މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ދިވެހިރާއްޖޭގެ ތަޢުލީމުގެ 75 އަހަރުގެ ދުވެލި (1) |
|
|
| ދިވެހި - ތާރީޚް | |||
| 07 ޖޫން 2009، 00:15 އާދީއްތަ | |||
|
ކުރުކުރުކޮށް..... ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ދިވެހި ކާބަފައިންގެ އަގުހުރި މަސައްކަތުން "ދިވެހީންގެ މި ޢިއްޒަތްތެރި ބިމުގައި، ދިވެހީންގެ މުބާރިކު ފެހި ދަނޑުގައި" ކުރެއްވި ޢިލްމީ މުޑުވަކުން ފަޅައިގެން ހެދި ބޮޑުވި ޢިލްމީ ގަސްތައް މިއަދު މިވަނީ ބޮޑުވެފައެވެ. އަދި އަންނަނީ ބިޔަވަމުންނެވެ. ދުނިޔެ ދެއްކި ތަފާތު މޫސުންތަކާއެކުވެސް ނުމިޔެ އެ ގަސްތައް ދިރިހުއްޓެވެ. ބައެއް ފަހަރު މިލައި މޯޅިވަމުންނެވެ. އަނެއް ބައިފަހަރު އާކުރިތައް ފަޅައި ރޯވެ ހެދެމުންނެވެ. ދިވެހިރާއްޖޭގެ އަހުލުވެރީންނަކީ ޢިލްމަށް ލޯބިކުރި ދީންދެކެ ލޯބިވާ ބައެއްކަން ތާރީޚުން ސާބިތުވެއެވެ. އެތައް ޒަމާނަކުން ފެށިގެން މިކަން ބޮޑަށް ހިނގަމުން އައިސްފައިވަނީ އަމިއްލަ މީސްމީހުންގެ އަމިއްލަ މަސައްކަތެއްގެ ގޮތުގައި އެ މީހުންގެ ހިތްވަރާއި ފަންވަރުންނެވެ. މައިންބަފައިންނަށް އެނގޭ އެއްޗެއް އެނގޭ މިންވަރަކަށް އެ މީހުންގެ ދަރީންނަށް އުނގަންނައިދިނުމުގެ މައްޗަށެވެ. ދިވެހިރާއްޖޭގައި ލިޔަންކިޔަން ދަތުމުގެ ނިސްބަތް އޭޝިޔާގެ އެހެން ޤައުމުތަކާ އަޅައި ބަލާއިރު ވަރަށް ކުރީގައިވުމުގެ ޙަޤީޤީ ސަބަބަކީ ދިވެހީންގެ މި މަތިވެތި ސަގާފަތްކަން ކަށަވަރެވެ. ދިވެހި ދަރީންނަށް އޭރު ބޭނުންވާ ތަޢުލީމުގެ އަސާސީ މިންވަރު ކަމަށް ބެލިފައި އޮތީ ޤުރުއާން ކިޔަވަން އެނގުމާއި ނަމާދު، ރޯދަ ފަދަ ދީނުގެ ފަރުޟުތައް އަދާކުރެވޭ މިންވަރަށް ތަކެތި އެނގުމެވެ. މި މިންވަރަށް އަމިއްލަޔަށް އުނގަންނައިދޭން ނޭނގޭ މީހުން އެ މީހުންގެ ދަރީން ކޮންމެވެސް އެދުރުގެޔަކަށް ފޮނުވައިގެން އެ މިންވަރަށް އުނގަންނައިދޭން މަސައްކަތްކުރެއެވެ. އާދޭހެވެ! ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅެން ފެށީއްސުރެ ކޮންމެވެސް ސިފައެއްގައި ތަޢުލީމު ދެވެމުން އައިސްފައިވާކަން ފާހަގަކުރެވެ އެވެ. އެކި ދުވަސްވަރު އެކި މިންވަރަށެވެ. އެކި ފެންވަރަށެވެ. އެކި ސިފަސިފައިގައެވެ. އެހެންނަމަވެސް ނިޒާމީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ތަޢުލީމަށް ސަމާލުކަން ދެއްވިކަމަށް ތާރީޚުން ފެންނަން އޮތީ މީލާދީން 1668 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އައްސުލްޠާނު އިބްރާހީމް އިސްކަންދަރު (1) ގެ ރަސްކަމުގެ ދުވަސްވަރެވެ. އެ ރަދުން ހިޖްރައިން 1078 ވަނަ އަހަރުގެ ޙައްޖުގެ ފަރުޟު އަދާކުރެއްވުމަށްފަހު އެނބުރި މާލެވަޑައިގެން މާލޭ ހުކުރު މިސްކިތުގެ ދެކުނުފަރާތު ދޮރޯށި ހެއްދެވިއެވެ. މި ދޮރޯށީގެ ދެ ފަރާތުގައި ދެ އަށިލެއްވިއެވެ. މި ދެ އަށްޓަކީ ކުދީންނަށް ޤުރުއާނާއި އިސްލާމްދީން ކިޔަވައިދެއްވުމަށް ޚާއްޞަކުރެއްވި ތަނެކެވެ. މުދައްރިސުންގެ ގޮތުގައި ހަމަޖެއްސެވީ އޭރު ރާއްޖޭގައި ތިއްބެވި ޢިލްމުވެރިންނެވެ. 19 ވަނަ ޤަރުނު ނިމިގެން ދިޔައިރު އުނގަންނައިދިނުމާއި އުނގެނުމުގެ އުޞޫލުތަކަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (6) ގެ ރަސްކަމުގައި މާލޭ ހަތަރު އަވަށުގައި "ބަންޑާރަ އެދުރުގެ" ގެ ނަމުގައި 4 މަކުތަބު އުފެއްދެވިއެވެ. މި "ބަންޑާރަ އެދުރުގެ" ތައް އިފްތިތާޙުކުރެވުނީ 1 ޑިސެމްބަރ 1897 ގައެވެ. މީލާދީން 20 ވަނަ ޤަރުނުގެ ފުރަތަމަ 10 އަހަރު ނިމުނުއިރު ރާއްޖޭގެ ތަޢުލީމީ ޙާލަތު އޮތީ ކުރިޔާ އަޅައި ބަލާއިރު ވަރަށް ބޮޑަށް ތަރައްޤީކުރެވިފައެވެ. 1911 ވަނަ އަހަރު ރާއްޖޭގެ ބޯހިމެނި ހިސާބުން ދައްކާ ގޮތުގައި ރާއްޖޭގެ އޭރުގެ އާބާދީގެ ވަރަށް މަތީ އިންސައްތައަކަށް ލިޔަންކިޔަން އެނގެއެވެ. 