މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އިސްލާމްދީނާއި، ދުނިޔެވީ ދިރިއުޅުން |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 13 އޮގަސްޓް 2009، 13:10 ބުރާސްފަތި | |||
|
މަޑުލު މުޙަންމަދު ވަޙީދު އިންސާނާ ދުވެހެއް ދުވަހަކަށް ދަނީ ތަރައްޤީވަމުންނެވެ. ހަމަ އެކަނި މާއްދީ ކަންތައްތަކުގެ ގޮތުން އެކަންޏެއް ނޫނެވެ. އޭނާގެ ސިކުނޑި ވެސް ދަނީ ޢިލްމުގެއަލީގައި ތަރައްޤީވަމުންނެވެ. އޭނާގެ ޚިޔާލުތައް ދަތުރުކުރަނީ އެނގެން ބޭނުންވެފައިވާ ކަންތައްތައް ހޯދައިގަތުމަށެވެ. ވަކި މީހަކު ބުނީތީ ޤަބޫލުކުރި ކަންތައްތަކުގެ ސިއްރު ހޯދުމަށް އޭނާ މަސައްކަތްފަށައިފި އެވެ. ކަންކަމުގެ ހަމައާއި ނަހަމައާއި ތެދާއި ދޮގު، ދެނެގަތުމަށް އޭނާ ބޭނުންވާންފަށައިފި އެވެ. މި އަދުގެ ޒުވާން ސިކުނޑިއަކީ، އެދުރުބޭބެ ބުނިހާ އެއްޗެއް ގަބޫލުކޮށްލައިގެން ހިތްހަމަޖައްސާލެވޭފަދަ ގޮތަކަށްވުރެ ބޮޑަށް އޮޅުންބޮޅުން ތަކުންގެ ތެރެއިން މިނިވަންވާން މަސައްކަތް ކުރާ ސިކުނޑިއަކަށްވެއްޖެ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ ދުނިޔެ ހުޅޫވެމުން ދިޔުމުގެ ނަތީޖާ އެވެ. ލޮލަށް ފެންނަ ފިލްމުތަކާ، ކިޔާފޮތްތަކާ، މީހުން ދައްކާވާހަކަތަކުންނާ އިވޭއަޑުތަކުގެ ސަބަބުންނެވެ. މި ހުރިހާކަމެއް އޭނާ މަޖުބޫރު ކުރުވަނީ ޚިޔާލުކުރާށެވެ. ތެދު ހޯދުމަށް މަސައްކަތް ކުރުމަށެވެ. ރަނގަޅު ހަމަތަކަކާއި، އޭނާގެ އޮޅުން އަރަމުންދާ ބުއްދިއަކަށް ސާފުވާފދަ ހަމަތަކަކާއި އެކު އުނގަނައިނުދެވިއްޖެ ކޮންމެ އެއްޗަކާމެދު އޭނާ ސުވާލުތައްކޮށްފައި ނިންމާލަނީ އެއްނޫނެވެ. ރަނގަޅު ޖަވާބު، އޭނާއަށް ތެދުމަގު ދައްކައިދެވޭފަދަ ޖަވާބު ނުލިބިއްޖެނަމަ، އެކަމެއް ގަބޫލުނުކުރަނީ ވެސް މެ އެވެ. އިސްލާމްދީނަކީ، ކޮންމެ ޒަމާނަކަށް ވެސް ފެތޭދީނެވެ. އިސްލާމްދީނަކީ، ދުނިޔަވީ ކޮންމެ މަސްއަލައަކަށް ހައްލުހޯދައިދޭ ދީނެވެ. އެއީ އިންސާނުންގެ ހަމަހަމަކަމާއި ނަސްލީ ތަފާތުތަކާ ދެކޮޅުހަދާ އިންސާފަށްޓަކައި ބިންގާ އެޅިފައިވާ ހަމައާއި ތެދަށް އެކަނި މަގުދައްކާދީނެވެ. އިސްލާމްދީން އެތަނެއްގައި ޤާއިމުވެފައިވާ ތަނެއްގައި ކުރިން މި ބުނި މައިގަނޑު އުސޫލުތަކާއި ޚިލާފުކަންތައްތަކެއް ނުހިނގާނެ އެވެ. ހިނގާނަމަ އެކަންތައްތައް ހުއްތުވައި ހަމައަކަށް އެޅުވުމަށް ވުތުން ފިޔަވަޅުތައް އެޅޭނެ އެވެ. އެހެން ނޫންނަމަ ޒުވާނާގެ ސިކުނޑިން ދީނާއިމެދުކުރާ ޚިޔާލުތަކުން އޭނާގެ އީމާނތެރިކަން ބަދަހިވުމުގެ ބަދަލުގައި ދީނާއި ދުރަށްޖެހި ދީނުގެވާހަކަ ދައްކާ މީހުންނާ ހަތަރުކަޅި ހަމަކުރަން ހިތްނުރުހޭގޮތް ވެދެ އެވެ. ދެފުށް ދެގޮތް ކަމަކީ އިސްލާމްދީނާއި ޚިލާފުކަމެކެވެ. އެހެންނަމަވެސް ދެފުށް ދެގޮތްކަމާއި މުނާފިޤުކަން އެއީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ އުސޫލުކަމަށް ފެންނަން ފަށައިފިނަމަ، ހުންގާނުނެތް ދޯންޏެއްފަދައިން ދުނިޔެވީ އޮއިވަރުގެ ތެރޭގައި ޒުވާނާ އެނބުރިގެންފާނެ އެވެ. އަމާން އައްސޭރިޔަކަށް ދިޔުމަށްޓަކައި ކުރި އުންމީދުތައް ކަނޑުވީމައި ވާގޮތަށް ބިރުފިލައިގެން، ކޮންމެ ކަމަކާ އިދި ކީލިވާން ފަށައިފާނެ އެވެ. ވެރިކަމުގެ އަމުރުތައް މުގުރައި، ދިރިއުޅުމުގެ ހަމަތަކާއި އުސޫލުތަކުގައި ފައިންޖަހަން ފަށައިފާނެ އެވެ. ވެރިންގެ ކޮންމެ އިސް ނެގުމަކީ، އެ ޒުވާނާ އެކަހެރިވާ ކަމަކަށް ވެދާނެ އެވެ. ދިވެހި މުޖުތަމަޢަކީ، އިސްލާމީ މުޖުތަމަޢެވެ. އިސްލާމްދީނަކީ، ލުއިފަސޭހަދީނެވެ. އެކަން ބަދަލުވާކަށް ހަމަގައިމު ވެސް އަހަރެންނަކަށް ނޭދެވޭނެ އެވެ. އެހެންވީމާ މަތީގައި ބުނެވި ދިޔަ ފަދަ ދުވެހެއް އަތުވެދާނެތޯ ވިސްނުމަކީ މި އަދު ކުރަންޖެހޭނެ ކަމެކެވެ. މި ކަމަށް އެކަށީގެންވާ މުހިންމު ދެ ފިޔަވަޅެއް އެޅިދާނެކަމަށް ފެނެ އެވެ. އެއްފިޔަވަޅަކީ، އިސްލާމްދީން އޭގެ ޙިކްމަތްތެރި ހަމަތަކާއި، ސަބަބުތަކާއި އެދީނާއި ދުނިޔަވީ ދިރިއުޅުމާއި ހުރިގުޅޫމާއި މި ކަންކަން ސާފުކޮށް ކިޔަވައިދެވޭނެ މި ޒަމާނުގެ ދުނިޔޭގެ މަސްއަލަތަކަށް ލޯހުޅުވޭ، ދީނީ މުދައްރިސުންތައްޔާރު ކުރުމެވެ. މިހާރު ތިއްބެވީ މި ފަދަ މުދައްރިސުންނަމަ، މި ފިޔަވަޅު އެ އޮތީ އެޅިފަ އެވެ. މި މަސްއަލަ އެ އޮތީ ޙައްލު ކުރެވިފަ އެވެ. އަނެއްފިޔަވަޅަކީ، ޒަމާނުއްސުރެ ހިނގަމުންއަންނަ އާދަކާދަތަކުގެ ތެރޭގައިވާ، އިސްލާމްދީނުގެ އުސޫލުތަކާއި ނުގުޅޭކަންތައްތައް ނައްތާލުމެވެ. މިއީ ދަތިކަމެކެވެ. ދަތިކަމަކަށް ވެފައިވަނީ، ދިވެހިންގެ ބަހާއި ދިރިއުޅުން ދަރަޖަތަކަކަށްބެހި، އެކިބައި ބަޔަށް، އެކިފެންވަރަށް މީހުން