މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ދިވެހިރާއްޖޭގެ ތަޢުލީމުގެ 75 އަހަރުގެ ދުވެލި - 02 |
|
|
| ދިވެހި - ތާރީޚް | |||
| 08 ޖޫން 2009، 00:15 ހޯމަ | |||
|
ކުރުކުރުކޮށް..... ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) 1978 ނޮވެމްބަރ 11 ން ފެށިގެން ސަރުކާރުގެ ތަޢުލީމީ ސިޔާސަތަށް ގެނެވުނު ވަރަށް ބޮޑު ބަދަލެއްގެ ސަބަބުން އީ.ޕީ.އޯ (އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީސް) ގެ މަސައްކަތް ވަރަށް ބޮޑަށް ތަރައްޤީވެ ފުޅާވިއެވެ. ނަތީޖާއެއްގެ ގޮތުން އަލްއުސްތާޛު މުޙައްމަދު ޒާހިރުޙުސައިންގެ ބެއްލެވުމުގެ ދަށުން ހިނގަމުން އައި އީ.ޕީ.އޯ ގެ ނަން 1979 ޖެނުއަރީ 1 ން ފެށިގެން "އެޑިޔުކޭޝަނަލް ޑިވެލޮޕްމެންޓް ސެންޓަރ" (އީ.ޑީ.ސީ) ގެ ނަމަށް ބަދަލުކުރެވުނެވެ. އެހާތަނުން ފެށިގެން ރާއްޖޭގެ ތަޢުލީމީ ސިޔާސަތުގައި އީ.ޑީ.ސީ އަދާކޮށްފައިވަނީ ވަރަށް މުހިއްމު ދައުރެކެވެ. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމާ، 23 ޖުލައި 1979 ން ފެށިގެން އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން ޙަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ ކަންކޮޅުތަކުގައި ތަޢުލީމީ ޙަރަކާތްތައް ހިނގައިގަތީ ވަރަށް ހަލުވިކަމާއެކުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެންގެވުމެއްގެ މަތީން ކުއްލި ގޮތެއްގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕްރައިމަރީ ސްކޫލެއް ޤާއިމުކުރެވި 1979 ވަނަ އަހަރު ހިނގައިގަތެވެ. މި އަހަރުތައް ވެގެން ދިޔައީ ދިވެހިރާއްޖޭގެ ތަޢުލީމު ވަރަށް ހަލުވިކަމާއެކު ކުރިއަރައިގެން އައި އަހަރުތަކެއް ކަމުގައެވެ. މި ފެށުނު އާ ފެށުމާއެކު ރާއްޖޭގެ ތަޢުލީމު ފުޅާވެގެން އައީ ހީވެސް ނުކުރާހައި ހަލުވި ބާރުމިނެއްގައެވެ. ސްކޫލް ޢިމާރާތްކުރުމާއި، މުދައްރިސުން ބިނާކުރުމާއި، މުޤައްރަރުއެކުލަވައިލުމާއި، ތަޢުލީމީ ހޭލުންތެރިކަން އިތުރުކުރުމާއި، ފޮތްލިޔެ އުފެއްދުންފަދަ ގިނަ ޚިދުމަތްތަކެއް އެ ފުރާޅުގެ ދަށުން ދެވެމުން އައިސްފައިވެއެވެ. މިގޮތުގެ މަތީން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 1980 ވަނަ އަހަރު ފަށާތަޢުލީމުގެ ޤައުމީ މުޤައްރަރެއް ތަޢާރަފުކުރެވުނެވެ. ރާއްޖޭގެ ކަންކޮޅުތަކަށް ފަށާ ތަޢުލީމު ޢާއްމު ކުރެއްވުމަށްޓަކައި ކުރެވުނު ގިނަގުނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 1984 ގައި ފަށާތަޢުލީމާއި މެދުމަދްރަސީ ތަޢުލީމުގެ ޤައުމީ މަންހަޖް އެކުލަވައިލެވުނު. މިއާ ގުޅިގެން ފޮތްލިޔުމާއި މުދައްރިސުން ބިނާކުރެއްވުމުގެ މަސައްކަތް އިތުރަށް ހަލުވިކުރެވުނު. އަތޮޅު ތަޢުލީމީ މަރުކަޒު ޤާއިމުކުރުމަށް ހިންގެވި މަޝްރޫޢު 1986 ގައި ނިމި ކޮންމެ އަތޮޅެއްގައި މަދުވެގެން ސަރުކާރުން 2 ސްކޫލެއް ހިންގަވާން ފެއްޓެވިއެވެ. މި މަރުކަޒުގެ ޚިދުމަތްތައް ފުޅާވެ ކުރިއަރައިގެން އައުމުގެ ނަތީޖާއެއްގެ ގޮތުން، އެ ޚިދުމަތްތައް އެކި ބައިބަޔަށް ބެހި ވަކިވަކި މުއައްސަސާތައް އުފެދި ފުޅާވަމުން އައެވެ. މިގޮތުގެ މަތީން 1981 ވަނަ އަހަރު އީ.