20 އަހަރުން މަތީގެ %72 މީހުންނަށް ލިޔަންކިޔަން އެނގެއެވެ. 15 އަހަރާއި 20 އަހަރާ ދެމެދުގެ %60 އިންސައްތަ މީހުންނަށް ލިޔަންކިޔަން އެނގެއެވެ. 10 އަހަރާއި 15 އަހަރާ ދެމެދުގެ ކުދީންގެ ތެރެއިން ލިޔަން ކިޔަން އެނގެނީ %41 އިންސައްތަ އަށެވެ. އަދި 10 އަހަރުން ދަށުގެ ލިޔަންކިޔަން ދަންނަ އިންސައްތަ އަކީ %03 އިންސައްތައެވެ. އޭރު ރާއްޖޭގެ ޖުމުލަ އާބާދީއަކީ72,237 އެވެ. މީގެ ތެރެއިން 5236 މީހުން ދިރިއުޅެނީ މާލޭގައެވެ. މި ދުވަސްވަރު އާދެ! 20 ވަނަ ޤަރުނުގެ ކުރީކޮޅު ރާއްޖޭގައި އޮތީ ހަމައެކަނި ދީނީ ތަޢުލީމެއް ނޫނެވެ. ރާއްޖެއަށް އޭރު ބޭނުންވާނެ ތަފާތު ފަންނުތަކާއި ހުނަރުތަކުގެ ޢިލްމުގެ ބިންގާވެސް އޭރު ކާބަފައިންވަނީ އަޅުއްވައިފައެވެ. 1999 ވަނަ އަހަރުގެ ބޯހިމެނި ހިސާބުން ދައްކާ ގޮތުގައި އޭރު ރާއްޖޭގައި 421 ބޭސްވެރިން ތިއްބެވެ. މީގެ ތެރެއިން 204 މީހުންނަކީ އަންހެނުންނެވެ. 223 ފޫޅުމައިން ތިއްބެވެ. 142 ފިރިހެނުން ބޭސްވެރި ފަންޑިތަވެރިންގެ ގޮތުގައި ތިބިކަމަށް ބޯހިމެނި ހިސާބުން ދައްކައެވެ. ޤުރުއާން ކިޔަވައިދޭ 205 މުދައްރިސުންނާއި އެ ނޫން މުދައްރިސުންގެ ގޮތުގައި 407 މީހުން ތިބި ކަމަށް ބޯހިމެނި ހިސާބުން ދައްކައެވެ. މި ދެންނެވި ބޯހިމެނި ހިސާބު ފެންނަން އޮތީ އެ ދުވަސްވަރު ސިލޯންގައި މަސައްކަތްކުރެއްވި އިނގިރޭސި ކޮލޯނިއަލް ސެކްރެޓަރީ މރ. އެޑްވަޑް ބްރޭންޑިސް ޑެނަމް އެކުލަވައިލެއްވި ރިޕޯޓެއްގައެވެ. 1921 ވަނަ އަހަރާ ހަމަޔަށް އައިއިރު ރާއްޖޭގެ ތަޢުލީމީ ޙާލަތު ކުރިޔާ އަޅައި ބަލާއިރު ވަރަށް ބޮޑަށް ކުރިއަރައިފައިވާކަން ފާހަގަކުރެވެއެވެ. 1911 ވަނަ އަހަރު ރާއްޖޭގައި ހުރީ 498 މަކުތަބު ކަމަށް ވިޔަސް އޭގެ 10 އަހަރު ފަހުން އެ ޢަދަދު ގާތްގަނޑަކަށް 2 ގުނަޔަށް ވަނީ އިތުރުވެފައެވެ. އެއަހަރުގެ ބޯހިމެނި ހިސާބު ދައްކާގޮތުން އޭރު ރާއްޖޭގައި 839 މަކުތަބު ހުއްޓެވެ. އަދި އޭގެ ތެރޭގައި ޢަރަބި ބަސް ކިޔަވައިދޭ 4 މަކުތަބު ހުރިކަންވެސް ފާހަގަ ކުރެވެއެވެ. މި ހިސާބު ދައްކާ ގޮތުން ޢުމުރުން 3 އަހަރާއި 15 އަހަރާ ދެމެދުގެ ކޮންމެ 28 ކުއްޖަކަށް މަކުތަބެއް ހުއްޓެވެ. މި ދެންނެވި ޢުމުރު ފުރައިގެ އޭރުގެ އާބާދީއަކީ 23738 އެވެ. މި ދެންނެވި މަކުތަބުތަކަކީ ތަޢުލީމަށް ލޯބިކުރާ ބަޔަކު އަމިއްލަޔަށް އިސްނަގައިގެން އުފައްދައި ހިންގަމުން ދިޔަ ތަންތަނެވެ. ނިޒާމީ ގޮތެއްގައި ދިވެހިރާއްޖޭގައި ތަޢުލީމު ދޭން ފެށިފައިވާކަމަށް ތާރީޚުން އެނގެން އޮތީ މާލޭ ފަނޑިޔާރުގޭ ފެންޑާއެއްގައި ފެއްޓުނު މަދްރަސަތުއްޞަލާޙިއްޔާއާ ހިސާބުންނެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން ޞަލާޙިއްޔާގެ ނަން "މަދްރަސަތުއްސަނިއްޔަތުލްޙުކޫމަތުލްމަޙަލްދީބިއްޔާ"ގެ ނަމަށް ބަދަލުކޮށް އެ މަދްރަސާގައި ދެ ޖިންސްގެ ކުދީންނަށް ކިޔަވައިދެވޭން ފެށުނެވެ. އެއީ 19 ނުވަތަ 20 އޭޕްރިލް 1927 (17 ޝައްވާލު 1345) ގައެވެ. މި މަދުރަސާ ހުޅުވުނީ ދައުލަތުގެ މަތީ ދަރަޖައިގެ 51 ބޭފުޅުން ބައިވެރިވެވަޑައިގަތް އިޙުތިފާލަކަށްފަހުގައެވެ. ޝަރަފުވެރި މެހުމާނަކީ އަލްއަމީރު ޢަބްދުﷲ މުޙައްމަދު ޢިމާދުއްދީނެވެ. ރަދުންގެ ކާތިބުއްސިއްރު އަލްއަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނުވެސް މި އިޙުތިފާލުގައި ބައިވެރިވެވަޑައިގަތެވެ. ޖެހިގެން އައި ދުވަހު ސަނިއްޔާގެ ކިޔެވުން ފެށުނުއިރު ކިޔަވައިދިން މާއްދާތަކަކީ ނަޙޫ، ފިޤުހު، ތާނަ ލިޔުމުގެ ޤަވާޢިދު، އަދި (ކުޑަކޮށް) ހިސާބު ޢިލްމެވެ. ފަހުން ދިވެހި ބަހުގެ ޤަވާޢިދާއި ލިޔުމުގެ އެހެން މާއްދާތައްވެސް އިތުރުކުރެއްވި އެވެ. މަދުރަސަތުއްސަނިއްޔާގައި 2 ފަޞްލަކަށް (2 ގްރޭޑަކަށް) ކިޔަވައިދެއްވަން ފެއްޓެވިއިރު ދަރިވަރުން އިށީންނާނޭ ގޮނޑިއެއްވެސް ނެތެވެ. ދަރިވަރުން ކިޔަވަން ބައިތިއްބަނީ ތަޅުމުގައި ކުނާ ފަތުރައިގެން އޭގެ މަތީގައެވެ. އެހެން ނަމަވެސް މި މަދުރަސާގެ ފުރަތަމަ ދައުރުގައިވެސް އަގުހުރި ތަޢުލީމީ ދަރީންތަކެއް ދިވެހި ޤައުމަށް ނެރެދީފައިވާކަން މި ފުރުޞަތުގައި ފާހަގަކޮށްލާން ޖެހެއެވެ. އައްޝައިޚު ޢަބްދުލްޤައްޔޫމު ސީދީ، އަލްފާޟިލު އާދަމް ނަޞީރު މަނިކު، އަލްފާޟިލު ނތ.މުޙައްމަދު ދީދީ، އައްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ، އަލްފާޟިލު ދަރަވަންދޫގޭ ޢަބްދުﷲ ދީދީ ފަދަ އަގުހުރި ދަރީންނަކީ މަދަރުސާގެ ފުރަތަމަ ދައުރުގައި އުފެއްދި ޝަޚުޞިއްޔަތުތަކެއްކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ. ރާއްޖޭގެ ރައްޔިތުންނަށް ތަޢުލީމުދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއްކަމަށް ކަނޑައެޅުނީ 1932 ގައެވެ. އެއީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3) ގެ ރަސްކަމުގެ 13 ވަނަ އަހަރު (22 ޑިސެމްބަރ 1932 ގައި) ރާއްޖޭގެ ފުރަތަމަ ޤާނޫން އަސާސީ އިޢުލާންކުރެއްވި ހިސާބުން ފެށިގެންނެވެ. މި ޤާނޫނު އަސާސީގެ ދަށުން ވަޒީރުންވެސް އިޢުލާންކުރެއްވިއެވެ. މި ވަޒީރުންގެ ތެރޭގައި ރާއްޖޭގައި އުނގެނުމާއި އުނގަންނައިދިނުމުގެ ކަންތައްތައް ހިންގަވައި ބެލެހެއްޓެވުމަށް ވަޒީރުލްމަޢާރިފް (މިނިސްޓަރ އޮފް ސްޓަޑީޒް) ކަމުގައި ހެންވޭރުގޭ އަލްއުސްތާޛު އަޙުމަދު ކާމިލު ދީދީ ހަމަޖެއްސެވިއެވެ. ތަޢުލީމުގެ ކަންތައް މިގޮތަށް ފެށިގެން އައިސް، ތަޢުލީމު ދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއްކަމަށް ޤާނޫންއަސާސީގައި ކަނޑއެޅުނު ކަމުގައި ވިޔަސް ނިޒާމީ ތަޢުލީމުގެ ތެރެއިން ކިޔަވައިދެވެނީ ހަމައެކަނި ފިރިހެން ކުދީންނަށެވެ. ނަމަވެސް ރާއްޖޭގެ ފުރަތަމަ ޤާނޫން އަސާސީގެ 14 ވަނަ މާއްދާގައި "ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ޤުރުއާން ކިޔެވުމާއި ޢަރަބި އަކުރާއި ތާނަ އަކުރު ލިޔާން ކިޔާން ދަސްކުރުމަކީ މިޤާނޫން އަސާސީ ލާޒިމުކުރާ ކަމެއް" ކަމަށް ބަޔާންކޮށްފައި އޮވެއެވެ. މި މާއްދާއިން ވަކި ޖިންސެއް އިސްތިސްނާއެއް ނެތި ތަޢުލީމު ޙާޞިލުކުރުމަށް ޤާނޫން ލާޒިމު ކުރެއެވެ. އެހެންނަމަވެސް އެކަންތައްތައް ކުރުމުގެ މަގު ފަހިވެފައެއް ނެތެވެ. މިހެން މިކަން އޮއްވައި ޤާނޫން އަސާސީ އަށް ޢަމަލުކުރާން ފެށިތާ ތިން ހަފުތާގެ ތެރޭގައި އޭރުގެ ވަޒީރުއްތިޖާރާ އަލްއަމީރު މުޙައްމަދު އަމީން ވަރަށް މުހިއްމު މައްސަލައެއް ތިން ފަހަރެއްގެ މަތީން ތިން ޖަލްސާއަކަށް ހުށަހެޅުއްވިއެވެ. އޭނާ ހުށަހަޅުއްވަނީ ޤާނޫންއަސާސީގައި އެގޮތަށް އޮތުމާއެކު "ދިވެހި ކޮންމެ ރައްޔިތަކު އުނގެނުން ލާޒިމުކުރާ ތަޢުލީމު ދިވެހި އަންހެން ދަރީންނަށްވެސް ލިބި ގަނެވޭނެ ގޮތް ސަރުކާރުން ހަމަޖައްސައިފައި އޮންނަންވާނެ" ކަމަށެވެ. މި ހުށަހެޅުއްވުމާ ގުޅިގެން ހޫނު ބަހުސަކަށްފަހު ހަނި އަޣުލަބިއްޔަތަކުން ފާސްވެގެން ސަނިއްޔާގައި އަންހެންކުދީންގެ ގޮތްޕެއް އުފައްދަވައި ކިޔަވައިދޭން ފެއްޓިއެވެ. މި ގޮތުގައި ދުވަސްކޮޅެއް ހޭދަވުމަށްފަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފާސްކުރުމުގެ ނަތީޖާއެއްގެ ގޮތުން 1935 ގައި، އަންހެން ކުދީންނަށް ކިޔަވައިދިނުން މަނާކުރެވުނެވެ. އެއީ އަންހެން ކުދީންނަށް ކިޔަވައިދޭން ފިރިހެނުން ދިޔުން އެއީ ރަނގަޅުކަމެއް ނޫންކަމަށް ފެނިވަޑައިގެންނެވެ. އަންހެން މުދައްރިސުން ތައްޔާރުކުރެވެންދެން އަންހެން ކުދީންނަށް ގޭގައި ކިޔަވައިދިނުމަށް ހަމަޖެއްސުމާ ގުޅިގެންނެވެ. މި ގޮތުގައި ދުވަސްކޮޅެއް