ބައިއަޅައިގެން ހިނގަމުން އަންނަ އުސޫލުތަކެއް ހުރީމަ އެވެ. ހަމަ ތެދެކެވެ. މި އަދުގެ ސައިންސްތަކާއެކު ޢިލްމު އުނގެނޭ ސިކުނޑިއަށް، މި އުސޫލުތަކާއި، އިސްލާމްދީނުގެ ހަމަތަކާއިގުޅުވައިގެން ގެންދަން ފަސޭހައެއްނުވާނެ އެވެ. އެހެންކަމުން އޭނާ ގަބޫލުނުކުރާ ފިލޯސަފީއަކަށް އޭނާގެ ދިރިއުޅުން ގަދަކަމުން ފައްތަން މަޖުބޫރުވެއެވެ. ރަނގަޅަށް ނުފެތޭ ތޮށްޓެއްގެ ތެރޭގައި އޮންނަން ޖެހުމުން ލިބޭ ނުތަނަވަސްކަން ފިލުވައިލުމަށް ވަގުތަކަށް ބަލަބަލައި އޮވެ އެވެ. އެ ތޮށިން ބޭރުވުމަށްޓަކަ އެވެ. ކޮންމެ ދުވަހަކު، މާސްމީޑިއާ އިން އޭނާއަށް އިވޭ އަޑުތަކާއި ހިނގާ ކަންތައްތަކުގައި ހުރި ކުލަޖެއްސުންތައް އޭނާ ދެކެނީ ދިރިއުޅުމުގައި ހުރި ނުފިލާ ފަދަ ބައްޔެއްގެގޮތުގަ އެވެ. ޖީލުގެ ތަފާތުތަކުގެތެރެއަށް، ދީނުގެ ނަމުގައި ވައްދާފާޑުކިޔުންތަކުން، ހަށިފުރާ ނޭވާއެއް ލެވޭނެ ދުވަހަކަށް އޭނާ ކަރުދަމާލަ ދަމާލައި ހުރެ އެވެ. ވީމާ، ދީން ބަދަހި ކުރުމަށްޓަކައި ޤުރުބާނީތަކެއް ވާންޖެހެ އެވެ. ޚާއްޞަކޮށް އަމުރުވެރިކަމުގެ ބުރަތައް ލިބިފައިވާ ފަރާތްތަކުންނެވެ. އެހެނީ ދީނާއިނުލައި، މި ދުނިޔެއެއް ނެތެވެ. ދެން އަންނަން އޮތް ދުނިޔެއެއް ވެސް ނެތެވެ. މި ދުނިޔެ އަމާންތަނަކަށް ހަދައިދެނީ ދީނެވެ. އިންސާފެވެ. މި ދުނިޔެ އަމާންތަނަކަށް ނުވާނަމަ، އަންނަން އޮތް ދުނިޔެ ހޯދުމަށް ކުރަންހުރި މަސައްކަތްތަކަށް، ސިކުނޑި ހުރަސް އަޅައެވެ. އެއީ ތެދުމަތު ނުފެނިގެންނެވެ. ޝައްކެއްނެތެވެ. ކޮންމެ ފަދަ ސިޔާސީ އިޖުތިމާޢީ އިޤުތިޞާދީ މާޙައުލެއްގައި ވެސް މާތްﷲ ތެދުމަގު ދައްކަވަންވީ އަޅަކަށް ތެދުމަގު ދައްކަވާނެ އެވެ. ދުނިޔެ އެ ގޮތުގައި ދައުރު ކުރަމުންދާނެ އެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ ahshaf, 2009-08-13 15:49:55
މި ލިޔުމުން އަޅުގަނޑަކަށް ނުވިސްނުން އިސްލާމްދީނާ،ދުނިޔަވީ ދިރިއުޅުމާހުރި ގުޅުމެއް. ނަމަވެސް މިލިޔުން އޭގެ ޒާތުގައި ރަނގަޅުކަމަށް ފެނޭ. ސުރުޚީ ބަދަލުކޮށްލީމަ ރަނގަޅުވާނެ ކަމަށްފެނޭ. މިސާލަކަށް "ދީނުގެ ގޮވާލުމާއި ސިކުނޑީގެ ގޮވާލުން" ނުވަތަ " އިންސާނީ ވިސްނުމާއި ކަލާނގެ ނިންމެވުން " ރަނގަޅުވާނެކަމަށް ފެނޭ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|