ޑީ.ސީ ގެ ނަން ދިވެހިރާއްޖޭގެ ތަޢުލީމުކުރިއަރުވާ މަރުކަޒުގެ ނަމަށް ބަދަލުކުރެއްވިއެވެ. އީޑީސީ އިން ކުރައްވަމުން ގެންދެވި މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި 1 މާރޗް 1984 ގައި "މުދައްރިސުންގެ ތަޢުލީމީ މަރުކަޒު" ގެ ނަމުގައި އާ މުއައްސަސާއެއް އުފެއްދެވިއެވެ. މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް ފުޅާވެ އެ މަރުކަޒު އިންސްޓިޓިޔުޓަކަށް ބަދަލުކުރެވުނެވެ. މިއަދު މި މުއައްސަސާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް ބަދަލުވެފައެވެ. އުންމީދު ކުރެވޭ ގޮތުގައި ރާއްޖޭގެ ފުރަތަމަ ޤައުމީ ޔުނިވަރސިޓީއަކަށް ދާދި އަވަހަށް މި ކޮލެޖް ބަދަލުވާނެއެވެ. ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ މަސައްކަތް ފުޅާވެ ކުރިއަރައިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން އެ މަރުކަޒުން ހިންގެވި ޖަމާޢަތުގެ ތަޢުލީމާ ގުޅޭ މަސައްކަތް ހިންގުމަށްޓަކައި "ނުރަސްމީ ތަޢުލީމުދޭ ބައި" ގެ ނަމުގައި އާ އިދާރާއެއް 1 ޖެނުއަރީ 1986 ގައި އުފެއްދެވިއެވެ. އަދި ފަހުން މިތާގެ ނަން ނުރަސްމީ ތަޢުލީމުދޭ މަރުކަޒުގެ ނަމަށް ބަދަލުކުރެއްވިއެވެ. މިހާރު އެއީ ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަނެވެ. ތަޢުލީމުގެ ފުރަތަމަ ފުރުޞަތު ގެއްލިފައިވާ ކުދީންނާއި މީހުންނަށް ތަޢުލީމުގެ ދެވަނަ ފުރުޞަތު ހޯއަދަވައިދެއްވުމާއި މަސައްކަތަތްތެރިކަމުގެ ތަފާތު ދާއިރާތަކުން ގިނަ ގިނަގުނަ ކޯސްތަކެއް މި މަރުކަޒުން ހިންގަވައެވެ. އަދި ޖަމާޢަތުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެތައް ޕްރޮގްރާމްތަކެއް ހިންގަވައެވެ. 1980 ވަނަ އަހަރު ފެށުނު ދުވަހަކީ ދިވެހިރާއްޖޭގައި ވަރަށް އާދަޔާ ޚިލާފު މަޝްރޫޢެއް އިޢުލާންވެގެން ދިޔަ ދުވަހެކެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިޢުލާންކުރެއްވި މި ޚާއްޞަ ޕްރޮގްރާމް ގައި ޢަމަލީގޮތުން ރައީސުލްޖުމްހޫރިއްޔާ ކިޔަވައިދެއްވިކަން އެއީ މި މަޝްރޫޢަށް ސަރުކާރުން ދެއްވި ސަމާލުކަން ހާމަވެގެންދިޔަ ކަމެކެވެ. މި އަހަރު މުޅި ރާއްޖޭގައި ހިންގާން ފެއްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ މީހުންގެ ނިސްބަތް 1990 ގެ އަހަރުތަކުގެ މެދަކާ ހަމަޔަށް އައިއިރު %37 ން %1.06 އަށް ދަށްކުރެވުނެވެ. އެއީ މުޅި ރާއްޖޭގައި ވަރަށް ފޯރިޔާއެކު ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ލިބިގެން ހިންގުނު މަޝްރޫޢެކެވެ. މިއީ ނުރަސްމީތަޢުލީމުގެ ދާޢިރާއިން މިހާތަނަށް ހިންގުނު އެންމެ ބޮޑު މަޝްރޫޢުކަމުގައި ދެންނެވިދާނެއެވެ. ރާއްޖޭގައި ޢަރަބި މީޑިއަމުން ތަޢުލީމުދެވޭނެ މަގު ފަހިކުރައްވައި، ޢަރަބި އިސްލާމީ ތަޢުލީމު ދޭ މަޢުހަދެއް 9 ނޮވެމްބަރ 1980 ގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވިއެވެ. އެދުވަސްވަރު ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންނާއި ޤާރީން އަތުގެ އިނގިލިތަކުން ގުނައިލެވެއެވެ. ނަމަވެސް މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގެ ފުރާޅުގެ ދަށުން އެތައް ސަތޭކަ ދީނީ ޢިލްމުވެރިންނެއް މިހާރުވަނީ ދިވެހި މުޖްތަމަޢަށް ނެރެދީފައެވެ. މިހާރު ރާއްޖޭގައި ތިބި، ރީތިކޮށް ޤުރުއާން ކިޔަވަން ދަންނަ މީހުންނާއި ޤާރީންގެ ޢަދަދު ވިޔަކޮށްލުމަކީ ފަސޭހަކަމެއް ނޫނެވެ. ޢަރަބި އިސްލާމީ ތަޢުލީމު އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި "އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ"ގެ ނަމުގައި މި ދުވަސްވަރު ޚާއްޞަ މަދްރަސާއެއް ވުޖޫދަށް ގެނެވުނެވެ. މިއީ މިހާރު ސާނަވީ ތަޢުލީމުގެ ފެންވަރަށް ހިނގަމުންދާ ސްކޫލެކެވެ. އަތޮޅުތަކުގެ ދަރިވަރުން މާލެ ނައިސް އެކުދީންގެ އަމިއްލަ ވަޒަނުގައި ތިބެގެން ސާނަވީތަޢުލީމު ހޯދޭނެ މަގު ތަނަވަސްކޮށްދެއްވުމަށްޓަކައި ފުރަތަމަ ފަހަރަށް ރާއްޖޭގެ އަތޮޅެއްގައި ސާނަވީ ތަޢުލީމު 1990 ވަނަ އަހަރު ތަޢާރަފުކުރެވުނެވެ. މިހާތަނަށް އައި އިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަނީ އަތޮޅުތަޢުލީމީ މަރުކަޒުތައް ޤާއިމުކުރެވިފައެވެ. ފުވައްމުލައް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި އަތޮޅު މަދަރުސާތައް ބިނާކޮށް ވަނީ ނިމިފައެވެ. އަދި ތަޢުލީމީ ޙަރަކާތްތައް ކުރިއަރުވައި ތަރައްޤީކުރުމަށް ބޭނުންވާނޭ މުއައްސަސާތައްވެސް ވަނީ ޤާއިމުކުރެވިފައެވެ. އަތޮޅުތަކަށް ތަޢުލީމު ޢާއްމުކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވި ސިޔާސަތުގެ ދަށުން 1995 ވަނަ އަހަރު ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް 5 އަހަރުގެ ފަށާތަޢުލީމު ވަނީ ޢާއްމު ކުރެވިފައެވެ. އަދި 2000 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ހުރިހާ ރަށެއްގައި މެދުމަދުރަސީ ފެންވަރަށް ކިޔަވައިދެވޭނެ ގޮތް ހަމަޖެހިފައި އޮތްއިރު، ކޮންމެ އަތޮޅެއްގައި ވަނީ ސާނަވީ ތަޢުލީމު ޢާންމުކުރެވިފައެވެ. މިހާރު އެންމެ 17 ރަށެއްގައި ކިޔަވަމުންދާ 200 ވެސް ހަމަނުވާހާ މަދު ޢަދަދެއްގެ ދަރިވަރުން ފިޔަވައި ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރަށުގައި ތިބެގެން ސާނަވީ ތަޢުލީމު ޙާޞިލުކުރެވޭނެ މަގު ވަނީ ފަހިކޮށްދެވިފައެވެ. މިފަދަ ކުދިކުދި ރަށްރަށުގައި ތިބި މަދު ދަރިވަރުން ކޮޅަށްވެސް ފަސޭހަ ނިޒާމެއްގެ ދަށުން ސާނަވީ ތަޢުލީމު ލިބިދެވޭނެ ގޮތްތަކެއް އެޑިޔުކޭޝަނުން ގެންދަވަނީ ހަމަޖައްސަވަމުންނެވެ. 