ހޭދަވުމަށްފަހު 27 ނޮވެމްބަރ 1944 ގައި މަދުރަސަތުއްސަނިއްޔާގެ އަންހެންގޮފި އަލުން ހުޅުވައި އަންހެން ކުދީންނަށް އަލުން ކިޔަވައިދެއްވަން ފެއްޓެވީ ވެސް މުޙައްމަދު އަމީނެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ހަލަބޮލިކަމެއްގެ ތެރޭގައި ރައްޔިތުން އެއްވެ ޤާނޫން އަސާސީ އުވާލައި ސަރުކާރު ހިންގުން 68 ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކާ ޙަވާލުވިއެވެ. ތާރީޚުން އެނގޭ ގޮތުގައި މި ބަދަލު އައީ 9 ނޮވެމްބަރ 1933 ގައެވެ. މި އައި ބަދަލާ ގުޅިގެން ރާއްޖޭގެ ތަޢުލީމާ ބެހޭ ވުޒާރާ (ވުޒާރަތުލްމަޢާރިފު) ހިންގެވުން މުޙައްމަދު އަމީނާ ޙަވާލުކުރެވުނެވެ. މިހާތަނުން ސަނިއްޔާގެ ކަންތައް އިހުނަށްވުރެ ރަނގަޅުކޮށް ކުރީގައި ކިޔަވައިދިނުން އޮތްގޮތަށް އޮތުމާއެކު ފުޓްބޯޅަ (އޭރު ފައި ބޯޅަ) އާއި ކުޅިވަރުގެ އެހެން ޙަރަކާތްތައްވެސް ވަރަށް ފޯރިއާއެކު ހިނގައިގަތެވެ. މި ދައުރުގައި ކިޔަވައިދެވުނު މާއްދާތަކުގެ ތެރޭގައި ދިވެހި، ދީނިއްޔާތު، އިނގިރޭސި، އުރުދޫ، ހިސާބު، އަދި ޢަރަބި ބަސް ހިމެނުނެވެ. މިހާ ހިސާބަށް އާދެވުނު އިރު ރާއްޖޭގެ ރަސްކަމުގެ މަޤާމުގައި ހުންނެވީ އައްސުލްޠާން ޙަސަން ނޫރައްދީނުއްޘާނީ އެވެ. މިވާހަކަ މިހާ ތަފްޞީލުކޮށް މި ދަންނަވައިލީ އަންހެން ކުދީންގެ ތަޢުލީމުގެ ބާނީ އަކީ އަލްއަމީރު މުޙައްމަދު އަމީން ކަމުގައި ފާހަގަކުރާންވެގެންނެވެ. ތާރީޚީ ޙަޤީޤަތެއް ހާމަކުރުމުގެ ގޮތުންނެވެ. 1939 ވަނަ އަހަރު ފެށުނު ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ދަތިކަން 1940 ވަނަ އަހަރު ރާއްޖެއަށް ވަރަށް ބޮޑަށް ފޯރާން ފެށުމަށްފަހު ތަޢުލީމުދިނުމަށް އައި ހީނަރުކަން ކުޑަކުރެއްވުމަށް ސަރުކާރުން ފިޔަވަޅުއެޅުއްވިއެވެ. 15 ނޮވެމްބަރ 1942 ގައި މަދުރަސަތުއްސަނިއްޔާގެ ކިޔެވުން މުޅިން އާ އިޞްލާޙުތަކާއެކު އާކޮށް، އަލުންފެށުނީ މަދުރަސާ ހިންގުމުގެ ޤަވާޢިދު ވެސް ހަރުދަނާކޮށް ޤާބިލު މީހުން، ކަންކަމަށް އިސްކޮށްގެންނެވެ. އަދި ހަތަރު އަވަށުގައި ހުރި ބަންޑާރަ އެދުރުގެތައްވެސް ސަނިއްޔާ ގެ ބެލުމުގެ ދަށަށް ގެނެވުނެވެ. މިހިސާބަށް އައިއިރު ޤައުމު ހިންގުމުގައި އެންމެ އިސްކޮށް ހުންނެވީ އަލްއަމީރު މުޙައްމަދު އަމީނެވެ. މިހާ ހިސާބަށް އައިއިރުވެސް ރާއްޖޭގައި ކިޔަވައިދެވެމުން އައިސްފައިވަނީ ވަކި ޢުމުރުފުރައަކަށް ބަލައިގެނެއް ނޫނެވެ. ކްލާސްތަކަށް ބައިކުރެވެނީ ކުދީންގެ ފެންވަރަށް ބަލައިގެންނެވެ. ކުޑަކުދީންނަށް ދެވޭ ތަޢުލީމަކީ ހަމައެކަނި އަކުރު އުނގަންނައިދިނުމެވެ. ޢަރަބި އަކުރާއި ތާނަ އަކުރު ދަސްކޮށްދިނުމާއި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމެވެ. ރާއްޖޭގައި ޚާއްޞަކޮށް މާލޭގައި ފެށުނު ނިޒާމީ ތަޢުލީމު އަތޮޅުތަކަށް ފެތުރުއްވުމަށްޓަކައި ރާއްޖޭގެ ކޮންމެ އަތޮޅަކުން ކިޔެވުމަށް ޝައުޤުވެރިކަން ހުންނަ، ޞިއްޙަތު ރަނގަޅު ދެކުދީން މާލެ ގެންނަވައި ސަރުކާރުގެ ޚަރަދުގައި އެ ކުދީންނަށް ކިޔަވައިދޭގޮތަށް ހަމަޖެއްސެވިއެވެ. މިކަން މަޙުކަމަތުއްދާޚިލިއްޔާއިން އަތޮޅުތަކަށް އެންގެވީ 18 ނޮވެމްބަރ 1944 ގައެވެ. މި ހަމަޖެހުނު ހަމަޖެހުމާގުޅިގެން 36 ކުއްޖަކު މާލެ ގެންނަވައި ސަރުކާރުން އުފެއްދެވި ބޯޑިންގ (ދާރުލްއިޤާމާ) ގައި ބައިތިއްބަވައިގެން ކިޔަވައިދެވުނެވެ. މި ކުދީން ހިމެނުނީ މިޒަމާނަށް ފެށިގެން އައިއިރު ރާއްޖޭގައި ނަން ހިނގި ތަޢުލީމީ ދަރީންތަކަކަށެވެ. އަލްފާޟިލް މުލީ ޢަބްދުﷲ ޞާދިޤާއި، އަލްމަރްޙޫމް ހުވަރަފުށީ އާދަމް ސަލީމާއި، އަލްފާޟިލް ދަރަވަންދޫ ޔޫސުފް ޢަލިފުޅާއި، އަލްފާޟިލް ނައިފަރު މުޙައްމަދު ޒަކަރިއްޔާ އާއި، އަލްފާޟިލް ޢަބްދުއްރަޙީމް ފަދަ ޢިލްމީ އަދީބުންނާއި ޝާޢިރުންނަކީ ސަރުކާރުން ކުރެއްވި މި އަގުހުރި ދަނޑުވެރިކަމުގެ ފޮނި މޭވާއެވެ. 