހުރި ދެއްތޯ
...
ލިޔުނީ އިބްރާހީމް, 2009-06-07 22:29:33
ހާދަ ފައްކާ ލިޔުމެކެވެ. މައުލަވީ ތިއުޅުއްވަނީ ކޮންތާކުތޯއެވެ. ގިނަގިނައިން މިފަދަ ލިޔުންތައް ގެނެސްދެއްވާށެވެ. މަލިކު ބަހުން މޮށޭ ވެބްސައިޓެއް އެއްވެސް ބެފުޅަކަށް އެނގިލައްވާތޯއެވެ. މަލިކުމީހުނަށް މާތް ﷲ ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކުރައްވާށީ!
...
ލިޔުނީ ދޮންކަލޯ, 2009-06-08 16:47:27
މީ ވަރށް ފައްކާ ލިޔުމެއް. މަލިކަށް ދާން ބޭނުމިއްޔާ ފުރަތަމަ ދާންޖެހޭނީ އިންޑީޔާގެ ކޮޗިންއަށް. ކޮޗިން އިން ހާއްސަ ހުއްދަ އެއް ނަގަންޖެހޭނެ. ބޯޓް ގަ ދަތުރު ކުރަންޖެހޭނީ. ބޭނުމިއްޔާ ފްލައިޓްގަ ވެސް ދެވިދާނެ. އެކަމަކު އެއީ ދުރު. ދާންޖެހޭނީ އަގާޓީ އަށް. ދެން އަގާޓީން މަލިކަށް ދަތުރު ކުރަންޖެހޭނީ ބޯޓްގަ. އެންމެ ފަސޭހަ ވާނީ ކޮޗިންއަށް ގޮސް ޓްރެވެލް އެޖެންސީ އަކާ ގުޅާލުމުން. އެމީހުން ހުރިހާ ކަމެއް ހަމަޖައްސައިދޭނެ.
... ލިޔުނީ މުޙައްމަދު މަނިކުފާނު, 2009-07-06 16:43:24
މަލިކު ކަތީބުކަން ކުރައްވައިފައި ހުރި މައުލަވީ ޢަލީ އިސްމާޢީލް ޢުމަރީ މިހައިރު ނިޔައުވެއްޖެ. ތިބާމެންގެ މި ސައިޓުން ޖަނާބުގެ ލިޔުމެއް ކިޔައިލަން ލިބުމުން ވަރަށް އުހައު ވެއްޖެ. މަލިކު މީހުން ހައްދައިފައި ހުރި ވެބް ސައިޓެއް އެބަ ހަރު. އެޔަކީ www.mathaaran.com
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|