2010 ވަނަ އަހަރުގެ ނިޔަލަށް މި ލަނޑުދަނޑި ޙާޞިލުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. ރާއްޖޭގެ އަތޮޅުތަކަށް ތަޢުލީމު ޢާއްމު ކުރައްވައި ފުޅާކުރައްވައި ފެންވަރު މަތިކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން 2001 ވަނަ އަހަރު ރާއްޖޭގެ އަތޮޅުތަކަށް މަތީ ސާނަވީ ތަޢުލީމު ތަޢާރަފްކުރެވުނެވެ. 2007 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ އަތޮޅުތަކުގައި މަތީ ސާނަވީއަށް ކިޔަވައިދޭ 21 ސްކޫލް އެބަހުއްޓެވެ. މާލޭގައި ހުރި މަތީ ސާނަވީއަށް ކިޔަވައިދޭ 3 ސްކޫލާއެކު 2007 ނިމުނު އިރު މުޅި ރާއްޖޭގައި 24 ސްކޫލްގައި މަތީ ސާނަވީ ފެންވަރަށް ކިޔަވައިދެއެވެ. މީގެ ތެރެއިން 23 ސްކޫލަކީ ސީދާ ސަރުކާރުން ހިންގާ ސްކޫލްތައްކަން ފާހަގަކޮށްލަންޖެހެއެވެ. ރަށްރަށުގައި ރައްޔިތުން ހިންގެވި ސްކޫލްތަކުގެ ތެރެއިން ސަރުކާރު ސްކޫލަށް ބަދަލުކުރައްވަން ރައްޔިތުން އެދިވަޑައިގެންނެވި ހުރިހާ ސްކޫލްތަކެއް 2005 ވަނަ އަހަރު ސަރުކާރުން ހިންގަވާ ސްކޫލްތަކެއްގެ ގޮތުގައި ހަމަޖެހުނެވެ. 2006 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ސަރުކާރުން ހިންގާ މަދުވެގެން 1 ސްކޫލް ހުއްޓެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް އޭރު ވަނީ ސާނަވީ ތަޢުލީމު ޢާއްމުކުރެވި، މަތީ ސާނަވީ ތަޢުލީމު ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރިފައެވެ. އިހު ޒަމާނުގައި ތަޢުލީމު ދިނުމަކީ މާ ބޮޑު ޚަރަދެއް ހިނގާ ކަމެއް ނޫނެވެ. މަށި ފިލަޔަކާއި ވޮށިފިލަޔަކުން ނުވަތަ ޗާޕުކުރެވިފައި އޮންނަ މަދު ދެތިން ފޮތަކުން އެކަން ފުއްދައިލެވެއެވެ. ނަމަވެސް މިޒަމާނަށް އައިއިރު ތަޢުލީމަކީ ޚަރަދު ބޮޑު ޚިދުމަތަކަށް ވަނީ ބަދަލުވެފައެވެ. ބޭނުންވާނޭ ފޮތްފަންސުރާއި އެހެނިހެން ވަސީލަތްތައް ވަނީ އެތައް ގުނަޔަކަށް އިތުރުވެފައެވެ. ދަރިވަރުން ހަދަން ޖެހޭ އިމްތިޙާންތަކަށް ވަނީ އެތައްހާސް ރުފިޔާއެއް ޚަރަދުކުރާޏްޖެހިފައެވެ. ނަތީޖާއެއްގެ ގޮތުން ދަރީންނަށް ތަޢުލީމު ދިނުމަކީ ތަނަވަސްކަން ކުޑަ ޢާއިލާތަކަށް ބޮޑު ބުރައަކަށް ވެއްޖެއެވެ. އާދައިގެ ޢާއިލާތަކަށް އަތް ނުފޯރާ ޚިދުމަތަކަށް ވާން ފަށައިފިއެވެ. މި މައްސަލަ ދިވެހި ސަރުކާރުން އިޙުސާސްކުރައްވައި 2007 ން ފެށިގެން ރާއްޖޭގެ ކިޔަވާކުދީންނަށް ބޭނުންވާނޭ ޓެކްސްޓް ފޮތާއި ފޮތް ފަންސުރު ވަނީ ސަރުކާރުން ހިލޭ ދެއްވަންފައްޓަވައިފައެވެ. އަދި ސާނަވީ އިމްތިޙާނާއި މަތީ ސާނަވީ އިމްތިޙާންތަކުގައި ދަރިވަރުން ބައިވެރިވުމަށް ދައްކަންޖެހޭ ފީވެސް ސަރުކާރުން ދައްކަވާގޮތަށްވަނީ ހަމަޖައްސަވައިފައެވެ. މިއީ ފާހަގަކޮށްލެވޭފަދަ މުހިއްމު ފިޔަވަޅެކެވެ. ތަޢުލީމަކީ އެންމެންގެ ޙައްޤަކަށްވާތީ ތަނަވަސްކަންކުޑަ ޢާއިލާތަކަށްވެސް ތަޢުލީމު ޙާޞިލުކުރެވުމުގެ މަގު މި ފިޔަވަޅުގެ ސަބަބުން މިހާރުވަނީ ފަހިވެފައެވެ. މުދައްރިސުންނަށް ބޭނުންވާ ވަސީލަތްތަކާއި މަޢުލޫމާތާއި ހުނަރު ޒަމާނީ ޓެކްނޮލޮޖީގެ އާލާއި ވަސީލަތުން ފޯރުކޮށްދީގެން ދަރިވަރުންނަށް ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރެއްވުމަކީ މިއަދު ސަރކާރުން އެންމެ ބޮޑަށް ސަމާލުކަންދެއްވާ އެއް ދާއިރާއެވެ. މިކަމަށްޓަކައި 2007 ގައި ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި "މުދައްރިސުންގެ ވަސީލަތްތަކުގެ މަރުކަޒެއް" ޤާއިމުކުރެވިފައެވެ. އެންމެ ޒަމާނީ އާލާތާއި ޓެކްނޮލޮޖީގެ ވަސީލަތުން މި ހުރިހާ މަރުކަޒުތަކެއް ވަނީ ގުޅުވައިލެވިފައެވެ. މި ހުރިހާ މަރުކަޒުތަކެއް އެއްފަހަރާ އިފްތިތާޙުކޮށްދެއްވީ 2007 ވަނ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ އަތޮޅަކަށް މަސައްކަތްތެރިކަމުގެ ތަޢުލީމު (ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން) ވަނީ ތަޢާރަފުކުރެވިފައެވެ. ޚާއްޞައެހީއަށް ބޭނުންވާ ކުދީންނަށް ކިޔަވައިދޭނެ ސްކޫލްތައްވެސް ހުރިހާ އަތޮޅަކަށް ތައާރަފުކުރުމުގެ މަސައްކަތުގެ ދަށުން ބައެއް އަތޮޅުތަކުގައި ވަނީ ކިޔަވައިދޭން ފެށިފައެވެ. 2007 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ އަތޮޅުތަކުގައި މަތީ ސާނަވީއަށް ކިޔަވައިދޭ 21 ސްކޫލް އެބަހުރި. މާލޭގައި ހުރި މަތީ ސާނަވީއަށް ކިޔަވައިދޭ 3 ސްކޫލާއެކު 2007 ނިމުނު އިރު މުޅި ރާއްޖޭގައި 24 ސްކޫލްގައި މަތީ ސާނަވީ ފެންވަރަށް ކިޔަވައިދޭ. މީގެ ތެރެއިން 23 ސްކޫލަކީ ސީދާ ސަރުކާރުން ހިންގާ ސްކޫލްތަކެވެ. 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ އަތޮޅަކަށް މަސައްކަތްތެރިކަމުގެ ތަޢުލީމު (ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން) ވަނީ ތަޢާރަފުކުރެވިފައެވެ. ޚާއްޞައެހީއަށް ބޭނުންވާ ކުދީންނަށް ކިޔަވައިދޭނެ ސްކޫލްތައްވެސް ހުރިހާ އަތޮޅަކަށް ތައާރަފުކުރުމުގެ މަސައްކަތުގެ ދަށުން ބައެއް އަތޮޅުތަކުގައި ވަނީ ކިޔަވައިދޭން ފެށިފައެވެ. މި ފަދަ ކްލާސްތައް މާލޭގައި މިހާރު ހިންގަމުން ގެންދެވޭތާ އަހަރުތަކެއް ވެއްޖެއެވެ. އާދޭހެވެ! ޒަމާނުއްސުރެ ވަރަށް ހަނި ގޮތެއްގައި ވަރަށް އާދައިގެ ފެންވަރެއްގައި ދެވެމުން އައި ތަޢުލީމު ފުޅާވެ ފެންވަރު މަތިވެގެން އައީ، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ތަޢުލީމު