5 މޭއި 1947 ގައި ރައްޔިތުންގެ މަޖިލީހުން ވަރަށް ޚާއްޞަ ނިންމެވުމެއް ނިންމެވިއެވެ. އެއީ މާލޭގައި ހިންގާ ހަތަރު އަވަށުގެ ބަންޑާރަ އެދުރުގެތައް މަދަރުސާ ފެންވަރަށް ތަރައްޤީކޮށް ޤައުމީ އަބްޠާލުންގެ ނަމަށް ނިސްބަތްކޮށް އެތަންތަނަށް ނަންދެއްވުމަށެވެ. މި ބަދަލާގުޅިގެން މަދަރުސަތުއްސަނިއްޔާގެ ނަން ވެސް "މަދުރަސަތުލް މަޖީދިއްޔާ" ގެ ނަމަށް 6 މޭ 1947 ގައި ބަދަލުކުރެވުނެވެ. ރާއްޖޭގައި މި ފެށިގެން އައި ޢިލްމީ ޙަރަކާތްތަކުގެ ވަހާއި ކުލަ އަތޮޅުތަކަށްވެސް އައީ ފޭދެމުން ފޯރަމުންނެވެ. އެއިރެއްގެ ޙާލަތަށް ބަލައިގެން އެކި ނަންނަމުގައި އެކި ފެންވަރުގައި ކިޔަވައިދޭ ތަންތަން ރައްޔިތުން އަމިއްލަޔަށް ހުޅުވަމުން އައިސްފައިވެއެވެ. 1930 ވަނަ އަހަރުން ފެށިގެން މިކަން އައީ ހިނގަމުންނެވެ. ފެއްޓެމުން ހުއްޓެމުން ވެއްޓެމުން ނެއްޓެމުން ކަހަލަ ގޮތަކަށެވެ. މިދެންނެވި ޙަރަކާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ މި ދިޔަ އަހަރު (2007 ގައި) އަލިމަސް ޔޫބީލް ފާހަގަކުރި "މަދުރަސަތުލް އިފްތިތާޙު" ގެ ފެށުމެވެ. ނަމަށް އެއްވެސް ބަދަލެއް ނެތި އެންމެ ގިނަ ދުވަހު ރާއްޖޭގައި ހިނގަމުން އަންނަ ސްކޫލަކީ މިއީއެވެ. އައްޝައިޚު ޢަބްދުﷲ ފަހުމީ ދީދީގެ މޭސްތިރިކަމުގެ ދަށުގައި އެ މަނިކުފާނުގެ އިސްނެންގެވުމުގެ މަތީން މި މަދުރަސާ އެ މަނިކުފާގެ އުފަން ރަށް ކަމުގައިވާ ޅ. ނައިފަރުގައި ހުޅުވުނީ 21 ޖޫން 1933 ވީ ބުދަ ދުވަހު ކަމަށް ތާރީޚުން އެނގެއެވެ. މިކަން ކުރެއްވުމުގައި ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާކަން ސާބިތުވެއެވެ. އެހެނީ މި މަދުރަސާ 123 ދަރިވަރުންނާއެކު އެންމެ ފުރަތަމަ ހިންގާފައިވަނީ އަތޮޅުގޭ އުތުރު ފެންޑައިގައެވެ. ފަހުން ދެކުނު ފެންޑާވެސް އިތުރުކުރެވުނެވެ. 1 ޖޫން 1947 ގައި ނ. އަތޮޅު ހޮޅުދޫގައި ނައިފަރު ޢަލީ ޙުސައިންގެ ބެއްލެވުމުގެ ދަށުން "މޭނާ ސްކޫލް" ގެ ނަމުގައި ސްކޫލެއް ހިންގާން ފެއްޓުނެވެ. މަޝްހޫރު އަދީބެއް ކަމުގައިވާ އަލްމަރްޙޫމް ޢަލީ ޙުސައިނަކީ މަދުރަސަތުލް އިފްތިތާޙުގެ ދަރިވަރެއްކަން އުފަލާއެކު ފާހަގަކުރާންޖެހެއެވެ. މިހާ ހިސާބަށް އައިއިރުވެސް ރާއްޖޭގައި ކިޔަވައިދެވެމުން އައިސްފައިވަނީ ވަކި ޢުމުރުފުރައަކަށް ބަލައިގެނެއް ނޫނެވެ. ކްލާސްތަކަށް ބައިކުރެވެނީ ކުދީންގެ ފެންވަރަށް ބަލައިގެންނެވެ. ކުޑަކުދީންނަށް ދެވޭ ތަޢުލީމަކީ ހަމައެކަނި އަކުރު އުނގަންނައިދިނުމެވެ. ޢަރަބި އަކުރާއި ތާނަ އަކުރު ދަސްކޮށްދިނުމާއި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމެވެ. އިސްވެދެންނެވުނު ގޮތަށް ރާއްޖޭގައި ޒަމާނުއްސުރެ ދެވެމުން އައި ތަޢުލީމީ ޚިދުމަތް، އެދުރުގެތަކުން، މަކުތަބުތަކުން މަދަރުސާތަކަށް ބަދަލުވެ މި ޒަމާނުގެ އިނގިރޭސި ތަޢުލީމާ ދިމާއަށް މިޞްރާބު ޖެހީ މީލާދީ ގޮތުން 1957 ވަނަ އަހަރުގެ ތެރޭގައެވެ. ސަރުކާރުގެ ފަރާތުން ބިދޭސީ ޓީޗަރަކު ފުރަތަމަ ފަހަރަށް ރާއްޖެ ގެންނެވުމާ ގުޅިގެންނެވެ. މރ. އެތަލް ރީޑިއަސް އާއި މިސިޒް އޭ.އެމް ފެނާންޑޯއާއި މިސް ރާމް އާއި މިސް އެމް.އެލް ނަމަތުންގަ ރާއްޖެ ގެނެވުނީ ހިޖްރީ ގޮތުން 1377 ވަނަ އަހަރު ޝަޢުބާން މަހު 4 ވަނަ ދުވަހު (23 ފެބްރުއަރީ 1958 ގައި) އެވެ. ސިލޯނުން ގެނެވުނު މި ހުރިހާ ޓީޗަރުންވެސް ކިޔަވައިދެއްވީ މަދުރަސަތުލް މަޖީދިއްޔާ އާއި މަދުރަސަތުލް އަމީނިއްޔާގައެވެ. 