މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުން |
|
|
| ދިވެހި - ތާރީޚް | |||
| 20 ޖޫން 2009، 15:10 ހޮނިހިރު | |||
|
ނަސީމާ މުޙައްމަދު (2004) ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރިވީ ދުވަސްވަރެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ނަމަވެސް، ބޭރުގެ ލިޔުންތަކުންނާއި އަދި ތުންތުންމަތިން އައިސްފައިވާ ވާހަކަތަކުން، މިރާއްޖޭގައި މީހުން އުޅޭތާ 2500 އަހަރަށްވުރެ ގިނަދުވަސް ވެދާނެ ކަމަށް ލަފާކުރެވެއެވެ. ޖޯގްރަފިކަލް ގޮތުން އިންޑިޔާ ކަނޑުގައި ދިވެހިރާއްޖެ އޮންނަ މަޤާމުން، ކައިރީގައިވާ ޤައުމުތަކުން، ޚާއްޞަކޮށް އިންޑިޔާއިން،
އެޒަމާނުގައި ރާއްޖެއަށް މީހުން އައިސްފައިވުމަކީ އެކަށީގެންވާ ކަމެކެވެ. އިނޑިޔާ ހުޅަނގު ދެކުނު ސަރަހައްދުގެ މަސްވެރިން، އެމީހުން އެއިރަކު ގެންގުޅުނު އުޅަނދު ފަހަރެއްގައި ރާއްޖެއަށް އައުމަކީވެސް ހިނގައިފާނެ ކަމެއްކަމަށް ލަފާކުރެވެއެވެ. ޝައްކެއްނެތްގޮތުގައި، މިލާދީގެ ކުރީގެ ޤަރުނުތަކުގެ ތެރޭގައިވެސް ދިވެހިރާއްޖޭގައި މީހުން އުޅެފައިވެ އެވެ. މިކަން އެނގެނީ ބޭރުގެ މަދު ލިޔުންތަކުންނާއި އަދި ބައެއް ފޯކްލޯރ، ނުވަތަ ތުންތުން މަތިން އައިސްފައިވާ ވާހަކަތަކުންނެވެ. ޢާންމުގޮތެއްގައި މިފަދަ ވާހަކަތައް ބިނާކުރެވިފައި ހުންނަނީ ކޮންމެވެސް ހާދިސާއެއްގެ މައްޗަށެވެ. ނަމަވެސް މިފަދައިން ކިޔައިއުޅޭ ވާހަކަތައް ހުންނަނީ އެ ވާހަކަތައް ކިޔައިދިނުމުގައި ޚިޔާލީބައިތަކެއް އިތުރުކޮށްފައެވެ. މިލާދީން 1980 ގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް ވަޑައިގެންނެވި ޕުރޮފެސަރ ތޯރ ހަޔަރޑާލް ލަފާކުރެއްވި ގޮތުގައި، އިންޑިޔާއާއި ޕާކިސްތާނު މިހާރު ހިމެނޭ ސަރަހައްދުގައި އިހަށް އޮތް އިންޑަސްވާދީގެ ރަށްވެހިކަން ( އިންޑެސް ވެލީ ސިވިލައިޒޭޝަން) އުވިގެން ދިޔައިރު، ދިވެހިރާއްޖެއަށް އެހިސާބުން މީހުން އައިސްފައިވެދާނެއެވެ. މި ޚިޔާލުފުޅަށް ބާރު ލިބެނީ މިރާއްޖޭގައި އޮތް ފޯކްލޯރ އަކުންނެވެ. މި ވާހަކައިގައި ބުނާގޮތުން ދިވެހިރާއްޖެއަށް ފުރަތަމަ އައީ، އިންޑަސްވާދީގެ ކޯރެއްކަމަށްވާ ސަރަސްވަތީގެ ކޯރުގެ އައްސޭރިގައި އޮތް "ކާލީބަންގަން" ނަމަކަށް