ފުޅާކުރައްވައި ފެންވަރުމަތިކުރެއްވުމަށް ގެންގުޅުއްވި ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމީ އޮޅުމެއް ނެތް ޙަޤީޤަތެކެވެ. ޒަމާނުއްސުރެ މާލޭގެ ހަތަރު ތޮށީގެތެރޭގައި ހިފެހެއްޓިފައި އޮތް ރަސްމީ ނިޒާމީ ތަޢުލީމު މުޅި ރާއްޖެއަށް ފެތުރުއްވުމަށް މައުމޫންގެ ސަރުކާރުން ކުރެއްވި ބުރަ މަސައްކަތްޕުޅު ފާހަގަކޮށްލުމަކީ ތާރީޚީ ވާޖިބެކެވެ. މި މަސައްކަތްޕުޅުގެ ދަށުން 2000 ވަނަ އަހަރު ގެތެރޭގައި 7 އަހަރުގެ ފަށާތަޢުލީމް (ގްރޭޑް 1 ން 7 ށް) މުޅި ރާއްޖެއަށް ވަނީ ޢާއްމުކުރެވިފައެވެ. 2005 ގައި ސާނަވީ ތަޢުލީމު މުޅި ރާއްޖެއަށް ޢާއްމުކުރެވި، 2006 ނިމުނު ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައި ސަރުކާރުން ހިންގަވާ މަދުވެގެން 1 ސްކޫލް ޤާއިމުކުރެވި މަތީ ސާނަވީ ތަޢުލީމު މުޅި ރާއްޖެއަށް ފެތުރިފައިވާކަން ފާހަގަކުރެވެއެވެ. އަދި މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި އިސްލާމީ ތަޢުލީމުދޭ ތަންތަން ރާއްޖޭގައިވަނީ ޤާއިމުކުރެވިފައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔުނިވަރސިޓީއެއް އުފެއްދުމުގެ ހުރިހާ ތައްޔާރީތަކެއް މިހާރުވަނީ ކުރެވިފައިވެސްމެއެވެ. މަދު ރަށެއްގައި މަދު ދަރިވަރުން ކޮޅެއް ފިޔަވައި އެހެން ހުރިހާ ކުދީންނަށް އެކުދީންގެ އަމިއްލަ ރަށުގައި ތިބެގެން ސާނަވީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު މިހާރުވަނީ ފުޅާކުރެވިފައެވެ. އަދި ކުދީން މަދުކަމުން ސާނަވީ ތަޢުލީމު ޤާއިމުކުރެވެން ނެތް ރަށްރަށުގެ ކުދީންނަށްވެސް ލުއިފަސޭހަ ގޮތެއްގެ މަތީން ސާނަވީ ތަޢުލީމު ފޯރުކޮށްދެވޭނެ އިމްތިޒާމު ސަރުކާރުން ގެންދަވަނީ ހަމަޖައްސަވަމުންނެވެ. 2008 ވަނަ އަހަރުން ފެށިގެން ފަށާ ތަޢުލީމާއި ސާނަވީ ތަޢުލީމާއި މަތީ ސާނަވީތަޢުލީމު ޙާޞިލުކުރާ ދަރިވަރުންގެ ތެރެއިން ކިޔެވުމަށް ބޭނުން ތަކެއްޗަށް އެދޭ ހުރިހާ ކުދީންނަށް ސަރުކާރުން އެތަކެތި ހިލޭ ދެއްވާ ގޮތަށް ވަނީ ހަމަޖައްސަވައިފައެވެ. މިއީ ހުރިހާ ފެންވަރެއްގެ ޢާއިލާތަކަށްވެސް ލުއިފަސޭހަކަމާއެކު ތަޢުލީމު ޙާޞިލުކުރެވޭނެ މަގު ފަހިކުރެއްވުމަށް ސަރުކާރުން އެޅުއްވި ވަރަށް މުހިއްމު ތާރީޚި ފިޔަވަޅެކެވެ. މިއަދު ތަޢުލީމީ ރޮނގުން ތަފާތު ވަނަތައް ދިވެހިން ހޯދަމުން އަންނަ ކަމީ ޙަޤީޤަތެކެވެ. ތަޢުލީމީ ގޮތުން މުޅި ދުނިޔެއިންވެސް އެންމެ ރަނގަޅު ދަރިވަރުންގެ ތެރޭގައި ދިވެހި ކުދިން މިއަދު ހިމެނޭކަން ދުނިޔެއަށް އަންނަނީ ހާމަވަމުންނެވެ. ސާނަވީ ތަޢުލީމުގެ އިމްތިޙާންގައި އެކި މާއްދާއިން މުޅިދުނިޔެއިން 1 ވަނަ މަޤާމު ދިވެހި ދަރިވަރުން ހޯދާކަމީ ދިވެހިރާއްޖޭގެ ތަޢުލީމީ ޙާލަތު ކުރިއަރައިގެން އައި