1960 ގެ އަހަރުތަކަށް އަޅައިގަތްއިރު ރާއްޖޭގެ އިސް މަސްއޫލުވެރިން ތަޢުލީމީ ކަންކަމަށް ވިސްނެވުމަށްފަހު ރާއްޖޭގެ އޭރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ނިންމެވީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ހުޅަނގުގެ ތަޢުލީމީ ނިޒާމަށް ބަދަލުކުރައްވައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވަން ފެއްޓެވުމަށެވެ. އެއީ ސަރުކާރު ހިންގުމަށް ބޭނުންވާ ޤާބިލު ހުނަރުވެރިން އުފެއްދެވުމުގެ މަޤްޞަދުގައި އެޅުއްވި ފިޔަވަޅެއްކަމަށް ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވައެވެ. މި ގޮތުން ސަރުކާރުގެ 2 މަދުރަސާ ކަމަށްވާ މަދުރަސަތުލްމަޖީދިއްޔާ އާއި މަދުރަސަތުލްއަމީނިއްޔާގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވުމަށްޓަކައި ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަވަން ފެއްޓެވިއެވެ. އަދި 1961 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ސްރީލަންކާގެ މރ. ޖޭ.ވީ ހިލް މަޖީދިއްޔާގެ ނާޒިރެއްގެ ގޮތުގައި މަސައްކަތްކުރައްވަން ފެއްޓެވިއެވެ. އަދި 21 މާޗް 1961 ން ފެށިގެން ޢަމަލީ ގޮތުން ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުނެވެ. އެހެންވީމާ ރާއްޖެއަށް އިނގިރޭސި ތަޢުލީމު ތަޢާރަފުކުރެއްވި މޭސްތިރިއަކީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުކަމުގައި ދެންނެވުމަކީ ތާރީޚަށްޓަކައި ފާހަގަކުރާންޖެހޭނެ ކަމެކެވެ. މިހެން މިކަން އޮއްވައި 1960 ވަނަ އަހަރުގެ ތެރޭގައި ކުޑަކުދީންނަށް ކިޔަވައިދެއްވާ މަދުރަސާއެއްގެ ގޮތުގައި "ޙަމީދިއްޔާ (ފަހުން ނާޞިރިއްޔާ) މޮންޓެސޫރީ ސްކޫލް" ގެ ނަމުގައި ތުއްތުކުދީންގެ ސްކޫލެއް އުފައްދަވައި އެ އަހަރު އޮކްޓޯބަރ މަހު 10 ވަނަ ދުވަހުން ފެށިގެން ކިޔަވައިދޭން ފެށުނެވެ. ސްކޫލް ޢިމާރާތެއްގެ ގޮތުގައި ހަމަޖެއްސެވީ މަދުރަސަތުލް ޙަމީދިއްޔާ ހުރި ޢިމާރާތެވެ. (އެއީ މިހާރުގެ "އިސްކަންދަރު ސްކޫލެވެ".) ފުރަތަމަ ނާޒިރާ އަކީ ސިލޯންގެ ރައްޔިތެއްކަމުގައިވާ މިސިޒް ރެނޯލްޑްސް އެވެ. 1960 ގެ އަހަރުތަކުން ފެށިގެން 1970 ގެ މެދަކާ ހަމަޔަށް އައިއިރުވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޚިދުމަތް ހަމައެކަނި އަމާޒުކުރެވިފައިވަނީ މާލޭގައި ހުރި ސަރުކާރުގެ 3 ސްކޫލަށް ކަމުގައި ދެންނެވިދާނެއެވެ. އާދެ! ހަމަ އެކަނި މާލޭގައި ޕްރީ ސްކޫލާއި ފަށާ ތަޢުލީމާއި ސާނަވީ ތަޢުލީމުދިނުމަކީ ތަޢުލީމާބެހޭ ވުޒާރާގެ މައިގަނޑު މަސައްކަތްކަމުގައި އޭރު އޮތީ ބެލެވިފައެވެ. 1976 ވަނަ އަހަރު ދިވެހި ސަރުކާރާއި ޔުނިސެފާއި އދ.ގެ އެހެން ބައެއް ޖަމާޢަތްތަކާ ގުޅިގެން އަތޮޅުތަކުގައި ތަޢުލީމުދިނުމުގެ މަޝްރޫޢެއް ރޭވުނެވެ. މި މަޝްރޫޢު ހިންގެވުމަށްޓަކައި އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީސް (އީ.ޕީ.އޯ) ގެ ނަމުގައި ޚާއްޞަ ވަކި އޮފީހެއް އުފެއްދުނެވެ. ހައެއްކަ މުއައްޒިފުންނާއެކު މި މަސައްކަތުގައި އިސްވެ އުޅުއްވީ ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ. (ނުނިމޭ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)
![]()
...
ލިޔުނީ ސަމީޢު, 2009-06-06 23:49:45
ވަރަށް ބޮޑު ދިރާސާއެއް މިމަޒުމޫނުގައި އޭރު ތަޢުލީމުދިނުމަށް އެޅުނު ހުރަސްތަކުގެވާހަކަ ގެންނެވިނަމަ ވަރަށް ފުރިހަމަވީސް އަދި ބާކީބައި ފުރިހަމަކުރައްވާއިރު މިކަމަށް ކުޑަކޮށް އަލިއަޅުވައި ލެއްވުން އެދެމެވެ. އަދި ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަށް ޝުކުރިއްޔާ
...
ލިޔުނީ ހަސަން މަނިކު, 2009-06-07 04:48:08
ސަމީޢު ތިޔަ ވިދާޅުވި ނުކުތާ އަޅުގަނޑަށް ވެސް ފާހަގަ ކުރެވުނެވެ. އަޅުގަނޑު މި ލިޔުން ރޭގައި ކިޔާލައިފައި ހަމަ ތިޔަ ގޮތަށް ހިތަށް އެރި އެވެ. ނަމަވެސް ޢަޒީ ''ކުރުކުރު ކޮށް'' މި ވިދާޅުވެފައި އޮތީމާ އޭރު އެ ޚިޔާލު ނުލިޔެވުނީ އެވެ.