ކިޔުނު ރަށެއްގެ މީހުންނެވެ. އިންޑަސްވާދީގެ ރަށްވެހިކަން އުވިގެންދިޔައީ މީލާދީ 1400 އަހަރުކުރިންނެވެ. އެ ސަރަހައްދުގައި އުޅުނު މީހުން އެދުވަސްވަރު އެކި ހިސާބުތަކަށް ހިޖުރަކުރީއެވެ. އިންޑަސްވާދީގެ އެ ސަރަހައްދަކީ ދިވެހިރާއްޖެއާ ދުރުހިސާބެއް ނޫނެވެ. މިހާރުގެ ގުޖުރާތަކީ އެ ސަރަހައްދުގެ ދެކުނުގައި ހިމެނޭ ރަށެކެވެ. އަދި ގުޖުރާތުގެ ސަރަހައްދުގައި އެބައިމީހުންގެ މަޝްހޫރު ބަނދަރެއްކަމުގައިވާ ލޯތާލް ބަނދަރު އޮތެވެ. މިހެންކަމުން އަޅުގަނޑުމެންނަށް އެނގެނީ އެބައިމީހުންނަކީ ކަނޑުމަތީ ދަތުރުފަތުރުކޮށް އެކި ޤައުމުތަކާއި ވިޔަފާރިކޮށް އުޅުނު ބައެއް ކަމެވެ. ލޯތާލް އޮތް ހިސާބާ ދިވެހިރާއްޖެއަކާ މާ ދުރެއް ނޫނެވެ. ވާހަކައިގައި ބުނާގޮތުގައި، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވީ "ދީވީން" ގެ ނަމުން ނިސްބަތްވީ ބަޔަކަށެވެ. މީލާދީން 4 ވަނަ ޤަރުނުގައިވެސް، އިޓަލީގެ ރޯމްގައި ލިޔުމެއްގައި، ދިވެހީންނަށް "ދިވީން" މިފަދައިން ލިޔެފައި އޮއްވައި އަޅުގަނޑުމެންނަށް ފެނިފައިވެއެވެ. ދީވީން ފުރަތަމަ ވަޒަންވެރިވީ ފުރަތަމަ ހައްދުންމަތީގައި ކަމަށާއި، ފަހުން ރާއްޖޭގެ އެހެން ރަށްރަށަށް ދިޔަކަމަށް ބުނެވެއެވެ. ދީވިން އައުމުގެ ދުވަސްތަކެއް ފަހުން ދެންއައީ "ރެދިން" ކިޔުނު ބަޔެކެވެ. މިއީވެސް އިންޑިޔާއިން އައި ބަޔެއް ކަމަށްބުނެވެ އެވެ. މިއީވެސް އިންޑިޔާއިން އައި ބައެއްކަމަށް ބުނެވެއެވެ. ދިވެހިންގެ ފޯކްލޯރގައި މިބައިމީހުންގެ ވާހަކަތައް ކިޔުމުގެ ތެރޭގައި މިބައިމީހުން ބޮޑެތި އިމާރާތްތައް ހަދައި އުޅުނު ކަމަށާއި، ކަނޑުމަތީގައި ވަރަށް ބާރަށް ދަތުރުކޮށް އުޅުނު ކަމަށް ކިޔައިއުޅުނެވެ. މިބައިމީހުންގެ ނަމަކީ އަސްލަކީ "ރެދީ" ކަމަށް ލަފާކުރެވިފައިވެ އެވެ. ރެދިންއައުމުގެ ފަހުން "ކުންބީން" ކިޔުނު ޤަބީލާއެއްގެ މީހުންވެސް ރާއްޖެއަށް އައި ކަމަށް ބުނެވުނެވެ. މީގެ ފަހުން ސަރަންދީބުން (ސުރީލަންކާއިން) ވެސް މީހުން އައިސް ހުވަދުއަތޮޅުގައި ވަޒަންވެރިވި ކަމަށްވެއެވެ. އަދި ރާއްޖޭގެ އުތުރުބައެއް އަތޮޅުތަކުގައި އިންޑިޔާއިން ހިޖުރަކުރި ބަޔަކު ވަޒަންވެރިވެފައި ވާކަމަށްވެސް ބުނެވެއެވެ. މީލާދީގެ ފަސްސަތޭކަ އަހަރުކުރީން "އާރިޔާ" (އާރިޔަނުން) ގެ ބަޔަކު ރާއްޖެއަށް އައިކަމަށް ވާހަކައިގައި ބުނެފައިވެއެވެ. މިދުވަސްވަރު ރާއްޖެއަށާއި ސުރީލަންކާއަށް އާ ރިޔަން ދަރިކޮޅުގެ ނަސްލުގެ ދަރިކަލަކާއި އޭނަގެ އަރިހުގައި ދަތުރުކުރި ބައެއް އައިކަމަށް ސުރީލަންކާގެ ގަދީމީ ލިޔުމެއްގައިވެސް ލިޔެވިފައިވެއެވެ. މިދެވާހަކައިގައި ބަޔާންކުރަނީ އެއްހާދިސާއެއްކަމުގައިވުމާއެކު، އެ ދުވަސްވަރު އާ ރިޔަންގެ ބަޔަކު ރާއްޖެއަށް އައިސްފައިވުމަކީ އެކަށީގެންވާ ކަމެކެވެ. ދިވެހިރާއްޖެއަށް ވަޒަންވެރިވުމަށް އެންމެ ފުރަތަމަ އައި މީހުން އަޅުކަންކޮށް އުޅުނީ ޤުދުރަތީ އެކި ކަންކަމަށެވެ. މިބައިމީހުންގެ ރަސްކަލެއް ނެތް ނަމަވެސް އެމީހުން ވެރިޔަކަށް ހަދައިގެން އުޅުނީ ދީނީގޮތުން އެއިރަކު އިސްކޮށްހުރި މީހެކެވެ. މި ފަދައިން ދުވަސްތައް ވޭތުވިޔެވެ، މީލާދީން ގާތްގަނޑަކަށް ފަސްސަތޭކަ އަހަރުކުރީން އާރިޔާއިން، ނުވަތަ އާރިޔަނުން އައި އިރު ހިންދޫ ދީން ރާއްޖެއަށް ގެނައިކަމަށް ބުނެވެއެވެ. ރާއްޖެއިން މަދު އަދަދަކަށްނަމަވެސް، ހިންދޫ ދީނަށް ނިސްބަތްވާ ތަކެތި ފެނިފައިވުމާއެކު، މިވާހަކައިގައި ހަޤީގަތެއް ވާކަމަށް ލަފާކުރެވެއެވެ. ވާހަކައިގައި ބުނާގޮތުގައި ދިވެހިރާއްޖެގައި ރަސްކަމެއް ފުރަތަމަ އުފެއްދެވީ، އިރުމަތީ އިންޑިޔާގެ ކާލިންގާއެވެ، ކިޔާ ސަރަހައްދުން (މިހާރުގެ އޮރިއްސާ) ވަޑައިގެންނެވި ސޫރިޔަވަންޝަ (އިރުވަންހަ) ދަރިކޮޅުގެ އަމީރެކެވެ. މިރަސްގެފާނުގެ ނަންފުޅު ކަމަށް ވާރިދުވެފައިވާ ވާހަކައިގައި ބުނެފައިވަނީ ސުރޫދަސަރުނަ ރަދުންނެވެ. 1295މ. ވަނަ އަހަރު ލިޔެފައިވާ އިސްދޫ ލޯމާފާނުގައި، "ދަސަ ރަދުން" ކިޔުނު ރަސްކަލެއް ރައްޔިތުންނަށް ބިންތަކެއް ދިން ވާހަކަ ލިޔެފައިވެއެވެ. އެހެން ކަމާއެކު، އެލޯމާފާނުގައި އެވަނީ އެޒަމާނުގައިވެސް އެވޭލާކަމަށް ހިމެނުނު ދުވަސްވަރެއްގައި އުޅުނު ސޫރުދަސަރުނަ ރަދުންގެ ވާހަކަކަމަށް ވެދާނެ ބާވައެވެ؟ އާދެ! މިއީ މުހިންމު ސުވާލެކެވެ. ދިވެހިރާއްޖެއަށް ބުޑިސްޓުދީން ގެނައި ކަމަށްވަނީ މީލާދުގެ ކުރީގެ ދެވަނަ ޤަރުނުގައެވެ. އިންޑިޔާގެ މަޝްހޫރު މޯރިޔާ ރަސްގެފާނު އަޝޯކާގެ ވެރިކަމުގައި ދެކުނު އޭޝިޔާ ސަރަހައްދުގެ ހުރިހާ ޤައުމުތަކަށް އެދީން ފެތުރުއްވުމުގެ ތެރޭގައި ދިވެހިރާއްޖެއަށްވެސް އެދީނުގެ އިސްބަޔަކު ފޮނުއްވިއެވެ. މިމީހުން އައީ އަޝޯކާ ރަސްގެފާނު ވެރިކަން ކުރެއްވި ރަށް، ޕަތާލިފުތުރާގެ ހުޅަނގުގައި އޮތް ރަށެއް ކަމަށްވާ ބައިރާތުންނެވެ. މާލެ އަތޮޅު ކާށިދޫ ކުރުހިންނަ ތަރާގަނޑުން މިލާދީގެ ސަތޭކަވަރަކަށް އަހަރު ކުރީގެ ސަންގެއްގެ ތަންކޮޅެއް ފެނިފައިވެއެވެ. އެހެން ކަމާއެކު އާދެ! ރާއްޖެއަށް ބުޑިސްޓުދީން ގެނައުމުގެ ސަތޭކަވަރަކަށް އަހަރުފަހުން ކާށިދޫގައި އެދީނުގެ ބިނާ ހަދާފައިހުރި ކަމަށް ލަފާކުރެވެއެވެ. ރޭޑިޔޯކާބަންޑޭޓް ކުރުމުންވެސް މީލާދީގެ ދެވަނަ ޤަރުނާއި ހަތަރުވަނަ ޤަރުނުގެ ތަކެތި ކާށިދޫން ފެނިފައިވެއެވެ، އަދި މިހާތަނަށް ކޮނެ ދިރާސާނުކުރެވި ހުރި ފަށަލަތަކެއް އެސަރަހައްދުގައި އަޑީގައިވުމާއެކު، މިހާރު ފެނުނުތަކެއްޗަށްވުރެ ކުރީގެ ތަކެތި އެސަރަހައްދުން ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ. ދިވެހިރާއްޖޭގައި ހުރި މިފަދަ ޤަދީމީ ތަންތަނުގެ ތެރޭން ދިރާސާކޮށް ބެލިފައިވަނި ވަރަށް މަދު ތަނެކެވެ. މިފަދަ އިތުރު ތަންތަން ސައިންޓިފިކް ގޮތުން ބަލައި ދިރާސާކުރެވިއްޖެނަމަ މިހާރު ފެނިފައިވާ ތަންތަނަށްވުރެ ކުރީގެ ތާރީޚެއްގައި ބިނާކޮށްފައިވާ ތަންތަން ފެނުމަކީ އެކަށީގެންވާނުވާކަމެއްނޫނެވެ. ނިމުނީ ހަވާލާ: ނަސީމާ މުޙަންމަދު (2004). ފަތްތޫރަ (306). ދިވެހިބަހާއި، ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު،މާލެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-08-01 03:22:07
ދިވެހިރާއްޖޭގެ މީހުން ދިރިއުޅެން ފެށި ދުވަސް ވަރާއި ގުޅޭ ގޮތުން މީގެ އަހަރުތަކެއް ކުރިން ލިޔެފައި އޮތް ދިރާސާ ރިޕޯރޓެއް ކިޔާލުމުގެ (އަޅުގަނޑު ބޮޑަށް ހަނދާންވަނީ އަޑުއަހާލަން ފުރުޞަތު ލިބުނު ރިޕޯރޓެއް ހެން) ފުރުޞަތު ލިބުނެވެ. ދިވެހިރާއްޖޭގައި އެދުވަސްވަރު އުޅުނު ބަޔަކު ރޯމުގެ ރަސްކަލަކަށް ބޮލި (އިހުގައި ފައިސާގެ ގޮތުގައި ބޭނުން ކުރެވުނު ބޮލި) ހަދިޔާގެ ގޮތުގައި ފޮނުވައިފައިވާ ކަމުގެ ހެކި ރޯމުގެ އާސާރުތަކުން ފެނުނުކަމަށް އެރިޕޯރޓްގައި ބުނެފައިވެއެވެ. މިއީ ކިހާވަރެއްގެ ތެދެއްބާ؟
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|