މިންވަރު ސާބިތުކޮށްދޭ އަލިގަދަ ދަލީލެއްކަން ކަށަވަރެވެ. މި ހުރިހާ ކަމެއް ހިނގަމުން މިއަންނަނީ އަމިއްލަޔަކަށް ނޫނެވެ. އެއީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު ބަޔަކު ކަންތައްތަކެއް ރާވައި ކަންތައްތަކެއް ކޮށްގެން ޙާޞިލުވެފައިވާ ނަތީޖާތަކެކެވެ. މިކަންކަން އިތުރަށް ކުރިއަރުވައި އަންނަން އޮތް ޒަމާންތަކަށް އަންގައިދިނުމަކީ ތާރީޚީ ޙަޤީޤަތް ހާމަކުރުމުގެ ގޮތުން މި ޖީލުގެ އަމާނާތެކެވެ. އެއްވެސް ޝައްކެއްނެތެވެ. ރާއްޖޭގެ ތަޢުލީމީ ފަނާރުގެ އަލިކަން މިއަދު ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފެތުރިފައި މިވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެންނެވެ. ސަރުކާރުން އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެންނެވެ. (ނިމުނީ) ނޯޓް: މިއީ ރާއްޖޭގެ ރަސްމީ ތަޢުލީމަށް 75 އަހަރުފުރުން ފާހަގަކުރުގެ ރަސްމީ ޖަލްސާއަށް ތައްޔާރުކުރި ޑޮކިޔުމެންޓަރީއަކަށް އަޅުގަނޑު ލިޔުނު ސްކްރިޕްޓްގައި ހުރި މަޢުލޫމާތުގެ މައްޗަށް ލިޔެ އެއްކޮށް ޗާޕުކުރުމަށް ތައްޔާރުކުރި އަތްމަތީ ފޮތެއްގައި ވާ މަޢުލޫމާތުގެ ޚުލާޞާއެކެވެ. މިޒަމާނަކީ މަޢުލޫމާތު ހާމަކުރުމުގެ ޒަމާން ކަމަށް ވިޔަސް، ކޮންމެވެސް ސަބަބުތަކަކާހުރެ، މި ދެންނެވި ޑޮކިޔުމެންޓަރީއާއި މިދެންނެވި އަތްމަތީ ފޮތް އަދި މިހާތަނަށް ޢާއްމު ކުރައްވައިފައެއް ނުވެއެވެ. މި މަޢުލޫމާތުތަކަކީ އަޅުގަނޑު ހިލޭ ސާބަހަށް ވަރަށް ބުރަ މަސައްކަތުން އެއްކުރި މަޢުލޫމާތުތަކަކަށް ވާތީ، މި މަޢުލޫމާތުތައް މިޖީލުގެ ކިޔަވާކުދީންނާއި ޒުވާނުންނަށް ހާމަކުރުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކޭތީ ތާރީޚަށްޓަކައި މި މަޢުލޫމާތުތައް ޙިއްސާކޮށްލަން ބޭނުން ވީއެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ Fathimath Maureen§, 2009-06-07 20:17:05
ވަރަށް މުހިއްމު ތާރީޚީ މަޢުލޫމާތުތަކެއް. ރާއްޖޭގެ ތަޢުލީމު ކުރިއަރައިގެން އައިގޮތާއި ޢަރަބި އިސްލާމީ ތަޢުލީމަށް ސަރުކާރުން ދެއްވި އިސްކަން މި މަޒުމޫނުން މިއަދުގެ ޒުވާނުންނަށް ސާފުވެއްޖެއެވެ. އަދި ވަރަށް މުހިއްމު ތާރީޚުތަކެއްވެސް ހާމަވެގެން ހިނގައްޖެ އެވެ. މިކަމަށްޓަކައި މި ލިޔުން ލިޔުއްވި ލިޔުންތެރިޔާއަށާއި ފަންވަތަށް ޝުކުރު ދަންނަވަމެވެ.
...
ލިޔުނީ ސާއިލު, 2009-06-08 13:17:21
މި ސުވާލަށް ޖަވާބެއް ދެއްވާނީ ކޮން ބޭފުޅެއްތޯ އެވެ؟ އަޅުގަނޑު މި ސުވާލު މި ކުރަނީ، ހިތުގައި ހާދަ ގިނަ ސުވާލުތަކެއް އުފެދިގެންނެވެ. ހާދަ ބަރުތަކެއް ބުރަތަކެއް ހުރެގެންނެވެ. އުނދަގޫތަކެއް ކެކުޅުންތަކެއް އޮވެގެންނެވެ. މި ކަމަށް ފަރުވާއެއް، ލުޔެއް ދެއްވާނީ ފަންވަތުގެ އަހުލުވެރިންކުރެ ކޮންބޭފުޅެއްތޯ އެވެ؟
