މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ރަނގަޅު ބައްޕަޔަކަށް ވުމަށްޓަކައި ކުރެވިދާނެ 10 ކަމެއް! |
|
|
| ދިވެހި - ތަޢުލީމާއި ތަރުބިޔަތު | |||
| 24 އޮކްޓޫބަރ 2009، 00:01 ހޮނިހިރު | |||
|
ލިޔުނީ: އަޙްމަދު ރަޝީދު އެސްޖެހިގެ ދިވެހި މުޖުތަމަޢުގައި ދަރިންބަލައިބޮޑުކުރުމުގެ މަރުޙަލާގައި މަންމައިން ކުރައްވާ މަސައްކަތާއި އަޅާބަލާއިރު، ބައްޕައިންގެ ދައުރު ވަރަށް ކުޑައެވެ. ގިނަ ބަފައިން އެމީހުންގެ މައިގަނޑު ޒިންމާ އަކީ ދިރިއުޅުން ކަޑައްތުކުރުމަށް ފައިސާ ހޯދުންކަމުގައި ދެކޭތަންވެސް ފެންނަނީ މަދުންނެއް ނޫނެވެ. ދަރިންނާއި އެކު ވަގުތު ހޭދަކޮށް އަނބި މީހާއަށް އަޅައިލައި އެކުގައި ވަގުތު ހޭދަކުރުމަކީ ދިވެހި ބައެއް ބަފައިން ދަންނަ ކަންކަމެއް ނޫނެވެ. އަދި ކިއެއްތަ، އެފަދަ ބަފައިންދެކެނީ މިހިރަމިހިރަ ކަންކަމީ އަނބިދަށުވުން ކަމުގައެވެ. ކުރިން މި ދެންނެވީ ބައެއް ބަފައިންގެ ވާހަކަ ދޮގެއްތޯއެވެ. އަނެއްބައި ބަފައިންގެ ވިސްނުމާއި ޢަމަލުތައް ހުންނަނީ ކުރިން ދެންނެވުނު ގޮތާއި މުޅިން ޚިލާފަށެވެ. އަނބިދަށުވެފައިވާ ފިރިއެއްގެ ލަޤަބު ލިބުނަސް ދަރިންނާއި އަނބިންނަށް ލޯބިދީ އެކުގައި ވަގުތު ހޭދަކުރެވޭކަމުގެ އުފާ ޙާޞިލްކުރަމުން ދިރިއުޅުން ވޭތިކުރަމުންދާ ބަފައިން ވެސް މަދެއްނޫނެވެ. ކުދިންގެ ނަފްސާނީ، އަޚްލާޤީ އަދި ދިރާސީ ކަންކަން ހެޔޮގޮތުގައި ތަރައްޤީވުމަށް ބައްޕައިންގެ ދައުރަކީ މުހިއްމު ދައުރެކެވެ. ހެޔޮ ބަފަޔަކަށް ވުމަށް ކުރެވިދާނެ ކަންތައްތަކެއް ހުންނާނެކަން ކަށަވަރެވެ. އެފަދަ ބައެއް ކަންކަމާ މެދު މިލިޔުމުގައި އަލިއަޅުވާލާނަމެވެ. 1- ތިބާގެ ދަރިންގެ މައިމީހާއަށް އިޙްތިރާމް ކުރާށެވެ. ރަނގަޅު ބައްޕައަކަށް ވުމަށްޓަކައި ދަރިންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ ތިބާގެ ދަރިންގެ މައިމީހާއަށް އިޙްތިރާމް ކުރުމުމެވެ. ކައިވެނީގެ ގޮށުގައި ރަނގަޅަށް ބެނދެވިފައިވާނަމަ އެ ގޮށް މޮހުނަނުދީ ބާރުކުރެވޭތޯ މަސައްކަތްކުރާށެވެ. ގޮށް މޮހެވި ކައިވެނި ރޫޅިފައިވީނަމަ ވެސް ތިބާބެ ދަރިންގެ މައިމީހާއަށް އިޙްތިރާމް