ކޮންމެ ގޮތެއްގައި ވެސް ރާއްޖޭގެ ތަޢުލީމު މަގުގައި ބާރާއި ނުފޫޒު ހުރި ފަރާތްތަކުން ހުރަސްފާރުތައް ރާނަމުން ދިޔަކަން އެއީ ވަރަށް ބޮޑު ޙަޤީޤަތެކެވެ. ސިޔާސީ ވާހަކައެއް ލިޔާކަށް ނޫނެވެ. އެކަމަކު ރައީސް މައުމޫނުގެ ދައުރާ ޖެހެން ދެން އެކަން އެހެން އޮތްކަމީ ތާރީޚުގެ ޙަޤީޤަތެކެވެ. މި ދެންނެވި ހުރަސްފާރު ނައްތާލެއްވީ ސީދާ ރައީސް މައުމޫނުގެ އަތްޕުޅުންނެވެ. ފުރަތަމަ އެޅުއްވި ފިޔަވަޅީ، އަސާސީ ތަޢުލީމުގެ ފިޔަވަޅެވެ. އޭރު އަޅުގަނޑު ވެސް އުޅެނީ ސަރުކާރުގަ އެވެ. ސީދާ އެމަނިކުފާނު އަސާސީ ކިލާސްތަކަށް ދިވެހިންނަށް ލިޔަން ކިޔަން ދަސްކޮށް ދެއްވުމަށް ވަޑައިގެން ޢަމަލީ ގޮތުން ކިޔަވައި ދެއްވި އެވެ. ހަވައްޑޭތުއްތު ދީދީގެ ޙިކްމަތްތެރިކަމާ ބެހޭގޮތުން ފަންވަތުގައި ޝާއިޢު ކުރައްވާފައިވާ އަލްމަރުޙޫމު ޢަބްދުލް ޙަކީމު ޙުސައިން މަނިކުގެ ލިޔުއްވުމެއް ވެސް ސަމީޢު ވިދާޅުވެފައިވާނެ ކަމަށް އުންމީދު ކުރަމެވެ. އެ ލިޔުމުގައި ހަވައްޑޭ ތުއްތީދީ އިނގިރޭސި ކިޔަވައިވިދާޅުވާ ހިތްޕުޅުވެގެން ސަރުކާރުގެ ވަޒީރަކަށް އެވާހަކަ ދެންނެވުމުން ދެއްވި ޖަވާބު އެ އޮތީ އެވެ. ''އަހަރެމެންގެ ދަރިން އިނގިރޭސި ބަސް ކިޔެވިޔަކަސް، އިނގިރޭސި ބަހަކީ ކޮންމެ ކޮންމެ މީހަކަށް ކިޔެވޭނެ ބަހެއް ނޫނެވެ.'' ސަމީޢު ޢަޒީގެ ކިބައިން އެދިވަޑައިގަތް ކަންތަކަކީ އަޅުގަނޑުގެ ތަޖުރިބާއެއް ވެސް އޭގައި ހިމެނިފައިވާ ކަމަކަށްވާތީ، އަދި ދެ ވާހަކައެއް ދަންނަވާލާނަމެވެ. 1987ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އަލްމަރުޙޫމު އިބްރާހީމް ޝިހާބު އިސްލާމީ މަރުކަޒުގައި ދެއްވި ތަޤުރީރެއްގައި ވިދާޅުވެފައި ވެއެވެ. އަޅުގަނޑު ކިޔަވަން އުޅުނު އިރު މުޅި މަޖީދިއްޔާ ސުކޫލުގައި ތިބީ ޖުމުލަ 25 ކުދީންނެވެ. ދެން އަޅުގަނޑު ރާއްޖޭން ބޭރަށް ކިޔަވަންފޮނުއްވުމުން، އަޅުގަނޑުގެ ބައްޕަ އޭރުގެ އުއްތަމަ ފަނޑިޔާރު، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަށް، ވުޒާރަތުން މަޢާރިފުން (މިނިސްޓްރީ އޮފް އެޑިޔުކޭޝަން) ފޮނުއްވި ސިޓީ އެއް މިހާރު ވެސް އަޅުގަނޑު އަތުގައި އެބަ އޮތެވެ. އޭގައި ދައުލަތުގެ ފަރާތުން އަންގަވާފައި ވެ އެވެ. ''މަނިކުފާނުގެ ބޭފުޅެއްކަމުގައި ވިޔަސް ކިޔަވައި ދޭންވާނީ މި ވުޒާރާއިން އެންގި އެއްޗެއް، އެންގި މިންވަރަކަށެވެ'' ސަމީޢުއަށް އަދި އެއް ޙަޤީޤަތް ކިޔައިދޭނަމެވެ. މި ޚިޔާލު މި ލިޔާމީހާ ކިޔެވުން ހުއްޓާލީ ނަފުސާނީ ގޮތުން ކުރި އަސަރެއްގެ ސަބަބުންކަން މިހާރު އެނގެނީ ނަފުސާނީ ޢިލްމުވެރިންނޭ ކިޔާ ބަޔަކު، މިހާރު މި ގައުމުގައި ތިބެ، އެމީހުން ދައްކާ ވާހަކަތައް އަޑު އެހީމަ އެވެ. ކީއްވެގެންހެއްޔެވެ؟ އަޅުގަނޑުގެ ބޭބެ އިބްރާހީމް މަނިކަކީ، އުރޫބަސް ކިޔަވާ ހިތުން، އުރުދޫފޮތެއް ގަމީސް ދަށަށް ޖަހައިގެން މީހެއްގެ ގާތަށް ކިޔަވަން ދަނިކޮށް އެކަން ދައުލަތަށް ފަޅާއަރާގައި އެކަމުގެ ''ކުށުގައި'' ހަމަސް ދުވަސް ޙުކުމްކޮށް އަރުވާލި މީހެކެވެ. ވައިނުޖެހޭގޭ ޙަސަން މަނިކުމެން ކަހަލަ ބޭފުޅުން މި ކަންކަން ދެނެވަޑައިގަންނަވާނެ އެވެ.
...
ލިޔުނީ ކާފު ލާމު, 2009-06-07 06:50:10
ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭންޖެހުނީ ވަރަށް ގިނަ ސަބަބުތަކާހުރެއެވެ. އޭގެތެރޭގައި ހިމެނޭ އެންމެބޮޑު ސަބަބަކީ އޭރު މަޖީދިއްޔާގައި ކިޔަވައިދެއްވަން އުޅުއްވި ”ބޭފުޅުން“ ކިޔަވައި ދެއްވުމަށް ސަމާލުކަން ނުދެއްވުމެވެ. ތާރީޚު ލިޔާ މީހުން މިވާހަކަތައް ނުލިޔުނަސް ކަންހިނގި މަގަކީ، ނާސިރަށް މީހަކު ފޮނުވި ސިޓީއަކާ ގުޅިގެން މަޖީދިއްޔާއަށް ވަޑައިގެން މިކަން ބެއްލެވީއެވެ. މިކަން މިމަގަށް ހިނގާތީ މުދައްރިސުންނަށް ނަސޭހަތުގެ ސިޓީ ފޮނުއްވިއެވެ. މަޖީދިއްޔާގެ ހާޒިރީ ކޮންމެ މަހަކު ގެންނަވައިގެން ބައްލަވަމުން ގެންދެވިއެވެ. ހައްލެއް ނައުމުން ކިޔަވައިދިނުމުގެ މީޑިއަމަށް ބަދަލު ގެންނަވަން ފެށްޓެވީއެވެ. މަޖީދިއްޔާގައި ތިބި ހުރިހާ މުދައްރިސުން އެއްފަހަރާ ވަޒީފާއިން ވަކިކޮށް ސިލޯނުން ޗީޓަރުން ގެންނަވަން ހަމަޖައްސަވައި އެކަން އެމަގުން ކުރެއްވީއެވެ. ޗީޓަރުން ގެނައުމަށް ޚަރަދުކުރުމަށް ނިންމެވީ އޭރު މަސްވިއްކައިގެން ސަރުކާރަށް ލިބިފައިވާ ފައިސާގެ ތެރެއިން ސިލޯނުގައި ހުރި ފައިސާއިންނެވެ. ނާސިރުގެ އޮފީހުގައި އެދުވަސްވަރު ތިއްބެވި ނިޢްމާ ނަޞީރާއި މުޙަންމަދު ޞާދިޤަށް މިކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް، ހިތާމައަކީ ތަޢްލީމާބެހޭ ވާހަކަތައް ލިޔާއިރު މިފަދަ ވާހަކަތައް އުނިވެފައި ހުންނާތީއެވެ.
...