އަޒީގެ މި ލިޔުމުގައި ނައިފަރު ޢަލީ ޙުސައިންގެ ވާހަކަ ގެންނަވާފައި އެބަ އޮތެވެ. ތަޢުލީމުގެ 75 އަހަރުގެ ދެބައި ފެށިގެން ނިޔަލަށް ވިދާޅުވެ ލައްވާށެވެ. ޢަލީ ހުސައިން ކިޔަވާ ވިދާޅުވި ކަމަށްވަނީ، ނައިފަރު މަދްރަސަތުލް އިފްތިތާޙުންނެވެ. އެ ހިސާބަށް އޭނާގެ ތަޢުލީމުގެ މަގުގެ ކޮޅަށް ދެވުނީ އެވެ. އިތުރަށް އެންމެ ފިޔަވަޅެއް ވެސް އެޅިފައި އެޅޭނެ ގޮތެއް ވެސް ނެތެވެ. މަތީ ތަޢުލީމެއް ނެޓުގެ ތައުލީމެއް ލައިބްރަރީގެ ތަޢުލީމެއް ލިބޭނެ ގޮތެއް ނެވެ. އެކަމަކު...... ހަމަ އެކަނި މި ފަންވަތުގައި ޝާއިޢު ކޮށް ނިފައިވާ ''ރަށްފުށުގެ ދިރިއުޅުން'' މި ވާހަކަޔަށް ބައްލަވާ ލައްވާށެވެ. އޭނާގެ އެހެރަ ކުޅަދާނަ ކަމާއި މޮޅުކަން ފެނިވަޑައިގަންނަވާނެ އެވެ. ހަމަ ގައިމުވެސް އަޅުގަނޑަށް ފެނުނެވެ. ހައިރާން ވި އެވެ. ލިޔުންތެރިކަމެވެ. ޢިބާރާތްކުރުމެވެ. މަޢުލޫމާތުގެ މުއްސަނދިކަމެވެ. ފިކުރުގެ ތަނަވަސްކަމެވެ. މިސާލުތަކާ އެއްފަދަ ކުރުންތަކުގެ ފުރިހަމަ ކަމެވެ. ތަސްވީކުރުންތަކުގެ ޒީނަތްތެރިކަމެވެ. ސުވާލު މި އޮތީ ދެނެވެ. މި ވަނީ ކިއްހެއްޔެވެ؟ މި އަދު އަޅުގަނޑުމެން އިންޓަނެތާއި، ފިލްމުތަކާއި ލައިބްރަރީތަކާ އަދި ކުރީގެ ދިވެހި އަދީބުންގެ ލިޔުއްވުންތަކާ މި ހުރިހާ އެއްޗަކުން ކޮޅައި ދަމައިގެން ވެސް، ބަހުގެ ބޮޑެތި ޑިގްރީތައް ނަގައިގެން ވެސް، މި ފަދަ އެންމެ ވާހަކައެއް ވެސް ޢިބާރާތްކޮށް ނުލެވިގެން މި އުޅެނީ ފަހެ ކީއްވެހެއްޔެވެ؟
... ލިޔުނީ ކާފު ލާމު, 2009-06-09 02:40:27
ސާއިލު ކުރެއްވި ސުވާލަކީ ރަނގަޅު ސުވާލެކެވެ. މިހާރުގެ ލިޔުންތެރިންގެ ކިބައިން އެ ސިފަ ނުފެނުމުގެ އެންމެބޮޑު ސަބަބަކީ ހަމައެކަނި ކަރުދާސްކޮޅަކަށް ކިޔަވާތީއެވެ. އެންމެ ރީތިކޮށް އެންމެ ނަލަކޮށް އޮތް ކަރުދާސްކޮޅެއް ލިބުނު މީހަކީ މޮޅުމީހެއްކަމަށް ދެކޭތީއެވެ. ލިބުނު ކަރުދާސްކޮޅު ހިފައިގެން މަމޮޅު ކިޔަމުން ހެމުން ނަށަމުން ފުމެމުން އަނގަތަޅަމުން ދުވާތީއެވެ. އިހުތިބީންނަށް އިޙުތިރާމް ނުކޮށް އެމީހުންގެ އަގު ވައްޓާލައިގެން މޮޅުގޮތް ހޯދަން އުޅޭތީއެވެ. ގައުމު ތިމާއަށް ކޮށްދެނީ ކޮންކަމެއްތޯ ނުބަލައި ތިމާއަށް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލަން ނޫޅޭތީއެވެ. ލިބޭ މުސާރައާއި ޚުޝާމަދުކުރާ މީހުންގެ ޚުޝާމަދު ލިބޭގޮތަށް ނޫންގޮތަކަށް ކަންކަން ކުރަން ނުރުހެވޭތީއެވެ. ޚުޝާމަދަށް ނޭދި މަސައްކަތް ނުކުރާތީއެވެ. ހައްޓަށް ފަސޭހަގޮތަށް ކައްޓަށް ތަދުނުވާނޭހެން އުޅެން އުޅޭތީއެވެ. ތިޔަ ވިދާޅުވިގޮތަށް އިންޓަރނެޓުން މީހަކު ލިޔެފައި އޮތް އެއްޗެއް ބަލައިގެން ކޮޕީކުރަން އުޅޭތީއެވެ. އެގޮތަށް އުޅުމުން ގިނަފަހަރަށް މިވަނީ ކާޅަށްވީގޮތެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|