ކުރަންޖެހެއެވެ. ދަރިންގެ މައިމީހާކަމަށް ވީތީ އޭނާއަށް ވެވުނުމިންވަރަކުން އެހީތެރިވާންޖެހެއެވެ. މަންމައާއި ބައްޕަ އެކަކުއަނެކަކަށް އިހްތިރާމުކޮށް އަޅާލުމާއި އޯގާތެރިކަންދީގެން އުޅޭއިރު އެކަން ދަރިންފާހަގަކުރާނެއެވެ. މިކަމުގެ ސަބަބުން އެކުދިންނަށް ރައްކާތެރި މާހައުލެއް ލިބިފައިވާކަމުގެ އިހްސާސްކުރެވޭނެއެވެ. އެ ކުދިންނަށް ޤަބޫލުކުރެވޭނީ ޚުދު އެކުދިންނަށްވެސް މައިންބަފައިންގެ އަޅައިލުމާއި އޯގާވެރިކަމާއި އިޙްތިރާމް ލިބިގެންދާކަމެވެ. 2- ދަރިންނާއެކު ވަގުތު ހޭދަކުރާށެވެ. ބައްޕައަކު ވަގުތުތައް ހޭދަކުރާގޮތަކުން އެ ބައްޕައަކަށް މުހިންމުކަންދެވެނީ ކޮންކަމަކާމެދުކަން ދަރިން ވިސްނައިގަންނާނެއެވެ. ދަރިންނާއެކު ހަފުތާއަކު އެއްފަހަރުނަމަވެސް ވަގުތުކޮޅެއް ހޭދަ ކޮށް ނުލައި އުޅޭ ބައްޕައިން ދިވެހި މުޖުތަމަޢުގައި މަދެއް ނޫނެވެ. މިފަދަ ބައްޕައިން ބަހަނާއެއްގެގޮތުގައި ދައްކަނީ މަސައްކަތުގެ ނުވަތަ ވަޒީފާގެ ބުރަކަމެވެ. އެ ބައްޕައިން މަސައްކަތްކުރަނީ ނުވަތަ ވަޒީފާއަދާކުރަނީ ކޮން މަޤުޞަދެއްގައިކަމާމެދު ވިސްނާނުލެވެނީކަމަށް ވެދާނެއެވެ. އެހެނީ އާމްދަނީ ހޯދަނީ އެ ދަރިންނަށް ރަނގަޅު ކުރިމަގެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ކަށަވަރެވެ. އެހެންކަމުން ދަރިންގެ ޙައްޤުގައި ދަރިންނާއެކު ވަގުތު ހޭދަކުރުމަށް ސަމާލުކަންދިނުމަކީ ނިހާޔަތަށް މުހިންމުކަމެކެވެ. ދަރިންނާއެކު ވަގުތު ހޭދަކުރުމުން ދުރުހެލިވެއްޖެނަމަ، އެކުދިން ދެކޭނީ އެ ކުދިންނަށް ދޭންޖެހޭ އަހައްމިއްޔަތުކަން ނުދެވެނީކަމުގައެވެ. މިފަދަ ބަފައިން ދަރިންދެކެ ލޯބިވާކަމަށްބުނެ ކިތަންމެވަރަކަށް އެދަރިން ބުނާކަންތައްތައް ކޮށްދިންނަމަވެސް މި ޙާލަތުގައި އެ ކުދިންގެ ވިސްނުން ހުންނާނީ މި ދެންނެވި ގޮތަށެވެ. ދަރިންނަކީ ބަލަބަލާތިއްބާ އިސާހިތަކުން ބޮޑެތިވެގެންދާނެ ކުދިންތަކެކެވެ. ގެއްލިގެންދާ ކޮންމެ ފުރުޞަތަކީ އަލުން އަނބުރާ ލިބޭނެ ފުރުޞަތެއް ނޫނެވެ. 