ލިޔުނީ ސަމީޢު, 2009-06-07 17:24:33
ހަސަން މަނިކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އެއްސަބަބަކީ އަމިއްލަފުޅު ތަޖުރިބާ ހިއްސާކުރެއްވީތީއެވެ. އަދިއޭގެއިތުރުން ދިވެހިރާއްޖޭގެ ތަޢުލީމީ ހަޔާތުގައި ކުރިމަތިވިބައެއް ހުރަސްތައް ވިދާޅުވެދެއްވީތީއާއިއެކުއެވ
...
ލިޔުނީ Fathimath Maureen§, 2009-06-07 20:26:48
Mi liyumugai 1999 vana aharuge boa himeni hisaabuthah dhakka gothun ney liyevifai e aothee type ge kushakunq kamah gaboolukureve eve. rangalhu gothakee 1909 aekeve. Mi kuh liyuntheriyaage hdhdhayaa ekuves islaah kolladehvviyyaa haadha rangalheve.
...
ލިޔުނީ އޭންޖަލް ނޫރު......, 2010-01-26 11:43:03
އަޒީއަށް
ވެދުން ސަލާމް.. މިއީ ވަރަށް ރަގަޅު ދިރާސާއެކެވެ. މި ލިއުން ލިއުއްވުމަށް ވަރަށްގިނަ ފޮތްތަށް ބައްލަވާ ތަފާތު ގިނަ މަޢުލުމާތު ހޯއްދަވާފައިވާކަން މި ލިއުން ކިއާލުމުން އެގެއެވެ. ކިޔަވާކުއްޖަކަށް ނޫނީ ޢިލްމީ ދިރާސާ ކުރާމިހަކަށް މީ މުހިއްމު ލިއުމެވެ. އެކަމަކު މި ލިއުން ފުރިހަމަ ވުމަށް މަދުވާ ވަރަށް މުހިއްމު ކަމެއްފާހަގަ ކޮއްލަމެވެ. އެއީ އެހެންލިއުންތެރިންގެވެސް ސަމާލުކަމަށް މިކަން ފާހަގަ ކޮށްލަނީއެވެ. މީގައި ލިއުންތެރިޔާހިމަނުއްވާފައިވ
...
ލިޔުނީ ފަންވަތް, 2010-01-26 14:59:20 އެންޖަލް ނޫރުގެ ނަމުގައި ޚިޔާލު ހުށަހެޅުއްވި މަޢުލޫމާތަށްޓަކައި ދަންނަވައިލަމެވެ. މި ލިޔުން ފަންވަތާ ހަމަޔަށް އައި ގޮތް، މި ލިޔުމުގެ 2 ވަނަ ބައި ނިންމާ ލެއްވުމަށްފަހު، ލިޔުންތެރިޔާ ލިޔުއްވަފައިވާ ނޯޓެއް އެބަ އޮތެވެ. ވީމާ އެ ނޯޓު މި ތާނގައި ނަކަލު ކޮށްލަމެވެ. ތިޔަ ފާޅު ކުރެއްވި އުނިކަމުގެ ސަބަބުގެ މައްޗަށް އެ ނޯޓުން އަލިކަމެއް ލިބޭކަމަށް ފެންނާތީ އެވެ. ނޯޓު؛ ''މިއީ ރާއްޖޭގެ ރަސްމީ ތަޢުލީމަށް 75 އަހަރުފުރުން ފާހަގަކުރުގެ ރަސްމީ ޖަލްސާއަށް ތައްޔާރުކުރި ޑޮކިޔުމެންޓަރީއަކަށް އަޅުގަނޑު ލިޔުނު ސްކްރިޕްޓްގައި ހުރި މަޢުލޫމާތުގެ މައްޗަށް ލިޔެ އެއްކޮށް ޗާޕުކުރުމަށް ތައްޔާރުކުރި އަތްމަތީ ފޮތެއްގައި ވާ މަޢުލޫމާތުގެ ޚުލާޞާއެކެވެ. މިޒަމާނަކީ މަޢުލޫމާތު ހާމަކުރުމުގެ ޒަމާން ކަމަށް ވިޔަސް، ކޮންމެވެސް ސަބަބުތަކަކާހުރެ، މި ދެންނެވި ޑޮކިޔުމެންޓަރީއާއި މިދެންނެވި އަތްމަތީ ފޮތް އަދި މިހާތަނަށް ޢާއްމު ކުރައްވައިފައެއް ނުވެއެވެ. މި މަޢުލޫމާތުތަކަކީ އަޅުގަނޑު ހިލޭ ސާބަހަށް ވަރަށް ބުރަ މަސައްކަތުން އެއްކުރި މަޢުލޫމާތުތަކަކަށް ވާތީ، މި މަޢުލޫމާތުތައް މިޖީލުގެ ކިޔަވާކުދީންނާއި ޒުވާނުންނަށް ހާމަކުރުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކޭތީ ތާރީޚަށްޓަކައި މި މަޢުލޫމާތުތައް ޙިއްސާކޮށްލަން ބޭނުން ވީއެވެ.'' -އިދާރާ-
... ލިޔުނީ އެންޖަލް ނޫރު., 2010-02-14 06:47:28
ފަންވަތުގެ އެޑްމިން އަށް ޝުކުރިއްޔާ.
އަޅުގަނޑުގެ ޚިޔާލުން އެއްބައި އުނިކުރައްވާފައި ހިމެނުއްވީ ކީއްވެތޯއެވެ؟؟؟؟؟؟؟ އަޅުގަނޑު ފާހަގަކުރި ނުކުތާ މިޞަފްޙާގެ ކިއުންތެރިންނަށް ސިއްރުކުރަން ބޭނުންނަމަ މިތާގައި އެވާހަކަ ނުލިއުނީމުހެވެ. އަޅުގަނޑު ފާޅުކުރީ ޚިޔާލެކެވެ. ޖަވާބަކަށް ސުވާލެއް މިތާކު ހުށައެއްނާޅަމެވެ. ހުރިހާ ކަމެއްގެ ޢިލްމު މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ ހަމަކަށަވަރުން މާތް ﷲ އެވެ. މަޒުމޫނުލިއުއްވި ލިއުންތެރިޔާގެ ޝަޚުޞިއްޔަތަށް ކުޑައިމީސްބަހެއް ނުދަންނަވަމެވެ. އެކަމަކު ތިޔަ ދެއްވި ޖަވާބުވެސް އެ ޚިޔާލަށް ނުފުދެއެވެ. އަޅުގަނޑު ދެންނެވެވީ ލިއުންތެރިޔާ ވިދާޅުވެފައިވާ މި މަޢުލޫމާތު " މި މަޢުލޫމާތުތަކަކީ އަޅުގަނޑު ހިލޭ ސާބަހަށް ވަރަށް ބުރަ މަސައްކަތުން އެއްކުރި މަޢުލޫމާތު" ހޯއްދެވި ތަނެއް ނުވަތަ ނެންގެވިތަނެއް ލިއުމުން އެގެން ނެތްވާހަކަ އެވެ... މީ ދޮގެއްތޯއެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|