މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އިންޓަވިއުއިން ފާސްވާނީ ކިހިނެއް؟ |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 17 ސެޕްޓެމްބަރ 2009، 14:42 ބުރާސްފަތި | |||
|
މުޙައްމަދު ޝާރިފް/ ޅ.ނައިފަރު (2009) ކޮންމެ ޤައުމެއްގައި ވެސް ވަޒީފާގެ ބާޒާރަކީ ބާރުވެ ތޮއްޖެހިފައި އޮންނަ ބާޒާރެކެވެ. އެތައްހާސް ބަޔަކު ކޮންމެ ދުވަހަކު ވެސް ވަޒީފާއެއް ހޯދުމަށް އެ ބާޒާރަށް ވަދެ، ނުކުމެ ހަދައެވެ. ނަމަވެސް ވަޒީފާއެއް ލިބެނީ މަދުބަޔަކަށެވެ. ގިނަމީހުން އެނބުރިގެޔަށް އަންނަންޖެހެނީ ހުސްއަތާއެވެ. ދިވެހި ރާއްޖޭގައިވެސް މިހާރު މި ކަންއޮތީ މިގޮތަށެވެ. ލިބެން ހުރި ވަސީލަތްތަކާ އަޅާބަލާއިރު ނިސްބަތުން މީހުންގެ އަދަދުވެސް ގިނައެވެ. ބަލާނެ އަނބި ދަރިންވެސް ގިނައެވެ. އެކަމަކު ވަޒީފާތައް ދާދިމަދެވެ.އިންޓަވިއުއަކީ ވަޒީފާއަށް ތިމާ ޤާބިލްތޯ ބަލައިލުމަށްޓަކައި ކުރެވޭ ކުޑަކުޑަ އިމްތިހާނެކެވެ. ތިމާއަކީ ރަނގަޅު ތަޢުލީމެއް ލިބިފައިހުރި މީހެއްނަމަވެސް، އިންޓަވިއުގައި ކުރެވޭ ސުވާލުތަކަށް އެކަށިގެންވާ ރަނގަޅު ޖަވާބެއް ނުދެވިއްޖެނަމަ ބައެއްފަހަރު ވަޒީފާ ނުލިބި ހުސްއަތާ އަންނަންވެސް ޖެހިދެއެވެ. އެހެންކަމުން އިންޓަވިއުގައި ކާމިޔާބު މީހަކަށްވުމަށް ކުރެވިދާނެ ކަންތައްތައް ހިއްސާކޮށްލާނަމެވެ. އިންޓަވިއު ކާމިޔާބުވުމުގައި ހިމެނޭ ބައެއް ސިއްރު: - ކުރިމަތިލާ ދާއިރާއަކީ އެދާއިރާއަކުން ތަޢުލީމު ޙާޞިލްކޮށްފައިވާ ނުވަތަ އެކަށިގެންވާ ތަޖުރިބާއެއް ލިބިފައިވާ ދާއިރާއަކަށްވުން - ކުރިމަތިލާފައިވާ ދާއިރާއަކީ ތިމާ ޝައުޤުވެރިވާ ދާއިރާއަކަށްވުން - ކުރިމަތިލާފައިވާ ދާއިރާއަކީ ތިމާ ކުރިޔަށް ދާން ކަނޑައަޅާފައިވާ ދާއިރާއަށްވުން އިންޓަވިއުއަށް ތައްޔާރުވާނީ ކިހިނެއް؟ - ކުރިމަތިލާ ދާއިރާގެ ގޮތުން ޓެކްނިކަލްގޮތުން ކުރިމަތިވެދާނޭ ސުވާލުތަކަކީ ކޮބައިތޯ ފިކުރުކޮށް އޭގެ ޖަވާބު ހޯދުން. - އިންޓަރވިއުގައި ކުރިމަތިކުރުވައިފާނޭ ސުވާލުތައް ރަހުމަތްތެެރިޔަކާއިއެކު ހިއްސާކޮށް އިންޓަރވިއުގެ ރިހާޞަލްއެއް ބޭއްވުން. - ރަނގަޅަށް ނާސްތާކުރުމަށްފަހު އިންޓަވިއުއަށް ދިޔުން - ރަސްމީހެދުމެއްގައި އިންޓަރވިއުއަށް ދިއުން އިންޓަވިއުގައި ކުރުން ރަނގަޅު ނޫން ކަންތައްތައް: - ދުފައިގެން ނުވަތަ އަނގަޔަށް އެއްޗެއްލައިގެން އިންޓަރވިއުއަށް ނުދިއުން. - ވާހަކަދައްކާއިރު އަނގަޔަށް އަތްލައި، ނިޔަފަތި ކައިހެދުން ފަދަ ކަންތައްތައް ނުކުރުން. - ވާހަކަ ދައްކާއިރު އަނގަމަތީގައި އަތްއަޅައިގެން އިނދެ ވާހަކަ ނުދެއްކުން. - ސުވާލުތަކަށް ޖަވާބު ދޭއިރު އަޅުގަނޑަށް "ހީވަނީ" ނުވަތަ "ހީވެޔޭ" މިފަދަ ހީއެއްގެ މައްޗަށް ބިނާކޮށް އެއްވެސް ޔަޤީންކަމެއް ނެތްގޮތަށް ޖަވާބު ނުދިނުން. - ސުވާލުތަކަށް ޖަވާބު ދޭއިރު، އަޅުގަނޑަކަށް "ނޭނގެއޭ" ނުބުނުން. އެނޫން ކޮންމެވެސް ގޮތަކުން ސުވާލުގެ ޖަވާބު ހަމަޖައްސައިލުން. އިންޓަވިއުގައި އާންމުގޮތެއްގައި ކުރިމަތިކުރުވާ މުހިންމު ސުވާލުތައް: - މިވަޒީފާއަށް ކުރިމަތިލީ ކީއްވެ؟ އާންމުގޮތެއްގައި އިންޓަވިއުތަކުގައި އެންމެ ފުރަތަމަ ކުރާނީ މިސުވާލެވެ. މިސުވާލަށް ޖަވާބުދެވިދާނެ ގޮތްތަކުގެ ތެރޭގައި، މިވަޒީފާއަށް ކުރިމަތިލީ އެ ދާއިރާއަށް ޝައުޤުވެރިވާތީ، ނުވަތަ ސަރުކާރު ވަޒީފާއެއްނަމަ ސަރުކާރަށް ޚިދުމަތް ކުރަން ބޭނުންވާތީ، ނުވަތަ އެ ދާއިރާއިން ކުރިޔަށް ދިއުމަށް ބޭނުންވާތީ ނުވަތަ އެދާއިރާއިން ތަޢުލީމު ޙާޞިލްކޮށްފައިވާތީ، މިފަދަ ޖަވާބެއް ދެވިދާނެއެވެ. - މިވަޒީފާއަށް ޝައުގުވެރިވީ ކީއްވެ؟ މިސުވާލުގެ ޖަވާބުގައި ކުރިމަތިލީ ވަޒީފާގެ ދާއިރާއަކީ ކުރިންވެސް ޝައުގުވެރިވާ އަދި ކުރިޔަށްދާން ކަނޑައަޅާފައިވާ ދާއިރާކަމަށް ބުނެވިދާނެއެވެ. ނުވަތަ އެ ދާއިރާއިން ތަޢުލީމު ޙާޞިލްކޮށްފައިވާނަމަ، ތަޢުލީމު ޙާޞިލްކޮށްފައިވާ ދާއިރާއިން ކުރިޔަށް ދިއުމަށް ޝައުޤުވެރިވާތީކަމަށްވެސް ބުނެވިދާނެއެވެ. އަދި މިނޫނަސް ވަޒީފާގެ ދާއިރާގެ ގޮތުން ކުރަންޖެހޭ މަސައްކަތަކީ ކުރީއްސުރެވެސް ޝައުޤުވެރިވާ މަސައްކަތެއްކަމަށް ބުނެވިދާނެއެވެ. (މިސާލަކަށް، ކުރިމަތިލީ ވަޒީފާގެ ދާއިރާއަކީ "ނަރުސްކަން" ކަމުގައި ނަމަ މީހުންނަށް އަޅާލައި އެހީތެރިވުމަށް އަބަދުވެސް ބޭނުންވާކަމަށް ބުނެވިދާނެއެވެ، އަދި އެކަން އެންމެ ފުރިހަމަ ގޮތުގައި އެކަމުގެ ޢިލްމު ލިބިގެން ކުރެވޭނެ އެއްބަޔަކީ ނަރުހުން ކަމަށް ޤަބޫލުކުރާތީ މި ވަޒީފާއަށް ޝައުގެވެރިވަނީކަމަށް ބުނެވިދާނެއެވެ.) - މިވަޒީފާގައި ކުރަންޖެހޭ މަސައްކަތް އެނގޭތަ؟ މި ސުވާލަށް ޖަވާބު ދިނުމަށްޓަކައި އިންޓަވިއުއަށް ދިޔުމުގެ ކުރިން ތިމާ ކުރިމަތިލީ ވަޒީފާގައި ކުރަންޖެހިދާނެ މަސައްކައްތަކަކީ ކޮބައިތޯ ބަލައި މައުލޫމާތު ހޯދާފައި ބޭއްވިދާނެއެވެ. - މިވަޒީފާގައި އުޅެން ގަސްދުކުރަނީ ކިހާދުވަހަކު؟ ވަޒީފާއަށް އާންމުގޮަތެއްގައި މީހުން ނަގާއިރު ގިނަދުވަހަށް އެވަޒީފާގައި މަސައްކަތް ކުރާނެކަމަށް ބެލެވޭ މީހުން ހޮވުމަށް އިސްކަން ދޭނެއެވެ. އެހެންކަމުން ވަޒީފާގައި އުޅެފައި ކުޑަދުވަސްކޮޅަކަށްފަހު ކިޔެވުމަށް ނުވަތަ އެނޫންވެސް އެހެން ބޭނުމަކު ވަޒީފާއިން ކެނޑެން ޚިޔާލުކޮށްފައިވާނަމަ، މިސުވާލަށް ޖަވާބު ދިނުމުގައި ވިސްނާލުން ރަނގަޅުވާނެއެވެ. - މިހުރިހާ ކުދިންގެ ތެރެއިން ތިމާ (ވަޒީފާއަށް ކުރިމަތިލި ކުއްޖާ) އަށް މިވަޒީފާ ދޭންޖެހޭ ސަބަބެއްކަމަށް ޤަބޫލުކުރާ ކަންތައްތަކަކީ ކޮބާ؟ މިއީ ގިނަފަހަރަށް ޖަވާބުދޭން ވަރަށް އުނދަގޫވާ ސުވާލެކެވެ. އަމިއްލަ ނަފްސަށް ފުރިހަމައަށް އިތުބާރުކުރުމަށް ފަހު މިސުވާލަށް ޖަވާބުދޭށެވެ. މިސުވާލަށް ޖަވާބުދެވިދާނެ ގޮތްތަކުގެ ތެރޭގައި، ވަޒީފާގެ ދާއިރާއިން ތިމާ ތަޢުލީމު ޙާޞިލްކޮށްފައިވާނަމަ، ނުވަތަ ތަޖުރިބާ ޙާޞިލްކޮށްފައި ވާނަމަ އެއީ ތިމާއަށް އެވަޒީފާ ދިނުމުގައި އިސްކަން ދޭންޖެހޭ ސަބަބެއްކަމަށް ބުނެވިދާނެއެވެ. މިސުވާލަށް ޖަވާބު ދިނުމުގައި ވަޒީފާއަށް ކުރިމަތިލި އެހެން ކުދިންނަށްވުރެ ބޮޑަށް ތިމާއަށް ހުރި އެޑްވާންޓޭޖް ތަކަށް ވިސްނައިގެން ޖަވާބުދިނުން ރަނގަޅުވާނެއެވެ. - މީގެ ކުރިން އެއްވެސް ތަނެއްގައި ވަޒީފާ އަދާކުރިންތޯ؟ މިސުވާލުގެ ޖަވާބުގައި ތިމާ މީގެ ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، ވަޒީފާގައި ކުރި މަސައްކަތާއި، ވަޒީފާ އަދާކުރި މުއްދަތާއި އަދި އަދާކުރި ވަޒީފާގެ މަގާމު ބުނެވިދާނެއެވެ. މިސުވާލާއި ގުޅިގެން ދެން އުފެދޭނެ ސުވާލަކީ ކުރީގައި އުޅުނު ވަޒީފާއިން ވަކިވާން ޖެހުނު ސަބަބކީ ކޮބައިތޯ އެވެ. އެހެންކަމުން މިކަމަށް ސަމާލުވެ އިނުން މުހިންމުވާނެއެވެ. ކުރީގައި އުޅުނު ވަޒީފާއިން ކަނޑާލާފައިވަނީ ތިމާގެ އިޙުމާލުން ކަމުގައި ވާނަމަ އެ ވަޒީފާއާއި ބެހޭ މަޢުލޫމާތު ދިނުން އެހާ ބުއްދިވެރިއެއް ނޫނެވެ. އެހެންނަމަވެސް މަޤުބޫލު އުޒުރަކާއި އެކު ވަޒީފާއިން ވަކިވެފައިވާނަމަ (މިސާލަކަށް: ކިޔަވާން ދިއުމަށް ) އެކަން ބަޔާން ކޮށްދިނުމަކުން މައްސަލައެއް އޮތްކަމަކަށް ނުފެނެއެވެ. - އެންމެންނާއި ގުޅިގެން މަސައްކަތްކުރަން އެނގޭނެތަ؟ މިސުވާލުގެ ޖަވާބުގައި އެންމެންނާއި ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް ބުނަންވާނެއެވެ. - ވަޒީފާގައި އުޅޭއިރު އޮފީހުގައި އުޅޭ އެހެން މީހަކާއި މައްސަލައެއް ޖެހިއްޖެނަމަ ހަދާނީ ކިހިނެއް؟ މިސުވާލުގެ ޖަވާބުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރާން މަސައްކަތް ކުރާނީކަމަށް ބުނެވިދާނެއެވެ. އަދި އެއަށްފަހުވެސް މައްސަލަ ހައްލުނުވެއްޖެނަމަ އިސްވެރިޔަކާއި މަޝްވަރާކޮށް މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާނެކަމަށް ބުނެވިދާނެއެވެ. (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|