3- އަޑުއެހުމަށް ފުރުޞަތު ހޯދާށެވެ. ދަރިންގެ ފަރާތުން ކުށެއްކުރެވުމުން ނުވަތަ އެ ކުދިން ބަސްނާހާ އުޅުމުންމެނުވީ ގިނަފަހަރަށް ބައްފައިން އެކުދިންނާއި ވާހަކަދައްކާ ތަނެއް ނުފެނެއެވެ. ބައްޕަ ދަރިފުޅާއި ވާހަކަދައްކާލަން ބޭނުންވާކަމަށް މަންމަ ބުނުމުން ގިނަފަހަރަށް އެކުދިން ބިރުގަނެ ޖެހިލުންވަނީ މި ދެންނެވި ސަބަބާ ހުރެއެވެ. މި ކަމަށްއޮތް އެންމެރަނގަޅު ހައްލަކީ ވީހާވެސް ޅަޢުމުރުގައި ކަންކަމާމެދު ދަރިންނާއި ވާހަކަދައްކައި ގުޅުން ބަދަހިކުރުމުވެ. ދަރިން ޖެހިލުމެއްނެތި ބައްޕަގެ ގާތުގައިވެސް ކަންކަމުގެ މަޝްވަރާކޮށް ދިމާވާ އެކިއެކި ކަންކަން ހިއްސާކުރުމަށް ހިތްވަރުލިބޭނީ މި ދެންނެވިގޮތަށް ޢަމަލުކޮށްގެންނެވެ. ދަރިންނަށް ވަގުތުދީ އެކުދިން ދައްކާވާހަކަ އަޑުއަހާށެވެ. 4- ލޯތްބާއެކު ތަރުބިއްޔަތު ކުރާށެވެ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ދިނުމުގައި ލޯތްބާއި އޯގާތެރިކަން އިސްކުރާށެވެ. ހެޔޮގޮތް ބުނެދިނުމަކީ އަދަބުދޭން ޖެހުމުން އެކަނި ކުރާކަމަކަށް ނަހަދާށެވެ. އެކުދިން އުޅެންވީ ހެޔޮގޮތް އަބަދުވެސް އޮޅުންފިލުވައިދޭށެވެ. ރަނގަޅަށް އުޅުމުން އެކަމުން ލިބޭނެ ލާބަޔާއި މަންފާ އޮޅުންފިލުވައިދޭށެވެ. މަޑުމައިތިރިކަމާއި ލޯތްބާއިއެކު ކުދިން ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރާ ބަފައިންނަށް ދަރިންގެ ލޯބި ފުރިހަމައަށް ލިބިގެންދާނެއެވެ. 5- ކުދިންނަށް ނަމޫނާއަކަށްވާށެވެ. ބައްޕައިންނަށް ޤަބޫލުކުރެވުނަސް ނުކުރެވުނަސް ދަރިން ނަމޫނާއެއްކަމުގައި އެފަރާތް ބަލާނެފަރާތެކެވެ. ބައްޕަގެ ލޯބި ފުރިހަމައަށް ލިބެމުންދާ އަންހެންދަރިފުޅަކުނަމަ އެ ދަރިފުޅަކު ފިރިހެންކުދިންނަށް އިޙްތިރާމްކޮށް ޤަދަރުކުރާނެއެވެ. އަދި ފިރިއެއްގެ ކިބައިން އެ ކުދިން ދެކެން ބޭނުންވާނެ ސިފަތައް އެ ބައްޕަގެ ކިބައިން ހޯދާ ދަސްކުރާނެއެވެ. ބަފައިން އެމީހުންގެ ފިރިހެން ދަރިންނަށް ނަމޫނާދައްކަން ޖެހެއެވެ. ތެދުވެރިކަމާއި، މަޑުމޮޅިކަމާއި ހިތްތިރިކަން އަދި ޒިންމާދާރުވުންފަދަ މުހިންމު ސިފަތައް ޢަމަލުން ދައްކަންޖެހެއެވެ. ދިރިއުޅުމަކީ ދަތުރަކަށް ވީހިނދު މިދަތުރުގެ އިސް މާލިމީއެއްގެ މަޤާމު ބަފައިން ފުރިހަމައަށް އަދާކުރަންޖެހެއެވެ. 6- މުރުޝިދަކަށް ވާށެވެ. ދަރިންނަށް ފިލާވަޅުތައް ބުނެދިނުމާއި ކިޔަވައިދިނުމަކީ އެހެން މީހުން ކުރަންޖެހޭ ކަމެއްކަމުގައި ވަރަށްގިނަ ބަފައިން ދެކެއެވެ. އެހެންނަމަވެސް ބަފަޔަކު އޭނާގެ ދަރިންނަށް ހެވާއިނުބައި ވަކިކޮށްދީ ކަންކަމުގައި ހިތްވަރުގަދަކޮށް ގަދައަޅައި މަސައްކަތްކުރުމަށް ބާރުއަޅާނަމަ އޭނާގެ ދަރިން އަބަދުވެސް ކަންކަން ނިންމާނީ އެންމެ ރަނގަޅުގޮތަށެވެ. މިގޮތަށް އެހީވެދީހަދާ ބަފައިން ދިރިއުޅުމުން ލިބޭ ތަޖުރިބާތައް އެކުދިންނާއި ހިއްސާކޮށް އެކަންކަމުން ލިބިގަންނަންޖެހޭ ޢިބްރަތްތައް އޮޅުންފިލުވައިދޭނެއެވެ. 7- އެއްސުފުރާމަތިން ކެއުމުގެ އާދަ ގެންގުޅޭށެވެ. ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށްޓަކައި އެކުގައި އެއްސުފުރާމަތިން ކެއުމުގެ އާދަ ގެންގުޅުމަކީ ވަރަށް މުހިންމުކަމެކެވެ. ދުވާލުގެ ބުރަކަމުގެ ތެރެއިން ޢާއިލާއާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުރުޞަތު ލިބިގެން ދިއުމުގެ އިތުރުން، އެކުދިންނަށް ދިމާވާ ކަންކަން ހިއްސާކުރުމާއި އަދި ކުރަން ޤަޞްދުކުރާ ކަންކަން ހިއްސާކުރުމަށް ފުރުޞަތު ހުޅުވިގެންދާނެއެވެ. މިފަދަ ވަގުތުތަކަކީ ކުދިން ދައްކާވާހަކަތައް އަޑުއެހުމަށް ވަގުތުދިނުމަށް ނުހަނު އެކަށޭނަ ހިނދުކޮޅެކެވެ. އަދި ނަޞޭޙަތްތެރިވުމަށްވެސް ނުހަނު މުނާސަބު ވަގުތުކޮޅެކެވެ. މިހުރިހައިކަމެއްގެ އިތުރުން ޢާއިލީ މެންބަރުން އެއްތަންވެ އެކުގައި ވަގުތު ހޭދަކުރުމަށް މިއީ އެންމެ އެކަށޭނަ އެއްވަގުތެވެ. 8- ކުދިންނަަށް ފޮތްކިޔައިދޭށެވެ. މި އަދު އަޅުގަނޑުމެންގެ ދަރިންގެ ޙަޔާތަށްވެސް އެންމެ ބޮޑު ނުފޫޒެއް ފޯރުވައި އަތްގަދަކޮށްފައިވަނީ ޓީވީއެވެ. އެހެންކަމުން ދަރިން ފޮތާއި އަހުލުވެރިކޮށް ފޮތްތެރިކަން ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ބައްޕައިންގެ ދައުރަކީ މުހިންމު ދައުރެކެވެ. ކުދިންނަށް ކަންކަން ދަސްވަނީ ބަލައި އަޑުއަހައިގެންނެވެ. ފޮތްކިޔައިގެންނެވެ. ކުދިންގެ ވީހާވެސް ޅަޢުމުރުގައި އެކުދިން ފޮތަށް އަހުލުވެރިކުރުވުމަށް މަސައްކަތް ފަށާށެވެ. އެކުދިން ބޮޑެތިވެލުމުން ކުދިން އަމިއްލައަށް ފޮތްކިޔައިއުޅުމަށް ބާރުއަޅާށެވެ. ކުދިން ފޮތްކިޔުމަށް ޝައުޤުވެރިކުރެވުމަކީ އެކުދިންގެ ތަޢުލީމީ އަދި ޢަމަލީ މައިދާން ހެޔޮގޮތުގައި އާރާސްތުކުރުމަށް ކޮށާދެވޭ ސާފުސީދާ މަގެކެވެ. 9- ކުދިންނަަށް ލޯބިދޭށެވެ. ކުދިންނަށް ފުރިހަމަ ހިމާޔަތަކާއި ރައްކާތެރިކަމެއް ލިބިފައި އޮންނަން ޖެހެއެވެ. އެކުދިންނަށް އެކަން އިޙްސާސް ކުރެވެން ޖެހެއެވެ. މިކަންކަން އެކުދިންނަށް އިޙްސާސްކުރެވޭނީ އެކުދިންނަކީ ބޭނުންތެރި ބައެއްކަން ޢާއިލާގެ ފަރާތުން ދައްކާނަމައެވެ. ޢާއިލާ ޤަބޫލުކުރާ ކުއްޖެއްކަން ދައްކައިދީގެންނެވެ. ފުރިހަމަ ލޯތްބާއި އަޅާލުން ދެވިގެންނެވެ. މައިންބަފައިން، ޚާއްޞަކޮށް ބަފައިން، ދަރިންގެ ގައިގާ ބައްދާލާ ލޯބިން ފިރުމާލުމަކީ ލަދުވެތިކަމެއް ކަމުގައި ދެކެގެން ނުވާނެއެވެ. ކޮންމެ ދުވަހަކުވެސް އެކުދިންދެކެ ލޯބިވާކަން ބަހާއި ޢަމަލުން ދައްކަންޖެހެއެވެ. އެކުދިންދެކެ ލޯބިވާކަމުގެ ޙަޤީޤީ އިޙްސާސް ކޮށްދެވޭނީ ލޯބިވާކަން އަންގައިދީގެންނެވެ. 10- ބައްޕަގެ ޒިންމާ ނިމުނީކަމަށް ހީނުކުރާށެވެ. ދަރިން ބޮޑެތިވެ އަމިއްލަދިރިއުޅުމަކަށް ފައިނަގާ ހިސާބަށް ދިޔަނަމަވެސް، ބައްޕަގެ ތަޖުރިބާއާއި ނަސޭޙަތުގެ ބޭނުން ހިފުމަށް އެދިތިބޭނެކަން ހަނދާންނައްތާ ނުލާށެވެ. ސްކޫލުގެ ކަމެއްގައި ނުވަތަ އައު ވަޒީފާއަކަށް ނުކުތުމަށް ތައްޔާރުވަމުންދާ ހިނދު ނުވަތަ ކައިވެނިކުރުމަށް ތައްޔާރުވަމުންދާހިނދު ނަމަވެސް ކުދިންގެ ޙަޔާތުގައި ބައްޕައިންގެ ދައުރަކީ މުހިންމު ދައުރެކެވެ. ފުރާފުރިހަމަވެ ކައިވެންޏެއްކޮށް ދަރިންލިބޭހިސާބަށް ދިރިއުޅުން ދިޔަނަމަވެސް ބައްޕައިންގެ ދައުރަކީ ނުވަތަ މައިންބަފައިންގެ ދައުރަކީ ނިމިގެންދާނެ ދައުރެއްނޫނެވެ. (ނިމުނީ). މަޢުލޫމާތު ނެގީ: www.A-Better-Child.org
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |
މި ފަދަ ހުވަފެނީ ވަހުމުތައް ދޫކޮށް ދުނިޔޭގެ ހަގީގީ ދިރިއުޅުމާ ކުރިމަތިލައި، ފޮތްކިޔައި ކުރަމުންދާ ޙަޔާތުގެ ދަތުރުގެ މަގުއަމާންވާނެ މައުލޫމާތުތައް އެއްކޮށް އެޔާ އެއްގޮތަށް އަމަލު ކުރެވޭނަމަ، ލައްކަ ރަނގަޅުވީސް....